މަޢުރީން އަކީ އިލްޔާސްގެ ދަރިއެއް ނޫންކަން އިލްޔާސް ކައިރީ ބުނާނެ ގޮތަކާމެދު ހާޖަރާ އިތުރަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ. އިން ތަނުން ތެދުވެގެން ހިނގައިގަތީ އިލްޔާސާއި ދިމާއަށެވެ.
❀****❀❀****❀
ހޮސްޕިޓަލުން މަޢުރީން ދޫކޮށްލިތާ ހަފުތާއެއް ވެއްޖެ އެވެ.
މަޢުރީން ހޮސްޕިޓަލުގައި އޮއްވާ އެތަނަށް ޝާއިލް ވެސް ގެންދެވުނެވެ. ޝާއިލްގެ ފައި ބިނދިގެންނެވެ. މިކަމާގުޅިގެން ދެފަރާތުގެ ޢާއިލާއަށް ޕްރެޝަރު އިތުރުވެގެން ދިޔައެވެ. ޚާއްޞަކޮށް ދެ މަންމައިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެގެންދިޔައެވެ. މަރިޔަމްގެ އެހީއާއިއެކު ޝާއިލް އޮތް ވޯޑަށް ވަނުމާއިއެކު މަޢުރީން އަށް ލިބުނީ އިތުރު ހިތާމައެކެވެ. އިތުރު ހިތްދަތިކަމެކެވެ. މަޢުރީން ފެނުމުން ޝާއިލް ހިތްހަމަޖެހިގެން ވާހަކަދެއްކުމުގެ ބަދަލުގައި ރުޅިވެރިކަމާ ޖެއްސުމުގެ ރާގުގައި ބަހުންޖެހުން ނޫން އެހެންކަމެއް ނުކުރެއެވެ. ތަކުރާރުކޮށް ސުވާލުކުރުމުންވެސް ޝާއިލްގެ ފަޔަށް އަނިޔާވީ ކީއްވެގެން ކަމެއް ބުނެއެއް ނުދިނެވެ. ޝާއިލް ގެ މަންމަގެ މޫނުންވެސް ފެނުނީ މަޢުރީން އާއިމެދު ނަފުރަތުވެފައިވާ ތަނެވެ. ސަލްމާގެ ދަރިފުޅު ޝާއިލް ވައްޓާލައި ފަޔަށް އަނިޔާދިނީ ޚުދު މަޢުރީންއޭ ހީވާކަހަލަ އެވެ.
ކަމެއް ގޯސްވުމުން މީހުން ބަދަލުވެގެންދާ ދިއުމަކީ ހިތާމަހުރިކަމެކޭ މަޢުރީންގެ ހިތަށްއަރަމުންދިޔައެވެ. ފަހަރެއްގައި ސަލްމާ ބަދަލެއް ނުވެއެވެ. ފަހަރެއްގައި ސަލްމާ އަކީ އަބަދުވެސް މިކަހަލަ މީހެއްކަމަށްވެސް ވެދާނެ އެވެ. މަޢުރީން އަށް އެކަން ކުރިން ފާހަގަ ނުކުރެވި އޮތީކަމަށްވެސް ވެދާނެއެވެ.
މިއަދު މަޢުރީން އެއިނީ އިދުރީސް މެންގެ ގޭގައެވެ. މަރިޔަމް އާއިއެކު ގޮހެވެ. ހޮސްޕިޓަލުގައި އޮވެ، މަޢުރީން އަށް ދިމާވަމުންދިޔަ ކަންތައްތައް އިދުރީހާއި މަރިޔަމް އަށް ކިޔައިދިންފަހުން، މަޢުރީން އަށް ޖިންނިއެއް އުނދަގޫކުރަނީ ކަން އިދުރީހަށް ވަރަށް ބޮޑަށް ޔަޤީންވެއްޖެ އެވެ. އިދުރީސް އެހެން ބުނުމުން އެކަން ޤަބޫލުކުރަން މަޢުރީން އަށް އުނދަގޫވެސް ވިއެވެ. މަޢުރީން އަށް ޖިންނިއެއްގެ އުނދަގޫ ފޯރާންވީ ކީއްވެގެން ހެއްޔެވެ؟ ޖިންނި އަވަލުމާއި އިންސާނުންނަށް ޖިންނިން ކުރާ ގޯނާތަކުގެ މަޢުލޫމާތު މަޢުރީން އަށް ލިބިފައިވަނީ ވެސް ވަރަށް ކުޑަކޮށެވެ. އޭނާއަށް އަބަދުވެސް ހީވެފައި އޮންނަނީ ޖިންނިން އަވަލުމަށް ފަސޭހަވާނީ ގޯސްކޮށް އުޅޭމީހުންނާއެވެ. އެކަމަކު މަޢުރީން އަކީ ގޯސްގޮތަކަށް އުޅޭމީހެއް ނޫންކަމަށް އޭނާ ޤަބޫލުކުރެއެވެ. އަބަދުވެސް އުޅެމުން އަންނަނީ ހެޔޮލަފާ މުސްލިމު އަންހެނެއް އުޅެންޖެހޭ ގޮތަށެވެ. ފަސްވަގުތު ނަމާދު ކުރެއެވެ. ބަރާބަރަށް ރޯދަހިފައެވެ. ޤުރުއާން ކިޔަވައެވެ. ބުރުގާ އަޅައިގެން އުޅެނީވެސް ފެޝަން ބުރުގާއެއް ނޫނެވެ. އެހެންކަމުން އޭނާއަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްބާއޭ އަބަދުވެސް މަޢުރީންގެ ހިތަށްއަރައެވެ.
❀****❀❀****❀
ބަލިއެނދުގައި އޮތް ސަލްމާގެ ދަރިފުޅު ޝާއިލް މެންދުރު ކެއުމަށް އެއްޗެއް ތައްޔާރުކުރުމަށް ސަލްމާ ހުރީ ބަދިގޭގައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް އޭނާއަކަށް ނުހުއްޓުވުނެވެ.
‘ޝާއިލް އަށް މިހެންވާވީ ކީއްވެގެންހެއްޔެ؟’ ސަލްމާގެ ހިތަށްއަރަމުން ދިޔައެވެ. ޝާއިލް އަކީ އޭނާގެ ހިޔަނިފަދައިން ގެންގުޅެމުން އައި ކުއްޖެކެވެ. ކޮޓަރިތެރޭގައި އޮތް ޝާއިލް ގެ ފައިގައި ރިއްސާލެއް ގަދަކަމުން، އޭނާ ކުކުރާ އަޑު އިވުމުން ސަލްމާ އަށް އިތުރަށް ރޮވެގެން ފެށުނެވެ. ޝާއިލްގެ ކައިވެނީގެ ފަހުން، ކަމަކަށް ފަހު ކަމެއް ކުރިމަތިވަމުން އަންނަނީ ކީއްވެގެން ހެއްޔެވެ؟ އަދި އެއުޅެނީ ކައިވެންޏަށް އަހަރެއްވެސް ނުވެގެންނެވެ. ސަލްމާއަށް އެކަންކަމުގެ ސަބަބު އެނގޭނަމަ މިއަދު ސަލްމާ އަޅާފައިވާ ފިޔަވަޅެއް ނޭޅީސްކަން ގައިމެވެ. އެކަމަކު ކުރާނެ ކަމެއްނެތެވެ. ވެދިޔަކަމެއް ވެދިޔައީ އެވެ. އޭނާގެ ދަރިފުޅަށް ތޫފާނަކަށްފަހު ތޫފާނެއް ކުރިމަތިވަމުން އަންނަނީ އެއްވެސް އިންޒާރެއްވެސް ނެތިއެވެ. އެހެންކަމުން އެކަމާ ކުރިމަތިނުލާ ސަލްމާ ފަހެ މަޑުމަޑުން ހުންނާނެ ހެއްޔެވެ؟ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލީ ދެން އަޅާނެ ފިޔަވަޅެއް ނިންމަމުންނެވެ.
❀****❀❀****❀
މަޢުރީންގެ ވާހަކަތައް ކަނުލައި އަޑުއަހަން އަލިފުޅުބެ އިނެވެ. އިދުރީހާއި މަރިޔަމް ވެސް އަލިފުޅުބެގެ ކޮޓަރީ ދޮރުކައިރީގައި ހުރި ޕްލާސްޓިކް ގޮނޑިތަކުގައި ތިއްބެވެ. މަޢުރީންގެ ވާހަކަތައް ނިމުމުން މުސްކުޅި އުމުރަށް ގޮސްފައިވާ އަލިފުޅުބެ ފުންނޭވާއެއް ދޫކޮށްލިއެވެ.
“އަހަރެންގެ ކޮއިފުޅާ، ތިޔައީ ޖިންނި އަވަލުމުގެ ކަމެއް.” އަލިފުޅުބެ ބުންޏެވެ. “އެވެދާނެ ފަހަރެއްގައި ކޮއިފުޅަށް ނޭނގި ކޮއިފުޅުގެ ދިރިއުޅުމުގެ ތެރެއަށް ވަނުމަށް ޖިންނިއަކަށް ދަޢުވަތު ދެވުނީކަމަށްވެސް، ފަހަރެއްގައި ނޭނގުމެއްގެ ތެރޭގައި ފިރިހެން ޖިންނިއަކަށް ގޯނާއެއް ދެވުނީކަމަށްވެސް ވެދާނެ.” އަލިފުޅުބެ މިހެން ބުނުމުން މަޢުރީން އަށް ދެލޯ ބޮޑުކޮށްލެވުނެވެ.
“އާނ. މިބުނީ ހެޔޮކޮށް،” އަލިފުޅުބެ ދައްކަމުންދިޔަ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.
“އެއީ އަހަރުމެންނަށް ފެންނަ މަޚްލޫޤުންނެއް ނޫން. އެކަމަކު އެސޮރުމެންނަށް އަހަރެމެން ފެންނާނެ. ތި އަވަލައިގެން އުޅޭ ޖިންނިއަށް ނުވަތަ އެ ޖިންނީގެ ތިމާގެމީހަކަށް ކޮއިފުޅަށް ނޭނގި ކޮންމެވެސް ދުއްތުރާލެއް ކުރެވިގެން ތިޔައުޅެނީ، އެހެންވެ އެ ޖިންނި އެއުޅެނީ ބަދަލުހިފަން. ނޫނިއްޔާ ފަހަރެއްގައި ވެދާނެ އެ ޖިންނިއަށް ކޮއިފުޅުފެނި، ލޯބިވެވުނީ ކަމަށްވެސް.”
“އެކަމަކު ތިހެން ވާންވީ ކީއްވެ؟!!” ހައިރާންކަމާއެކު މަރިޔަމް އަށް އަހައިލެވުނެވެ.
“އެ ވެދާނެ ކޮއިފުޅު ހެދުން ބަދަލުކުރަން ހެދުން ބާލަން ފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ނުކިޔައި އުޅެނިކޮށް ހެއްދެވި ހާލުގަ ކޮއިފުޅު ހުއްޓާ ޖިންނިއަކަށް ފެނި އެކަމާ ގަޔާވީކަމަށްވެސް. ނޫނީ ފާޚާނާ އަށް ވަނުމުގެ ކުރިން ކިޔަން ޖެހޭ ދުޢާ ނުކިޔާ ވަނުމުން ފާޚާނާ ތެރެއިން ޖިންނިއެއް އަވަލީކަމަށްވެސް ވެދާނެ. ފާޚާނާ ފަދަ މުޑުދާރު ތަންތަނަކީ ޖިންނި ޝައިޠާނުން ވަރަށް ގިނައިން އުޅޭތަނެއް.” އަލިފުޅުބެ އޮޅުންފިލުވައިދިނެވެ.
“އެކަމަކު އަހަރެންގެ ފާޚާނާ އަކީ އަބަދުވެސް ވަރަށް ސާފުކޮށް ދޮވެފަ ހުންނަތަނެއް.” ސިއްރުސިއްސުން ބޭއިޚްތިޔާރުގައި މަޢުރީން އަށް ބުނެވުނެވެ.
“ފާޚާނާ އަކީ އެތަނުގައި އަހަރެމެން ވަރަށް ހަޑިކަންތައް ކުރާތަނެއްނު. އެފަދަ ތަންތަނުގަ ޝައިޠާނުން ބަނޑަހަޖެހުމަކީ ނިކަން ކުރާހިތްވާ ކަމެއް.”
“ކޮއިފުޅަށް ތިކަން ދިމާވާންފެށި އެހެން ސަބަބަކަށް ވެދާނެ،” އަލިފުޅުބެ އަށް ލަފާކުރެވޭ އެހެން ގޮތެއް ބުނަންފެށި އެވެ.”……. ސިހުރުވެރި ކަމަކަށް!”
“ސިހުރޭ؟؟!!” ހައިރާން ކަމާއެކު މަރިޔަމް ސުވާލުކުރިއެވެ.
“އާނ، ސިހުރު، އިނގިރޭސި ބަހުން ބުނާނަމަ ‘ބްލެކް މެޖިކް” މިފަހަރު ޖަވާބުދިނީ އިދުރީސް އެވެ.
“ކޮއިފުޅަށް ގެއްލުން ދިނުމަށް ކޮންމެވެސް މީހަކު ސިހުރު ހަދަނީ ކަމަށްވެސް ވެދާނޭ މިބުނީ، އެކަމުގެ ސަބަބުން ކޮއިފުޅާ ޖިންނި އަވަލުމަށް ފަސޭހަވާހާ މިންވަރަށް ކޮއިފުޅު ތިހުރީ މާބޮޑަށްވެސް ބަލިކަށިވެފަކަމަށްވެސް ވެދާނެ.” އަލިފުޅުބެއަށް ހީވާގޮތް ބުނަމުން އޮޅުންފިލުވައިދިނެވެ.
މަޢުރީން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންވެ އަނެއްކާވެސް ވާހަކަދެއްކީ މަރިޔަމް އެވެ. “ދެން ތިކަމަށް ހައްލެއް އެބައޮތްތަ؟’
“އާނ، އެބައޮތް،” އަލިފުޅުބެ ޖަވާބުދިނެވެ. “އެކަމަކު އެކަން ވާނީ ޚުދު މަޢުރީންގެ ހިތާއި ރޫޙުން މިކަމަށް އެދި މި ހަނގުރާމަ ކުރުމަށް ސިކުނޑި އެއްކޮށް ތައްޔާރަށް ހުރިނަމަ، އަދި މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް އިތުބާރުކޮށް ނަސްރު ލިބުމަށް އެދިގެން.”
އަލިފުޅުބެ އެންމެ ފަހުން ބުނި ޖުމުލައިން މަޢުރީން އަށް ފާޑަކަށް ހީނގަނެވުނެވެ.
‘މިފަދަ ކަމަކާ ހަނގުރާމަ ކުރަން އަހަރެން ބޭނުން ނުވާންވީ ކީއްވެ؟ އަހަރެންގެ ދިރިއުޅުން މިވަނީ އެފުށް މިފުށަށް ޖެހިފަ. އަހަރެންގެ ކައިވެނީގެ ބިނާ މިއޮއްގެން ދަނީ ފުނޑުފުނޑުވަމުން. އަހަރެންގެ ޕްރޮފެޝަން އަށްވެސް މިކަމުން އަންނަނީ ހީނަރުކަން ލިބެމުން. އެކަމަކު އެއީ ކީއްވެގެން؟ ކޮބާ އަހަރެންގެ ކުށަކީ؟’ ހިތާހިތުން މަޢުރީން ޝަކުވާކުރިއެވެ.
“…..އެއީ މައުރީން އަކީ އަހަރެންގެ ޙައްޤަކަށް ވާތީ…”
މަޢުރީންގެ ސިކުނޑި ތެރޭގައި ގުގުމާލި އަޑު ކިތަންމެހާވެސް ސާފެވެ. އެ އަޑާއެކު މަޢުރީން އަށް ތެޅިގަނެވުނެވެ.
“މަޢުރީން، ކިހިނެތްވީ؟”
“ކަމެއް ނުވޭ.” މަރިޔަމް ގެ ސުވާލަށް މަޢުރީން ދިނީ ކުރު ޖަވާބެކެވެ.
❀****❀❀****❀
ހާޖަރާ ގެ ބޮލުގައި ހުރި ރިހުން ހައްތަހާ ދިޔައީ ގަދަވަމުންނެވެ. ފިހާރައަށް ދިޔަޔަސް މިއަދު މިއީ އޭނާ ފިހާރައަށް ނުގޮސް ހުންނަންވީ ދުވަހެކޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ގޭގައި ފިރިމީހާ ފެންނަ ހިސާބުގައި ހުރުމަކީވެސް އޭނާއަށް މިއަދު އެހާ ފަސޭހަކަމެއް ނޫނެވެ. ހުރިހާ އެއްޗެއް ސާފުކޮށް އިލްޔާސަށް ކިޔައިދެވުނު ކަމުން ހާޖަރާ އެ ހުންނަނީ ކަންބޮޑުވެފައެވެ. ބިރުގެންފައެވެ. މިއަދު ހެނދު އަވަސް އަރުވާލާފައި ގޭގައި މަޑުނުކޮށް ފިހާރައަށް ދިޔައީ ވެސް އެ ސަބަބާ ހުރެއެވެ. ފިހާރާއިގައި އިންއިރު އެތަނުގައި ގެންގުޅޭ ކުއްޖާ ކިޔަމުން ދިޔައީ ކީކޭކަން އޭނާ އަށް އަޑުއިވެމުންދިޔައީ ކިރިޔަކިރިޔާ އެވެ.
ކުއްލިއަކަށް، އޭނާގެ މުޅި ހަށިގަނޑަށް އާދަޔާޚިލާފަށް ހޫނުވާންފެށިކަން އިހްސާސްކުރެވެން ފެށިއެވެ. ލިބެމުންދިޔަ ހާސްކަމުން އެދެވެމުން ދިޔައީ ބޭރަށް ނިކުމެ ސާފުވައި ލިބޭފަދަ ތަނެއްގައި ހުރުމަށެވެ. ފިހާރާގައި އުޅޭ ކުއްޖާގެ ގައިގައި އަޅައި ކޮއްޕާލަމުން، ތެޅެމުން ފޮޅެމުން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވި އުޅެނިކޮށް އޭނާ ވެއްޓެމުންދާކަން އިޙްސާސް ކުރެވުނެވެ. އެންމެ ފަހުން އޭނާއަށް އިވުނުހާވެސް އަޑަކީ ފިހާރައިގައި ގެންގުޅޭ ކުއްޖާ ބިރުން ހަޅޭއްލަވައިގަތް އަޑެވެ.
❀****❀❀****❀
ޑޮކްޓަރުން ދައްކަމުންދިޔަ ވާހަކަތައް ހާޖަރާއަށް އިވެމުުން ދިޔައީ ވަރަށް މަޑުންނެވެ. އެމީހުން ކިޔަމުން ދިޔައީ ހާޖަރާގެ ނަސީބު ރަނގަޅުކަމުގެ ވާހަކައެވެ. ހާޖަރާގެ ޕްރެޝަރު އެހާބޮޑަށް މަތިވެފައި ހުރިއިރު އޭނާއަށް ސްޓްރޯކެއް ނުޖެހި ސަލާމަތްވިކަމާމެދު އަޖައިބުވެ ޑޮކްޓަރުން އެވާހަކަ ދައްކަމުންދިޔަ އަޑެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ސަޅި ވާހަކައެއް. މި ޖޮންރާ ސަޅި