އީދުގެ ދުވަސްވަރު އަނެއްކާވެސް އީދުގެ ލަވައެކެވެ! ނަމަވެސް މިފަހަރު ހުށަހަޅާ މިލެވެނީ ހިތާމަވެރި ލަވައެކެވެ. އީދުގެ އުފާ ފާޅުކުރަމުންދާއިރު އެކި ސަބަބުތަކަކާއި ހުރެ އެ އުފަލުގައި ބައިވެރި ނުވެވޭ މީހުން ތިބެއެވެ. ގާތް މީހަކު ނެތި ދިޔުމުމުގެ ސަބަބުންނެވެ. ނުވަތަ އެފަދަ މީހަކު ކައިރީގައި ނެތުމުގެ ސަބަބުންނެވެ. އަދި މިނޫންވެސް އެހެން ސަބަބުތަކަށްޓަކައެވެ. މި ލަވައިގައި ކިޔައިދެވެނީ، ތިމާ އެންމެ އެދޭ މީހާ ތިމާ ގާތުގައި ނެތުމުން އީދުގެ އުފަލުގައި ބައިވެރި ނުވެވުނު މީހެއްގެ ވާހަކައެވެ. އާދެ، އީދުގެ އުފާ ފާޅުކުރެވެމުންދާއިރު، އޭނާގާތުގައި އޭނާގެ ލޯބިވެރިޔާ ނެތުމުން، އުފާވެރިކަމުގެ ހަނދު އީދުގައި ނޭރި މީހެއްގެ ވާހަކައެވެ.

 

މި ލަވައަކީ 1958ގައި ނިކުތް ސޯހނީ މަހިވާލް ގެ ލަވައެކެވެ. އީދު ކޭ ދިން ތެރޭ ބިން ހައި ޕީހކާ، (ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ،) މި ލަވައެވެ. މި ލަވައިގެ މާނަ ދެނެގަތުން ފަސޭހަވެދިޔުމަށްޓަކައި ފިލްމުގެ ވާހަކައިގެ މައްޗަށް އަލިއަޅުވާލުން މުހިއްމެވެ.

 

ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ސޯހނީ އާއި މަހިވާލުގެ ލޯބީގެ އަފުސާނާގެ މައްޗަށެވެ. މިއީ ޝީރީން ފަރުހާދު، ހީރު ރާންޖްހ، ރޯމިޔޯ ޖޫލިއެޓް ފަދަ ލޯބީގެ މައުސާވީ (ޓްރެޖަޑީގެ) ވާހަކައެވެ. ދެ މީހަކަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، އެ ލޯބި ހާސިލުވެ، ހަގީގަތަކަށް ހަދާ ނުލެވި، ދެމީހުން ނިމިދިޔަ ވާހަކައެކެވެ.

 

މި ވާހަކައި ބަތަލާއަކީ ސޯހނީއެވެ. ސޯހނީ، މި ނަމުގެ މާނަ – ރީތި އަންހެނާ – ދޭހަކޮށްދޭފަދައިން، ސޯހނީއަކީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. އޭނާގެ ބައްޕައަކީ މުށިވާރެކެވެ. މުށިން، ގެކަންވާރު، ގޭގައި ބޭނުންކުރާ، މުށީގެ ޖާޑި، ރުނބާ، ދޯރުފަދަ ތަކެތި، ހަދާ މީހެކެވެ. ސޯހނީ އޭނާގެ ބައްޕަގެ މަސައްކަތުގައި އެހީވެދެއެވެ. ސޯހނީގެ މަސައްކަތަކީ ބައްޕަ ހަދާ ކަންވާރުތަކުގައި ކުރެހުން އަޅައި ޖަރީކުރުމުވެ.

 

އެއްދުވަހަކު މެދު އޭސިޔާގެ ދަތުރުވެރިންގެ ބަޔަކު ސޯހނީމެންގެ އަވަށަށް އައެވެ. އަދި އޭގެ ތެރެއިން ވިޔަފާރިވެރިޔަކު ސޯހނީގެ ބައްޕަގެ ގެއަށް ޒިޔާރަތްކުރިއެވެ. މުށީގެ ކަންވާރެއް ގަތުމުގެ ބޭނުމުގައެވެ. އަދި އޭނާގެ ކަޅި، ރުނބައެއް ޖަރީކުރަން އިން ސޯހނީއަށް، ހުއްޓުނެވެ. ދެން، އެ ރުނބާ އޭނާ ގަތެވެ. އަދި ކޮންމެ ދުވަހަކުވެސް، ކޮންމެވެސް ބަހަނާއެއް ދައްކާފައި، ސޯހނީމެންގެ ގެއަށް މި ވިޔަފާރިވެރިޔާ ޒިޔާރަތްކުރެއެވެ. ސޯހނީ ދެކެލާހިތުންނެވެ. މިކަން ސޯނީއަށްވެސް ފާހަގަވިއެވެ. އަދި ސޯހނީވެސް އޭނާއާއި ގަޔާވެ، އޭނާއަށް އިންތިޒާރުކުރެވެން ފެށުނެވެ. އަދި ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. އެންމެ ފަހުން،ވިޔަފާރި ޖަމާއަތް ފުރާ ވަގުތު އައުމުން، އެ ބައިމީހުން ފޮނުވާލަފައި ސޯހނީގެ އަވަށުގައި މަޑުކުރަން، ވިޔަފާރިވެރިޔާ ނިންމިއެވެ. އަދި މީނާގެ އަތްމަތި ނުތަނަވަސް ވުމުން ސޯނީގެ ބައްޕަ މީނާއަށް ‘މަހިވާލުކަން’ – ބެހެންސު (ބަފަލޯ) ގެންގުޅޭ މީހެއްގެ ވަޒީފާ – ދިނެވެ.

 

ސޯހނީގެ ބައްޕައަށް މަހިވާލު އާއި ސޯހނީގެ ލޯބީގެ ގުޅުން އެނގުމުން އެ ދެމީހުން ދުރުކުރުވަން ނިންމިއެވެ. އެގޮތުން ސޯހނީ އެހެން މީހަކާ ދެވިއެވެ. މި ކަމުގެ ހިތާމައިގައި މަހިވާލު ނިންމީ ސޯހނީ އުޅޭ ސޯހނީ ފިރިމީހާގެ ގޭގެ ކައިރީގައި އޮންނަ ކޯރެއްގެ އަނެއް ފަރާތުގައި، ޖިފުޓިގަނޑެއް އަޅައިގެން، އެތާނގައި އުޅުމަށެވެ. އަދި ސޯހނީ، އޭނާގެ ލޯބިވެރިޔާ މަހިވާލާއި، ސިއްރު ގޮތެއްގައި،ބައްދަލުކުރަމުން ދިޔައެވެ. މުށީގެ ރުނބައެއް ބޮޔަކަށް ހަދައިގެން، އޭގެ އެހީގައި ކޯރު ހުރަސްކޮށް ގޮހެވެ. ސޯހނީ އައުމުން، މަހިވާލުގެ އަތްމަތި ދަތިވަމުންގޮސް،މެހެމާނުދާރީ އަދާކުރުމުގެގޮތުން ސޯހނީއަށް އެއްޗެއް ދިއްކޮށްނުލެވޭނޭ ހިސާބަށް މަހިވާލުގެ ފަގީރުކަން ދިޔައެވެ. ދެން، މަހިވާލު އޭނާގެ ފައިން މަސްކަފައި ފިހެފައި، ސޯހނީއަށް ކާންދިނެވެ. ރޭނގަޑުގެ އަނދިރީގައި ފަނޑު ބައްތިއެއްގެ އަލީގައެވެ. އެހެންވެ، އެކަމެއް ސޯހނީއަކަށް ނޭނގެއެވެ.

 

ސޯހނީ، އޭނާގެ ލޯބިވެރިޔާއާއި ސިއްރުގޮތެއްގައި ބައްދަލުކުރާކަން، އެންމެފަހުން، ސޯހނީގެ ފަހަރިއަށް އެނގުނެވެ. އަދި ސޯހނީ ބޮޔެއްގެ ގޮތުގައި ބޭނުންކުރާރުނބާ ފޮރުވާފައި އޮއްވާ ފެނިގެން އޭގެ ބަދަލުގައި، ހޫނުކޮށް، ރަނގަޅަށް ނުފިހެއޮތް. ރުނބައެއް ބޭއްވިއެވެ. ދެން، ސޯހިނީއަށް ހަގީގަތް ނޭނގި، ފަހަރި ބޭއްވި ރުނބާ ހިފައިގެން ކޯރު ހުރަސް ކުރަން އުޅުނެވެ. އަދި ކޯރުގެ މެދުތެރެއިން ރުނބާ ހަލާކުވެ ސޯހނީ ގެނބެން ދިމާވިއެވެ. އަދި، އެހީއަށް އެދި، ކޯރުގެ އަނެއް ފަރާތުގައި ހުރި މަހިވާލަށް ގޮވިއެވެ. މަހިވާލު ކޮރު ޖަހަމުން ސޯހނީ ސަލާމަތް ކުރުމަށްޓަކައި ކޯރަށް އެރި ފަތައިގަތެވެ. ނަމަވެސް ސޯހނީއާއި ހަމައަށް ދެވުނުއިރު، އޭނާގެ ފައިގެ ޒަޚަމުގެ ސަބަބުން، އޭނާވަނީ ވަރަށް ބޮޑަށް ވަރުބަލިވެ، ގައިގެ ވަރުދެރަވެފައެވެ. އަދި އެންމެ ފަހުން ސޯހނީއާއި މަހިވާލު، އެކަކު އަނެކަކުގެ އުރުގައި ތިބެ ދެމީހުން އެކުގައި، ކޯރުތެރަށް ގެނބި، މަރުވެ ދިޔައީއެވެ.

 

އާދެ، ކުރިން ބުނެވި ދިޔަ ފަދައިން ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މިވާހަކައިގެ މައްޗަށެވެ. ފިލްމުގައި ވާހަކައަށް ބަދަލުގެނެވިފައިވަނީ ކިހާ ވަރަކަށްކަން އޮޅުން ފިލުވޭނޭ ގޮތެއް އަޅުގަނޑަކަށް ނުވިއެވެ. އެހެން ވީމާ އެއާ ދޭތެރޭ އެއްޗެއް ބުނެވޭކަށް ނެތެވެ. އެނގޭ ހާ ވެސް އެއްޗަކީ، މި ލަވަ، އާދެ، އީދު ކޭ ދިން ތެރޭ ބިން ހައި ޕީހކާ ކިޔެނީ ސޯހނީއާއި މަހިވާލުގެ ގުޅުމަށް ހުރަސް އެޅިފައިވަނިކޮށް ކަމެވެ. އަދި، މިދުވަސް ވަރު އީދު އަންނަކަމާއި މަހިވާލު އަކީ މުސްލިމެއްކަމުން، އީދު ފާހަގަ ކުރެވެމުން ދާއިރު، އީދުގެ އެއްވެސް އުފަލެއް މަހީވާލަށް ނުލިބޭ ކަމެވެ. އެއީ އޭނާގެ ލޯބިވެރިޔާ އާއި ވަކިވާން ޖެހިފައި ވުމުންނެވެ. އީދު ދުވަހު ގާތް ތިމާގެ މީހުންނާއި އަދި ރައްޓެހިންނާއި ބައްދަލުކޮށް ސަލާންކޮށް ހަދާއިރު އެ ދެމީހުންނަށްވެސް އޮތީ ގޭގެ އެކިތަންތަނުގައި ތިބެ އެކަކު އަނެކަކު މަތިން ހަނދާންކޮށް ރުއިމެވެ. އެހެނީ،އެކަކު އަނެކަކު ފެނުމުން މަހުރޫމުވެފައި ވުމުން، އެ މީހުންގެ އުފާވެރިކަމުގެ އިރެއް އީދު ދުވަހަކު ނާރައެވެ. އެ ދެ މީހުންގެ ހިތުގެ ހިތާމަތައް ފިލައި އީދުގެ އުފާލިބެން އަންނަނީ އެކަކު އަނެކަކާއި ބައްދަލު ވެގެންނެވެ. އެހެންވެ، ލަވައިގައި މަހިވާލު ސޯހނީއަށް ގޮވާލައި ބުނަނީ އޭނާ ކައިރިއަށް އަވަހަށް އައުމަށެވެ. އީދުގެ އުފާ ލިބިގަތުމަށްޓަކައެވެ.

 

އާދެ، މިލަވައިން ފޯރުކޮށްދެވޭ މެސެޖާއި މެދު ސުއާލުކޮށްލަން ޖެހެއެވެ. އީދުގެ އުފާ ފާޅުކުރަމުން ދާއިރު، ހިތާމަކުރާ ބަޔަކުވެސް އުޅެފާނެކަމެވެ. ކުރިންވެސް ލިޔެވުނުފަދައިން، އެކިއެކި ސަބަބުތަކަކާ ހުރެއެވެ. އެމީހުންގެ މާލީ ހާލަތުގެ ސަބަބުންނެވެ. އީދުގެ ކެއުމެއް ކައްކާލާނެ މިންވަރުވެސް ނެތުމުންނެވެ. އަދި، އެމީހުންގެ ކުދިންނަށް، އީދުގެ ހެދުމެއްވެސް ހޯދައިދެވޭނޭ ގޮތެއް ނެތިފައިވާމީހުންނެވެ. އަދި، އެމީހުންގެ ގާތް މީހަކާއި އަބަދުގެ އަބަދަށް ވަކިވާންޖެހި،ހިތާމަކުރަން ޖެހިފައިވާ މީހުންނެވެ. މިލަވައިން ލިބޭ އެއް މެސެޖަކީ އީދުގެ އުފާ ފާޅު ކުރަމުން ދާއިރު މިފަދަ ހިތާމަވެރި ހާލަތްތަކުގައި އުޅެންޖެހިފައިވާ މީހުން މަތިން، އީދު ދުވަހު ހަނދާންކުރުމެވެ. އަދި އެމީހުންގެ ހިތާމައިގައި ބައިވެރިވެ އެމީހަކަށް ވެވުނުވަރަކުން، ވެވުނުގޮތަކުން، މިފަދަ މީސްމީހުންގެ ހިތާމަތަކަށް ތަސައްލީދީ އެކަން ލުއިކޮށްލަދެވޭތޯ މަސައްކަތްކުރުމެވެ. ރިވެތި ގޮތުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަ ދީގެންނެވެ. ހިތްވަރުދެނިވި ހެޔޮބަހެއް ބުނެލައިގެންނެވެ. އެމީހުންގެ ހިތުގެ ބަރުކަން މި އީދުގައި ލުއިވެ ދިޔުމަށްޓަކައެވެ.

 

އާދެ، ދެން މި ލަވަ، އޭގެ ދިވެހި ތަރުޖަމާއަކާއި އެކު ހުށަހަޅާލަމެވެ.

(ފ)

އީދު ކޭ ދިން ސަބް މިލޭނގޭ

އަޕުނެ އަޕުނެ ޔާރު ސޭ

އީދު ދުވަހު އެންމެނާވެސް ބައްދަލުވާނެއެވެ.

ގާތް އަމިއްލަ ރައްޓެހި މީސްމީހުނާއެވެ.

 

(އ)

ހަމް ގަލޭ މިލް މިލް ކެ ރޯޔޭނގޭ ދަރޯދީވާރު ސޭ

އަހަރުމެން (ގާތް މީހުންނާއި ބައްދަލުކޮށް) ކަރާކަރު ޖައްސައި ސަލާންކޮށްކޮށްފައި (ކަލާ މަތިން ހަނދާންކޮށް) ގޭގެ އެކިތަންތަނުގައި ތިބެ ރޯނަމެވެ.

 

(ފ)

އީދު ކާ ދިން ތެރޭ ބިން ހައި ޕީހކާ

އާޖާ އާޖާ ކެ ދިން ހައި ޚުޝީކާ

ހަމް އަކޭލޭ އައުރު ޔެ މޭލޭ

އީދު ހައި އައުރު ތެރީ ޔާދު ހައި

ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ.

އަވަހަށް އަންނާށެވެ! އުފާކުރުމުގެ މިދުވަހުއެވެ.

(އެހެނީ އީދުގެ އުފާ ފާޅުކުރުމުގެ) މި އެއްވުމުގައި އަހަރެން މިވަނީ ހަމަ އެކަންޏެވެ.

އީދު އަތުވެއްޖެއެވެ. (ނަމަވެސް) އަހަރެން މިވަނީ (އެކަނިއެވެ. ހަމަ) ކަލާގެ ހަނދާންތަކާއި އެކުގައެވެ.

 

(އ)

ޗާނދު ނިކުލާ ނަ މޭރީ ޚުޝީކާ

އީދު ކައިސީ ޖޯ ޣަމް ހޯ ކިސީކާ

މައި ޤަފަސު މޭ ޣަމް ކެ ބަސް މޭ

ޒިންދަގީ މޭރީ ބަރުބާދު ހައި

(މި އީދުގައި) އަހަންނަކަށް އުފާވެރިކަމުގެ ހަނދެއް ނާރައެވެ.

މިފަދަ ހިތާމަވެރި ހާލަތެއްގައިވާ މީހަކަށް އީދު އަންނާނީ ކިހިނެއް ހެއްޔެވެ؟

އަހަރެން މިވަނީ ކޮށްޓެއްގެ ތެރޭގައި (ބަންދުވެފަ)އެވެ

ހިތާމައިގެ (ކޮށްޓެއްގެ ތެރޭގަ)އެވެ.

(ކަލާ ނެތުމުން) އަހަރެންގެ ހަޔާތް މިވަނީ މުޅިން ބަރުބާދުވެފައެވެ.

 

(ފ)

އީދު މިލްޖާ ކެ ދިލް ކާ މިޓޭ ޣަމް

ޖާނެ އަގުލޭ ބަރަސް ހޯ ނަހޯ ހަމް

ކުޗްހ ބަހރޯސާ ނެހީ ޒިންދަގީ ކާ

އީދު ކާ ދިން ތެރޭ ބިން ހައި ޕީހކާ …

 

(ކަލާ އައިސް) އަހަންނަށް އީދު(ގެ އުފާ) ލިބި އަހަރެންގެ ހިތުގެ ހިތާމަތައް ފިލައިދިޔަދޭށެވެ

އެހެނީ، އަންނަ އަހަރު (އީދު އަންނައިރު) އަހަންނަށް (ދިރި)ހުރެވޭނޭ ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ.

ހަޔާތުގައި އެމީހެއްގެ މައްޗަށް ބަރޯސާކުރާނޭ އެކަކުވެސް މިހާރަކު އަހަރެންގެ ނެތެވެ.

ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ …

 

(އ)

އީދު ހައި އައުރު މަޖުބޫރިޔާނ ހައި

ކިޔާ ކަރޫން ޔާރު ސޭ ދޫރިޔާނ ހައި

އާޖު ދިން ހައި ބަޅީ ބޭކަސީ ކާ

އީދު ކައިސީ ޖޯ ޣަމް ހޯ ކިސީކާ

ޗާނދު ނިކުލާ ނަ މޭރީ ޚުޝީކާ

މައި ޤަފަސު މޭ ޣަމް ކެ ބަސް މޭ

ޒިންދަގީ މޭރީ ބަރުބާދު ހައި 

އީދު އައީ ހަދާނެގޮތް ހުސްވެ (އަހަރެން ނިކަމެތި)ވެފައި ވަނިކޮށެވެ

ދެން އަހަންނަށް ކުރެވެން އޮތީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން މިވަނީ (އަހަރެންގެ ލޯބިވެރި) ރަހުމަތްތެރިޔާއާއި މާ ދުރުގައެވެ

މިއަދު އަހަރެން މިވަނީ އެހީތެރި ކަމެއް ފޯރުކޮށްލަދޭނޭ މީހަކުނެތި ވަރަށްވެސް ނިކަމެތިވެފައެވެ.

މިފަދަ ހިތާމަވެރި ހާލަތެއްގައިވާ މީހަކަށް އީދު އަންނާނީ ކިހިނެއް ހެއްޔެވެ؟

(މި އީދުގައި) އަހަންނަކަށް އުފާވެރިކަމުގެ ހަނދެއް ނާރައެވެ.

މިފަދަ ހިތާމަވެރި ހާލަތެއްގައިވާ މީހަކަށް އީދު އަންނާނީ ކިހިނެއް ހެއްޔެވެ؟

އަހަރެން މިވަނީ ކޮށްޓެއްގެ ތެރޭގައި (ބަންދުވެފަ)އެވެ

ހިތާމައިގެ (ކޮށްޓެއްގެ ތެރޭގަ)އެވެ.

(ކަލާ ނެތުމުން) އަހަރެންގެ ހަޔާތް މިވަނީ މުޅިން ބަރުބާދުވެފައެވެ.

 

(އ/ފ)

އީދު ކާ ދިން ތެރޭ ބިން ހައި ޕީހކާ

އާޖާ އާޖާ ކެ ދިން ހައި ޚުޝީކާ

ހަމް އަކޭލޭ އައުރު ޔެ މޭލޭ

އީދު ހައި އައުރު ތެރީ ޔާދު ހައި

ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ.

އަވަހަށް އަންނާށެވެ! އުފާކުރުމުގެ މިދުވަހުއެވެ.

(އެހެނީ އީދުގެ އުފާ ފާޅުކުރުމުގެ) މި އެއްވުމުގައި އަހަރެން މިވަނީ ހަމަ އެކަންޏެވެ.

އީދު އަތުވެއްޖެއެވެ. (ނަމަވެސް) އަހަރެން މިވަނީ (އެކަނި، ހަމަ) ކަލާގެ ހަނދާންތަކާއި އެކުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.