ލ. އަތޮޅުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ސާފިން މުބާރާތް “ފަރަހިކި ޗެލެންޖު 2018” ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

 

މި މުބާރާތަކީ ހެވީލޯޑް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުނި، މޯ ހޮޓެލްސް އެންޑް ރިސޯޓްސްއިން އިންތިޒާމުކޮށް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަަށް ބާއްވާ ރާޅާއެޅުމުގެ މުބާރާތެކެވެ.

 

މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އޮރިއަންޓޭޝަން ބާއްވަނީ ގަމުގައި ހުންނަ “މޯ ހޮޓެލް ލާމު”ގައެވެ. މުބާރާތް ކުރިއަށް ދާނީ ލ. މާބައިދޫގެ ރާޅުގަނޑުގައެވެ.

 

މާބައިދޫގެ ރާޅުގަނޑަކީ ރާއްޖޭގައި ހުންނަ، އޮންނަ ބިޔަ ރާޅު ޖަހާ އެއް ސާފް ސްޕޮޓެވެ. މިއީ އެތަނުގައި ބޮޑު މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

 

މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ބުނީ “ފަރަހިކި ޗެލެންޖް 2018″ގައި ރާއްޖޭގެ އެންމެ ހުނަރުވެރި ރާޅާ އެޅުންތެރިން ބައިވެރިވާނެ ކަމަށެވެ. އެގޮތުން ޖުމްލަ 46 ރާޅާ އެޅުންތެރިން ބައިވެރިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

 

މޯ ހޮޓެލްސް އިން ބުނީ “ފަރަހިކި ޗެލެންޖް 2018” އަކީ ރާއްޖޭގައި ބާއްވާ އިޖުތިމާއީ ޒިންމާގެ އެންމެ ބޮޑު އެއް އިވެންޓަށް ވެގެންދާނެ ކަމަށެވެ. އަދި އެހެން ބޮޑެތި މުބާރާތްތައް މާލެ ސަރަހައްދުގައި ބޭއްވި ނަމަވެސް ލ. އަތޮޅުގައި އެ މުބާރާތް ބާއްވަން ނިންމީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެފަދަ ފުރުސަތުތައް ފަހި ކުރުމުގެ ގޮތުން ކަމަށް ބުންޏެވެ.

 

“ފަރަހިކި ޗެލެންޖް 2018″ގެ ބައިވެެރިންނަށް ބާއްވާ އޮރިއެންޓޭޝަން މާދަމާ ހެނދުނު ނުވައެއް ޖަހާއިރު މޯ ހޮޓެލްސްގައި އޮންނާނެ ކަމަށް އެ ހޮޓެލްގެ އޮފިޝަލަކު މުނިއަވަސް އަށް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.