ޑޮކްޓަރުން ދައްކަމުންދިޔަ ވާހަކަތައް ހާޖަރާއަށް އިވެމުުން ދިޔައީ ވަރަށް މަޑުންނެވެ. އެމީހުން ކިޔަމުން ދިޔައީ ހާޖަރާގެ ނަސީބު ރަނގަޅުކަމުގެ ވާހަކައެވެ. ހާޖަރާގެ ޕްރެޝަރު އެހާބޮޑަށް މަތިވެފައި ހުރިއިރު އޭނާއަށް ސްޓްރޯކެއް ނުޖެހި ސަލާމަތްވިކަމާމެދު އަޖައިބުވެ ޑޮކްޓަރުން އެވާހަކަ ދައްކަމުންދިޔަ އަޑެވެ.
ނަސީބު!!؟؟
ހާޖަރާ އަކީ ނަސީބުވެރިއެއް ކަމުގެ ކުޑަނަމަވެސް އިޙްސާސެއް އޭނާއަކަށް ނުކުރެވެއެވެ. އޭނާގެ ވަށައިގެން ހިނގަމުންދާ ކޮންމެ ކަމަކުން ފެންނަމުންދަނީ އެކަމެވެ. ނަސީބެއް ނެތްކަމެވެ.
އެ ހުރިހައި ކަމެއްވެސް ވަމުން އަންނަނީ ޚުދު އޭނާއަށް ކުރެވުނު ކުށުގެ ސަބަބުންނެވެ.
ހާޖަރާގެ އެނދުކައިރީ ހުރި ގޮނޑިއެއްގައި އިށީންދެގެން މަޢުރީން އިނީ ކޮންމެވެސް ފޮތެއް ކިޔާށެވެ. ހާޖަރާ އޭނާގެ ދަރިފުޅާ ދިމާއަށް ބަލައިލުމާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އޮހޮރިގަތީ އެތަކެއް އިރެއްވާންދެން ހަދަމުން އައި ވިލާގަނޑަކުން ވާރޭވެހެން ފެށިހެންނެވެ.
އޭރު އޭނާއަށް ކެތްކުރެވުނު ނަމަ، މިހާރު މި އޮތްގޮތަށް ދިރިއުޅުން ބޮޑު ހައިޖާނުގަނޑެއްގައި ނޯންނާނެއޭ ހާޖަރާގެ ހިތަށް އަރަމުން ދިޔައެވެ.
މަޢުރީންގެ މަންމަ ރޮމުންދިޔަކަން ކުޑަކޮށްވެސް ރޭކައިނުލާތީ މަޢުރީން އިނީ ކިޔަމުންދިޔަ ފޮތުގެ ތެރެއަށް ކިތަންމެހާވެސް ރަނގަޅަށް ގެއްލިފައެވެ. ‘ކިހާ މައުސޫމު ދަރިއެއް ހެއްޔެވެ.’ ހާޖަރާގެ ހިތަށްއެރިއެވެ.
ބަލިއެނދުގައި އޮތް ނަމަވެސް ހާޖަރާ ޢަޒުމް ކަނޑައެޅިއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިޔަސް ހުރިހާ ކަމެއް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށެވެ. ކިތަންމެ ބޮޑު އަގެއް ދަންކަން ޖެހުނަސް ފަރުވާލެއް ނުބެހެއްޓުމަށް ނިންމަމުންނެވެ.
އެމީހުން ތިބި ޕްރައިވެޓް ރޫމަށް މަރިޔަމް ވަތްވަގުތު އެތަނުގައި މަޢުރީން އިންތަން ފެނުމުން ހިތްހަމަ ޖެހުމުގެ ނޭވައެއް ބޭރުކޮށްލެވުނެވެ.
“ހާޖަރާއްތާ، މިހާރު ރަނގަޅުތަ؟”
“އާނ، ދަރިފުޅާ… ހާޖަރާއްތައަށް ތިވަރަށް އެހީވާތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.” ހާޖަރާ ޖަވާބުދިނެވެ.
“ކޮބާ އިލްޔާސްބެ؟ މިއަދު ހެނދުނުވެސް އިލްޔާސްބެއެއް ނުދެކެން މިތަނަކުން.” މަރިޔަމް އަނެއްކާވެސް ހާޖަރާ އާ ސުވާލުކުރިއެވެ.
“ބައްޕަ ވެއްޖެ އެއަރޕޯޓަށް ގޮސް އަހަރެންގެ ކޮއްކޮ ބަލާ. މަންމަ ކައިރިއަށް އައުމަށް އެމީހުން ތިބީ ކެތްމަދުވެފަ.” ޖަވާބުދިނީ މަޢުރީން އެވެ.
ދެފަރާތަކަށް މަރިޔަމް ބޯ ހޫރާލަމުން ކަރުކެހިލައި ކަރުތެރެ ސާފުކޮށްލި އެވެ. ކޮންމެވެސް މުހިންމު ވާހަކައެއް ދެއްކުމަށް މަރިޔަމް ބޭނުންވީކަން މަޢުރީން އަށް އެނގުނެވެ.
“އެހްމް… އޫމް.. މަޢު؟ ހިނގާބަލަ ބޭރަށް؟” މަރިޔަމް ގެ އެ އިޝާރާތުގެ މާނަ މަޢުރީން އަށް އެނގުމުން ވަގުތުން ތެދުވިއެވެ.
“އޯކޭ.” ހިނގައިގަންނަމުން މަޢުރީން ބުންޏެވެ.
ޕްރައިވެޓް ކޮޓަރިން ބޭރަށް ނިކުމެވުމާއެކު މަރިޔަމް ބުނަންބޭނުންވެފައިހުރި ވާހަކަ ބުނަން ފެށިއެވެ.
“ކުރިން ދުހު އަލިފުޅުބެ ބުނި ކަންތަކާ ކިހާވަރަކަށް އުޅެވިއްޖެތަ؟ މިހާރު ރުޤްޔާ ސެޝަންތައް ފަށައިފިންތަ އަލިފުޅުބެ ކައިރިން؟”
މަޢުރީން ނޯށްދަމައިލި އެވެ.
“މަރީ، އަހަރެން މިކަންކަމާ ވަރަށް ވިސްނައިފިން، މަށަކަށް ހިއެއް ނުވޭ މަށަށް ރޫޙާނީ މައްސަލަތަކެއް ކުރިމަތިވެގެން އުޅޭހެންނެއް.”
މަރިޔަމްގެ އަނގަ ތަންމިނަށް ހުޅުވުނީ ލިބުނު ހައިރާންކަމުގައި ‘އޯ’ އޭ ބުނުމަށެވެ. ނަމަވެސް މަރިޔަމް އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަނެއްކާވެސް މަޢުރީން ވާހަދައްކަން ފެށިއެވެ.
“އެހެންވެ، ކޮންސަލްޓެންޓް ސައިކޮލޮޖިސްޓެއްގެ އެޕޮއިންޓްމެންޓެއް އަހަރެން ހަމަޖައްސައިފިން. އިރާދަކުރެއްވިއްޔާ މާދަން އޭނަޔަށް ދައްކާނަން. މަށަށް ހަމަ ޔަޤީން މަށަށް މިހުރިހައި ކަމެއް މި ދިމާވަނީ ޑިޕްރެޝަން އަދި ހޮލޮސިނޭޝަން ގެ ސަބަބުންކަން. އަހަރެން ރަނގަޅުވާނީ މިގޮތަށޭ.”
“މަޢު ސައިކޮލޮޖިސްޓަކަށް ނުދައްކާކަށް މަށެއް ނުބުނަމޭ.” މަރިޔަމް ޖަވާބުދިނެވެ. “ސައިކޮލޮޖިސްޓަށް ދައްކަން ޕްލޭންކުރުމަކީ ރަނގަޅުކަމެއް. އެކަމަކު އޭގެ އެންމެ ރަނގަޅު ގޮތަކީ ރުޤްޔާ ވެސް ހަދަމުން ތި ފަރުވާ ހޯދުން. ރުޤްޔާ އަކީ ހަމައެކަނި ކީރިތި ޤުރުއާނުގެ އާޔަތްތަކެއް ކިޔެވުންކަން އެނގެއެއްނު. އޭގަ ނޯންނާނެ އެހެންކަހަލަ ބޯދާ ކަންތައްގަނޑެއް.”
މަޢުރީން ހޭންފެށި އެވެ.
“އޯކޭ، އަހަރެން އަމިއްލަޔަކަށް ގޭގަ ޤުރުއާން ކިޔަފާނަމޭ. ސައިކޮލޮޖިސްޓަށް ދެއްކުން މާ އިމްޕޯޓެންޓެއްނު. ބަލަ އަހަރުންނަކީ މެޑިކަލް ޑޮކްޓަރުންނެއްނު މަރީ! ސޯ ލެޓްސް ބީ މެޑިކަލް އެންޑް ލޮޖިކަލް އިން އަވަރ ތިންކިން.”
މަރިޔަމް ހިތްހަމަނުޖެހިގެން ފުން ނޭވައެއް ދޫކޮށްލި އެވެ. “އަހަރެން ބޭނުންވަނީ މަޢު އަށް އެންމެ ބެސްޓް ގޮތް ވުމަށްކަން އެނގެއެއްނު!”
މަރިޔަމްގެ ޖުމްލަ ނުނިމިގެން އުޅެނިކޮށް މަރިޔަމްގެ ގައިގާ މަޢުރީން ބާރަށް ބައްދައިގަތެވެ. ހީވީ މަރިޔަމް ގެ ހަށިގަނޑު ކުދިކުދި ކޮށްލަން އުޅުނުހެންނެވެ.
“ތިކަހަލަ ފްރެންޑެއް ހުރީމަ އަހަރެން ހާދަ އުފާވޭ.”
❀****❀❀****❀
މަންމަ އޮތް ކޮޓަރިއަށް މަޢުރީން އަނބުރި ގޮސް ވަތްއިރު މަންމަ އޮތީ ނިދާފަ އެވެ. އެހެންކަމުން ގެއިން ގެންނަން ޖެހޭ ބައެއް ތަކެތި ބަލައި ގެއަށް ދިއުމަށް އޭނާ އަވަސްވެގަތެވެ. އޭގެ އިތުރުން ޝާއިލްގެ ހާލު ބަލައިލާނަމޭވެސް އޭނާގެ ހިތަށްއެރި އެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ޝާއިލް ވާނީ ޝާއިލްގެ މަންމަމެންގެ ގޭގައި ކަމަށްވެސް ވެދާނެއެވެ. ފަހަރެއްގައި މިއަދު ކަންތައްތައް ތައް ބަދަލުވެފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކޭ މަޢުރީންގެ ހިތަށްއެރި އެވެ. ފަހަރެއްގައި މިއަދު ޝާއިލްގެ ރުޅިމަޑުވެ، ދެމީހުން ސުލްހަވެ އެމީހުންގެ އަމިއްލަ ގެއަށް ބަދަލުވެވިދާނެއޭވެސް ހިތަށްއެރިއެވެ. އޭރުން ގެއަށްގޮސް އޭނާގެ ލޯބިވާ ފިރިމީހާއަށް ރަނގަޅަށް އަޅައިލާ ބެލެހެއްޓޭނެއެވެ.
ހޮސްޕިޓަލުން ޝާއިލް ދޫކޮށްލުމާއެކު މަޢުރީން އާ ޝާއިލް ހަވާލުކުރުމަށް ސަލްމާ ދެކޮޅުހަދަން ޖެހުނު އެއްވެސް ސަބަބެއް މަޢުރީން އަކަށް ނުވިސްނުނެވެ. ގަދަވެ ސަލާމަތުން ޝާއިލްގެ އަނބިމީހާ ހުރިއިރު، ސަލްމާ އެވަރަކުން މަންމަގެ ދޮންފުތަކަށް ޝާއިލް ހަދައިގެން އުޅެންވީ ކީއްވެގެން ހެއްޔެވެ؟ ޝާއިލް ބެލުމަށް މަޢުރީން އާ ހަވާލުކުރަން ސަލްމާ މިއަދު ދެކޮޅުހަދައިފިނަމަ ޝާއިލްގެ ބައްޕަ އަދި މަޢުރީންގެ ބަފައިބެ ސަމަދު ކައިރީގައި އެކަމުގެ ޝަކުވާ އުފުލުމަށް މަޢުރީން ނިންމި އެވެ.
މަޢުރީންގެ ކާރަށް އަރަން ދޮރުހުޅުވި ވަގުތު ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުން ގޮވާލައިފިއެވެ. އެ އަޑު އިވުމުން އޭނާ ސިއްސައިގެންވެސް ދިޔައެވެ. ނަމަވެސް ފޭކް ހިނިތުންވުމެއް މޫނަށް ގެނައެވެ.
“އިދުރީސް، ކިހިނެތްތަ؟ މިތަނުން މިއަދު އިދުރީސް ފެނިދާނެއޭ ހިތަށްވެސް ނާރާ.”
“މަޢުރީންގެ މަންމަ ބަލިވެއުޅޭ ވާހަކަ އިވިގެން މިއައީ މަންމަ އަށް ގޮވާލަން ކަމަށް. މިހާރު މަންމަ ރަނގަޅުތަ؟
“އާނ، ހާދަ ރަނގަޅޭ މަންމައަށް ގޮވާލަން އައިމަ.”
“އޭގެ އިތުރުން އަހަރެން މަޢުރީން އަށް ދޭން ބޭނުންވާ އެއްޗެއްވެސް އެބަ އޮތް. އެހެންވެ މަޢުރީން ހޮސްޕިޓަލުގަ އުޅޭނެކަން އެނގޭތީ އަހަރެން މިއައީ އޭތި ހިފައިގެން.”
އިދުރީސް ދޭން އެބުނާ އެއްޗަކާމެދު ގަޔާ ނުވެވޭނެކަމުގެ އިޙްސާސް މަޢުރީން އަށް މިހާރުވެސް ކުރެވިއްޖެއެވެ. ނަމަވެސް އިދުރީސް އެބުނާ އެއްޗެއް އޭނާގެ ޖީބުން ނަގަންދެން މަޑުކޮށްލައިގެން ހުރެވުނީ އެއްވެސް ކެތްތެރިކަމެއް ނެތް ހާލުގައެވެ.
އެއީ ރިހިކުލައިގެ ކުޑަކުޑަ ފުޅިއެކެވެ. ފުޅީގައި ތަތްކޮށްފައިވާ ލޭބަލް ކޮޅެއްގައި އިނގިރޭސި އަކުރުން “މަސްކް” ލިޔެފައި އޮތެވެ. އިދުރީސް ދިއްކޮށްލި ފުޅީގައި ހިފުމާއެކުވެސް ހޮޑުލަވާ ޒާތުގެ ޒަވިވަހެއް އެއިން ދުވިއެވެ. ނަމަވެސް ގަދަކަމުން ކެތްކޮށްލައިގެން ހުރެވޭތޯ މަޢުރީން މަސައްކަތްކުރަމުން ދިޔައެވެ.
އާނއެކެވެ. އެވަހަކީ އަބަދުވެސް އޭނާ އަށް ނުބައިވަސް ދުވާ ވަހެކެވެ.
“ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ތި ފުޅިން ގައިގައި އަތަރު ހާކާ، އިންޝާﷲ ހުރިހާކަމެއް ރަނގަޅުވާނެ. އަދި ބުނަން، ދުޢާތައް ކިޔަން ހަނދާން ނައްތައިނުލާތި. މަޢުރީން އަށް ވަގުތުވީމަ ރުޤްޔާ ހަދަން އަންނާނެ ކަމަށް އަހަންނާ އަހަރެންގެ ބައްޕަ ތިބޭނަން އިންތިޒާރުގަ. މާތްﷲ ގެ އިރާދަފުޅުން މަޢުރީން އަށް ޖެހިފަވާ ތުރާތަކުން މިންޖުކުރައްވާނެ.” ހެޔޮހިތުން އިދުރީސް ދުޢާ ކުރިއެވެ.
“އާމީން.” އިދުރީސްގެ ދުޢާ އަށް މަޢުރީން އާމީންކިޔަމުން އޭނާގެ މަންމަ ބާއްވާފައި އޮތް ޕްރައިވެޓް ރޫމުގެ ނަންބަރު ބުންޏެވެ. ދަނީ އޭ ބުނެ ކާރަށް އަރައި ކާރު ސްޓާޓްކޮށްލަމުން ކާރު ދުއްވައިލިއެވެ.
ބޮޑުތަކުރުފާނު މަގަށް އެޅުމާއެކު ޕެސެންޖާ ސީޓްގައި ބާއްވާފައި އޮތް އިދުރީސް ދިން ފުޅި ނަގައި ކުޑަދޮރުން ބޭރަށް ހޫރާލިއެވެ.
‘ކޮންފަދަ އެއްޗެއް ކަމެއްވެސް ކިހިނެތް އެނގެނީ.’ މަޢުރީންގެ ހިތަށް އެރިއެވެ.
އެހެން ހުރިހައި ކަމަކަށް ވުރެންވެސް ބޮޑަށް މިވަގުތު މަޢުރީން އަށް އެންމެ މުހިންމީ ޝާއިލްގެ ހާލު ބެލުމަށް އަވަސްވެގަތުމެވެ. މިއަދު އޭނާއަށް ކޮންމެވެސް ކަހަލަ ގޮތްތަކެއްވެސް އެބަވެއެވެ. ކޮންމެވެސް ބޮޑުކަމެއް ވާންއުޅޭ ކަމުގެ ހީވުމެއް ހީވަނީއެވެ. ޝާއިލްގެ މަންމަމެންގޭ ދޮރުގައި ހަރުކޮށްފައި ހުރި ރަނގަބީލަށް މަޢުރީން ދެފަހަރަކަށް ފިއްތާލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ދޮރުފަތް ހުޅުވުމަށް ތަޅުގައި ހިފުމާއެކު ދޮރުފަތް ހުޅުވިއްޖެއެވެ. ތަޅުނުލައި ހުރިކަން ނަސީބެކޭ މަޢުރީންގެ ހިތަށްއެރިއެވެ. ގޭގައި އުޅެނީ ހަމައެކަނި ޝާއިލް ކަމަށްވެސް ވެދާނެއެވެ. އެހެން ހީކޮށް އެއްވެސް އަޑެއްބަޑެއް ނުއިއްވާ މަޢުރީން ގެ ފިޔަވަޅުތައް އަމާޒުހިފީ ޝާއިލްގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީ ދޮރާހަމައަށް ގޮސް މަޑުކޮށްލި ވަގުތު ކޮޓަރި ތެރެއިން ފަނޑުފަނޑުކޮށް ކޮންމެވެސް މީހަކު ވާހަކަދައްކާއަޑު ނުވަތަ ކޮންމެވެސް އެއްޗެއް ކިޔާއަޑު އިވެމުންދެއެވެ. އެއަޑު އިވިފައި ލިބުނު ހައިރާން ކަމާއެކު ކޮޓަރީ ދޮރުފަތުގައި ޓަކިޖެހުމަށް ހަރަކާތްކޮށްލުމާއެކު މަޢުރީން ގަނޑުވިކަހަލަ އެވެ. އެތެރެއިން ވާހަކަދައްކަމުންދިޔަ މީހާ ކިޔާއެއްޗެއް ސާފުކޮށް އިވެންފެށުމުންނެވެ.
“އެ މަޢުރީން އަށް އެއްވެސް ހަމަޖެހުމެއް ލިބިގެން ނުވާނެ. އޭނާއަށް އެއްވެސް އުފާވެރިކަމެއް ލިބިގެންނުވާނެ. ހުރިހައި ހަމަޖެހުމަކާ އުފާވެރިކަމަކާ މުއްސަނދިކަމެއް އެއީ ހަމައެކަނި އަހަރެންގެ ދަރިފުޅަށް ލިބެންޖެހޭނެ ކަންކަން…”
ސިއްރުސިއްރުން ދޮރުފަތް ކުޑަ ތަންކޮޅެއް ހުޅުވައިލަމުން ކޮޓަރިތެރެއަށް މަޢުރީން ބަލައިލިއެވެ. ފެނުނީ ސަލްމާ އެވެ. އޭނާގެ މައިދައިތަ އެވެ. ކަޅުކުލައިގެން ޖުއްބާއެއް ލައިގެން ހުއްޓައެވެ. އޭނާގެ އަތުގައި އޮތީ ކަޅުކުލައިގެ ކަދުލެކެވެ. ސަލްމާ ހުރީ އެނދުގައި ނިދާފައި އޮތް ޝާއިލް އާއި ދިމާއަށް ގުދުވެގެންނެވެ. ޝާއިލް ގެ ބޮލާއިދިމާ މަތިން، ސަލްމާ ގެ ދެއަތުން ކުރަމުންދާ އެއްވެސް ހަރަކާތެއްގެ ހިލަމެއްވެސް ޝާއިލް އަކަށް ނުވެއެވެ.
ދޮރުފަތް ހުޅުވުނު އަޑާއިއެކު ދޮރާއި ދިމާއަށް ސަލްމާ އަށް ބަލައިލެވުނެވެ. ސަލްމާގެ ދެލޯ ހުރީ އަނގުރު ރަތްކުލައިގައެވެ. ސަލްމާގެ އަރުތެރެއިން ބިރުވެރި ހަޅޭކެއްގެ އިންޒާރެއް ނިކުތީ ހަމަ ސީދާ މައުރީން އަށެވެ.
“ކަލޭގެ ދުވަސް ދުއްވާލާނަން އެނގިއްޖެ!”
ގަތް ބިރާއެކު މަޢުރީން އަށް ހަޅޭލަވައިގަނެވުނީ ކިހާ ބާރަށް ކަމެއް ޚުދު މަޢުރީންއަ ކަށްވެސް ނޭނގެއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
August 31 un september 15 ah hafthaaeh nuwanee baa??
މާ ގިނަ ދުވަސް ވެސް ވެއްޖެ. އެކި ސަބަބު ތަކާހުރެ ނުލިޔެވިގެން މި އުޅެނީ. އަޅުގަނޑުވެސް ހިތާމަކުރަން އަދި ވަރަށް މަޢާފަށް އެދެން މިފަހަރު މިހެން ވުމުން. މަސައްކަތް ކުރާނަން އަވަހަށް ޝާއިއު ކޮށްލެވޭތޯ.