ސިނަމާލެ ބުރިޖުން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނުވަތަ “ޓޯލް toll” އެއް ނެގުމަށް ނިންމާފައި ވާއިރު، އެކަމާ ގުޅުންހުރި ބައެއް އިނގިރޭސި ލަފުޒުތަކަށް ބޭނުންކުރާނެ ދިވެހި ލަފުޒު ހެދުމަށް ދިވެހިބަހުގެ އެކެޑަމީން ފުރުޞަތު ހުޅުވައިލި އެވެ. އެފުރުޞަތުގައި ހުށައެޅުނު ލަފުޒު ތައް ބަސްކޮމިޓީން ދިރާސާކޮށް ތިން ލަފުޒެއް މިވަނީ ފާސްކޮށްފަ އެވެ.

 

ބަހުގެ އެކެޑަމީން އިއްޔެ ފާސްކުރީ “އަރަދު“، “ކުށި” އަދި “އަރަދުކުށި” އެވެ.

 

“އަރަދު” އަކީ އިނގިރޭސި ލަފުޒު “ޓޮލް toll” އަށް ހަދާފައިވާ އައު ލަފުޒެކެވެ. މި ލަފުޒު ހެދުމުގައި ބަލާފައިވަނީ އަންނަނިވި ގޮތަށެވެ.

“އަރަދު މި ލަފުޒު ހަދަން ވިސްނައިލީ މީގެ ދެ ރެއެއްގެ ކުރިން އެކެޑަމީން ކޮށްފައި އޮތް ޓްވީޓެއް ފެނިގެން. ދަންވަރު ޑިއުޓީ ނިންމާފަ ރަށަށް އައި މަގުމަތީގަ ވިސްނަމުން އައީ އެކަމާ، ކައްދޫ ފޮނަދޫ ކޯޒްވޭ ހުރަސްކޮށް ހިތްގައިމު ދަންވަރުގަ ގެއަށް އަންނަނިކޮށް ކުއްލިއަކަށް މި ލަފުޒު މިހެން ހެދީމަ ކަމުދާނެބާއޭ ހިތަށް އެރީ. ދެން އެކެޑަމީ އަށް ސިޓީއެއް މެއިލްކޮށްލީ ލަފުޒު ހެދިގޮތުގެ ތަފްޞީލާއި ލަފުޒު ބޭނުންކުރެވޭ ޙާލަތު ބަޔާންކޮށްފަ. ކަން ދިމާކުރިގޮތުން ހުށައެޅި ދުވަހު (06 ސެޕްޓެމްބަރ 2018 ވަނަ ދުވަހު) ބަސްކޮމެޓީގެ ބައްދަލުވުމުން ފާސްވެއްޖެ މި ލަފުޒު.” އަލަށް އުފެއްދި ބަސްތަކުން “އަރަދު” މި ލަފުޒު ހެދި މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ އަޙްމަދު ރަޝީދު ބުންޏެވެ.

 

މަޢުލޫމާތު ލިބިފައިވާގޮތުން އިއްޔެ ފާސްކޮށްފައިވާ ލަފުޒެއް ކަމަށްވާ “ކުށި” ހަދާފައިވަނީ ސިންގަޅަ ބަހުގައި ބޭނުންކުރާ ލަފުޒެއް ކަމަށްވާ “ކުއްޓި” އަދި ދިވެހި ބަހުގައި ބޭނުންކުރާ “ކޮށި” މި ދެލަފުޒަށް ބަލާފައެވެ. “ބޫތު booth” ގެ ބަދަލުގައި “ކުށި” އަދި “ޓޮލް ބޫތު toll booth” ގެ ބަދަލުގައި “އަރަދުކުށި” ބޭނުންކުރުމަށް އިއްޔެ ދިވެހިބަހުގެ އެކެޑަމީން ވަނީ ފާސްކޮށްފައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.