ތައާރަފް

ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަންނާރުހެދެއެވެ. ނަމަވެސް އެންމެ ރަނގަޅަށް އަންނާރު ހެދި ގިނައިން އަންނާރު އަޅަނީ، މެދުމިނަކަށް ފެންހިފަހައްޓާ ރަނގަޅަށް އަވިލިބޭ ކަޅުފަސް ހުންނަ ބިންބިމުގައެވެ. އަންނާރު ދޮންވާއިރު ރަނގަޅަށް އަވި ނުލިބިއްޖެނަމަ މޭވާގެ ފޮނިރަހަ މަޑުވެއެވެ.

 

 މުޑުވައްކުރުން

އަންނާރުގަސް ގިނަކުރަނީ އޮށްއިންދައިގެންނާއި، ގޮފީގައި ވެލި ބަނދެގެން ނުވަތަ ގޮފި އިންދައިގެންނެވެ. އޮށްއިންދައިގެންއަންނާރު ހައްދާނަމަ ދޮންއަންނާރަކުން އޮށް ނެގުމަށްފަހު ކުޑަ ތުވާއްޔަކަށްލައި ފެލާލުމަށްފަހު އޮށުގެ ކާބައި ވަކޮ ކޮށްލާށެވެ. ދެން އޮށްތައް ދޮވެ ސާފުކުރުމަށްފަހު ހިޔަލުގައި ބަހައްޓައިގެން ރަނގަޅަށް ހިއްކާލާށެވެ. ދެން 3 ވެލި 1 ކާދުގެ ނިސްބަތުން ކާދު އެއްކުރުމަށްފަހު 5 އިންޗި 6 އިންޗީގެ ގަސްއިންދާ ކޮތަޅުތަކަށް ވެލި އަޅާފައި ކޮންމެ ކޮތަޅެއްގައި 2 އޮށް އިންދާށެވެ. އިންދާނީ އޮށުގެ ބޮޑުމިނުގެ 2 ގުނަ ފުން މިނުގައެވެ.

 

ގަސް ހެދެން ފެށުމުން އެންމެ ނިކަމެތިގަސް ބުޑުން ބުރިކޮށްލާށެވެ. ކޮންމެ 10 ދުވަހަކުން 20:20:20 ރޭޝިއޯގެ ދިޔާ ގަސްކާނާއެއް ގަސްތަކަށް ފެންދޭ ކުރައިން ދޭށެވެ. އަދި ހަމަ މި ރޭޝިއޯގެ އޮށްކާނާވެސް ދޭށެވެ. ގަސްފަޅާތާ 9-12 މަސްދުވަސް ފަހުން އަންނާރުގަސް އިންދަންބޭނުންވާ ތަނެއްގައި އަލުން އިންދާށެވެ. ގޮފިއިންދާނީ ބަލިނުޖެހޭ ގަހަކުން 9-12 އިންޗި ދިގު 4/1 އިންޗި ފަލަ އޮފިގަނޑެއް ކެނޑުމަށްފަހު މިއޮފިގަނޑުގެ 3/1 ބިމުގެ މައްޗަށް ހުންނަގޮތަށެވެ. މިއޮފިގަނޑު އިންދާތާ 9-12 ދުވަހުގެ ތެރޭގައި އޮފިގަނޑުގައި މޫލާނެއެވެ. މޫލަންދެން އޮފިގަނޑު ހިޔަލުގައި ހުރުން ބޭނުމެވެ. އޮފިގަނޑު އިންދާތާ 9-12 މަސްދުވަސް ފަހުން އަންނާރުގަސް ހައްދަން ބޭނުންވާ ތަނަކަށް ބަދަލުކުރާށެވެ.

 

 އިންދުމާއިހެއްދުން

އަންނާރު އިންދާނީ ދެގަސް ދޭތެރޭ 8-10 ފޫޓު ދުރުމިން ހުންނަ ގޮތަށެވެ. އަންނާރު އިންދަން ވަޅުކޮންނައިރު ނަގާފަހާއި ކާދު އެއްކުރާށެވެ. ކޮނުނު ވަޅުގައި ގަސް އިންދުމަށްފަހު ވަޅަށް ފަސްއަޅައި ވަޅު ފޮރުވާލާށެވެ.

 

ގަހުގައި މޭވާއަޅަން ފެށުމުން ކޮންމެ އަހަރަކު އެއްފަހަރު ގަހުގެ ބުޑުން ފެށިގެން 1.5 ފޫޓު ދުރުމިނުގައި 1 ފޫޓު ފުން 6 އިންޗި ފުޅާ ވަޅުގަނޑެއް ގަސް ވަށައިގެން ކޮނެ، ފަހާއި ކާދު އެއްކުރުމަށްފަހު ވަޅުގަނޑަށް އަޅާށެވެ. އަދި ކާދާއި އެކުގައި ތައްޔާރީ ގަސްކާނާވެސް ބޭނުންކުރުން ރަނގަޅެވެ. މިގޮތަށް ގަސް ބެލެހެއްޓުމުން މާވެއްޓުން މަދުވެ، ގަހުގައި މޭވާ އާލާވުން ރަނގަޅުވާނެއެވެ.

 

 ގަހަށްލިބޭ އާންމުގެއްލުމާއި ދެވޭނެ ފަރުވާ

 ހުދުކޫޑި: މިއީ ދޮން ކުލައަކަށްދާ ހުދުކުލައިގެ ގަހުން ދިޔަބޯ ސޫތްޕެކެވެ. މިސޫފީގެ މަތީފަރާތް ހުންނާނީ ހުދުކޮށް ކަފަގޮތަކަށެވެ. ގިނައިން ކޫޑިއެޅުމުން ފަތްތައް ދޮންވެއެވެ. ވީމާ ގަހުގައި މޭވާ އެޅުމަށް ބޭނުންވާ ކާނާ ގަހުގައި އުފެއްދުން މަދުވާނެއެވެ. ގަހުގައި އަޅާމޭވާ މަދުވެ މޭވާ ކުދިވާނެއެވެ.

 ފަރުވާ: ހުދުކޫޑި އެޅުމުން ސައިބޯނި ފެނުން ސްޕްރޭކުރާށެވެ. ސައިބޯނިފެން ތައްޔާރުކުރާނީ 4/1 ސަމުސާ ކަރާސީނުތެޔޮ 4/1 ޖޯޑު ސައިބޯނިފެން، އެއްލީޓަރު ފެނާ އެއްކޮށްގެންނެވެ. ނުވަތަ އެކްޓަލިކް، މެލެތިއޯން، ޑައިމެތޮއޭޓް ފަދަ އިންސެކްޓިސައިޑަކުން ސްޕްރޭކުރާށެވެ. ބޭސްޖަހާނީ ދެހަފުތާއަކުން އެއްފަހަރުއެވެ.

 

 ފަތްގުރުޑުވުން: މިއީ ވައިރަސްއަކުން ޖެހޭބައްޔެކެވެ. ބަލިޖެހުމުން ގަހުގެ ފަތްތައް ގުރުޑުވެ، ކުރި ގާވާނެއެވެ.

 ފަރުވާ: ބަލިޖެހިފައިވާ ގަސްތަކުގެ ފަތްތަކާއި ކުރިތައް ގަސްތަކާއި ދުރުގައި އަންދާލާށެވެ. އަވަސްވާނެއެވެ.

 

 ފަތާއި އަންނާރުގައި ފަނިއެޅުން: މިފަންޏަކީ ގާތްގަނޑަކަށް 1 އިންޗި ބޮޑު މުށިކުލައިގެ ފަންޏެކެވެ. އަންނާރުގެ ތެރެއަށް ފަނިވަންނާނީ ތަނޑީގެ ބުޑުންނެވެ. މިގޮތުން އަންނާރު ތެރެއަށް ފަނިވަދެ އަންނާރު ކެއުމުން އަންނާރު ފީވެއެވެ.

 ފަރުވާ: އަންނާރު ގަހުގައި ފަނިއެޅުމުން ސައިބޯނިފެނުން ސްޕްރޭކުރުމުން ރަނގަޅުވާނެއެވެ. ނުވަތަ ކާބަރީލް ކަހަލަ އިންސެކްޓިސައިޑަކުން ސްޕްރޭ ކުރެވިދާނެއެވެ.

 

 ސާކަސްޕޯރާ ފްރުޓް ރޮޓް: އަންނާރާއި ފަތްތަކުގައި މަޑުމުށިކުލައިގެ ލައްތަކެއް ޖަހައި މިލައްތައް ބޮޑެތިވެއެވެ. އަދި ކުރިތައް މަރުވެއެވެ. މި ބަލި ފެތުރެނީ ތެތްކަން ބޮޑު މޫސުމުގައެވެ.

 ފަރުވާ: ބަލި ޖެހިފައިވާ އަންނާރުތަކާއި، ކުރިތައް އަދި އޮފިތައް ކޮށާ ނައްތާލުމަށްފަހު ފޮލިކަރ ފަދަ ފަންގިސައިޑަކުން ސްޕްރޭ ކުރުން.

 

އަންނާރުގެ ސިއްހީ ފައިދާތައް

 މޭވާ ތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެންޓި އޮކްސިޑަންޓަކީ އަންނާރެވެ.

 ކެންސަރުު ފަދަ ބަލިތަކުން ދުރުކޮށްދީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ،

 ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ ފުރުސަތު ކުޑަކޮށްދޭ

 ބްލަޑް ޕެޝަރު ދަށްކޮށްދޭ،

 ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހުމުން ރައްކާތެރިކޮށްދޭ

 

100 ގްރާމް އަންނާރުން ހަށިގަނޑު ލިބޭ މާއްދާތައް

 ޖުމްލަ ފެޓް: 1.2 ގްރާމް
 ޕޮޓޭސިއަމް: 236 މިލިގްރާމް
 ޖުމްލަ ކާބޯހައިޑްރޭޓްސް: 19 ގްރާމް
 ޑައިޓަރީ ފައިބަރ: 4 ގްރާމް
 ހަކުރު: 14 ގްރާމް
 ޕްރޮޓީން: 1.7 ގްރާމް
 ވިޓަމިން ސީ: %17
 ވިޓަމިން: B-6 5%
 މެގްނީސިއަމް: %3

 

އެންޓި އޮކްސިޑަންޓް ސްމޫތީ އެއް އަންނާރު ޖޫހުން ތައްޔާރު ކުރާނެގޮތް

 6 ކަޕް ބޭބީ ސްޕިނެޗް ފަތް
 1 ކަޕް އަންނާރު ޖޫސް
 ކަޕް ބްލޫބެރީ
 1 ކަޕް ސްޓްރޯބެރީ
 6 ކަދުރު (މެދުން ފަޅާ އޮށް ނަގާފައި)

 ސްމޫތީ ތައްޔާރު ކުރުމަށްޓަކައި މިހުރިހާ އެއްޗެއް މިކްސަރަކަށް އަޅާލާފައި ގިރާލާށެވެ.

 

 މަސްދަރު: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ނެރެފައިވާ ލީފްލެޓަކުން

      ހެލްތު ޑޮޓް ކޮމް

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.