ޕްރޮފައިލް މި ލަފުޒަކީ ވަރަށް އާއްމުކޮށް ބޭނުންކުރަން ޖެހޭ ލަފުޒެކެވެ. ޤައުމެއްގެ ޕްރޮފައިލް، ނުވަތަ މީހެއްގެ ޕްރޮފައިލް ޕިކްޗަރ (ފޮޓޯ) ނުވަތަ މީހެއްގެ ޕްރޮފައިލް ގެނެސްދޭވާހަކަ ދެކެވެއެވެ. އިނގިރޭސި ލަފުޒަކަސް ދިވެހިބަހުން ވާހަކަދެއްކުމުގައި ބޭނުން ކޮށްކޮށް ދޫމައްޗަށް ފަސޭހަ ލަފުޒަކަށް ވެފައިވާ ލަފުޒެކެވެ. ކިޔައިލަން ކިތަންމެ ފަސޭހަ ނަމަވެސް، އިނގިރޭސި ލަފުޒުގެ ބަދަލުގައި ބޭނުންކޮށްލަން ފަސޭހަ، ރީތި ދިވެހި ލަފުޒެއް މިހެން ހުންނަ ލަފުޒުތަކަށް ހެދުމަކީ މުހިންމުކަމެކެވެ. ބަހުގެ މުއްސަނދިކަން އިތުރުކުރުމަށެވެ.

 

ޕްރޮފައިލް އަށް މިހާރު މިވަނީ ދިވެހިބަހުގެ އެކެޑަމީން ލަފުޒެއް ފާސްކޮށް ނެރެފައެވެ. ކިޔައިލަން ފަސޭހަ، ރީތި ލަފުޒެކެވެ. ލަފުޒު ކިޔައިލުމުންވެސް އިނގިރޭސި ލަފުޒުގެ މާނަ ދޭހަކޮށްލަން ފަސޭހަ ލަފުޒެކެވެ. އާދެ، ‘ފުރަމަލަ’ އެވެ.

 

ދިވެހިބަހުގެ އެކެޑަމީން ނެރެފައިވާ ބަސްކާޑަށް ބަލައިލުމުން މި ލަފުޒުގެ މާނައާއި ބޭނުންކުރާނެ ގޮތްތަކާއި ހާލަތު ވަރަށް ރަނގަޅަށް އޮޅުންފިލާނެއެވެ.

 

ފުރަމަލަ (ނަން)

1. މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ނުވަތަ ގައުމެއް ތައާރަފުކޮށްދޭ ކުރު ބަޔާން.

މިސާލު: ކުންފުންޏެއްގެ ފުރަމަލައަކީ އެ ކުންފުންޏެއްގެ މަސައްކަތް ތައާރަފުކޮށްދޭ އެއްޗެކެވެ.

2. އިންސާނެއްގެ ނުވަތަ އެ ނޫން ވެސް މަޚުލޫގެއްގެ ހަށިގަނޑު، ޚާއްޞަކޮށް މޫނު، އެއްއަރިމަތީން ފެންނަ ގޮތް.

މިސާލު: މީހެއްގެ ފުރަމަލަ ފޮޓޯއަކުން އެ މީހެއްގެ ދެ ލޮލެއް ނުފެންނާނެއެވެ.

3. އެއްޗެއްގެ ބައްޓަން ފެންނަ ގޮތަށް އަޅައިލެވޭ ބޭރު ރޮނގު.

މިސާލު: މިއީ ފަތެއްގެ ފުރަމަލައެކެވެ.

ދިވެހިބަހުގެ އެކެޑަމީން އައު ދިވެހި ލަފުޒު އުފެއްދުމުގައި އާއްމު ރައްޔިތުންގެ ބައިވެރިވުން ހޯދައިގެން އައު ބަސް އުފެއްދުމުގެ ފޯރި މިފަހަކަށް އައިސްވަނީ ވަރަށް ރަނގަޅަށް ވައިގައި ހިއްޕާފައިކަން ފާހަގަކޮށްލެވެއެވެ.

ދިވެހިބަހުގެ އެކެޑަމީން ނެރެފައިވާ ބަސްކާޑެއް

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.