އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙަށް މަރުހަބާ ދެންނެވުމަށް ޓީވީއެމް އެލުމްނާއިގެ ފަރާތުން “ފްރޮމް ޕްރޮޑިއުސަރ ޓު ޕްރެސިޑެންޓް” (ޕްރޮޑިއުސަރަކުން ރައީސަކަށް) މި ނަމުގައި ހަފުލާއެއް މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ބާއްވާފައި އެވެ.

 

މާގިރި ހޮޓެލްގައި ރޭ ބޭއްވި ހަފްލާގައި ވަނީ ޚާއްސަ ހަނދާނީ ފިލާއެއްވެސް އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙަށް އަރުވާފައެވެ.

ޓީވީއެމް އެލަމްނާއީ އިން އިބޫ އަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ހަފުލާގެ ތެރެއިން

އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙަކީ ޓީވީއެމް އެލަމްނާއި ގެ މެމްބަރަކަށް ވާއިރު އެމަނިކުފާނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެއް ޚިދުމަތް ކުރެއްވި މުހައްމަދު ޝަމީމުއެވެ.

 

ޓީވީއެމް އެލަަމްނާއި (ޓީވީއެމް ގައި ކުރިން ވަޒީފާ އަދާކުރި މުވައްޒަފުން) އަކީ، ޓީވީއެމް އުފެދުނު އިރުންފެށިގެން އެކި ދުވަސްވަރުގައި އެތަނުގައި ދާއިމީ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށް އަދި މިހާރު ޓީވީއެމްގެ ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ޖަމިއްޔާއެކެވެ. ޓީވީއެމް އެލުމްނާއި އުފައްދާފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ޓީވީއެމް އެލަމްނާއީ އިން އިބޫ އަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ހަފުލާގެ ތެރެއިން

މިއުޒިކާއެކު ކުރިއަށް ގެންދިޔަ މި ހަފުލާގައި ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު އާއި ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު ބައިވެރިވެވަޑައިގަތެވެ. ރޭގެ ހަފުލާގައި ޓީވީއެމްގައި ކުރިން މަސައްކަތް ކުރެއްވި މުހިންމު މޫނުތައް ފެނިފައިވެއެވެ. އެގޮތުން ނަން މަޝްހޫރު ޓީވީ ޕްރެސެންޓަރުންނާއި އެކްޓަރުން އަދި ލަވަކިޔުންތެރިންވެސް ފެނިގެން ގޮސްފައި ވެއެވެ.

ޓީވީއެމް އެލަމްނާއީ އިން އިބޫ އަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ހަފުލާގެ ތެރެއިން

އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙަކީ، ޓީވީމޯލްޑިވުސްގައި ޕްރޮޑިއުސަރެއްގެ ގޮތުގައި 1984ން 1989ށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މައިގަނޑުގޮތެއްގައި ޓީވީއެމްގައި އިިބޫ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ކުޅިވަރާއި ބެހޭ ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީތައް އުފެއްދެވުމުގައެވެ.

ޓީވީއެމް އެލަމްނާއީ އިން އިބޫ އަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ހަފުލާގެ ތެރެއިން

160އަށް ވުރެ ގިނަ މެމްބަރުން ޓީވީއެމް އެލުމްނާއިގައި މިހާރު އެބަތިއްބެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.