އެވަގުތު އޭނާގެ އަޑު ބޭރުވެއްޖެއެވެ. ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ހަޅޭއްލެވުނުހައި ބާރަކަށް އެއްވެސް ހުއްޓުމެއްނެތި ހަޅޭއްލަވަމުން ދިޔައެވެ.

 

އަޑު ބެދެންދެން ހަޅޭއްލެވިއެވެ.

 

****❀❀****

 

“ވަޢަލައިކުމުއްސަލާމް އިމާމް،” ސަލާމަށް ޖަވާބުދިނީ ސަމަދެވެ. ދޮރުމަތީގައި ހުއްޓިގެން ސަލްމާ ހުރީ އެވެ. މުސްކުޅި އިމާމާއި ދިމާއަށް ބަލަން ގަނޑުވެފައި ހުރެވުނީ އެވެ.

“އެތެެރެއަށް ވަދޭ،” ކުރިއަށް ޖެހިލަމުން ސަމަދު ބުންޏެވެ. ފޭކް ހިނިތުންވުމެއް ދެވޭތޯ ސަލްމާ މަސައްކަތް ކުރަމުން ގެއިން ނިކުމެއްޖެއެވެ.

އެތެރެއަށް ވަންނަމުން އިމާމު ހިނިތުންވެލި އެވެ. ސަމަދު ވެސް ހިނިތުންވުމެއް ދެމުން އަތުގެ އިޝާރާތުން އެތެރެއަށް ވަނުމަށް ބުންޏެވެ. އެވަގުތު ޝާއިލް ކޮބައިތޯ އިމާމު މީހާ ސުވާލުކުރިއެވެ.

“ވެއްޖެ ކޮޓަރީގަ. ހިންގަވާ ކޮޓަރިއަށް.” ސަމަދު އެދުނެވެ.

“ހިންގަވާ،” ދެކޮޅުވެރިކަމެއް ނެތި އިމާމު ޖަވާބުދިނެވެ.

ޝާއިލްގެ ކޮޓަރިއަށް އެމީހުން ވަންއިރު، އެތަނުގައި ޝާއިލްގެ މަންމަ ސަލްމާ އިނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ގެއިން ނިކުތްމީހާ ބަދިގެފަރާތު ދޮރުން ވަދެގެންގޮސް ޝާއިލްގެ ކޮޓައިރިއަށް ވަދެ ޝާއިލް ކައިރީގައި އެނދުގައި އިށީންދެގެން އޭނާ އިނީ އިމާމު އެތަނަށް ވަންނާނެކަން އެނގޭތީ އެވެ. އޭރު ޝާއިލް އަށް އޮތީ ނިދިފައެވެ.

 

“އަހަރެން ޝާއިލް ކައިރީގައި ބައެއް ސުވާލުތައް ކޮށްލަން ބޭނުން،” އިމާމު ބުންޏެވެ. “އެއަށްފަހު ކޮންމެވެސް ވަރެއްގެ ރުޤްޔާއެއް ކިޔަވަން ބޭނުން. އެކަމަކު އޭނާ ނިދާފަ އޮއްވާ އެކަމެއް ނުވާނެތާ، އެހެންވީމަ ދެން ކޮންމެވެސް އެހެން ފަހަރަކުން އެކަން ކުރެވޭނީ.”

 

“ނޫނޭ، އޭނަށް އަށް އަޅުގަނޑުމެން ގޮވައިލަފާނަން،” ސަމަދު ބުންޏެވެ. ޝާއިލް އަށް ގޮވުމަށް އޭނާއާއި ދިމާއަށް ހިނގައިގަންނަމުންނެވެ. އަނބިމީހާ ސަލްމާގެ ލޯ އެޅުމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ.

 

“ނޫނޭ، ހޭލައްވާނެ ކަމެއްނެތް،” އިމާމު ބުންޏެވެ. “އަހަރެން ބައެއް އާޔަތްތައް ލިޔެލާފަ ދޭނަން، ޝާއިލް އަށް ކިޔައިދީ ….. ސަމަދު ވެސް އޭނާއާއެކުގައި އެ އާޔަތްތައް ކިޔަވާލާ، ކޮންމެވެސް އެހެން ފަހަރަކުން އަހަރެން އަންނާނަން، އިންޝާﷲ.”

އިމާމު އެބުނި އާޔަތްތަކެއް ލިޔެ ނިމުމަށްފަހު ގޭތެރޭގެ އަމާންކަމަށްޓަކައި ކޮންމެވެސް ދުޢާއެއް ކުރުމަށްފަހު، އަދި އަންނާނެ ވާހަކަ ބުނަމުން ގެއިން ނިކުމެއްޖެ އެވެ.

 

އިމާމާއި އެކުގައި ދޮރާއި ހަމައަށް ސަމަދު ދިއުމަށްފަހު އިމާމު ނިކުތުމުން ދޮރުގައި ތަންޑުއެޅި އެވެ. އެވަގުތު ސަލްމާ މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުންޏެވެ. ކައިރީގައި ހުރި ގެއެއްގައި ކޮންމެވެސް އެއްޗެއް ބާއްވާފައި އާދެވުނުވާހަކައާއި އެ ބަލައި ދަނީކަމަށް ބުނަމުން ދޮރުހުޅުވައިލައި ބޭރަށް ނިކުމެއްޖެ އެވެ.

 

ޖެހިގެން އޮތް ގޯޅިއަށް އިމާމު މީހާ އަޅައަޅައި ހުއްޓާ ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުން ގޮވައިލި އަޑު އިވިގެން ފަސްއެނބުރި ބަލައިލައިފިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާގެ ފަހަތުން އައިސް އައިސް ހުރީ ޝާއިލްގެ މަންމަ ސަލްމާ އެވެ. ސަލްމާ އޭނާއާއި ބައްދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް އިމާމަަކަށް ނުވިސްނުނެވެ. ނަމަވެސް ސަލްމާ އޭނާއާއި އަރާހަމަކުރަންދެން އޭނާ މަޑުކޮށްލި އެވެ. އިމާމާއި ކައިރިއަށް ސަލްމާ އައުމުން އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައިކަން މާބޮޑު އުނދަގުލަކާއި ނުލައި ފާހަގަ ކުރެވުނެވެ.

” أعوذ بالله من الشيطان الرجيم” މަޑުމަޑުން އިމާމު ކިޔައިލިއެވެ.

“އިމާމު، މިކަންތައްގަނޑާ ދުރުގައި ކަލޭ ހުރޭ!” އިތުރު ވާހަކައެއް ދެއްކުމެއްނެތި ރުޅިވެރިކަމާއެކު ޝާއިލްގެ މަންމަ ބުންޏެވެ.

“ކޮން ކަންތައްގަނޑެއް؟” މައުސޫމު ރާގެއްގައި އިމާމު ސުވާލުކޮށްލިއެވެ.

“އަހަރެން މިކިޔަނީ ކީކޭކަން އެނގޭނެ. ޝާއިލް އަކީ އަހަރެންގެ ދަރިއެއް، އެހެންވީމަ އޭނަގެ ކަންތަކާ ބެހޭނީ އަހަރެން، ކަލެޔެއްނޫން. ކޮންމެހެން މާ ހެޔޮއެދޭ މީހަކަށްވެގެން އުޅޭނެ ކަމެއްނެތް. މީ އަހަރެންދޭ އިންޒާރެއް ކަމަށް ހީކޮށްލާ!”

އެހެން ބުނަމުން ގެއާއި ދިމާއަށް ދިއުމަށް ސަލްމާ ހިނގައިގަތެވެ.

“ސުބްޙާނަﷲ، ސުބްޙާނަﷲ…” ސަލްމާ ދާތަން ބަލަން ހުރެގެން އިމާމު ތަސްބީހަ ކިޔަންފެށިއެވެ.

****❀❀****

އަނެއްކާވެސް މަޢުރީން ބަލިމީހެއްގެ ގޮތުގައި ހޮސްޕިޓަލަށް ދާންޖެހިއްޖެ އެވެ. މިފަހަރު އޭނާ ހުރީ ނަފުސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކް ގައެވެ.

އޭނާގެ ކޮއްކޮމެންނާއި ބައްޕަ، ހޮސްޕިޓަލަށް އައިސް އޭނާގެ މަންމައާއި ބައްދަލުކުރުމަށްފަހު ގެއަށްދާން ނިކުމެއްޖެއެވެ. އެކަމާ މަންމަ ރުޅިގަދަވެގެން ލައްކަވަރަކަށް ހަޅޭއްވެސް ލެވިއެވެ. ޝަކުވާކުރިއެވެ. ހީވީ ދެން އެކުދިންނާއި ބައްދަލު ނުވެދާނެތީ އުޅުނުހެންނެވެ. ކޮއްކޮމެންވެސް ގެއަށް ދިޔައީ ރޮމުންނެވެ. ހޮސްޕިޓަލުން ގެއަށްދިޔަ އިރުވެސް އެކުދިން ތިބީ ރޮއެރޮއެ އެވެ. މަންމައަށް ވެގެންއުޅޭ ގޮތެއް އެކުދިންނަށް ރަނގަޅަށް ނޭނގެނީ ކަމަށްވެސް ވެދާނެއެވެ.

އޭނާގެ މަންމަގެ ރުއިމާއި ނުސިޔާނުކަން މައިތިރިކުރަން ޖެހުނީ ނިދާބޭހެއް ކާންދީގެންނެވެ. މަންމަގެ ހަޅޭއްލެވުން މައިތިވީ އެހިސާބުންނެވެ. ނަމަވެސް ނިދީގައި އޮތްއިރުވެސް އޭނާގެ މަންމައަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ދެފަރާތަށް ފުރޮޅިފުރޮޅިފައި، ކުރުގެޅިފައި އެތައް ގޮތަކަށް އުޅެމުންދިޔައެވެ.

މަޢުރީންގެ ބައްޕަ އިލްޔާސް ހުރީ ވަރަށް ބިރުގެންފައެވެ. މަޢުރީންގެ މައްސަލަގަނޑާއިމެދު މާ އާދައިގެ ގޮތަކަށް އިލްޔާސަށް ބެލެނީކަމަށް އިލްޔާސަށް ފުރަތަމަ ފަހަރަށް ހީވިއެވެ. މިހާރު ކަންތައް ގޮސްފައިވާ ހިސާބުން އޭނާ ކަންތައް ކުރަންވީ ގޮތަކާއިމެދު އަމިއްލަ ނަފުސާއި ސުވާލުކޮށްލެވުނެވެ.

ވެހިކަލްގެ ގޮނޑިތަކުގައި ތިބި އިލްޔާސްގެ ދަރިންތަކަށް ބަލައިލިއެވެ. ހުރިހައި ކުދިން ތިބީ ނިދިޖެހިފައެވެ. އެކުދިންނަށް މިއަދު ޖެހިފައިވާ ބިކަ ހާލާމެދު ފުރަތަމަ ފަހަރަށް ހިތުގައި ޖެހުނެވެ. ހިތުގެ އަޑިން ރޮވިއްޖެއެވެ. ހީވަނީ ހިތް ކުދިކުދިވެގެން ހިނގައިދާނެހެންނެވެ.

އޭނާގެ މުޅި ދުނިޔެ، ފުނޑުފުނޑުވެގެން ކުރިމައްޗަށް ފައިބަނީއޭ ހިތަށްއެރިއެވެ. މަޑުމަޑުންނެވެ.

****❀❀****

ދަރިންތައް ގެއަށްލާފައި އަނެއްކާވެސް އިލްޔާސް ދިޔައީ ހޮސްޕިޓަލަށެވެ. މަޢުރީންގެ ޑޮކްޓަރުގެ ފަރާތުން މަޢުރީންގެ ހާލަތު އޮޅުންފިލުވުމަށެވެ. ޑޮކުޓަރުންގެ މެޑިކަލް ބަހުރުވައިން ދެއްކި ވާހަކަތަކުން މަޢުރީންގެ ސިކުނޑީގެ ޙާލަތާމެދު ދޭހަވި އެއްޗެއް ދޭހަވުމުން، ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގެ ވޯޑެއްގައި ބާއްވާފައިއޮތް އޭނާގެ އަނބިމީހާގެ ހާލަތު ބަލައިލަން ގަސްދުކުރިއެވެ. ޑޮކްޓަރުން ބުނިގޮތުން މާދަމާ އޭނާ ދޫކޮށްލާނެއެވެ. އެންމެ ފަހުން މަޢުރީންގެ ހާލަތަށް އައި ބަދަލުތަކާއި އަނބިމީހާ ހާޖަރާއަށް ކުރިމަތިވެފައިވާ ކަންތަތައް ހާޖަރާ އާއި ހިއްސާކުރުމާމެދު ވިސްނައިލިއެވެ. އެވާހަކަ ބުނުމަކީވެސް ނުރައްކަލެވެ. އެކަމަކު ނުބުނެ ހުރެވޭކަށްވެސް ނެތެވެ. އޭނާގެ އެތެރެހަށި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ، ކޮންމެވެސް މީހަކަށް އޭނާގެ ހިތުގައި ފުނިޖެހެމުންދާ ހާސަރުތައް ހިއްސާކުރަންވެސް އޭނާ ބޭނުމެވެ. އޭނާގެ ހިތުގެ ހާލަތު ކިޔައިދޭން މިވަގުތު އެންމެ ރަނގަޅު މީހަކީ ޚުދު އޭނާގެ އަންހެނުންނެވެ. ހިތުގައި ކެކެމުންދާ އުދާސްތައް ހިއްސާކުރަން ކިތަންމެހައިވެސް ބޭނުމެވެ. ލޯބިވާ އަނބިމީހާއަށް ޖެހިފައިވާ ހާލަތާމެދު އޭނާ ބިރުގަނެއެވެ. އަނބިމީހާގެ އުނގުގައި ބޯއަޅާލައިގެން އޮވެ އިލްޔާސްގެ ހިތަށް ހަމަޖެހުން ހޯދަން ކިތަންމެހާވެސް ބޭނުނެވެ.

މި ހުވަފެނެއްފަދަ ކަންތައްގަނޑުން އޭނާ ހޭލަން ބޭނުމެވެ.

އޭނާގެ އަނބިމީހާގެ ސިއްޙީ ހާލަތު ކިޔައިދޭން ކިތަންމެ ބޭނުމަސް، ގެއަށް ދެވުމުން ނޫނީ އެވާހަކަތައް ހިއްސާކުރުން ރަނގަޅުނޫންކަމަށް ވިސްނުނެވެ.

 

ވޯޑަށް ވަދެވުނުއިރު، އިލްޔާސްގެ ހާޖަރާ އަށް އޮތީ ރޮވިފައެވެ. އެތަން ފެނިފައި އިލްޔާސްގެ ހިތުގައި ޖެހުނެވެ. އަނެއްކާ ކޮންމެވެސް މީހަކު އޭނާ ގާތުގައި ހުރިހައި ވާހަކަތަކެއް ކިޔައިދިނީ ނޫންބާއޭ ހިތަށްއެރިއެވެ.

މަޑުމަޑުން ގޮސް ހާޖަރާ އޮތް އެނދުގައި އިށީންނަމުން ހާޖަރާގެ ބޮލުގައި ފިރުމަން ފެށިއެވެ.

“ނުރޮއެ ކެތްކުރޭ… އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއްވެސް ރަނގަޅުވެދާނެ.” ހާޖަރާގެ ރުއިން ހުއްޓުވޭތޯ މަސައްކަތް ފަށަމުން އިލްޔާސް ބުންޏެވެ.

ނޯށް ދަމާލަަމުން އިލްޔާސާއި ދިމާއަށް ހާޖަރާ ބަލައިލިއެވެ. ތުރުތުރު އަޅައަޅައި އޮތް އަޑަކުން ވާހަކަދައްކަން ފެށިއެވެ.

“އަހަރެން ބޭނުން އިލްޔާސަށް އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހައި ވާހަކައެއް ކިޔައިދޭން.”

****❀❀****

މަރިޔަމް އިނީ އެންމެ ގާތް ރަހުމަތްތެރިޔާ އޮތް އެނދުގެ އަރިމަތީގައި އިށީންދެގެންނެވެ. ދެންވާނެ ގޮތަކާމެދު ފިކުރު ކުރުމުގައެވެ. ނަފުސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރު ދިނީ ބޭހެކެވެ. އެ ބޭސް ބޭނުންކުރުމުން މަޢުރީންގެ ހާލަތު ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ދެމުންނެވެ. ނަމަވެސް މަރިޔަމްގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ކުރެވެމުންދާ ހީއަކާއިމެދު ވިސްނެމުންދިޔައީ މާބޮޑަށެވެ. މިއީ ހަމައެކަނި ސިއްޙީ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ނޫންކަމަށް އޭނާގެ ސިކުނޑީގެ އެހިސާބުން ބުނެދެމުން ދަނީއެވެ. ޚާއްޞަކޮށް ކުރިން ދުވަހު އޭނާއާއި އިދުރީހަށް މަޢުރީން ކިޔައިދިން ވާހަކަތައް އަޑުއިވުނު ފަހުން މިކަންތައްގަނޑާއިމެދު އެހެން ގޮތަކަށް ވިސްނެމުންދިޔައީ ޔަޤީނާއި ގާތަށެވެ.

ކޮންމެ ގޮތެއްވިޔަސް، މިކަންތައް ގަނޑުގެ ތެރޭގައި ރޫހާނީ ކަމެއް އުޅުނަސް އަދި ނޫޅުނަސް، ރުޤްޔާ ހެދުމަކުން ލިބޭނެ ގެއްލުމެއްވެސް ނެތޭ މަރިޔަމްގެ ހިތަށްއެރި އެވެ. އިދުރީހަށް ގުޅައިގެން ގެނެސް މަޢުރީން އަށް ރުޤްޔާ ހެދުން ރަނގަޅުވާނެ ކަމަށް އެންމެފަހުން ވިސްނުނެވެ.

އިދުރީސްގެ ނަންބަރަށް ގުޅައި، ފޯނަށް ޖަވާބު ލިބެންދެން މަޑުކޮށްގެން އިންދާ އޭނާގެ ފުރަގަހުން މީހެއްގެ އަޑު އިވިއްޖެއެވެ.

“އަހަރެންގެ ވައިފަށް ކިހެނެތްވީ؟”

އަޑު އައިދިމާއަށް ބަލައިލިއިރު ފެނުނީ ދޮރުމަތީގައި ޝާއިލް ހުއްޓައެވެ.

****❀❀****

އަނބިމީހާގެ އަނގައިން ބޭރުވަމުން އައި ބަސްތައް ޤަބޫލުކުރަން ދަތިވެފައި އިލްޔާސަށް އިނދެވުނީއެވެ.

“ފަހަރެއްގައި ވެދާނެ މަޢުރީން އަކީ އިލްޔާސް ގެ ދަރިއެއް ނޫންކަމަށްވެސް…..” ކިތަންމެ އުނދަގުލުން ނަމަވެސް ހާޖަރާގެ އަނގައިން ބޭރުކޮށްލި އެ ޖުމްލަ އިލްޔާސްގެ ސިކުނޑިތެރޭގައި ގުގުމަމުން ދިޔައީ ޑަނޑޫރާއެއްގައި މުގުރުން ޖެހުމުން އޭގެ ޒީލަގަދަ އަޑު ގުގުމަމުންދާ ބީދައިންނެވެ.

ބުނެލަން ކިހާ ފަސޭހަ ވާހަކައެއް ހެއްޔެވެ؟

އެކަމަކު އެބުނި ޖުމްލައިގައި ހުރި ވިހަކަމާއި ސުންޕާކަމުގެ ހައްދެއްވެސް ނެތޭ އިލްޔާސްގެ ހިތާހިތުން ކިޔައިލެވުނެވެ.

ކަރުނައަޅައި ރޮމުން ދިޔަ ހާޖަރާއާއި ދިމާއަށް މަންމަނެއް ފަދައިން ބަލަހައްޓައިގެން އިލްޔާސަށް އިނދެވުނީއެވެ. އިވެމުންދިޔައީ މީގެ އިރުކޮޅެއް ކުރިން އޭނާގެ އަންހެނުން ބުނި ޖުމްލައެވެ. އަދި އޭގެ ފަހުން ހާޖަރާ ކިޔައިދިން ވާހަކަތަކެވެ.

****❀❀****

ފަންސަވީސް އަހަރު ކުރިން

ހާޖަރާގެ އަތަށް އަލިބެއްޔާ ދިން އެތި ފެނިފައި ހާޖަރާ އިނީ ބިރުންނެވެ. އެއީ ހުދުކުލައިގެ އޮށެއް ކަހަލަ އެއްޗެކެވެ. ދީފާއި ބުނީ ނުވެސް ހަފައި، އަނގަޔަށް ލައި ދިރުވައިލުމަށެވެ. ވަރަށް މަސައްކަތުން އެ އޮށް ދިރުވައިލުމަށް މަސައްކަތް ފެށިއެވެ. އަރުތެރެއިން ދިރުވައިލުމަށް އުނދަގޫވެގެން އޯކަށް ދެމިދެމި އިންދާ އަލިބެއްޔާ ވާހަކަދައްކަން ފެށިއެވެ.

“ހަނދާންކުރާތި، މިރޭ 12 ޖެހުމުގެ ކުރިން ކަލޭ ޖެހޭނެ އަނބިފިރިކަމުގެ ގުޅުން ހިންގަން، އެ ހެޔޮ ކަލޭގެ ފިރިމީހާއާ އެކުގަ ނުވެއްޖެއްޔާ އެހެން މީހަކާއެކުގަ ނަމަވެސް ކަލޭ ޖެހޭނެ އެފަދަ ގުޅުމެއް ހިންގަން. އެކަން ނުކޮށްފިއްޔާ، ދެންމެ ކަލޭ ތިޔަ ދިރުވައިލި އެތީގެ ތުރާތައް ކަލެއަށް ކުރަން ފަށާނެ…. ބޮޑުކަމު ދެވެމުން ދެވެމުން ގޮސް ކަލޭގެ އެތެރެހަށީގެ ގުނަވަންތައްވެސް ފައިބަން ފަށާނެ…. އެންމެ ފަހުން ކަލޭގެ މަރު-!” އެހިސާބަށް ބުނެފައި އަލިބެއްޔާ ޤަސްދުގައި ހުއްޓައިލިއެވެ.

އަލިބެއްޔާ ބުނި ޖުމްލަ ނިމުމާއެކު ހާޖަރާގެ އަނގަ ތަންމިނަށް ހުޅުވިއްޖެ އެވެ. ބޭއިޚްތިޔާރުގައި އަނގައިން އަޑެއް ލައްވައިލެވުނެވެ. އަލިބެއްޔާ އެ ދިން އޮށެއް ދިނުމުގެ ކުރިން މިފަދަ އެއްވެސް ވާހަކައެއް ނުބުނެއެވެ. އަނެއްކޮޅުން އޭރު ދިހަގަޑި ބައިވެ ބޮޑުވެސް ވެއްޖެއެވެ. އިސާހިތަކުން ބާރަވެސް ޖަހާފާނެ އެވެ. އަލިބެއްޔާ އެބުނިގޮތުން ސުންގަޑި ހަމަވުމުގެ ކުރިން ގެއަށް ދާންވެސް އެބަ ޖެހެއެވެ.

ދެވުނު އެންމެ އަވަހަކަށް ގެއަށްގޮސް، އިލްޔާސްގެ ނަންބަރަށް ގުޅޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް ގުޅާގުޅާ ފޯނަށް ޖަވާބެއް ނުދިނެވެ. ވީ ފޫހިންނާއި ހާސްކަމުގެ ތެރޭގައި ކަރުތެރެއިން ޒާތެއްގެ އަޑެއް ނެރެ ހަޅޭއްލަވައިގަނެވުނީ ޖެހިގެން ހުރިގޭ މީހުން ހޭލާތިބިނަމަ، އަޑު އިވޭނެހައިވެސް ބާރަށެވެ. އިރުއިރުކޮޅުން ފިރިމީހާގެ ނަންބަރަށް ޑައިލްކޮށްލަމުން ގަޑިއަށް ބަލައިލައެވެ. މިހާރު އެގާރަވެސް ޖަހައިފި އެވެ. ފޮނުވިހައި އެސްއެމްއެސް ތަކަށްވެސް އެއްވެސް ޖަވާބެއް ނުލިބެއެވެ.

‘ކޮންތާކަށް ވަދެތަ މިގަޑީގަ….. ފޯނަށް ޖަވާބުދޭން އެންމެ ރަނގަޅެއްނޫންތަ އަޅެ!’ ދަތްކުނޑި ވިކައިލަމުން ހިތާހިތާ ކިޔައިލެވުނެވެ.

ގަޑިން އެގާރަގަޑި ފަނަރަ ވެއްޖެ އެވެ. ދެކޮޅަށް ހިނގަމުން، ދެލޯ މުދުނަށް ނަގައިގެން ހުރެ ފިރިމީހާއަށް ގުޅޭތޯ ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް ނާދެއެވެ. ނަމަވެސް ގުޅޭގޮތެއް ނުވިއެވެ. ގޭގައި އޭނާ ހުރީ އެކަންޏެވެ. ފިރިމީހާ ގެއަށް ނައިސްފިނަމަ މިރޭ އޭނާ މަރުވެސް ވެދާނެއެވެ.

‘އެހެން އަންހެނުންނެކޭ އެއްގޮތަށް އަހަރެންވެސް ބޭނުމޭ ދަރިއެއް!’ އަމިއްލަ ނަފުސާ މުޚާޠަބުކޮށް ހާޖަރާ ބުންޏެވެ. އަލިބެއްޔާ ކައިރިއަށް ފަންޑިތައެއް ހައްދަން ދެވުނުކަމަށްޓަކައި އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

ގަޑީގެ ކަށި އޭގެ ވާޖިބު އަދާކުރުމުގައި އެންމެ ތަންފުކެއްވެސް ފަސްނުޖެހެއެވެ. ދެކޮޅަށް ހިނގާހިނގާ ވަރުބަލިވެގެން ސޯފާގައި އިށީންނުމާއެކު އަނެއްކާވެސް ތެދުވެއްޖެ އެވެ. ހަމަ ކުއްލިއަކަށް ގޮތެއް ނިންމައިގެންނެވެ. ވިސްނުމަށް އައީ އަލުން އަނބުރާ އަލިބެއްޔާގެ ގެއަށް ދިއުމަށެވެ. އޭނާ މަރުވާކަށް ބޭނުމެއް ނޫނެވެ. ފަހަރެއްގައި އަލިބެއްޔާގެ ފަރާތުން މިކަމުގެ އެހެން ހައްލެއް ހޯދިދާނެއެވެ. ގަޑިން ބާރަޖެހުމުގެ ކުރިންނެވެ. ފިރިމީހާއަށް ވީގޮތެއް މާދަމާ ހެނދުނުންވެސް ބެލިދާނެ އެވެ.

އެހެން ނޫނަސް، ކުރިމަތިވާން މިއުޅޭ ހުރިހައި ކަމެއް ކުރިމަތިވުމުގެ ސަބަބަކީ ވެސް ފިރިމީހާ އިލްޔާސްގެ ޚަބަރެއް ނުވުން ކަމަށް ހާޖަރާ ހިތާހިތާ ކިޔައިލިއެވެ.

****❀❀****

އަލިބެއްޔާގެ ކުރިމަތީގައި ކަކޫމައްޗަށް އިށީންދެގެން ހާޖަރާ އިނެވެ. ރޮމުން، ގިސްލަމުން އާދޭސްކުރަމުން ދިޔައީ ކޮންމެވެސް އެހެން ހައްލެއް ހޯދައިދިނުމަށެވެ. އޭނާ މަރުވާކަށް ބޭނުމެއް ނޫނެވެ. މިހާރުވެސް އޭނާގެ ބަނޑަށް އާދަޔާޚިލާފަށް ތަދުވާން ފަށައިފިއެވެ. އަލިބެއްޔާ ބުނި ކަންތައްގަނޑު ލައިގަންނަން އުޅޭކަމުގެ އަލާމާތެއް ނޫން އެހެން ދެވަނަ ކަމަކަށް އެކަން ވެދާނެހެއްޔެވެ؟ އެކަމަކު ގަޑިން ބާރަޖެހުމާމެދު އަދި ދިހަ މިނެޓް ބާކީވެސް އެބަ ހުއްޓެވެ.

ހާޖަރާ ގެ އާދޭސްތައް އަޑުއަހަން އިނދެފައި އެންމެފަހުން އަލިބެއްޔާ ވާހަކަދެއްކި އެވެ.

“އާނ.. ހާޖަރާއަށް އަހަރެން އެހީވެދޭނަން. ތީ ނުލާހިކު ރީތި އަންހެނެއް ވިއްޔަ!”

އެހެން ހައްލެއް އޮތްކަމަށް އަލިބެއްޔާ ބުނުމުން ހިތްހަމަޖެހުމެއް ހާޖަރާއަށް ލިބުނެވެ. އަލިބެއްޔާގެ ފަހަތުން ދިއުމަށް ބުންނެވެ. އަލިބެއްޔާ ހިނގަމުންދިޔަ އިރު އޭނާގެ ފަހަތުން ގޮސް ހާޖަރާ ވަނީ އަލިބެއްޔާގެ ކޮޓަރި ތެރެއިން ގޮސް ވަދެވެން ހުރި އެހެން ކޮޓަރިއަކަށެވެ.

****❀❀****

އަނެއްދުވަހު ހެނދުނު ގެއަށްދާން ހިނގަމުންދިޔަ މަގުމަތީގައިވެސް ހާޖަރާގެ ލޮލުން ފެން ނުހިކެއެވެ. ހިތާމައިގެ ކަރުނައެވެ. ކުށްވެރިކަމުގެ ކަރުނައެވެ. މެދުނުކެނޑި އޭނާގެ ފޯނަށް، ކޮންމެވެސް ނުދަންނަ ނަންބަރަކުން އެސްއެމްއެސް ތައް އޮހެމުން ދިޔަޔަސް އެކަމަށް މާބޮޑު ސަމާލުކަމެއްވެސް ނުދެވުނެވެ. ނަމަވެސް އެ މެސެޖު ތަކަކީ ރޭގައި ހާޖަރާގެ ފޯނު ނިއްވާލާފައި އޮތްއިރު، އިލްޔާސް ފޮނުވި މެސެޖު ތަކެއްކަން އެނގުމުން މެސެޖުތައް ކިޔަން ފެށިއެވެ.

އެސްއެމްއެސް ގައި އޮތީ އިލްޔާސަށް ރޭގައި ގެއަށް ނާދެވުނު ސަބަބު ބަޔާންކޮށް ލިޔެފައިވާ މެސެޖުތަކެކެވެ. އޮފީސް ދަތުރެއްގައި ރޭގައި ކުއްލިއަކަށް މާފުށްޓަށް ދާންޖެހުނު ވާހަކައައާއި އެރަށަށް ފައިބަނިކޮށް ދޯނިން ކައްސާލައިގެން ބަނދަރު ތެރެއަށް ވެއްޓުނު ވާހަކަ އާއި ފޯނު ހަލާކުވިވާހަކައާއި އޭނާއަށް އަނިޔާވެގެން ރޭގައި މާލެ ގެނެސް ހޮސްޕިޓަލުގައި ބޭއްވިވާހަކަ ވެސް ލިޔެފައި އޮތެވެ. ހޮސްޕިޓަލު މީހުން ކައިރީ ބުނެގެން ރޭގައި ގުޅަން އުޅެއުޅެ ހާޖަރާގެ ނަންބަރަށް ނުގުޅުނު ވާހަކައާއި މެސެޖެއްވެސް ނުކުރެވުނު ވާހަކަވެސް އޮތެވެ.

‘ޔާރައްބީ! އަހަރެން އިލްޔާސަށް ދައްކާނީ ކޮން މޫނެއް؟ މިއަށްވުރެން ރަނގަޅުވީސް އަހަރެން އަމިއްލައަށް މަރުވިނަމަވެސް.!!؟؟’

ކުއްލިއަކަށް އޭނާގެ ފިޔަވަޅުތަކު މިސްރާބު ބަދަލުކޮށްލިއެވެ. ހޮސްޕިޓަލާއި ދިމާއަށެވެ. ރޭގައި ކުރެވުނު މޮޔަ، ވިޔާނުދާ ކަންތަކާމެދު ވިސްނަމުންނެވެ.

ދަރިއަކު ހޯދުމަށް ބޭނުންވެފައި ހުރެވުނުލެއް ބޮޑުކަމުން، އަލިބެއްޔާ އާއި އެކުގައި އެއްދާން ކުރަން އެއްބަސް ވެވުނީއެވެ. އޭނާ މަރުވެދާނެ ކަމުގެ ބިރުވެސް އޮތީމައެވެ. ބާރަޖެހުމުގެ ވަގުތުވެސް ކުޑަތަންވަމުން ދިޔައީތީއެވެ. ނަމަވެސް މިއަދު އޭނާގެ ފިރިމީހާއާއި ކުރިމަތިލާނީވެސް ކިހިނަކުން ހެއްޔެވެ؟ ދައްކާނީ ފަހެ ކޮން މޫނެއް ހެއްޔެވެ؟ ރޭގައި ކުރެވުނު މުޑުދާރު އަމަލުން ބަލިވެއިނދެ ދަރިއަކު ލިބުމުން، އެދަރިފުޅު ގެންގުޅެވޭނީވެސް ކިހިނެއް ހެއްޔެވެ؟

‘މާތްﷲ އެންގެވި މަގުގައި ހުރެވުނު ނަމައެވެ. ކެތްތެރިވެވުނު ނަމައެވެ.’ ހާޖަރާގެ ހިތަށް އެރިއެވެ.

ކޮންމެ ގޮތެއްވިޔަސް މިއަދު އޭނާއަކީ ކުރީގެ ހާޖަރާއެއް ނޫނެވެ. އެ ނިޔަނެތިކަމާ، މައުސޫމުކަން ރޭގައި ގެއްލިއްޖެއެވެ. އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑެވިއްޖެއެވެ.

މުޅި ދިރިއުޅުން ހަލާކަށް ވައްޓައިލެވިއްޖެއެވެ.

****❀❀****

ނުނިމޭ

* ނޯޓް: މި ވާހަކަ އަދާހަމަކުރަމުން ގެންދާނީ ކޮންމެ ހަފުތާއަކު 2 ދުވަހު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.