ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ދިވެހިބަހުން ޕީއެޗްޑީ ނެގޭނެ މަގު ފަހިކޮށްފި އެވެ. ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ކޯސް ފެށުމަށް ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ގެޒެޓް ކޮށްފައިވާ އިޢުލާނެއްގައި ވަނީ ބުނެފައެވެ.

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު MNU-CA/RG/2018/75 އިޢުލާނުގައި ބުނެފައިވަނީ ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 އޮކްޓޫބަރު 2018 ވާ ބުދަ ދުވަހުގެ 13:00 އެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެކަމަށާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު ހޯއަދެވުމަށް އަލްފާޝިލް ޢާޞިމް ޢަބްދުއްސައްތާރު (ފޯން: 3345281، އީމެއިލް: [email protected]) ގުޅުމަށް ބުނެފައިވެއެވެ.

 
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ކޯހުގެ ތަޢާރަފް ގައި ބުނީ އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، އިޚްތިޔާރުކުރެވިދާނެ ކަމަށެވެ.
 
 މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް First language acquisition and development
 
 ދެވަނަބަހެއް ދަސްކުރުމާއި ތަރައްޤީވުން Second language acquisition and learning 
 
 ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސްބޭނުންކުރާގޮތް Bilingualism 
 
 ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުން Language Policy and Planning  
 
 ބަހުގެ ފެންވަރުބެލުން  Language Assessment
 
 ދިވެހިބަހުގެ ސްޓްރަކްޗަރ  Structure of Dhivehi Language
 
 ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުން Analysis of written, spoken and multimodal texts

 

ތިން އަހަރު ދުވަހުގެ މުއްދަތު ހިމެނޭ މިކޯހުގެ ޖާގަ ކަނޑައަޅާނީ ކުރިމަތިލާ ކެނޑިޑޭޓުން ހުށައަޅާ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު، ސުޕަވައިޒަރުންނާ ހަޔަރ ޑިގްރީސް ކޮމެޓީއިން ނިންމާ ގޮތެއްގެ މަތީން ކަމަށެވެ.

 

ކޯހަށް ވަނުމުގެ ޝަރުޠު ތަކަށް ބަލައިލާއިރު މައިގަނޑު ތިން ކަމެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން:-

 

1- އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުން. (Bachelor’s Degree with first class Honours) އަދި

 

2- ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. އަދި

 

3- ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.

 

 ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރަމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 ދިވެހިބަހުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

 ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.

http://mnu.edu.mv/wp-content/uploads/2016/10/Initial-PhD-Proposal-with-Application.-A-Sample.pdf

 

 ކޯހަށްވަނުމަށް އެދޭ ފޯމް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެއްވޭނެ އެވެ.

http://mnu.edu.mv/wp-content/uploads/2016/10/Application-Form_Revised-05-04-2018-1.pdf

 

 ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 10620.00 (ދިހަހާސް ހަސަތޭކަ ވިހި) ރުފިޔާ އެވެ. ފީ ތަކާ ބެހޭ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.

http://mnu.edu.mv/course-fees

 

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ވަނީ މިފަދަ ފުރުޞަތެއް ހުޅިވިގެން ދިއުމުން އެކަމުގެ އުފާފާޅުކުރައްވާފަ އެވެ.

 

“މި އުފާވެރި ފުރުސަތު ފަހިކޮށް ދެއްވިކަމަށް ޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓިގެ އިސްވެރީންނަށް ނުހަނު އުފަލާއި ލޯތްބާއެކު ތަހުނިޔާ ދަންނަވައި ޝުކުރު ދަންނަވަން. މިއީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފާގަތި ކުރިމަގަށް އުދަވި އައު އިރެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ.” އަޝްރަފް ޢަލީ ވިދާޅުވިއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.