އުރުދޫ ބަހަކީ ވަރަށް ރީތި، ބަލާޣާތްތެރި އަދި މުއްސަނދި ބަހެކެވެ. ދިވެހިންނާއި ގުޅިލާމެހިފައިވާ ބަހެކެވެ. މިބަހުން ވާހަކަދައްކާއިރު، ހިންދީ ބަހާއި މާބޮޑު ތަފާތެއް ނުހުރެއެވެ. އެހެންކަމުން، ހިންދީބަސް ދަންނަ މީހުންނަށް، އުރުދޫ ބަހުން ދައްކާ ވާހަކަ ފަހުމުވާނެ އެވެ. ނަމަވެސް ލިޔުމުގައި ބޭނުންކުރާ އަކުރަކީ މި ދެބަހުގައި މުޅިން ތަފާތު އަކުރުތަކެކެވެ. އުރުދޫ ބަހުގައި ހުންނަނީ ޢަރަބި އަކުރުތަކާއި ޢަރަބި އަކުރުތައް މޮޑިފައިކޮށްގެން އުފައްދާފައިވާ ބައެއް އަކުރުތަކެވެ. އުރުދޫ ލިޔުންތަކަކީ ދިވެހިންނާއި ބީރާއްޓެހި ލިޔުންތަކެއް ނޫނެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ހުރި އެތަކެއް ވާހަކަ ނާވިލު ތަކެއް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައި ވެއެވެ. މި ދެންނެވި ނާވިލު ތަކަކީ ދިވެހިންގެ ހިތްތަކުން ހަނދާން ފިލުވައިލަން ދަތި ނާވިލު ތަކެކެވެ.

 

އެގޮތުން އުރުދޫ ލިޔުންތެރިންގެ ތެރެއިން ރަޒިއްޔާ ބަޓް ގެ ނަމަކީ ފާހަގަކޮށްލެވޭ ނަމެކެވެ. ޢާއްމުކޮށް މިކަން އެނގިފައި ނެތްނަމަވެސް، ދިވެހިބަހަށް ތަރުޖަމާކޮށްފައިވާ ބައެއް މަޝްހޫރު ވާހަކަ ނާވިލު ތަކަށް ބަލައިލާއިރު، ޒަޚަމް، ފޮނިކަރުނަ، ޝައްބޫ ފަދަ ވާހަކަ ފޮތްތައް ފާހަގަކޮށްލެވެއެވެ. އަލްމަރްހޫމާ ސަމީމާ ޔަހްޔާ ތަރުޖަމާ ކުރައްވާފައި ގިނަ ފޮތްތަކަކީ ރަޒިއްޔާ ބަޓްގެ ވާހަކަތައް ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންކަމުން އުރުދޫ ލިޔުންތެރިންގެ ތެރެއިން ރަޒިއްޔާ ބަޓްގެ މަޢުލޫމާތުކޮޅެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނަމެވެ.

 

އަލްމަރްހޫމާ ރަޒިއްޔާ ބަޓް رضیہ بٹ 

ރަޒިއްޔާ ބަޓް އަކީ ޕާކިސްތާނަށް އުފަން، އުރުދޫ ނާވިލެކެވެ. ޑްރާމާ އާއި ފިލްމުތަކަށް ލިޔުއްވި ލިޔުންތެރިއެކެވެ. އޭނާގެ ނާވިލުތައް ޢާއްމުގޮތެއްގައި ބިނާކޮށްފައި ހުންނަނީ ބާރުގަދަ އަންހެން ސަޚްޞިއްޔަތުތައް ހިމެނޭ ގޮތަށެވެ. އޭނާގެ ނާވިލުތަކަށް ފިލްމާއި ޓީވީ ޑްރާމާތައް ވަނީ ކުޅެފައެވެ.

 

ފަސްމަންޒަރު

ރަޒިއްޔާ ބަޓް އުފަންވީ ޕާކިސްތާނުގެ ވަޒީރުއާބާދުގައި 19 މެއި 1924 ވަނަ އަހަރުއެވެ. ޅައިރުގެ ދުވަސްތައް ހޭދަކުރެއްވީ ޕެޝާވަރް ގައެވެ.

 

ލިޔުންތެރިކަން

ރަޒިއްޔާ ބަޓްގެ ނަން ލިޔުމަކުން އެންމެ ފުރަތަމަ ފެނިފައިވަނީ އޭނާގެ ފުރާވަރުގައި 1940 ގައެވެ. އަލަށް ލިޔުނު އަދި އެންމެ ފުރަތަމަ ޗާޕްކުރެވުނު ވާހަކަ ނާވިލަކީ ‘ނާއިލާ’ އެވެ.

 

ކައިވެނި ކުރެއްވީ 1946 ގައެވެ. ލިޔުމާއި ދުރުގައި ދުވަސްކޮޅަކު ހުރުމަށްފަހު އަލުން ލިޔުއްވަން ފެއްޓެވީ 1950 ގައެވެ. އޭނާ ވަނީ 51 ނާވިލާއި 350 ކުރުވާހަކަ ލިޔެފައެވެ. މީގެ އިތުރުން ރޭޑިއޯ ޑްރާމާވެސް އޭނާ ލިޔުއްވިއެވެ. ފާހަގަކޮށްލެވޭ ބައެއް ނާވިލުގެ ތެރޭގައި ‘ޞާޢިޤާ’ އަދި ‘ނާއިލާ’ އަކީ ބޮޑު ސްކްރީން ފިލްމު ތައްޔާރުކޮށްފައިވާ ދެ ވާހަކަ އެވެ. ހަމަ އެހެންމެ ‘ނޫރީނާ’، ‘ނާޖިއާ’، ‘ޞާޢިޤާ’ އަދި ‘ބާނޯ’ އަށް ވަނީ ޓީވީ ސިލްސިލާ ޑްރާމާ ތައްޔާރުކޮށްފަ އެވެ.

 

އެތަކެއް ޖީލުތަކެއްގެ ކިޔުންތެރިންގެ އެންމެ މަޤުބޫލު ލިޔުންތެރިއެއްގެ ގޮތުން ފާހަގަކޮށްލެވޭ ރަޒިއްޔާ ބަޓް ވަނީ އޭނާގެ އޮޓޯބައޯގްރަފީ އެއް، ‘ބިޗާރޭ ލަމްހޭ’ ގެ ނަމުގައި ލިޔުއްވާފަ އެވެ.

 

ނިޔާވުން

ރަޒިއްޔާ ބަޓް ނިޔާވީ ވަރަށްގިނަ ދުވަހު ބަލިވެ އުޅުއްވުމަށްފަހު، ޕާކިސްތާނުގެ ލާހޯރުގައި 04 އޮކްޓޯބަރ 2012 ގައެވެ.

 

ނާވިލު ތައް

އާދީ ކަހާނީ (ބައިކުޅަބައި ވާހަކަ)

އާގް (އަލިފާން)

އާއިނާ (ލޯގަނޑު)

އަނީލާ

ބާނޯ (ދާސްތާން ގެ ނަމުގައި ޕާކިސްތާނު ޓީވީ ޑްރާމާ ސިލްސިލާއެއް ވަނީ ކުޅެފައި)

ބީނާ

ޗާހަތު (އެދުން/ ބޭނުންވުން)

ޑާރލިންގ (ސިންދިތާ)

ފާސްލޭ (ދުރުކަން)

މެއިނ ކޯން ހޫނ (އަހަންނަކީ ކާކު؟)

ނާއިލާ

ނާޖިއާ

ނަސޫރު

ނޫރީނާ

ރީޓާ

ރޫޕް

ސަބީން

ޞާޢިޤާ

ސަމީނާ

ސަވަނެހް

ޝައްބޫ

ޒިންދަގީ (ދިރިއުޅުން)

އަންމާ (މަންމަ) – (ހަމަ މިނަމުގައި ޕާކިސްތާނު ޓީވީ ޑްރާމާ ސިލްސިލާއެއް ވަނީ ކުޅެފައި)

މެހްރޫ

ޒާރީ

 

އެހެނިހެން ލިޔުންތައް

ބިޗާރޭ ލަމްހޭ (އޮޓޯބައޯގްރަފީ އެއް)

 

ޓީވީ ޑްރާމާ ހަދާފައިވާ ނާވިލުތައް

އަންމާ (މަންމަ) – (ހަމަ މިނަމުގައި ޕާކިސްތާނު ޓީވީ ޑްރާމާ ސިލްސިލާއެއް ވަނީ ކުޅެފައި)

ބާނޯ  – ހަމް ޓީވީ 2010 (ދާސްތާން ގެ ނަމުގައި ޕާކިސްތާނު ޓީވީ ޑްރާމާ ސިލްސިލާއެއް ވަނީ ކުޅެފައި)

ނާއިލާ

ނޫރީނާ – ޕާކިސްތާނު ޓީވީ 1995)

ޞާޢިޤާ – ހަމް ޓީވީ 2009

 

ފީޗާ ފިލްމުތައް ހަދާފައިވާ ވާހަކަތައް

ނާއިލާ (1965)

ޞާޢިޤާ (1968)

އަނީލާ (1969)

ނޫރީނާ (1970)

މޮހައްބަތު (1972)

ޚާލިޞް (1972)

ޕަޔާސާ (1973)

މޮހައްބަތު ހޯ ތޯ އެއިސީ (1989)

ގުލާބޯ (2008)

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.