މިދިޔަ އަހަރު “ނޭދެން ވަކިވާކަށް” ގެނެސް ދިން ޑައިރެކްޓަރު/ޕްރޮޑިއުސަރު މުހައްމަދު (މާއެނބޫ) ތައްޔަރުކުރާ ބިރުވެރި ފިލްމު “ކާކު؟”ގެ ޝޫޓިން ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.

“ކާކު؟” ގެ ޝޫޓިން ފެށީ މި މަހުގެ 26 ވަނަ ދުވަހު އެވެ. ފިލްމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މާއެބޫ ބުނެއެވެ. މަހުދީ އަހުމަދުގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމުގެ ވާހަކަ ލިޔުނީ މާއެނބޫ އެވެ.

“ކާކު؟” ގެ ކާސްޓަށް ބަލައިލާއިރު، ފިލްމު “އެ ދަތުރު” އާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އާއި މާއެނބޫ މީގެ ކުރިން ގެނެސް ދިން ފިލްމެއް ކަމަށްވާ “ހިތް ވިންދާ ނުލާ” ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން އަލަށް ތައާރަފުވާ ޔާސިރާ އާއި އިރްފާނާ އިބްރާހީމް (އިރޫ) ހިމެނެވެ. އިރުފާނާ އަކީ އަންނަ އަހަރު ރިލީޒް ކުރާ “ފޯޓީ ޕްލަސް” އާއި ވީ މީޑިއާ އިން ހަދާ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު” ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ.

“ކާކު؟” ގެ ވަރަށް ހާއްސަ ރޯލަކުން ‘އެއްގާގަނޑުން ޖަހައި ދެދޫނީ މަރައިލާ’ ހާމިދު އަލީ ވެސް ފެނިގެން ދާނެ އެވެ. މައިގަނޑު ކާސްޓުންގެ އިތުރަށް ކުޅުުއްފުށީ ބައެއް މީހުންވެސް ފިލްމުގައި ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެ އެވެ.

ވިއްސަކަށް ދުވަހުގެ ތެރޭގައި ޝޫޓިންގ ނިންމުމަށް މަސައްކަތް ފަށާފައިވާ “ކާކު؟” ގެ ހުރިހައި މަސައްކަތެއް ނިންމައި އަންނަ އަހަރު ބެލުންތެރިންނާއި ހަމައަށް ފިލްމު ގެންނާނެކަމަށް ފިލްމު އުފައްދާ ފަރާތުން ހާމަކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.