ސާފުކުރުމަކީ އަހަރެމެން އާދަކޮށް ކުރަން ޖެހޭ ކަމެއްކަމުގައި ވިޔަސް ފޫހި މަސައްކަތެއް ކަމުގައި އޮންނަނީ ބެލެވިފައެވެ. އެކަން ކުރާނީ ކޮންމެވެސް ގޮތަކުން މަޖްބޫރު ވެގެންނެވެ. ޓީވީ ބަލަން ނުވަތަ ކުޅެންދާން މަންމަ ހުއްދަ ނުދީފާނެތީއެވެ. ކޮންމެއަކަސް ޖަޕާނުގައި އެކުއްޖެއްގެ ކްލާސްރޫމް ސާފުކުރުމަކީ އެކުދިންގެ ކިޔެވުމުގެ ބައެއް ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ފުރަތަމަ ގްރޭޑްގެ ދަރިވަރުންވެސް ކްލާސް ސާފުކޮށް ބަލަހައްޓައި ކްލާސް ކުދިންނަށް ކާންހަދައިދީ ހަދައެވެ.

މިއީ ސަރުކާރުން ހަމަޖައްސާފައިވާ ކަމެއްކަމުގައި ނުވިޔަސް ކޮންމެ ސްކޫލަކުންވެސް ކުދި ތަފާތު ތަކަކާއެކުގައި ނަމަވެސް މިކަން ކުރެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ދަރިވަރުންނަށްވެސް ޖަޕާންގައި މިގޮތަށް ކަންކުރާކަން އަނިމޭ (ޖަޕާން ކާޓޫން) އިންވަނީ އެނގިފައެވެ.

ހުޅަނގުގެ ގައުމުތަކުގައި މިކަމަކީ ކުޑަކުދިންލައްވާ ކުރުވައިގެން ނުވާނެ ކަމެއްކަމުގައި ދުއްޓަސް އިރުމަތީގެ ސަގާފަތުގައި މިކަމަކީ ވަށާޖެހޭ ތައުލީމުގެ ބައެއްކަމުގައި ދެކެއެވެ. އަދި މިކަމަކީ އެކުދިން ބޮޑެތިވެ، ޒިންމާދާރު ރައްޔިތުންނަށް ވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައިވެސް ދެކެއެވެ.

ސާފުކުރުމުގެ މިއާދަ ދަމަހައްޓަން ޖަޕާނުން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ މަގްސަދު ވަރަށް ސާފެވެ. އެމީހަކު އުޅޭތަނެއް ސާފުކޮށް ބޭއްވުމަކީ އެމީހެއްގެ ޒިންމާއަކަށް ވާންޖެހޭނެއެވެ.

މިކަމުން ސާފުކުރުމުގެ މުހިންމުކަން ދަސްކުރަން އެހީތެރިވެދެއެވެ. އެއީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަދި ތަޖުރިބާ ކުރެވިފައި ނުވާކަމެކެވެ. ކްލާސްތެރެ ސާފުކޮށް ބޭއްވުމަކީ ފަރުދީ ޒިންމާއެއްކަން ގަބޫލުކުރެވޭނަމަ ކްލާސްތެރެއަށް ކުނިއަޅަން ޖެހިލުންވާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ނުސާފު ތަންތަނުގައި އުޅޭ މީހުންނަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ހަށިގަނޑު ސާފުކޮށް ބެހެއްޓުމަކީ ސިކުނޑިއަށް ހަމަޖެހުން ލިއްބައިދޭ ކަމެކެވެ.

ޖަޕާނު ސްކޫލުތަކުގެ ކުލާސްތައް ދަަރިވަރުން ފޮޅަނީ

ސާފުކުރުމުގެ މަސައްކަތަކީ ދަށްކަމެއް ކަމުގައި ދެކޭ މުޖުތަމަޢުތަކަށް، ކްލާސްރޫމް ސާފުކުރުމުގެ ޕްރޮގްރާމެއް ތައާރަފްކޮށް ހިންގުންވަނީ ދަތިކަމަކަށް ވެފައެވެ. ނަމަވެސް މިކަން ތައާރަފްކުރާ ސްކޫލްތައް އަންނަނީ ގިނަވަމުންނެވެ.

ޖަޕާނުގެ ސްކޫލްތަކުގައި އެކުދިންގެ ކްލާސްތައް ކުނިކަހާ މޮޕްކޮށް ހަދަނީ ދަރިވަރުންނެވެ. ސިޑި ސާފުކޮށް، ކުޑަދޮރުތަކާއި ދޮރުތައް ފޮހެހަދައެވެ. އަދި ގިނަ ސްކޫލްތަކުގައި ފާޚާނާ ސާފުކުރަނީވެސް ދަރިވަރުންނެވެ. ނަމަވެސް ދަށު ގްރޭޑްތަކުގެ ދަރިވަރުންނަށް ފާޚާނާ ސާފުކުރާކަށް ނުޖެހެއެވެ. މިކަން ކުރަނީ މަތީ ގްރޭޑް ތަކުގެ ދަރިވަރުންނެވެ.

މީގެ އިތުރުން އެކުދިން ދަރިވަރުންނަށް ކާންހަދާ، ކައިނިމުމުން ތަންސާފުކޮށް ހަދައެވެ. ގިނަ ސްކޫލްތަކުގައި ސާފުކުރާކަށް މުވައްޒަފުންނެއް ނުތިބެއެވެ. ތިބެނީ މަރާމާތުކުރާ މުވައްޒަފުން ކޮޅެކެވެ.

ތަންސާފުކޮށް ބޭއްވުމަށްޓަކައި ދަރިވަރުން ގޭތެރޭގައި އަރާކަހަލަ ފޮތިފައިވާން ބޭނުންކުރެއެވެ. ބޭރުގެ ކިލާތައް އެތެރެއަށް ވަނަނުދިނުމަށެވެ. ސާފުކުރަން ބޭނުންވާ ފޮތި އާދަކޮށް ގެންނަނީވެސް އެދަރިވަރެއްގެ ގޭންނެވެ

ސާފުކުރުމުގެ މަސައްކަތް އޮންނަނީ ވަކި އިންތިޒާމެއްގެދަށުން ރާވާލާފައެވެ. މިކަމަށް ޓީޗަރުންގެ އެހީތެރިކަން ލިބެއެވެ. މަސައްކަތްތައް ހުންނަނީ ކޮންމެ ކުއްޖަކަށްވެސް އެއްވަރަކަށް މަސައްކަތް ކުރަންޖެހޭނެހެން ހަމަހަމަ އަށް ބަހާލާފައެވެ. ފާޚާނާ ސާފުކުރުން އެއްކުޖަކަށް ގިނައިން ނުޖެހޭގޮތަށެވެ.

ވެށި ސާފުތާހިރުކޮށް ބާއްވަން ޅައުމުރުގައި މިގޮތަށް ހިތްވަރުދިނުމުން އެކުދިން ބޮޑުވާއިރު ތިބޭނީ ވެއްޓަށް އިހްތިރާމް ކުރަން އޮޓޮމެޓިކުން “ޕްރޮގްރާމް” ވެފައެވެ.  މިފަދަ ކުދިން އެކުދިންގެ މުޖުތަމަޢުގެ ކޮންމެ މައްސަލައަކީ އަމިއްލަ ކަމެއްކަމުގައި ދެކި އެކަމެއް ރަނގަޅުކުރަން މަސައްކަތް ކުރާނެއެވެ. ސްކޫލް ސާފުކުރުމަކީ ސްކޫލްގެ ޒިންމާއެއް ނޫނެވެ އެއީ ދަރިވަރުންގެ ޒިންމާއެކެވެ.

ޖަޕާންގައި އަމަލުކުރަމުން އަންނަ “ގައްކޯ ސޯޖި” ގެ ސަބަބުން ސާފުތާހިރުކަމަކީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކެއެވެ. މިއާދައަކީ ބަދަލު ކުރެވޭނެ އާދައެއް ނޫނެވެ. މީގެ ސަބަބުން ދަރިވަރުންގެ ވިސްނުމުގައި އެއްވެސް ކަމަކީ، ފާޚާނާ ސާފުކުރުން ކަމުގައިވިޔަސް ހަޑިމަސައްކަތެއް ކަމުގައެއް ނުދެކެއެވެ.

މިކަން އާދަވެފައިވާތީ އެކުގައި މަސައްކަތްކުރުމުގެ ރޫހު އުފެދި ވަކި ގަޑިއަކަށް މަސައްކަތް ނިންމާލުމުގެ ހިތްވަރުލިބި، އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ރީތި އާދަ އަށަގަނެއެވެ. މިފަދަކުދިން ބޮޑެތިވެގެން ކޮންމެކަމެއްވެސް ކުރިއަށްވުރެ ރަނގަޅަށް ކުރެވޭނެ ގޮތްގޮތް ހޯދާނެއެވެ.

ޖަޕާންގައި ބައިސްކަލު ތަޅުނުލާ ބެހެއްޓިޔަސް ނުގެއްލޭނެކަމުގެ ޔަގީންކަން އޮންނާނެއެވެ. ކާރޫބާރޫ ބޮޑު ވިޔަފާރި މަރުކަޒެއްގައި މޯބައިލްފޯނު ނުވަތަ ލެޕްޓޮޕް ތަނެއްގައި ބާއްވާފައި ދުރަށްދެވުންސް އަންނައިރު ހަމަ ބޭއްވިތަނުގައި އޮންނާނެއެވެ.

އިހްތިރާމާއި ޒިންމާދާރުކަން އަށަގެންނެވުމަށްޓަކައި ޖަޕާނުގެ ރައްޔިތުން އެންމެ ކުޑައިރުއްސުރެ އެކުދިންގެ ސިކުނޑިތައް މުޑުވައްކުރަން ފަށައެވެ. މުޖުތަމަޢުގެ ގަދަރުވެރި ރައްޔިތުންނަށް ހެދުމަށްޓަކައެވެ.

ޔުނެސްކޯއިން ތައްޔާރުކޮށްފައިވާ، ޖަޕާންގެ އެލެމެންޓަރީ ކްލާސްރޫމެއްގެ މި ވީޑިއޯ ބައްލަވާލައްވާ!

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.