ކޮމެޑީ ފިލްމު މާމުއިގެ ޝޫޓިން ނިމިފައިވާކަމަށް ޑާކްރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ އަދި މާމުއިގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ ބުނެފިއެވެ.

 

އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ‘މާމުއި” އާބެހޭގޮތުން މިއަދު މުނިއަވަސް އަށް މަޢުލޫމާތު ދެމުން  މޮގާ ބުނީ ފިލްމުގެ ޕްރިންސިޕަލް ފޮޓޯގްރަފީ ނިންމާލެވިފައިވާއިރު ޝޫޓިން ކުރިއަށްދިޔަ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފިލްމުގައި ހަރަކާތްތެރިވެފައިވާ ހުރިހާ ތަރިންގެ މަސައްކަތާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް މޮގާ ބުންޏެވެ.

 

ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ކޮމެޑީ ފިލްމުގައި ބޮޑު ކާސްޓެއް ހަރަކާތްތެރިވެއެވެ. އެހެންކަމުން ރަށުގައި ބައެއް ތަރިންނަށް ތިބެވޭގޮތް ނުވުންފަދަ ބައެއް ކުދިކުދި ކަންކަން ދިމާވުމުގެ ސަބަބުން ފިލްމުގެ 2 ލަވަ ޝޫޓް ނުކުރެވި އޮތްކަން މޮގާ ފާހަގަކުރިއެވެ.

 

މާމުއި ގެ އެޑިޓިންގެ މަސައްކަތް ވެސް ނިމި ޑަބިންގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ވެސް މޮގާ ބުންޏެވެ.

 

މާމުއި އަކީ ތަފާތު ފިލްމަކަށް ވާނެކަން ފާހަގަ ކުރަމުން މޮގާ ބުނީ ރާއްޖޭގެ އެހެން އެއްވެސް ފިލްމެއްގައި ޝޫޓް ކޮށްފައި ނުވާފަދަ ލޮކޭޝަން ތަކުގައި މި ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވާކަމަށެވެ. އެގޮތުން ތިލަފުށީގައި އޮތް ކާގޯ ބޯޓެއްގައި ޝޫޓްކޮށްފައިވާއިރު، ފިލްމުގެ މުހިންމު މަންޒަރުތަކެއް ޕްރައިވެޓް ޖެޓެއްގައާއި އަގުބޮޑު ޔޮޓެއްގައި ނަގާފައިވާނެކަން ފާހަގަކުރިއެވެ.

 

ފިލްމާމެދު މޮގާ ބުނީ، “އެއްފަހަރު ބަލައިފި ނަމަ އަނެއް ފަހަރު ވެސް ބަލާ ހިތްވާނެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް އެކުލެވިގެންވާނެ،” ކަމަށެވެ.

 

އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ ލިޔެ ޢަލީ ޝިފާޢު ޑައިރެކްޓްވެސް ކުރަމުން އަންނަ “މާމުއި ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް، ނުޒުހަތު (ނުޒޫ) ޝުއައިބް، އިބްރާހީމް (ފުބޫ) ޝާފިއު، އިސްމާއިލް (ޖުމާ) ޖުމައިހް، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް (ރެކްސް) ރިޒްވީ، އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.

 

މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަޙްމަދު ސަޢީދުގެ އިތުރުން އަލީ ޝަޒްލީމް އެވެ.

 

މީގެ އިތުރުން މާމުއި ގެ ކާސްޓުންގެ ތެރޭގައި ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.