ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އެކި ދުވަސްވަރު އެކި ބަދަލުތައް އަަބަދުވެސް ގެންނަމުން އާދެއެވެ. ޤައުމީ މަންހަޖަށް ބޮޑުބަދަލެއް ގެނެސް، އެ މަންހަޖު ތަންފީޒުކުރަމުން މިއަދު އަންނައިރު، ސިވިކް އެޑިއުކޭޝަން ނުވަތަ މަދަނީ ތައުލީމާއި ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުން ތައާރަފުކޮށް ސްކޫލްތަކުގައި އެކަމަށް ޚާއްޞަ ގަޑިއެއް ހަމަޖައްސާފައި ވެއެވެ. މިއީ ދަރިވަރުންގެ އިސްލާމީ ޢަޤީދާ ވަރުގަދަކޮށް އަޚްލާޤް ރަނގަޅު ކުރުމަށް ތަޢާރަފުކޮށްފައިވާ ސިޔާސަތެކެވެ. ދިރިއުޅުމަށް ބޭނުންވާނެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ތަޢާރަފުކޮށްފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ސަބަބުން ދަރިވަރުން އެކުވެރިކަމާއެކީ ސުކޫލް މާހައުލުގައި އުޅުމަށާއި އެމީހުނަށް ބޭނުންވާ ހުނަރުތައް ސުކޫލު މާހައުލުން އުނގެނި ދަސްކުރެވޭނެކަމަށް މި ސިޔާސަތު އެކުލަވާލާފައިވާއިރު އޭގެ މަޤްޞަދުގެ ގޮތުގައި ބަޔާންކޮށްފައި ވެއެވެ.

ސިވިކް އެޑިއުކޭޝަން ނުވަތަ މަދަނީ ތައުލީމް ދިނުގެ ސިޔާސަތާއި ‘ލައިފް ސްކިލްސް’ ނުވަތަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ސިޔާސަތު ކިތަންމެ ރީއްޗަށް، ކިތަންމެ ފަށުވިކޮށް ކަރުދާހުގައި ލިޔެވިފައި އޮތަސް، މި ސިޔާސަތުގެ މަޤްޞަދު އެންމެ އެދެވޭ ގޮތެއްގައި ޙާޞިލްވަމުން ދޭތޯ މިއީ އުފެދޭ ސުވާލެކެވެ. އެހެންކަމުން ލިޔެ އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް މިހާރަށްވުރެން ބޮޑަށް ކަމާބެހޭ ދާއިރާތަކުން ވިސްނަންޖެހިފައިވާކަމަށް ޤަބޫލުކުރެވެއެވެ.

‘ލައިފް ސްކިލްސް’ ނުވަތަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ޖަޕާނުގެ ސްކޫލްތަކުގައި ވަރަށް ކާމިޔާބު ހަރަކާތްތަކެއް ހިންގަމުން ގެންދެއެވެ. ޖަޕާނުން ކުރިއަށްގެންދާ މި ޕްރޮގްރާމާއި ބެހޭ ވަރަށް ތަފްޞީލީ މަޢުލޫމާތު ހިމެނޭ މަޒުމޫނެއް މުނިއަވަސް ގެ ލިޔުންތެރިޔާ މުޙައްމަދު ނަޒީރު ވަނީ “ޖަޕާން ސްކޫލްތަކުގައި ކުލާސްރޫމާއި ފާޚާނާ ސާފުކުރަނީ ދަރިވަރުންނެވެ.” މި މައުޟޫގައި ގެނެސްދެއްވާފައެވެ.

‘ލައިފް ސްކިލްސް’ ނުވަތަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ޖަޕާނުގައި ހިންގާ މި ޕްރޮގްރާމުގައި ކުރިއަށްގެންދާ ކަންކަމަކީ އަޅުގަނޑުމެންގެ ސްކޫލްތަކުގައިވެސް ހިންގަން ފަށަން ވެއްޖެ ކަންތައްތަކެކެވެ. މި ޕްރޮގްރާމާއިމެދު ‘އޭޖޭ ޕްލަސް’ އިން ތައްޔާރުކޮށްފައިވާ ވީޑިއޯއެއްގެ އަލީގައި މި ޕްރޮގްރާމުގެ މަައްޗަށް އަޅުގަނޑުވެސް ކަޅިއެއް އެއްލާނަމެވެ.

ޖަޕާނުގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން އެކުދިން ކުލާސްކޮޓަރިތައް ސާފުކުރުމަށް ވިއްސަކަށް މިނެޓް ކޮންމެ ދުވަހަކުވެސް ހޭދަކުރެއެވެ. ‘އޭޖޭ ޕްލަސް’ އިން މި ވީޑިއޯ ތައްޔާރުކުރުމަށްޓަކައި ޒިޔާރަތްކޮށް ވަގުތުތަކެއް ހޭދަކޮށްފައިވަނީ ޓޯކިޔޯގައި ހުންނަ ‘އަޒަބު އެލެމެންޓަރީ ސްކޫލް’ ގައެވެ.

އަޒަބު އެލެމެންޓަރީ ސްކޫލްގެ ތުއްތުކުދިންތައް ކުލާސްކޮޓަރި ސާފުކުރުމުގެ މަސައްކަތުގައި މަސްޢޫލުވެގެން އުޅުނީ މަޖާކުރުމާއި އެކުގައެވެ. މި ޕްރޮގްރާމަށް ދީފައިވާ ނަމަކީ ‘އޯ-ސޯޖީ’ އެވެ. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

“އަޅުގަނޑުމެން ތިބޭ މާހައުލު އަޅުގަނޑުމެން އަމިއްލައަށް ސާފުކޮށް ބެލެހެއްޓުމަކީ މާބޮޑަށްވެސް ރަނގަޅު ގޮތެއް، ސަބަބަކީ އެތަނީ އަޅުގަނޑުމެން އުޅޭތަނަށް ވާތީ.” މި ހަރަކާތާއިމެދު ދެކޭގޮތް ހާމަކުރަމުން އެއް ކުއްޖަކު ބުންޏެވެ.

“އަޅުގަނޑު އުފާވޭ ކުލާހުގައި އެއްވެސް ކުންޏެއް އަދި ހަޑިއެއް ނެތީމަ.” އެހެން ކުއްޖަކު އޭނާގެ ޝުޢޫރު ފާޅުކުރިއެވެ.

‘އޯ-ސޯޖީ’ ހަރަކާތުގެ ދަށުން ހަމައެކަނި ކުލާސްތައް ސާފުކުރަނީކީ ނޫނެވެ. ކުދިންނަށް ކާންހަދައިދީ ސުފުރާމަތި ބަލަހައްޓައިދެނީވެސް ހަމަ މިކުދިންނެވެ. ކައިނިމިގެން ތަށިތައް ދޮވެ، ސުފުރާމަތި ސާފުކުރަނީވެސް ހަމަ އެކުދިން އަމިއްލައަކަށެވެ.

ކުލާސްތައް ކުނިކަހައި، ކުޑަދޮރުތަކާއި ފަރުނީޗަރުތައް ފޮހެ، ތަޅުމުގައި މޮޕް އަޅަނީވެސް ކުދިން އަމިއްލައަކަށެވެ.

“މިހުރިހައި ކަމެއްގެ ތެރެއިން އެކުދިންނަށް ދަސްވޭ އަމިއްލަ ނަފުސަށް އިތުބާރުކުރަން. އެހެންކަމުން މިކަމަކީ މެދުނުކެނޑި އަޅުގަނޑުމެން ހިންގަން ބޭނުންވާ ކަމެއް” ޔޯކޯ ތަކިޝީމާ ބުންޏެވެ. ޔޯކޯ ތަކިޝީމާ އަކީ މި ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރެކެވެ.

‘އޯ-ސޯޖީ’ ހަރަކާތުގެ ތެރޭގައި ހިމެނޭ ތަންކޮޅެއް ބޮޑެތި ކަންތައްތައް ކުރިއަށް ގެންދަނީ ބޮޑެތިމީހުންގެ އެހީތެރިކަމާއި އެކުގައެވެ.

ކިޔެވުމުގެ ދަންފަޅި ނިމިގެން އެކުދިންގެ ކުލާސްތައް ސާފުކުރުމުގެ މި ރިވެތި އާދަ ހިފެހެއްޓުމަށް ބާރުއަޅައި އެކަން ކުރިއަށް ގެންދިއުމަކީ އެކުދިންގެ މުސްތަޤްބަލަށް ކޮށައިދޭ ރިވެތި ފަހިމަގެކެވެ.

“ކޮންމެ ކުއްޖަކުވެސް ބޮޑުވެގެން އެހެން މީހުންނާއިއެކުގައި ކައިބޮއެހެދުމަށްފަހު ކެއި ތަށި ދޮވުމާއި މޭޒުމަތި ސާފުކުރުންފަދަ ކަންތައްތައް ކުރަން ޖެހޭނީ އެކުދިން އަމިއްލައަށް. އެހެންވީމަ މިކަން ހަރުފަތަކަށް ފަހު ހަރުފަތަކުން ދަސްކުރަން ފެށޭނެ މި ޕްރޮގްރާމްގެ ދަށުން” ޔޯކޯ ތަކިޝީމާ ފާހަގަކުރިއެވެ.

“މީހުން އަޅުގަނޑުމެންނަށް ތަޢުރީފްކޮށް ޝުކުރުވެސް އަދާކުރޭ. އެހެންވެގެން އަޅުގަނޑު ވަރަށް އުފާވޭ.” ‘އޯ-ސޯޖީ’ ހަރަކާތުގެ ސަބަބުން ލިބޭ އުފާވެރިކަން ހާމަކުރަމުން ކުއްޖަކު ބުންޏެވެ.

މިފަދަ ޕްރޮގްރާމަކާއިމެދު ދަރިވަރުން މިހާ ހިތްހަމަޖެހޭއިރު، މިއީ ރާއްޖޭގެ ތަޢުލީމީ ނިޒާމަށްވެސް ގެންނަން ވެއްޖެ ހެޔޮ ބަދަލެއް ނޫންތޯއޭ އަޅުގަނޑުގެ ހިތަށްއަރައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.