ކިޔާ މިލިޔޭ އައިސޭ ލޯގޯ ސޭ (އެފަދަ މީހުންނާއި ބައްދަލުވުމުގައި އޮތީ ކޮން [ބޭނުމެއް] ހެއްޔެވެ؟) ލަވައަކީ 1968ގައި ނިކުތް ‘އިއްޒަތު’، މި ފިލްމުގެ ލަވައެކެވެ. ފިލްމުގައި ބަލާލެވެނީ ވަރަށް މުހިއްމު މުޖުތަމައީ މައްސަލައެއްގެ މައްޗަށެވެ. އެއީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ތަފާތުކުރުމުގެ މައްސަލައެވެ. ޚާއްސަގޮތެއްގައި ހަމުގެ ކުލަ މެދުވެރި ކުރުވާ ތަފާތުކުރުމާއި އޭގެ ސަބަބުން މީހުންނަށް ލިބޭ ދެރައާއި ނިކަމެތިކަމާއި އަނިޔާގެ މައްޗަށެވެ.
ފިލްމުގެ ވާހަކަ ބިނާވަނީ ދެމީހެއްގެ ލޯބީގެ ގުޅުމުގެ މައްޗަށެވެ. ކުލަ ދޮން ފިރިހެނަކާއި ތަންކޮޅެއް ހަން ކަޅު އަންހެނަކާއި ދެމެދު އުފެދޭ ލޯބީގެ ގުޅުމާއި މިގުޅުން މެދުވެރިކުރުވާ ކަންތައްތަކެއްގެ މައްޗަށެވެ. މި ދެމީހުންގެ ލޯބީގެ ގުޅުން، މުޖުތަމައުގެ އަގުތައް ނިޔާކުރާ ހައްދު ފަހަނައަޅައި، ކައިވެނީގެ ބޭރުން އަންހެންމީހާ ބަލިވެއިނެވެ. ދެން، މިކަމަށް އޮތް ހައްލަކީ ކައިވެނި ކަމުގައި ވިޔަސް، އަންހެންމީހާއާއި ކައިވެނި ކުރުމަށް ފިރިހެންމީހާ، ތާކޫރު، ނުރުހި، އިންކާރުކުރިއެވެ. އަންހެން މީހާގެ ހަން ކަޅުވުމުން، މުޖުތަމައުގައި އޭނާގެ އަގު ދަށްވެ، ގަދަރު ކުޑަވެފައިވާތީއެވެ.
ދެން އަންހެން މީހާ ވިހައި އޭނާއަށް އޭނާގެ ދަރިފުޅު، ޝޭކާރު، ބައްޕައަކާއި ނުލައި، އެކަނިމާއެކަނި ބަލަން ޖެހުނެވެ. އަދި މަންމަ މަރުވުމުގެ ކުރިން، ޝޭކާރަށް އެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން އެހެން މީހެއް މެދުވެރިކޮށް އަންގައިދިނެވެ. ދެން، މަންމައަށް ލިބުނު އަނިޔާގެ ބަދަލު ހިފަން ގަސްދުކޮށް، އެކަމައިގެން ޝޭކާރު ނިކުމެއެވެ. ފިލްމުގެ ވާހަކަ ދެން ކުރިއަށްދަނީ މި ބަދަލު ހިފުމުގެ ހާދިސާތައް ނިއުޅެމުން ހާމަވުމުންދާ ގޮތުގެ މައްޗަށެވެ.
ފިލްމުގައި މި ލަވަ ކިޔަނީ ޝޭކާރުއެވެ. މި ލަވަ ކިޔަނީ އޭނާގެ މަންމައާއި މެދު އިހާނަތްތެރިކޮށް ކަންތައްކުރި އޭނާގެ ބައްޕަ، ތާކޫރުގެ ގޭގައެވެ. ލަވައިގައި އިޝާރަތް ކުރެވޭ ދެފުށް ދެގޮތް މީހަކީ ތާކޫރެވެ. ތާކޫރަށް ޝޭކާރުގެ މަންމައާއި ލޯބީގެ ގޮތުން ގުޅެން އެންމެ ރަނގަޅެވެ. ނަމަވެސް، ޝޭކާރުގެ މަންމަގެ ހަން ކަޅުވުމުން، ކައިވެނީގެ ގޮތުން އޭނާއާއި ގުޅުމަށް ތާކޫރަކަށް ނުރުހެވުނެވެ. އެހެންވެ، ޝޭކަރު އޭނާގެ ބައްޕަ ސިފަކުރަނީ މަތިއޮމާންކޮށް ވާހަކަ ދައްކާ އެވާހަކައިގެ ދަލުގައި އެހެން މީހުން ޖައްސާ މީހެއްގެ ގޮތުގައެވެ. އަމިއްލަ ވަގުތީ ހިތްހަމަޖެހުމާއި އުފާ ލިބިގަތުމަށްޓަކައެވެ. ކައިވެނީގެ ބޭރުން، ކައިވެނީގެ ލައްޒަތު، އާދެ، ފޮނިކަމާއި މީރުކަން ހާސިލުކުރުމަށްޓަކައެވެ. އާދެ، ދިލްދާރީ ކާ ދޯންގު ރަޝާކަރް ޖާލް ބިޗާޔޭ ބާތޯނ ކާ (ދީލަތި (ހިތް ހެޔޮ، ތެދުވެރި) މީހަކަށް ހެދިގެން އައިސް އެމީހުންގެ (ޗާލާކީ) ވާހަކައިން ފަތުރާލާ (ކެހިވެރި) ދަލުގައި (އެހެން މީހުން) ޖައްސައެވެ.) އަދި ބުނެއެވެ. ޖީތޭ ޖީ ކާ ރިޝްތާ ކެހްކަރް، ސުކްހ ދޫންދޭ ކުޗް ރާތޯ ކާ (އަދި އެމީހުންނާއި ގުޅޭ ގުޅުމަކީ މުޅި އުމުރުގެ ގުޅުމެއް ކަމަށް ބުނެ، އެ މީހުން ހޯދަން އުޅެނީ ހަމަ އެކަނި ދެތިން ރެއެއްގެ ހިތްހަމަޖައްސާލުމާއި އުފަލެވެ.) އާދެ، ވަގުތީ ލައްޒަތެކެވެ. ހިނދުކޮޅެއްގެ ފޮނިކަމަކާއި މީރުކަމެކެވެ.
މި ފަދަ މީސްމީހުނަށް މަތިއޮމާންކޮށް ޗާލާކީ ވާހަކަތައް ދެއްކެނީ ކީއްވެގެންކަން ތަހުލީލުކޮށް ބަޔާންކޮށް ދިނުމުގެ ގޮތުން ޝޭކާރު ބުނެއެވެ. އިންސާނާގެ ތަބީއަތުގައި ރަނގަޅުކަންކަން ކުރުމުގެ ގޮތް ލެއްވިފައިވެއެވެ. އެހެންވެ، އިޚުލާސްތެރިކަމެއް ނެތް، ދޮގުވެރި މުނާފިގުންނަށް ވެސް، އިންސާނީ ތަބީއަތުގައި ލެއްވިފައިވާ ރަނގަޅު ވާހަކައެއް ދުލުން ބުނެލެވިދާނެއެވެ. ނަމަވެސް، އެފަދަ މުނާފިގު މީހުންގެ ދުލުން ފާޅުކޮށްލެވޭ މިފަދަ ވާހަކަތަކަކީ އެއަށް އަމަލު ކުރާނޭ ވާހަކަތަކެއް ނޫނެވެ. އެހެނީ އެމީހުންގެ ހަގީގީ މަގުސަދަކީ އެމީހުންގެ ޖިސްމާނީ އެދުމެއް ފުއްދުމެވެ. އަދި، މިކަން ފޮރުވަން އެމީހުންނަށް ވަރަށްވެސް ރަނގަޅަށް އެނގެއެވެ. ރޫހް ކީ ހަސްރަތު ލަބް ޕަރް އާޔޭ، ޖިސިމް ކީ ހަސްރަތު ޗުހޕީ ރަހޭ (އެމީހުންގެ ކިބައިގަތް އިޚުލާސްތެރިކަން ނެތްކަމުގައި ވިޔަސް) ނަފްސުގައި ލެއްވިފައިވާ ފިތުރަތުގެ (ހެޔޮ) ގޮތް އެމީހުންގެ ތުންފަތް މައްޗަށް އާދެއެވެ. ނަމަވެސް (ހަގީގަތުގައި އެމީހުންގެ) ހަށިތައް އެދޭ އެދުން އޮންނަނީ ފޮރުވިފައި ހާމަ ނުކުރެވިއެވެ.
މިފަދަ މުނާފިގުންގެ ވާހަކަ އިތުރަށް ބަޔާންކޮށްދެމުން ޝޭކާރު ބުނެއެވެ. އެމީހުންގެ މުނާފިގުކަން ޚުދް އެމީހުންނަށްވެސް އިހުސާސުނުކުރެއެވެ. އެ މީހުންގެ އަމަލުތައް އެމީހުންނަށް ފެންނަނީ ހަމަ އެންމެ ރީތި ރަނގަޅު ކަންކަމުގެ ގޮތުގައެވެ. ކުޑަ ޚައިރާތެއްކޮށްލިކަމުގައި ވިޔަސް، އެމީހުން މިކަން އިޝްތިހާރުކޮށް ރަށު އެންމެނަށް އަންގައެވެ. ނަމަވެސް، މި ފަދަ މީސްމީހުންގެ ފައިސާއާއި މުދާވެރިކަމުގެ ހަގީގަތް އޮންނަނީ ފޮރުވާފައެވެ. އެމީހުންގެ ފައިސާއާއި މުދާވެރިކަމަކީ މަކަރާއި ހީލަތުން ހޯދާއިފައިވާ އެއްޗެހިކަން އާންމު މީސްތަކުންނަށް އެނގުނަކަ ނުދެއެވެ.
މިފަދަ މުނާފިގު، ދެފުށް ދެގޮތް މީހުންގެ ނިފާގުކަމުގެ ސަބަބުން ނިކަމެތި އެތައް ބަޔަކަށް ގެއްލުން ލިބެއެވެ. ޝޭކާރު، މިތަނުގައި ޚާއްސަ ގޮތެއްގައި ފާހަގަކުރަނީ އޭނާގެ މަންމައަށް ތާކޫރުގެ ސަބަބުން ލިބުނު އަނިޔާއަށެވެ. ދެރައާއި ނިކަމެތިކަމަށެވެ. ރަށްމެދަށް ވިހައި އެންމެންގެ ތެރޭގައި ބަދުނާމުވުމެވެ. އެކަނިމާއެކަނި ވިހައި، ބައްޕައެއްގެ އެހީއަކާއި ނުލައި ކުޑަކުއްޖަކު ގެންގުޅެ ބޮޑުކުރަން ޖެހުމެވެ.
މިފަދަ މުނާފިގުކަން ފެނިގެންދަނީ ހަމަ އެކަނި ލޯބިވެރިންގެ ކިބައަކުންނޫނެވެ. ރަހުމަތްތެރިންނާއި ގާތްއެކުވެރިންގެ ކިބައިންވެސް ބައެއް ފަހަރު މިނުބައި ސިފަ ފެނެއެވެ. ވިޔަފާރީވެރިންނާއި ދީނީ މީހުންނާއި އަދި ސިޔާސީވެރިންގެ ކިބައިންވެސް މި ސިފަ ހަމަ ފެނެއެވެ. ތިމާގެ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މައްޗަށް ބަލައި، އެކި ފަހަރު އެކި ގޮތަށް މިފަދަ މީސްމީހުން ވާހަކަދައްކައި އުޅެއެވެ. އަދި މިފަދަ ބައެއް މީސްމީހުން، މިވެނި މީހަކީ އެފަދައެއް ނެތް ވަރުގެ ބޮޑު މުޖުރިމެކޭ، އިއްޔެ ބުނެފާނެއެވެ. ނަމަވެސް އެމީހަކީ ސާފު ހުދު ކާފޫރު ކަމުގައި މާދަމާ ބުނާ އަޑު މިފަދަ މުނާފިގު ދޫތަކުން ގޮވާ އަޑު އިވިދާނެއެވެ. ނޫނީ މިވެނި ކަމަކީ ގޯސް ނުރަނގަޅު ކަމެކޭ މިއަދު ބުނެފައި އެކަމަކީ ހަމަ އެންމެ ރަނގަޅުކަމެކޭ މާދަމާ ބުނެފާނެއެވެ.
މުނާފިގުންނަށް، އެމީހުންގެ ހަގީގަތް ފޮރުވައިގެން، ކުޑަ ދުވަސްކޮޅަކަށް އުޅެވިދާނެއެވެ. ނަމަވެސް، އެ ހަގީގަތް އަބަދަކު ފޮރުވިފައި ނޯންނޭކަމަށް އިޝާރަތްކޮށް، ޝޭކާރު ލަވަ ނިންމާލަނީ މި ސުއާލުކޮށްލަމުންނެވެ. މިފަދަ މުނާފިގުން ގެ އަނދިރި ދުނިޔޭގެ ހަގީގަތް ފޮރުވާފައި ކިހާ ދުވަހެއް ވަންދެން އެމީހުންނަށް ބޭއްވިދާނެ ހެއްޔެވެ؟ ޝައްކެތްނެތެވެ. މިފަދަ މުނާފިގުން، އެމީހުންގެ ނުބައި އަމަލުތަކުގެ ހިތި ނަތީޖާ ދެކޭނޭ ވަގުތު ކޮންމެވެސް ދުވަހަކުން އަންނާނެއެވެ! އެ ދުވަސް އައުމުގެ އަވަސް ލަސް ވުން ބިނާވެފައި އޮންނަނީ އާންމުންގެ ހޭލުންތެރިކަމާއި އެވެ. އެމީހުންގެ އިޚުލާސްތެރިކަމާއި ހަރުދަނާކަމާއި އެވެ. މުނާފިގުންގެ ދެފުށް ދެގޮތް ވާހަކަތަކަކީ ހަމަ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއްކަން ދެނެގަތުމުގެ ހޭލުންތެރިކަން ލިބި، އެ ފަދަ ވާހަކަތަކުގެ ދަލުގައި ނުޖެހި އުޅެވިގެންނެވެ. އަދި، މުނާފިގުންގެ ވާހަކަތައް ޖަރީކުރަން ބޭނުންކުރާ ވިދާބަބުޅާ މާއްދީ ގަހަނާތަކުގެ ދަޅައިގައި ޖެހުމުގެ ދަހިވެތިކަން ތިމާގެ ކިބައިން ނައްތާލެވުމުންނެވެ. އެކަން ކުރެވޭނީ މާތް ހަރުދަނާ އަޚުލާގީ ސިފަތަކުން ތިމާގެ އަމިއްލަ ނަފްސު ޒީނަތްތެރި ކުރެވިގެންނެވެ. ތިމާ ގަބޫލުކުރާ އަގުތަކާއި އުސާލުތަކަށް ހުރިހާ އިރެއްގައިވެސް ތަބާވެވިގެންނެވެ. ތިމާގެ ދީނަށާއި ތިމާގެ ގައުމަށް ތެދުވެރިވެ އިޚުލާސްތެރިވެވިގެންނެވެ.
އާދެ، ދެން ‘ކިޔާ މިލިޔޭ އައިސޭ ލޯގޯ…’ މި ލަވައާއި ލަވައިގެ ދިވެހި ތަރުޖަމާއެއް ހުށަހަޅާލަމެވެ.
ކިޔާ މިލިޔޭ އައިސޭ ލޯގޯ ސޭ ޖިންކީ ފިތުރަތު ޗުހޕީ ރަހޭ
ނަކްލީ ޗެހހެރާ ސާމްނެ އާޔޭ އަސްލީ ސޫރަތު ޗުހޕީ ރަހޭ
އެފަދަ މީހުންނާއި ބައްދަލުވުމުން އޮތީ ކޮންކަމެއް ހެއްޔެވެ؟
އެމީހުންގެ ހަގީގަތް ފޮރުވައި އޮޅުވާލާ މީހުންނާއި އެވެ.
(މީސްތަކުންގެ) ކުރިމައްޗަށް، އެ މީހުން އަންނަނީ އެހެން މޫނަކައިގެންނެވެ.
އެމީހުންގެ ހަގީގީ ސޫރަ އޮންނަނީ ފޮރުވާފައެވެ.
ޚުދް ސޭ ބީހ ޖޯ ޚުދް ކޯ ޗުހޕާޔޭ، ކިޔާ އުންސޭ ޕެހެޗާން ކަރޭ
ކިޔާ އުންކޭ ދާމަން ސޭ ލިޕްޓޭ، ކިޔާ އުންކާ އަރްމާން ކަރޭ
ޖިންކީ އާދީހ ނިއްޔަތު އުބާހރޭ، އާދީހ ނިއްޔަތު ޗުހޕީ ރަހޭ
އެމީހުންގެ އަމިއްލަ ނަފްސުގެ ހަގީގަތް ޚުދް އެމީހުންނަށްވެސް ފޮރުވިފައި އޮންނަ މީހުންނެވެ. އެ މީހުންނާއި ބެހޭގޮތުން އެހެން މީހުނަށް އެނގެން އޮންނާނީ ކޮންއެއްޗެއް ހެއްޔެވެ؟
އެމީހުންގެ ފަސްބައިގައި އެލިގަނެގެން އުޅުމުން ލިބެން އޮންނާނީ ކޮން ރައްކަލެއެއް ހެއްޔެވެ؟ އަދި އެމީހުންގެ ކިބައިން ހާސިލުކުރެވެން އޮންނާނީ ކޮން އެދުމެއް ހެއްޔެވެ؟
އެމީހުންނަކީ އެމީހުންގެ މަގުސަދުން ބައެއް ހާމަކޮށް، އަދި އަނެއްބައި ފޮރުވައި (ހަގީގަތް އޮޅުވާލާ) މީހުންނެވެ.
ދިލްދާރީ ކާ ދޯންގު ރަޝާކަރް ޖާލް ބިޗާޔޭ ބާތޯނ ކާ
ޖީތޭ ޖީ ކާ ރިޝްތާ ކެހްކަރް، ސުކްހ ދޫންދޭ ކުޗް ރާތޯ ކާ
ރޫހް ކީ ހަސްރަތު ލަބް ޕަރް އާޔޭ، ޖިސިމް ކީ ހަސްރަތު ޗުހޕީ ރަހޭ
ދީލަތި (ހިތް ހެޔޮ، ތެދުވެރި) މީހަކަށް ހެދިގެން އައިސް އެމީހުންގެ (ޗާލާކީ) ވާހަކައިން ފަތުރާލާ (ކެހިވެރި) ދަލުގައި (އެހެން މީހުން) ޖައްސައެވެ.
އަދި އެމީހުންނާއި ގުޅޭ ގުޅުމަކީ މުޅި އުމުރުގެ ގުޅުމެއް ކަމަށް ބުނެ، އެ މީހުން ހޯދަން އުޅެނީ ހަމަ އެކަނި ދެތިން ރެއެއްގެ ހިތްހަމަޖައްސާލުމާއި އުފަލެވެ.
(އެމީހުންގެ ކިބައިގަތް އިޚުލާސްތެރިކަން ނެތްކަމުގައި ވިޔަސް) ނަފްސުގައި ލެއްވިފައިވާ ފިތުރަތުގެ (ހެޔޮ) ގޮތް އެމީހުންގެ ތުންފަތް މައްޗަށް އާދެއެވެ. ނަމަވެސް (ހަގީގަތުގައި އެމީހުންގެ) ހަށިތައް އެދޭ އެދުން އޮންނަނީ ފޮރުވިފައި ހާމަ ނުކުރެވިއެވެ.
ޖިންކޭ ޒުލްމު ސޭ ދުކީހ ހައި ޖަންތާ ހަރް ބަސްތީ ހަރް ގާންވް މޭ
ދަޔާ ދަރަމް ކީ ބާތު ކަރޭ ވޯ ބައިތުހ ކޭ ސާޖީ ސަބާހވޯ މޭ
ދަން ކާ ޗަރްޗާ ގަހރް ގަހރް ޕަހުޗޭ، ލޫޓު ކީ ދައުލަތު ޗުހޕީ ރަހޭ
އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން އާންމުންނަށް އަނިޔާ ލިބި ނިކަމެތިވެފައިވާ ހުރިހާ ގެއެއްގެ އާންމުންނާއި ހުރިހާ ގަމެއްގެ (ވިލެޖެއްގެ، ރަށެއްގެ) އާންމުން ވެސް މެއެވެ.
ދީންވެރިވެ، އިސްލާހުވެ، އެކަކު އަނެކަކަށް ކަމޭހިތައި އުޅުމުގެ ވާހަކަތައް އެ އަނިޔާވެރިން ދައްކައި އުޅެއެވެ. ޒީނަތްތެރިކުރެވިފައިވާ (ބޮޑެތި ބޮޑެތި،) ޖަލްސާތަކުގެ ރިއާސަތު ބަލަހައްޓަމުންނެވެ.
އެމީހުން (ކުޑަ) ޚައިރާތެއްކޮށްލިޔަސް އޭގެ ވާހަކަ ހުރިހާ ގޭގެއަކަށް ފޯރައެވެ. ނަމަވެސް، އެމީހުން ލޫޓުވައި ވަގަށްނަގާ ފައިސާތަކުގެ ވާހަކަތައް އޮންނަނީ ސިއްރުކުރެވިފައެވެ.
ދޭކޭ އިން ނަކްލީ ޗެހެރޯ ކީ ކަބް ތަކް ޖައި ޖައި ކާރް ޗަލޭ
އުޖަލޭ ކަޕަޅޯ ކީ ތާހް މޭ ކަބް ތަކް ކާލާ ސަންސާރު ޗަލޭ
ކަބް ތަކް ލޯގޯ ކީ ނަޒަރޯނ ސޭ ޗުހޕީ ހަގީގަތު ޗުހޕީ ރަހޭ
ކިހާ ދުވަހެއް ވަންދެން މި މުނާފިގު މޫނުތަކަށް މަރުހަބާކިޔައި ސަނާ ކިޔޭތަން ދެކެން ތިބެވޭނެ ހެއްޔެވެ؟
އަދި ކިހާ ދުވަހެއް ވަންދެން ހުދު ހެދުންތަކުގެ ފަތިތަކުގެ ތެރޭގައި މި އަނދިރި ދުނިޔެ ފޮރުވިފައި ބޭއްވިދާނެ ބާވައެވެ؟
މީސްތަކުންގެ ލޮލަށް ފޮރުވިފައިވާ މި (މުނާފިގު) މޫނުތަކުގެ ހަގީގަތް ކިހާ ދުވަހެއް ވަންދެން ފޮރުވިފައި ބޭއްވިދާނެ ބާވައެވެ؟
ލިޔުންތެރިޔާގެ ފުރަމަލަ
- ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 14 އޯގަސްޓް 2023ވީޑިއޯވޯޓު ހޯދަން ފަސް އަހަރުން ފަސް އަހަރުން އަންނަ މާތް ކަމަނާފާނަށް ސަލާންކޮށް މަރުހަބާކިޔާށެވެ!
- 2 އޯގަސްޓް 2023މަޢުލޫމާތުމީހަކު ބުނާ ވާހަކައެއް : އިސްލާން ދީނުގެ އެންމެ ބޮޑު އަދުއްވު
- 9 ނޮވެމްބަރ 2018ވީޑިއޯދެފުށް ދެގޮތް މީހުންނާއި ބައްދަލުކުރުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟
- 16 ސެޕްޓެމްބަރ 2018ވީޑިއޯއަބުލްބަޤާއު އައްރުންދީގެ އަންދަލުސް (މުސްލިމު އިސްޕޭނު) ގެއްލުމުގެ ހިތާމައިގެ ރުއިން….