ހުޅުމާލެ އަކީ މީހުން އާބާދުވަމުން އަންނަ ރާއްޖޭގެ އެންމެ ހިތްގައިމު، އެންމެ ހިތް ފަސޭހަ ސިޓީއެވެ. ތަރައްޤީގެ ގޮތުން ރާއްޖެ ދެކެފައިނުވާ މޮޅު ރީތި ވެއްޓެއް ދިވެހިންނަށްޓަކައި ތައްޔާރު ކުރެވިފައިވާ ހުވަފެނީ ރަށެއް ހަގީގަތަކަށްވެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ސިޓީއެކެވެ.

 

ހެނދުނުގެ ހަލަބޮލިކަން ވެރިވެފައިވާ ހުޅުމާލެ ފެނަންމުންދަނީ ރީތި ގަސްތަކުން އަތުރާލެވިފައިވާފެހިވެއްޓާއި ޒަމާނީއާއި ޓެކްނޮލޮޖީގެ މޮޅު އިމާރާތްތަކުންނެވެ. ޒީނާ ތެޅެމުން ފޮޅެމުން އައީ 7:30ގެ ބަސް އަލުލެވޭނެ ކަމުގެ އުއްމީދުގައެވެ. ފުރަތަމަ ދުވަހު ޑިއުޓީއަށް ދިއުމަށް ބަސް ސްޓޮޕަށް ދެވުނު އިރު އެއަރޕޯޓުގައި މަސައްކަތް ކުރާ އެކި ޑިޕާޓްމަންޓް ތަކުގައި މަސައްކަތް ކުރާ މުއައްޒަފުންއެމީހުންގެ ޔުނީފޯމުގައި ބަހުގެ އިންތިޒާރުގައި ތިއްބެވެ. ކޮންމެ މީހަކުވެސް ގަޑިއަށް ނޫނީ އަތުގައިއޮންނަ ފޯނަށް ނަޒަރު ހިންގާލައެވެ. ޒީނާ ވެސް ވަކި ހިސާބެއްގައި އިންތިޒާރު ކުރަމުން ދިޔައީ ބަސް އަންނާނެ ކަމުގެ އުއްމީދުގައެވެ،

 

 

ޒީނާގެ ކޮނޑުގައި އަޅުވާލާފައި އޮތް ކަޅުކުލައިގެ ދަބަހުން ފޯނު ނަގައި ފޯނުން މޫނު ބަލައިލީ ޑިއުޓީއަށް ދިއުމުގެ ކުރިން އެއްވެސް އައިބުކަމެއް މޫނުގައި ހުރިތޯބެލުމުގެ ނިޔަތުގައެވެ. މޫނު ބަލާލުމަށްފަހު ތުންފަތުގައި ޖައްސާފައި ހުރި މަޑު ފިޔާތޮށި ކުލައިގެ މަޑުތުންފަތް ރީތިކޮށްލުމަށް ޝަހާދަތް އިނގިލިން ތުންފަތް ރީތިކޮށްލިއެވެ. ޒީނާގެ އެހަރަކާތްތަކަށް ބަލަންހުރި ޔޫރަޕް ދެމަފިރިއެއް ގާތުގައި ހުރި ތިންއަހަރަށްދާ ކުޑަކުއްޖަކު އެ މަންޒަރުބަލަން އާޝޯހުވެފައި ހުރިތަން ފެނުމުން ޒީނާ އެތުއްތު ކުއްޖާއަށް ލުއި ހިނިތުންވުމެއް ފޮނުވާލިއެވެ.

 

ބަސް ލޮލުކޮޅަށް ފެނުމާއެކު އެކި ހިސާބުގައި މަޑުކޮށްލައިގެން ތިބި އެންމެން އެއްދިމާލަކަށް ބޮނޑިވެ، އެމީހަކަށް ވެވުނުވަރަކުން ޖާގަ ހަދައި ބަހަށް އެރުމަށް އެތުރިލިއެވެ. ޒީނާވެސް ޖާގައެއް ހަދައި ދޭތެރެއަކުން ދެމިގަތެވެ.

 

ބަސް މަޑުކޮށްލުމާއެކު ބަހުންއައި މަދު ބަޔަކު ބަހުން ފައިބާން ފެށިއެވެ. ޓިކެޓް ކަނޑަން ހުރި ޒުވާނާ ފަހަރަކު މީހަކަށް ޓިކެޓްހަވާލުކުރަމުން ރުފިޔާ ނަގަމުން ދިޔައެވެ. އަތުގެ ހަރަކާތްތަށް ހަލުވިކަމާއެކު އެޒުވާނާ އޭނަގެ ވަޒީފާ ވަރަށް ފުރިހަމައަށް އަދާކުރަމުން ދިޔައެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަހަށް ރުފިޔާއަޅަމުން އަތުގައި އޮތް ޓިކެޓް ފަސިންޖަރުންނަށް ހަވާލު ކުރަމުންދިޔައިރު ފަހަރަކު މީހަކު ބަހަށް އަރަމުން ދިޔައެވެ.

 

ޒީނާވެސް ވޮލެޓުން 20 ރުފިޔާނެގުމަށްފަހު އެޒުވަނާއަތަށް ދިއްކޮށްލަމުން ޓިކެޓްކޮޅު ހިފައިގެން ބަހަށް އެރީ ވަޒީފާގެ ފުރަތަމަ ދުވަސްވާނީ ކިހިނެއްބާއޭ ހިތަށް އަރުވައިގެންނެވެ. އެކަން ޒީނާގެ މޫނުމަތިން މޭރުންވާނެއެވެ. ބަހުގެ ގޮނޑިތަކުގައި އެކި އުމުރުފުރައިގެ މީހުން ހަމަޖެހިލައިގެން ތިބީ ބަސް ދުއްވާލާނެ އިންތިޒާރުގައެވެ. ޒީނާވެސް ހުސް ގޮނޑިއެއް ހޯދަމުން ގޮސް އެންމެ ފަހަތުގައި ފެންނަން ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ.

 

އެކި ދިމާލުގައި ތިބި މީހުން ހެޑްސެޓްނަގާ ކަންފަތަށް ހެޔޮވަރުކޮށްލަން އުޅުން މަންޒަރު ޒީނާއަށް ފެނުމުން އޭނަވެސް އޭނަގެ އައިފޯން ހެޑްސެޓް ދަބަހުން ނަގައި ކަންފަތަށް ހެޔޮވަރު ކޮށްލިއެވެ.

 

ފޯނުގެ ޕްލޭ ލިސްޓް ހާވަލުމަށްފަހު ދިވެހި ފިލްމު “ބޮސް” ގެ “ދުނިޔެ މިއީ ދައުރުވާ” އެ ލަވަ ޕްލޭކޮށްލުމަށްފަހު ގޮނޑީގައިހަމަޖެހިލިތަނާ ބަސްވެސް ދުއްވާލިއެވެ. ޒީނާއަކީ އުމުރުން 22 އަހަރު ފުރިފައިވާ ހިމަތޮޅި ބުރުސޫރަ ރީތި ކުއްޖެކެވެ. ރީތި ބައްޓަމެއް ލިބިފައިހުރި ކަޅު ނޫނަސް ރީތިކަމެއް ޤުދުރަތުން ލިބިފައިވާ ކުއްޖެކެވެ. ބަލާބެލުމަށް އަޙުލާޤު ރަނގަޅު ކުއްޖެއްހެން ހީވެއެވެ.

 

ރީތި ބޮޑު ދެލޮލާއި އޭނަގެ ރީތި ބޮޑުތުންފަތުން ހިނިތުން ވެލައިފިނަމަ “ما شاء الله’” ބުނެވޭވަރުގެ ރީތި ހިނިތުންވުމެއް ކުޅަދުންވަންތަކަމުން ލިބިފައި ހުއްޓެވެ. ހިތްދަމައި ގަންނަ ރީތި ސިފަތަކެއްހުރި ޤުދުރަތުގެ ރީތި ހަދިޔާއެކެވެ.

 

ފޯނުން ލަވަ ޖަހާލުމަށްފަހު ދެލޯ މަރާލިއެވެ. ބޮލުގެ މެދަށް ޖަހާފައިވާ ހުޅިން އޭނަގެ ބުރުސޫރައަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނުވާފައެވެ. “ދަ ޕިއްޒާ ކޮންޕެނީ” ނަން ހަރުކުރެވިފައިވާ ގަޔަށްބާރު ޓީޝާޓުން ޒީނާ މަސައްކަތް ކުރަނީ އެއަރޕޯޓުގައި ހުންނަ އެތަނުގައިކަން އެނގޭނެއެވެ. ކަންފަތުގައި އެލުވާފައިވާ ކަންފަތު މުދީގެ އިތާމުތްބޮޅު ބަސް ބަންޕަރަށް ހިއްލިގެންދާވަގުތު އެބޮޅުވެސް ބީޓަކަށް ހެލިލާއިރު އެކަމުގެ އިހްސާސްވެގެން ޒީނާ ދެލޯވެސް ހުޅުވާލައެވެ.

ދިހަވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ކުއްލިއަކަށް ބަސް މަޑުކޮށްލުމާއެކު ޒީނާ ކުރަމުން ދިޔަ އިންތިޒާރަށްވެސް ނިމުމެއް އަތުވެއްޖެއެވެ. ބަހުން ފައިބައިގެން އާދައިގެ ހިނގުމެއްގައި އިންޓަރނޭޝަނަލް ޓާމިނަލް ތެރެއަށް ވަނީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. އެއަރޕޯޓުގެ މާޙައުލަކީ މީހުން ގިނަތަނެކެވެ. އެކި މަސައްކަތުގައި އަވަދިނެތި އުޅޭ މުއަޒަފުންނާއި އެކި ޤައުމުތަކަށް ދަތުރުކުރާ މީހުންނާއި ރާއްޖެއަށް އެތެރެވާ އެކި ޤައުމުތަކުގެ މީހުން ހޭލަމޭލަވަމުންދާ ހަލަބޮލި މާހައުލުން އެތަނަކީ ދިވެހިންގެ ލެޔާއި ގުޅިފައިވާ ތަނެކަން އެނގިގެންދާނެއެވެ.

 

 

ޒީނާއަށް ކުއްލި ސިހުމެއް ލިބުނީ ކުރިމަތިން ހުރަސްކޮށްލި އާދަޔާ ހިލާފު ފިރިހެނެއް އޭނަގެ ގަޔާޖެހި ނުޖެހި ހުރަސްކޮށްލުމުންނެވެ. ނޭފަތުގައި ޖެހުނު މީރު ސެންޓް ވަހުން ނޭފަތް ފުރިގެން ދިޔައެވެ. އެޖެހުނު މީރުހިތްގައިމު ސެންޓުވަހުން ޒީނާގެ ނޭފަތް ފުރިގެން ދިޔައެވެ.

 

ޒީނާއަށް އެޒުވާނާދިމާއަށް ކަޅިޖަހައިނުލާ ބަލައިލެވުނެވެ. އެ ޒުވާނާ ލައިގެން ހުރި ހުދު ގަމީސް ހީވަނީ ފަތިން އިރައިގެން ހިނގައިދާނެ ހެންނެވެ. ގަޔަށް ބާރުކަމުން އެ ހަށިގަނޑަކީ ޖިމަށްގޮސްގެން ބައްޓަންކޮށްފައިވާ ހަށިގަނޑެއްކަން ހާމަވެއެވެ. ބައިމަތިފުޅާ އެ ހަށިގަނޑާއި ހިނގާފައި ދިޔަ ފިރިހެންވަންތަގޮތްފެނިފައި ޒީނާ އަންތަރީސް ކުރުވައިފިއެވެ. ކަރަށް މަހާލާފައިވާ ރޮނގުދެމި ޓައީ ހީވަނީ ދެންމެ ދެންމެ ކަރަށްބާރުވެ ކަރަށް ވާންވެދާނެހެންނެވެ. އެ ބިޔަ ހަށިގަނޑު ފެނިފައި ޒީނާއަށް ވެފައިހުރި ގޮތުންވެސް ހިތްކިޔާކަހަލަ ގޮތެއްހުރިކަން ހާމަވެގެން ދިޔައެވެ.

 

ޒީނާއަށް ހޭވެރިކަމެއް ލިބުނީ ދަބަހުގައި އޮތްފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަހަށް ޒީނާ ހިނގައިގަތީ ޕިއްޒާ ކޮންޕެނީއާ ދިމާލަށެވެ. އަނެއްކާވެސް ޒީނާ ފަސް އެނބުރި ބަލައިލީ އެބިޔަ ހަށިގަނޑުގެވެރި “ޖިމްމާސްޓާރ” ފެނޭތޯއެވެ. އޭރުއެޒުވާނާ ގޮސް ޓާމިނަލް ގެ މީހުން ފުރާދޮރާށިން އެތެރެއަށްވަންނަނީއެވެ.

 

އެދުވަހަކީ ޒިނާގެ މަސައްކަތުގެ ފުރަތަމަ ދުވަސްކަމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހުނެވެ. ޑިއުޓީ ނިންމާލުމަށްފަހު ވެފައިވާ ވަރުބަލިކަމުގެ ސަބަބުން ޒީނާ ބޭނުންވެފައި ހުރީ ގެއަށް ގޮސް އަރާމުކޮށްލާށެވެ. ޑިއުޓީ ނިމުނުއިރު ހަތަރެއްޖަހާބޮޑުވެއްޖެއެވެ. ހަތަރުގަޑިބައިގެ  ބަހުން ގެއަށްދާން ޒީނާ ބަސް ސްޓޮޕަށް ދިޔައީ އެޒުވާނާ ފެންނާނެކަމުގެ އެއްވެސް އުއްމީދެއްގައެއްނޫނެވެ.

 

ނަމަވެސް ކަންތައްދިމާވީ ޒީނާ ހީކުރިގޮތަކަށް ނޫނެވެ. ބަސް ސްޓޮޕަށް ދިޔައިރު އެ ޒުވާނާ އޭނަގެ ފޯނު ހިފައިގެން ކޮންމެވެސް މީހަކަށް ޗެޓްކުރަން ހުއްޓެވެ. އެކަންއޭނަގެ އިނގިލިތަކަށް ގެންނަ އަވަސް ހަރަކާތްތަކުންނާއި މޫނަށްގެނައި ލުއި ހިނިތުންވުމުންވެސް އެނގިގެން ދިޔައެވެ. ޒީނާއަށްވެސް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. އޭޒުވާނާގެ މޫނު ރަނގަޅަށް ފެނުނު ހިނދު ޒީނާގެ ދަތްކުނޑި ހަފާލެވުނެވެ. ހަފޫޓަށްވުރެ ދިގު އިސްކޮޅެއްލިބިފައިވާ އެ ބިޔަ ރީތި ހަށިގަނޑުފެނިފައިވެސް އަންހެންކުދިން މޮޔަވާނެއެވެ. ރީއްޗަށް ތުނިކޮށް ޓްރިމްކޮށްފައިވާ ތުނބުޅިން އިތުރަށް އެޒުވާނާގެ ފިރިހެންވަންތަކަން ހާމަވަމުން ދިޔައެވެ. ޒީނާގެ ހިތުގެ އެންމެ ހިމަނާރަށްވެސް އެޒުވާނާގެ ރީތިކަމުގެ އަސަރު ކުރުވައިފިއެވެ. ބަލަންވީ އޭނަގެ ކޮންދިމާލަކަށް ބާވައޭ ޒީނާގެ ހިތްބުނަމުން ދިޔަކަހަލައެވެ. އެހާވެސް އޭނަގެ ރީތިކަން ފުރިހަމައެވެ. ޒީނާއަށް އޭނައަށް ބަލަން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގުނެވެ.

 

އެޒުވަނާވެސް ޒީނާއަށް ބަލައިލީ ވަރަށްގާތުން މީހަކު ބަލަން ހުރިކަން އިހްސާސްކުރެވިގެންނެވެ. ޒީނާ ތެޅިގަނެފައި އެޒުވަނާއަށް ހިނިތުންވުމެއް ފޮނުވާލިއެވެ. އެރީތި ޒުވާނާގެ ފަރާތުންވެސް ޒިނާއަށް ހިނިތުންވުމެއް ލިބިގެންދިޔައެވެ. އަތްފައި ފިނިވެ ޒީނާ ހުރިތަނަށް ގަނޑުވި ކަހަލައެވެ. ވާނުވާ ނޭންގިފައި ހުއްޓާ ބަސް އައިސް މަޑުކޮށްލިއެވެ.

 

އެޒުވަނާ ވެސް ބަސް އައިސް މަޑުކޮށްލުމުން ބަހަށް އެރުމަށް ހިނގައި ގަތެވެ. ޒީނާވެސް މަޑުމަޑުން އޭނަގެ ފަހަތުން ބަހަށް އެރުމަށް ކުރިޔަށް ފިޔަވަޅު އެޅިވަގުތުވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތަކަށް ނޫނެވެ. އަރައިގެންހުރި ކަށިހިމަފައިވާނުގެ ސަބަބުން ފައިއެޅުނުގޮތަކުން ޒީނާ އަރިއަޅާލިއެވެ. ކަންތައްވެގެން ދިޔައީ ޒީނާވެސް ހީކުރިގޮތަކަށްނޫނެވެ. އެޒުވާނާގެ ބިޔަ އަތުގައި ޒީނާއަށް ހިފުނީ ބޭއިޙްތިޔާރުގައެވެ. ސަލާމަތްވާން ހިފުނީ އެޒުވާނާގެ އަތުގައެވެ. ޒީނާ ހަމަޖެހިލަމުން “ސޮރީ” އޭ ބުންޏެވެ.

 

“ޒިނާ. ބަލައިގެން އުޅޭ. ނަސީބެއްނު ނުވެއްޓުނުކަން.” އެޒުވާނާގެ ބަރު އަޑު ޖެހުމުން ވެފައިހުރި ވަރަށްވުރެ އެޒުވާނާއަށް ގަޔާވެވުނެވެ. އެއީ ފިރިހެންވަންތަ ރީތި އަޑެކެވެ. އިހުނަށްވުރެ ބޮޑަށް އެޒުވާނާއަށް ހިތްދެވުނީތާއެވެ.

ޒީނާ އަށް ބޮޑު ހައިރާން ކަމެއް ލިބުނީ އެ ޒުވާނާއަށް އޭނަގެ ނަމުން މުޙާތަބު ކުރުމުންނެވެ. ބަހަށް އަރަން އައިސްތިބި މީހުންތައް ބަލަންތިބިކަން އެނގުމުން ޒީނާ ކުޑަކޮށް ލަދުވެސް ގަތެވެ. ނަމަވެސް ވީކަމެއް ވެ ނިމިއްޖެއެވެ.

 

ޒީނާ ބަހަށް އެރީ އެއްވެސް ހާލެއްގައި އެޒުވާނާގެ ގާތުގައި އިންނަންޖެހޭނެ ކަމަށް އުއްމީދުވެސް ކޮށްގެންނޫނެވެ. ނަމަވެސް މީހުން ފުރިގެން ހަމައެކަނި ހުސްކޮށް އިނީ އެޒުވާނާ އިންގޮޑިއާއި ޖެހިގެން ހުރިގޮނޑިކަމުން ޒީނާއަށް ޖެހުނީ އެދިމާއަށްދާށެވެ. ޒީނާގެ ހިތަށް އާދަޔާ ޙިލާފު އިހްސާސްތަކެއް ކުރުވަންފެށިއެވެ.

 

“ޒީނާ އަދިވެސް ހުންނަނީތަ؟” އަނެއްކާވެސް އެޒުވާނާގެ ބަރު އަޑުން އޭނަގެ ނަމުން މުހާތަބުކުރިކަން އޭނަގެ ކަންފަތުގައި ޖެހުނެވެ. މާނޫން ގޮތަކަށް ބޯ ރީތިކޮށްލަމުން ޒީނާގޮސް ގޮނޑީގައި އިށީނެވެ.

 

“ޒީނަ ދޯ ކިޔަނީ؟” މިފަހަރުވެސް ވާހަކަ ދެއްކީ އޭނައެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭންގިފައި ޒީނާއަށް އިނދެވުނެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް