ތަޢާރަފް
ހަކުރު ބަލި(diabetes mellitus) ޖެހުމަކީ ލޭގައި ދައުރުވާ ހަކުރު(glucose) ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައި ހުރުމެވެ. އެހެންކަމުން ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ.ހަކުރު ނުވަތަ ގުލްކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަޞްދަރެވެ. ހަކުރު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އަދި މިއީ ޖަރާސީމަކުން ފެތުރޭ ބައްޔެއް ވެސް ނޫނެވެ. ހަކުރު ބައްޔަކީ މުޅިން ރަގަޅު ނުކުރެވުނު ނަމަވެސް މިއީ ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.
މިބަލި ޖެހެނީ ހަކުރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑުގައިވާ ޗިސްމޭ އިން އުފައްދާ ތާސީރެއް ކަމުގައިވާ އިންސިއުލިން(insulin) މަދުވުމުން ނުވަތަ އޭގެ މަސައްކަތް ނުކުރާގޮތް ވުމުންނެވެ. އެހެންކަމުން މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސިއުލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސިއުލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ. މާނަ އަކީ މިދެންނެވި ގޮތަށް އިންސިއުލިން އުފައްދައި ނުދިނުމުން، ލޭގައި ހަކުރު(ގުލްކޯޒު)ގެ މިންވަރު މަތިވެގެން ގޮސް ހަކުރު ބަލި ކުރިމަތި ކުރުވަނީ އެވެ. ސަބަބަކީ އިންސިއުލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް އެއްހަމައެއްގައި ބަހައްޓައިދޭ ހޯރމޯނަކަށްވާތީ އެވެ.
ހަކުރުބައްޔަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ޓަކައި ހަކުރު ބޭނުން ކުރުމުގައި ދިމާވާ މައްސަލަތަކަކާއި ގުޅިގެން ޖެހޭ ބައްޔެކެވެ. މިގޮތުން ހަކުރު އުފެއްދުމުގައި ނުވަތަ ހަށިގަނޑުގެ ހަކަތަ ބޭނުންވާ ގުނަވަންތަކަށް އެފޯރުކޮށްދިނުމުގައި ނުވަތަ އެގުނަން ތަކުގައި ހަކުރު ހަކަތައަށް ބަދަލު ކުރުމުގައި ނޫންނަމަ މިފަދަ އެހެންވެސް މަރުޙަލާ އެއް ފުރިހަމަ ނުކުރެވުމަކީ ހަކުރުބަލީގައި ފެންނަ ކަންކަމެވެ. ނަތީޖާ އަކަށްވަނީ ލޭގައި ދައުރު ކުރަމުންދާ ހަކުރުގެ މިންވަރު މައްޗަށް ދިއުމެވެ. އަދި ލޭގައި ހަކުރު ގިނައިން ހުރުމާއި އެކުވެސް ހަށިގަނޑުގައި ހަކަތަ ނެތްކަން އިހުސާސް ކުރެވެއެވެ. އަދި ހަށިގަނޑަށް އެތަކެއްބަދަލު ތަކެއް އާދެއެވެ. މީގެތެރޭގައި މުހިންމު އެއް ކަމަކީ ލޭގައި މިދައުރުވާ ހަކުރާއި އަދި އޭގެން އުފެދޭ ބައެއް މާއްދާތަކުން ހަށިގަނޑުގެ މުހިންމު އެތައްގުނަވަނަކަށް ބޮޑެތި ގެއްލުން ދެމުން ދިއުމެވެ. ހަކުރުބައްޔަށް ފަރުވާތެރިވެ ފަރުވާހޯދުމަށް އަވަސްވެ ގަންނަންވީ މި ސަބަބާއި ހުރެއެވެ. މާބަނޑު ދުވަސްވަރު ހަކުރު ބަލި ހުރުމަކީ އެކަމަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދޭންޖެހޭނެ ކަމެކެވެ.
ހަކުރު ބަލި ކުރިމަތިވަނީ ހަށިގަނޑުގައި ”އިންސިއުލިން”(Insulin) ބޭނުންކުރާގޮތް ނުވަތަ އުފައްދާގޮތަށް މައްސަލައެއް ދިމާވުމުންނެވެ.( މިސާލަކަށް ޗިސްމޭ(pancreas) އިން ލޭގެތެރެއަށް އެކަށޭނަ ވަރަށް އިންސިއުލިން ފޯރުކޮށް ނުދިނުން ) އިންސިއުލިން އަކީ ކާނާގެތެރޭގައި ހިމެނޭ ގުލުކޯޒު ހަކަތައަށް ބަދަލުކުރުމުގެ ޒިންމާ އުފުލާ ހޯރމޯން އެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ ކާނާގައި ހިމެނޭ ހަކުރުގެ މާއްދާތައް ހަށިގަނޑަށް ބޭނުންކުރެވޭގޮތަށް ބަދަލުކޮށްދޭ މައިގަނޑުހޯރމޯންއެވެ.ހަށިގަނޑަށް ފުދޭވަރަށް އިންސިއުލިން އުފައްދައި ނުދޭ ހާލަތުގައި، ނުވަތަ ހަށިގަނޑުގައި އިންސިއުލިންގެ ބޭނުން އެކަށޭނަ ވަރަށް ނުހިފާހާލަތުގައި ލޭގައި ހުންނަ ގުލުކޯޒުގެ މިންވަރު މަތިވެގެންދާގޮތް(hyperglycemia) ވެއެވެ.
މިބައްޔަށް އިގިރޭސި ބަހުން ކިޔަނީ ”ޑައެބެޓީސް”(diabetes) އެވެ. މިއީ ގްރީކް ބަހެކެވެ. މިބަހުގެ މާނައަކީ ”ފޮނި ފެންއަރުވާ ވަޑާން” އެވެ. ހަގީގަތުގައި މިއީ މިބަލި ޖެހޭ މީހުން ކުރިމަތިލާ ހާލާގުޅޭގޮތުން ދީފައިވާ ނަމެކެވެ.
ލޭގައި އެކުލެވިގެންވާ ހަކުރު (ގުލްކޯޒު)
ގިނަމީހުން ދެކޭގޮތުގައި ލޭގައި ހަކުރު(glucose) ހުންނަނީ ހަމައެކަނި ހަކުރު ބަލި ޖެހުނީމައެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. އެގޮތަކީ ކޮންމެ މީހެއްގެ ލޭގައި ވެސް ހަކުރު ހުރެއެވެ. އަދި މިއީ އިންޖީނެއްގައި ނަމަ އެއިންޖީނުގެ ހިންގުމުގެ ބާރު އުފެއްދުމުގެ ގޮތުން ތެޔޮ އަންދާ ފަދައިން ހަށިގަނޑުގެ ހިންގުންތަކަށް ބޭނުންވާ ހަކަތަ އުފައްދައިދޭ މާއްދާ އެކެވެ. ނަމަވެސް ހަށިގަނޑަށް ހަކުރުން ފައިދާކުރާނީ ޗިސްމޭ އިން އުފައްދާ އިންސިއުލިން ހަކުރާ އެކުވެގެންނެވެ. ހަކުރު ބަލި ނުޖެހޭ މީހަކު ހެދުނު ނާސްތާ ނުކޮށްހުރެ، ލޭޓެސްޓްކޮށްފިނަމަ ލޭގައި ހުންނަ ގުލްކޯޒުގެ މިންވަރު 120 މިލިގްރާމް އިންސައްތައަށްވުރެ ދަށްވާންޖެހޭނެ އެވެ. ހަކުރު ބަލި ނުޖެހޭ މީހެއް ނަމަވެސް ކޮންމެ ފަހަރަކު ކެއުމާއި ގުޅިގެން ލޭގައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ޖެހިލައެވެ. އަދި ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ހަކުރުގެ ވަޒަން އެއްވަރުކޮށްލައެވެ.
ލޭގެ ތެރޭގައި ހުންނަ ގުލްކޯޒު ވަކި ވަޒަނެއްގައި ހިފެހެއްޓުމަށްޓަކައި، ހަށިގަނޑުގައިވާ ދެހޯމޯނެއް މަސައްކަތް ކުރެއެވެ. މީގެ ތެރެއިން ހަށިގަނޑުގައިވާ ގުލްކޯޒުގެ މިންވަރު ތިރިއަށް ގެނެސްދިނުމަށްޓަކައި އެހީވެދޭ ހޯމޯންއަށް ކިޔަނީ އިންސިއުލިން(insulin) އެވެ. އަދި ހަމައެގޮތަށް ލޭގައިވާ ގުލްކޯޒުގެ މިންވަރު ދަށަށްދާ ޙާލަތްތަކުގައި އެމިންވަރު ހަމަކޮށްދިނުމަށްޓަކައި ހަރަކާތްތެރިވާ މާއްދާ އަކީ ގުލްކަގޮން(glucagon) ހޯމޯން އެވެ.
ލޭގެތެރޭގައި ހުންނަ ގުލްކޯޒުގެ މިންވަރު ހުންނަންވާ ނިސްބަތަށްވުރެ މައްޗަށް ހިނގައްޖެނަމަ ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމްގައި ހިމެނޭ މައިދާއަށް އެހީވެދޭ ގުނަވަނެއް ކަމުގައިވާ ޗިސްމޭ އިން އިންސިއުލިން އުފައްދައިދީ ލޭދައުރުކުރާ ނިޒާމްގެ ތެރެއަށް ފޮނުވަން ފަށައެވެ. އަދި މިއިންސިއުލިން ލޭގެތެރޭގައި ދައުރުކުރަން ފެށުމާއެކު، އެކަމުގެ އަސަރު ފުރަމޭގެ ސެލްތަކަށް ފޯރަން ފަށައެވެ. ނަތީޖާއަކަށްވަނީ ފުރަމޭގެ ސެލްތަކުގެ މަސައްކަތުން ލޭގެ ތެރޭގައި އިތުރުވެފައިވާ ގުލްކޯޒުގެ ބައި، ގުލައިކޯޖަން އަށް ބަދަލުކޮށް، ފަހުން ބޭނުން ކުރުމަށްޓަކައި ފުރަމޭގެ ތެރޭގައި ރައްކާކުރުމެވެ. ޗިސްމޭއިންނާއި ފުރަމޭގެ ސެލްތަކުން މިހަރަކާތްތައް ނުހިންގޭގޮތް ދިމާވެއްޖެނަމަ، ލޭގެ ތެރޭގައި ގުލްކޯޒުގެ ބައި އިތުރުވެގެންދާނެ އެވެ. ނުވަތަ ހަކުރު ބަލި ޖެހޭނެ އެވެ. މިގޮތުން ޖެހޭ ހަކުރުބައްޔަށް ކިޔަނީ ”ޑައިބެޓީސް މެލައިޓަސް”(diabetes mellitus) އެވެ.
ލޭގެތެރޭގައި ހުންނަންޖެހޭ ގުލްކޯޒުގެ މިންވަރު ދަށްވުން އެއީވެސް ނުރައްކާތެރިކަން ކުޑަކަމެއް ނޫނެވެ. މިގޮތަށް ދިމާވާ ދަނޑިވަޅުތަކުގައި ގުލްކޯޒު ހުންނަށްޖެހޭ މިންވަރަށް އިތުރުކޮށްދެނީ ފުރަމޭގައި ކުރިން ރައްކާކޮށްފައި ހުންނަ ގުލައިކޯޖަން އަލުން ގުލްކޯޒު އަށް ބަދަލުވެގެންނެވެ. ގުލައިކޯޖަން ގުލްކޯޒު އަށް ބަދަލުކޮށްދެނީ ޗިސްމޭގެތެރޭގައި ހުންނަ އައިލެޓްސް އޮފް ލޭންގާހެންސް ގައިވާ އަލްފާ ސެލްއިން އުފައްދާ ގުލްކޮގޮން ކިޔާ ހޯމޯނެއްގެ ސަބަބުންނެވެ.
ފާހަގަކުރަންޖެހޭނެ މުހިއްމު ނުކުތާ އަކީ ކޮންމެ މީހެއްގެ ލޭގައި ވެސް ވަކި ވަޒަނަކަށް ގުލްކޯޒު ނުވަތަ ހަކުރު ހުންނަންޖެހޭނެ ކަމެވެ. މިގޮތުން މީހެއްގެ ލޭގައި ގުލްކޯޒު ހުންނަންޖެހޭނެ އާންމު މިންގަނޑަކީ ކައިގެން 2 ގަޑިއިރު ވާއިރު 180 މިލިގްރާމް އިންސައްތައަށްވުރެ ދަށްކޮށް ހުރުމެވެ. (އިސްމާޢީލްފުޅު, 2000)
ގުލްކޯޒުގެ ބޭނުން
ހަށިގަނޑުގައި ހަކަތަ އުފައްދާދެނީ ކާނާ ހަޖަމުވުމުން އުފެދޭ ގުލްކޯޒާއި، އެމިނޯއެސިޑް އަދި ފެޓީ އެސިޑްގެ މާއްދާތަކުންނެވެ. ބޭނުންކުރާ ކާނާއިން އެވަގުތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މިބައިތައް އުފައްދައިދީފިނަމަ، ފުރަމޭ، މަސްގަނޑުތެރޭގައި، އަދި ހަށިގަނޑުވާ ސަރުބީ ރައްކާކޮށްދޭ ތަންތާގައި މިބައިތައް ރައްކާކޮށްދެއެވެ. ގުލްކޯޒު ރައްކާކޮށްދެނީ ފުރަމޭގައެވެ.
ސިކުނޑީގެ މަސައްކަތްތައް ފުރިހަމަކޮށްދިނުމުގައި ގުލްކޯޒުއަކީ އަބަދުވެސް މުހިއްމު ބައެކެވެ. ރޯދައަށް ހުންނައިރު، ނުވަތަ ނުކައި ހުންނައިރު ސިކުނޑިއަށް ބޭނުންވާ ގުލްކޯޒު ފޯރުކޮށްދެނީ ފުރަމޭގެ ތެރޭގައި ރައްކާކުރެވިފައި ހުންނަ ގުލައިކޯޖަން އަލުން ގުލްކޯޒު އަށް ބަދަލުވެގެންނެވެ. އެހެންކަމުން ނުކައި ހުންނައިރު ހަށިގަނޑުގެ ބާރު ހިފެހެއްޓުމަށްޓަކައި ބޭނުންވާ ހަކަތަ ފޯރުކޮށްދެނީ ހަށިގަނޑުގައި ފަހަށް ރައްކާކޮށްފައި ހުންނަ ކާނާގެ ބާވަތްތަކުންނެވެ. މިއީ އަބަދުވެސް މިގޮތަށް ދައުރުވަމުންދާ ކަމެކެވެ. (އިސްމާޢީލްފުޅު, 2000)
އިންސިއުލިންގެ މަސައްކަތް
އިންސިއުލިން(insulin) އަކީ ޗިސްމޭއިން އުފައްދާ ބާރުގަދަ ހޯމޯން އެކެވެ. ކާތަކެތީގެ ތެރޭގައި ހިމެނޭ ގުލްކޯޒުގެ ބައި ވަކިކޮށް، އޭގެ އެހީ ގަވާއިދުން ހަށިގަނޑަށް ލިބިދީ، ހަށިގަނޑުގައި ގުލްކޯޒު ހުންނަންވާ މިންވަރަށް ހިފަހައްޓައިދީ، އިތުރުވާބައި ގުލައިކޯޖަން އަށް ބަދަލުކޮށް، ފުރަމޭގައި ފަހަށް ރައްކާކުރުމަށް މިހޯމޯން އެހީވެދެއެވެ. އޭގެ އިތުރުން ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ އެހެން ބައިތައް ހަށިގަނޑުގައި ބޭނުން ހިފުމާ، ފަހަށް ރައްކާކުރުމަށް އިންސިއުލިން އަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. (އިސްމާޢީލްފުޅު, 2000)
ޗިސްމޭގެ މަސްއޫލިއްޔަތު
ޗިސްމޭ(pancreas) އަކީ އިންސިއުލިން ހޯމޯން އުފައްދައިދޭ ގުނަވަނެކެވެ. 70 ގްރާމްގެ ބަރުދަން ހުންނަ މިގުނަވަން އިންނަނީ މައިދާގެ ފުރަގަހުގައި ބަނޑުގެ ތެރޭގައެވެ. މިގުނަވަނުގެ ބޯކޮޅުގޮސް ފޮރުވިފައިވަނީ ސީއަކުރެއްގެ ސިފައިގައިވާ ޑިޔޯޑިނަމް ކިޔާ ހޮޅިއަކުންނެވެ. މިއީ ކުޑަ ގޮހޮރުގެ ފުރަތަމަ ބައެވެ. ޑިޔޯޑިނަމްގެ މަތީކޮޅު ގުޅިފައި އިންނަނީ މައިދާ އާއެވެ. އަދި ތިރިޔަށް ދިޔަކޮޅު ގުޅިފައި އިންނަނީ ކުޑަ ގޮހޮރުގެ ދެވަނަ ބައި ނުވަތަ މެދުބަޔާއެވެ. ޗިސްމޭއިން އުފައްދާ ދިޔަވަރުގެ ބަރުދަންގެ ގާތްގަނޑަކަށް 99 އިންސައްތަ އަކީ ހަޖަމުކުރުމަށް ބޭނުންވާ ދިޔަވަރެވެ. މިދިޔަވަރު އުފައްދާދޭ ސެލްތަކުގެ ތެރޭގައި އައިލެޓްސް އޮފް ލޭންގަރހެންސް އޭ ކިޔާ ބައިތަކަކަށް، އަލްފާ އަދި ބީޓާ ސެލްތަކުގެ ގުރޫޕް ތަކެއް ރުކުރާ ލެވިފައި ވެއެވެ. މީގެ ތެރެއިން އިންސިއުލިން އުފައްދަނީ ބީޓާ ސެލް އިންނެވެ.
ޗިސްމޭއިން އުފައްދާ ދިޔަވަރުގެ ތެރެއިން އިންސިއުލިން އާއި ގުލްކަގޮން ފިޔަވައި އެހެން ހުރިހާ ދިޔަވަރެއް ހޮޅިއެއްގެ ޒަރީޢާއިން ފޮނުވާލަނީ ޑިޔޯޑިނަމްގެ ތެރެއަށެވެ. އިންސިއުލިން އާއި ގުލްކަގޮން ފޮނުވާލަނީ ސީދާ ލޭގެ ތެރެއަށެވެ. “(އިސްމާޢީލްފުޅު, 2000)
ހަކުރު ބަލީގެ ވައްތަރުތައް
ހަކުރު ބަލީގެ ތަފާތު ވައްތަރުތައް ހުރެއެވެ. އެންމެ އާންމު ވައްތަރު ތަކަކީ:-
ފުރަތަމަ ވައްތަރު (ކުޑަކުދިންނާ ޒުވާނުންނަށްޖެހޭ ހަކުރު ބަލި)
ދެވަނަ ވައްތަރު (ބޮޑެތި މީހުންނަށްޖެހޭ ހަކުރު ބަލި)
ބަލިވެއިނުމުން ކުރިމަތިވާ ހަކުރު ބަލި
ހަކުރު ބަލީގެ ފާހަގަ ކުރެވިފައިވަނީ މައިގަނޑު ދެވައްތަރެކެވެ. ފުރަތަމަ ވައްތަރަކީ އިންސިއުލިން އިންޖެކްޝަން އަބަދުވެސް ދޭންޖެހޭ ނުވަތަ ޖަހަންޖެހޭ ހަކުރު ބައްޔެވެ. އަނެއް ވައްތަރަކީ އިންސިއުލިން އިންޖެކްޝަން އަބަދަށް ދޭންބޭނުންނުވާ ހަކުރު ބައްޔެވެ. މިދެވައްތަރުގެ ހަކުރު ބަލި ވެސް މުޅިން ފަސޭހައެއް ނުކުރެވެއެވެ. ނަމަވެސް ބޭސް ފަރުވާއާއި ކެއުމަށް ބަލައިގެން އުޅުމުން ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ އެވެ.
ފުރަތަމަ ވައްތަރު (އިންސިއުލިން އިންޖެކްޝަން ބޭނުންވާ ހަކުރު ބަލި)
ހަކުރު ބަލީގެ ފުރަތަމަ ވައްތަރަ(Type 1 diabetes)ކީ އިންސިއުލިން އަށް ބަރޯސާވާ(insulin dependent) ވައްތަރެވެ. މިވައްތަރުގައި ހަށިގަނޑުގައި އިންސިއުލިން އުފައްދައިދެނީ ވަރަށް މަދުންނެވެ.(ނުވަތަ ހަށިގަނޑުގައި (ޗިސްމޭގައި) އިންސިއުލިން އުފެއްދުން ދަށްވެގެންދަނީ އެވެ. ނުވަތަ އެއްގޮތަކަށް ވެސް އުފައްދައެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއަށް ގުލްކޯޒު އަކަށް ނުވަދެވެއެވެ. އަދި ލޭގައި ގުލްކޯޒު(ހަކުރު)ގެ މިންވަރު ވަރަށް މައްޗަށް ދެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކޮންމެވެސް ސަބަބަކާހުރެ ޗިސްމޭއަށް ކުރާ ގޯނާއެއްގެ ސަބަބުން ފެށިގެން އަންނަ ކަމެކެވެ. އެހެންކަމުން ހަކުރު ކޮންޓްރޯލް ކުރަންޖެހެނީ އިންސިއުލިން އިންޖެކްޝަން ޖަހައިގެންނެވެ. މިއީ އުމުރުގެ ކުރީކޮޅުގައި ނުވަތަ ޅައުމުރުގައި ފެށިގެން އަންނަ، އަދި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އާންމު ވައްތަރެކެވެ.
އިންސިއުލިން އިންޖެކްޝަން ބޭނުންވާ ހަކުރު ބަލީގެ މީހުންނަށް ބަލިޖެހިއްޖެކަން އެނގޭވަރުވާނީ ހަށިގަނޑުގައި ވަރަށް ބޮޑަށް އިންސިއުލިން މަދުވުމުންނެވެ. އަދި މިވައްތަރުގެ ހަކުރު ބަލި ޖެހިއްޖެނަމަ ބަލީގެ އަސަރުތައް ވަރަށް އަވަހަށް ބޮޑުވެގެންދެއެވެ. މިވައްތަރުގެ ހަކުރު ބަލި ގިނައިން ޖެހެނީ އެމީހެއްގެ ބަރުދަން ހުންނަންވާވަރަށްވުރެ ލުއިކޮށް ހުންނަ މީހުންނަށެވެ. މިގޮތަށް ދިމާވަނީ ލޭގައި ހަކުރު ޖަމާވާގޮތްވެގެންނެވެ. އަދި ހަށިގަނޑުގައިވާ ސެލްތަކަށް ގުލްކޯޒުގެ މާއްދާ ފޯރުކޮށް ނުދެވޭތީ އެވެ.
އާންމު ގޮތެއްގައި ހަކުރު ބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާގައި އިންސިއުލިން އިންޖެކްޝަން ގަވާޢިދުން ޖަހަން ޖެހޭނެ އެވެ. އިންސިއުލިން ބަރޯސާވާ ހަކުރު ބައްޔޭ ކިޔެނީ މިސަބަބާ ހުރެއެވެ.
ދެވަނަ ވައްތަރު (އިންސިއުލިން އިންޖެކްޝަން ބޭނުންނުވާ ހަކުރު ބަލި)
ހަކުރު ބަލީގެ ދެވަނަ ވައްތަރަ(type2 diabetes)ކީ އިންސިއުލިން އަށް ބަރޯސާނުވާ(non-insulin dependent) ވައްތަރެވެ. މިވައްތަރުގައި ހަށިގަނޑުގައި އިންސިއުލިން އުފައްދައި ދިން ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އިންސިއުލިން އަށް ހަށިގަނޑުގައި މަސައްކަތް ނުކުރެވެނީ އެވެ. ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން އުފައްދައި ނުދެވޭތީ އެވެ. އިންސިއުލިން ހަށިގަނޑުގައި މަސައްކަތް ނުކުރާނަމަ، އޭގެ އަސަރު (އިންސިއުލިންގެ އަސަރު) ފުރިހަމަ ގޮތުގައި ގުނަވަން ތަކަކަށް ވެސް ނުކުރާނެ އެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަންތަކުގެ ސެލް ތަކުގެ ތެރެއަށް ހަކުރަ(ގުލްކޯޒަ)ކަށް ނުވަދެއެވެ. މިހެންވުމުން ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށްދާގޮތް ވެއެވެ. މިފަދަ މީހުންނަށް ކޮންމެހެން އިންސިއުލިން ދޭކަން ނުޖެހެއެވެ. އެހެންކަމުން މިވައްތަރުގައި ކެއުން ބަދަލުކުރުމާއި، ކަސްރަތާއި، ގުޅަބޭހުން ހަކުރު ކޮންޓްރޯލް ކުރެވިދާނެ އެވެ.
މިއީ އާންމު ގޮތެއްގައި އުމުރުން 40 އަހަރުވުމަށްފަހު ނުވަތަ އުމުރުގެ ފަހުކޮޅު ކުރިމަތިވާ ހަކުރު ބަލީގެ ވައްތަރެކެވެ. އެހެންކަމުން މިވައްތަރުގެ ހަކުރު ބަލި ބޮޑަށް ފެންނާނީ ބަލި ވާރުތަކުރާގޮތް ހުންނަ މީހުންނާ، މެދު އުމުރުގެ ނުވަތަ އުމުރުން ދުވަސްވީ މީހުންގެ ފުށުންނެވެ. މިފަދަ މީހުން ޑޮކްޓަރު ދެއްވާ ލަފަޔާ އެއްގޮތަށް، ހަކުރު އިތުރުވާފަދަ ކާނާ ކެއުން މަދުކޮށް، ބޭނުމެއްނެތް ޚިޔާލާ ފިކުރުތަކުން ދުރުވެހުރެ، ކަސްރަތުކުރުމާއެކު، ހަކުރު ބަލީގެ މީހުންނަށްދޭ ފަރުވާ (ބޭސް) ގަވާއިދުން ބޭނުން ކުރަނީނަމަ މިބަލި ކޮންޓްރޯލް ކުރެވޭނެ އެވެ. އެންމެ އާންމުކޮށްޖެހެނީ ހަކުރު ބަލީގެ މިވައްތަރެވެ. ނަމަވެސް މިބާވަތުގެ ހަކުރު ބަލި ޖެހޭމީހުންގެ ލޭމައްޗަށްދިއުން، ހިތުގެ ލޭހޮޅިތަކުގައި ސަރުބީ ޖެހުމުގެ މައްސަލައަކީ ވަރަށް ގިނަ ފަހަރު ދިމާވާ ކަމެކެވެ.
ފެންނަ ފެނުންތަކަށް ބަލައިގެން ހަކުރު ބަލީގެ ދެވައްތަރު ދެނެގަންނާނެގޮތް
ބަލިވެއިނުމުން ކުރިމަތިވާ ހަކުރު ބަލި
މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރުބައްޔަ(gestational diabetes)ށް ބަލިވެ އިންނަ ކޮންމެ އަންހެނަކުމެ ޓެސްޓްކުރުމަކީ ބޭނުންތެރި ކަމެކެވެ. އެހެނީ ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެނުމަކާއި ނުލައި، ނުވަތަ ހަކުރުބަލި މެދުވެރިވުމަށް މަގުފަހިކޮށްދޭ ކަމެއް ކުރިމަތި ނުވާ ހާލުގައިވެސް މާބަނޑުވުމުން ހަކުރުބަލީގެ މައްސަލަ ކުރިމަތިވެއެވެ. މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލީގެ އުދަގޫ ވިހެއުމަށްފަހު ފިލައިދެއެވެ. މާބަނޑު ދުވަސްވަރު މިކަމުގެ އުދަގޫ ކުރިމަތިވާ ގިނައަންހެނުންނަށް އަހަރުތަކެއް ފަހުން ހަކުރު ބަލީގެ އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ކުރިން ބަލިވެއިދެ ހަކުރު ބަލީގެ އުދަގުލާއި ކުރިމަތިލާފައިވާނަމަ އެކަން ޑޮކްޓަރަށް ނުވަތަ ސިއްހީ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް ބަޔާންކޮށްދެން ވާނެއެވެ.
ހަކުރު ބަލި ޖެހުމުންވާގޮތް
ހަކުރު ބަލި ޖެހެނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން އުފައްދާ ނުދޭތީ އެވެ. ނުވަތަ އިންސިއުލިން އުފައްދައި ދިން ނަމަވެސް އޭގެ މަސައްކަތަށް ކޮންމެވެސް މިންވަރެއްގެ ހީނަރުކަމެއް ލިބުމާއި ގުޅިގެންނެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ހަށިގަނޑުގައި ހަކުރު ނުވަތަ ގުލްކޯޒުގެ މިންވަރު ބޭނުން ނުކުރެވި އިތުރުވެގެންދެއެވެ.
ހަކުރު ބަލި ކުޑަކޮށް ހުންނަމީހުން އެމީހުންގެ ލޭގައި ހުންނަ ގުލްކޯޒުގެ މިންވަރު މައްޗަށްދަނީ ކެއުމާއި ގުޅިގެން އެކަންޏެވެ. ނުކައި ހުންނައިރު ލޭގައި ހުންނަ ގުލްކޯޒުގެ މިންވަރު ހުންނާނީ އާދައިގެ މީހެއްގެ ލޭގައި ވެސް ހުންނަ މިންވަރަށެވެ. ނުވަތަ އެމިންވަރާ ގާތްކުރާ ހިސާބެއްގައެވެ. ހަކުރު ބަލި ހުރިތޯ ބެލުމަށް ލޭޓެސްޓް ކުރުމުގައި ހެދުނު ނާސްތާ ކުރުމުގެ ކުރިންނާއި، ނާސްތާ ކުރުމަށްފަހު، 2 ގަޑިއިރު ހަމަވާއިރު ލޭޓެސްޓްކުރަންޖެހެނީ މިސަބަބަށްޓަކައެވެ. އިންސިއުލިން އުފައްދާދޭ މިންވަރު މާބޮޑަށް މަދުވެއްޖެނަމަ ނުކައި ހުންނަ އިރުވެސް ލޭގައި އެކުލެވިފައިވާ ގުލްކޯޒުގެ މިންވަރު ހުންނާނީ ވަރަށް ބޮޑަށް މަތީގައެވެ.
ޅައުމުރުގައި ހަކުރު ބަލި ޖެހިއްޖެނަމަ އިންސިއުލިން އުފައްދައިދިނުން ވަރަށް ބޮޑަށް ދަށަށް ދެއެވެ. ނަމަވެސް މެދު އުމުރުގެ ހަށިގަނޑު މާފަލަ މީހަކަށް ހަކުރު ބަލި ޖެހުނުނަމަވެސް، އިންސިއުލިން އުފައްދާ މިންވަރު އާދައިގެ މީހަކަށްވުރެ ގިނަވެދާނެ އެވެ.
ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑު މާބޮޑަށް ފަލަވުމަކީ ހަކުރު ބަލި ޖެހުން ވަރަށް ކައިރިކަމެކެވެ. މިފަދަ މީހުންގެ ހަށިގަނޑުގައި ބޭނުންވާ މިންވަރަށް އިންސިއުލިން އުފައްދައިދިން ކަމުގައި ވިޔަސް ހަށިގަނޑުގައިވާ ގުލްކޯޒުގެ މިންވަރު މައްޗަށް ހިނގައިދާނެއެވެ. މިގޮތަށް ދިމާވަނީ ހަށިގަނޑުގެ މާބޮޑަށް ފަލަވުމާއި ގުޅިގެން ހަށިގަނޑުގައި އިތުރުވަމުންދާ ގުލްކޯޒުގެ މިންވަރު ހަމަހަމަކަމާއެކު ހިފެހެއްޓުމަށްޓަކައި، ޗިސްމޭއިން އުފައްދާ އިންސިއުލިން އަށް މަސައްކަތް ނުކުރެވޭތީ އެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކީ ހަށިގަނޑުގައި އިންސިއުލިންގެ ބާރު ފަތުރައިދޭ، ފުރަމޭގެ ރިސެޕްޓަރ ސެލްތަކުގެ ބޭރުގައި އިންސިއުލިން ގުޅައިދޭ ތަންތަން މަދުވުމުގެ ސަބަބުން އިންސިއުލިން އަށް އެސެލްތަކާއި ގުޅިގެން ހަރަކާތްތެރިވެ ނޫޅެވޭތީ އެވެ. އަދި ފަލަމީހުންގެ ހަށިގަނޑުން ގިނަ އަދަދަކަށް ރިސެޕްޓަރތައް ހަލާކުވަމުންދާތީ އެވެ. މިކަމަށް ކިޔަނީ އިންސިއުލިން ރެސިސްޓެންޓްވުން ނުވަތަ އިންސިއުލިންއަށް ނުގުޑުން އެވެ. ހަކުރު ބަލި ޖެހިފައިވާ މީހުން އެމީހުންގެ ބަރުދަން ލުއިކުރުމުން ފުރަމޭގެ ރިސެޕްޓަރ ސެލްތަކުގައިވާ އިންސިއުލިން ގުޅޭ ތަންތަން އިތުރުވެ، ހަށިގަނޑުގައި އުފެދޭ އިންސިއުލިންގެ ހަރަކާތްތައް ރަގަޅަށް ހިނގަން ފަށައެވެ. އެކަމަށްޓަކައި ހަށިގަނޑުގެ ބަރުދަން އުމުރާގުޅޭ ރަގަޅު މިންގަނޑެއްގައި ހިފެހެއްޓުމަށް އަބަދުވެސް އިސްކަންދޭންވާނެ އެވެ.
ހަކުރު ބަލި ޖެހިފައިވާ ބައެއް މީހުން އެމީހުންގެ ހަށިގަނޑުގައި ފުދޭ މިންވަރަށް އިންސިއުލިން އުފައްދާދީ، ރިސެޕްޓަރ ސެލްތަކުގައި އެކަށީގެންވާ މިންވަރަކަށް އިންސިއުލިން ގުޅޭ ތަންތަން ހުރިކަމުގައި ވިޔަސް، އަދި އެސެލްތަކާއި އިންސިއުލިން ގުޅުނު ނަމަވެސް، އެސެލްތަކަށް ލިބެންޖެހޭ ސިގްނަލް ނުލިބޭނަމަ، އެއީ ހަށިގަނޑުގައި ގުލްކޯޒުގެ ބައި އިތުރުވެގެން ހިގައިދާނެ ކަމެކެވެ.
މީހެއްގެ ކުޑަކަމުދާ ނަޖިހުގައި އާދަވެގެން ގުލްކޯޒެއް ނުހުރެއެވެ. އަދި ހަކުރު ބަލިޖެހިފައިވާ މީހެއްގެ ކުޑަކަމުދާ ނަޖިހުގައި ވެސް ބަލީގެ ކުރީކޮޅުގައި ގުލްކޯޒުގެ އަސަރު ނެތި ހިގައިދާނެ އެވެ. އެއީ ބަލީގެ ކުރީ ކޮޅުގައި ގުލްކޯޒުގެ ބައި ފުރަތަމަ އިތުރުވެގެންދާނީ ލޭގެ ތެރޭގައި ކަމަށްވާތީ އެވެ. ކުޑަކަމުދާ ނަޖިހުގައި ހަކުރު ހުރިކަމަށް ދައްކާނީ ބަލިޖެހޭތާ ދުވަސްކޮޅެއް ފަހުންނެވެ. މިގޮތަށް ދިމާވާނީ ގުރުދާގެ މަސައްކަތުން ލޭގެ ތެރޭގައިވާ ގުލްކޯޒުގެ ބައި ބޭރުވިޔަނުދީ ހިފެހެއްޓިފައި ހުންނާތީ އެވެ. ނަމަވެސް ލޭގައިވާ ގުލްކޯޒުގެ މިންވަރު ގާތްގަނޑަށް 200 މިލިގްރާމް އިންސައްތައަށްވުރެ މައްޗަށް ހިނގައްޖެނަމަ، ގުރުދާގެ މަސައްކަތް ބޭކާރުވެ، ގުރުދާގެ ތެރޭގައިވާ ގުލްކޯޒުގެ ބައި ކުޑަކަމުދާ ނަޖިހާއި އެކުވާގޮތް ވެއެވެ.
މިއިން ދޭހަކޮށްދެނީ ހަކުރު ބައްޔާއި ގުރުދާގެ މަސައްކަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެވެ. އާދަޔާ ޚިލާފަށް ހަކުރު ބަލި ބޮޑަށް ހުންނަމީހުންގެ ގުރުދާއަށް ބުރަބޮޑުވެ، ގުރުދާގެ ބޭނުން ކެނޑޭގޮތްވުމަކީ ވަރަށް ގާތްކަމެކެވެ. ހަމައެފަދައިން މިފަދަމީހުންގެ ކުޑަކަމުދާ ނިޒާމަށް ބަލިތައް ޖެހުމަކީ ވަރަށް ފަސޭހައިން ދިމާވާ ކަމެކެވެ. ” (އިސްމާޢީލްފުޅު, 2000)
ހަކުރު ބަލި ޖެހެން ދިމާވާ ސަބަބުތައް
ހަކުރު ބައްޔަކީ ތަފާތު ކިތައްމެ ގޮތަކަށް ޖެހިދާނެ ބައްޔެކެވެ. އެގޮތުން އާންމު ގޮތެއްގައި ހަކުރު ބަލިޖެހެނީ ޗިސްމޭގެ މަސައްކަތް ހުއްޓާލުން ނުވަތަ ޗިސްމޭގެ ބޮޑު ބައެއް ހަލާކުވުމުންނެވެ. ޗިސްމޭގެ މަސައްކަތް ހުއްޓާލަން ނުވަތަ ޗިސްމޭ ހަލާކުވަން ދިމާވެދާނެ ސަބަބު ތަކުގެ ތެރޭގައި ޗިސްމޭ ދުޅަވުން، ޗިސްމެޔަށް ކެންސަރު ޖެހުން، “ސިސްޓިކް ފައިބްރޯސިސް” ކިޔާ ބައްޔެއް ޖެހުން، ވައިރަހުން ޖެހޭ ބައެއް ބަލިތައް ޖެހުމުން، އަދި ބައެއް ކަހަލަ ކެމިކަލްގެ ސަބަބުން ޗިސްމޭ އިން އިންސިއުލިން އުފައްދާ ސެލްތައް ހަލާކުވުން، އަދި އުފެދުމުގައި ހުރި ކަމެއްގެ ސަބަބުން ޗިސްމޭގެ މަސައްކަތަށް ބުރޫއެރުން ފަދަ ކަންތައްތައް ހިމެނެއެވެ. މިހުރިހާ ކަންކަމަކީ އޭގެ ސަބަބުން ހަށިގަނޑުގައި އިންސިއުލިން ބޭނުންކުރާގޮތް ނުވަތަ އުފައްދާ ގޮތަށް މައްސަލައެއް ދިމާވެދާނެ ކަންކަމެވެ. އެގޮތުން ދިމާވެދާނެ ކަންކަމަކީ:-
ޗިސްމޭ އިން އިންސިއުލިން އުފެއްދުން މަދުވުން (ދަށްވުން)
ޗިސްމޭ އިން އިންސިއުލިން އުފެއްދުމަށް ނުކުޅެދުން
ހަށިގަނޑަށް ފުދޭވަރަށް (ބޭނުންވާ މިންވަރަށް) އިންސިއުލިން އުފައްދައި ނުދިނުން
ހަށިގަނޑުގައި އިންސިއުލިންގެ މަސައްކަތަށް ހީނަރުކަމެއް އައުން
ޗިސްމޭ އިން އުފައްދާ އިންސިއުލިން މަސައްކަތް ނުކުރާގޮތްވުން
ޗިސްމޭ އިން އުފައްދާ އިންސިއުލިން އަށް ހަށިގަނޑު އިޖާބަނުދިނުން
ޗިސްމޭ އިން ލޭގެ ތެރެއަށް އެކަށޭނަވަރަށް އިންސިއުލިން ފޯރުކޮށް ނުދެވުން
ހަށިގަނޑުގައި އިންސިއުލިންގެ ބޭނުން އެކަށޭނަ ވަރަށް ނުހިފުން
ހަކުރު ބައްޔަށް މަގުފަހިކުރާ ކަންތައްތައް
ހަކުރު ބަލިޖެހުމާ ބައެއް ކަހަލަ ކަންތައްތަކާ ގުޅިފައި ހުންނަކަން ފާހަގަކޮށްލަން ޖެހެއެވެ. ނުވަތަ ހަކުރު ބަލިޖެހުމަށް މަގުފަހިކުރާ (ފުރުޞަތު އިތުރުކުރާ) ކަންތައްތަކެއް ހުންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކަކީ:-
ވާރުތަވުން : މިއީ ހަކުރު ބަލިޖެހޭ ފަދަ ކަންތައްތަކެއް ހަށިގަނޑަށް ވާރުތަވެފައި ހުރުމެވެ. ހަކުރު ބަލިޖެހިފައި ތިބޭ މީހުންގެ އާއިލާގެ ތެރޭގައި ހަކުރު ބަލި ދައުރުވުމުގެ ފުރުޞަތު ބޮޑެވެ. މާނައަކީ މަންމަ ބައްޕަ، ކާފަ މާމަ އަކީ ހަކުރު ބަލީގެ އަހުލުވެރިން ކަމުގައިވާނަމަ އެމީހުންގެ ދަރިންނާ، ދަރިންގެ ދަރީންނަށް ހަކުރު ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.
އުމުރު : މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ގިނައިން ބަލިޖެހެނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް ޒުވާނުންނާ، ކުޑަކުދިންނަށް ވެސް ބަލިޖެހުމުގެ ފުރުޞަތު އޮވެއެވެ. ތުއްތު ކުދިންނަށް ހަކުރު ބަލިޖެހޭލެން ވަރަށް މަދެވެ.
ޖިންސް : އޭޝިޔާގެ ގައުމުތަކުގައި ހަކުރު ބަލި ޖެހޭ ފިރިހެނުންގެ ނިސްބަތް އަންހެނުންގެ ނިސްބަތަށްވުރެ ގިނައެވެ. ޔޫރަޕުގެ ގައުމުތަކުގައި ހަކުރު ބަލި ފިރިހެނުންނަށްވުރެ ގިނައިން ޖެހެނީ އަންހެނުންނަށެވެ. ނަމަވެސް އާންމު އުސޫލަކުން ބަލާއިރު އަންހެނުންނާ ފިރިހެނުންނަށް ހަކުރު ބަލިޖެހުމުގެ ފުރުޞަތު އެއްވަރަކަށް އޮވެއެވެ.
ވިހެއުން : ގިނަ ކުދިން ވިހާފައިވާ އަންހެނުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. ހަކުރު ބަލިޖެހުން ކައިރި މީހުންނަށް ގިނަފަހަރު ލިބެނީ ހަށިގަނޑުން ބޮޑެތި ، އާދަޔާ ޚިލާފަށް ބަރުދަން އިތުރު ކުދީންނެވެ. ބައެއް ފަހަރު މިފަދަ މީހުންނަށް ލިބޭކުދިން އުފަންވާއިރު މަރުވެފައި ތިބުމަކީ ވެދާނެ ގޮތެކެވެ.
މާބޮޑަށް ފަލަވުން : މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވެ ފަލަވުމަކީ ހަކުރު ބަލި ޖެހުމަށް މަގުފަހިކުރާ ކަމެކެވެ
ބައެއް ކަހަލަ ބަލިތައް : ލޭމައްޗަށްދިއުން، ސަރުބީމަތިވުން ފަދަ ބަލިތައް ހުރުމަކީ ވެސް ހަކުރު ބަލިޖެހުމަށް މަގުފަހިކުރާނެ ކަމެކެވެ.
ދިރިއުޅުމުގައި ގެންގުޅެވޭ އާދަކާދަތައް
o ހެލިފެލިވެ ނޫޅުން : އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް ގޭގައި ތިބޭ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުބަތު ބޮޑެވެ.
o ކެއުން : ކެއުން ބުއިމުގައި ގެންގުޅެވޭ އާދަތަކެއްގެ ސަބަބުން ވެސް ހަކުރު ބަލިޖެހުމަށް މަގުފަހިކޮށްދާނެ އެވެ
o ވައިރަސް އިންޖެހޭ ބަލިތައް ޖެހުން : ވިލާތު ހިމަބިހި، އަދި ކޯފުއްޕި ފަދަ ބަލިތައް ޖެހުމަކީ ހަކުރު ބައްޔަށް މަގުފަހިކޮށްދާނެ ކަމެކެވެ.
o ދިރިއުޅުމުގައި ފިކުރުބޮޑުވުމާ ހާސްވެ ކަންބޮޑުވުން މެދުވެރިވުން
o ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް ޑަޔުރެޓިކްސް އަދި ދޭތެރެ ދުރުކުރާ ބޭސް، އަދި ބައެއް ކަހަލަ ހޯރމޯން ތައް ބޭހުގެ ގޮތުގައި ބޭނުންކުރުމަކީ ހަކުރު ބަލި ޖެހުމަށް މަގުފަހިކުރާ ކަމެކެވެ.
ހަކުރު ބަލީގެ ޢަލާމާތްތައް
ހަކުރު ބަލިޖެހާތާ ކުރީކޮޅު ފާހަގަ ކުރެވޭފަދަ މާބޮޑު އަލާމާތެއް ނުފެނިދާނެ އެވެ. ނަމަވެސް ބައްޔާ ގުޅޭ އާދަޔާ ޚިލާފު އިހްސާސްތަކެއް ބަލިމީހާ އަށް ކުރެވެމުންދާނެ އެވެ. އަދި ބަލީގައި ގިނަ ދުވަސް ވަމުން ދިޔަ ވަރަކަށް ބަލީގެ އަލާމާތްތައް ފެންނަމުން ދާނެއެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:-
އަވަސް އަވަހަށް (ގިނަގިނައިން)ކުޑަކަމުދާންޖެހުން އަދި ދެވޭ މިންވަރު ގިނަވުން : ރޭގަނޑު ނިދަން އޮށޯތުމުން މިއުދަނގޫ ބޮޑުވާގޮތް ވެއެވެ.
އާދަޔާ ޚިލާފަށް ކަރުހިއްކާ ފެންބޮވުން : ދުވާލަކު 8 އެއްކަ ލިޓަރުގެ ފެން ބޯން ވެސް ބޭނުންވެދާނެ އެވެ. ގިނައިން ފެން ބޭނުންވަނީ ހަށިގަނޑަށް ފެން ބޭނުންވާލެއް ގިނަކަމުން އެތެރެ ހިކޭތީ، ފެންބޮވާގޮތް ވުމުންނެވެ.
އާދަޔާ ޚިލާފަށް ބަނޑުހައިވުން ނުވަތަ މާބޮޑަށް ކާހިތްވުން
ބަރުދަނަށް ބަދަލުއައުން (ލުއިވުން / ބަރުވުން) : ހަކުރު ބަލީގެ މީހުންގެ ހަށިގަނޑު އަނަރޫފަވުން ނުވަތަ ފަލަވުމަކީ ވެސް ވެދާނެ ގޮތެކެވެ. ބައެއް މީހުންނަށް އެބަލި ހުންނަކަން އެނގޭއިރު ހުންނާނީ ވަރަށް ބޮޑަށް ފަލަވެފައެވެ.
ހަށިގަނޑު ވަރަށް ބޮޑަށް ހިރުވައި ކެހުން
ކެނޑޭ ތަންތަނާ، ފާރުވާ ތަންތަން ފަސޭހަވުން ލަސްވުމާ އުމަގުވުން ނުވަތަ ފައިގައި ފާރުގަނޑު ހެދި ފަސޭހަނުވެ ލަސްވުން
ވަރުބަލިވުމާ، ބޯއެނބުރުން : ހަކުރު ބަލި ޖެހިފައިވާ މީހުން ކިތައްމެ ކުޑަކަމެއްކޮށްލިޔަސް، ވަރުބަލިވާގޮތް ދިމާވެއެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ ހަކުރުގެ މާއްދާ ބޭނުން ނުކުރެވުމުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ”ބަނޑަށް”ޖެހޭތީ އެވެ.
ލޮލުގެ ފެނުމަށް ދަތިވެ، އުދަނގޫވުމާ ފުސްވުން
އަތްފައިގައި ވެލި ހިރުވާހެން ހީވުން ނުވަތަ ކަށިހެރޭހެން ހީވުން
އަތްފައި އައްސިވުން
ޖިންސީ އެދުންވެރިކަން ކުޑަވުން
ޖިންސީ ބަލިކަށިކަން ކުރިމަތިވުން
އަންހެނުންގެ ޖިންސީގުނަވަން ފާރުވެ ކެހުން
ހިތްހަމަނުޖެހުން
އަބަދު ނިދިއަންނަގޮތްވުން
ގައިގައި މުލިހިނެގުން
އަކުނިވަޔަށްދެމުން
ބަނޑުހިކުން : ބައެއް މީހުންނަށް ހަކުރު ބައްޔާ ގުޅިގެން ބަނޑުހިކޭގޮތް ދިމާވަނީ މާގިނައިން ކުޑަކަމުދެވުމާއި ގުޅިގެން ހަށިގަނޑުގައިވާ ފެނުގެ ބައި މަދުވާތީ އެވެ.
ފަރުވާ ނުލިބި ގިނަ ދުވަސްވުމުން އިތުރަށް ދިމާވެދާނެ މައްސަލަތައް
ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް ސަމާލުކަން ނުދެވިއްޖެނަމަ، ބަލީގެ އިތުރު އަލާމާތްތައް ފެނި، އިތުރަށް އިތުރު އުނދަގޫތައް ފެންމަތިވެގެން އަންނާނެ އެވެ. މިގޮތުން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި:-
(ހ) ހަކުރު ބަލި ޖެހި ލޮލަށް ގެއްލުންވުން (diabetic retinopathy): ހަކުރު ބަލިޖެހުމަށްފަހު ގިނަ ދުވަސްވުމުން ލޮލުގެ މައްސަލަތައް ދިމާވުމަކީ ވެދާނެ ގޮތެކެވެ. ޢާންމު ގޮތެއްގައި ހަކުރު ބައްޔާއި ގުޅިގެން ލޮލުގެ މައްސަލަ ކުރިމަތިވާ ލޮލުގެ އަސާސީ ގުނަން އަކީ ލޮލުގެ ފަހަތުގައިވާ އައްޔަށް ނާޒުކު ބައެއް ކަމުގައިވާ ”’ލޮލުގެ އަލި ދުލި”'(retina) އޭ ކިޔޭ ނާރު ފަށަލަ އެކެވެ. މާނަ އަކީ ހަކުރު ބައްޔާއި ގުޅިގެން ލޮލުގެ އަލި ދުލި ހަލާކުވެ މައްސަލަތައް ކުރިމަތިވުމެވެ. ލޮލުގެ އަލި ދުއްޔަކީ ތަނެއް ނުވަތަ އެއްޗެއް ފެންނަހިނދު އެއެއްޗެއްގެ ސޫރަ ނަގައިގަނެ، އެ މަންޒަރެއް ނުވަތަ އެސޫރައެއް ސިކުނޑިއަށް ފޮނުވައިދޭ ފަރާތެވެ.
ހަކުރު ބައްޔާއި ގުޅިގެން ލޮލަށް ކުރިމަތިވާ މައްސަލަ ތަކުގެ ތެރޭގައި ލޮލުގެ ފެނުން ދަށްވުން، ލޯފުސްވުން، އަދި ލޯއަދިރިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ހަކުރު ބަލީގައި ގިނަ ދުވަސްވާވަރަކަށް ލޮލަށް ދިމާވާ މިފަދަ އުދަގޫތައް އިތުރަށް ގޯސްވެގެން ދެއެވެ. އެންމެ ފުރަތަމަ ވާގޮތަކީ ލޭހޮޅިތައް ނިކަމެތިވަނީ އެވެ. އަދި އޭގެ ސަބަބުން ލޮލުގެ ކުދި ލޭނާރުތައް ފެޅި ލޭހޮޅިތަކުން ލެޔާއި، ދިޔަ ލޮލުގެ އަލި ދުލީގެ ތެރެއަށް ފޭދޭގޮތް ވަނީއެވެ. އެހެންކަމުން ހަކުރު ބައްޔާއި ގުޅިގެން ލޮލުގެ އަލި ދުއްޔަށް ކުރިމަތިވާ އެންމެ އާންމު މައްސަލަ އަކީ މިއީއެވެ.
ހަކުރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ ލޮލުގެ ފޯކަސް ކުރުމަށް އަންނަ ބަދަލުގެ ސަބަބުން ކުއްލިއަކަށް ލޯފުސްވެ، އައިނު އަޅާ މީހެއްނަމަ، އައިނުގެ ނަންބަރު ބަދަލުވެއްޖެކަމަށް ހީވާވަރަށް ލޯފުސްވުމަކީ ވެދާނެ ގޮތެކެވެ. މިހެން ދިމާވަނީ ލޮލުގެ އެތެރޭގައި އިންނަ ލެންސަށް ހަކުރު ވަދެ ލެންސަށް އިންނަންވީ ވަރަށް ވުރެ، ކުޑަވެ، ނުވަތަ ބޮޑުވާގޮތް ވާތީ އެވެ. ލޮލުގެ ތެރޭގައި އިންނަ ގުދުރަތީ ލެންސް ފުސްވުމަކީ ހަކުރު ބަލީގެ މީހުންނަށް އެހެންމީހުންނަށްވުރެ ގިނައިން ދިމާވާ ކަމެކެވެ. ލޮލުގެ ޕްރެޝަރު މަތިވާ ބަލި(glaucoma) ޖެހުމަކީ ވެސް ހަކުރު ބަލީގައި ވެދާނެ ގޮތެކެވެ. ލޮލުގެ ނާރުގެ އަރިމަތީގައި އިންނަ ވަރަށް ނާޒުކު އަދި ފެނުން ދެމެހެއްޓުމަށް އެންމެ މުހިއްމު ފަށަލަ ކަމުގައިވާ “މެކުލާ”(macula) ކިޔާ ފަށަލައިގެ ދަށުގައި ފެންހެދި ފެނުން ދަށްވުމަކީ ވެސް ހަކުރު ބަލީގައި ދިމާވެދާނެ ކަމެކެވެ. ހަކުރު ބަލިޖެހި ލޮލުގެ ފެނުމަށް ބަދަލު އައިސް މުޅިނ ލޯއަނދިރިވަނީ އެންމެ 7 އިންސައްތަ މީހުންކަން ފާހަގަ ކުރެވެއެވެ.
(ށ) – ހަކުރު ބަލި ޖެހި ނާރުތަކަށް ގެއްލުންވުން (diabetic neuropathy): ހަކުރު ބައްޔާ ވިދިގެން ހަށިގަނޑު ތަފާތު ނާރުތަކަށް ގެއްލުން ލިބެއެވެ. އެގޮތުން ހަކުރު ބަލިޖެހުމުން ނާރުތަކަށް ލިބޭ ގެއްލުންތައް 3 ބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ:-
– ޕެރިފެރަލް ނާރު ތަކަށް ގެއްލުންވުން (peripheral neuropathy): މިއީ ހަކުރު ބައްޔާ ގުޅިގެން “ޕެރިފެރަލް ނާރު”(peripheral nerves) ތަކަށް ގެއްލުން ވުމެވެ. މިއީ ތަދާ، ފިންޏާ، ހޫނު، ބީހުން ފަދަ ކަންތައް އިހުސާސް ކޮށްދިނުމުގައި ބައިވެރިވާ ނާރު ތަކެކެވެ. މީގެ އިތުރުން މަސްތަކުގެ ބާރު، އަދި ހަރަކާތްތަކުގައި ވެސް މިނާރުތައް އޭގެ ދައުރު އަދާކުރެއެވެ. އެންމެ އާންމުކޮށް ބަލީގެ އަސަރު ފޯރަނީ ފައިގެ ތިރީގައި ހުންނަ ނާރުތަކަށެވެ. ފައިގައި އެކުލެވޭ ނާރުތަކަށް ގެއްލުންވުމުން ހީވެސް ނުކުރާފަދަ މައްސަލަތައް ފަޔަށް މެދުވެރި ވެއެވެ.
– އުޓޮނަމިކް ނާރު ތަކަށް ގެއްލުންވުން (autonomic neuropathy): މިއީ ހަކުރު ބައްޔާ ގުޅިގެން “އުޓޮނަމިކް ނާރު” (autonomic nerves)ތަކަށް ގެއްލުން ވުމެވެ. މިއީ ހިތުގެ ވިންދު، ލޭގެ ޕްރެޝަރު، ހަޖަމުކުރުން، ކުޑަކަމުދިއުން، ދާހިއްލުން، އަދި ޖިންސީ ގުޅުމާބެހޭ ކަންކަން ކޮންޓްރޯލްކޮށްދޭ ނާރު ތަކެކެވެ.
– ހަކުރު ބައްޔާ ގުޅިގެން ވަކި އެންމެ ނާރަކަށް ގެއްލުންވުން (focal neuropathy): މިގޮތުން އެންމެ އާންމުކޮށް ހަކުރު ބައްޔާ ގުޅިގެން މައްސަލަ ކުރިމަތިވަނީ މާކަޅުވާމަސް، ފައިތިލަ، އަދި އަތުކުރި ހިމެނޭ ހިސާބުގެ ނާރުތަކުން ނާރަކަށެވެ. މިވައްތަރުގެ ނާރުތަކަށް ގެއްލުން ލިބުން އާންމު ގޮތެއްގައި ކުރިމަތިވަނީ ނޭނގި ހުއްޓައި ކުއްލިއަކަށް ދިމާވާ ކަމެއްގެ ގޮތުގައެވެ.
ހަށިގަނޑުގެ ނާރުތަކަށް ގެއްލުން ލިބުމުގެ ސަބަބުން ފައި އައްސިވެ، ފައިގެ ދަށްފުށުގައި ވެލިހިރުވާގޮތްވެ، އަދި ބައެއް ފަހަރު އާދަޔާ ޚިލާފަށް ފައިގައި ރިހޭގޮތްވެސް ދިމާވެއެވެ. މީގެ އިތުރުން ހަކުރު ބަލިޖެހޭ ފިރިހެނުންގެ ޖިންސީ ގުނަވަނުގެ އިހްސާސް ކެނޑި، ކުޑަވެ، އެގުނަވަނުގެ ބާރު އުފެދުމަށް ބޭނުންވާ މިންވަރަށް ލޭނުލިބުމުގެ ސަބަބުން، އެގުނަވަނަށް ބާރުނާރާގޮތް ދިމާވެއެވެ.
(ނ) – ހަކުރު ބަލިޖެހި ގުރުދާއަށް ގެއްލުންވުން(diabetic nephropathy): ހަކުރު ބަލިޖެހި ގުރުދާ(kidney) ހަލާކުވެ ފޭލްވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިބަލީގެ ސަބަބުން ގުރުދާގައި ހުންނަ ގްލޯމެރިޔޫލަސް(glomerulus) ތަކުގައި ހުންނަ ކުދިކުދި ލޭހޮޅި ތައް ހަލާކު ކޮށްލައެވެ. ވަރަށް ގިނަ މީހުންނަށް މިބަލީގެ ސަބަބުން ޑަޔަލިސިސް ހަދަން ޖެހެއެވެ.ހަކުރު ބަލިޖެހޭ ކޮންމެ މީހަކަށް ގުރުދާ ފޭލްވުން ކުރިމައްޗެއް ނުވެއެވެ. ގުރުދާ ގެ ބަލިތައް ވެސް އެންމެންނަކަށް ކުރިމައްޗެއް ނުވެއެވެ.
ގުރުދާގައި ލޭގައި އެކުލެވޭ ބޭކާރުބައިތައް ފުރާނާދީ ސާފުކޮށްދިނުމުގެ މަސައްކަތްކުރާ ވަރަށް ކުދި ލޭހޮޅިތައް ހުރެއެވެ. ލޭގައި ހަކުރު މައްޗަށް ގޮސް ހަކުރު ބަލި ޖެހުމަކީ މިލޭހޮޅިތައް ހަލާކުވާނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ގުރުދާގެ މަސައްކަތަށް ބުރޫއަރައި ގުރުދާ ފޭލްވުން ކުރިމަތި ކުރުވައެވެ. ހަކުރު ބަލި ޖެހޭ މީހުންގެ ތެރެއިން ގުރުދާ ފޭލްވުން ކުރިމަތިވަނީ އެންމެ 40 އިންސައްތަ މީހުންނަށް ކަމަށް ދިރާސާ ތަކުން ދައްކައެވެ.
ހަކުރު ބަލި ޖެހިފައިވާ މީހަކުގެ ކިބައިގައި ލޭމައްޗަށްދިއުން، ލޭގައި ސަރުބީ މަތިވުން ހުރެފައި، ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ގުރުދާ ފޭލްވުމުގެ ފުރުޞަތު ބޮޑެވެ. އަދި ބައެއް ނަސްލު ތަކުގެ މީހުންނަށް ހަކުރު ބައްޔާއި ގުޅިގެން ގުރުދާ ފޭލްވުމުގެ ފުރުޞަތު ބޮޑުކަމަށް ވެއެވެ.
ހަކުރު ބައްޔަކީ ގުރުދާ ފޭލްވުމަށް ދިމާވާ އެންމެ މައިގަނޑު ސަބަބެވެ. މިގޮތުން ހަކުރުބަލި ޖެހިފައިވާ މީހުންގެ ތެރެއިން 3 ބައިކުޅަ އެއްބައި މީހުންނަށް ގުރުދާ ފޭލްވުމުގެ މައްސަލަ ކުރިމަތިވެއެވެ. ހަމައެކަނި ގުރުދާ ފޭލްވެފައިވާ މީހުންނާއި އަޅާބަލާއިރު ހަކުރުބަލީގެ މީހަކު ގުރުދާ ފޭލްވުމުން އިތުރު އުދަގޫ މައްސަލަތަކެއް ތަޖުރިބާކުރެވެއެވެ. ސަބަބަކީ ހަކުރުބަލި ޖެހިފައިވާ މީހުން ދިގު މުއްދަތަކަށް ބައެއް ބާވަތުގެ ސިއްހީ މައްސަލަތައް ތަޖުރިބާކުރަމުން އައިސްފައިވުމެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުން، ކޮލެސްޓްރޯލް މަތިވުން، ލޭގެ ހޮޅިތަކަށް ބަލިޖެހުން ހިމެނެއެވެ.
ހަކުރު ބަލީގެ ދެވައްތަރު ކަމަށްވާ ޓައިޕް 1 އަދި ޓައިޕް2 އަށް ގުރުދާ ބަލި ޖެހުމުގައި ތަފާތު ތަކެއް ވެއެވެ. ޓައިޕް 1 ހަކުރު ބަލީގައި ގުރުދާ ބަލި ހަކުރު ބަލި ތަޖުރިބާ ކުރެވުމަށްފަހު އުމުރުގެ ކުރީކޮޅުގައި ނުވަތަ ޒުވާން އުމުރުގައިވެސް ތަޖުރިބާ ކުރެވިދާނެއެވެ. ޓައިޕް 2 ހަކުރު ބަލީގައި ބަލިޖެހުމުގެ ކުރީގައިވެސް ގިނަމީހުންނަށް ގުރުދާގެ ބަލި ޖެހިފައިވުން އެކަށީގެންވެއެވެ. އެއީ ހަކުރު ބަލީގެ މިވައްތަރު ތަޖުރިބާކުރެވެނީ އާއްމުކޮށް މެދުއުމުރާއި މުސްކުޅި އުމުރުގެ މީހުންކަމަށްވުމުންނެވެ. އަދި މިބައިމީހުންނަކީ އިތުރު ސިއްހީ މައްސަލަތަކެއްވެސް ތަޖުރިބާކުރެވިދާނެ ބަޔަކަށްވެފައި މިފަދަ ސަބަބަކާއި ގުޅިގެން ގުރުދާ ބައްޔަށް މަގުފަހިވުން އެކަށީގެންވާތީއެވެ.
(ރ) – ހަކުރު ބަލިޖެހި ފައި ހަލާކުވުން (diabetic foot): ހަކުރު ބަލި ޖެހި ފައި ހަލާކުވާން ދިމާވަނީ ފައިގެ އެކި ހިސާބުތަކަށް ރަގަޅަށް ލޭފޯރުކޮށް ނުދިނުމާ، ފައިގެ ނާރުތަކަށް ގެއްލުން ލިބުމުގެ ސަބަބުންނެވެ. ހަކުރު ބަލި ޖެހުމުން ފަޔަށް ކުރިމަތިވާ މައްސަލަތަކުގެ ތެރެއިން އެންމެ އާންމު ކަމަކީ ފައިގައި ޖަރާސީމު އަށަގަނެ، ހަލާކުވެ މަރުވުން، އަދި ފައިގައި ޖަހާ ފާރުކޮޅު ފަދަ ތަކެތި ފަސޭހަވުން ލަސްވުން ފަދަ ކަންތައްތަކެވެ.
ހަކުރު ބައްޔާއި ގުޅިގެން ފަޔަށް ދިމާވާ މައްސަލަތަކުން ރައްކާތެރިވުމަށް އެންމެ ރަގަޅު އެއްގޮތަކީ ދުރާލާ އެކަމަށް ވިސްނައި ތައްޔާރުވެ ހުރެ އެކަމުން ރައްކާތެރިވުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ދެފައި ދޮވެ ރަގަޅަށް ސާފުކޮށް ފައިގެ ޞިއްޙަތަށް ރަގަޅަށް އަޅާލުން މުހިއްމެވެ. ފައިގައި އުފެދޭ ފާރުގަނޑަށް ރަގަޅަށް އަޅާލައި އެޔަށް ފުރިހަމަ އަށް ފަރުވާ ކުރުމަކީ ވެސް އެދެވިގެންވާ ކަމެކެވެ.
(ބ) – ހަށިގަނޑުގެ ލޭނާރުތަކަށް ގެއްލުން ލިބުން (diabetic vasculopathy):މިކަމުގެ ސަބަބުން ލޭމައްޗަށްދާގޮތް ދިމާވެއެވެ. ލޭނާރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ފައިގައި ލޭހިނގާ ހޮޅިތަކުން ލޭހިނގުމަށް ބުރޫއަރައެވެ. މިކަމުގެ ސަބަބުން ފައިފޮއްސިވެ ފައިގައި ރިހޭގޮތް ވެއެވެ.ހަކުރު ބަލީގެ ސަބަބުން ހިތަށް ލޭފޮނުވައިދޭ ލޭނާރުތައް ބެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ހާރޓް އެޓޭކްޖެހުން އޮންނަނީ ވަރަށް ކައިރީގައެވެ. ހަމައެފަދައިން ސިކުނޑިއަށް ލޭފޮނުވައިދޭ ލޭނާރުތައް ބެދޭގޮތް ދިމާވެއެވެ. މިކަމުގެ ސަބަބުން ސްޓްރޯކްޖެހި ވާގިނެތޭ ބަލި ޖެހޭގޮތް ވެއެވެ.
(ޅ) – ހަމުގެ ބަލިތައް ޖެހުން :”ހަމަށް ބޭނުންވާ ކާނާ ގެނެސްދޭ ކުދިކުދި ލޭނާރުތަކަށް ހަކުރު ބަލީގެ ސަބަބުން ބަދަލު އާދެއެވެ. އޭގެ އިތުރުން އެކިކަހަލަ ޖަރާސީމްގެ ސަބަބުން ހަމަށް ގެއްލުން ލިބި ހަމުގެ ބައެއް ބަލިތައް ފެށޭގޮތް ވެއެވެ. މިގޮތުން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި ނާރުތައް ހަލާކުވުން، ހަމުގެ އިހްސާސްކެނޑުން، ހަންކުރަކިވުން، ހަންހިރުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ހަކުރު ބައްޔަކީ އެބަލީގެ ސަބަބުން ހަމުގައިވާ އިހްސާސް ކުރުމުގެ ނާރުތައް، ޚާއްޞަކޮށް ފައިގެ ނާރުތައް ހަލާކުވެ އިހްސާސް ކެޑިގެންދާ ބައްޔެކެވެ. ވީމާ އެކަމަށް ސަމާލުކަން ނުދެވިއްޖެނަމަ، ވަރަށް ގިނަފަހަރު އެކަމުގެ ސަބަބުން، ދެރަގޮތްގޮތް ދިމާވެއެވެ. މީގެތެރޭގައި އަރައިގެން ހުންނަ ފައިވާން، ނުވަތަ ބޫޓްގެ ސަބަބުން، ފައިގައި ފޮޅުނަގައި، އެތަންތަން ނުބައިވެގެންދާ އިރުވެސް ނޭގިހުރެއެވެ. އަދި ހަށިގަނޑުގެ އެކިއެކި ހިސާބުގައި އުފެދޭ ފާރުގަނޑު ފަސޭހަވުން ލަސްވުމަކީ ވަރަށް އާންމު ކަމެކެވެ.” (އިސްމާޢީލްފުޅު, 2000)
ހަކުރު ބަލި ޖެހިފައިވާކަން ދެނެގަތުން
ހަކުރު ބަލި ހުރިތޯ ބެލުމަށް ކުޑަކަމުދާ ތަކެއްޗާ، ލޭ ވެސް ޓެސްޓު ކުރެވެއެވެ. އާންމުކޮށް ކުޑަކަމުދާ ނަޖިހުގައި ހަކުރެއް ނުހުރެއެވެ. ނަމަވެސް ލޭގައި ހަކުރު ވަކިވަރަކަށް ހުރެއެވެ.ލޭގައި ހަކުރު ހުރިތޯ ޓެސްޓްކުރުމުން ހަކުރު ބަލިޖެހިފައި ހުރިކަން ނުވަތަ ނެތްކަން ޔަގީން ކުރެވޭނެ އެވެ. އަދި ހަކުރު ބަލިޖެހިފައިވަ މީހެއްނަމަ ބަލި ކޮންޓްރޯލްކުރުމަށް މަގުފަހިވެގެންދާނެ އެވެ. މިގޮތުން ލޭގެ ޓެސްޓްވެސް ތަފާތު ކިތައްމެ ގޮތަކަށް ކުރެއެވެ.
ހަކުރުބަލި ޖެހިފައިވާކަން ޔަޤީން ކުރެވޭނެ ގޮތަކީ ލޭގައި ހަކުރު ހުރިމިންވަރު ބެލުމެވެ. އާއްމު ގޮތެއްގައި ހައިބަނޑާއި ހުންނަމީހެއްގެ ލޭގައި ހަކުރު ހުންނާނީ ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 70 އާއި 99 މިލިގްރާމް އާއި ދެމެދުގެ މިންވަރަކަށެވެ. ކެއުމަށްފަހު މީހާގެ ހަކުރުމައްޗަށް ދެއެވެ. ނަމަވެސްލޭގެ ކޮންމެ ޑެސިލިޓަރެއްގައި 200 މިލިގްރާމް އަށްވުރެ މައްޗަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. ހަކުރުބަލި ކަމުގައި ނިންމުމަށްޓަކައި (ޑަޔަގްނޯސް ކުރުމަށް) އެމެރިކަން ޑައަބިޓީސް އެސޯސިއޭޝަން (އޭ.ޑީ.އޭ) އިން ކަނޑައަޅާފައިވާ ދެ މިންގަނޑަކީ:
1- ހަކުރު ބަލީގެ އަލާމާތްތައް (ކުރިން ދެންނެވުނު) ހުރުމާއެކު ލޭގެ ހަކުރު ބަލާއިރު ކޮންމެ ޑެސިލިޓަރެއްގައި 200 މިލިގްރާމަށްވުރެ މަތީގައި ހަކުރު ހުރުން
2- ހައިބަނޑާ ހުރެ ހަދާ ހަކުރު ޓެސްޓު(fasting blood sugar)ގައިލޭގައި ހަކުރުގެ މިންވަރު ކޮންމެ ޑެސިލިޓަރެއްގައި 126 މިލިގްރާމް އަށްވުރެ މަތީގައި ދެ ދުވަހެއްގެ މަތީން ހުރުން
ލޭގެ ޓެސްޓްތަކުން ދައްކައިދޭ ގުލްކޯޒުގެ މިންވަރު (މިލިލީޓަރެއްގެ ލޭގައި ހުންނަ މިލިގްރާމް)
ހަކުރު ބަލި ނުޖެހޭ މީހެއްގެ ލޭގައި ގުލްކޯޒު ހުންނަންވާ މިންވަރު:
ހެދުނު ނާސްތާ ކުރުމުގެ ކުރި: 65-100 މިލިގްރާމްއާ ދެމެދު
ނާސްތާކުރާތާ ދެގަޑީއިރު ފަސް: 100- 120 މިލިގްރާމްއާ ދެމެދު
ހަކުރު ބަލި ޖެހިދާނެ ކަމަށް ލަފާކުރެވޭ މީހުންގެ ލޭގައި ގުލްކޯޒު ހުންނަ މިންވަރު:
ހެދުނު ނާސްތާ ކުރުމުގެ ކުރި: 105-120 މިލިގްރާމްއާ ދެމެދު
ނާސްތާކުރާތާ ދެގަޑީއިރު ފަސް: 120- 150 މިލިގްރާމްއާ ދެމެދު
ހަކުރު ބަލި ޖެހިއްޖެކަމަށް ފާހަގަކުރެވޭ މީހުންގެ ލޭގައި ގުލްކޯޒު ހުންނަ މިންވަރު:
ހެދުނު ނާސްތާ ކުރުމުގެ ކުރި: 120 މިލިގްރާމްއަށްވުރެ މަތިވުން
ނާސްތާކުރާތާ ދެގަޑީއިރު ފަސް: 180 މިލިގްރާމްއަށްވުރެ މަތިވުން “
(އިސްމާޢީލްފުޅު, 2000)
“ގުލްކޯޒު ޓޮލަރަންސް ޓެސްޓް (GTT) : ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލުމުގެ ގޮތުން ކުރެވޭ ޓެސްޓްތަކަށް ބަލާއިރު ބައެއް ފަހަރު ކަނޑައެޅިގެން ހަކުރު ބަލި ހުރިކަން ނުވަތަ ނެތްކަން ބުނަން ދަތިވާ ފަހަރު އާދެއެވެ. މިހެން ދިމާވެއްޖެނަމަ މިކަން ނިންމާނީ ވަކި މިންވަރަކަށް ގުލްކޯޒު ކާންދިނުމަށްފަހު ލޭގައިވާ ހަކުރުގެ މިންވަރަށް އަންނަ ބަދަލުތަކަށް ބަލާ މިކަމުގެ ޢިލްމީ ހޯދުންތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފައްތައިގެންނެވެ. މިޓެސްޓުގެ ނަތީޖާ ހޯދުމުގައި މާބަނޑު މީހުންނާއި އެހެން މީހުންނާއި ތަފާތު ކުރަންޖެހެއެވެ. އަދި މިޓެސްޓަކީ ހަމައެކަނި ލެބޯޓަރީގައި ކުރެވޭ ޓެސްޓެކެވެ. ” ” (އިސްމާޢީލްފުޅު, 2000)
ހަކުރު ބަލި ކޮންޓްރޯލްކުރުން
ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔަކަށް ނުވާތީ ވިސްނަންޖެހެނީ ހަކުރު ބަލި ކޮންޓްރޯލް ކުރެވޭތޯ އެވެ. ހަކުރު ބަލި ޖެހިފައިވާކަން އެނގޭ ހިސާބުން ފެށިގެން ބަލި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ކަންތައްތަކަށް ސަމާލުކަން ދޭންވާނެ އެވެ. ހަކުރު ބަލި ކޮންޓްރޯލް ކުރުމުގެ މައިގަނޑު ބޭނުމަކީ ލޭގެ ހަކުރުގެ ވަޒަން އެއްވަރުކޮށް، ހަކުރު ބަލިން ލިބިދާނެ ގެއްލުންތަކުން ހަށިގަނޑު ދިފާޢު ކުރުމެވެ.
ހަކުރު ބަލީގެ ފަރުވާ ގަވާޢިދުން ކުރިއަށް ގެންދެވިއްޖެނަމަ، ހަކުރު ބަލި ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި ބަލީގެ ސަބަބުން އިތުރު އުދަގޫތަކަކާ ކުރިމަތިލާކަން ނުޖެހޭނެ އެވެ.ހަކުރު ބަލީގެ ކޮންމެ ބާވަތެއް ވިޔަސް، ކޮންޓްރޯލްކުރުމަށްޓަކައި ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަން ޖެހެއެވެ. އަދި ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
(ހ) – ފުދޭ މިންވަރަކަށް ކަސްރަތު ކުރުން :ކަސްރަތު ކުރުމުން ލޭގައި ހުންނަ ހަކުރު ދަށަށް ދެއެވެ. އަދި މީހާގެ ބަރުދަން ލުއިކޮށްދީ ހަށިގަނޑުގައި ލޭ ރަގަޅަށް ދައުރުކޮށްދެއެވެ. މިގޮތުން ކުރަން އެންމެ ރަގަޅު ކަސްރަތެއްކަމަށް ބެލެވެނީ ދާހިއްލާ ވަރަށް އަވަސް އަވަހަށް ބާރަށް ހިނގުން، ދުވުން، އަދި ފެތުން މި 3 ކަންތަކެވެ. އޮފީހަށާއި އެހެން ތަންތަނަށް ދާއިރު ފައިމަގުގައި އުޅުން ބުއްދިވެރިއެވެ.
“ހަކުރު ބަލިޖެހިފައިވާ މީހުން ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ގަވާއިދުން ކަސްރަތު ކުރަމުން ގެންދާނަމަ، ލޭގެތެރޭގައި ހުންނަ ގުލްކޯޒު މަސްގަނޑުތެރެއަށް ނަގައެވެ. އަދި ކަސްރަތުކުރުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް މިގުލްކޯޒު ބޭނުން ކުރެވެއެވެ. މިހެންވުމުން ލޭގައި ގުލްކޯޒު ޖަމާވުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ. ނަތީޖާއަކަށްވާނީ ލޭގައި ގުލްކޯޒުގެ މިންވަރު އިތުރުވުމަށް ހުރަސް އެޅުމެވެ. އަދި ހަށިގަނޑުގެ ބަރުދަންވެސް ކޮންޓްރޯލްވުމެވެ. ވީމާ ގަވާޢިދުން ކަސްރަތު ކުރުމަކީ އެއީ ބޮޑެތިމީހުންނަށް އާންމުކޮށްޖެހޭ ހަކުރު ބަލީގެ ޓައިޕް2 ކޮންޓްރޯލްކުރެވޭނެ ކާމިޔާބު ގޮތެކެވެ.
ކަސްރަތުކުރުމުން ފުއްޕާމެޔާ ހިތް ގަވާއިދުން މަސައްކަތްކުރުވާ ހަށިގަނޑުގައިވާ މަސްތަކާ، ލޭނާރުތައް ވަރުގަދަކޮށްދީ، ހަޖަމު އެއްވަރުކޮށްދިނުމަށް އެހީވެދެއެވެ. އަދި ހަށިގަނޑުގައިވާ ސަރުބީ ވިރުވައިދީ، ލޭގެ ތެރޭގައި އުފެދޭ ކޮލެސްޓްރޯލްގެ އަސަރު ކުޑަކޮށްދޭ ކަމެއް ވެސް މެއެވެ. ލޭގެ ޕްރެޝަރު މައްޗަށް ދިޔަނުދީ ގަވާޢިދުން ލޭހިނގުމަށް އެހީވެދެއެވެ. އާދަވެގެން ކަސްރަތުކުރާނަމަ ބަރުދަން ލުއިވެއެވެ.” (އިސްމާޢީލްފުޅު, 2000)
(ށ) – ކެއުމަށް އެދެވޭ ބަދަލު ގެނައުން :ހަކުރު ބައްޔަށް ބޭސް ކުރުމުގެ އިތުރުން ކެއުމަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. މިކަމުގައި ބަލަން ޖެހެނީ ހަކުރުގެ ބައި އެކުލެވޭ ބާވަތެއް ކަމަށްވާ ކާބޯ ހައިޑްރޭޓްސް މަދުކޮށް، ޕްރޮޓީން އަދި ވިޓަމިންގެ ބައިތައް ގިނަކުރެވޭތޯ އެވެ. ކެއުން ރަގަޅު ނޫން ބައެއް ތަކެތީގެ ތެރޭގައި ތެލާއި، ސަރުބީ އެކުލެވޭ ބާވަތްތައް، އައިސްކްރީމް، ކޭކް، ޕުޑީން، ޗޮކްލެޓް، ބޮނޑިބަތް ފަދަ ފޮނިކާތަކެތި ހިމެނެއެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކޮންމެހެން ކާންޖެހިގެން ނޫނީ ހަކުރު އެކުލެވޭ ތަކެތި ބޭނުން ނުކުރާށެވެ.ޑޮކްޓަރަކާއި މަޝްވަރާކޮށްގެން އެމީހެއްގެ ބަރުދަނާއި، ކުރާ މަސައްކަތާއި، އެކަށީގެންވާ ގޮތަށް ކެއުން ގެންދަންވީ ގޮތުގެ ޗާޓެއް ހަދާފައި ބޭއްވުން ރަގަޅުވާނެއެވެ.
ކެއުމުގެ އާދަތަކަށް ބަލާއިރު ކެއުމުގެ ވަގުތުތައް އިސްފަސްނުކޮށް ގަޑިން ގަޑިއަށް ކެއުމަށް ބާރުއަޅަންވާނެ އެވެ. އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި މަދުމަދުން އަވަސްއަވަހަށް ކެއުން ރަގަޅުވާނެ އެވެ. އެކި ގަޑިގަޑީގައި ކެއުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކާނާގެ ބާވަތްތައް އެގަޑިގަޑީގައި ބޭނުންކުރެވޭތޯ ބަލަންވާނެ އެވެ. ބައެއް ވައްތަރުގެ ކާނާއަކީ ބަނޑުފުރާލުމުގެ ގޮތުން ގިނަ މަދުމިނެއްނެތި ބޭނުންކުރެވިދާނެ ކާނާ އެވެ. މިބާވަތުގެ ކާނާއަށް ހިލޭކާނާ ނުވަތަ ގިނަ މަދުމިނެއްނެތި ބޭނުންކުރާ ކާނާ އޭ ވެސް ކިޔައެވެ. މީގެ ތެރޭގައި ބޮޑުކެކުރި، ބޮނޑިކޮޕީ، ފިޔާ، ޓޮމާޓޯ، ރެޑިޝް ފަދަ ތަރުކާރީގެ ބާވަތްތަކާ، ސަރުބީ ނުހުންނަ ކާނާގެ ބާވަތްތައް ހިމެނެއެވެ. ކާނާ ބޭނުންކުރުމަށް މިންގަނޑެއް ކަނޑައަޅާއިރު ސައިސަމުސަލެއްގެ އެއްޗެހި، ޖޯޑެއް ފުރައި ހުންނަ މިންވަރު، މިކަހަލަ ގޮތަކަށް ވެސް މިންކުރެވިދާނެ އެވެ. ” (އިސްމާޢީލްފުޅު, 2000)
(ނ) – ފިކުރު ބޮޑުވުމާ ހާސްކަމުން ދުރުހެލިވުން :ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ފިކުރު ބޮޑުނުކުރުމަކީ ހަކުރު ބަލި އަވަހަށް ކޮންޓްރޯލްކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ. މަސައްކަތާއި ކުޑަކޮށް ދުރަށް ދިއުމަށް އަހަރީ ޗުއްޓީއެއް ނެގުމާއި، އާއިލާއާއި ރަހުމަތްތެރިންނާއި އެކު ވަގުތުހޭދަކުރުން މިއީ މިކަމަށް ކުރެވިދާނެ ކަންކަމެވެ. ހަކުރު ބަލިޖެހުމުން އެބައްޔާއި މެދު ފިކުރުބޮޑުކުރުން ރަގަޅެއް ނޫނެވެ. މިއީ ބައްޔެއް ނޫންކަމަށް ހިތުލައިގެން އުފާވެރި ދިރިއުޅުމެއް އުޅެން ދަސްކުރުން ބުއްދިވެރިއެވެ.
(ރ) – ގަވާޢިދުން ބޭސް ބޭނުންކުރުން : ގަވާޢިދުން ޑޮކްޓަރުން ދެއްވާފައި ހުންނަ ބޭސްތައް ބޭނުންކުރަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ. އެހެނީ ހަކުރުގެ މިންވަރު ކޮންޓްރޯލްގައި ހިފެހެއްޓިފައި ހުންނާނީ ކެއުން ކޮންޓްރޯލްކުރުމާ، ކަސްރަތު ކުރުމާއެކު، ބޭސް ވެސް ގަވާޢިދުން ބޭނުންކޮށްގެންނެވެ.
(ބ) – ދުންފަތުގެ އިސްތިއުމާލު ނުކުރުން : ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލޭގައި ސަރުބީ އިތުރުކޮށްދީ، އިންސިއުލިން ފުރިހަމައަށް މަސައްކަތްކުރުމަށް ހުރަސް އަޅާ ކަމެކެވެ. އަދި ލޭގައިވާ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް ވެސް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ހުރަސް އަޅައެވެ. އެހެން ކަމުން ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އާދަތަކާ ދުރުހެލިވެ ހުރުމަކީ ހަކުރު ބަލި ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
(ޅ) – ބަރުދަން އިތުރުވިޔަނުދިނުން : ފަލަވުމަކީ ނުވަތަ ބަރުދަން އިތުރުވުމަކީ ލޭގެ ތެރޭގައި ގަނޑުލޭކޮޅު އުފެދި ލޭމައްޗަށްދާ ކަމެކެވެ.
(ކ) – ލޭމައްޗަށް ދިޔަނުދީ ވޭތޯ ބެލުން: ލޭމައްޗަށް ދިއުމަކީ ހަކުރު ބައްޔާއި ގުޅިގެން ވަރަށް ގިނަފަހަރު ދިމާވާ ކަމަކަށްވާއިރު، މާބޮޑަށް ލޭމައްޗަށް ހިގައްޖެނަމަ އެއްފަރާތް ވާގިނެތޭގޮތް ވުމަކީ ވަރަށް ގިނަފަހަރު ދިމާވެދާނެ ކަމެކެވެ. ވީމާ ހަށިގަނޑު ލުއިކޮށް ކަސްރަތުކުރުމަކީ ލޭމައްޗަށް ދިއުމުން ދުރުވާނެ ކަމެކެވެ.
(އ) – ސާފުތާހިރު ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން :ހަކުރު ބަލި ޖެހޭމީހުންނަށް ވަރަށް ފަސޭހައި ޖަރާސީމުން ޖެހޭ ބަލިތައް ޖެހެއެވެ. އެހެން ކަމުން ސާފުތާހިރުކަމަށް ލޯބިކޮށް އެކަން ދަމަހައްޓަން ޖެހެއެވެ. ސަމާލުކަން ދެވިދާނެ ކަންތައްތަކުގެ ތެރޭގައި :-
އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުން
ފައިތިލަ ސާފުކޮށް ބެލެހެއްޓުން
ހަށިގަނޑުގެ ތަނެއް ހަލާކުވެފައިވާނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުން
ދަތްތައް ރަގަޅަށް އުނގުޅާ ސާފުކޮށް ބެލެހެއްޓުން
ހަކުރު ބަލިޖެހުމަށްފަހު ސަމާލުވާންޖެހޭ ކަންތައްތައް
ހަކުރުބަލި ހުރިކަން އިނގުމުން ލޭގައި ހަކުރުގެ މިންވަރު ރަނގަޅު ހިސާބުގައި ބެހެއްޓުމަށް ވަރަށް ސަމާލު ކަން ދޭންވާނެއެވެ. ރަނގަޅީ ކެއުމުގެ ކުރީންވެސް އަދި ފަހުންވެސް ހަކުރު މައްޗަށް ދިޔަނުދީ ފަރުވާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދިއުމެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، ކެއުމުގެ މިންގަނޑުތައް ރަނގަޅަށް ބެހެއްޓުމާއި، ބޭސްކެއުމުގައި ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއިން ކޮންމެވެސް އެއްކަމެއް ނޫނީ ދެކަމެއް ކޮށްލުމުން ފުދިދާނެކަމަށް ހީކޮށް އަމަލުކޮށްފިނަމަ ނުއެނގި ހުއްޓާ ލިބިދާނެ ގެއްލުން ވަރަށްވެސް ބޮޑެވެ. އަދި ޑޮކްޓަރަށް ގަވާއިދުން ދެއްކުމަކީ އަދި ލަފާހޯދާ ލޭގައި ހަކުރު ބެހެއްޓުމަށް ބޭނުންވާ މިންވަރަކީ ކޮބައިތޯ މަޝްވަރާކޮށް އެއިރުޝާދުގެ ދަށުން ކަންތައް ކުރަމުންގެންދިއުމަކީ ބުއްދިވެރި ގޮތެވެ.(ޝިހާމް, 2009)
ހަކުރު ބަލި ޖެހުމުގެ ކުރީން ސަމާލުވާންޖެހޭ ކަންތައްތައް
ބައެއްމީހުނަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުމީހުނެވެ. އެންމެގިނައީ ހަކުރު ބަލީގެ ދެވަނަ ވައްތަރު (ބޮޑެތި މީހުންނަށްޖެހޭ ވައްތަރު) އާއިލާގެތެރޭގައި އުޅޭތީ މިބަލި ޖެހުމުގެ ފުރުޞަތު ބޮޑު މީހުންނެވެ. މިފަދަ މީހުންނަށް ދުރާލާ ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ބަރުދަން ލުކުރުން، ހިކުން، ކެއުމުގައި މެދު މިންވަރެއް ގެންގުޅުން، ގަވާއިދުން ކަސްރަތުކުރުން، ހަށިގަނޑު ފަލަވިޔަނުދީ ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެއިތުރުން ހަކުރު ހުރިމިންވަރު ބަލާ ޓެސްޓު ކުރުމާއި ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަމަށް ބަލައިގެން އުޅުން ބުއްދިވެރިއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، މޭވާއާއި ތަރުކާރީ ގިނައިން ކެއުމާއި ހަރަކާތްތެރި ދިރިއުޅުމެއް ބައްޓަންކުރުމެވެ. (ޝިހާމް, 2009)
ހަކުރު ބަލީގެ ފަރުވާ
ހަކުރު ބައްޔަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިންގެ ލަޑުދަނޑިއަކަށްވާނީ ލޭގެ ތެރޭގައިވާ، ހަކުރުގެ މިންވަރު މައްޗަށް ދިޔަނުދީ، އޭގެ އެންމެ ރަގަޅު މިންގަނޑުގައި ހިފަހައްޓައި ދެވޭތޯ ބެލުމެވެ. އަދި ހަކުރު ބައްޔާއި ގުޅިގެން، ހަށިގަނޑަށް އަންނަ ބަދަލުތަކާ ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދެވޭތޯ ބެލުމެވެ. މިގޮތުން ބަލާއިރު ބޭސްފަރުވާގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ގުޅަބޭސް އަދި އިންސިއުލިން އިންޖެކްޝަން އެވެ. ގުޅަބޭސް ބޭނުންކުރަންޖެހޭ ބަލިމީހުންގެ ފުރަތަމަ ފަރުވާއަކަށްވާނީ ބޭނުންކުރާ ކާނާގެ ބާވަތްތައް ކޮންޓްރޯލް ކޮށް ހަކުރުގެ މާއްދާ ހަށިގަނޑުގައި އިތުރުނުވާނޭގޮތަކަށް ހަމަޖެއްސުމެވެ. ބޭސް ފަރުވާ ފަށާނީ މިގޮތުން ކާމިޔާބު ވާގޮތް ނުވެއްޖެނަމަ އެވެ. އިންސިއުލިން އިންޖެކްޝަން ބޭނުންވާ ހަކުރު ބަލީގެ މީހެއްނަމަ، ޖެހޭނީ މިއިންޖެކްޝަން ޖަހާށެވެ.
ކޮންމެ ބާވަތެއްގެ ހަކުރު ބަލީގެ މީހެއް ނަމަވެސް މިބަލިޖެހިފައިވާކަން އެނގުމާއެކު ކެއުމާ ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނެސް ކަސްރަތުކުރުމާއި، ގަވާޢިދުން ބޭސްފަރުވާ ކުރުމަށް އިސްކަންދޭންވާނެ އެވެ. ” (މުޙައްމަދު އިސްމާޢީލް ފުޅު)
ހަކުރު ބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާ
ހަކުރު ބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ ކަންތައްތަކުގެ އިތުރުން އިންސިއުލިން އިންޖެކްޝަން ގަވާޢިދުން ޖަހަން ޖެހޭނެއެވެ.
ހަކުރު ބަލީގެ ދެވަނަ ވައްތަރުގެ ފަރުވާ
މިވައްތަރުގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ އަމަލުތަކަށް ރަގަޅަށް ސަމާލުކަންދީ އެކަންތައްތައް ކުރުމުން ހަކުރު ބަލި ކޮންޓްރޯލް ކުރެވެއެވެ. އެގޮތުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގުޅަ ބޭސް ބޭނުން ކުރަންޖެހޭނެއެވެ. އަދި ބައެއް ހާލަތްތަކުގައި އިންސިއުލިން ވެސް ޖަހަން ޖެހިދާނެއެވެ. އެއީ ބޭހުން ހަކުރު ބަލި ކޮންޓްރޯލް ނުކުރެވުން، ނުވަތަ ނުރައްކާތެރި ޖަރާސީމެއް ހަށިގަނޑުގައި އަށަގަތުން ފަދަކަމެއް ދިމާވުމުންނެވެ.
ގުޅަބޭސް ބޭނުންކުރުމުގައި ހަދާން ބަހައްޓަންޖެހޭނެ ކަންތައްތައް
ގުޅަބޭސް ބޭނުންކުރަނީ ލޭގައިވާ ހަކުރުގެ މިންވަރު ދަށްކުރުމަށެވެ. ނަމަވެސް ބޭނުންވާ މިންވަރަށްވުރެ ގިނައިން ބޭސް ބޭނުންކުރެވިއްޖެނަމަ އެއީ ލޭގައިވާ ހަކުރުގެ މާއްދާ މާބޮޑަށް ދަށަށް ހިގައިދާނެ ކަމެކެވެ. ލޭގައިވާ ހަކުރުގެ މާއްދާ ދަށަށްދާކަމަށް ޝައްކުކުރެވިއްޖެނަމަ އަވަހަށް ލޭޓެސްޓްކޮށް، ހަކުރު ހުރީ ކިހާވަރެއްގައިތޯ ބަލަންވާނެ އެވެ. މިގޮތަށް ބަލާއިރު ހަކުރުގެ މިންވަރު ދަށްކަމަށް ފެނިއްޖެނަމަ ކުޑަ މިންވަރެއްގެ ހަކުރު ކޮޅެއް ކައިލެވިދާނެ އެވެ.
ބޭސް ބޭނުންކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ބަލަންވާނެ އެވެ.
ބޭނުންކުރެވެނީ ރަގަޅު ބޭސްތޯ
ބޭސް ކާންޖެހޭ ވަގުތަކީ ކޮބައިތޯ (ކެއުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ، އަދި ދުވާލަކު ކިތައް ފަހަރުގައިތޯ)
ބޭސް ކާންޖެހެނީ ކިހާ މިންވަރަކަށްތޯ
ބޭސް ކެއުމާއި ގުޅިގެން މަދުން ނަމަވެސް ދިމާވަނީ ކޮންކަހަލަ މައްސަލަތަކެއްތޯ (ލޭދަށަށްދިއުން، މޭނުބައިކުރުން ފަދަ ކަމެއް ދިމާވޭތޯ) ” (މުޙައްމަދު އިސްމާޢީލްފުޅު)
ނޯޓް : މިލިޔުމަކީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ ލިޔުމެކެވެ.
މައުލޫމާތު :
M.Mosallamy. (2003). Community Medicine. Cairo: University book center .
ނޫސް, މ. (2007, 09 04). ހަކުރުބަލީގައިގުރުދާފޭލްވުން. Retrieved 06 03, 2013, from މިއަދު.ކޮމް: http://www.miadhu.com/dv/?p=6686
އިސްމާޢީލްފުޅު, މ. (2000). ހަކުރުބަލިދެނެގަތުމާއިރައްކާތެރިވުން.މާލެ: ނޮވެލްޓީ.
ޢުބައިދު, ޑ. (2011, 11 22). ހަކުރުބައްޔާމެދުސަމާލުވުންމުހިއްމު. Retrieved 06 29, 2013, from ހަވީރުއޮންލައިން: http://www.haveeru.com.mv/dhivehi/diabetes/113112
ޢަބުދުﷲ, ޑ. ޖ. (2012, 07 29). ހަކުރުބަލިންލޮލަށްއަންނަބަދަލުތައް. Retrieved 07 17, 2013, from ހަވީރުއޮންލައިން: http://www.haveeru.com.mv/dhivehi/diabetes/124977
ޝިހާމް, ޑ. އ. (2009, 03 02). ހަކުރުބަލި- ކުރުކޮށްފޮނިކޮށް. Retrieved 07 10, 2013, from ރާއްޖެއިސްލާމް.ކޮމް: http://www.raajjeislam.com/?file=313
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ