ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން މީސްމީޑިޔާގައި ދިވެހިބަހުން ތާނައަކުރުން ރަސްމީކޮށް ފުރަތަމަ ފަަހަރަށް މުޢާމަލާތުކުރައްވަން ފައްޓަވައިފިއެވެ. މީގެ ކުރިން ރައީސް އޮފީހުން ޓްވީޓްތައް ކުރައްވަމުން ގެންދެވީ އިނގިރޭސި ބަހުންނާއި ދިވެހި ލެޓިން ބޭނުންކުރައްވައިގެންނެވެ.

 

ރައީސް އޮނަރަބަލް އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ ހުވައިކުރައްވަން ހަތަރުވަރަކަށް ގަޑިއިރަށް ވެފައިވަނިކޮށް، ‘ދިވެހިބަހުގެ ޙައްޤުގައި ވައިބަރު އޮޅި‘ ގެ ފަރާތުން ހުޅުވައިލެވިފައިވާ ސިޓީއެއް ރައީސަށް އެޑްރެސްކޮށް މީސްމީޑިޔާގައާއި މުނިއަވަސް އިން އާއްމުކޮށްލެވުނެވެ. އެ ސިޓީގައި އިލްތިމާސްކޮށްފައިވަނީ އިންތިޚާބީ ރައީސް އޮނަރަބަލް އިބްރާހިމް މުޙައްމަދު ޞާލިޙު ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމުގެ ހުވައިކުރެއްވުމަށް ފަހު، މީސްމީޑިޔާ މެދުވެރިކުރައްވައި ދިވެހިރައްޔިތުންނާ ކުރައްވާ މުޢާމަލާތީ މެސެޖުތައް ދިވެހިބަހުން ތާނައަކުރުން ކުރެއްވުން އެދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ނުހަނު އިޚްލާޞްތެރިކަމާއެކު ދަންވާކަމަށެވެ.

 

 

ރައީސް އޮފީހުން ދިވެހިބަހުން ތާނައަކުރުން ރަސްމީކޮށް ޓްވީޓްތައް ކުރައްވަން ފައްޓަވާފައި މިވަނީ މި އިލްތިމާސްއާއި ގުޅިގެންކަމަށް ޤަބޫލުކުރެވެއެވެ. ރައީސް އޮފީހުން މިގޮތަށް ޓްވީޓްތައް ކުރައްވަން އިއްޔެ ފެއްޓެވުމާއިގުޅިގެން ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް ޢަލީ ވަނީ އެކަން ފާހަގަކުރައްވާ މަރުޙަބާ ދަންނަވާފައެވެ.

 

“ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް. ދިވެހިބަހަށް އިސްކަން ދެއްވއިފީމު. ތާނައަކުރު ނަގަހައްޓަވައިފީމު.  މިއީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން މީސްމީޑިޔާގައި ދިވެހިބަހުން ތާނައަކުރުން ރަސްމީކޮށް މުޢާމަލާތުކުރެއްވި ފުރަތަމަ ފަަހަރު.” ދިވެހިބަހުގެ އެކެޑެމީގެ ރައީސް ފޭސްބްކް މެދުވެރިކުރައްވައި ވިދާޅުވިއެވެ.

 

މުނިއަވަސް އިން ދެކެނީ މިގޮތަށް ޓްވީޓްކުރައްވަން ފެއްޓެވުމަކީ އަމިއްލަވަންތަ ބަހެއް އޮތް މި ޖަޒީރާ ރާއްޖޭގެ ދިވެހިވަންތަކަން ހިފެހެއްޓެވުމަށް ބާރުއެޅުއްވުން ކަމަށެވެ. މީގެ އިތުރުން ދިވެހިބަސް ހިމާޔަތްކުރެއްވުމަށް އިތުރު ބާރެއް މިޖަޒީރާގެ ދިވެހިންގެ ހިތްތަކުގައި ހަރުލެއްވުމަށް ދެވޭ އިތުރު ހިތްވަރެއް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.