ދުނިޔޭގެ ބޭރު ފަށަލައިގެ %60 އަކީ ސިލިކާއެވެ. އަދި ވަކި މާއްދާއެއްކަމުގައިވާ ކުއާރޓްޒް އަކީ ހިލަވެލީގެ މައިގަނޑު އަސާސްއެވެ.

ކުޑަދޮރުގެ ބިއްލޫރިގަނޑުގެ ތެރޭން ދެން ބޭރު ބަލައިލާ ފަހަރަކު، އެއެއްޗެއްގެ ތެރެއިން ތިޔަ ބަލަމުންދާ މާއްދާ އުފެދުނީ ކުރީ ޒަމާނެއްގައި ގޮވި ތަރިއެއްގެ “ހިތުގެ” ތެރޭން ކަން ހަނދާނުގައި ބަހައްޓައްޗެވެ.

ބައިނަލްއަގްވާމީ ސައިންޓިސްޓުންގެ ޓީމަކުން މިދިޔަ ހުކުރު ދުވަހު ހާމަކުރިގޮތުގައި ދުނިޔެއާ އެތައް ބިލިއަން އަލި އަހަރެއްގެ ދުރުގައިވާ ސުޕަރނޯވާ އެއްގެ ކުނޑިތަކެއްގައި ބިއްލޫރީގެ މައިގަނޑު މާއްދާ ކަމުގައިވާ ސިލިކާ ހުރިކަން ދެނެގެންފިއެވެ.

ދިރާސާ ކުރާ ފަރާތްތަކުން މިކަން ހޯދަން ބޭނުންކުރީ ނާސާގެ ސްޕިޓްޒަރ ޓެލެސްކޯޕެވެ. ވަކި ވޭވްލެންތެއްގައި ފޮނުވަމުންދިޔަ އައްޔެއް މިޓެލެސްކޯޕުން ފެނުމުން އެއީ ސިލިކާގެ “ފިންގަރޕްރިންޓް” ކަން ދެނެގަނެވި ކަށަވަރު ކުރެވުނީއެވެ.

ސުޕަރނޯވާއެއް އުފެދެނީ ބިޔަ ތަރިއެއް އޭގެ އަމިއްލަ ހަކަތައިގައި އަނދައިގެންނެވެ. މި އެނދުމުން އުފެދޭ ޖައްވީ ތޫފާނެއްގެ ތެރެއިން ޒައްރާތަކެއް އެކަތި އަނެކައްޗާ އެކުވެ، އާންމު މާއްދާ ތަކެއް ކަމުގައިވާ ސަލްފަރ އާއި ކެލްސިއަމް އުފެދެއެވެ.

ބިއްލޫރިއާއި ފައިބަރގްލާސްއެކޭ އެއްފަދައިން ސިލިކާއަކީ ވެސް ސިނާއީ ކޮންކްރީޓްގެ ރަހަފަތުގެ މުހިންމު ބައެކެވެ.

“ކާއިނާތުގައިވާ ޖައްވީކުނޑި އުފެދުމުގެ އަސްލަކީ ސުޕަރނޯވާތަކުން އުފައްދާ ސިލިކާއެވެ. މީގައި އަހަރެމެންގެ ގުރަހަ ކަމުގައިވާ ދުނިޔެއިން ބޭރުވާ ކުނޑިވެސް ހިމެނެއެވެ.” ކާޑިފް ޔުނިވަރސިޓީގެ ސްކޫލް އޮފް ފިޒިކްސް އެންޑް އެސްޓްރޮނޮމީގެ ޕްރޮފެސަރ ހަލޭ ގޮމޭޒް ބުންޏެވެ.

ކުޑަދޮރުގެ ބިއްލޫރިގަނޑުގެ ތެރެއިން ބޭރުބަލައިލާ ކޮންމެ ފަހަރަކާއި ދުވާރުމަތީ ހިނގާލާ ކޮންމެ ފަހަރަކާއި ގޮނޑުދޮށުގެ ވެލިގަނޑުމަތީ ފައިތިލަ ބީއްސާލާ ކޮންމެ ފަހަރަކު މިބައްދަލުވެވެނީ މީގެ އެތައް މިލިއަން އަހަރެއްގެ ކުރިން ގޮވާފައިވާ ތަރިއެއްގެ ސަބަބުން އުފެދިފައިވާ މާއްދާއަކާއެވެ.

2016 ވަނައަހަރު ސައިންޓިސްޓުން ނެރުނު ރިޕޯޓެއްގައި ވާގޮތުން ގޮވާފައިވާ ނޯވާއެއްގެ ތެރެއިން ލިތިއަމްގެ މިންވަރެއް ފެނިފައިވެއެވެ. މިކަން މެދުވެރިވަނީ ގުރު ހުދު ތަރިއަކުން އިރުގައި ހިމެނޭ ހައިޑްރޯޖަން ދަމާތީއެވެ. ލިތިއަމް އަކީ މިޒަމާނުގެ އެލެކްޓްރޯނިކްސްގައި ބޭނުންކުރާ މުހިންމު މާއްދާއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.