އާދޭހެވެ! ހިލަވެލި މައިދާނެއްގައި، މާބަގީޗާއެއް ހެދިފައިވާތަން ފެނުމުން ނުވަތަ ހިލަ ފަރުބަދަ ގަނޑެއްގެ މަތީގައި، ފިނިފެންމާ ގަހެއްހެދި އޭގައި ނުހަނު ރީތި ތާޒާ މަލެއް ފޮޅޭތަން ފެނުމުން ޙައިރާންވެ އަންތަރީސް ނުވާނީ ކާކުތޯއެވެ. ހަމަމިކަހަލަ ގޮތެކެވެ. ޕްރޮފެސަރ ޢަރްފީ، ޞަބީޙާގެ ކައިރީގައި ހިނިތުންވެފައިހުއްޓާ ފެނުނީއެވެ. މިދެންނެވި ޖިންސުއްލަތީފު އެއީ، ވަރަށް ހަލަބޮލި ކުއްޖެކެވެ. ސަކަ މިޒާޖުގެ ލާނެތް ކުއްޖެއްވެސްމެއެވެ. އެދެމީހުން އެކުގައި، ކެންޓީނުގައި ސައިބޯން ތިބޭތަން ފެންނަން ފަށައިފިއެވެ. ޞަބީޙާ ގެއަށް ގެންދަނީވެސް ޕްރޮފެސަރގެ ކާރުގައެވެ. މީސްތަކުންގެ ޙައިރާންކަން ހައްތާ ދިޔައީ ބޮޑުވަމުންނެވެ. ފެންނަ މަންޒަރުތައް، އެއީ ޙަޤީޤަތެއްކަމުގައި ޤަބޫލުކުރެވޭ ކަހަލައެއްނޫނެވެ. އެއްވެސް ޙަރަކާތެއްނެތް ހިމޭން އައްސޭރިއެކެވެ. ހަލަބޮލި ރާޅުތަކަކާ ކޮން ވާކަމެއްތޯއެވެ.

 

ޕްރޮފެސަރ ޢަރްފީއަކީ، އަބަދުވެސް ތިމާގެ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުންނަ މީހެކެވެ. އޭނާގެ މިޒާޖުގައި ހަނުހިމޭންކަން ހުންނަނީ ނިހާޔަތުގެ ދަރަޖައަށެވެ. އަނެއްކޮޅުން ޞަބީޙާ އެއީ ބަހާރުމޫސުމެއްގައި މާއަޅާ ފުރިފައިވާ ގޮފިކޮޅެއްކަހަލަ އަންހެންކުއްޖެކެވެ. އަބަދު ވަޔާ ހެލިލަހެލިލާ ހުންނަ ގޮފިކޮޅެކެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ޙަރަކާތްތައް އަވަސް ލާނެތް ކުއްޖެކެވެ.

 

ދެން އައީ އެންމެ ޙައިރާންކަން ބޮޑުވި ދުވަހެވެ. އެންމެންގެ ދެލޯބޮޑުވާންޖެހުނު ދުވަހެވެ. ޑިޕާރޓްމެންޓްގެ މޭޒުތަކުގެ ތެރެއިން، ކޮންމެ މީހެއްގެ މޭޒުމަތިން، ޞަބީޙާއާއި ޕްރޮފެސަރގެ ކާވެނީގެ ކާޑުފެނުނީއެވެ. މުޅި ޔުނިވަރސިޓީގައި އެވާހަކައެވެ. އާދޭހެވެ! ހަރުހިލަ މަޑުމަޑު އުށަށްވީގޮތަކާއި މެދު އަޖާއިބު ވެގެން ވާހަކަ ދެއްކިއެވެ. އަންހެން ކުދިންނާ އެވަރަށް ދުރުހެލިވެގެން އުޅުނު މީހާގެ ޒާހިދުކަން އުވިދިއުން އެއީ ބޮޑު މައްސަލައަކަށްވިއެވެ.

 

ޞަބީޙާގެ ރީތިކަން ލާމަސީލެވެ. އެއީ ހަށިގަނޑެއްގެ ސިފަލިބިފައިވާ ބަހާރެކެވެ. ނަމަވެސް އެކަހަލަ ކިތަންމެ ބަހާރެއް އޭނާގެ ކުރިމަތީގައި ތަމްސީލުވެގެން ހިނގައްޖެއެވެ. އެތަކެއް ޠޫފާނު އައިސް އޭގެ ކެކުންތައް އޮބި ހަމަހިމޭންވިއެވެ. ނަމަވެސް އެ ހިލަފަޅިހުރީ ހަމަހުރިގޮތަށެވެ. މިދެންނެވީ ޕްރޮފެސަރއަށް އެބާވަތުގެ އިޝްޤީ އެއްވެސް ބާރެއް ނުފޯރާވާހަކައެވެ. ކާވެނީގެ ޕާޓީގައިވެސް، އަދި އޭގެ ފަހުންވެސް ޞަބީޙާ ވަށާލައިގެން މީހުން އުޅޭތަން ފެނެއެވެ. މުބާރަކްބާދީގެ ސިލްސިލާ ކޮޅުން ނުލައިގެންނެވެ.

 

“ކަލޭގެ ނަސީބު ހާދަ ރަނގަޅޭ! ޞަބީޙާ”

 

މިކަހަލަ އަޑުތައް، ކާވެނީގެ ފަހުން ހަމަކޮންމެ ދުވަހަކުވެސް އޭނާގެ ކަންފަތަށް އިވެމުންދިޔައެވެ. ތިމާއަކީ މުހިންމު މީހެއްކަން، ޚުދު އޭނާއަށް އިޙްސާސްކުރެވެން ފަށައިފިއެވެ. ސައިންސް ޑިޕާރޓްމެންޓްގައި، ޠާލިބާއެއްގެ ގޮތުން އުޅޭތާ ހައެއްކަމަސްވެއްޖެއެވެ. އެމަސައްކަތުގައި އުޅެނީ ވަރަށް ޖެހިލުންވެފައި ހުރެގެންނެވެ. މިހާރު އޭނާ ޕްރޮފެސަރއާއި، ކާވެނީގެ ގޮތުން ގުޅުމަށްފަހު، ޝަޚްޞިއްޔަތު ހުރީ ބަދަލުވެފައެވެ. ކުރިއާ ނިސްބަތްކުރާއިރު، ހައިބަތުގެގޮތް މާބޮޑެވެ. ހިނގުމުގެ ހަލަބޮލިކަން ކެނޑިއްޖެއެވެ.

 

ސައިންސްއާއިބެހޭ ޑިޕާރޓްމެންޓަަށް އާދެވުނުތަނާ އެއްދުވަހަކު، އޭނާއާ އެއްކުލާހުގެ ކުއްޖަކު ބުނެލިއެވެ.

 

“ޕްރޮފެސަރ ޢަރްފީއަކީ ވަރަށް ތަޢުލީމީ މީހެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ހަމައެކަނި އިންޑިޔާ އަކުނޫނެވެ. ދުނިޔޭގެ ހުރިހާ ތަނަކަށެވެ. އޭނާގެ ހިންމަތުގެ ނަތީޖާއެއްގެގޮތުން ކޮންމެ އަހަރަކު އެތަކެއް މީހުން ޑޮކްޓަރކަމުގެ ފާސްނަގައެވެ. ޕްރޮފެސަރގެ ގިނަދުވަސްތައް ހޭދަވެފައިވަނީ އިންޑިޔާއިން ބޭރުގައެވެ. ޤާބިލިއްޔަތާއި މުއްސަނދިކަން ޢިއްޒަތާއި މަޝްހޫރުކަން، އަދި ޝަޚްޞިއްޔަތުވެސް މާތްރަސްކަލާންގެ އޭނާއަށް ދެއްވާފައިވެއެވެ.”

 

އޫޝާ މިހެން ބުނުމުން ޞަބީޙާގެ މޫނަށް ވެރިވެގެންދިޔައީ ފޫހިކަމުގެ ކުލަވަރެކެވެ. ޤާބިލިއްޔަތު ހުރި މިންވަރަށްވުރެ ތާރީފު މާމައްޗަށް ދަނީކަމުގައި ހީވެގެންނެވެ. ނަމަވެސް މިހާރު އޭނާއަށް ވިސްނެނީ، އެވާހަކައިގެ ތެދުކަމެވެ. ޙަޤީޤަތަށް ބުނެވޭ އެއްޗެއްކަމެވެ. ކިހާ ޢަޖާއިބުކަމެއްތޯއެވެ. ބައެއް ފަހަރަށް އިންސާނާއަށް ދިމާވާ ޙަޤީޤަތްވެސް ހުވަފެނެއްކަމުގައި ހީވާގޮތްވާތީއެވެ.

 

ދައްކާލެވުނު މަދުވާހަކަކޮޅެއްގެ ސަބަބުން ޕްރޮފެސަރ ޢަރްފީގެ އެކުވެރިކަން ދާއިމީ ގުޅުމަކަށް ބަދަލުވެގެންދިއުން އެއީ ޞަބީޙާގެ ޚިޔާލަށްވެސް ފެނިފައިއޮތްކަމެއްނޫނެވެ. އެގޮތް އިޙްސާސްކުރެވުނު ދުވަހު ކަންތައް ހިނގިގޮތް ދަންނަވާލާނަމެވެ. އެއްދުވަހަކު އޭނާ ލައިބްރަރީގެ ކައިރިން ދަނިކޮށް ޕްރޮފެސަރ ޢަރްފީ ގޮވާލައިފިއެވެ. އޭނާއިނީ ކުރިމަތީހުރި އޭނާގެ ކޮޓަރީގައި ސައިބޯށެވެ. ޞަބީޙާ ސަލާމްކުރުމުގެ ބަދަލުގައި އޭނާގެ ބޮލާއި އިސްތަށިގަނޑަށް ގެނައީ، ކުއްލި ޙަރަކާތެކެވެ. ވަރަށް ކައިރިއަށް އައިސް ހުއްޓުނެވެ. ޕްރޮފެސަރގެ ކައިރީގައި އަނެއް ގޮނޑީގައި އިށީންނުމަށް ބުނެފައި ސައިތައްޓެއް ކައިރިކޮށްލިއެވެ. އޭނާ ވާހަކަ ފެށިއެވެ.

 

“ޞަބީޙާ! ކަލެއަކީ ފެންއާރެއް ފަދަމީހެއް، ކަލޯ ފެނުމުން އަހަރެންނަށް ފެންބޮވައިގެންފައިވާކަން މިހާރު އޮޅުން ފިލަނީ، އަހަރެންގެ ޝައުޤުވެރިކަމުގެ ހަމަޖެހުމަކަށްވެގެން ކުރިމައްޗަށް އައީކަލޭ. މިބުނި ހަމަޖެހުމާއި، އަރާމް އަބަދަށްޓަކައި އަހަރެންނަށް ލިބިދާނެބާ؟”

 

ޕްރޮފެސަރ މިވާހަކަ ބުނެލީ ވަރަށް ސާދާގޮތަކަށެވެ. ބުނަންއުޅޭ ވާހަކައަށް ތަން ހޯދުމުގެ ގޮތަކުންވެސް އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. ކުޑަވެސް ޖެހިލުމެއްނެތެވެ. ނުކެރުމުގެ ކަންފުޅެއް އަމުދުންނެތެވެ. ޞަބީޙާއަށް އެވާހަކަ ޤަބޫލުނުކުރެވިގެން ޕްރޮފެސަރގެ މޫނަށް ބަލަން އިނީއެވެ. ދެވަނަ ސުކުންތުގައި ނިތްކުރިން ދާތިކިތައް ފައުޅުވެއްޖެއެވެ. އެއުފާވެރިމޫނަށް ރަތްކުލަ އަރައްޖެއެވެ. ހަނދާނަށްއައީ ރަޙްމަތްތެރި އަންހެންކުއްޖެއްކަމަށްވާ ނާދިރާގެ ވާހަކައެވެ. އާދޭހެވެ! އޭނާ ޕްރޮފެސަރއާއި ދޭތެރޭ ބުނެފައިވެއެވެ.

 

“އެއީ ހިލައިގެ ބުދެކެވެ. ފަހަރެއްގައިވެސް ލޯބީގެ މަލެއް ޤަބޫލު ނުކުރާނެއެވެ. އެހިލަގަނޑުގެ ތެރޭގައި ލޯބީގެ އެންމެ އަލިފާން ކަންޏެއްވެސް ނެތެވެ.”

 

ނަމަވެސް މިވަނީ ކީއްބާވައެވެ. އެއްކަލަ ހިލައިގެ ބުދު، ލޯބީގެ މަރު ހިފައިގެން ޞަބީޙާގެ ފައިތިލަ މައްޗަށް ގުދުވަނީއެވެ. ހަރުކަށި ހިލަގަނޑުގެ މައްޗަށް މޫސުން ރަބީޢު އައިސްގެން މައުގަސްތަކެއް ފަޅަނީބާވައެވެ. ލޯބީގެ ކޯރެއް ނުވަތަ އާބްޝާރްއެއް ހިނގައިގަތީބާވައެވެ. ހުވަފެނެއްފެންނަހެންވެސް ޞަބީޙާއަށް ހީވިއެވެ. އިސްދަށަށް ޖަހައިގެން އިނދެފައި، ކަޅިއެއް އެއްލިއެވެ. ޕްރޮފެސަރ ޢަރްފީ އެއިރުވެސް އިނީ ޝައުޤުވެރިކަމާއިއެކު ބަލަހައްޓައިގެންނެވެ. ހިނިތުންވެފައެވެ.

 

“ޞަބީޙާ ތިޔަވިސްނަނީ ކޮން އެއްޗެއްތަ؟ އެއްޗެއް ނުބުނީ ކީއްވެގެން…. އަހަރެންގެ ސުއާލަށް މާއަވަހަށް ޖަވާބު ނުދިނަސް އެންމެ ރަނގަޅު. ތިން ހަތަރު ދުވަހެއްގެތެރޭ ވިސްނާލާފައިބުނޭ…!”

 

 

މިހާރު ހިތުގެ މިނިންމުން، ނިންމިތާ އަހަރުވާން އުޅެނީއެވެ. ހަނދުވަރުދޭރެއެކެވެ. ހަމައެކަނި ހަނދުވަރުދޭރެއަކީއެއް ނޫނެވެ. ސާދަވިލޭރެއެކެވެ. އުޑުމަތީގައި އެންމެ ވިލާކޮޅެއްވެސް ނެތެވެ. ހަނދުގެ އުޖާލާކަމާއި ފުރިހަމަކަމުގެ ވާހަކަ އިތުރަށް ދަންނަވަން ޖެހޭނެކަމަކަށް ހިއެއްނުވެއެވެ. ޤުދުރަތީ ރީތިކަމުގެ މަންޒަރުތައް ހާމަވެފައި ހުއްޓެވެ. ތެދުވާހަކަ އެކެވެ. ހަނދުވަރުގައި ހުތުރު އެއްޗެއްނެތެވެ. ރިހިއަލި އެކިޑިކީގެ ތެރެއިން ފޮތިގަނޑާ ނިވާވެގެން އެތެރެއަށް ބަލަނީއެވެ. ބާލީހުން ޞަބީޙާ ބޯއުފުލާލިއެވެ. ތަންމަތިން ތެދުވެގެން ކިޑި ކީ ކައިރިއަށް އައިސް ފޮތިގަނޑު ހިއްލާލިއެވެ. ތަފާތު ދެކުލައަކުން ހެދިފައިވާ ފޮތިގަނޑެކެވެ. ކޮންމެ ކުލައެއްވެސް ވަރަށް ގަދައެވެ. ފިނިވައިރޯޅިއާއިއެކު މީރުވަސް އޭނާގެ ގައިގާ ބީހިލިއެވެ. ބޭރުން ފެންނަނީ ބަގީޗާއެވެ. ފެހިވިނަގަނޑެވެ. ހުވަފެނީ ޖަޒީރާއެއްކަހަލައެވެ. ނުހަނު ހިތްފަސޭހައެވެ. އެކަމަކު ގަސްތައްވެސް އެތިބީ ނިދާފައެވެ. ހަނުހިމޭންވެފައި އޮންނަނީއެވެ. ބައެއް ފަހަރަށް ވައިރޯޅީގެ އުނދަގުލުން ފަތްތައް ހެލިނުލާ ކަމަކަށް ނުދެންނެވޭނެއެވެ. މީރުވަހާއި، ނޫރެވެ. ހިތަށާއި ސިކުނޑިއަށް މީރުކަން ލިއްބައިދޭ ގޮތްތަކެވެ. މަންޒަރު ތެރެއަށް ހިތާއި ނަޒަރު ދޫކޮށްލައިގެން އެތައް އިރަކު ހުރެވިއްޖެއެވެ. މިދެންނެވި ރީތި މަންޒަރުގެ ރަޙުމުނެތް އިނގިލިތަކުން، ޞަބީޙާގެ އިޙްސާސްއާއި ޖަޒުބާތުގެ ނާރުތަކުގައި ރާގެއްކުޅެން ފަށައިފިއެވެ.

 

ޞަބީހާ ކިޑިކީ ދޮރުކައިރިން އެބުރި އަންނަނީއެވެ. ވަރަށް މަޑުމަޑުންނެވެ. ފިޔަވަޅުގެ އަޑުވެސް ނުއިވޭވަރަށެވެ. ކުރިމަތިން ފެންނަންހުރީ ލިޔާކޮޓަރިއެވެ. އެތަނުން ކުޑަކޮށް އަލިވެއެވެ. ޕްރޮފެސަރ ޢަރްފީއަށް އެހެން އެއްވެސްކަމެއް އިޙްސާސްވާކަހަލައެއް ނޫނެވެ. އެކިފަރާތްފަރާތުގައި ހުރި ތަކެތިވެސް ފެންނަކަމަކަށް ނުވެއެވެ. ވަށައިގެން އަތުރާފައި ހުރި ފޮތްތަކުގެ މުޠާލިއާއަށް ގެއްލި ޣަރަޤުވެފައިއިނީއެވެ. ވަރަށް އަވަސްއަވަހަށް ނޯޓްތަކެއް ކުރެއެވެ. ފަރުވާ ކުޑަކަމުގެވެސް ވަކިމިންވަރެއް އޮންނަންވާނެއެވެ. ޞަބީޙާ ވަރަށް ފޫހިގޮތެއްގައި ޚިޔާލުކޮށްލިއެވެ. ދެން ހަނދާންވީ ހައެއްކަދުވަސް ފަހުން ސައިންސް ކޮންފަރެންސްގައި ބައިވެރިވުމަށް، ބޭރަށްދާންވެފައި އޮތްކަމެވެ. ބަލާލާފައި ވަރުބަލިގޮތަކަށް ފޫހިކަމާއެކު ކޮޓަރިއަށް އަތުވެއްޖެއެވެ.

 

ކިޑިކީގެ ފޮތިގަނޑު ރަނގަޅަށް ދަމާލިއެވެ. އެވަރުންވެސް ހަނދުވަރުގެ އުނދަގޫތަކެއް ނުކެނޑުނެވެ. އެންމެ ފަހުން ކިޑިކީތައް ބަންދުކޮށްލީއެވެ. ޢަލްފީގެ ހުސްއެނދުގެ ބެޑްޝީޓްގެ ރޫތައް ފިލުވާލިއެވެ. ބާލީސްތައް ތަރުތީބުކޮށްލިއެވެ. ދެން ތެދުވެ މޭޒު ވަތްގަނޑުން ނެގީ ސިޓީއެކެވެ. އަދު ހެނދުނު ޕީކަރު ފޮނުވާފައިއޮތް ސިޓީއެވެ. އާދޭހެވެ! ޞަބީޙާގެ ރައްޓެހި އަންހެންކުދިންތަކެއް ހަނދުވަރުމަތީ މަޖާކޮށްލުމުގެ ޕްރޮގްރާމެއް ރޭވީއެވެ.

 

“ކަލޭ އިނދެގެން އުޅޭ އެދުރުބެއާއެކު، މިރޭ ދިހައެއްޖަހާއިރަށް ކޯރުގެ އައްސޭރިއަށް އައިސްދޭށެވެ. އަހަރެމެން ވަރަށްބޮޑަށް އިންތިޒާރުކުރާނަމެވެ. ޞަބީހާ މިހާރު ހާދަ ބަދަލުވެއްޖެއެވެ. ތެދެކެވެ. އެކު އުޅުމުގެ އަސަރު، އެއީ ވަރަށް ބާރުގަދަ އެއްޗެކެވެ. އެދުވަސް ހުވަފެނަކަށްވެގެން ދިޔައީއެވެ. އަހަރެމެންގެ ކޮންމެ މަޖަލެއްގެ ފުރާނައަކީ ކަލެއެވެ. ކޮންމެ ޕިކްނިކެއްގެ ރޫހަކީވެސް ހަމަކަލެއެވެ.”

 

ޞަބީޙާ އަވަސްއަވަހަށް ސިޓީ ފަތްޖަހާލައިފިއެވެ. އެއުފާވެރި ދުވަސްތަކުގެ ހަނދާނުން އޭނާގެ ލޮލުގައި ކަރުނަ އުފައްދާލީއެވެ. އެހައި އިރުކޮޅަކުންވެސް ސިޓީގެ އެތަކެއް ޖުމްލަ ކަރުނައިން ފޯކޮށްލިއެވެ.

 

ކޮންމެއަކަސް އެރެއަކު އޭނާގެ ލޮލަށް ނިދިއަންނަގޮތެއް ނުވިއެވެ. ދެން ފޫހިވެގެން އަލަމާރި ހުޅުވާލައިފިއެވެ. ބަނާރަސްގައި އުފައްދާފައިހުރި ގަދަކުލަކުލައިގެ ސާޅީތައް ޝަކުވާގެ ނަޒަރުން ބަލާލިއެވެ. ހެނދުނު ޕީކަރުގެ ސިޓީ ލިބުމާއެކު މިދެންނެވި ސާޅީތައް އޭނާނެގީ، ނުހަނު ޝައުޤުވެރި ކަމާއެކުގައެވެ. އަދިވެސް އެހެން އަންހެންކުއްޖަކު، ސިޓީއެއް ފޮނުވާފައި އޮތެވެ. އާދޭހެވެ! އޫޝާގެ ކައިވެންޏަށް އަހަރުފުރުމުގެ މުނާސަބާގައި ބާއްވާ ޕާޓީއަކަށް ޙާޟިރުވެދިނުން އެދިގެންނެވެ.

 

ޞަބީޙާ އޭނާއަށް އެންމެ ރީތި ސާޅީއާ އެއާގުޅޭގޮތުން ގަހަނާތައްނަގާ ބަހައްޓައިގެން އަދި ފުށްދަޅާއި ސެންޓްފުޅިވެސް ނަގައިގެން އިރުއޮއްސި އެތައް އިރެއްވާންދެން ޢަރްފީއަށް އިންތިޒާރުކުރިއެވެ. އޭނާ ގެއަށް އައިއިރުހުރީ ވަރަށް ލަސްވެފައެވެ. ކޮންމެވެސް މީޓީންގއެއްގެ މަސްއަލާގައި ލަސްވާންޖެހުނީއެވެ. ޞަބީޙާ އެކިއެތި އަލަމާރިއަށް ލައިފިއެވެ. ހިތާމައާއި ނާއުއްމީދުގެ ނަޒަރަކުން، ބަލާލުމަށްފަހުގައެވެ. މެންދުރުވެސް އިންތިޒާރުގެ ހިތްދަތިކަން ވަރަށް އުނދަގޫދިނެވެ. އެންމެ ލޯބިވާ ސާޅީތަކާ ޒީނަތްތެރިވުމުގެ އެއްޗެހިތައް އޭނާގެ ބީހުމަކަށް ބޭނުންވެގެން އުޅޭތާ އެތައް ދުވަހެކެވެ. ސަބަބަކީ ކޮބައިބާވައެވެ. އެކަހަލަ ހުރިހާ އެއްޗަކީ، ޞަބީޙާ މިހާރު ފޫހިވާ އެއްޗެއްސެވެ. ނަލަ ހެދޭހިތެއް ނެތެވެ. ޒީނަތްތެރިވެ، ގަހަނާއަޅާ ހިތެއްވެސް ނުވެއެވެ. އުއްމީދުތައް ވަނީ މަރުވެފައެވެ. އުފާވެރިކަމުގެ ރޫޙު މިލާމޯޅިވެފައެވެ. މޫނުމަތިންފެންނަމުން އައި، ރަތްވިލާގެ ކުލަ ރީނދޫކުލައަށް ބަދަލުވެގެން ހިނގައްޖެއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ. ޢަރްފީއަކަށް ހަމައެންމެ ވަގުތު ކޮޅެއްވެސް ނެތެވެ. އުވެމުންދާ މޫސުން ބަހާރުގެ ކުލަވަރަށް ބަލާލުމަށްޓަކައެވެ. ގެއްލިގެން އެދާ ޒީނަތްތެރިކަމާއި ޒުވާންކަމަށް ވިސްނާލުމަށްޓަކައެވެ. ޞަބީޙާ ވަރަށް ގިނަފަހަރު މިގޮތަށް ޚިޔާލުކުރެއެވެ. ތިމާގެ އަމިއްލަ ހަށިގަނޑާމެދު ފަރުވާ ނުބެހެއްޓޭ މީހަކާ އަނެކަކު ޝަކުވާކުރުމުގެ މާނައެއްނެތެވެ. އޭނާ ޢަރުފީގެ ލޯތްބާމެދު ކުޑަކޮށްވެސް ޝައްކެއްނުކުރެއެވެ. ޢަރްޕީވެސް ޞަބީޙާގެ މައްޗަށް ނުހަނު ފަރުވާ ބަހައްޓައެވެ. ބޭނުންވާނެ ކަމަށް ފެންނަ ހުރިހާ އެއްޗެއް ހޯދާދޭ މެއެވެ. ކިރިޔާވެސް ފުރުޞަތެއް ލިބިއްޖެނަމަ އަބިމީހާގެ ފޫހިކަން ފިލުވައިދޭމެއެވެ. އެކުގައި ތަނަކަށްދާން އެދުނަސް އިޢުތިރާޝެއް ނުކުރެއެވެ. ނަމަވެސް އެކަހަލަ ފުރުޞަތު ލިބެނީ ވަރަށް ނާދިރު ގޮތެއްގައެވެ. ޞަބީޙާގެ ހިތް އެންމެ ހަމަނުޖެހެނީ އެބާވަތުގެ ކަންތަކަށް އެދިގެން ހަމަކޮންމެ ފަހަރަކުވެސް ކުރިން އޭނާ ބުނަން ޖެހޭތީއެވެ. ޙަޔާތުގައި އެއްވެސް ލޮނު ހެޔޮވަރުކަމެއް ނުހުންނާތީއެވެ. އޭނާގެ ޚިޔާލުގެ އަސްދުވަމުން ދިޔައެވެ…..

 

މިއީ ކޮން ދިރިއުޅުމެއް ހެއްޔެވެ؟ އެއްވެސް ޕިކްނިކެއް ނެތެވެ. އުފާވެރި ހިނގާލުމެއް ނެތެވެ. ޕާޓީއެއް ބޭއްވުމެއް ނެތެވެ. އަދި ކްލަބްތަކުގެ ޖައްވުގައި ނޭވާލުމެއްވެސް ނެތެވެ. ހުރިހާ ދިމާއަކުންވެސް ފަޅުކަމާއި ފޫހިކަމެވެ. ފޮތް ފުންޏެކެވެ. ނޭވާ ދަތިވާވަރުގެ ހާސްކަމާއި އެކަނިވެރިކަމެވެ….. ކޮންމެ އެއްޗަކުން ދޭހަވަނީ އުނިކަމެވެ. ކުލަ ފަނޑުކަމެވެ. ޚުދު އޭނާއަށްވެސް ހަށިގަނޑުގެ ބައެއް އުނިވެފައިވާކަމަށް އިޙްސާސް ކުރެވޭކަހަލައެވެ. ޙަޔާތު އޭނާއަށް ފެންނަނީ ވަރަށް ހުސްކޮށްނެވެ. ޞަބީޙާ އަދިވެސް ވިސްނަނީއެވެ…….

 

މިފަދަ ގޮތަކަށް ދިރިއުޅުން ހުސްވެފައިމިވަނީ ކީއްވެގެން ބާވައެވެ. ޢަރްފީގެ ފަރާތުން ހުރިހާ ފަސޭހަތަކެއް ހުރީ ލިބިފައެވެ. ރީތި ގެއެކެވެ. އެންމެ މިޒަމާނުގެ ކާރެވެ. ޚިދްމަތްކުރާނެ މީހުންނާ ނޯކަރުންނެވެ. އެމީހުން ތިބެނީ އަހަރެންގެ އިޝާރާތުގެ އިންތިޒާރުގައެވެ. ދުނިޔޭގެ ކޮންމެ އުފަލަކާ މަޖަލެއް ލިބިގަތުން އެއީ އަހަރެންނަށް ދަތިކަމެއް ނޫނެވެ. ނަމަވެސް ނުލިބިފައިވާ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ހިތްއެދޭ މިންވަރަށް ކުރެވޭ ލޯތްބެވެ. ތިއްތި ބަލާނެ މީހަކު ނެތީއެވެ. މާފޮޅުވާ ޢިބާރާތުން ވާހަކަދައްކާ އަހަރެންގެ ހިތްއުފާކުރުވަން އަހަރެންގެ ފިރިމީހާ ނުދަންނަނީއެވެ.

 

ކޮލެޖް ޔުނިވަރސިޓީގެ ހުރިހާ އެކުވެރިން ހަނދާނަށް އަންނަންފަށައިފިއެވެ. ސުހޭލް އާއި ރިޔާޟްއެވެ. ޢިރުފާންއާއި ޝަފުރެވެ. އެމީހުން އެދައްކާލާ ޙަރަކާތްތެރި މަޖާގޮތްތަކެވެ. އޭނާއަށް އެކިއެކި ކަންތައްތައްކޮށްދޭން ހުވާކޮށްއުޅޭ އުޅުމެވެ. ކިރިޔާ ނުރުހުންވެލިޔަސް އަމިއްލައަށް މަރުވާން، އެއްވެސް އުފަލެއްގައި ބައިވެރިނުވާން އެމީހުން އެބުނެލާ ހަރުދަނާ ބުނުންތަކެވެ. ހެދުމާއި ރީތިކަމުގެ މައްޗަށް ކުރެވޭ ތަޢުރީފެވެ. އަބަދުވެސް ވަކިނުވެ އެކުގައި އުޅުމަށް ކުރާ މަސައްކަތެވެ. އުފާފައުޅުކުރުމުގެ ޙަފްލާތަކެވެ. ސިނަމާތަކަށް ޒިޔާތަރްކުރުމާއި ޕިކްނިކްގެ މަޖަލެވެ. ހަދިޔާތަކާއި ސަމާސާގެ ވާހަކަތަކެވެ. ދިރުން އެކުލެވިފައިވާ ހުނުމެވެ. ސަކައިގެ ތޫފާނެވެ. މިހުރި ހުރިހާ ކަންތައް ދިޔައީ ކޮންތާކަށް ބާއެވެ. މިހާރު އެއްވެސް މަޖްނޫނެއްނެތެވެ. ފަރުހާދެއްނޫޅެއެވެ. ހަފަރާތުގައި އެކަނިވެރިކަމެވެ. ނޭވާހާސްވަނީއެވެ…..

 

މިހާތަނުން ކުއްލިއަކަށް އެހެން އިޙްސާސްތަކެއް ހިތަށް ވެރިވެއްޖެއެވެ. ތިމާގެ ޙަޔާތާއި މެދު އަމިއްލައަށް ކުރި ފައިޞަލާ ހަނދާންވުމުންނެވެ. އަހަރެންގެ ޚިޔާލު މިރޮނގުން މިހާތަނަށް ދަތުރުކުރީ ކީއްވެގެންބާވައެވެ. މިއާދެވުނީ ކޮން މަންޒިލަކަށްބާވައެވެ. ޞަބީޙާ އޭނާގެ ހާސްކަމުގެ ޚިޔާލް ތަކުން ސަލާމަތްވުމަށްޓަކައި ފޮތެއް ނަގައިފިއެވެ. ހުޅުވައިލިތަނުން ފެނުނީ މަޝްހޫރު ޅެންވެރިއެއްގެ ޅެންބައިތެކެވެ. އޭގެ މާނައަކީ “މާޒީވެ ގޮސްފައިވާ ދުވަސްތަކުގެ ހަނދާން އައުވާން ފަށައިފިނަމަ ރޭގަނޑު ކުރުކޮށްލުމަށް ކޮންމެވެސް ލަވައެއް ކިޔާލާށެވެ.” މިއެވެ.

 

ޞަބީޙާ ފޮތުގައި ބޯއަޅާލައިގެން ނިދާލެވޭތޯ މަސައްކަތްކުރަނީއެވެ. ރޭގަނޑުގެ ބޮޑުބައި ވޭތިވެގެން ހިނގައްޖެއެވެ.

 

ޢަލްފީ ގަޑިޔަށް ބަލާލިއިރު ފަތިހުގެ ވަޤުތެވެ. އިރުއަރަން ކައިރިވަނީއެވެ. ދެން ބައްތިނިވާލާފައި ބޭރަށް ނުކުމެއްޖެއެވެ. ބަގީޗާގެ ފެހި ވިނަގަނޑުމަތީގައި އޭނާ ހިނގާލަ ހިނގާލާހުރީ، ޚިޔާލާތުގެ ތެރެއަށް ޣަރަޤުވެގެންނެވެ. ފިނިފެންމާ ގަސްތަކުގެ ކައިރިން ދަމުން އޭނާއަށް ކުއްލިއަކަށް ހުއްޓެވިއްޖެއެވެ. ވަރަށް ރީތި ރަތްފިނިފެންމަލެއް ފޮޅިފައިއިނެވެ. ހަމަތާޒާ މަލެކެވެ. ޕްރޮފެސަރ ޙަޤީޤީ ޢާލަމަކަށް ގެނެވުނީ އެމަލުގެ ހިތްގައިމުކަމާއި މީރުވަހުންނެވެ. ހަމައެވަގުތު ވަރަށް ކައިރިން މަގުމަތީގައި ހިނގަމުންދިޔަ އަންހެންކުދިންތަކެއް ހީނގަތްއަޑު އިވިއްޖެއެވެ. އާދޭހެވެ! ޢަރްފީއަށް ފެނުނީ އެތަނުން އަންހެންކުއްޖެއްގެ އިސްތަށިގަނޑުގައި ޖަހާފައި ހުރި ފިނިފެންމަލެކެވެ. އެއީ ފަށުވިކަހަލަ އިސްތަށިގަނޑެކެވެ. ކަޅުކުލަ ވަރަށް ގަދަ އިސްތަށިގަނޑެކެވެ. އިސްތަށިގަނޑުގައި އިނީވެސް ރަތްފިނިފެންމަލެކެވެ. މިދެންނެވި މަންޒަރުން އޭނާގެ ހިތަށް އާދަޔާ ޚިލާފު އަސަރެއް ކޮށްފިއެވެ. އެވަގުތު އެގަހުގައި އިންމައު، ބިދެލެވުނީ ހަމަމުޅިން ބޭ އިޚްތިޔާރުގައެވެ. އަވަސްއަވަހަށް ނިދާކޮޓަރިއާއި ދިމާއަށް ހިނގައިގެންފިއެވެ.

 

ޞަބީޙާ އިނީ ޑްރެސިންގ ޓޭބަލްކައިރީގައެވެ. ތިމާގެ މޫނަށް ފަރުވާވެ ބަލާށެވެ. ރޭގަނޑުގެ ނިދި ނުލިބުމުންނާއި، އަދި އެހެނިހެންވެސް ގޮތްތަކުން ހިތަށް ލިބިފައިވާ ވޭނުގެ އަސަރު އެރީތި މޫނުން ހާމަވެއެވެ. ޞަބީޙާއަށް އޭނާގެ ކުރިމަތީހުރި، ލޯގަނޑުން ޕްރޮފެސަރ ޢަރްފީގެ ހިޔަނި ފެނިއްޖެއެވެ. އަތުގައި އެއްކަލަ ރަތްފިނިފެންމާ އޮތެވެ. ނުހަނު ރީތި ތާޒާ މަލެކެވެ. ދަންނަވަންތޯއެވެ. ޞަބީޙާއަށް ފެނުނު މަންޒަރު އެއީ ޙަޤީޤީ މަންޒަރެއްކަމާމެދު ޚުދު އޭނާއަށްވެސް ޝައްކުވިއެވެ. ޢަރްފީ ވަރަށް ކައިރިއަށް އަތުވެއްޖެއެވެ. ގުދުވެލާފައި އެއްކަލަ ފިނިފެންމާ ޞަބީޙާގެ އިސްތަށިގަނޑުގައި ޖަހާދިނެވެ. ޞަބީޙާގެ ނަޒަރު ހުއްޓާލެވިފައިވަނީ ކުރިމަތިން ފެންނަންހުރި ކަލަންޑަރުގެ މައްޗަށެވެ. އާދޭހެވެ! ދުވަހަކީ އޭނާގެ ކައިވެންޏަށް އެއްއަހަރު ފުރުނު ދުވަހެވެ. ވީމާ، އޭނާގެ ޢަރްފީ ފަރުވާކުޑަކަމަށް ބުނެވޭނެތޯއެވެ. އިޙްސާސް ނެތް މީހަކަށް ހެދިދާނެތޯއެވެ. ޞަބީޙާގެ ހިތުން ކުށްހީތަކާއި ޚިޔާލާތުގެ ކިލަބުކަން މުޅިން ސާފުވެއްޖެއެވެ. އެފިނިފެންމާ ޝަބްނަމްގެ ތިކިތަކަކުން ދޮވެވި ޠާހިރުވެފައިވާ ފަދައިންނެވެ. ލިބުނު އުފަލުގެ ބޮޑުކަމުން އޭނާގެ ލޮލުން ކަރުނަ ހިނގައިގަތެވެ. ޢަރްފީ މިދެންނެވި ކަރުނައިގެ ތިކިތަކަށް ބަލާލީ ޙައިރާންކަމާ އެކުގައެވެ. ލޯބިން ފުރިފައިވީ ނަޒަރަކުންނެވެ. އަދި ހަމައެހާ މަޢުސޫމް ނަޒަރަކުންވެސް މެއެވެ. ކަރުނައަކީ ބައެއްފަހަރު އުފަލުގެ ޖަޒުބާތުންވެސް އުފެދިދާނެ އެއްޗެއްކަން، ޢަރްފީއަށް ނުވިސްނުނީބާވައެވެ. ޞަބީޙާގެ ކަޅު އިސްތަށިގަނޑުގައި ހިނިތުންވެފައި އިނީ، އޭނާގެ ފިރިމީހާ ދެންމެއަކު ޖަހައިދިން ރަތް ފިނިފެންމަލެވެ. ކައިވެންޏަށް އެއްއަހަރު ފުރުމުގެ މުނާސަބަތުގައިކަމަށްވެސް ދެންނެވިދާނެއެވެ.

 

ލިޔުންނެގީ: ދިވެހި ޑައިޖެސްޓްގެ 25 ވަނަ ޢަދަދުން

ލިޔުއްވީ: އަލިބެދޮހޮއްކޮދޮންއަލިފުޅު (އ.ދ.ޢ)

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.