“ނޯޓީ ފޯޓީ” ގެ މަޖާ ސަކަރާތްޖެހުންތައް ހިތްހަމަޖެހުމާއިއެކު ބަލައި، ރާއްޖޭގެ އެންމެގިނަ މީހުން ބެލި އެ ފިލްމުގެ ދެވަނަ ބައި “ފޯޓީ ޕްލަސް” ގެ ޝޫޓިން ނިމި އެތައް ދުވަހެއް ވެފައިވާއިރު، ފިލްމުގެ ފުރަތަމަ ދައްކައިލުމެއް ނުވަތަ ފިލްމުގެ އެއްވެސް މަންޒަރެއް ނުފެނި ލައްކަދުވަސް ވެއްޖެ އެވެ. ފިލްމު އަޅުވާނެ ތާރީޚެއް އިޢުލާނު ނުކޮށްވެސް ލައްކަ ދުވަސް ވެއްޖެ އެވެ. ނަމަވެސް އެ އިންތިޒާރުގެ ނިމުން މާދަމާ އަންނާނެ ކަން މިހާރު މިއޮތީ ޔަޤީންވެފައެވެ.

 

ފިލްމު “ފޯޓީ ޕްލަސް” ގެ ރަސްމީ ފޭސްބްކް ޕޭޖުން ރޭގެ ވަގުތެއްގައި ކޮށްފައިވާ އަދާހަމައެއްގައި ބުނީ “ކުރެވެމުންދިޔަ އިންތިޒާރުގެ ނިމުން އައިސްފިކަމަށެވެ. ފޯޓީ ޕްލަސް ގެ ފަސްޓް ލުކާއި (ފުރަތަމަ ދައްކައިލުމާއި) ފިލްމު އަޅުވާނެ ތާރީޚް މި އަންނަ ހޮނިހިރު ދުވަހު އިޢުލާނު ކުރެވޭނެ އެވެ. ފޯޓީސް ތައް މިފަހަރު އެނބުރި މި އަންނަނީ އިތުރު މަޖާކުރުންތަކާއި އެކުގައެވެ.”

 

“ފޯޓީ ޕްލަސް” ގެ ޕޭޖުން އިތުރަށް އެދެނީ ޕޭޖަށް ފޮލޯ ކުރަމުން ގެންދިއުމަށެވެ. އަދި ބެލުންތެރިން ދެމުން އަންނަ ލޯތްބާއި ތާއީދަށް ޝުކުރުއަދާކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

 

“ނޯޓީ ފޯޓީ”ގެ ސީކުއަލް “ފޯޓީ ޕްލަސް” ގެ ފުރަތަމަ ދައްކައިލުން މިދިޔަ ރަމަޟާން މަހަށް ހަޖައްސާފައި އޮތަސް އެކަން ނުކޮށް ލަސްކޮށްލީވެސް އޭރުގެ މާހައުލު އޮތްގޮތުން ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފަހުން ވަނީ ބުނެފައެވެ. މިދޔަ އޯގަސްޓް މަހު ރިލީޒް ކުރުމަށް ކުރިން ނިންމާފައިވާ “ފޯޓީ ޕްލަސް” ރިލީޒް ކުރުން ފަސްކުރީ ރާއްޖޭގެ ސިޔާސީ މަޝްރަހް ހަލަބޮލިވެފައި އޮތުމުގެ ސަބަބުންނެވެ.

 

މިމަހު ކުރީކޮޅު މުނިއަވަސް އަށް ފިލްމުގެ ޕްރޮޑިއުސަރު ޝަފީޤް ބުނީ ފިލްމުގެ ހާއްސަ އިވެންޓެއް ބާއްވައި ފިލްމާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން ހިއްސާކޮށް، ފޯޓީ ފްލަސްގެ ޕްރޮމޯޝަނަލް ހަރަކާތްތައް ފަށާނެ ކަމަށެވެ.

 

ފޯޓީ ޕްލަސް” އިން ވެސް ފިލްމީ ދާއިރާއަށް މުޅިން އައު މޫނު ތަކެއް ފެނިގެންދާނެއެވެ. އެގޮތުން “ފޯޓީ ޕްލަސް” އިން މުޅިން އައު ހަތަރު ތަރިން ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި ޔޫއްޕެގެ “ދެވަންސޫރަ” އިން ފެނިފައިވާ މޫނެއް ކަމަށްވާ ޝިފާ ހިމެނެއެވެ. އަދި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ސްޓެޕް އައްޔަ ގެ އަންހެނުންވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަ ޖަހަމުންދާ ތަރިންތަކާއި ކުރި އަރަމުން އަންނަ ނުހަނު ގިނަ ތަރިންގެ އެކްޓިންވެސް ފެންނާނެއެވެ.

 

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ޔޫއްޕެ އާއި އަލީ ސީޒަނާއި މުހައްމަދު މަނިކު، އަލީ ޝާހިދާއި އަހްމަދު އީސާ އާއި މައިޝާ އަހްމަދު ސައީދު އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ.

 

ފޯޓީ ޕްލަސް” ޑައިރެކްޓް ކުރަނީވެސް “ނޯޓީ ފޯޓީ” ގެ ޑައިރެކްޓަރ ޔޫސުފް ޝަފީޢު ޔޫއްޕެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.