މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ 2019 ވަނަ އަހަރުގެ އެގްޒެކްޓިވް ބޯރޑްގެ ޗެއާރޕާރސަން އަކަށް އިންތިޚާބްވި ޝިވާޒް އަބްދުﷲ (މާސްކޭ) އާއި ވައިސް ޗެއާރޕާސަންގެ މަޤާމަށް އިންތިޚާބްވި ފިލްމީ ތަރި ނިއުމާ މުހައްމަދު ތިބީ ފިލްމީ ދާއިރާގެ ކަންތައްތައް ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރުމަށްކަމަށް ބުނެފިއެވެ.

 

ބޯޑްގެ ޗެއާރޕާރސަން އަކަށް އިންތިޚާބްވި ޝިވާޒް އަބްދުﷲ އާއި ވައިސް ޗެއާރޕާސަންގެ މަޤާމަށް އިންތިޚާބްވި ފިލްމީ ތަރި ނިއުމާ މުހައްމަދު މިދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް މުނިއަވަސް އަށް ބުންޏެވެ.

 

މުނިއަވަސް އަށް މަޢުލޫމާތު ދެމުން މޯލްޑިވްސް ފިލްމް އެސޯސިއޭޝަނަށް އަލަށް އިންތިޚާބުވި ޗެއާރޕާރސަން، ޝިވާޒް އަބްދުﷲ ބުނީ ފާއިތުވި އަހަރުތަކުގައި ފިލްމް އެސޯސިއޭޝަންގެ މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ފަރުވާކުޑަކުރެވި، އަޅާނުލެވިކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނުލިބި އެތަކެއް ގޮންޖެހުންތައް ލިބުނުނަމަވެސް ކުރިއަށް އޮތް ދައުރުގައި މިކަންކަން ހައްލުކުރައްވާ ފިލްމް އެސޯސިއޭޝަން ޤައުމީ ފެންވަރަކަށް ބިނާކުރައްވާނެ ކަމަށް ޝިވާޒް ފާހަގަ ކުރިއެވެ. މީގެ އިތުރުން ފިލްމީ ދާއިރާއަށް ބޭނުންވާނެ މީހުން ބިނާކޮށް ނެރުމަކީ ޝިވާޒްގެ ވަޢުދެއް ކަންވެސް ފާހަގަކުރިއެވެ.

 

ޝިވާޒް ގެ ވިސްނުން ހުރީ ފިލްމީ ދާއިރާ އެހެން ހަރުފަތަކަށް ގެންދިއުމަށެވެ. އެގޮތުން ފިލްމު އުފައްދާ ފަރާތްތައް އިތުރުކުރުމަށް މަސައްކަތް ކުރުމާއި ފަންނުވެރިން ބިނާކުރުމަށް ވަށާޖެހޭ ނިޒާމެއްގެ ތެރެއިން އެ މަސައްކަތްތައް ހިންގަން ފެށުން ހިމެނެއެވެ. މީގެ އިތުރުން ފިލްމީ އުފެއްދުންތަކަށް ޤާނޫނީ ހިމާޔަތް ހޯދުމަށް މަސައްކަތް ކުރުމާއި ފިލްމު އެޅުވުމާއި މުޅި ރާއްޖެއަށް ފިލްމު ވިއްކުމުގައި ހުރި ދަތިތައް ނައްތައިލުމަށް މަސައްކަތް ކުރުމާއި ފިލްމީ މަސައްކަތަށް މާލީ އެހީތެރިކަން ހޯދައިދިނުން ހިމެނެއެވެ.

 

ބޯޑްގެ ވައިސް ޗެއާރޕާސަންގެ މަޤާމަށް ފިލްމީ ތަރި ނިއުމާ މުހައްމަދު މުނިއަވަސް އަށް ބުނީ ފިލްމީ ދާއިރާގެ ކަންތައްތައް ސަރުކާރާއި ގުޅިގެން ރަނގަޅުކުރުމުގެ އުއްމީދާއި އެކުގައި މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ފިލްމީ ފަންނާނުން ފިލްމު އުފެއްދުމަށް ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރާނެ ކަމަށް ނިޢުމާ ބުންޏެވެ.

 

ފިލްމް އެސޯސިއޭޝަނަށް އައު މެމްބަރުން އައްޔަންކުރުމާއެކު އެއެސޯސިއޭޝަންގެ އަމާޒަކީ ކުރިއަށްހުރި އަހަރުތަކުގައި ފިލްމީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ފިލްމީ ދާއިރާ ހަރުދަނާކުރުންކަމަށް ފިލްމް އެސޯސިއޭޝަނުން ބުނެއެވެ.

 

ފިލްމް އެސޯސިއޭޝަންގެ އެހެން މަޤާމުތަކަށް އިންތިޚާބުވެފައިވަނީ ވެސް މި ދާއިރާގައި މަޝްހޫރު ފަންނާނުންތަކެކެވެ. އެގޮތުން ޖެނަރަލް ސެކްރެޓަރީއަކަށް އިންތިޚާބުވެފައިވަނީ ފިލްމީ ތަރި ޔޫސުފް ޝަފީއުއެވެ. ޚަޒާންދާރަކަށް ޖާދުﷲ އިސްމާޢިލް އިންތިޚާބުވިއިރު ބޯޑް މެމްބަރުންނަށް ހޮވިފައިވަނީ އަހުމަދު ޒިޔާއާއި މުހައްމަދު މަނިކުގެ އިތުރުން އަލީ ޝާނީޒް މުހައްމަދެވެ.

 

ކޮންމެ ދެ އަހަރަކުން އެއް އަހަރު މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯރޑަށް އައު މެމްބަރުން އިންތިޚާބުކުރާއިރު މިއީ މި އެސޯސިއޭޝަންގައި ހިމެނޭ މެމްބަރުންގެ ވޯޓުން އިންތިޚާބުކުރާ ބޯޑެކެވެ. މި ފަހަރުގެ އިންތިޚާބުގައި އެގްޒެކެޓިވް ބޯޑް ހޮވާފައިވަނީ 55 މެމްބަރުންގެ ވޯޓުންނެވެ. 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.