އިޒުވާނު ސައިކަލުގައި ދުއްވާލާފައި ބުރިޖުން ނައްޓާލީ މާލެއަށް ދިއުމުށެވެ. ފުލުފުލުން ސައިކަލުތައް ކިޔޫގައި ބުރިޖުމަތިން ދުއްވަމުންދިޔައެވެ. ވަގުތުގެ ގޮތުން ސައިކަލުތަކުގައި ދުއްވާމީހުންގެ އަދަދުވެސް ގިނައެވެ. ދިހަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު އިޒުވާނަށްމާލެ ދެވުމާއެކީ ސައިކަލުގައި  ބޮޑުތަކުރުފާނު މަގުން ދުއްވާލިއެވެ.

 

މާލެގެ މަގުތަކަކީ ކާރު ބާރު ބޮޑު ވެހިކަލެއް ދުއްވުމަށްވެސް ހުރި ނުރައްކަލެއް ކަހަލަ ތަނެކެވެ. ބޮޑުތަކުރުފާނު މަގުން ދުއްވާފައި ގޮސް ހެންވޭރު ސަރަހައްދު ބަލާ ފާސްކުރަންފެށިއެވެ. ދުއްވަމުން ދެފަރާތަށް ލޯ އުކަމުން ދިޔައިރު ހީވަނީ ތަނެއް ހޯދަމުން ދާހެންނެވެ. ވަކި ހިސާބަކަށް ސައިކަލު މަޑުކޮށްލުމަށްފަހު ސައިކަލުން ފޭބިއެވެ. ސައިކަލްގެ މަޑި ހިއްލާލުމަށްފަހު ސާރާގެ ވޮލެޓް ނެގުމަށްފަހު އޭގައިވާ އައިޑީ ކާޑަށް ބަލާލިއެވެ. ކުރިމަތީހައި ހުރި އުސް އިމާރާތުގެ ނަންބޯޑަށް ބަލާލުމަށްފަހު އަނެއްކާވެސް އައިޑީކާޑަށް ކަޅި ހިންގާލިއެވެ. އިޒުވާނަށް ހުރެވުނީ ސާރާ ދިރިއުޅެމުންދާ އިމާރާތުގެ ކުރިމަތީގައެވެ. އެއީ ފެހިކުލައިގެ ކުލަ ލާފައިހުރި ދިހަ ބުރީގެ ބޮޑު އިމާރާތެކެވެ. ސާރާ ހޯދުމަށް އަނެއްކާވެސް އިތުރު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނީއެވެ. ހަދާނެ އިތުރު ގޮތެއް ނޭންގިފައި ހުއްޓާ އިޒުވާނަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ. އޭނަގެ މޫނުމަތިން ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

 

ބާރު ޖީންސަކާއި ގަޔަށްބާރު ރަތް ޓޮޕެއްލައިގެން ނުކުތް ސާރާ ފެނުމާއެކު އިޒުވާނުގެ ހިތްފުރިގެން ދިޔައެވެ. ސާރާއަޅާފައި ހުރި ކަޅު ބުރުގާ ދެފަރާތަށް ވައްޓާލާފައި އޮތްއިރު ކޮންޑުގައި ރަތްކުލައިގެ ދަބަހެއް އަޅުވާލާފައި އޮތެވެ. އަރައިގެން ހުރި ރަތްކުލައިގެ ކަށިފައިވާނުގައި ސާރާ ހިނގާލާފައި އައީ ފެޝަން ރޭޕްގައި ބުޅާ ހިނގުމޭ ބުނާ ފަރި ހިނގުމެއްގައެވެ. ސާރާގެ ތުންފަތުގައި ފަވާލެވިފައިވާ ރަތްކުލައިގެ ގަދަ ލިޕްސްޓިކާއި ދެކޮލަށް ޝޭޑްކޮށްފައިވާ ކުލައިން އޭނަގެ ފުރިހަމަކަށް އިޒުވާނުވެސް އާޝޯޙްކުރުވައިފިއެވެ. ދިގު އެސްފިޔަތަކުގައި ބޭނުންކޮށްފައި ހުރި މަސްކަރާގެ އަސަރުގަދަކަން ސާރާގެ ލޮލުންވެސް ފާޅުވަމުން ދިޔައެވެ. ސާރާގެ އެފަރިކަމަށް އިޒުވާނުގެ ހިތްދޫވެގެން ދިޔައެވެ. އެހާވެސް ސާރާ ފުރިހަމަވެފައި ރީއްޗެވެ. އިޒުވާނަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އަނގައިން ބަސްހުސްވެ މުޅި މީހާގެ ހިތް ލަންބުވާލައިފިއެވެ.

 

“ސާރާ..”

 

ސާރާ މަގަށްނުކުތުމެ ހިނގައިތުމުން އިޒުވާނު ސާރާއަށް ގޮވާލިއެވެ. ސާރާ ފަސްއެނބުރިފައި ބަލައިލިއެވެ. އިޒުވާނު ފެނިފައި ސާރާގެ ހިތްތެޅިގަތެވެ. ވީގޮތެއްވެސް ނޭންގުނެވެ. އިޒުވާނު ފިރިހެންވަންތަ ހިނގުމާއި އެ ރީތި ބިޔަ ހަށިގަނޑު ފެނިފައިވެސް ސާރާގެ ހިތް އުފަލުންނަށައިގަތެވެ. އިޒުވާނު އައިސް ހުއްޓުނުއިރުވެސް ސާރާ ފާޑަކަށް ގަބުވެފައި ހުއްޓެވެ.

 

“އަން މީގައި ހިފާ. މީ ސާރާގެ އަމާނާތެއް. ހަނދާންވެސް ނެތްދޯ ހަށިގަނޑުން އެއްޗެއް މަދުވިކަމެއް. ” އިޒުވާނު ވޮލެޓް ދިއްކޮށްލަމުން ބުންޏެވެ. އޭރުވެސް ސާރާގެ ނަޒަރު ހުއްޓިފައިވަނީ އިޒުވާނަށެވެ. ސާރާ ގެއްލިފައި ހުރުމުން އިޒުވާނު އިނގިލިން އަޑެއް ލައްވާލުމުން ސާރާ ވޮލެޓުގައި ހިފިއެވެ.

 

“ތޭންކިއޫ. ވަރަށް ހޯދައިފިން މި ނުފެނިގެން..” ލަދުރަކި ގޮތަކަށް ހިނިތުންވެލަމުން ސާރާ ބުންޏެވެ.

 

“ތީގައި ހުރި އެއްޗެއްވިއްޔާ ހުންނާނެ ހަމަޔަށް. ވަރަށް އުނދަގުލުން މި ގެ ހޯދައިގެން ސާރާ ފެންނަވަރު މިވީ. އައިޑީ ކާޑް ނެތް ނަމަ ހޯދަން އަދި މާ އުނދަގޫވީސް. ނަސީބެއް ދިމާވިކަން. އެހެން ނޫންނަމަ ކިހިނެއް މިތަނުން މަ ސާރާ ހޯދައިގެން މި ގެނެސް ހަވާލުކުރާނީ..” އިޒުވާނު ހުރިހާ ވާހަކަތަކެއް އެއްފަހަރާ އަމުނާލިއެވެ. ސާރާ ފެނިފައި ދޫވެސް އޮޅޭގޮތްވިއެވެ.

 

“ސޯ މީގެ ބަދަލުގައި ހިނގާ ކޮފީއަކަށް އަރަންދޯ” ސާރާ އެދުނީ ކޮފީއެއް ބޯލަން ދިއުމަށެވެ. ސާރާގެ ދައުވަތު އިޒުވާނު އުފަލާއެކު ޤަބޫލުކުރިއެވެ. ވާނީ ވެސް އެހެންނެވެ. ގިނަ ފަހަރަށް ކޮފީއަށް ދިއުމަށް ދައުވަތު ލިބޭނީ ފިރިހެނެއްގެ ފަރާތުންނެވެ. ސާރާ އަކީ ޒަމާނީ ގޮތްގަޑެއް ހުރި ކުއްޖެއް ނަމަވެސް އަޙުލާޤު ރަނގަޅު ކުއްޖެއްކަން އޭނަގެ ވާހަކަ ދެއްކުމުގެ ރާގުންވެސް ހާމަ ވެގެން ދިޔައެވެ. މީހަކު އަޅާ ހެދުމަކުން އަރާފައި ހުންނަ ފައިވާނަކުން މީހެއްގެ ހަސަބާއި ނަސަބެއް މިޒަމާނަކު ނޭންގޭނެއެވެ.

 

***

“އަދި ކަމެއް ނުކުރެވިފައެއް ނެތްތާ! މަވެސް އަދި މަޑުން މިހުންނަނީ ކަމެއް ކުރަން ނުކެރޭތީ އެއްނޫން. ވަގުތު ޖެހުނީމާ އެބަޅ ދުވަސް ދާނެ. ޒުޒު އެހަށް ހަމަޖެހިބަލަ..” މޭޒުމަތީގައި ހުރި ލައިޕް ފެންފުޅިން ތައްޓަށް ފެންއަޅަމުން ހައުލާ ބުންޏެވެ.

 

“ތިޔެއް ބަލަން މަ ހުންނާނަން..” ވެއިޓަރު މީހާ އައިސް މަޑުކޮށްލުމުން ހައުލާ ބިލަށް ފައިސާ ދެއްކުމަށްފަހު އެތަނުން ދިއުމަށް ގޮޑިން ތެދުވިއެވެ. އެތަނުގައި އެމީހުންނަށް ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގުނެވެ. ވަގުތު ދާގޮތެއް އެނގޭނީ ކޮފީތަކަށް އައިސް އެކަމުގެ މަޖަލުގައި ވަގުތު ހޭދަކުރާ ބަޔަކަށެވެ.

 

***

އިޒުވާނާއި ސާރާސައިކަލުގައި އައިސް މަޑުކޮށްލީ މާލޭ ފެރީޓާމިނަލް ސަރަހައްދަށެވެ. ދެމީހުން އެކުގައި ހިނގާލާފައި ގޮސް ސީހައުސް ރެސްޓޯރަންޓަށް ވަނެވެ. އެތަނުގައި ހުރި ހުސް މޭޒެއް ފެނުމުން އެތަނުގައި ދެމީހުން އެކުގައި ގޮސް އިށިނެވެ. ވަގުތަކީ އެތަނުގައި ފުދޭވަރަކަށް މީހުންވެސް ގިނަ ވަގުތެކެވެ. އެމީހުން ގޮސް އިށީނުމާއެކު ވެއިޓަރުމީހާ އައިސް އޯޑަރު ނެގިއެވެ. އެމީހާ ދިއުމުން ސާރާ ތުއި ގޮތަކަށް އިޒުވާނަށް ހިނިތުންވުމެއް ފޮނުވާލިއެވެ.

 

“އައި އެމް އިޒުވާން. ސާރާ ބޭނުންވިއްޔާ އިޒޭ ވެސް ކިޔަންވީ. ދެން މިހާރު ތީ ސާރާކަން އެނގޭ.. އިތުރު ތަޢާރަފެއް ބޭނުމެއް ނުވާނެ..” އިޒުވާނު ސަލާމްކޮށްލަން އަތް ދިއްކޮށްލަމުން ތަޢާރަފް ވެލިއެވެ. ސާރާ ސަލާމްކޮށްލަމުން ލުއި ހިނިތުންވުމެއް ފޮނުވާލިއެވެ.

 

“އިޒޭ ޖިމަށްވެސް ދަންތަ؟ ޔޫ ލުކް ސޯ ފިޓް..” އިޒުވާނުގެ ހަށިގަނޑަށް ބަލައިލަމުން ސާރާ ވާހަކަ ދައްކަންފެށިއެވެ.

 

“އާނ. އަބަދުވެސް ކުރާކަމެއް. އެކަމަކު ދުވަސްކޮޅެއް ވެއްޖެއް ނުދެވޭތާ. ތަންކޮޅެއް ބިޒީ ވެގެން ނުދަން. އަނެއްކާވެސް ފަށަންވީ..” ސާރާގެ ސުވާލަށް އިޒުވާނު ޖަވާބު ދިނެވެ. އޭރު ވެއިޓަރު މީހާ ދެތަށި ކޮފީ ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. އެމީހާއަށް ޝުކުރު އަދާކުރަމުން ސާރާ އެމީހާއަށް ރީތި ހިނިތުންވުމެއް ފޮނުވާލިއެވެ. އެމީހާވެސް އެމީހުންނަށް ވަގުތުދެމުން އޭނަގެ މަސައްކަތުގައި ދުރަށް ޖެހިލިއެވެ.

 

“ސާރާގާތު ވާހަކައެއް އަހާލަންތަ؟” އިޒުވާނު ކޮފީތަށި ގިރަމުން ވާހަކަ ދައްކަންފެށިއެވެ.

 

“ޔެސް، ހަމަ އަހަންވީ. އައި އޭމް ވެރީ އޮޕަން މައިޑެޑް ޕާރސަން. ޔޫ ކެން އާސްކް މީ އެނީ ތިން. އައި ޑޯންޓ މައިންޑ” ސާރާ ކޮފީތަށިން ކޮފީ ފޮދެއް ރަހަބަލާލުމަށްފަހު މޭޒުމަތީގައި ހުރި ޓިޝޫ އެތިން ޓީޝޫ އެއްނަގައި ތުން ފޮހެލަމުން ބުންޏެވެ.

 

“ސާރާގެ ބިޓެއް ހުރޭތަ؟” އިޒުވާނުގެ އެ ސްުވާލުން ސާރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ސާރާ އަކީ އެހެންކުދިންނާއި ތަފާތު މިޒާޖެއްގެ ކުއްޖެއްކަން އެ ހިނދުވެސް އިޒުވާނަށް ވިސްނައިގަނެވުނެވެ. އިޒުވާނަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ސާރާ ހޭންފެށިގޮތަށް ހުއްޓާވެސް ނުލިއެވެ. އިޒުވާނަށް ބުނެވުނީ އެހާ މަޖާ ވާހަކައެއް ހެއްޔެވެ.؟ ސާރާގެ އަމަލުތަކުން އިޒުވާނުގެ އނަގަހުތްވާގޮތް ވިއެވެ. އިޒުވާނު އިން ގޮތްފެނިފައި ސާރާ ހުނުން ހުއްޓާލިއެވެ. އޭރުވެސް ސާރާއަށް ހުނުން މައިތިރިކުރެވޭތޯ މަސައްކަތްކުރަން އުޅުނެވެ.

 

“ނުހުރޭ. އަދި އެހާ ކަމުދާ މީހަކު ނުފެނިގެން މިއުޅެނީ..” ސާރާ ހުނުން ހުއްޓާލުމަށްފަހު ޖަވާބު ދިނެވެ.

 

***

 

ޒީނާ އިނީ ޓީވީއަށް ގެއްލިފައެވެ. ގަޑިން އޭރު ފަހެއްވެސް ޖަހައި ބޮޑުވަނީއެވެ. ޒީނާ ސިހުނީ ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ. ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ޒީނާ ދޮރުހުޅުވާލުމާއެކު މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ.

 

“މަ މިހާރު ސައި ހަދައިގެން އިންނަތާ ކޮންއިރެއް. އާދޭ އެތެރެއަށް” ހައުލާގެ އަތުގައި ހިފައިގެން ޒީނާ އޭނަ އެތެރެއަށް ވެއްދިއެވެ. ދެމީހުން ސަލާމްކޮށްލުމުގެ ގޮތުން ބައްދާލިއެވެ. ހައުލާ ގޭތރެއަށް ވަރަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. އެތަނަށް ބަލާލަމުންވެސް ޒީނާގެ ސާފުތާހިރު ދިރިއުޅުން ފެނިގެން ދިޔައެވެ.

 

“ޒުޒުވެސް އާދޭ އެތެރެއަށް..” ހައުލާއެކު ޒުހުރީވެސް އައިސް ހުއްޓެވެ. ހައުލާ ގޮވާލުމުން ޒުހުރީވެސް އެތެރެއަށް ވަންނަމުން ލޮލުގައި އަޅާފައި އިން އައިނު ނެގިއެވެ. ޒުހުރީ އެތެރެއަށް ވަންނަމުން ޒީނާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ޒީނާގެ ކިބައިގައި އެހެން އަންހެންކުދިންގެ ކިބައިން ނުފެންނަ އާދަޔާ ޙިލާފްކަމެއް ފާހަގަ ކުރެވުނެވެ.

 

“މިއީ ޒު ޒު. މައި ބެސްޓް ފްރެންޑް.” ހައުލާ އޭނަގެ އެންމެ ގާތް އެކުވެރިޔާ ޒުހުރީ ތަޢާރަފުކޮށްދިނެވެ. ޒީނާ ސާދާ ހިނިތުންވުމަކާއެކު ޒުހުރީއާ ސަލާމްކޮށްލިއެވެ.

 

“މީ ޒީ. މަގޭ ވަރަށް ކްލޯސް ފްރެންޑެއް..” ސޯފާގައި އިށީނުމަށް ޒީނާ އަތުން އިޝާރާތްކޮށްލިއެވެ. ޒުހުރީވެސް ގޮސް ސޯފާގައި އިށީނެވެ.

 

***

“ސާރާ ތީ ހާދަ ރީތި ކުއްޖެކޭ. ގަޔާވާ ގޮތެއް ހުރޭ..” އިޒުވާނުގެ އެ ޖުމުލައިން ސާރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ސާރާ ކުޑަކޮށް ލަދު ގަންނަގޮތްވިއެވެ. ދެވަނަ ފަހަރަށް ބައްދަލުވުމުން އިޒުވާނު އެހެން ބުނުމުން ސާރާ ލަދުން އިސްޖަހާލެވުނެވެ. ސާރާގެ ދޫވެސް ގޮށްޖެހުނުކަހަލައެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭންގިފައި ހުއްޓާ ދެން ވެސް ހިމޭންކަން ފޫދުއްވާލީ އިޒުވާނެއެވެ.

 

“ސާރާ ބޭނުން ވަންޔާ ވީ ކެން ގޯފޯ… ސާރާ ބޭނުންވަންޏާ ވިސްނާލަން ވަގުތުކޮޅެއްވެސް ދެވިދާނެ..” އިޒުވާނުގެ ވާހަކަ ތަކުން ސާރާ އިނީ ބަސްހުއްޓީ ހަދާނެގޮތް ހުސްވެފައެވެ. ވެއިޓަރު މީހާ އައިސް ބިލް މޭޒުމަތީގައި ބޭއްވިއެވެ. އިޒުވާނު އެމީހާއަށް ހިނިތުންވުމެއް ފޮނުވާލިއެވެ.

 

***

 

“ދެން ހިނގާ ސައިބޯންދާން. މިހެން ކިތައްމެ އިރަކުވެސް ތިބެވިދާނެ. ވާހަކަ ދައްކާލަން މޭޒުކައިރިއަށް ހިނގާ..” މޭޒާއި ދިމާއަށް އިޝާރާތް ކޮށްލަމުން ޒީނާ ހިނގައިގަތީ ކާމޭޒުކައިރިއަށެވެ. ހައުލާ އާއި ޒުހުރީވެސް ގޮސް ގޮނޑީގައި އިށީނެވެ. ޒީނާ އައިސް 3 ޖޯޑުގެ ކަޅުސައި ތައްޔާރުކޮށްލިއެވެ. އެންމެން އެކުގައި ސަޔަށް އިންސާފުކުރަން ފެށިއެވެ. މޭޒުމަތީގައި ހަނޑުލުގުޅަޔާއި ދެވައްތަރެއްގެ ފޮނި ބޯކިބާ ތައްޓަކަށް އަޅައިފައި ހުއްޓެވެ.

 

***

 

ސާރާ ބޭނުންވީ އަވަހަށް އެތަނުންދާށެވެ. އެކަން ސާރާ އުޅުނު ގޮތުންވެސް އެނގޭނެއެވެ. އިޒުވާނަށް އެކަން ފާހަގަވެސް ކުރެވުނެވެ. އަތްދަބަހުން ވޮލެޓް ނަގާ ބިލަށް ފައިސާ ދެއްކުމަށްފަހު ތެދުވެގެން ދިއުމަށް ހިނގައިގަތެވެ. އިޒުވާނުވެސް ސާރާގެ ފަހަތުން ހިނގައިގަތެވެ. ސާރާ އެއްވެސް ވާހަކަ އެއް ނުދައްކާ ބާރު ފިޔަވަޅުގައި އެތަނުން ނުކުތެވެ. ސާރާ އަމަލުތައް ހުރިގޮތުން އޭނަގެ ހިތުގައި އިޒުވާނާއި ދޭތެރޭ ކޮންމެވެސް މަގާމެއް ދެވިފައިވާކަށް ހާމަވެގެން ދިޔައެވެ. ސާރާ އެތަނުން ނުކުތްގޮތަށް ފެރީ ގިމަތަ ކުރިމަތީގައި މަޑުޖެހުނެވެ. އެވަގުތު އެތަނަށް މަޑުކޮށްލި ކާރަށް ސާރާ އެރިއެވެ. އިޒުވާނަށް ބެލުމެއްނެތިގޮސް ކާރަށް އެރިއެވެ. ސާރާ ބޭނުންވީ ވެސް އެގޮތެވެ. ސާރާ ކަންތައްކުރިން ގޮތުން އިޒުވާނުވެސް ޙައިރާންވިއެވެ. ސާރާ ކާރަށް އަރައިގެން ދިޔަ މަންޒަރު ބަލަން އިޒުވާނަށް ހުރެވުނެވެ. އެގޮތަށް ކަންތައް ކުރަންޖެހުނީ ކީއްވެކަން ޙުދު އިޒުވާނަށްވެސް ނުވިސްނުނެވެ. ދެއްކި ވާހަކަތަކުން ސާރާ ހިތްހަމަ ނުޖެހުނީ ކަމަށްވެސް ވެދާނެއެވެ.

 

***

 

“ޒީ ކޮންދުވަހަކުން މެރީ ކުރަނީ..” ސަޔަށް އިންސާފު ކުރަން އިނދެފައި ހައުލާ ކުރި ސުވާލުން ޒީނާ ކޮށި އަރާގޮތްވިއެވެ. ބޮމުންދިޔަ ސައިތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ކެއްސުން ރަނގަޅުވޭތޯ ޒީނާ ފުންކޮށް ނޭވާލަމުން ދިޔައެވެ. ޒުހުރީއަށްވެސް އިނދެވުނީ ޒީނާއަށް ބަލާށެވެ.

 

“ތިދެން ކޮންވާހަކައެއް.. އަދި މަ ތިހަކަލަ ކަމެއް ކުރަން ހިޔާލުވެސް ނުކުރަން. ތިކަހަލަ ކަމަކާ ވިސްނޭނީ ވެސް އިންނާނެ ރަނގަޅު މީހަކު ލިބިގެންދޯ.. މަށަށް ހީވަނީ ހައު މެރީ ކުރާނެހެން މަ މިހެން ހުއްޓާ. ގައިމު އަދި ލޯބިވާ މީހަކުވެސް ނުލިބޭ. ދެން ތިކަން ވެސް ވާނީ ލޯބިވާ މީހަކުވެސް ލިބިގެން..” ޒީނާ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ޒީނާ އުޅުނު ގޮތުން ހީވަނީ ކަމެއް ސިއްރުކުރަން އުޅުނުހެންނެވެ. އެކަން ހައުލާއަށް ވެސް ފާހަގަކުރެވުނެވެ.

 

“ކިހިނެއް މަ ތިކަން ޤަބޫލުކުރާނީ. މަގޭ ބިޓާ މަ ބްރޭކަޕް. ޒީ ބުނަން މިއުޅޭ ފިރިހެނުންނަށް ނުވާނެ އިތުބާރު ކުރާކަށް.” ޒުހުރީއަށް ބަލާލަމުން ހައުލާ ބުންޏެވެ. ޒުހުރީ ފާޑަކަށް ދެކޮނޑު އަރުވާލިއެވެ. ހީވަނީ ޒުހުރީއަށްވެސް އެބަސް ރައްދުވެގެން ދިޔަހެންނެވެ. ޒީނާއަށް ބަލައިލަމުން ޒުހުރީ ހިނިތުންވެލިއެވެ.

 

“އެއީ ޖައްބާރު މީހެއް. މަ ހަމަ ހޭގައި ހުއްޓާ ލާހިކެއްނޫން އެހެން އަންހެނަކާ ވައިވެސް އެޅޭކަށް” ރުޅިވެރި ރާގެއްގައި ހައުލާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ހައުލާގެ ވާހަކަތަކުން އޭނާއަކީ ލޯބީގައި ނާކާމިޔާބާއި ކުރިމަތިލާންޖެހިފައިވާކަން އަންހެނެއްކަން ޔަޤީންވާނެއެވެ.

 

“ތެދެއް ތިބުނީ. އެކަމް ޒީއަށް ލޯބި މާނަކުރެވެނީ ބޭކާރު، އިންސާނާގެ ހިތްހަލާކުކޮށްލާވަރުގެ ވޭންދެނިވި ޖަޒުބާތެއްގެ ސިފައިގައި. ލޯތްބަކީ ވޭންހުރި ޖަޒުބާތެއް. މީހަކު ދެކެ ލޯބި ވެއްޖެނަމަ އެމީހަކު ލޯބިވާމީހަކު ދެކެން ދެލޯ އެދެން ފަށާ. އެ ސޫރަ އެންމެ ފަހަރަކު ދުށުމަށް ނަމަވެސް ހިތް އެދޭނެ. އަމިއްލަ ނަފްސަށް ދިރުމެއް ލިބޭނެ ކަމަށް ހީކުރެވޭނެ..ހިތަށް އުފާވެރިކަން ލިބޭ ފަހަރުވެސް އަންނާނެ. ލޯތްބަކީ ނޭންގި ވެވޭ ވޭންދެނިވި ޖަޒުބާތެކޭ ވެސް ބުނެވިދާނެ. އެކި މީހުން ލޯބި މާނަކުރަނީ އެކޮގޮތަށް.” ޒީނާ ދައްކަމުން ދިޔަ ޝާއިރީ ބަސްތަކަށް ހައުލާވެސް އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ހައުލާ ހިތްހަމަ ޖެހިގެން އިނދެ ސައިބޮއި ނިންމާލިއެވެ.

 

“ބައެއް ފަހަރު ލޯތްބަކީ އަނދާ އަލިފާނެއް ކަހަލަ އެއްޗެއް. ނޫނީ ހިތްހަމަޖެހުން ލިބޭ ޖަޒުބާތެއްގައި ދިރިއުޅުން އުޖާލާވެގެންދާ ރޫހާނީ ބާރެއް. އެކަމަކު ބައެއް މީހުންނަށް އެ ލޯބި މާނަކުރަން ނޭންގެނީ. ތި ލޯތްބަކީ ގިނަ މީހުން ކުޅޭ ކުޅޭ އެއްޗެއްގޮތުގައި ކިޔާލާ ފަށުވި ބަހެއް. އެހެން މީހުން ލޯބީގައި ހޭބަލި ދީވާނާވެ އަމިއްލަޔަށް މަރުވަނީ ލޯބި އެއީ ބާރުގަދަ އެއްޗަކަށްވާތީ.. ބައެއް ލޯބިވެރިން ލޯބީގެ ޙައްޤުގައި ދަންޖެހި މަރުވެސް ވޭ. ގިނަ މީހުން އެމީހުންގެ ލޯބިވެރިން ޖަހައިގަންނަން ތައްޔާރަށް ވެސް ތިބޭނެ. އެއީ އެލޯތްބާއި ނުލާ ދިރިއުޅެން އުނދަގޫވާ ހާލަތަށް ގޮސްގެން. އެއީ އެހެން މީހުންގެ އިޙްސާސްތައް ނޭންގޭ ޖާހިލުންނަށް ނޭންގި ވާ ލޯތްބޭވެސް ބުނެވިދާނެ..” ހައުލާ ފޮނުވާލި ލޯބީގެ ހޫނުކަންގަދަ ބަސްތަކުން ލޯބީގައި ނާކާމިޔާބީގެ ހިތިރަހަ އަރުގައި އަށަގެންފައިވާކަން ހާމަ ވެގެން ދިޔައެވެ.

 

އޭރު ޒުހުރީވެސް ހައުލާގެ ވާހަކަތަކަށް ޝައުޤުވެރިވެފައި އިނެވެ. ހައުލާ ތަހައްމަލު ކުރަމުންދާ ހިތި ދިރިއުޅުން އެންމެ ގާތުން ދެކޭ މީހަކީ ޒުހުރީއެވެ. އެހެންކަމުން ހައުލާގެ އެ ދައްކަމުން ދިޔަ ވާހަކަތަކުގެ އަސަރު ޒުހުރީއަށް އިހްސާސްކުރެވިގެން ދިޔައެވެ. ހައުލާގެ ވާހަކަތަށް ޒީނާވެސް ޝަޢުޤުވެރިވިއެވެ.

 

“ލޯބީގެ މާނަ ނޭންގޭ މީހުންނަށް ލޯބި އެއީ ކިހާވަރެއްގެ އެއްޗެއްކަން ނޭންގެނީ. ލޯތްބަކީ ބަގީޗާއެއްފޮޅެމުންދާ މާމެލާމެލީގެ މީރުވަސް އެކުލެވިގެންވާ ހިތްގައިމު ބަގީޗާއެއްގައި އުޅެވޭ ކަމުގެ އިހްސާސެއް ކުރުވާ ކަމަކަށް ކިޔާ ނަމެއް. ލޯބި…..” ޒީނާގެ ވާހަކަ މެދު ކަނޑާލިއެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް