“ލޯބީގެ މާނަ ނޭންގޭ މީހުންނަށް ލޯބި އެއީ ކިހާވަރެއްގެ އެއްޗެއްކަން ނޭންގެނީ. ލޯތްބަކީ ބަގީޗާއެއްފޮޅެމުންދާ މާމެލާމެލީގެ މީރުވަސް އެކުލެވިގެންވާ ހިތްގައިމު ބަގީޗާއެއްގައި އުޅެވޭ ކަމުގެ އިހްސާސެއް ކުރުވާ ކަމަކަށް ކިޔާ ނަމެއް. ލޯބި…..” ޒީނާގެ ވާހަކަ މެދު ކަނޑާލިއެވެ.

 

“ލޯތްބަކީ އެޔާ ނުލާ ނޭވާވެސް ނުލެވޭނެ އެއްޗެއް. ލޯބި ވެވިއްޖެއްޔާ އެކަމަށް އަމިއްލަ ނަފުސުވެސް އެދެންފަށާނެ. ލޯބި ވީމާ ކުރެވޭ އިޙްސާސްތައް އެއީ ބުނެދޭން ނޭންގޭ އިޙްސާސްތަކެއް…” ޒީނާ މީހަކު ދެކެ ވަމުންދާ ލޯބީގައި އަނދާ ހުލިވަމުންދާކަން އޭނަގެ ވާހަކަތަކުން ކިތައްމެހާވެސް ރަނގަޅަކަށްވެސް އެނގުނެވެ. އިޒުވާނު ދެކެ ލޯބިވުން އެއީ ޒީނާ ގަސްތުގައި ކުރި ކަމެއް ނޫނެވެ. ލޯތްބަކީ އެފަދަ ބާރަކަށް އަމިއްލަ ނަފްސް ބާރު ފޯރުވެވޭ ވަރަށްވުރެ ބާރުގަދަ މީހާ ހަލާކުކޮށްލާ ޖަޒުބާތެކެވެ.

 

***

 

ސާރާ ދިއުމުން އިޒުވާނުވެސްބުރިޖުން ނައްޓާލީ ހުޅުމާލެއަށްދިއުމަށެވެ. ސާރާ ކަންތައްކުރިގޮތުން އެކަމާ އިޒުވާނަށް ވިސްނެން ފެށިއެވެ. ސާރާ ކިބައިން އިޒުވާނު ހިތްއެދޭ އެތައް ސިފައެއް ހުރިކަން އޭނައަށްވެސް ވިސްނެންފެށީ ސާރާފެނުނު ފޮޓޯއިންނެވެ. ނަމަވެސް އެއީ ލޯބި، ނޫނީ ހިތްއެދޭ ސިފަތަކެއް ހުރުމުގެ ސަބަބުން ވަމުންދިޔަ ގޮތްތަކެއްބާއޭ އިޒުވާނުގެ ހިތަށް އަރަމުން ދިޔައެވެ. ބުރިޖުމަތީގައި ދުއްވަމުންދިޔައިރުވެސް ކުރެވެމުންދިޔައީ ސާރާގެ ޙިޔާލުތަކެވެ. އިންސާނުންނަކީ ހާދައަވަހަކަށް އިޙްސާސްތަކާއި އެދުންތައް ބަދަލުވާބައެކެވެ.

 

***

 

އީމާވެސް ޑިއުޓީ ނިންމާލުމަށްފަހު ބަހުން ފައިބައިގެން ގެއަށް ދިއުމަށް ފޮށިހިފައިގެން ހިނގައިގަތެވެ. އެ ދުވަހަކީ ޑިއުޓީގައި ތަންކޮޅެއް ގިނަވަގުތު އުދުހެން ޖެހުނު ދުވަހެއްކަމުން އީމާގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. އެކަން އޭނަގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ.

 

ބުރިޖުގައި އިޒުވާނު ސައިކަލް ދުއްވާލީ ސާރާގެ ހިޔާލުތަކުގައި އިންދެގެންނެވެ. ޙިޔާލެއް ފިކުރެއްނެތި ސައިކަލު ދުއްވަމުން ދިޔައީ ވަކި މިސްރާބެއް މަންޒިލެއް ނެތިއެވެ. އިޒުވާނު ސައިކަލު ދުއްވަމުން ދިޔައިރު ދުވެލި ވެސް ބާރުކޮށްލަމުން ދިޔައެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިކަމެވެ. ކުއްލިއަކަށް އިޒުވާނު ސިހުނީ އަންހެން ކުއްޖަކު މަގު ހުރަސްކުރުމުންނެވެ. އޭނަ މަގުވެސް ހުރަސްކޮށްލީ ކަފިހި ރޮނގުމަތިންނެވެ. ސައިކަލް މަތަ ކުރެވޭތޯ ބުރެކި ހިފާލަން މަސައްކަތް ކުރި ނަމަވެސް އެކަން އިޒުވާނަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. އިޒުވާނު ދާހިއްލަންފެށިއެވެ. ހަދާނެގޮތް ހުސްވިއެވެ. އިޒުވާނުގެ ނަސީބުވެސް ރަނގަޅުނުވީތާއެވެ. އިޒުވާނުގެ ސައިކަލުގައި ޖެހިފައި އެ އަންހެންކުއްޖާ ވިއްސައިގެންގޮސް މަގުގައި ހައްދާފައިހުރި ދުނގެތި ގަސްތަކުގެ ކައިރިއަށް ޖެހުނުގޮތަށް ބޯގޮސް ތާރުގަނޑުގައިޖެހި ވަގުތުން ލޭތަށް ފެތުރިގެން ދިޔައެވެ.

 

މަންޒަރު ދުށް ބައެއްމީހުންއެ ދިމާއަށް ދުއްވައިގަތެވެ. އަނެއްބަޔަކު އެ އަޑަށް އެދިމާއަށް ސިހިފައި ބަލަމުން ދިޔައެވެ. ބިއްމައްޗަށް ޖެހުނުގޮތަށް އަންހެންކުއްޖާގެ ހެޔަށް ގޮތްވެ މަރަށް ތެޅެމުން ދިޔައެވެ. އޭނަގެ އަތުގައި އޮތް ފޮށިވެސް ވިއްސައިގެން ގޮސް ތަންކޮޅެއް ދުރުގައި އޮތެވެ. އެ ކުއްޖާގެ މޫނާއި ނޭފަތުން ލޭތަށް އޮހެމުން ދިޔައެވެ. މުޅިތަން ލެއިން ތަތްވެގެން ދިޔައެވެ. އެކްސިޑެންޓްވި ތަނަށް ޖަމާވި މީހުންނަށް އެކްސިޑެންޓްގެ ހުރި ބިރުވެރިކަން އިޙްސާސްކުރެވެންފެށީ އެ އަންހެންކުއްޖާއޮތް ހާލުފެނިގެންނެވެ.

 

އަނެއްބަޔަކު މަންޒަރު ފެނުނުވަގުތުވެސް މޫނުގައި އަތްއަޅައިގެން ބަލަން ނުކެރިފައި ތިއްބެވެ. މުޅި ސަރަޙައްދަށް ބިރުވެރިކަމެއް ގެނުވައިފިއެވެ. މަންޒަރު ބަލަން ނުކުޅެދޭހާލުގައި ތިބި މީހުން ދުރަށްދާން ފެށިއެވެ. އެބައިމީހުންނަށް މަންޒަރު ބަލާކަށް ކުޅަދާނައެއް ނުވިއެވެ. ބައެއް އަންހެނުންނަކީ ލޭފެނުމުން ހެޔަށްގޮތްވެ އިންތިހާއަށް ހިތަށް އަސަރުކުރުވާ ބަލިކަށިބައެކެވެ. އެ އެކްސިޑެންޓަކީ ބިރުން ހަލާކުވާވަރުގެ ނުރައްކާތެރި އެކްސިޑެންޓެކެވެ.

 

އިޒުވާނު ޖެހުނުގޮތަށް ނުތެދުވެވިފައި އޮތެވެ. އޭނަވެސް ސައިކަލު ކަހާލައިގެން ދިއުމުގެ ސަބަބުން ފުދޭވަރެއްގެ އަނިޔާތަކެއް ވެފައި ހުއްޓެވެ. ސައިކަލު ޖެހުނު ގޮތުން އޭނަގެ ވާތުފައި ސައިކަލުދަށަށް ތާށިވެ ގުޑާނުލެވިފައި އޮތެވެ. ފަޔާއި އަތުގެ އެތަށް ތަނަކުން މެށި ލޭތަށް ފައިބަމުން ދިޔައެވެ. އެއްބަޔަކު އިޒުވާނަށް އެހީތެރިވަމުން ދިޔައެވެ. އިރުކޮޅެއްނުވެ އެންބިއުލާސް އައިސް މަޑުކޮށްލަމުން އެކްސިޑެންޓްވި އަންހެންކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމަށް އަތްމަތިއަވަސްކޮށް ހަރަކާތްތެރިވަމުން ދިޔައެވެ. އޭރުވެސް އަންހެންކުއްޖާގެ ނޭވާލުންވަނީ ހުއްޓިފައެވެ.

 

އީމާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމަށް އެންބިއުލާންސް ދުއްވާލިތަނާ ޕޮލިހުންގެ ވެހިކަލް އައިސް އެތަނަށް މަޑުކޮށްލިއެވެ. އަނެއްބަޔަކު އިޒުވާނު ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމަށް ހަރަކާތްތެރިވަމުން ދިޔައެވެ. އޭނަ ލައިގެން ހުރި ޖީންސުގެ އެކި ދިމަދިމާލުން ވަނީ ހަލާކުވެ ލެއިން ތައްވެފައެވެ. ހަށިގަނޑުގެ ބައެއް ތަންތަނުން މެށި ލޭތަށް އަންނަމުން ދިޔައެވެ.

 

***

 

ސައިބޮއިގެން ހައުލާއާއި ޒުހުރީ ސިނގިރޭޓެއް ބޯލުމަށް ބެލްކަންޏަށް ނުކުތެވެ. ޒީނާ މޭޒުމަތި ސާފުކުރުމަށްފަހު ފުރިޖުން ފެންފުޅިއެން ނެގީ ފެންބޯންވެގެންނެވެ. މަތި ނަގައިގެން ފެންބޯން ތައްޔާރުވެލީ އޭނަގެ ފޯނު ރިންގްވާން ފެށިއެވެ. އާދައިގެ ލަސް ހިނގުމެއްގައި ގޮސް ސޯފާކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް ފޯނު ނެގިއެވެ. ނުދަންނަ ނަމްބަރެއް ފޯނުގެ ސްކްރީނުން ފެނުމުން ފޯނަށް ޖަވާބު ދޭން ބޭނުންނުވާތީ ވިސްނާލަން ހުރެވުނެވެ. ގުޅަނީވެސް ލޭންޑްލައިން ނަމްބަރަކުންނެވެ. ފޯނުގެ ރިންގް ކެނޑުނީ ޒީނާ ފޯނަށް ބަލަން ހުއްޓައެވެ. އަނެއްކާވެސް އެ ނަމްބަރުން ގުޅަން ފެށިއެވެ. މިފަހަރު ޒީނާ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.

 

“ޒީނާ ތޯ” މީ މޯލްޑިސް ޕޮލިސް ސާރވިސް” ޒީނާގެ މޭގަނޑު ތެޅިގަތެވެ. ވާން މިއުޅެނީ ކީކޭ ބާއޭވެސް ހިތަން އެރިއެވެ. އޭނައަކީ ދުވަހަކުވެސް ކުށެއް ކުރި މީހެއް ނޫނެވެ. ކުށެއް ނުކުރާހާ ހިނދަކު ފުލުސް އޮފީހުން ގުޅަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެތާއެވެ.

 

“އާދެ ޒީނާ ވާހަކަ ދައްކަނީ. ކިހިނެއްތޯ ވީ..؟”ތުރު ތުރުއަޅާ އަޑަކުން ޒީނާ ޖަވާބު ދިނެވެ.

 

“މިގުޅާލީ ދާދި ދެންމެ އަކު ހިނގި އެކްސިޑެންޓެއްގައި އީމާ ކިޔާ ކުއްޖަކު ނިޔާވުމާއި ގުޅިގެން” ފުލުސްމީހާ ބުނި އެއްޗަކުން ޒީނާގެ ކަންފަތް ބެދުނު ކަހަލައެވެ. ނޭވާވެސް ހުއްޓުނު ކަހަލައެވެ. ޒީނާ ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ފޯނުވެސް އަތުން ދޫވެގެން ބިންމައްޗަށް ވެއްޓި ފޯނު ވިއްސައިގެން ދިޔައެވެ.

 

ޒީނާ ހުރީ ގަބުކައިފައެވެ. ދެލޮލުގައި ޖަމާވެފައިވާ ކަރުނަތަށް ވަނީ ކަސްތޮޅު އެޅުވިފައެވެ. ހައުލާއަށް ޒިނާ ފެނިފައި ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އެނގުނެވެ. ތިން ހަތަރު ފަހަރަށް ޒީނާއަށް ގޮވާލުމުން ޒީނާ ބުދެހެން ގަނޑުވެފައި ހުއްޓެވެ. ހައުލާ އައިސް އޭނަގެ ދެ އަތުން ޒީނާގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ވާނުވާ ނޭންގިފައި ޒުހުރީއަށްވެސް ހުރެވުނެވެ. ޒީނާއަށް ބަލައިލެވުނީ ދޮރާއި ދިމާއަށެވެ. ބަލަން ނުހުރެ ޒީނާއަށް ދުއްވައިގަނެވުނެވެ. އޭނަގެ ފަހަތުން ހައުލާވެސް ނުކުތެވެ. ޒުހުރީވެސް އެދެމީހުންގެ ފަސްފަހަތުން ފަހަތުން ނުކުތެވެ.

 

ޒީނާ ބޭރަށް ނުކުތްގޮތަށް ދެކޮޅު ހޯދާ ބަލަން ފެށިއެވެ. ހައުލާއަށް އާދެވުނު އިރު ޒީނާއަށް ރޮވެނީއެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޒީނާގެ އަމަލުތަކުން ހާމަވެގެން ދިޔައެވެ. ހައުލާ އައިސް ޒީނާގެ އަތުގައި ހިފިއެވެ. ޒީނާ ރޯމަހެއް މަރަށް ތެޅޭހެން ތެޅެންފެށިއެވެ.

 

“ޒީ ކިހިނެއްވީތަ؟ ” ހައިރާންވެހުރެ ހައުލާ ކޮށްލީ ސުވާލެކެވެ. އިތުރަށް ޒީނާއަށް އަސަރުކުރުވައިފިއެވެ. އެކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭރުވެސް ޒީނާއަށް އުޅެވޭ ނޫޅެވޭ ގޮތެއް ނޭންގެއެވެ. ޒީނާ ބޭނުންވީ އަވަހަށް ހޮސްޕިޓަލަށް ދެވޭނެ ގޮތެއްވޭތޯއެވެ.

 

“އީމާ މަރެއް ނުވާނެ. އީމާ މަރެއް ނުވާނެ..”ތަކުރާރުކޮށް ޒީނާ ގޮވަމުން ދިޔައެވެ. ހައުލާއަށް ވެސް ޒީނާ ދޭތެރޭ ހަމްދަރުދީވެވުނެވެ. ޒީނާ ގެނެސް ގަޔާއި ކައިރިކޮށްލަމުން ބައްދާލިއެވެ. އެހިނދު ބޮޑުކަންތައްގަނޑެއް ހިނގައިގެން އުޅޭކަން ހައުލާއަށް ވިސްނައިގަނެވުނެވެ.

 

” ހައު.. މަ ހޮސްޕިޓަލަށް ގެންގޮސްދީ. ހެޔޮނުވާނެ. އީމާ މަރުވެއްޖެ. އީ… މާ…. މަ މަ މަ އެކަނި ވެއްޖެ. އީމާ އަހަރެން ދޫކޮށްލާފައި ހިނގައްޖެ” ޒީނާއަށް ގިސްލެވުނެވެ. ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. އެންމެ ގާތް އެކުވެރިޔާ ވިއަސް ޒީނާ ދެކެނީ އެއީ އޭނަގެ އެއްބަނޑު ކޮއްކޮއެއް ގޮތުގައެވެ. އީމާ ވަކިވެގެން ދިއުން އެއީ ޒީނާއަށް ލިބުނު ވަރަށް ބޮޑު އެކަނިވެރި ކަމެކެވެ. ކޮންމެ މީހަކު ވެސް އެމީހަކު ލޯބިވާ މީހަކު ވަކިވެގެން ދިއުމުން ކުރާނެ ހިތާމަ ޒީނާގެ އަމަލުތަކުން ފެންނަމުން ދިޔައެވެ. ކިތައްމެ ހިތްވަރު ކުރަން އުޅުނަސް ޒީނާގެ ހިތަށް ކުރާ އަސަރު ޒީނާނޫން އެއްވެސް އެހެން މީހަކަށް ތަސައްވަރުވެސް ކޮށްނުލެވޭނެވެ.

 

“ޒުޒު އަވަހަށް ޒީނާ ގޮވައިގެން ހޮސްޕިޓަލަށްދޭ. މަ ދާނަން ޓެކްސީއެއްގަ..” ހައުލާ ބޭނުންވީ ޒީނާއަށް އަވަހަށް ހޮސްޕިޓަލަށް ދެވޭނެގޮތެއް ހަމަޖެއްސުމެވެ. ޒުހުރީ އަވަސް އަވަހަސް ގޮސް ސައިކަލަށް އެރިއެވެ. ސައިކަލަށް އެރުމަށްފަހު ތަޅިދަނޑި ޖެހުމަށްފަހު ސްޓާޓްކޮށްލިއެވެ. ހައުލާގެ އެހީތެރިކަމުގައި ޒީނާގޮސް ސައިކަލަށް އެރިއެވެ. ޒީނާގެ ހިތް އަވަސް ވަމުން ދިޔައެވެ. އޭނަ ބޭނުންވީ އީމާގެ މޫނު ދެކޭށެވެ. ޒީނާ ސައިކަލަށް އެރުމާއެކު ޒުހުރީ ސައިކަލު ދުއްވާލިއެވެ. ހައުލާ ވެސް ހޮސްޕިޓަލަށް ދިއުމަށް ޓެކްސީއަށް ގުޅައިގެން އެތަނުގައި މަޑުކޮށްލިއެވެ.

 

ސައިކަލު ހޮސްޕިޓަލްގެ ދޮރުމައްޗަށް މަޑުކޮށްލުމާއެކު ސައިކަލުން ފައިބައިގެން ޒީނާ އެތެރެއަށް ދުއްވައިގަތެވެ. ޒީނާ ތެޅިތެޅި އޮތް ހިތަކާއެކު ހޮސްޕިޓަލަށް ވަނެވެ. އޭރުވެސް ފުލުހުން ހޮސްޕިޓަލް ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. މުޅި ހޮސްޕިޓަލުތެރެއަށް ވެސް ހީވަނީ އާދިރުމެއް އައިސްގެން އުޅޭހެންނެވެ. މީހުންތައް އެކި ހިސާބުގައި ވާނުވާ ނޭންގިފައި ތިއްބެވެ.

 

އެމަޖެންސީ ރޫމް ކުރިމައްޗަށް ދެވުމާއެކު ޒީނާ ހުއްޓުނެވެ. ވަންނަވީބާއޭ ހުންނަވީބާއޭ ހިތަން އަރާ ހާލުގައެވެ. އޭނަގެ ދެފައި ކަސްތޮޅު އެޅުނު ކަހަލައެވެ. ޒީނާ ފަސްފަހަތަށް ޖެހިލެވުނެވެ. އީމާ އެހާލުގައި އޮންނަތަން ދެކޭކަށް ޒީނާ ބޭނުން ނުވަނީއެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައްވެސް ލޮލުގައި ހައްޔަރުކުރެވުނު ކަހަލައެވެ. ނޭވާ ކުރުވެ މުޅި މިހާ ދާހިއްލަންފެށިއެވެ. އެމަޖެންސީ ރޫމުގެ ދޮރުގައި އަތްއަޅާފައި ދޮރު ހުޅުވާލީ ވަންނަން ބޭނުންވެގެން ނޫނެވެ. ކޮންމެ ގޮތެއްވިއަސް މިއަދު އީމާގެ ހުރި މީހަކީ ހަމައެކަނި އޭނައެވެ.

 

ޒީނާ އަށް ދޮރުހުޅުވާލުމާއެކު އަނެއްކާވެސް ކުރިޔަށް އަޅަން އުޅުނު ފިޔަވަޅު އަޅާލެވުނީ ފަހަތަށެވެ. އެތަނުގައި ހުރި އެނދެއްގައި ލެޔާއި ތައްތެޅިފައި އޮތީ އޭނަގެ ހިތުގެ ރަސްގެފާނު އިޒުވާނެވެ. އޭނަ އޮތް ހާލުފެނިފައި އިތުރަށް ޒީނާގެ ހިތް ފުނޑުފުނޑުވެގެން ދިޔައެވެ. އޭނައަށް ފަރުވާދިނުމުގައި ނަރުހުންނާއި ޑަކްޓަރުން ހޭލަމޭލަވެ އަތްމަތި އަވަސްކޮށްލައިގެން އުޅެމުން ދިޔައެވެ.

 

އިޒުވާނު އޮތްހާލުފެނިފައި ޒީނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އިތުރަށް ނެވާ ހާސްވާންފެށިއެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައްއޮހިގަތީ އެއްވެސް ގަސްތަކާނުލައެވެ. އޭނަގެ ފުރާނައަށްވުރެ އިޒުވާނު ދެކެ ލޯބިވެއެވެ. އެކަން އިޒުވާނަށް ނޭންގުނަސް އެހާލުގައި އޮތްތަން ފެނުމުން ޒީނާއަށް ހީވީ ހަތަރު އުދަރެސްވެސް ފެނުޖެހުނު ހެންނެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އީމާގެ މަތިން ހަނދާންނެތުނެވެ.

 

“އިޒުވާން..” ޒީނާއަށް ގިސްލާފައި ރޮއިގަނެވުނެވެ. ޒީނާ އަދިވެސް ހުރިތަނުގައި ހުރެވުނީއެވެ. އޭނައަށް ވަމުންދިޔަ ގޮތް ފެނިފައި ކޮންމެ މީހަކުވެސް ޒީނާ އިޒުވާނުދެކެ ވާ ހަޤީގީ ލޯބި ތަސައްވަރު ކުރެވޭނެއެވެ. އިޒުވާނު އޮތް އެނދާއި ދިމާއަށް ޒީނާ ހިނގައިގަތެވެ. ކުއްލިއަކަށް ނަރުސް ކުއްޖަކު ޖެހިގެން އޮތް އެނދުގެ ވަށައިގެން ދަމާފައި ހުރި ފޮތިގަނޑު ކަހާލީ ޒީނާ އައިސް އިޒުވާނު އޮތް އެނދާއި އަރާހަމަވިތަނާއެވެ.

 

ޒީނާ ދެލޯބޮޑުވެގެން ދިޔައެވެ. އޭނަގެ ކުރިމަތީ އެނދުމަތީގައި ލެޔާއި ތަތްތެލިފައި އޮތް އޭނަގެ އެންމެލޯބިވާ އެކުވެރިޔާ އީމާގެ ހަށިގަނޑުފެނިފައި ޒީނާގެ ހެއަށް ގޮތްވާންފެށިއެވެ. ޒީނާ އަރިޔަކަށް އަޅާލިއެވެ. އޭރު އެތަނުގައި ހުރި ނަރުސްކުއްޖަކު އެ މަންޒަރު ފެނިގެން ދުވެފައި ގޮސް ޒީނާ ހިފަހައްޓާލެވުނީ ކިރިޔާއެވެ. ފުލުހުން ވެސް އޭރު އެތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެސިޑެންޓްގެ ހުރި ސީރިއަސްކަން އެތަނުންވެސް ދިޔައީ ފެންނަމުންނެވެ. ނަރުސްކުއްޖާ ޒީނާ އަށް އެހީތެރިވާން އުޅުނު މަންޒަރު އިޒުވާނުގެ ލޮލުގައި އަޅައިގަތެވެ. އިޒުވާނަށްވެސް ވެގެން އުޅޭގޮތެއް ނޭންގުނެވެ. ތެދުވެގެން ގޮސް ޒީނާއަށް އެހީވާން ހިތްއެދި ގޮވަމުން ދިޔައެވެ. ނަމަވެސް މިއަދު އޭނަގެ އަތްފައި ޣުޑުވާވެސް ނުލެވޭހާލުގައި އެހީވާނީވެސް ކިހިނަކުން ހެއްޔެވެ.

 

ނަރުސް ކުދިންގެ އެހީތެރިކަމާއެކު ޒީނާވެސް އެތަނުގެ އެނދެއްގައި ބޭއްވިއެވެ. އަވަސްފަރުވާދޭ ކޮޓަރިއަށް ވަންނަ ޒުހުރީއާއި ހައުލާ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެމީހުންނަށް ޖެހުނީ ބޭރުގައި މަޑުކުރާށެވެ. ޒީނާގެ ހިތަށް ކެތްނުވީއެވެ. ޒީނާއަށް ފަރުވާދިނުމުގައި ނަރުހަކު ހަރަކާތްތެރިވަމުން ދިޔައިރު އިޒުވާނަށް ފަރުވާދިނުމުގައި ޑަކުޓަރުންވެސް އަވަދިނެތި އުޅެމުންދިޔައެވެ.

 

އީމާ ބެލުމަށްފަހު އޭނަ މަރުވެފައިވާކަން ޑަކުޓަރު ކަށަވަރުކޮށްދިނެވެ. ޑަކުޓަރު ދެއްކިވާހަކަ އެނދުގައި އޮތް އިޒުވާނުގެ ކަންފަތުގައި ޖެހުމާއެކު އޭނައަށް ހީވީ އޭނަ ގަޔަށް މީހަކު ވަޅި ހަރާލިހެންނެވެ. އޭނަގެ ސަބަބުން ކުށެއްނެތް އިންސާނެއްގެ ފުރާނަ މިދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. އިޒުވާނަށް އަމިއްލަ ނަފުސަށްވެސް ނަފުރަތު ކުރެވެން ފެށިއެވެ. އޭނަގެ ކުށް އަމިއްލައަށްވެސް ޤަބޫލު ކުރެވުނެވެ. މަގުމަތީގައި ޤަވައިދާ ޙިލާފަށް ދުއްވީވެސް އޭނައެވެ. މަގުތަކަކީ ހަމަ އެކަނި ދުއްވާ މީހުންގެ ތަނެއް ނޫނެވެ. ޤަވައިދަށް އުޅޭމީހުންގެ ފުރާނަ އެފަދަ ގޮތަކަށް ނިމިގެންދަނީ ދުއްވާ މީހުންގެ ވެސް ފަރުވާކުޑަކަމުންނެވެ. މިއަދު އީމާގެ ފުރާނަނެތް މަސްގަނޑު އެތަނުގައި އޮތީ އީމާގެ ކުށަކުންނޫނެވެ. ނަމަވެސް އީމާ އެވަނީ ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އިޒުވާނަށް އޭނަގެ ކުށް ޤަބޫލުކުރެވުނެވެ. އެކަމާ އިޒުވާނު ދެރަވެ އަމިއްލަ ނަފުސުދެކެ އިންތިހާއަށް ރުޅި އާދެވުނެވެ.

 

ޒީނާއަށް ހޭވެރިކަމެއް ވެގެން ކޮޅުކޮޅަށް ނަޒަރު ހިންގާލެވުނެވެ. އޭރު އެތަނުގައި އޮތް އީމާގެ ހަށިގަނޑު ފެންނަން ނެތުމުން ޒީނާގެ ހިތް ކުދިކުދިވެގެން ފޭބި ކަހަލައެވެ. ޖެހިގެން އޮތް އެނދުގައި އޮތް އިޒުވާނު ފެނިގެން ޒީނާ ތެދުވެގެން އެދިމާއަށް ހިނގައިގަތެވެ. އިޒުވާނު އެއީ އޭނަގެ ހިތްއެދޭ ބައިވެރިޔާއެވެ. އިޒުވާނު ފެންނަ ކޮންމެ ފަހަރަކު ހިތް އަވަސްވެ ގައިގައި ބާރުވެސް ދޫވާ ކަހަލައެވެ. އިޒުވާނު ދެކެ ލޯބި ވިއަސް އެއީ ދުވަހަކުވެސް ޒީނާގެ ދުލުން ބަޔާންކުރާނެ ކަމެއް ނޫނެވެ.

 

“ޒީ އަހަންނަށް މަޢާފު ކުރޭ.. އެއީ މަގޭ ކުށް. ވަރަށް ދެރަކޮށް ކަންތައް މިވީ. ގަސްތުގައެއް ނޫން. މައާފުކޮށްދީ..” ޒީނާ އައިސް ހުއްޓުނު ވަގުތު އިޒުވާން މަޢާފަށް އެދި ވާހަކަ ދައްކަންފެށިއެވެ. ޒީނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އިތުރަށް ދައްކާނެ އެއްވެސް ވާހަކަ އެއްނެތްފަދައެވެ. ޒިނާ ރޮމުން ރޮމުން އެތަނުން ނުކުތެވެ. އީމާ މިދުނިޔެއާއި ވަކިވެގެން ދިޔައީ އިޒުވާނުގެ ސަބަބުންނެވެ. އެކަމަށް ޒީނާ އިޒުވާނަށް މަޢާފުކުރާނެ ހެއްޔެވެ؟ ޒީނާ އެންމެ ލޯބިވާ މީހުންގެ ލިސްޓުގެ ކުރިއަށް އިޒުވާނުގެ ނަން އަންނާނެއެވެ.

***

 

އީމާ ނިޔާވިފަހުން ދެދުވަސް ފާއިތުވެގެން ދިޔައީއެވެ. ސަމާވެސް ޗުއްޓީގައި ރަށުން ބޭރުގައި ހުރުމުން ޒީނާއަށް ލިބުނީ އިތުރު އެކަނިވެރިކަމާއި ހިތްދަތި ކަމެކެވެ. އީމާގެ މަތިން ހަނދާން ނައްތާލަން ކިތައްމެ މަސައްކަތެއް ކުރިޔަސް އީމާގެ ހިޔާލުތަކާއި ދުރައްދާނީ ކިހިނަކުން ހެއްޔެވެ؟ މުޅި އުމުރުގައި އުޅުނު އެކުވެރިޔާ ވަކިވެގެން ދިޔައީއެވެ. އެ ހަނދާނުގައި ޒީނާ ގެ ދުވަސްތައް ނިމިގެން ދިޔަކަމުގައި ވިޔަސް ހިތަށް ހަމަ ޖެހުމެއް ނުލިބެއެވެ. އީމާ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ޒީނާއަށް ރޮވި ގިސްލެވޭ ފަހަރު މަދެއް ނޫނެވެ. ޒީނާގެ ދިރިއުޅުމަށް އިންތިހާއަށް ބޮޑު ބަދަލު ތަކެއް އަތުވެއްޖެއެވެ. އީމާ ވަކިވެގެން ދިއުމަކީ ޒީނާއަށް ލިބުނު ވަރަށް ބޮޑު އެކަނިވެރިކަމެކެވެ. އީމާއެއްކޮށް އުޅުނު ދުވަސްތައް މަތިން ހަނދާންކޮށް އަބަދުވެސް ހިތާމަ ކުރާނެއެވެ.

 

އީމާ ނިޔާވިފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައީއެވެ. ސަމާވެސް ޗުއްޓީ ނިންމާލުމަށްފަހު ރާއްޖެ އައީ ހުރިހާކަމެއް ވެ ނިމުނުފަހުންނެވެ. ސަމާއާއި އަޒުލީމް ގެއަށް އައިސްވަނީ ޒިނާ ސޯފާގައި އޮށޯވެލައިގެން އޮއްވައެވެ. ސަމާ ފެނުމުން ޒީނާ ސޯފާއިން ތެދުވިއެވެ. ސަމާއަށް ޒިނާފެނުމުން ޒީނާއަށް ވެފައި ހުރިގޮތް ފެނިފައި ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ދެލޯ ކައިރިން ވަނީ ކަޅުވެ ވަޅުޖެހިފައެވެ. ހީވަނީ އެތައް ދުވަހެއް ވަންދެން ބޮޑު ބައްޔެއްގައި އުޅެފައިވާ ވާހެންނެވެ. ހަށިގަނޑަށް ބަލާލުމުން ހިކިކަމަށްވެސް ފާހަގަ ކުރެވުނެވެ. ޒީނާ އަކީ ހިކިކޮށް ހުރި ކުއްޖެއް ނަމަވެސް މިހާރު އޭނަ ހުރިގޮތުން ހަށިގަނޑަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރެވުނެވެ. އެކަމާއި ސަމާވެސް ހައިރާންވިއެވެ.

 

އަޒުލީމް ފޮށިހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ސަމާގޮސް ސޯފާގައި އިށީނެވެ. އަޒުލީމްވެސް އެދެމީހުންނަށް ވަގުތު ދިނުމަށްފަހު ކޮޓަރީގައި މަޑުކޮށްލިއެވެ. ޒީނާއަށް އައިސްފައިވާ ބޮޑު ބަދަލެއްގެ ސަބަބުން އޭނަގެ ހިތުގައި އުފެދިފައިވާ ސުވާލުތައް އެއްފަހަރާ ބަންޑުންކޮށްލިއެވެ.

 

“ޒީ ކިހިނެއްވީ؟ ބަލީތަ؟ ކިހިނެއްވެފަ ތިހުރީ؟ ކަމަކާ ދެރަވެފަތަ؟ ވާހަކަ ދައްކަބަލަ؟ އަހަރެން ވަރަށް ބިރުގަނޭ ޒީ ތިހެން އިނީމަ. ޒީ ޕްލީޒް. ވާހަކަ ދައްކަބަލަ. ހެޔޮނުވާނެ.. ކޮބާ އީމާ؟” ސަމާގެ އެންމެފަހުން ކުރި ސުވާލު ވެގެން ދިޔައީ ޒީނާގެ މަޑުމޮޅިކަން ބޭއިޙްތިޔާރުގައި ފަޅައިގެން ދިޔަ ސުވާލަކަށެވެ. ޒީނާއަށް ގިސްލެވެން ފެށުނެވެ. ހިތަށް ކޮށްފައިވާ ފުން އަސަރު އޭނަގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައްވެސް ހެކި ދޭނެއެވެ. އިތުރަށް ސަމާ ހާސްވާގޮތްވިއެވެ.

 

“އީމާ މަރުވެއްޖެ!!

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.