ތަރިކަ އާއި ސަގާފަތާއި ފަންނުވެރިކަމުގެ ދާއިރާއިން އިންޑިޔާގެ ވަފްދެއް މިމަހުގެ 07 ވަނަ ދުވަހު ރާއްޖެ ވަޑައިގެެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްބޭފުޅުންނާއި ދާއިރާގެ މުއްސަސާތަކަށް ޒިޔާރަތްކުރައްވާ އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމަކީ ކޮބައިތޯ ބެއްލެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

 

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމާ މުޙައްމަދު ޞާލިއް މިދިޔަ ޑިސެމްބަރު މަހު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސަގާފީ ގުޅުން ބަދަހި ކުރުމުގެ ގޮތުން “މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކަލްޗަރަލް ކޯޕަރޭޝަންގައި ވަނީ ސޮއިކުރައްވާފައި ވާކަމަށެވެ. ސޮއިކުރެވުނު ފަހުމުނާމާއާ ގުޅިގެން މި ދާއިރާތަކުގެ ފަންނީ މާހިރުން ހިމެނޭ އިންޑިޔާގެ މަތީފެންވަރުގެ ވަފުދެއް ރާއްޖެވަޑައިގެން އެ ވަފުދުގެ ބޭފުޅުން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު ދާއިރާގެ މުއްސަސާތަކަށް ޒިޔާރަތްކުރައްވާ އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމަކީ ކޮބާތޯ ބެއްލެވުމުގެ މަސައްކަތް މިހާރު ފައްޓާފައި ވާކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

 

އިންޑިޔާގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިންޑިއާގެ ގައުމީ ދާރުލްއާސާރުގެ ޑިރެކްޓަރ ޖެނެރަލް، ބީ.އާރު، މަނީ، ނޭޝަނަލް މެނުސްކްރިޕްޓް މިޝަންގެ ޑިރެކްޓަރ ޕްރަޓަޕަނަންޑް ޖާ އަދި އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާގެ ޖޮއިންޓް ޑިރެކްޓަރ ޖެނެރަލް ޖަންވިޖް ޝަރްމާއެވެ. 

 

އިންޑިޔާއިން ޒިޔާރަތްކުރެއްވި ޚާއްޞަ ވަފުދުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މަހާސިރީ އަކިލެޝް މިޝްރާއާ މިނިސްޓަރު ޔުމްނާ މައުމޫން އާއި މިނިސްޓްރީގެ އިސްވެރިންވަނީ ބައްދަލުކުރައްވާ ދާއިރާގެ ކަންކަމާ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މި މިނިސްޓްރީ އަދި މި މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓުތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގައި ރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މިގޮތުން، ތަރިކައާއި ސަގާފަތާއި ފަންނުވެރިކަމުގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތަކުގައި އިންޑިއާގެ ފަންނީ ބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

 

މި ކަންތައްތަކާ ގުޅޭގޮތުން އިތުރަށް މަޝްވަރާކޮށް ކުރިއަށްދާނެ ގޮތްތައް ރޭވުމަށްޓަކައި މި ވަފުދުގެ ބޭފުޅުންނާއި މި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުގެ ފަންނީ ބޭފުޅުން ވަކިވަކިން ބައްދަލުވުންތައް ބާއްވަވަމުން ގެންދަވާ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.