އަންނަ އާދިއްތަ ދުވަހު ހުރިހާ ދަރިވަރުންނަށްވެސް ކިޔެވުމަށް ބޭނުންވާ ފޮތްތައް ލިބޭނެކަމަށާއި، ސްކޫލްތައް ހުޅުވުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. 70 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ރާއްޖޭގެ 212 ސްކޫލެއްގައި އަންނަ އާދީއްތަ ދުވަހު ފަށާނެއެވެ.

 

ދިރާސީ އައު އަހަރުގެ ފެށުމަށް ސްކޫލްތައް ތައްޔާރުކުރުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ޕްލޭންކޮށްފައިވާގޮތަށް ކުރިއަށްދާކަމަށެވެ. ސްކޫލް ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަންނަ އާދިއްތަ ދުވަހު ދަރިވަރުންނާ ހަވާލުކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

 

“ސްކޫލް ފޮތް ދޫކުރާނީ ސްކޫލް ހުޅުވާ ދުވަހު ކަން ސްކޫލްތަކަށް އަންގާފައިވަނީ އެންމެ ކުރިންވެސް. ބައެއް ސްކޫލްތަކުން އަވަހަށް ނިންމަން ފޮތް ކުރިން އެ ދޫކުރީ. ފޮތްތައް ލިބޭނެ ކުދިންނަށް އާދިއްތަ ދުވަހު. މިކަމާއި ބެލެނިވެރިން ކަންބޮޑުވާކަށް ނުޖެހޭނެ.” އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

 

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިހާތަނަށް އެކްޓިވިޓީ ޔުނިފޯމް ނުލިބޭ ކުދިން ކުރީގެ ޔުނީފޯމް ލެވޭނެގޮތް ހަމަޖައްސާފައިވާކަމަށާއި، އެކްޓިވިޓީ ޔުނިފޯމް ނެތް ކުދިން ޔުނިފޯމް ލިބެންދެން އެ ޔުނިފޯމް ބޭނުން ކުރުން މަޖުބޫރު ނޫންކަމަށެވެ.

 

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ޓީޗަރުން ބޭނުންވެގެން އެދިފައިވާ 153 ސްކޫލަކަށް ޓީޗަރުން ހަމަޖައްސައި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ބޭނުންވާ ޓީޗަރުންވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.

 

“އާދިއްތަ ދުވަހު 25 ސްކޫލެއްގައި ނާސްތާ ޕައިލެޓް ޕްރޮގްރާމް ފަށާނެ. މިހާރުވަނީ ވަނީ 22 ސްކޫލްގެ ކަންކަން ހަމަޖެހިފައި. އާދިއްތަ އަންނަންވާއިރައް އަނެއް 3 ސްކޫލްގެ ކަންކަން ހަމަޖެހޭނެ.” ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓާ ބެހޭގޮތުން މިިނިސްޓަރ ވިދާޅުވިއެވެ.

 

އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކުރުމަށް، އެއްކުރަންޖެހޭ ބައެއް މަޢުލޫމާތު އެއްކުރުމަށް އޮޑިޓެއްވެސް ކުރިއަށްދާކަމަށެވެ. އެގޮތުން އެއްދަންފަޅިއަށް ކިޔެވުން ފެށުމަށް އިތުރުކުރަންޖޭހޭ ކްލާސްރޫމްތަކާއި، ވަސީލަތްތަކާ ބެހޭ މަޢުލޫމާތު އެއްކުރަމުންދާކަަށް މިނިސްޓަރ ވިދާޅުވިއެވެ. 

 

ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.