މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖަނަވަރީ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ޕޮލިސް އެކެޑެމީއާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ގުޅިގެން ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ ސެލްފް ޑިފެންސް ޕްރޮގްރާމް ނިންމާލައިފިއެވެ.

 

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހުގެ 8ވަނަ ދުވަހު ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ގުރަހަ މާލަމުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްރާހީމް ޝަހީމް އާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުސްތާޤް މުޙައްމަދު އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ޑައިރެކްޓަރ ޢަބްދުލް ޙަންނާނު އަބްދުއްރަޙީމްއެވެ.

 

މިޕްރޮގްރާމްގައި، ލ. ގަން، ފޮނަދޫ އަދި ކައްދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ސެކިއުރިޓީ އޮފިސަރުން ހިމެނޭގޮތަށް 39 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ޕޮލިސް އެކެޑަމީގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

 

ކޮމިއުނިޓީއާއި މުއައްސަސާތަކާއި އޮންނަގުޅުން ހަރުދަނާ ކުރުމާއި ކުށްތަކުން ސަލާމަތްވުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

 

ލ. އަތޮޅުގައި ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމަށް މިފަދަ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ފުލުހުން ރާވާފައިވާކަމަށް ބުނެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.