ކެންސަރަކީ މިހާރަކަށް އައިސް އާއްމުވެފައިވާ ނުރައްކާތެރި ބައްޔެކެވެ. ބޮލީވުޑްގެ އެތައް ތަރިންނަކަށް ކެންސަރު ބައްޔާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ބޮލީވުޑުގެ ތަރިންގެ ތެރޭގައި ހިމެނޭ ސޮނާލީ ބެންޑްރޭ، ރިޝީ ކަޕޫރު، ރާކޭޝް ރޯޝަންއަކީ މި ވަގުތު ވެސް ކެންސަރުގެ ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ ތަރިންނެވެ.

 

ބައެއް ތަރިން ކެންސަރުބަލީގައި ނިޔާވެފައިވާއިރު، އަނެއްބައިތަރިން އެ ބައްޔާއި ހަނގުރާމަކޮށް، ބަލިން ރަނގަޅުވެފައި އެބަތިބިއެވެ. ‘ނައިންޓީން ފޯޓީ ޓޫ – އަ ލަވް ސްޓޯރީ’ން ފިލްމީ ދާއިރާއަށް ތަޢާރަފުވެގެން ދިޔަ ނޭޕާލްއަށް އުފަން ބޮލީވުޑުގެ މަޝްހޫރު ތަރި މަނީޝާ ކޮއިރަލާ އަކީ މިފަދަ މިސާލެކެވެ. 

 

ބިސްރަވައި (އޯވަރީ)ގެ ކެންސަރު ޖެހި މަނީޝާ ކޮއިރަލާ އަށް އެ ބަލީގައި ތަހައްމަލުކުރާން ޖެހުނު ކަންތައްތަކާއި އެބައްޔަށް ފަރުވާ ހޯދުމުގައި އޭނާކުރި ހިތްދަތި ތަޖުރިބާތައް ހިމެނޭ ފޮތް “ހީލްޑް – ‘ހައު ކެންސަރ ގޭވް މީ އަ ނިއު ލައިފް‘” ނެރުނީ މިމަހުގެ 08 ވަނަ ދުވަހު އެވެ. އެ ފޮތް ނެރެފައިވާއިރު އުމުރުން 47 އަހަރުގެ އެކްޓްރެސް މަނީޝާ ބުނީ “ހީލްޑް” ގައި ވަރަށް ގިނަ ވާހަކަތަކެއް ހިމަނާފައި ވާނެކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަނީޝާ ބުނީ ކެންސަރާ ހަނގުރާމަ ކުރި ދުވަސްވަރަކީ ވަރަށް ހިތްވަރު ކުރަން ޖެހުނު ދުވަސްވަރެއް ކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ތަޖްރިބާތަކެއް ވެސް ކުރެވިފައިވާކަމަށް އޭނާ ބުނެއެވެ. މަނީޝާ ބުނީ ކެންސަރު ބައްޔާއި ހަނގުރާމަކުރަން ޖެހުނު ފަހުން ކޮންމެ ކަމެއް ވެސް ވަރަށް ސީރިއަސްކޮށް ނެގޭ ކަމަށެވެ.

 

ޕެންގުއިން ހައުސް އިން ޗާޕްކޮށްފައިވާ މިފޮތް ބާޒާރަށް ނެރުނު ހަފްލާގައި ބޮލީވުޑުގެ ގިނަ ފަންނާނުން ވަނީ ބައިވެރިވެފައެވެ. މަނީޝާގެ މި ފޮތް ލިޔުމުގައި ކޯ-އޯތަރ އެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ޤައުމީ އިނާމު ހޯދާފައިވާ ނީލަމް ކުމާރު އެވެ.

 

ކެންސަރު ބަލިން ރަނގަޅުވިތާ ހަ އަރަށްވުރެން ގިނަދުވަސްވެފައިވާ މަނީޝާ އެބައްޔާއި ހަނގުރާމަކުރި ދުވަސްވަރުވެސް ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ސަންޖޫ އަދި ލަސްޓް ސްޓޯރީ ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު ނުކުތް ރާޖްކުމާރު ހިރާނީގެ ފިލްމު ‘ސަންޖޫ” ގައި އޭނާ އަދާކުރީ ސަންޖޭދަތު ގެ މަންމަގެ ބައެވެ. ނަމަވެސް މަނީޝާގެ ދެން އެންމެ އަވަހަށް ފެނިގެންދާނީ “ޕްރަސްތަނަމް” އިން ސަންޖޭ ދަތުގެ އަންހެނުންގެ ރޯލުންނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.