ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ދެބިދޭސީން މާލެއިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

 

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރި 21 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ޖަނަވަރީ  12 ވަނަ ދުވަހުގެ 08:53 ހާއިރު ރާއްޖެއައި ތަނުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށެވެ. މިމީހާގެ ލަގެޖް ކަސްޓަމުން ސްކޭންކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ޕެކެޓު ވަނީ ފެނިފައެވެ.

 

ފުލުހުން އިތުރަށް ބުނީ މިމައްސަލައިގައި 21 އަހަރުގެ އިތުރު ބިދޭސީއަަކު ޝާމިލްވާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި، މިމަހުގެ 12 ވަނަ ދުވަހުގެ 15:05 ހާއިރު، އެމީހާ ދިރިއުޅޭ ގޭގެ ވެރިފަރާތުގެ ހުއްދަ އާއި އެކު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްްހުރި 26 ރަބަރު ޕެކެޓު އެމީީހާ ދިރިއުޅޭ ގެއިން ފެނިފައިވާކަމަށެވެ.

 

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދެ މީހުންނަށްވެސް ދީފައިވެއެވެ.

 

މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

 

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން އަންނަކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.