އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު) އިން އިންތިޒާމްކޮށްގެން މިއަންނަ މާޗްމަހުގެ 1 ން 3 ށް ބޭއްވުމަށް ހަމަޖެހިފައިވާ އަށްވަނަ ދިއްލީ އިންޓަރނޭޝަނަލް ޖޭޒް ފެސްޓިވަލް (މަހާސަމާ) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

 

ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިި މަހާސަމާގައި ފަހެއް ނުވަތަ ހަ މެމްބަރުންގެ ޖޭޒް ގްރޫޕެއް ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާކަމަށެވެ. އެގޮތުން މިމަހާސަމާގައި ޖޭޒް ގްރޫޕުން ދޭ ޝޯވގެ އިތުރުން އިންޑިއާގެ އެކެއް ނުވަތަ ދެ ސިޓީއެއްގައި މި ގްރޫޕްގެ ހުށަހެޅުންތައް ދައްކާލެވިދާނެކަމަށާއި، އިންޑިއާގައި އަށް ދުވަހާއި ދިހަ ދުވަހާއި ދެމެދުގެ މުއްދަތަކަށް ތިބެން ޖެހިދާނެކަމަށް އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް އިން އަންގާފައިވާ ކަމަށެވެ.

 

ނިއުދިއްލީގައި ގެނެސްދޭ ހުށަހެޅުމުގެ ދިގުމިނަކީ 30–40 މިނެޓް ކަމަށާއި އެހެނިހެން ސިޓީތަކުގައި 60–75 މިނެޓްކަމަށް ވެސް އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް އިން އަންގާފައި ވާކަމަށް ބުންޏެވެ.

 

މިފެސްޓިވަލް އަށް ހޮވޭ ގްރޫޕްގެ ވިސާ، ކެއުމާއި ހުރުން، އެތެރޭގެ ދަތުރު ފަތުރު އަދި މިޕްރޮގްރާމަށް ހިނގާ އެހެނިހެން ޚަރަދުތައް ހަމަޖައްސައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، މެޑިކަލް އިންޝުއަރެންސް އަދި ހުށަހެޅުމުގެ ފީ ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

 

މި މަހާސަމާގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެންސީއޭ އަށް ޕްރޮފައިލް ހުށަހެޅުއްވުމަށް އެންސީއޭ އިން އެދެއެވެ.

 

މި މަހާސަމާ ގެ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންސީއޭގެ ފޯނު ނަންބަރު 3344667 އަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.