މެލަސްމާ އަކީ ޕިގްމެންޓޭޝަން ޑިސްއޯޑަރއެއްގެ ސަބަބުން ގައިގެ ހަންގަނޑުގެ ބައެއް ހިސާބުތަކުގައި އުފެދޭ ލައް (ޕެޗް) ތަކެކެވެ. އާއްމުގޮތެއްގައި މި ލައްތައް ޖަހަނީ މޫނުގައެވެ. ގައިގެ ހަންގަނޑަށްވުރެން ކުލަގަދަކޮށް މި ލައްތައް އުފެދެއެވެ. މިއީ އާބާދީއަށް ބަލާއިރު، 1.5 – 33 އިންސައްތަ މީހުންނަށް ކުރިމަތިވާ މައްސަލައެއްކަމަށް ދިރާސާތައް ދައްކައެވެ.

މެލަސްމާ އުފެދެން ފެށުމުން ގައިގެ ހަންގަނޑަށް ވުރެން ކުލަގަދަކޮށް (މަޑު މުށިކުލައިގެ) ލައްގަނޑެއް އުފެދި ބޮޑުވާން ފަށައެވެ. އާއްމުކޮށް މި ލައްގަނޑު އުފެދެނީ އިރުގެ އައްޔަށް ބޮޑަށް ހުށައެޅޭ މޫނުގެ ސަރަހައްދުތަކުގައެވެ. މެލަސްމާ ޖެހުމުގެ ފުރުޞަތު އަންހެނުންނަށް ބޮޑެވެ. އެގޮތުން ކޯތާފަތް، ނޭފަތުގެ މަތީ ކަށިގަނޑާދިމާ ހަންގަނޑު (ނޯސް ބްރިޖް) އަދި ނިތްކުރީގައި މިފަދަ ލައް އުފެދެއެވެ.

މޫނުމަތިން މެލާސްމާ ފެންނަ އެންމެ އާންމު ތަންތަނުގެ ތެރޭގައި ހިމެނެނީ:

  • ނޭފަތުގެ ބްރިޖް
  • ނިތްކުރި
  • ކޯތާފަތް
  • މަތީ ތުންފަތް
  • ދަތްދޮޅި

އަދި ހަށިގަނޑުގެ އެހެން ސަރަހައްދުތަކުގައި ވެސް މެލާސްމާ އުފެދިދާނެ އެވެ. އެގޮތުން ހާއްސަކޮށް އިރުގެ އަލިކަމަށް ބޮޑަށް ހުށައެޅޭ ތަންތަނުގައި ވެސް މެލާސްމާ ފެނިދާނެ އެވެ. މިގޮތުން ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި:

  • އަތުގެ މުލައްދަނޑިން ތިރި
  • ކަރު
  • ކޮނޑު

އެމެރިކަން އެކަޑަމީ އޮފް ޑަރމަޓޮލޮޖީން ބުނާ ގޮތުގައި މެލާސްމާގެ ހުރިހާ ކޭސްތަކުގެ ތެރެއިން މިކަން ދިމާވަނީ 10 އިންސައްތަ ފިރިހެނުންނަށެވެ. އަންހެނުންނާއި މާބަނޑު މީހުންނަށް މެލާސްމާ ޖެހުމުގެ ނުރައްކާ ބޮޑުވެ އެވެ. ވަކި ބޭސްތަކެއް ބޭނުންކުރުމަކީ ވެސް އޭގެ ސަބަބުން މެލަސްމާ ޖެހުމަށް މެދުވެރިވާ ސަބަބެކެވެ.

މެލާސްމާ އުފެދުމަށް މެދުވެރިވާ ސަބަބުތަކާއި ހިރާސްތައް

މެލާސްމާ ޖެހެނީ ކީއްވެގެން ކަމެއް ޑޮކްޓަރުންނަށް ފުރިހަމައަށް އެނގިފައެއް ނުވެއެވެ. މެލަސްމާ އުފެދެނީ ހަމުގައި ހުންނަ މެލަނޯސައިޓްސް (ކުލަ އުފައްދާ ސެލްތަކު)ގެ މަސައްކަތް ގޯސްވެ، ވަކި ތަންތަނުގައި މާ ގިނައިން ކުލަ އުފެއްދުމުގެ ސަބަބުން ކަމަށް ވެދާނެއެވެ.

ނަތީޖާއެއްގެ ގޮތުން ފަނޑު މުށިކުލައިގެ ދޮންކަން ހުންނަ މީހުންނަށާއި ހަމުގެ ކުލަ ކަޅު މީހުންނަށްވެސް މެލާސްމާ ޖެހުމުގެ ފުރުސަތު ބޮޑުވެދާނެ އެވެ. އޭގެ މައިގަނޑު ސަބަބަބީ ފަނޑު ހަންގަނޑެއް ހުންނަ މީހުންނަށް ވުރެން ކުރިން މި ބުނި ފަދަ މީހުންގެ ހަމުގައި މެލަނޯސައިޓްސް ގިނަވުމުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މެލަސްމާ އުފެދުމަށް މަގުފަހިކޮށްދޭ ކަންތައްތައް

💊 އިރުގެ އަތްވަށް ހުށައެޅުން – އިރުގެ އަވީގައި ހުންނަ ނުރައްކާތެރި ދޯދިތައް (އަލްޓްރާ ވައިލެޓް ރޭސް) އަކީ މެލަސްމާ އުފެދުމާއި މެލަސްމާ އިތުރަށް ގޯސްވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
💊 ހަމުގެ ކުލަ – އާއްމުގޮތެއްގައި މެލަސްމާ ޖެހެނީ ހަމުގެ ކުލަ މުށިކުލައަށް ހުންނަ މީހުންނަށާއި ކަޅު ދޮންކުލައިގެ މީހުންނަށެވެ. އެފަދަ މީހުންގެ ހަންގަނޑަށް އިރުގެ ނުރައްކާތެރި ދޯދިތައް ހުށައެޅުން އާއްމުވުމުން މެލަސްމާ އުފެދުމުގެ ފުރުޞަތު ބޮޑެވެ.
💊 އަންހެން ޖިންސު – މެލަސްމާ ޖެހޭ އަންހެނުންގެ މިންވަރު، ފިރިހެންނުނަށް ވުރެން 09 ގުނަ އިތުރު ކަމަށް ދިރާސާތަކުން ދައްކައެވެ.
💊 މާބަނޑުވުން – މާބަނޑު އަންހެނުނަށް މެލަސްމާ ޖެހުން އާއްމެވެ. މާބަނޑު އަންހެނުންގެ 15 އިންސައްތަ އާއި 50 އިންސައްތަ މީހުންނަށް މިކަމާ ކުރިމަތިވެއެވެ.
💊 ޖެނެޓިކްސް – މެލަސްމާ ޖެހޭ މީހުންގެެ 50 އިންސައްތަ ރިޕޯޓްކުރާގޮތުން އެމީހުންގެ ތިމާގެ މީހުންނަށް މެލަސްމާ ޖެހިފައިވެއެވެ.

މެލާސްމާ ޖެހުމަށް މެދުވެރިވެދާނެ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް:-

💊 ބަލިވެއިނުމާ ވިދިގެން ހޯމޯނަށް ބަދަލުއައުން
💊 ހޯމޯން ބޭސް ކެއުން ނުވަތަ ދޭތެރެދުރުކުރާ ބޭސް ކެއުން
💊 އިރުގެ އަތްވަށް ހުށައެޅޭ ވަގުތު ގިނަވުން
💊 ހަމަށް ބޭނުންކުރާ ބައެއް ކަހަލަ ޕްރޮޑަކްޓްސް ތަކުގެ ސަބަބުން
💊 ބައެއް ކަހަލަ ބޭސްތަކުން. އޭގެ ތެރޭގައި ވެއްޓޭ ބައްޔަށް (ޝީޒަރ އަށް) ދޭ ބޭސް، ލޭގެ ޕްރެޝަރަށް ދޭ ބައެއް ބޭސްތަކުންނާއި ބައެއް އެންޓިބަޔޮޓިކްސް ބޭނުންކުރުމުން

މެލަސްމާގެ އަލާމާތްތައް

މެލާސްމާގެ އަސާސީ އަލާމާތަކީ ހައިޕަރޕިގްމެންޓޭޝަން – ހަމުގެ ކުލަ ބަދަލުވެފައިވާ ތަންތަން އުފެދުން ނުވަތަ ހަމުގެ ކުލަ އެއްވަރު ނޫން ތަންތަން އުފެދުން. މި ޕެޗްތައް އާންމުކޮށް ފަށަލަ ފަށަލައަށް ހުންނައިރު، ގައިގެ ހަމުގެ ކުލައަށްވުރެ އަނދިރިކޮށް ނުވަތަ ކަޅުކުލައަކަށް ހުރެއެވެ. މެލާސްމާގެ ސަބަބުން ޖިސްމާނީ އެހެން އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް، އެހެން މީހުންނަށް މި ޕެޗްތައް ފެނުމަކީ އުނދަގޫވާ ކަމަކަށް ވެދާނެ އެވެ. މެލާސްމާގެ ސަބަބުން އުފެދޭ ޕެޗްތަކުގެ ސަބަބުން ޖިސްމާނީ ރިހުން ކުރިމައްޗެއް ނުވާނެ އެވެ. މިފަދަ ޕެޗްތައް އެންމެ ގިނައިން ފެންނާނީ މޫނުމަތިންނެވެ. އާންމުކޮށް ހުންނަ ތަންތަނުގެ ތެރޭގައި މަތީ ތުންފަތާއި، ނޭފަތުގެ ބްރިޖާއި، ކޯތާފަތާއި، ނިތްކުރި ހިމެނެއެވެ. އަތާއި ކަރުގައި މަދުން ނަމަވެސް މެލަސްމާ އުފެދެއެވެ.

ފާހަގަކޮށްލަން މުހިންމު ނުކުތާއަކީ މެލަސްމާ އަކީ ހަމުގެ ކެންސަރުގެ ވައްތަރެއް ނޫނެވެ. ބަލި ދެނެގަތުމާއި ފަރުވާ ހޯދުމަށް ހަމުގެ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.

މެލަސްމާ ދެނެގަތުން
ބޭރުފުށުން ބަލައިލައިގެން ވެސް މެލަސްމާ ޖެހިފައިވާކަން ހަމުގެ ޚާއްޞަ ޑޮކްޓަރުންނަށް ދެނެގަަނެވެއެވެ. ބައެއް ހާލަތްތަކުގައި މެލަސްމާ ޖެހިފައި ހުންނަ ތަނުން ކުޑަ ހަންކޮޅެއް ހަމުގެ ޚާއްޞަ ޑޮކްޓަރުން ނަގާފާނެއެވެ. އެއީ ހަމުގެ އެހެން ކަމެއް ހުރިތޯ ބެލުމަށްވެސް މުހިންމު ކަމަކަށްވާތީ އެވެ.

ފަރުވާ
ބަލިވެއިނުމުން ހޯމޯނަށް އަންނަ ބަދަލާއި ގުޅިގެން މެލަސްމާ އާ ކުރިމަތިވުމަކީ އެހާ ކަންބޮޑުވާކަށް ނުޖެހެއެވެ. އެހެނީ ވިހެއުމަށް ފަހު އަމިއްލަ ޒާތުގައި މެލަސްމާ ރަނގަޅުވެދެއެވެ. މެލަސްމާ އިން ދުރުހެލިވުމަށްޓަކައި އެސްޕީއެޕް ގެ މިންވަރު މަތި ސަންސްކްރީން ލޯޝަނެއް ބޭނުންކުރުމަށް ހަމުގެ ޚާއްޞަ ޑޮކްޓަރުން ލަފާދެއްވާނެ އެވެ.

މެލަސްމާ ޖެހުމަށްފަހު، އެތަކެއް އަހަރެއް ވާންދެން އެ ލައްތައް ނުފިލާ، ބައެއް މީހުންގެ ގައިގައި ހުރެދާނެއެވެ. އަދި މުޅި އުމުރަށްވެސް ހުރެދާނެ އެވެ. މެލަސްމާ އަކީ އެހާ އަވަހަށް ރަނގަޅުވާ ކަމެއް ނޫނެވެ. މިކަމަށް ފަރުވާ ހޯދުމަށް ހަމުގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ހޯދިދާނެ އެވެ.

ނަމަވެސް، މެލަސްމާ އަށް ދެވޭ ފަރުވާއިން އެންމެނަށް ޝިފާ ނުލިބިދާނެ އެވެ. ބައެއް މީހުންގެ މެލަސްމާ ރަނގަޅުވިޔަސް އަލުން އަނބުރާ އިއާދަވެސް ވެއެވެ.

މެލަސްމާއަށް ދެވޭ ބޭސްތަކުގެ ތެރޭގައި:-

ސަމާލުކަމަށް: ޑޮކްޓަރީ ބޭސް ބޭނުންކުރާނީ ޑޮކްޓަރަށް ދެއްކުމަށްފަހު ޑޮކްޓަރު ދެއްވާ ބޭހެވެ. ޑޮކްޓަރަށް ނުދައްކައި މީގައި ބުނެފައިހުރި ބޭސް ބޭނުން ނުކުރެއްވުން އެދެމެވެ.

ހައިޑްރޯކުއިނޯން (Hydroquinone)

މެލަސްމާ ރަނގަޅުކުރުމަށް ޑޮކްޓަރުން އެންމެ ފުރަތަމަ ދޭ ބޭސްތަކުގެ ތެރޭގައި ހައިޑްރޯކުއިނޯން ހިމެނެއެވެ. މިއީ ލޯޝަނެއް ނުވަތަ ކިރީމެއް ނުވަތަ ޖެލްއެއްގެ ގޮތުގައި ހުންނަ ބޭހެކެވެ. ހައިޑްރޯކުއިނޯން އުނގުޅަން ފެށުމުން ހަމުގައި އުފެދިފައި ހުންނަ ލައްގަނޑުގެ ކުލަ މަޑުވާން ފަށައެވެ.

ރޭގަނޑު ނިދުމުގެ ކުރިން ހައިޑްރޯކުއިނޯން އުނގުޅުމަށް ބޭސްލިޔެދޭއިރު، އެސްޕީއެޕް ގެ މިންވަރު މަތި ސަންސްކްރީން ލޯޝަނެއް ޑޮކްޓަރު ލިޔެދެއްވާނެ އެވެ. އެ ލޯޝަން ބޭނުންކުރަން ޖެހެނީ އަތްވަށް ނުކުތުމުގެ ކުރިން އުނގުޅުމަށެވެ.

ހައިޑްރޯކުއިނޯންގެ އިތުރުން ކޮރޓިކޯސްޓިރޯއިޑްސް އަދި ޓްރެޓިނޮއިން ކްރީމް، ލޯޝަން ނުވަތަ ޖެލް ވެސް ޑޮކްޓަރުން ދެއްވައެވެ.

💊 💊 💊 💊 💊

ނޯޓް: މިއީ www.medicalnewstoday.com އިން ނަގާފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް އިބާރާތްތައް އިތުރުކޮށް، އުނިކޮށްފައިވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.