އާދޭހެވެ! އަހަރެންގެ ހަޔާތް ނުފެށެނީސް ނިމެނީއެވެ. އަހަރެންގެ ދިރިއުޅުން ފުޑުފުޑުވަނީއެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ އަހަންނަކީ ކުޑަދުވަސްކޮޅެއްގެ މެހެމާނެކެވެ. އަހަރެން މިހެން ބުނުމުން އަހަރެންގެ ވާހަކަ އަޑުއަހަން ޝައުގުވެރިވާނެކަން އެނގެއެވެ. ފަށަމާތޯއެވެ.

އަހަންނަށް ކިޔަނީ ސަމާއެވެ. އަހަންނަކީ މަންމައާއި ބައްޕަގެ ހަމައެކަނި ދަރިފުޅެވެ. އަހަރެންގެ އުމުރުން 10 އަހަރުގައި ދިމާވި ކާރު އެކްސިޑެންޓެއްގެ ސަބަބުން އަހަރެންގެ މަންމައާއި ބައްޕަ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. އަހަރެންގެ މާމައާއި ކާފަގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ. އޭރުން ފެށިގެން އަހަރެން ބަލައި ބޮޑުކުރީ އަހަރެންގެ މާމައެވެ. މަދަރުސީ ދައުރުގައި އަބަދުވެސް އަހަރެން ބެލީ މަންމަމެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގައި އަވަދިނެތި އުޅުމަށެވެ. ކޮލެޖް ދުވަސްކޮޅުގައި އަހަރެން މާސްޓާސް އޮފް ބެޗްލަރޭޓް ހާސިލްކުރީމެވެ. މައިންބަފައިން ފަޚުރުވެރިވާ ދަރިއަކަށް އަހަރެން ވީމެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. އަވަދިނެތި މަސައްކަތުގައި އަހަރެން އުޅެނިކޮށް މަންމަ ފަރާތު ބޮޑުދައިތަ އަހަންނަށް ގުޅިއެވެ. ގުޅާފައި ދިން ޚަބަރެއްގެ ސަބަބުން އަހަރެން ކުރަމުންދިޔަ މަސައްކަތް ހުއްޓުނު ކަހަލައެވެ. މުޅި މާހައުލު ހަމަހިމޭންވީހެން ވެސް ހީވިއެވެ. އިވިގެން ދިޔައީ އަހަރެންގެ އެންމެ ލޯބިވާ މާމަ ނިޔާވި ޚަބަރެވެ. ކާރުގެ ތަޅުދަނޑި ނެގުމަށްފަހު އަހަރެން އަވަހަށް މިސްރާބުޖެހީ ގެއާދިމާއަށެވެ. ގެއަށް ދިޔައިރު ކާފަ ރޮނީއެވެ. އެކަކު އަނެކަކަށް ހިތްވަރުދެނީއެވެ. އަހަރެންވެސް އަވަހަށް މާމަގެ މޫނު އެންމެ ފަހުފަހަރު ދެކިލުމަށް ދިޔައިމެވެ. ޝަކުވާތައް ގިނައެވެ. އެކަމަކު ފޮރުވައިގެން ހުރީއެވެ.

ދެތިން ހަފުތާ ފަހެވެ. މާމަގެ ހަނދާންތަކާއެކު ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ ބެލީމެވެ. އެކަމަކު ވަރަށް އުނދަގުލެވެ. އިނގިރޭސި މުހާވިރާއެއްގައި ބުނެފައިވާ ފަދައިން ފަހަރަކު ފިޔަވަޅެއް ކުރިއަށް އެޅީމެވެ. މަޑުމަޑުން ހުރިހާ ކަމެއް ފަސޭހަވިއެވެ. ކާފައަށްވެސް ގަޑިންގަޑިއަށް ބޭސްކާންދެމެވެ. އޮފީހުގެ މަސައްތައްވެސް ބަރާބަރަށް ނިންމެއެވެ.

މަސައްކަތުގެ ގަޑިތައް ދިގުދެމިގެން ދިޔަ ދުވަހެކެވެ. ހޮނިހިރު ދުވަހެކެވެ. އާދައިގެ މަތިން އުޑުމަތި ސާފު ރީތިދުވަހެކެވެ. ގަޑިން މެންދުރު 12 ޖެހީއެވެ. އެއީ އޮފީސް ބްރޭކް ގަޑިއެވެ. ކެއުމަށްޓަކައި މަސައްކަތްތައް މަޑުޖައްލާފައި އޮފީސް ދޮރުމަތީގައި ހުރި ރެސްޓޯރެންޓަކަށް ދިޔައިމެވެ. އަހަރެންގެ މޭޒުކައިރީގައި އިސްކޮޅުން ދިގު ފުރާވަރުގެ މީހަކު އައިސް ހުއްޓުނެވެ.

“އަހަރެން މިތާގަ އިށީންނަންތަ؟” އޭނާ އަހާލިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ. ބޯ ޖަހާލުމުން ކުރިމަތީގައި ހުރި ގޮނޑި ދުރުކޮށްލާފައި އިށީންދެއްޖެއެވެ.

“އަހަންނަށް ކިޔަނީ އަބްޔާޒް. މާނައަކީ ހުދު އަދި ސާފުތާހިރު. އަދި މިއަދު މިއީ އަހަރެންގެ ފުރަތަމަ ދުވަސް. އޯހް ސޮރީ ނަން ނާހާ ދޯ މި ވާހަކަ ފެށުނީ. ތިބާގެ ނަމަކީ ކޮބާ؟” އަބްޔާޒު އަހާލިއެވެ.

“އަހަންނަށް ކިޔަނީ ސަމާ. މިހާރު އަހަރެން މި އޮފީހުގައި މަސައްކަތްކުރާތާ ދެ ވަރަކަށް މަސް ވެދާނެ. މިވަގުތަށް މިވަރު ފުދޭނެ. ހިހިހި.” އަހަރެމެން ދެމީހުން ވާހަކަައިގައި ތިއްބާ ބްރޭކު ގަޑި ނިމިއްޖެއެވެ. އަހަރެން އަވަހަށް ކެބިންއަށް ގޮސް އަހަރެންގެ މަސައްކަތްތާއިގެން މަސްޢޫލުވީމެވެ.

އޮފީސް ގަޑި ނިމިގެން އަހަރެން ބޭރަށް ނިކުތްއިރު މެންދުރުގަޑީގައި ރެސްޓޯރެންޓުން ދިމާވި އަބްޔާޒު ކާރުގައި މަޑުކޮށްލައިގެން އިނެވެ. ހީވަނީ އަހަރެން ގެއަށް ލައިދޭން އުޅޭހެންނެވެ. އަހަރެންވެސް ޖެހިލުންކަމާއެކު އަބްޔާޒުގެ ކާރުގައި އިށީންނިއެވެ. އަހަރެމެން ކާރުގައި ތިބިއިރު ހީވީ ހިމޭންކަމުގެ ސާލެއް ފެތުރިފައި އޮތްހެންނެވެ. އިތުރުވާހަކައެއް ދެއްކުމެއްނެތި އަހަރެން ގެއަށް ލައިދިނީ އަދި ބައްދަލުވާނެކަމަށް ބުނެފައެވެ. ދެމީހުންގެ ނަންބަރު ބަދަލުކުރުމަށްފަހު އަހަރެން ގެއަށް ވަދެއްޖައިމެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު ކަމަކުދާކަށް ނެތެވެ. ހީވަނީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. އަހަރެންގެ ކާފަ އުޅެނީ ގޭތެރޭގައި ހަލަބޮލިކަމެއް އުފައްދައިގެންނެވެ. އަހަރެންގެ ބޮޑުދައިތަ އާއި ނަރުސް ކުއްޖާއަކަށް ކާފަ ބެލޭނެ ގޮތެއް ނުވިއެވެ. އަހަންނަކީ އެމީހުންގެ ހަމައެކަނި އުއްމީދެވެ.

ކާފަ ނިންދާފައި އަހަރެން މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ތާޒާވެލައިގެން އަހަރެން ނިކުތީ ކާށެވެ. ސުފުރާ މަތީގައި އަހަންނަށް ނޫޑުލިސް ތަށްޓެއް ބަހައްޓާފައި ހުއްޓެވެ. އެއީ ބޮޑުދައިތަގެ އޯގާތެރިކަމުގެ ކަންފުޅެކެވެ. ކާންފެށިތަނާ ބޮޑުދައިތަ އަހަރެން ކައިރީގައި އިށީންނިއެވެ. ވަރަށް ލޯބިން އަހާލިއެވެ.

“ކަނބުލޮ މިއަދު ގެއަށް ލައިދިނީ ކާކު؟ ނުދަންނަ ކުއްޖެއްހެން ހީވަނީ.”

“އެއީ އޮފީސް ކުއްޖެއް. ރެސްޓޯރެންޓުން ދިމާވީ.” އަހަރެން ބުނީމެވެ.

ކައިނިމިގެން މޭޒުމަތި ސާފުކޮށްލާފައި އަހަރެން ވަނީ ކޮޓަރިއަށެވެ. އޭރު ގަޑިން 11 ޖަހަނީއެވެ. ފަތިސް ނަމާދުގެ ބަންގިއަށް ހޭލުމަށްޓަކައި އަހަރެން ނިދަން އޮށޯތީމެވެ. މިއަދު ދިމާވި ކަންތައްތަކާ މެދު ފުންކޮށް ވިސްނާލީމެވެ. މަންމަމެން ދުނިޔޭގައި ތިބިނަމަ މިއަދު ކާފަ ހުންނާނީ ހަމަޖެހިފައެވެ. އަހަރެން ހިތަށްއެރިއެވެ. ﷲ އަށް ޙަމްދުކޮށްފައި އަހަރެންގެ މައިންބަފައިންނާއި މާމައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވެވުމަށް އެދި ދުޢާ ކުރީމެވެ. އެހެން އޮއްވާ އަހަންނަށް ނިދިއްޖެއެވެ.

އާދުވަހެއްގެ ފެށުމެވެ. ބަންގީގެ އަޑަށް އަހަންނަށް ހޭލެވުނެވެ. ހޭލައިގެން ނަމާދުކޮށްގެން ދުޢާކުރީމެވެ. ވައިބަރުން ނޮޓިފިކޭޝަންގެ އަޑުއިވުމުން އަހަރެން ފޯނު ބަލާލީމެވެ. އެއީ އޮފީސް ގުރޫޕުން އައި ނޮޓިފިކޭޝަނެވެ. މިއަދު މިއީ ސަރުކާރު ބަންދުދުވަހަކަށް ވުމުން ރިސޯޓަށް ދަތުރުދާން ތައްޔާރުވުމުގެ މެސެޖެވެ. ތައްޔާރުވުމަށް އަންނަން އޮތީ އަހަރެމެން ގެއަށެވެ. ގަޑިން 6:45 ވާއިރުގައެވެ. އަހަރެން އަވަހަށް ދިޔައީ ބޮޑުދައިތައަށް މިޚަބަރު ދޭށެވެ. އޮފީސް ކުދިންނަށް ސައި ހެދުމަށްޓަކައި ބޮޑުދައިތަ އަވަދިނެތިއުޅެންފެށި އެވެ. އަހަރެންވެސް އެހީވީމެވެ.

ކުއްލިއަކަށް އަޑުއިވުނީ މީހަކު ގޭގެ ދޮރުގެ ބެލް ޖަހާލިއަޑެވެ. އަހަރެން ވަގުތުން އަތްދޮވެ ބުރުގާ ރަނގަޅުކޮށްލުމަށްފަހު ދޮރު ހުޅުވާލީމެވެ، އޭރު ދޮރުމަތީގައި އަބްޔާޒް ހުއްޓެވެ. ޖިނާ ކަރުކެހިލުމުން އަހަރެން ދެންތިބި ސްޓާފުންނާއި އޮފީހުގެ ބޮސްއާއި ދިމާލަށް ބަލައިލީމެވެ. އަހަރެން އެމީހުންގާތުގައި އެތެރެއަށް ވަންނާށޭ ބުނީމެވެ. އޭރު ގޭތެރޭގައި ބޮޑުދައިތަގެ ހާއްސަ މަސްހުނީގެ ވަސްގަނޑު ހިފާފަައި ހުއްޓެވެ. ސައިބޯން އަންނާށޭ ބުނުމުން ސައިބޮއެގެން އަހަރެމެންގެ ދަތުރަށް ބޭނުންވާ ހުރިހާ ސާމާނެއް ތައްޔާރުކުރުމަށްފަހު އަހަރެމެންގެ މަންޒިލަށް މިސްރާބު ޖެހީމެވެ.

އަހަރެމެން ނިންމީ ކުރުނބާ ރިސޯޓަށް ދާށެވެ. އަހަރެމެން ވޭނެއްގައި ގޮސް ފެރީ ޓާމިނަލް ކައިރީގައި މަޑުކުރީމެވެ. 10 މީހުންނަން ވާވަރަށް ފެރީ ޓިކެޓު ނަގައިގެން ގާތްގަނޑަކަށް 30 މިނެޓުގެ ދަތުރެއް ކުރީމެވެ. ރިސޯޓަށް ދެވުނުއިރު ގަޑިން ނުވަގަޑި ބައި ވަނީއެވެ. އަހަރެމެން އެންމެން ކޮޓަރިއާއި ދިމާލަށް ދިޔައިމެވެ. އެންމެން 11ގަޑި ބައި ވާއިރު އަތިރިމައްޗާ ކައިރިން ދިމާކުރަން ނިންމާފައެވެ. އަހަރެންވެސް ކޮޓަރިއަށް ގޮސް ތާޒާވެލައިގެން އަދި އެއްފަހަރު ހިނގާދިޔަ ކަންތައްތަކާމެދު ވިސްނާލީމެވެ. ވިސްނާލާފައި ހިތަށްއެރިއެވެ. މީ އަނެއްކާ ފުރަތަމަ ނަޒަރުން ވެވޭ ލޯބި ބާއެވެ؟ އަހަރެން ފުން ޚިޔާލުން ބޭރުވީ ފޯނު ރިންގުވާން ފެށީމައެވެ. ދަބަހުން ފޯނު ނަގާފައި ބަލާލިއިރު ގުޅަނީ އަބްޔާޒު އެވެ. އަހަރެން ފޯނު ނަގާފައި ހަލޯ އޭ ނުބުނުވެނީސް ބޭރަށް ނިކުންނަން ބުނެފިއެވެ. ވާހަކައެއް ބުނާށެވެ. އަހަރެން ނިކުތީމެވެ. ބޭރުގައި އަހަރެންގެ އިންތިޒާރުގައި ހުރިތަން ފެނުނެވެ. ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ދާހިއްލަން ފެށިއެވެ،

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު އިމްޝާ އަޙްމަދު
އާމިނަތު އިމްޝާ އަޙްމަދު
މުނިފޫހިފިލުވުމުގެ ޚަބަރުތަކުގެ އިތުރުން ވައްޓަފާޅިއާއި ގުޅުންހުރި ލިޔުންތައް އިމްޝާ ކަވަރު ކުރާނެ އެވެ.