ބެކްގްރައުންޑުން ހީވީ ލަވަ ޖަހާހެންނެވެ. އިރުކޮޅަކުން އަޑުއިވުނީ އިނގިރޭސި ލަވައެއް ސްޕީކަރުން ކުޅެމުން ގެންދިޔަ އަޑެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިގެން ރިސޯޓުގެ މުވައްޒަފުން ލައްވާ ތައްޔާރު ކޮށްފައިވާ ތަނަކަށް ގެންދިޔައެވެ.

އެތަނަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. އެހާމެ ފުރިހަމައަށް ތައްޔާރު ކޮށްފައިވާ ހިތްގައިމު މާހައުލެކެވެ. ފެނިފައި މީހަކު ހައިރާންވާވަރެށެވެ. މެދުގައި ބޮޑު ހިތެއް ތައްޔާރު ކޮށްފައި ވެއެވެ. ރަތްކުލައިގެ ފިނިފެންމަލުގެ ފިޔައިން ތައްޔާރުކޮށްފައިވާ ހިތެކެވެ. އެހިތުގައި “އަހަންނާ ކައިވެނި ކުރާނަން؟” ލިޔެލައި ރީތިކޮށް ޒީނަތްތެރިކޮށްފައިވެއެވެ. އަހަރެން ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ.

އަބްޔާޒު އަނގޮޓިއެއް ހިފައިގެން އައިސް ‘އަހަންނާ ކައިވެނި ކުރާނަންހޭ؟” އެހުމުން އަހަރެން ސިއްސައިގެން ދިޔައެވެ. އަހަރެން ކުޑަ ވަގުތުކޮޅެއް ބޭނުމޭ ބުނަންވެގެން އުޅެނިކޮށް ބުނަން އުޅުނު އެ މުހިންމު ޖުމްލަ ނުބުނެ ހުއްޓާލަން ޖެހުނީ ޖިނާ ގުޅީމައެވެ. ޖިނާ ގުޅީ އަހަރެމެން ތިބި ތަނެއް ބެލުމަށެވެ. ބޮސް އަހަރެމެން ހޯދާ ވާހަކަ ވެސް ޖިނާ ބުންޏެވެ.

“ފަސް މިނެޓް ތެރޭގައި އެބަދަން!” އަހަރެން ބުނީމެވެ. ފޯނުކަނޑާލާފައި އަހަރެން ގަޑިބަލައިލީމެވެ. އޭރުގަޑިން އެގާރަ ގަޑި ބައިވަނީއެވެ.

“ސަމާ ބޭނުމިއްޔާ އޯކޭއޭ ވިސްނާލަން ވަގުތުކޮޅެއް ނެގިޔަކަސް. ސަމާގެ ޖަވާބަކަށް އަހަރެން އިންތިޒާރުގަ ހުންނާނަން.” އަހަރެމެން ދިޔަމަގުމަތީގައި އަބްޔާޒު އަހަރެން ކައިރީގައި ނިކަން ލޯބިން ބުންޏެވެ.

އަހަރެމެން ދެމީހުން ބާރު ފިޔަވަޅުތައް އަޅަމުން ދިޔައިރު، ބޮސް ހުރީ އަހަރެމެންގެ އިންތިޒާރުގައެވެ. އަހަރެން ލަސްވުމުން މަޢާފަށް އެދުނީމެވެ. ލޮލުން ކޮށްލި އިޝާރާތަކުން ބޮސް އަހަންނަށް މަޢާފުކުރިކަން އެނގުނެވެ. މިއަދުގެ ޕްރޮގްރާމްތައް އަހަރެމެން މުވައްޒަފުންނަށް ބޮސް ކިޔައިދިނެވެ. އަދި ބުންޏެވެ. “މިއަދު އަހަރެމެން އައީ މަޖާކުން. އެހެންވީމަ މަސައްކަތްތަކާ މެދު ކަންބޮޑުވާނެ ކަމެއް ނެތް. އޯކޭ!”

މާދަން ދިޔުމުގެ ކުރިން ބޮޑު ސިއްރެއް ހާމަކުރާނެކަމަށްވެސް ބޮސް ބުންޏެވެ. އޭރު ބޮސްގެ ނަޒަރު ހުރީ އަބްޔާޒުއާ ދިމާލަށެވެ. ދެމީހުން ދެމީހުންނަށް ފާޑަކަށް ހީލިތަން އަހަންނަށް ފެނުނެވެ. އެކަން މާބޮޑު ކަމަކަށް އަހަރެން ނަހަދަމެވެ.

ޓީމުތައް ބަހައިގެން އަހަރެމެން ހޭންޑުބޯޅަ ކުޅުނީމެވެ. ކުޅެ ނިންމާފައި އަހަރެމެން ކޮޓަރިއަށް ދިޔައީ ނަމާދު ކޮށްލައިގެން ތާޒާވެލުމަށެވެ. ކާން ނިންމާފައި އޮތީ ގޮނޑުގޮށުގައި އަމިއްލައަށް ކައްކައިގެންނެވެ.

މެންދުރު ނަމާދުން އަވަދިވެގެން އަހަރެމެން ނިކުތީމެވެ. ގޮނޑުދޮށާ ދިމާލަށް މިސްރާބުޖެހީ ގެނައި ކެއްކުމުގެ ސާމާނު ހިފައިގެންނެވެ. އެންމެން އެކުގައި ނޫޑުލްސް ކެއްކުމުގައި މަސްޢޫލުވިއެވެ. އޭރު ފިރިހެން މުވައްޒަފުންވެސް ސޮސެޖް ފިހުމުގައި އަވަދިނެތި އުޅުނެވެ. ފެންވަރު ރަނގަޅު ރިސޯޓަކަށް ދިޔަޔަސް އަހަރުމެން ނިންމީ އާދައިގެ ޕިކްނިކް ދަތުރުތަކުގެ ކެއުން މެންދުރަށް ތައްޔާރުކުރާށެވެ. ކައްކާ ނިމުނުއިރު، މުޅި މާހައުލަށް ވަނީ މީރު ވަސް ފެތުރިފައެވެ. ކައި ނިމިގެން މޫދަށްއެރި އެންމެން އެކުގައި މަޖާނެގީމު އެވެ.

ދެތިން ގަޑިއިރު ފަހެވެ. މާހައުލަށް ރަތްވިލާގެ ހިތްގައިމު ދޯދިތައް މަރުހަބާކިޔަން ފަށައިފިއެވެ. އެ ރިސޯޓްގެ މޫދަށް ވާގޮތަށް ހަދާފައި ހުރި ޚާއްޞަ ޕްލެޓްފޯމަށް އެންމެން ޖަމާވީމުއެވެ. އެއީ ލަކުޑިން، ޓެރަސްއެއް ގޮތަށް ހަދާފައިވާ ޕްލެޓްފޯމެވެ. އެތަނުގެ ވަށައިގެން އެކި ކުލަކުލައިގެ ބޯގަންވިލާ ގަސްމުށިތަކެއް ބަހައްޓާފައި ހުރުމުން ތަނުގެ ހިތްގައިމުކަން ދެގުނަކޮށްފައިވެއެވެ. އަހަރުމެންނަށް އެނގިފައިވާ ގޮތުން އެވަގުތު އެތަނުގައި ނަގާ ފޮޓޯތައް ވަރަށް ރީތިވާނެ އެވެ. ރަތްވިލާގެ ދޯދިތައް ބޯގަންވިލާ މާތަކަށް އެޅިފައި ހުންނައިރު އުފެދެނީ ވަރަށް ހިތްގައިމު މަންޒަރެކެވެ. އަހަރުމެން އެތަނަށް ދިޔައިރު، ރިސޯޓްގެ ރަސްމީ ފޮޓޯގްރާފަރު އެތަނުގައި އަހަރުމެންގެ އިންތިޒާރުގައި ހުއްޓެވެ. އެއީ އަހަރުމެންގެ ބޮސް އަހަރުމެންނަށް ދިން ސަޕްރައިޒެކެވެ. ޖޯޑުޖޯޑަށް އެކިއެކި މީހުން ފޮޓޯނެގުމަށްފަހު އެންމެން އެކުގައި ގްރޫޕް ފޮޓޯއެއް ނެގީ އެންމެ ބޯކޮށް ބޯގަންވިލާ ހައްދާފައިވާ ފެންސް ކައިރީގައި ތިބެގެންނެވެ. އޭގެ ފަހުން ކޮންމެ މީހަކު ވަކިން ނަގަމުންގޮސް އަހަރެންވެސް ފޮޓޯ ނެގީމެވެ. ހަނދާނަކަށެވެ. އަބްޔާޒުގެ އެދުމުގެ މަތިން އަހަރެމެން ދެމީހުން ދެތިން ފޮޓޯ ވެސް ނެގީމެވެ.

އިޝާ ނަމާދު ފަހެވެ. އެންމެން ކެއުމަށްޓަކައި ކާމޭޒު ކައިރީގައި އިށީންނިއެވެ. ބޮސް އަބްޔާޒުއަށް އިޝާރާތް ކޮށްލުމުން އޭނާ ގޮސް ބޮސްކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނިއެވެ. އޭރު އޯޑަރ ކުރެވިފައިވާ ކާތަކެތި ވަނީ މޭޒުމަތީގައި އަތުރާލެވިފައެވެ. ކާން ފެށިތަނާ ބޮސް އަހަންނަށް ގޮވާލިއެވެ.

“ސަމާ، އަބްޔާޒުއާ ބައްދަލުވިއިރު، ހިތަށްއެރިތަ އަބްޔާޒުއަކީ އަސްލު ކާކުބާއޭ؟ އޭނާގެ އާއިލާއާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހޯދިންތަ؟” އަހަރެން ހައިރާންވިއެވެ. އަދި ނޫނެކޭވެސް ނުބުނެވުނެވެ.

“ސަރ ވަޓްސް ޔޯރ ޕޮއިންޓް؟ އަހަރެމެން ކައިރީގައި ހާމަކުރަން އުޅުނު ބޮޑު ސިއްރަކީ އެއީތޯ؟” އަހަންނަށް އަހައިލެވުނެވެ.

ބޮސް އާއި އަބްޔާޒު ގޮޑިން ތެދުވިއެވެ. ތަންކޮޅެއް ދުރުގައި އަހަރެމެންގެ މޭޒާ ދިމާއަށް ބަލަން ހުރި އަންހެނަކަށް ގޮވާލިއެވެ. އެއަށްފަހު ބޮސްގެ އަޑު ތަންކޮޅެއް ބާރުކޮށްލަމުން ވާހަކަދައްކަން ފެށިއެވެ.

“ސަމާ!، އަހަރެން މި ހާމަކުރާ ކަމަކީ ސަމާގެ ދިރުއުޅުން ބަދަލުކޮށްލާނެ ފަދަ ކަމެއް. އަހަރެން ދެންމެ މި ގޮވާލީ އަހަރެންގެ އަންހެނުންނަށް. އަދި އަބްޔާޒްއަކީ އަހަރެމެންގެ ދޮށީ ދަރި. އޮފީހުގައި އިންޓާނެއްވެސް މެ. ފުރިހަމަ ނަމަކީ އަހްމަދު އަބްޔާޒް ފަހީމް، ދެން މިއީ އޭނާގެ މަންމަ ފާތިމަތު ޒައިނާ”. ބޮސް އެބުނީ ތެދެކެވެ. އެ ހާމަކުރީ ހަމަ ގައިމުވެސް ވަރުގަދަ ބްރޭކިން ނިއުސްއަކަށް ވުރެންވެސް ހައިރާކުރުވަނި މަޢުލޫމާތެކެވެ.

“އަހަރެމެންގެ އެދުމުގެ މަތިން އަބްޔާޒު ދެންމެ ޖެހެންދެން ސަމާއާއި ދޭތެރޭ ދެއްކި އިހުސާސްތަތަކީ ހުސް ފޭކު އިހްސާސްތަކެއް. އޭނާ އެ ޖެއްސީ އެކްޓެއް. އެއީ ސަމާގެ މައިންބަފައިން އަހަރެމެންނަށް ޖެއްސި އުނދަގޫތަކުގެ ބަދަލުހިފުމަށް އަހަރުމެން ރާވައިގެން ކުޅެން ފެށި ޑްރާމާގެ ބޮޅެއް. އަދި ބުނަންތަ މިއަދަށްފަހު ދެން ސަމާ އޮފީހަށް އަންނާކަށް ނުޖެހޭނެ. ތިހުރީ ވަޒީފާއިން ވަކިކޮށްފަ!” އާނއެކެވެ. ބޮސް އެބުނީ ރަނގަޅު ވާހަކައެކެވެ. އިވިގެންދިޔަ ވިހަގަދަ ޖުމުލަތަކުން އަހަރެންގެ ހިތް ކުދިކުދިކޮށް ކޮށާލައިފިއެވެ.

އަހަންނަށް ބޮޑު ސިހުމެއް ލިބުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. ކުއްލިއަކަށް އަހަރެންގެ ނޭވާހިއްލަން ފަށައިފިއެވެ. ޖިނާ އަހަރެންގެ ދަބަހުން އެސްތުމާ ޕަންޕު ނެގިއެވެ. ދެތިން ޕަފެއް ޖަހައިލުމުން އަހަރެންގެ ނޭވާ ހަމައަކަށް އެޅުނެވެ.. އެކަމަކު އަހަންނަށް ލިބުނު ސިހުމުގެ ސަބަބުން އަހަރެންގެ ސިކުނޑިއަށް ކެތްވަވަރެއް ނުވިއެވެ. ކަނޑައިލި ރުކެއްހެން އަހަރެން ހޭނެތިގެން ވެއްޓުނުކަން އެނގުނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު އިމްޝާ އަޙްމަދު
އާމިނަތު އިމްޝާ އަޙްމަދު
މުނިފޫހިފިލުވުމުގެ ޚަބަރުތަކުގެ އިތުރުން ވައްޓަފާޅިއާއި ގުޅުންހުރި ލިޔުންތައް އިމްޝާ ކަވަރު ކުރާނެ އެވެ.