ޝަމްހޫރިޝް – 15 މި ލިންކުން

ކޯލު ކަނޑައިލަމުން، ކާރުގެ ދޮރުހުޅުވުމަށް ތަޅުދަނޑި ނަގަަމުން ކާރާ ދިމާއަަށް ހިނގައިގަތެވެ. ހަމަ އެވަގުތު އޭނާގެ ފުރަގަހުގައި ކޮންމެވެސް މީހެއް ހުރިކަމުގެ އިހްސާސެއް ކުރެވުނެވެ.

އޭނާ ކުއްލިއަކަށް އެނބުރުނެވެ، އެހިނދު، އޭނާގެ ފަހަތުގައި ހުއްޓި ހުރީ ބޭންކުން ދުށް ކުއްޖާއެވެ. ކޮންމެވެސް ހިތްހަމަނުޖެހުމެއްގައި ހުރި ކުއްޖާއެވެ. ބުއްދި ހަމަނުޖެހޭ އެ އަންހެންކުއްޖާއެވެ.

އެ އަންހެންކުއްޖާގެ ނުރައްކާތެރި ބެލުމުގެ ސަބަބުން އިލްޔާސްގެ ގަޔަށް ހީރޯޅިއަރައިގެން ދިޔައެވެ.

“އެމީހުން ކައިރީ ބުނޭ ހުއްޓާލާށޭ!” އެ ކުއްޖާގެ އަތުން އިލްޔާސްގެ ގަމީހުގައި ހިފައި ދަމައިގަންނަމުން ހަޅޭއްލަވައިގަތެވެ. އާދަޔާޚިލާފު ގޮތަކަށް ދެ ފަރާތަށް ބޯހޫރަމުން އަނެއްކާވެސް އޭނާގެ ބުނުން ތަކުރާރުކޮށްލިއެވެ.

“އަޢޫޛުބިﷲ! އަހަރެން ކައިރިން ދުރަށްދޭ!!” އިލްޔާސް ހަޅޭއްލަވާލަމުން، ކާރަށް އަރަން މަސައްކަތް ކުރަމުން އެ އަންހެން ކުއްޖާ ދުރަށް ކޮށްޕާލިއެވެ.

ބޯގޮވާފައި ހުރި މީހެއް ފަދައިން އަވަސް އަވަހަށް ކާރު ސްޓާޓްކޮށް، ކާރު ފަހަތަށް ޖަހައި ދުއްވައިލިއެވެ. ސެކިއުރިޓީގައި ހުރި މީހާ ލަވަމުން ދިޔަ ހަޅޭކަށްވެސް ސަމާލުކަމެއް ނުދީއެވެ. އޭނާގެ ފަހަތުން ޝައިޠާނެއް އަންނަނީ އޭ އޭނާއަށް ހީވާ ކަހަލައެވެ.

ހީވަނީކީ ނޫނެވެ. ޝައިތާނެއް އޭނާގެ ފަހަތުން އަޅުލައިފިކަން ހަމަ ޔަޤީނެވެ.

ފަހަތުން އަޅުވާލާފައިވާ ޝައިޠާނާ ދެފަރާތަށް ހޫރެމުން ބާރު ސްޕީޑްގައި އިލްޔާސްގެ ކާރުގެ ފަހަތުން އައިއިރު ހީވަނީ ފުރޮޅީ ބޫޓެއްގައި މީހަކު އަންނަހެންނެވެ. އޭނާގެ އަނގައިން އޭރުވެސް އާދަޔާޚިލާފު ބިރުވެރި އަޑެއް ލައްވަމުން ދެއެވެ.

އިލްޔާސް ކިޔަމުން ދިޔަ ދުޢާތައް ކިޔަމުން ދިޔަ ރާގު ބަދަލުކޮށްލުމާއެކު އެ ކުއްޖާ މަޑުމައިތިރިވެއްޖެއެވެ. ކުރިން ހޫރެމުން ދިޔަ ހޫރުން ހުއްޓިއްޖެއެވެ. އަނގައިން ބޭރުކުރަމުން ދިޔަ ބިރުވެރި އަޑު ކެނޑިއްޖެވެ.

މިހާރު، އެ އަންހެންކުއްޖާ މަޑުމަޑުން ރޮނީއެވެ.

❀****❀❀****❀

އަތުގައި ހިފަހައްޓާލައިގެން މަޢުރީންގެ މަގަތުގައި ޝާއިލް އަށް އިނދެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގުމުން އެއްވެސް އެއްޗެއް ނުބުނެ އިނދެވުނީ ޝޮކެއްގެ ތެރޭގައެވެ.

ދެންމެ އޭނާއަށް ފެނުނު މަންޒަރަކީ އޭނާގެ މުޅި ހަޔާތުގައިވެސް ދުވަހަކު ފެނިފައިނުވާ، އަދި ދުވަހަކުވެސް އެކަހަލަ ކަމެއް ވެދާނެކަމަށް ހިތަށްވެސް ނާރާ މަންޒަރެކެވެ. މިކަން މި ދިމާވީ ދުރު މީހަކަށް ނޫނެވެ. ޚުދު އޭނާގެ އަނބިމީހާއަށެވެ.

އޭނާގެ ސިކުނޑި ހަމަ ރަނގަޅަށްވެސް ވަނީ ހަލަބޮލިވެފައެވެ.

މަޢުރީން އޮތް ކޮޓަރީގައި އަޑުގަދަވާން ފެށުމުން އެތަނަށް އައި ނަރުސްކުއްޖާ ކައިރީގައި ކޮންމެވެސް ވާހަކަތަކެއް ދައްކަން އިދުރީހާއި މަރިޔަމް ތިބީ ކޮޓަރީގެ އެއްފަރާތެއްގައެވެ.

އޭރުވެސް މަޢުރީން އޮތް އެދުގެ ވަށައިގެން މަޢުރީންގެ ކޮއްކޮމެން ތިބެގެން ރޮނީއެވެ. އެކުދިންގެ ލޯ ވަނީ ދުޅަވެފައެވެ. ނޭފަތް ބެދިފައެވެ. އެކުދިން، އެއް ކުއްޖަކު އަނެއް ކުއްޖަކަށް އަދި އެމީހުންގެ ދައްތައަށް ހިތްވަރުދޭން މަސައްކަތް ކުރަމުންދިޔައެވެ.

ހަމަ އެހިނދު، އިލްޔާސް އެ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ.

“ބައްޕާ؟”

ބޯ އުފުލައިލަމުން ބަލިކަށި، މަޑުމަޑު އަޑަކުން މަޢުރީން ގޮވައިލިއެވެ.

އިލްޔާސް އަށް ހީވީ އޭނާގެ ހިތް މޭގެ ތެރެއިން ކުއްލިއަކަށް ދަމައިގަނެފައި އަލުން އެތަނަށް ގަންނުވައިލި ހެންނެވެ.

އިލްޔާސްގެ އަންހެނުން އޭނާއާމެދު ކަންތައް ކުރި ގޮތުން ހަމަ ރަނގަޅަށްވެސް އިލްޔާސް އެ ހުރީ ރުޅިގަދަވެފަ އެވެ.

އޭނާއާ މެދު އެކަންޏެއް ނޫނެވެ. އެމީހުން އެންމެނާ މެދުގައެވެ.

ވަރުބަލިވެ ހަކަތަ ހުސްވެފައި އެ އެނދުގައި އެއޮތީ ކޮންމެ ގޮތެއް ވިޔަސް އިއްޔެއާ ހަމައަށްވެސް އިލްޔާސްގެ އުފަން ދަރިއެއްހެން ބަލައިބޮޑުކުރި އޭނާގެ ދަރިފުޅެވެ. ކަރުނައިން ދެލޯ ފުރިފައިވާ މަޢުރީންއާ ދިމާއަށް އިލްޔާސް ހިނގައިގަތީ އަމިއްލަ ހިތުތެރޭގައި އިޤުރާރެއްވަމުންނެވެ.

ޑީއެންއޭ ޓެސްޓެއްގެ ނަތީޖާ ކޮންމެ ފަދަ ގޮތަކަށް ލިބުނަސް ހެވެވެ. އަބަދުވެސް މަޢުރީން ވާނީ އޭނާ އެންމެ ލޯބިވާ އޭނާގެ ދެލޯފަދަ ދަރިއަކަށެވެ.

މަޢުރީންގެ ގާތަށް ގޮސް މަޑުކޮށްލުމާއެކު އެ މައުސޫމު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލައިދިނެވެ.

“ދަރިފުޅޫ…. ކޮން ކަމެއް ދަރިފުޅު ބޭނުންވަނީ؟” އިންތިހާ ލޯތްބާއެކު އިލްޔާސް ވާހަކަދެއްކީ ތުއްތު ކުއްޖަކާ ވާހަކަދައްކާފަދަ ގޮތަކަށެވެ.

މަޢުރީންއަށް ހެވިއްޖެއެވެ.

“އަހަރެން ބޭނުމީ ގެއަށް ދާން.” މަޢުރީން ވެސް ޖަވާބުދިނީ ކުޑަކުއްޖަކު ޝަކުވާކުރާ ރާގުގައެވެ.

“އެކަލާނގެ ވާގިފުޅާ ރަޙުމަތުގެ ސަބަބުން ގެއަށް ދެވޭގޮތް ވެއްޖޭ ދަރިފުޅާ….. އަލްޙަމްދުލިﷲ”

****❀❀****

މިއަދު ޒަހްރާގެ މަންމަ ހާޖަރާ ހޮސްޕިޓަލުން ދޫކޮށްލާތީ ގެއަށް ދިއުމަށް ތައްޔާރީތައް ވަމުން ދަނީއެވެ. ޒަހުރާގެ އަނގައިން އެއްވެސް ބަހެއް ނުބުނެ މަޑުމަޑުން ކޮތަޅުތަކަށް އެއްޗެހިތައް އަޅަމުން ދިޔައެވެ. ހޮސްޕިޓަލުގައި އިނދެއިނދެ ޒަހުރާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. އޭނާގެ މަންމައާ ދިމާއަށް އެންމެ ފަހަރަކު ނަމަވެސް ބަލައިލުމަށް އޭނާ ބޭނުންނުވާ ކަހަލައެވެ.

މި މަންޒަރު ފެނިފައި ހާޖަރާ އިނީ ހަމަ ރަނގަޅަށްވެސް ބިރުގެންފައެވެ.

އެކުދިންގެ ބައްޕަ އެކުދިންގެ ގާތުގައި ހާޖަރާގެ މާޒީގެ ސަފުހާތައް ހުޅުވައިލީ ނޫންބާވައެވެ. އޭނާ ނާސި ދިރިއުޅުމުގެ މާޒީ ހުޅުވައިލީ ނޫންބާވައެވެ؟

މިހެން ހިތަށްއެރުމާއެކު އޭނާގެ ދެލޯ ކަރުނައިން ފުރި ބާރުވެއްޖެއެވެ. އޭނާގެ ހަޤީޤަތް އެކުދިންނަށް އެނގިއްޖެ ނަމަ ކުރިން އެމީހުން އުޅުނު އުފާވެރި ދިރިއުޅުން ނޫޅެވޭނެކަން ހަމަ ރަނގަޅަށްވެސް އޭނާއަށް ތަޞައްވަރުކުރެވެއެވެ.

އިލްޔާސް އޭނާ ވަރިކޮށްލާނެބާވައެވެ؟

މިހެން ހިތަށްއެރުމާއެކު އޭނާގެ ބަލިކަށި ހިތުން ނުރޫޅި ހުރި ތަންކޮޅުވެސް ރޫޅުނު ކަހަލައެވެ.

އޭނާ ވަރިކޮށްފި ނަމަ ބޭރަށް ނުކުމެ އުޅެން އުނދަގޫވާނެކަން ގައިމެވެ. އަވައްޓެރިން އޭނާއަށް ފުރައްސާރަކޮށް މަލާމާތްކުރާނެކަން މިހާރުވެސް ކަށަވަރާ ގާތަށް ބުނަން އެނގެއެވެ.

އޭނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ހައްދަވައި ގެންގުޅުއްވާ އިލާހުގެ މަދަދަށް އެދި ދުޢާކުރުން ނޫން އެހެން ދެވަނަ އެއްވެސް ގޮތެއް އޭނާއަކަށް ނެތެވެ.

‘ޔާﷲ، މި އަޅާއަށް ކުރެވިފައިވާ ކުށްފާފަތަކަށް ޢަފޫކޮށްދެއްވައި، ކުރިމަތިވެފައިވާ ކަންތައްގަނޑުން އަރައިގަތުމަށް ކެތްތެރިކަމާ ޢާފިޔަތު ދެއްވާނދޭވެ! އާމީން.’

ހޮސްޕިޓަލަށް ގެނައި ސާމާނުތައް ޕެކްކޮށް ނިމުމުން ޒަހްރާ އާއި އޭނާގެ މަންމަ ގެއަށް ދާންވީ ވަގުތު ޖެހުނީއެވެ. މަންމަ ތައްޔާރުވެއްޖެތޯ ބަލައިލި ވަގުތު މަންމަގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަތަން ފެނުނެވެ.

“މަންމާ! ކިހިނެއްވީ؟ މަންމަގެ ތަނަކަށް ތަދުވަނީތަ؟ މަންމަގެ ގާތަށް ޖެހިލަމުން އަވަސް އަވަހަށް މަންމައާ ސުވާލުކޮށްލިއެވެ.

“މަންމައަށް ކަމެއް ނުވެޔޭ!” ހާޖަރާ ޖަވާބުދިނެވެ.

“ދަރިފުޅުވެސް ތި ހުންނަނީ ރޮވިފައެއްނު! ކިހިނެއް ވީ؟ މަންމަ ދެކެ ރުޅިއައިސްފަތަ؟” ހާޖަރާ އޭނާގެ ދަރިފުޅު ކުރެން އަހައިލި އެވެ.

“ރުޅި އައިސްފަ ހޭ؟” މަންމަގެ ސުވާލުން ޒަހްރާ އަށް ލިބުނީ ހަގީގަތުގައި ވެސް ހައިރާންކަމެވެ.

“މަންމަ ތިހުރީ ބަލިވެއެއްނު. އަހަރެން އެދެނީ މަންމަ އަވަހަށް ރަނގަޅުވުމަށް އަދި މައުއްތަ…” އޭނާ ބުނަން ފެށި ޖުމްލަ މެދުކަނޑައިލިއެވެ. އެކަމުން އޭނާގެ މަންމައަށް ލިބުނީ ހައިރާންކަމެކެވެ.

“މައުއްތަ އަށް ކިހިނެއް ވީ؟ މަގޭ ދަރިފުޅަށް އަނެއްކާ ކަމެއް ވީތަ؟

އޭނާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ޒަހުރާ ދައްކަން ފެށި ވާހަކަތައް ކުއްލިއަކަށް ހުއްޓައިލުމުން ހާޖަރާ އަށް އޮޅުން ބޮޅުންވިއެވެ. “މައުއްތައަށް ވީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މަޢުރީންއަށް ކަމެއް ވީ ނޫންބާވައެ؟”

ޒަހްރާ އޭނާގެ ތުންފަތުގައި ދަތްއެޅިއެވެ. މަޢުރީންގެ ޙާލަތު މަންމައަށް ކިޔައިދިނުމުން އެމީހުން ގަސްދުގައި ދުރުހެލިވަމުން ދިޔަކަން ހަނދާން ނައްތައިލެވުމުން ކުޑަކޮށް ހާސްވާގޮތް ވިއެވެ. އެމީހުން ނިންމައިގެން ތިބީ މަޢުރީންގެ ހާލަތު އެއްކޮށް ރަނގަޅުވުމުން މަންމައަށް އެކަން އަންގާށެވެ.

“މައުއްތަ އޯކޭއޭ. ކުޑަކޮށް ވަރުބަލިކަމެއް ހުއްޓަސް މިހާރު އޯކޭއޭ. ގެއަށް ދިޔައިމަ މައުއްތައާ ދިމާވާނޭ.” މަންމަ ހިތްހަމަޖައްސައިދިނުމަށް ޒަހްރާ ބުންޏެވެ.

ޒަހްރާގެ މަންމައަށް އަދިވެސް ހުރެވުނީ ވާނުވާގައެވެ. ޒަހްރާގެ މަންމަ އެނދުން ފޭބުމަށް އެހީތެރިވިއެވެ. ހޮސްޕިޓަލުން ނުކުމެގެން ގޮސް މަރިޔަމްގެ ކާރާއި ހަމައަށް މަންމަ ގެންގޮސްދިނީ ފުރުޅުލީ ގޮނޑިއެއްގައެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ޒަހްރާގެ ބައްޕަ ވަނީ މަޢުރީން އާއި ދެން ތިބި ދަރިންކޮޅު ގޮވައިގެން ގެއަށް ގޮސްފައިކަން އާއިލީ ވައިބަރ ގްރޫޕުން ޒަހުރާއަށް އެނގުނެވެ. މަންމަ ގެއަށް ގެންދިއުމުގެ ޓާސްކް ހަވާލުކޮށްފައި ވަނީ ޒަހުރާ އާއި މަރިޔަމް އަށެވެ.

އެމީހުންގެ އިންތިޒާރުގައި އިން މަރިޔަމް ކާރުން ފޭބިއެވެ. ހާޖަރާ ކާރަށް އެރުވުމުގައި އެހީތެރިވުމަށެވެ. އަތުގައި ހުރި ކޮތަޅުތައް ކާރު ތެރެއަށް ލަމުން ޒަހްރާ ކާރަށް އެރިއެވެ.

މަރިޔަމް ކާރު ދުއްވައިލިއެވެ. ކާރުގެ ގޮނޑީގައި ހަމަޖެހިލަމުން ހާޖަރާ ވިސްނަން ފެށިއެވެ.

‘އަހަރެންގެ ހަޔާތްކުޑަކަމުގެ ވާހަކަތައް އަހަރެންގެ ދަރިންނަށް އިލްޔާސް ކިޔައިނުދޭނެބާ؟ އެކަމަކު… އެކަމަކު އެވަރުގެ ވާހަކައެއް ކިޔައިދީފާނެބާ؟ .. ފަހަރެއްގައި އިލްޔާސް އަހަންނަށް މާފުވެސް ކޮށްދީފާނެ!’ ހާޖަރާގެ ހިތަށް މިފަދަ ޚިޔާލުތައް ވެރިވަމުން ދިޔައެވެ. ފުން ނޭވައެއް ދޫކޮށްލަމުން ދެލޯ މަރައިލާ ﷲއާ ވަކީލުކޮށްލި އެވެ.

****❀❀****

ގެއަށް ވަދެވުމާއެކު ސިޓިންރޫމުގެ ސޯފާގައި މަޢުރީން އިށީންނިއެވެ. އޭނާއަށް ހޮސްޕިޓަލުން ދިން ބޭސްކޮތަޅާއި އިދުރީސް ދީފައި ހުރި ބައެއް ޝަރުޢީ ރުޤްޔާގެ ތަކެތި މޭޒުމަތީގައި ބަހައްޓަމުން ތެދުވިއެވެ. އޭނާ ބޭނުންވަނީ ކޮޓަރިއަށް ވަދެ ޖައްސައިލުމަށެވެ. އެމީހުން ގެއަށް ލާފައި ޝާއިލް ނުކުތީ އޭނާގެ ގެއަށް ދިއުމަށެވެ. ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެފައެވެ.

މަޢުރީން އޮށޯވެ އޮތް އެނދުގެ މަގަތުގައި އިލްޔާސް އިށީންދެ އިނީ މަޢުރީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މަޢުރީންއަށް ނިދެން ދެން އިލްޔާސް އެގޮތުގައި އިނެވެ.

އެމީހުން ހޮސްޕިޓަލުން ނުކުތުމުގެ ކުޑައިރުކޮޅެއް ކުރިން ހޮސްޕިޓަލުން އޭނާ މަޢުލޫމާތު ހޯދިއެވެ. ސިއްރިޔާތުގައި މަޢުރީންގެ ޑީއެންއޭ ޓެސްޓެއް ހެދިދާނެތޯ އަހައި އޮޅުންފިލުވިއެވެ. އިލްޔާސްއަކީ މަޢުރީންގެ ބައްޕަކަމަށް ލިޔެކިޔުންތަކުން ފެންނާތީ އެކަމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ބުނެ ދެބަފައިންގެ ސާމްޕަލް ނެގިއެވެ.

ނިދާފައި އޮތް މަޢުރީންއަށް ބަލަން އިން އިލްޔާސްގެ ހިތް ބާރަށް ތެޅެމުންދިޔަ އެވެ. ހިތާހިތާ ދުޢާކުރަމުން ދިޔައީ މަޢުރީންއަކީ އޭނާގެ ދަރިއެއްކަން ޑީއެންއޭ އިން ދެއްކެވުމަށް އެދެމުންނެވެ.

މަޢުރީންއަކީ އިލްޔާސްގެ ދަރިއަކަށް ނުވެއްޖެ ނަމަ އޭނާގެ އަނބިމީހާ ހާޖަރާއާ މެދު ކަންކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އަނބިމީހާ ކުރި ބޮޑުވެގެންވާ ކުށެއްގެ ސަބަބުން އިލްޔާސްގެ ހިތް ވަނީ ފަޅައިގެންގޮސް ކުދުކުދި ވެފައެވެ. ވީއިރު، އޭނާގެ އަނބިމީހާއަށް މާފު ކުރެވިދާނެ ހެއްޔެވެ؟

****❀❀****

މަޢުރީންމެންގެ ގެއިން ބޭރަށް ނުކުތް އިރު އެގޭ ދޮރާށި ކުރިމަތީގައި ޝާއިލްގެ މަންމަ ހުރިތަން ފެނުމުން ހައިރާންވިއެވެ.

“މަންމަ، މަންމަ ކީއްވެ އެތެރެއަށް ނުވަދެ މިތާ ބޭރުގަ ތިހުރީ؟ މަޢުރީން އެބަ….”

“ޝާއިލް މިތަނުގަ ކީއް ތިކުރަނީ؟” ޝާއިލް ބުނަމުން ދިޔަ ޖުމްލަ މެދުކަނޑައިލަމުން ރުންކުރު ރާގެއްގައި ސަލްމާ ސުވާލުކުރިއެވެ.

“މިއީ އަހަރެންގެ އަންހެނުންގެ ގެއޭ…. މަންމައަށް އެކަމެއް ނޭނގޭތަ؟” މަންމަގެ ރުންކުރުކަމާ ޝާއިލް ކުރިމަތިލީ ނިކަން ކެރިހުރެގެންނެވެ.

“އަންހެނުންނޭ؟” ނުލަފާ ވައްތަރަކަށް ހިނިގަނޑެއް ޖަހައިލަމުން ސަލްމާ ބުންޏެވެ. އޭރު އޭނާގެ ދެލޮލުން ހީވަނީ ހަމަ ދެންމެ ދެންމެ އަލިފާންކަނި ބުރާފާނެ ހެންނެވެ.

“އެއީ ސުންޕާ އަންހެން ކުއްޖެކޭ ޝާއިލޫ. ބަލަ ކަލެއަށް ނުފެނޭތަ އޭނައާ އޭނާގެ ކައިރީގަ އުޅޭ މީހުންނަށް ވަމުން އަންނަ ގޮތްގޮތެއް؟ ޚަބަރުދާރު!…. ނަމަނަމަ އެ ސުންޕާ އަންހެނާގެ ސަބަބުން އަހަރުމެންގެ އާއިލާ ހަލާކުވިޔަ ނުދޭތި؟” ދަތްކުނޑި ވިކައިލަމުން ސަލްމާ އިންޒާރުދިނެވެ.

ޝާއިލް އަށް ހުރެވުނީއެވެ. އޭނާގެ މަންމައަށް ބަލަހައްޓައިގެން ހުރެވުނީ އޭނާގެ މަންމަ އެ ދެއްކި ވާހަކައެއް ދެއްކީ އެހެން ބަހަކުން ކަމަށް ހީވާކަހަލަ ޒާތަކަށެވެ. ޚުދު އޭނާގެ މަންމަގެ ދުލުން އެފަދަ ބަސްތަކެއް ބޭރުވެދާނެ ކަމަށް ޤަބޫލުކުރަން ދަތިވެފައި ނުހުރެވޭ ވަރެއްވެސް ނޫންތާ އެވެ.

“މަންމާ، އަހަރެން މިދަނީ ގެއަށް ދާން.” އޭނާގެ މަންމަ ފަސްދީ ހިނގައިގަންނަމުން ޝާއިލް ބުންޏެވެ. އެވަގުތު ސަލްމާ އޭނާގެ ފަހަތުން ދުއްވައިގަތެވެ. ދެން ކަންކުރާނެ މޮޅު ގޮތެއް ވިސްނަމުންނެވެ.

🕯️އިލްޔާސް އޭނާގެ އަނބިމީހާ ހާޖަރާއަށް މަޢާފުކޮށްފާނެބާ؟

🕯️ހާޖަރާއަށް މަޢާފުކުރަން ޖެހޭބާ؟

🕯️މަޢުރީން އަކީ އިލްޔާސްގެ ބަޔޮލޮޖިކަލް ދަރިއެއްބާ؟

🕯️ޝާއިލްގެ މަންމަ އެ އުޅެނީ ކޮންފަދަ ކަންތައްގަނޑެއްގަބާ؟

@muniavas SHAMHOORISH – S01 Finale Episode Dramatic Audio Trailer Narration: @Sannu Salma (mother): @laina Shaail: @Ahmed Rasheed #shamhoorish #vaahakabymuniavas #muniavascreation ♬ original sound – MUNIAVAS

ސީޒަން 01 ނިމުނީ

ސީޒަން 02 އަށް އިންތިޒާރުކޮށްލައްވާ!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.