ޗެޕްޓަރ 01 – ކައިވެނި

އައު ކައިވެންޏަށް އެންމެން ޒީނަތްތެރިވެގެން ތިބީ ކާކުކަން އޮޅޭހާ ވަރަށެވެ. މީހުން އެކަންޏެއް ނޫނެވެ. މާލޭގެ މެދުތެރޭގައި އޮތް އިހުގެ ބޮޑު ގޯތިތެރެ ވެސް ވަނީ އެހާމެ ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ކުލަބޮކިތަކާއި ފޮތީގެ ބެނާތަކުންނެވެ. ހިނގަންވީ މަގުތައް އޮތީ ދިއްލާލާފައެވެ. ބިއްލޫރި ފުޅީގެ ތެރެއަށް ލާފައި ހުރި އުއްބައްތި ތަކަކުންނެވެ.

މަޢުރީންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ކެނޑިގެންދާ ހަމަ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. މިރެއަކީ މަޢުރީންގެ ލޯބިވެރިޔާއާއި ކައިވެނީގެ ގޮށުން ބަނދެވޭ އުފާވެރި ރެއެވެ. އޭނާގެ ދިރިއުޅުމަށް މިއަށްވުރެން އުފާވެރި އެހެން ރެއެއް ނާންނާނެއޭ މަޢުރީންގެ ހިތަށްއަރަމުން ދެއެވެ.

ޝާއިލްއާއި މަޢުރީންއަކީ ގްރޭޑް ހަޔަކުން ފެށިގެން އަވަށްޓެރިންނެވެ. އޭރުން ފެށިގެން އެދެމީހުންގެ ލޯބީގެ ކުޅިގަނޑު ވަނީ ފެށިފައެވެ. އެކަކު އަނެކަކަށް ހިތްދީ ވަޤުފްކުރީ އެހާ ކުރިންނެވެ. މަޢުރީންގެ ބައްޕަގެ ދީންވެރިކަމާ ހުރެ ރައްޓެހިވެގެން މާފޮޅުވުމުގެ ފުރުޞަތެއް ނުލިބުނަސް، ދެމީހުންގެ ކެމިސްޓްރީ އަކީ އޭގެ ދެވަނައެއް ނެތްފަދަ ކެމިސްޓްރީ އެކެވެ. މަޢުރީންގެ ބައްޕަގެ ވިސްނުން ކޮންމެ ގޮތަކަށް ހުރިނަމަވެސް މަޢުރީންއާއި އެކުގައި އެކަނި ހޭދަކޮށްލަން ލިބޭ ކޮންމެ ދަނޑިވަޅެއްގެ ބޭނުން ޝާއިލް އައީ ހިފަމުންނެވެ. އެގޮތުން މަޢުރީންގެ އަތުގައި ހިފާލުން، ބައްދައިލުން ނުވަތަ ބޮސް ދިނުން ފަދަ ކަންކަން އައީ ކުރަމުންނެވެ. އެހާކުރިން ފެށިގެން މަޢުރީން އެހުންނަނީ އެފަދަ ކަންކަން ތަންކޮޅެއް މިނިވަންކަމާއެކު ކޮށްލުމަށް ކެތްމަދުވެފައެވެ. އެކަންކަމަށް މަޢުރީންއަށް އެދެވެނީ އިންތިހާއަށެވެ. އެކަންކަމުގެ އެންމެ މަތީ ހަރުފަތަށް އެރުމަށް ހިތް އެދެމުންދަނީއެވެ. އެހެންނަމަވެސް ކައިވެނީގެ ހުރިހައިކަމެއް ނިމެންދެން ދެމީހުންނަށްވެސް ޖެހޭނީ ކެތްކޮށްލާށެވެ.

މަޢުރީން އާއި ޝާއިލް ކައިވެނިކުރަން ބޭނުންވާކަން މައިންބަފައިންގެ ކުރިމަތީގައި ހާމަކުރުމުން ދެފަރާތަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ޝާއިލްއަކީ މާލޭގައި ނަންހުރި އިވެންޓް މެނޭޖްމެންޓް ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ޒުވާނެކެވެ. މަޢުރީންއަކީ ޑޮކްޓަރުކަން ކިޔަވައި ނިމިގެން އައިސް ސްޕެޝަލައިޒް ވުމަށްޓަކައި ދަސްކުރަމުން، ޑޮކްޓަރުކަން ކުރަމުން އަންނަ މެޑިކަލް ޑޮކްޓަރެކެވެ. ދެމީހުންގެ އުމުރުންވެސް މިވީ 25 އަހަރެވެ. އެހެންކަމުން އެމީހުންގެ ކައިވެނިކުރުން ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ދެ އާއިލާ އަކަށްވެސް ނުފެނުނެވެ.

ކައިވެނީގެ ހަފުލާ ފެށުމުގެ ކުރިންވެސް ކައިބޮއެހެދުން ކުރިއަށްދިޔައެވެ. ކައިވެނީގެ މޭޒުދޮށަށް މަޢުރީން ދިއުމުގެ ކުރިން އޭނާގެ ރަހުމަތްތެރިޔާ މަރިޔަމް ނުވަތަ މަރީ ވަރަށް ސީރިއަސް ކަމާއެކު މަޢުރީންގެ ކަންފަތްދޮށުގައި ސިއްރުސިއްރުން އެއްޗެއް ބުނެލިއެވެ.

“ހިތް ބިރުގަންނަންޏާ ދުޢާތައް ކިޔަމުން ދާތި. އެތާނގަ ވަރަށް ގިނަމީހުން އެބަތިބި. އެކި މީހުން ތިބޭނީ އެކި ނިޔަތުގައި. ހެޔޮއެދިގެން ތިބޭ މީހުންނާއި ހެޔޮ ނޭދޭ މީހުންވެސް ތިބެދާނެ.”

އެކުވެރި މަރީގެ އެ ހެޔޮއެދޭ ނަސޭހަތް އަޑުއަހާފައި މަޢުރީން ހިނިތުންވަމުން ބޯޖަހައިލި އެވެ. ކުއްލިއަކަށް މަޢުރީންގެ އަންހެން ކޮއްކޮމެން އެތަނަށް ވަދެ މަޢުރީންގެ އަތުގައި ހިފައި ދަމަމުން ކޮޓަރީގެ ދޮރާ ދިމާއަށް ގެންގޮސްފިއެވެ.

“މިހާރު އެމީހުން އެއުޅެނީ ލަސްވެގެން. ދެންވެސް ހިނގާބަލަ ދާން!” މަޢުރީންގެ ކޮއްކޮހެން ބުނަމުން މަޢުރީން ގޮވައިގެން ސިޓިންގރޫމްގައި ހުރި މޭޒާއި ދިމާއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔަތަނުން އެމީހުންގެ ބައްޕަ ވެސް އެދިމާއަށް ދަނިކޮށް ދިމާވެއްޖެ އެވެ. އެމީހުންނަށް ހިނިތުންވުމެއް ދެމުން ބައްޕަ ހިނގައިގަތީ އުފާވެރިކަމާއި މާޔޫސްކަން އެކުލެވޭ މޫނެއް ދައްކަމުންނެވެ. އެގެއިން މަޢުރީން ދިއުން ވެގެންދާނީ މަޢުރީންގެ ބައްޕައަށް ފުން ހިތާމައެއް ލިބިގެންދާނެ ކަމަކަށް ވާތީ އެވެ. މަޢުރީން ދިއުމުން މަޢުރީން ނެތުމުގެ އިޙްސާސް ކުރެވޭނެ މިންވަރު ހިތަށް އަރާފައެވެ. ފެންކަޅިވެފައިވާ ބައްޕަގެ ދެލޯ ފެނުމުން މަޢުރީންގެ ފައިން ވާގިދޫވި ކަހަލަ އެވެ. އޭނާގެ ލޯވެސް އެވަގުތު ފެންކަޅި ވެއްޖެއެވެ. ތަންކޮޅަކަށް ގޮސްފައި މަޢުރީންގެ ބައްޕަ އިލްޔާސް ހުއްޓުނެވެ. މަޢުރީން އާއި ކައިރިއަށް ޖެހިލާފައި އޭނާގެ ގަޔާއި މަޢުރީން ކައިރިކޮށްލަމުން މަޢުރީންގެ ކަންފަތްދޮށުގައި ވާހަކަދައްކަން ފެށިއެވެ.

“މިއަދު މީ ދަރިފުޅު އުފާކުރަން ޖެހޭ ދުވަހެއް، އެހެންވީމަ ދެރަނުވޭ. އޭރުން މިއަދުގެ އުފާވެރިކަން ފުރިހަމައަށް ލިބޭނީ.” އިލްޔާސް ކިތަންމެ ހަމަޖެހޭގޮތް ދައްކަމުން ވާހަކަދެއްކިޔަސް އޭނާގެ ހިތް ދިޔައީ ރޮމުންނެވެ. ބައްޕަގެ ވާހަކައަށް މަޢުރީން ބޯޖަހައިލަމުން ލޮލަށް ޖަމާވި ކަރުނަފޮދު މަޑުމަޑުން ފޮހެލިއެވެ.

ދެބަފައިން އެކުގައި ގޮސް މޭޒުކަރީގައި މަޑުކޮށްލި އެވެ. އެމީހުންގެ ފަހަތުން މަޢުރީންގެ ދެ ކޮއްކޮ ވެސް ދިޔައެވެ. ލަދުން ހުރެ މަޢުރީން އިސްއުފުލައި ބަލައިލިއެވެ. އޭރު އޭނާގެ މަންމަ އިނީ ޝާއިލްގެ މަންމައާއި ބައްޕަ ކައިރީގައެވެ. ވާންއުޅޭ ފިރިމީހާ އިނީ ގާޒީއާއި ޖެހިގެން އެއްފަރާތުގައެވެ. ހެވިދިލިފައި އިންތަން ފެނުމުން މަޢުރީންގެ ހިނިގަނޑުވެސް ހިފެހެއްޓެނީކީއެއް ނޫނެވެ.

ސޭކު ޝާއިލް ގަނޑު!‘ މަޢުރީން އަށް ހިތާހިތާ ކިޔައިލެވުނެވެ. ޝާއިލްގެ ހިތުގައިވެސް މިވަގުތު ހިނގަމުން ދާނީ ކައިވެންޏަށްފަހު ދެމީހުން އެކުގައި މިރޭ ވަގުތު ހޭދަކުރާނެ ގޮތުގެ މޮޅު ޕްލޭނެއް ކަމަށް މަޢުރީން ޔަޤީންކުރި އެވެ.

***~~~***

މީގެ އެއްހަފުތާކުރިން ޝާއިލް އެގެއަށް އައި ދުވަހެއްގައި ކަން ހިނގިގޮތް މިވަގުތުވެސް މަޢުރީން ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެދުވަހު އޭނާ އައީވެސް ‘ރަނގަޅު ފޭކް ސްޓޯރީއެއް’ ހިފައިގެންނެވެ. ގެނައި މޮޅު ސްޓޯރީ އޮތްތަނުގައި ބާއްވާފައި އޭނާއަށް އެހެން ދެވަނަ ވާހަކައެއް ނުދެއްކެއެވެ. މުޅިންވެސް ދެއްކުނީ ކައިވެނީގެ ފުރަތަމަ ރޭގެ ވާހަކައެވެ.

“މައު ލޯބީ، އެރެއަށް ރަނގަޅަށް އެބަ ތައްޔާރުވަންދޯ. އެރޭ ވެގެންދާނެ އިނގޭ ފޯރި ހުންނާނެ ރެއަކަށް!” ޝާއިލްގެ ވާހަކަތައް އިވުމުން މަޢުރީން އަށް ހުނުން ހުއްޓައިލެވުނީ ވަރަށް މަސައްކަތް ކޮށްގެންނެވެ. ނަމަވެސް ހުނުން ހުއްޓުނުތަނުން އަނެއްކާވެސް ޝާއިލް ވާހަކަތައް ފެށިއެވެ.

“އެނގޭތަ؟ އަހަރެން ވަރަށް ސަޅި ޕޮޒިޝަނެއްގެ އެކްޕްލެނޭޝަން އެއް ކިޔައިފިން ވެބްސައިޓަކުން. އޭތި ވާނެ ދޯ-” ޝާއިލްގެ ޖުމުލަ ނުނިމިގެން އުޅެނިކޮށް އޭނާގެ އަނގަމަތީގައި މަޢުރީން އަތްއަޅަމުން ހުއްޓުވިއެވެ. މަޢުރީންގެ ހިނިގަނޑު ފަޅައިގެން ދިޔައީ ޝާއިލް ފަކީރުގެ ދެލޯ ބޮޑުވިތަން ފެނުމުންނެވެ. އެ ދެމީހުންނަކީވެސް އަދި ވަރަށް މަޢުސޫމު ދެމީހުންނެވެ. ކިތަންމެ މޮޅު ވާހަކަތަކެއް ދެއްކިނަމަވެސް އެފަދަ ކަމެއްގެ އެއްވެސް އަމަލީ ތަޖުރިބާއެއް ލިބިފައި ނެތް ދެމީހުންނެވެ. އެހެންކަމުން ޝާއިލްގެ ކެތްމަދުވުން ހުންނާނެ މިންވަރު ޚުދު މަޢުރީންއަށް ވެސް ރަނގަޅަށް އެނގެއެވެ. މަޢުރީން އަމިއްލައަށް ވެސް އިންޓަރނެޓުން ހޯދައިބަލާ މިންވަރު ވަކިން މަދެއް ނުވާނެކަން އެންމެ ރަނގަޅަށް އެނގޭނީ ޚުދު އޭނާއަށް ތާއެވެ. ނަމަވެސް އޭނާ އެފަދަ ކަމެއް ކުރާކަން ޝާއިލްއަށް އަދި އެހެން މީހަކަށްވެސް އަންގާކަށް ބޭނުމެއް ނުވެއެވެ.

ކައިވެނިކުރަން އޮތް ރޭގެ ކުރީ ރެއަކީ ހުރިހައި އަންހެންވެރިން މަޖާނެގި ރެއެކެވެ. ކައިވެނިކޮށްގެން އުޅޭ އެ އާއިލާގެ ދުރުތާ ތިމާގެ މީހުންނަށް ދާންދެން ތިބީ މަޢުރީން މެންގެއަށް ޖަމާވެފައެވެ. އެ އަންހެންވެރިން ދައްކާފައި ނުދައްކާނެ ހަމައެއްވެސް ވާހަކައެއް އެރެއަކު ނެތެވެ. ކައިވެނީގެ ފުރަތަމަ ރޭގެ ޚާއްޞަ އުކުޅުތަކަށް ދާންދެން ހީނހީފައި އެމީހުން ދެއްކީ މަޢުރީން އާއި ޖެއްސެމުންނެވެ. އެތާ ތިބި އެންމެންގެ ތެރެއިންވެސް ދޮންކަތްދަ ވަކިން ހޮނޑިއެވެ. ދޮންކަތްދައަކީ މަޢުރީންގެ ބޮޑުދައިތައެކެވެ. ބިޔަބޮޑު އަންހެނެކެވެ. ބިޔަކަމާ އެއްވަރަށް އޭނާގެ އަޑުވެސް ބަރުވެފައި ޒީލަކަން ހުއްޓެވެ.

“ފިރިމީހާ އޮފީހުން އައިސް ގެއަށް ވަންނައިރަށް ދަރިފުޅު ހުންނަންވާނީ ފިރިމީހާ ދެލޯބޮޑުވެ އަންތަރީސް ވާނެފަދަ ހާލެއްގަ. މިބުނި އެއްޗެއް އެނގިއްޖެ އެއްނު ދޯ. އޭރުން ފިރިމީހާ ވަގުތުން ބޭނުންވާނެ ދޮންކެޔޮ ކާންދޭން. ހާހާހާހާ.” ލާނެތް ޒާތަކަށް ހެމުންހެމުން ބޮޑުދައިތައަށް އެހެން ބުނެވުނީވެސް ހަމަކިރިޔާއެވެ. ބޮޑުދައިތަގެ ލާނެތް ޖުމްލަ އާއިއެކު ދެންތިބި އަންހެންވެރިން ވެސް އަތްތިލަބަޑި ޖަހާފައި ހަޅޭއްލަވަން ފެށީ އަޑުގެ ނެތް ތަނަށެވެ. ބޮޑުދައިތަ ބުނި ޖުމްލައާއި މެދު މަޢުރީން ވިސްނައިލީ ސިކުނޑިތެރޭގައި އެ މަންޒަރު ކުޅެލަމުންނެވެ. ނަމަވެސް ކޮންމެ ފަހަރަކު ބޮޑުދައިތަ އެބުނާގޮތް ނެހެދުމަށްވެސް ސިކުނޑީގެ އަމިއްލަ އެޖެންޑާގައި ނޯޓްކޮށްލިއެވެ.

***~~~***

ކައިވެންޏަށްފަހު، ކައިވެނި ހަފުލާ ވެސް ނިމުމަކާއި ކައިރިވަނީ އެވެ. ހެޔޮއެދޭ މީހުންނާއި ތިމާގެ މީހުން މަޢުރީން މެންނަށް މަރުޙަބާކިޔައި އެކުގައި ފޮޓޯ ނެގުމައިގެން ހެމުން މަޖާނަގަމުން ދިޔައެވެ. އެވަގުތު މަޢުރީންގެ އަތުގައި ޝާއިލް ހިފަހައްޓައިގެން ހުރިލެެއް ބާރުކަމުން އޭނާގެ އަތުގެ އިނގިލިތައް ވަނީ އައްސިވެފައެވެ. އެއީ އާއްމުން ތެރޭގައި އޭނާގެ އަތުގައި އެފަދަ ގޮތަކަށް ޝާއިލް ހިފައިގެން ހުރި ފުރަތަމަ ފަހަރެވެ. އެހެންވެގެން ކަންވެސް ނޭނގެއެވެ. ޝާއިލް އެ ފުރުޞަތުގެ ބޭނުން ހިފަމުން އެދަނީ ވަރަށްވެސް ރަނގަޅަށެވެ. މިހާރު މަޢުރީން އަކީ ޝާއިލްގެ ޙައްޤެކެވެ. އެހެން ހިތަށް އެރުމާއެކު މަޢުރީންއަށް އަމިއްލަ ނަފުސަށް ހީނލެވުނެވެ.

ޝާއިލް އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރިލެތް ކިތަންމެ ބާރު ނަމަވެސް، މަޢުރީން ހުރީ ހިތްހަމަ ޖެހިފައެވެ. ފޮޓޯ ނެގުމަށް ތިމާގެ މީހުން އެކި ދިމަދިމާއިން އަންނަމުން ދާތަން ބަލަން އެކި ފަރާތްފަރާތަށް މަޢުރީންގެ ނަޒަރު ހިންގަމުން ދިޔަ ވަގުތު ކުއްލިއަކަށް އެމީހުންގެ ވާތް ފަރާތުގައި ހުރި ނުވެސް ދަންނަ ފިރިހެނެއް އެމީހުންނަށް ލޯ އަޅައިގެން ހުރިކަން ފާހަގަކުރެވިއްޖެ އެވެ. ދުވަހަކުވެސް މީގެކުރިން ނުދެކޭ މީހެއްކަމުން މަޢުރީން އަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އެމީހާއަށް ބަލައިލުމާއެކު އަވަސް އަވަހަށް މަޢުރީން ބަލައިލީ ޝާއިލް އަށެވެ. އެމީހާ ބަލަން ހުރިކަން ޝާއިލް އަށް ފާހަގަ ކުރެވުނުތޯ ޔަޤީން ކޮށްލުމަށެވެ. އެހެން ނަމަވެސް ޝާއިލް އޭރު ހުރީ ރައްޓެއްސަކާއި ވާހަކަދައްކަން އަވަދިނެތި އެވެ. މަޢުރީން އަނެއްކާވެސް އެމީހާ ހުރި ދިމާއަށް ބަލައިލި އެވެ. އެކަމަކު އެމީހާ އޭރު ގެއްލިއްޖެ އެވެ.

***~~~***

“ހާދަ ވަރުބައްޔެއް ވެއްޖޭ.” ކައިވެނި ޕާޓީގެ ކަންތައްތައް ނިމުމުން މަޢުރީން ބުންޏެވެ. ދެމީހުން ހިނގަމުން ދިޔައީ އެމީހުންގެ ކޮޓަރިއާ ދިމާއަށެވެ. ޝާއިލްގެ ގޭގެ މައި ގެއާއި ވަކިން އެޕާޓްމެންޓެއް ގޮތަށް ހަދާފައިހުރި ޝާއިލްގެ އަމިއްލަ ދުނިޔެއެއް ފަދަ ކޮޓަރިއާއި ދިމާއަށެވެ.

“އެހެންތަ! އެކަމަކު މިރޭ ވަރުބަލިވެގެން ކަމަކުނުދާނެއެއްނު ދޫނީ.” ޝާއިލްގެ ގަޔާއި މަޢުރީން ކައިރިކޮށްލަމުން ބުންޏެވެ. މަޑުމަޑުން މަޢުރީންގެ މޫނާއި ކައިރިވިއެވެ.

“ކިހާ ދުވަހެއް ވެއްޖެ އަހަރެން މިރެޔަށް އިންތިޒާރުކުރަމުން އަންނަތާ.” ވައިއަޑުން ޝާއިލްގެ ތުންފަތް މަޢުރީންގެ ތުންފަތާއި ވަރަށް ބޮޑަށް ކައިރިކޮށްލަމުން ބުންޏެވެ. ޝާއިލްގެ އެ އަދާއިން މަޢުރީން އަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. ހަމަ އެވަގުތު މަޢުރީން އުރާލައިގެން ކޮޓަރިއަށް ވަދެއްޖެއެވެ.

“ފެންވަރައިގެން އިޝާ ނަމާދުކޮށްގެންނެއް ނޫންތަ އަޅެ!” މަޢުރީން ހަނދާންކޮށްދިނެވެ. ކައިވެނި ހަފުލާއަށް އެމީހުން ދިޔައީ އިޝާ ނަމާދު ނުކޮށެވެ.

“މަޢު ދޫންޏާ. ތިހުރިހާ ކަމެއްވެސް އަހަރުން މިކަން ކޮށްފަވެސް ކުރެވިދާނޭ.” ޝާއިލް ޝަކުވާގެ ރާގަށް ބުންޏެވެ. ޝާއިލް އާ ދެކޮޅުވާކަށް މަޢުރީން ބޭނުމެއް ނޫނެވެ. އެހެން ނޫނަސް ޚުދް މަޢުރީން ވެސް ހުރީ އެހާމެ ބޮޑަށް އެކަން ބޭނުންވެފައެވެ. އެހެންކަމުން މަޢުރީން ބޯޖަހައިލި އެވެ. އެވަގުތު ވެނެއް މަސްކޮޅެއް ފެނިގެން ކައިރިވާހެން ކުރިއަށްވުރެންވެސް ބޮޑަށް މަޢުރީން އާއި ކައިރިއަށް ޝާއިލް ޖެހިލިއެވެ. މަޑުމަޑުން މަޢުރީންގެ ތުންފަތުގެ މީރު ރަހައިން ޝާއިލްގެ ހިއްސުތައް ހޭލައްވަން ފެށިއެވެ.

މަޑުމަޑުން އެނދުމަތީގައި މަޢުރީން ބޭއްވިއެވެ. އަނެއްކާވެސް މަޢުރީންގެ ތުންފަތުގެ ޖަޒްބާތުން ދެ ހަށިގަނޑު ހޭލައްވަން ފެށިއެވެ. އިރުކޮޅެއްގެ ތެރޭގައި މަޢުރީންގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތްކަން ޚުދު މަޢުރީން އަށްވެސް ނޭނގޭފަދައެވެ. ޝާއިލްގެ ކޮންމެ ބީހިލުމަކާއި ލިބެމުންދިޔަ ހޫނު ބޮސްތަކުން މަޢުރީން އަށް ހީވީ ލޯބީގެ ކަނޑެއްގައި މޯޖުން ނަޖާނުވެވި ބެހިގެން އޮޔާދާންފެށިހެން ނެވެ.

***~~~***

ދެ ހަށިގަނޑު އެއް ހަށިގަނޑަކަށްވެ ކައިވެނި އިކްމާލްވެއްޖެ އެވެ. ނަމަވެސް މަޢުރީން އޮތީ ހިތްހަމަ ނުޖެހިފައެވެ. ފިރިމީހާ ޝާއިލް އެހާ އަވަހަށް ގަދަގުގުރި ޖަހާފައި ނިދުމުންނެވެ. އެހެންނަމަވެސް މަޢުރީންގެ ހަށިގަނޑު އަދިވެސް އޮތީ ހޭލައެވެ. ވީ ފޫހިން ވައިގެ ތެރެއަށް ނޭވާއެއް ދޫކޮށްލަމުން ފާޚާނާއަށް ވަދެއްޖެއެވެ. ގައިގައި ފެންފޮދެއް ޖެހުމާއެކު އިތުރަށް އޭނާގެ ހަށިގަނޑު ހޭލަން ފަށައިފިއެވެ. ފާޚާނާއިން ނިކުތްއިރުވެސް ޝާއިލް ނިދާފައި އޮތުމުން ކޮޓަރީގައި މަޑުނުކޮށް މަޢުރީން ނިކުތީ ސިޓިންރޫމަށެވެ.

ސޯފާގައި އޮށޯތީ ހިތުގެއެދުން ހާސިލްނުވުމުން ވީ ފޫހިންނެވެ. ހަށިގަނޑަށް އައިސްފައިވާ ހޭލުމަށް ބޭއިޚްތިޔާރުގައި މަޢުރީން އަށް އިޖާބަދެވެން ފެށުނެވެ. އެހެން މީހެއް ނެތި އެފަދަ އިޙްސާސެއް ކުރެވެން ފެށުމުން ޚުދު މަޢުރީން ވެސް ހައިރާންވިއެވެ. މަޢުރީންގެ ހަށިގަނޑުން ކިޔައިދެމުންދިޔަ ފޮނި ވާހަކައިގެ ކުންނާއި ހަމައަށް ދެވުނުއިރު އެތަނުގައި ކޮންމެވެސް އެހެން މީހެއް ހުރިކަމުގެ އިހްސާސެއް މަޢުރީނަށް ކުރެވިއްޖެ އެވެ. އެންމެ ފުރަތަމަ އޭނާއަށް ހީވީ އެއީ ފިރިމީހާ ޝާއިލް ކަމަށެވެ. ކުރެވެމުންދިޔަ ފޮނި ޖަޒުބާތީ އިޙްސާސްގެ މީރުކަމުން އޭނާއަށް ބިރުން ހަޅޭއްލަވައެއްވެސް ނުގަނެވުނެވެ. ދެލޯ ހުޅުވާލައި ބަލައިލިއިރު އޭނާގެ ހަށިގަނޑުގައި ބީހެމުންދަނީ ނުވެސް ދަންނަ މީހެކެވެ. އެއީ ހުވަފެނެއް ކަމަށް ނިންމުނީވެސް އެއްވެސް ގަސްދަކާއި ނުލައި އެކަން އެނގި އޮވެއެވެ. އެ އިޙްސާސް ތަކަށް ނިމުމެއް އަންނާކަށް އޭނާގެ ހަށިގަނޑެއް ނޭދެއެވެ.

ދެހަށިގަނޑު އެއްހަށިގަނޑަކަށް ވެގެންދިޔަ ވަގުތު މަޢުރީންއަށް ހަޅޭއްލަވައިގަނެވުނެވެ. ލޯބީގެ ލައްޒަތުގެ އެންމެ ފޮނިމީރުކަން ދެމީހުންވެސް ހޯދަމުން ދިޔައީ އެކަކު އަނެކަކަށް ބޭނުންވެގެންނެވެ. މިކަން ވާންޖެހެނީ މިހާވަރަށް ކަމަށް އޭނާގެ ހިތް ބުނެދެމުން ދިޔައެވެ. އެންމެފަހުން މަޢުރީންގެ ހަށިގަނޑު ވާތާވި ވަގުތު އޭނާގެ ސިކުނޑި ތެރެއިން ފުން އަޑެއް އިވިގެންދިޔައެވެ.

“މަޢުރީން ތީ މުޅި އުމުރަށްވެސް އަހަރެންގެ މީހެއް.” އެ ޖުމްލައިގެ އަޑު ގުގުމާލުމާއެކު މަޢުރީންގެ ލޯ މެރިއްޖެ އެވެ.

ޗެޕްޓަރ 02 – ކާކުގެ އަތްނބެއް

ގޭތެރޭގެ ކޮންމެވެސް ހިސާބެއްގައި ހުރި ސޯނާ ގަޑިޔަކުން ސޯނާވާއަޑަށް މަޢުރީން އަށް ފުންމައިގެން ތެދުވެވިއްޖެ އެވެ. ފުރަތަމަވެސް މަޢުރީން އަށް ފާހަގަކުރެވުނު ކަމަކީ އޭނާއަށް އޮވެވުނީ ސިޓިންގރޫމްގައި ކަމެވެ. ފިރިމީހާ ޝާއިލް ކައިރީގައި އެނދުގައި ނޫންކަމެވެ. އޮވެވުނީ ރޯ ބަރަހަނާއަށް ކަންވެސް ފާހަގަކުރެވުނެވެ. ވާނުވާއެއް ނޭނގިހުރެ ދެފަރާތަށް ބޯ ހޫރާލަމުން ކޮޅަށް ތެދުވެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ކުއްލިއަކަށް ރޭގައި ކަންތައް ވީގޮތް އޭނާގެ ހަނދާނަށް އަންނަން ފަށައިފި އެވެ.

‘ހުވަފެނެއް. ޔަޤީން އެވާނީ ހުވަފެނަކަށް. އެކަމަކު ހާދަ ހަޤީޤަތާ އެއްގޮތް ހުވަފެނެކޭ!’ މަޢުރީންގެ ހިތަށްއެރި އެވެ. ނަމަވެސް އެވަގުތު އޭނާއަށް ކުރެވެމުން ދިޔަ ތަފާތު އިޙްސާސެއްގެ ސަބަބުން އިތުރު ހާސްކަމެއް ލިބިއްޖެއެވެ. އެފަދަ އިހްސާސެއް ހަށިގަނޑުގެ އެފަދަ ނާޒުކު ހިސާބަކަށް އެހާ ބޮޑަށް ކުރަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

‘އެކަމަކު ރޭގަ އެކަން ނިންމާފަ އަހަރެން ނުލާހިކު ރަނގަޅަށް ދޮވުނިން!’ ހައިރާން ކަމުގައި ހުރެ ވިސްނެން ފެށުނެވެ. ރޭގައި ފެނުނު އެ އާދަޔާޚިލާފު ހުވަފެނުގެ ސަބަބުން ޝަބްނަމްގެ ތިކިތައް ބަންޑުންވީކަމަށް ހީކޮށްލި އެވެ. އެހެން ހިތަށް އެރުމާއެކު މަޢުރީންގެ މޭމައްޗަށް އިތުރަށް ބާރުވެގެން ދިޔަހެން ހީވިއެވެ. އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވަރައިލި އެވެ. ފެންވަރާ ނިމިގެން ފިރިމީހާ އަށް ގޮވުމަށް އަވަސްވެގަތެވެ.

މަޢުރީން އާއި ޝާއިލްގެ ކައިވެންޏަށް ނެގީ ހަފުތާއެއްގެ ޗުއްޓީއެކެވެ. އެހެންނަމަވެސް ކައިވެނީގެ ފުރަތަމަ ދުވަހުވެސް ޝާއިލް އޮތީ 05:45 ވީއިރުވެސް ގަދަ ގުގުރީގައި ނިދާށެވެ. ޝާއިލް އަށް ގޮވުމަށްފަހު ފަތިސް ނަމާދުކޮށްލައިގެން މަޢުރީން ދިޔައީ ބަދިގެއަށެވެ.

ފްރެންޗް ޓޯސްޓާއި ހޮޓްޖޮކްލެޓް ޑްރިންކެއް ތައްޔާރުކޮށްލުމަށްފަހު ޝާއިލް އަށް ކޮފީއެއް ގިރަންފެށިއެވެ. އޭރު ފާޚާނާ ތެރޭގައި ޝާއިލް ފެންވަރަމުންދާ އަޑު އިވެމުންދެއެވެ. މަޢުރީން އަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. ޝާއިލް ފާޚާނާ ތެރޭގައި ހުންނާނެ ގޮތާއިމެދު ހީކޮށްލެވުމުންނެވެ. ހަމައެއާއެކު އަމިއްލަ ދިރިއުޅުމާމެދު ވިސްނައިލެވުމުންނެވެ. އިއްޔެ ޝާއިލް އަަކީ ގެ ކައިރީގައި އުޅެންފެށި އަވަށްޓެރިއެކެވެ. ނަމަވެސް މިއަދު އެއީ އޭނާގެ ފިރިމީހާއެވެ. ޙަޔާތުގެ ބައިވެރިޔާ އެވެ. އެކުގައި ޒަވާޖީޙަޔާތް އާރާސްތުކުރުމަށް އަތުގައި ހިފައިގެންހުރި ބައިވެރިޔާ އެވެ. ދެމީހުން އެއް އެނދެއް، އެއް ފާޚާނާއެއް ބޭނުންކޮށްލުމަށް މިއަދު އެއްވެސް ހުރަހެއް ނެތެވެ.

“ހެއި ޑިއަރ ވައިފީ.” ފުރަގަހުގައި ހުއްޓެމުން މަޢުރީންގެ ގައިގައި ބާރަށް ބައްދާލަމުން ކޮލަށް ދޮނެއް ދިނެވެ.

“ޔެސް މައި ޑިއަރ ހަސް. ހޭލެވިއްޖެ ދޯ.” އުފާވެރި ހިނިތުންވުމަކާއެކު މަޢުރީން ޖަވާބުދިނެވެ. “އަހަރެން ހީކޮށްގެން މިހުރީ ސީދާ ބެޑަށް ބްރެކްފާސްޓް ގެންދަން ކަމަށް.”

“އެހެންތަ؟ އަހަރެން ހީކޮށްގެން މިހުރީ ބަދިގެއަށް އެނދު ގެންނަން ކަމަށް.” މަޢުރީންގެ ކަނދުރާގައި ބޮސްދެމުން، މަޢުރީންގެ މޭމައްޗަށް ޝާއިލްގެ އަތް ގެންދަމުން ބުންޏެވެ.

“ތިކަމެއްވާ ނޭނގޭ. ރޭވެސް އަހަރެން އެހާލުގަ ބާއްވާފަ ޝާއިލް ނިދީ. އަހަރެން އޮތީ ހާދަ ބޭނުންވެފައޭ.” މަސްތީ އަޑަކުން މަޢުރީން ބުންޏެވެ.

“ސޯ ސޮރީ މައި ޑާރލިންގ، އެހެންވީމަ އެކަމުގެ އަދަބު ލިބިގަންނަން އަހަރެން މިހުރީ ދަނޑިވިއްދައިގެން ތައްޔާރަށް.” މަސްތުން ފުރިފައިވާ ރާގެއްގައި ޖަވާބުދެމުން މަޢުރީން ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފަމުން މައްޗަށް ނަގަން ފެށިއެވެ. މަޢުރީންގެ ފުރަގަހުގައި ހުރެގެން މަޢުރީންގެ ގައިގައި ފިރުމަމުންނެވެ. މަޢުރީން ދޮންނަން ހުރި ތަށި ސިންކުމަތީގައި ބެހެއްޓިއެވެ. އަތުން ދޫވެ ތަށި ތެޅިދާނެތީ އެވެ. މަޢުރީން އަށް ކެތްކުރަން ދަތި ހިސާބަށް ޝާއިލްގެ އަތް ގެންގޮސް އެ އަތުގެ ޖާދޫގައި އޭނާ ޖައްސައިފިއެވެ. މަޢުރީންގެ ދެއަތުން ޝާއިލްގެ ގައިގައި ބާރަށް ހިފަހައްޓައިލެވުނީ ލިބެމުންދިޔަ ފޮނިމީރުކަމުން ކެތްކުރަން ދަތިވެގެންނެވެ. މަޑުމަޑުން ކުކުރެވެން ފެށުނީ ލިބެމުންދިޔަ ރާހަތުގެ ޖަޒުބާތުގައި ބެހިގެން ދެވުނުލެއް ބޮޑުކަމުންނެވެ. ޝާއިލްގެ ހަރަކާތްތަކަށް ހުއްޓުމެއް ނުގެނެސް މަޢުރީން ގެންގޮސް ބެހެއްޓީ ކާމޭޒު ކައިރީގައެވެ. އެވަގުތު ބޭއިޚްތިޔާރުގައި މަޢުރީން އަށް މޭޒުގައި ހިފަހައްޓައިލެވުނެވެ. ޝާއިލްގެ ހޫނުކަން އިޙްސާސްކުރެވެން ފެށުމުން ހަޅޭއްލަވަން ފެށުނެވެ. ދެމީހުންގެ ވިންދު ގުޅިލާމެހި އެކުގައި ވިންދުޖަހަން ފެށިއެވެ. ނަމަވެސް އެވަގުތު މަޢުރީންގެ ސިކުނޑިއަށް ރޭގައި ކުރިމަތިވި ޙަޤީޤަތެއް ފަދަ ހުވަފެނީ އިޙްސާސްތައް ވެރިވެގެން ހިނގައްޖެ އެވެ. ޝާއިލްގެ ކޮންމެ ހަރަކާތެއްގެ ފޮނި ލައްޒަތު ކިތަންމެ ރަނގަޅަށް މަޢުރީން އަށް ކުރެވެމުން ދިޔަޔަސް ރޭގައި ދިމާވި މީހާގެ ހަރަކާތްތަކުގެ މަތިން ނުވިސްނައެއް ނުހުރެވުނެވެ. މިހާރު ކުރެވެމުންދާ އިހްސާސް ތަކަކީވެސް އެމީހާގެ ފަރާތުން ލިބެމުންދާ އިހްސާސްތަކެއް ކަމަށް ޚިޔާލަށް ގެނެވުނެވެ. ނަތީޖާއެއްގެ ގޮތުން މަޢުރީންގެ ހިއްސުތައް ކުރިއަށްވުރެންވެސް ބޮޑަށް ހޭލައިފިއެވެ. ޝާއިލްގެ ކޮންމެ ހަރަކާތަކަށް އިޖާބަދެވެން ފެށުނީ ކުރިއަށްވުރެންވެސް ބޮޑަށެވެ. ހަޅޭއްލަވަމުންގޮސް މަޢުރީންގެ ހަޅޭއްލެވުން ހުއްޓުނީ ހަށިގަނޑަށް ވެރިވި ގަދަ ސުނާމީއެއް ފަދަ އޮއިވަރަކަށް ފަހުގައެވެ.

“މަޢުރީން އެންމެ ބޭނުންވާ ވަރަށް ތިކަން ކޮށްދެވޭނީ ހަމައެކަނި އަހަންނަށް.” މަޢުރީންގެ ކަންފަތްދޮށުގައި އެމީހާގެ ބަރު އަޑު ޖެހުނެވެ. ޝާއިލް ކޮޓަރިއާއި ދިމާއަށް މާނޭވާލަމުން ދިޔަތަން ބަލަން މަޢުރީން އަށް ހުރެވުނީ ރޭގައި ދިމާވި ސަމައްތަރުހެޔޮ މީހާގެ މުށުތެރޭގައި ވުމަށް އެދެވެމުންނެވެ.

***~~~***

މީޓިން ކުރިޔަށް ދިޔައިރު މަޢުރީން ދެލޯ ހުޅުވައިގެން އިނދެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. ހަނީމޫނަށްޓަކައި ހަފުތާއެއްގެ ޗުއްޓީއެއް ނަގައިގެން ހުރުމަށްފަހު އޭނާ މަސައްކަތަށް ނިކުތީ މިއަދު އެވެ. ޗުއްޓީއެއް ހޭދަކޮށްލެވުމަށްވުރެން ބޮޑަށް މަޢުރީން އަށް ހޭދަކޮށްލެވުނީ ބުރަ ހަފުތާއެއްހެން ހީވާކަހަލައެވެ. އޭނާ ވަރުބަލިވެފައި ހުރި މިންވަރު، އެކުގައި މަސައްކަތްކުރާ އެހެން މީހަކަށް ފާހަގަވުމަކަށް ބޭނުމެއް ނޫނެވެ. އެކަން އެނގިއްޖެއްޔާ ވޭތިވެދިޔަ ހަފުތާގައި ސައުވީސްގަނޑިއިރު އުޅުނީ އެނދުގައިހޭ ކިޔައި އެމީހުން ދިމާކުރާނެ ވަރު އެނގޭތީއެވެ. އެމީހުންގެ ގޮތް މަޢުރީން އަށް ނިކަން ރަނގަޅަށް އެނގެއެވެ.

ޝާއިލް އަކީ ލޯބި ފިރިއެކެވެ. އެހާ ރޮމޭންޓިކްވެސް މެއެވެ. އެކަމަކު އެއީ މަޢުރީން އުއްމީދުކުރި ވަރަށް ‘އެކަން’ ބޭނުންވާ މީހެއް ނޫނެވެ. ނުވަތަ މަޢުރީންގެ ހިތްއެދޭވަރަށް ޝާއިލް އަކަށް ނޫޅެވެއެވެ. ވޭތިވެދިޔަ ހަފުތާގެ އެންމެ ފައްކާ ވަގުތުތައް ޝާއިލް ހޭދަކޮށްލީ ނިދުމުގައެވެ. ނަމަވެސް މަޢުރީން އަކަށް ރަނގަޅަކަށް ނުނިދެއެވެ. ލޯމަރާލާއިރަށް ފެންނަނީ ކައިރީގައި ސަމައްތަރުހެޔޮ ރީތި ފިރިހެނާ އޮންނަތަނެވެ. ޝާއިލް އާއިއެކުގައި އެނދުގައި އޮންނައިރުވެސް އަނެއްފަރާތުގައި އެމީހާ އޮއްވާ ފެނެއެވެ. ޝާއިލް އެނދުގައި އޮތަސް މަޢުރީން ބޭނުންވާ އުފާތައް އެމީހާގެ ކިބައިން ކޮންމެދުވަހަކު މަޢުރީންއަށް ލިބެމުންދެއެވެ. ލައްޒަތުގެ ފޮނިކަމާއެކު މަޢުރީންގެ އަނގައިން ނިކުންނަ އާހްގެ އަޑަށް ޝާއިލް އަށް ހޭނުލެވެނީ ކީއްވެބާއޭ އިއްޔެވެސް މަޢުރީންގެ ހިތަށް އެރިއެވެ. ލިބެމުންދާ ފޮނިމީރުކަމާއި ލައްޒަތުގެ ވާހަކަތައް އެހެން މީހަކާއި ހިއްސާކުރަން މަޢުރީން ކިތަންމެ ބޭނުންވިނަމަވެސް އެފަދަ ވާހަކަތަކެއް ހިއްސާކުރަން އިތުބާރުކުރެވޭ ވަރުގެ ރައްޓެއްސެއް މަޢުރީން އަކަށް ނުލިބުނެވެ. އެހެންނޫނަސް މަޢުރީން އަށް ކުރިމަތިވަމުން އަންނަ އެ އާދަޔާޚިލާފު ތަޖްރިބާތަކަކީ އަސްލެއްކަމެއް ނުވަތަ ހުވަފެނެއް ކަމެއް އަދިވެސް އޭނާ އަށް ޔަޤީނެއް ނުވެއެވެ. އެމީހާއާއި އެކުގައި އުޅޭ ހުރިހައި ވަގުތެއްގައި ހުރިހައި ކަމެއްވެސް ހިނގަނީ ވަރަށް އަސްލާއި އެއްގޮތަށެވެ. ނަމަވެސް އެކަން ނިމުމަށްފަހު ދެން މަޢުރީން އަށް ހީވަނީ އެއީ ފެންނަ އާދަޔާޚިލާފު ހުވަފެނެއް ކަމަށެވެ. ފަހަރެއްގައި އެއީ ޝާއިލްގެ ފަރާތުން މަޢުރީން އެންމެ ހިތްއެދޭވަރަށް ތަންމަތީގެ އުފާވެރިކަން ނުލިބޭތީ ވާގޮތެއްކަމަށްވެސް ވެދާނެއޭ އޭނާގެ ހިތަށް އަރައެވެ.

ކޮންމެ ރެއެއްގައިވެސް އެ ހިތްގައިމު މީހާއާއި އެކުގައި ހޭދަކުރެވޭ ވަގުތުތައް މަޢުރީން އަށް ވަރަށް ކަމުދެއެވެ. އެންމެ ރެއަކުވެސް އެމީހާގެ މޫނެއް އޭނާއަށް ރީތިކޮށް ފެންނަގޮތެއް ނުވެއެވެ. އެމީހާ އަންނަ ކޮންމެ ވަގުތަކީ ކޮޓަރިތެރެއަށް ކަޅު އަނދިރިކަމެއް ފެތުރޭ ވަގުތެކެވެ. އެހެންވެ އެމީހާގެ ސޫރަވެސް ފެންނަނީ ހިޔަންޏެއްގެ ސިފައިގައެވެ.

އެކަމަކު އެމީހާގެ މޫނުގައި މަޢުރީންގެ އަތުން ބީހިލައި އެމޫނުގެ ބައްޓަން ހިތަށް ގެންނަނީ އެރީތިކަމުގެ ޖާދޫ މަޢުރީންގެ މުޅި ޖިސްމަށް އިހްސާސްކުރުވުމަށެވެ. އެއީ މަޑުމަޑު ތުންފަތެއް ހުންނަ މީހެކެވެ. ދަތްދޮޅީގެ ބައްޓަމަކީ އެންމެ ހޭންޑްސަމް ފިރިހެން މޮޑެލުންގެ ދަތްދޮޅީގެ ބައްޓަމެވެ. ގަދަ ކަޅުކުލައިގެ ލޮލުގެ ކަޅިން އެމީހާ މަޢުރީން އަށް ބަލައިލާ ކޮންމެ ފަހަރަކު މުޅި ހަށިގަނޑުން ވާގިދޫވެގެން ދެއެވެ. އެމީހާގެ ހަށިގަނޑު ތެރެއަށް އެރި އަމިއްލަ ނަފުސު ޣަރަޤުކޮށްލުމަށް ހިތްއެދެވެއެވެ.

އެމީހާގެ އަތުން މަޢުރީންގެ ހަށިގަނޑުގައި ބީހިލާ ބީހިލުމަކީ މިދުނިޔޭގެ ކަމެއް ހެނެއް ހިއެއް ނުވެއެވެ. މަޢުރީންގެ މައިބަދައިގެ އެންމެ ފުނަށް ހީވަނީ ކަރަންޓްގެ ޝޮކެއް ލިބޭހެންނެވެ. އެވަގުތު އޭނާގެ އަނގައިން އެމީހާގެ ނަމުން ގޮވާލުމަށް ހިތްއެދެވެނީ އަމަށަކު ވަރަކަށް ނޫނެވެ. އެކަމަކު އެމީހާގެ ނަމެއް އޭނާއަކަށް ނޭނގެއެވެ.

ރޭގެ ކުރިންނެވެ.

‘ޝަމްހޫރިޝް.’

މަޢުރީންގެ ސިކުނޑިތެރޭގައި އެ ނަން ގުގުމާލީ ވައިއަޑަކުންނެވެ. އެވަގުތު މަޢުރީންއަށް ލިބެމުންދިޔަ ލައްޒަތުގެ އެންމެ މަތީހަރުފަތަށް ގޮސް އަލިފާން ފަރުބަދައެއް ގޮވައި އޭގެ އަލިފާން ފައިބައިގަންނަ ފަދަ އިޙްސާސެއް މަޢުރީން އަށް ކުރެވެން ފެށުމާއެކު ހަޅޭއްލަވައިގަނެވުނެވެ.

‘ޝަމްހޫރިޝް!!….. މިއީ ކޮންކަހަލަ ނަމެއްހެޔެވެ؟’ މަޢުރީންގެ ހިތަށްއެރިއެވެ.

މީޓިން ނިމުނުއިރު މީޓިންގައި ކުރެވުނު އެއްވެސް މަޝްވަރާއެއް، ދެކެވުނު އެއްވެސް ވާހަކައެއް ނަގައިނުގަނެވޭކަން މަޢުރީން އަށް އިޙްސާސް ކުރެވުނީ ޚިޔާލީ ދުނިޔެއިން ނިކުމެވުނުތާ އިރުކޮޅެއް ފަހުންނެވެ.

ހުރިހައިކަމެއް އަތްނުފޯރާ ހިސާބަށް ދަނީނޫންބާއޭ މަޢުރީންގެ ހިތަށްއެރީ އެވަގުތުއެވެ.

މަޢުރީންގެ ކައިވެންޏަށް މަހެއްވެސް ނުވެ އުޅެނިކޮށް މިހާރުވެސް ފިރިމީހާއަށް އޮޅުވައިލާ މަކަރުހެދެނީ އޭ ހިތަށްއެރިއެވެ.

‘އެކަމަކު އެއީކީ އޮޅުވައިލުމެއް ނޫނެވެ!’ އަމިއްލަ ނަފުސާއި މަޢުރީން ޖަދަލުކުރަން ފެށިއެވެ. ‘އެއީ ހަމައެކަނި އަހަންނަށް ފެންނަ ހުވަފެނެކެވެ. ކިތަންމެ ވަހުޝީކަމެއް ހުއްޓަސް އެއީ ހުވަފެނެކެވެ.’

***~~~***

ހޮސްޕިޓަލުގެ ކާޑިއޮލޮޖީ އާއި ދިމާއަށް މަޢުރީން މިސްރާބުޖެހިއެވެ. މިމަހުގައި އޭނާ މަސައްކަތްކުރަން ޖެހެނީ ކާޑިއޮލޮޖީ ޑިޕާޓްމަންޓްގައި ކަމަށްވާތީ އެވެ.

ކާޑިއޮލޮޖީގެ ވޯޑަށް ވަތްއިރު އިދްރީސް ހުރީ ރުޅިއައިސްފައެވެ. ވަރަށް ބޮޑަށް ރުޅިއައިސް ރަތްވެފައެވެ. ވޭތިވެދިޔަ ދެގަޑިއިރު ހޭދަވެގެން އެދިޔައީ އޭނާގެ ބައްޕަ ކައިރީގައި ޑޮކްޓަރެއް އަދި ނަރުހެއްވެސް ނެތިއެވެ. އިދްރީސް އިންތިޒާރުކުރަމުން ދިޔައީ އޭނާގެ ބައްޕަ ދޫކޮށްލުމަށް ޑިސްޗާޖް ފޯމުގައި ޑޮކްޓަރު ސޮއި ކުރާނެ ވަގުތަކަށެވެ.

އިދްރީސް ހުރީ ތައްޔާރަށެވެ. ކެކިއަރަމުންދާ އޭނާގެ ސިކުނޑިން ބައެއް ނަމަވެސް ޑޮކްޓަރަކު އައިސް ވަންނައިރަށް ބޭރުކޮށްލާނަމޭ ހިތަށްއަރައަރަ އެވެ.

“އައްސަލާމު ޢަލައިކުމް. އެހާގިނައިރު މަޑުކޮށްލަން ޖެހުނީތީ ވަރަށް ބޮޑަށް ސޮރީ.” އިދުރީސްގެ ފުރަގަހުން ތުއި އަޑެއް އިވުނެވެ. އަޑު އައިދިމާއަށް އިދްރީސް އެނބުރުނީ ސިކުނޑިތެރޭގައި ރިހާސަލްކޮށް ނިންމާފައިވާ ބަސްތައް ޑޮކްޓަރާއި ދިމާއަށް ބޭރުކޮށްލުމަށް ތައްޔާރުވެގެންނެވެ. ނަމަވެސް ކުރިމަތިން ފެނުނު ސޫރައިން އިދްރީސް ގަނޑުވިކަހަލަ އެވެ. ކުރިމަތީގައި ހުރީ އަންހެން ޑޮކްޓަރެކެވެ. ކަޅުކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. ބުރުގާ އަޅާފައިހުރިގޮތުން ޑޮކްޓަރުގެ މޫނުގެ ސައިޒް ފެންނަނީ ކުޑަކޮށެވެ. ލައިގެންހުރި ޑޮކްޓަރުގެ ކޯޓް އޭނާގެ ގަޔަށް މާބޮޑެވެ. މޫނުމަތިން ފެންނަންހުރީ ވަރުބަލިކަމެވެ. އަރާމުކުރަން ތަނެއްގައި ބާއްވަން ޖެހިފައިވާ މީހަކާ ހާދަވައްތަރޭ އިދްރީސްގެ ހިތަށްއެރިއެވެ. އޭނާގެ ބޮޑު ދެލޯވެސް ހުރީ ރަތްވެފައެވެ. އެހާ ޒުވާން ޑޮކްޓަރެއްގެ މޫނުން ފެންނަން ހުރީ ވަރުބަލިކަމުގެ އިންތިހާއެވެ.

އިދްރީސް ބައްޕަގެ ޑިސްޗާޖް ފޯމުތަކުގައި ސޮއިކުރުމާއެކު އޭނާގެ ބައްޕަ ނަގައި ފުރޮޅުލީ ގޮނޑީގައި ބޭންދިއެވެ. އޭރުވެސް އިދްރީސްގެ ސިކުނޑީގެ ލޮލަށް އެޒުވާން ޑޮކްޓަރުގެ ސޫރަ ފެންނަމުންދެއެވެ. ޑޮކްޓަރާއިމެދު ވިސްނެމުން ދިޔައީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާ ބޭނުންވަނީ އެ ޑޮކްޓަރާއި ވާހަކަދައްކާށެވެ. އޭނާއަށް އެހީވާށެވެ.

“އެއީ ބޮޑުސިންގާ ނުރައްކަލެއްގެ ތެރޭގަ ހުރި ކުއްޖެއް، އިދްރީހާ.” އިދްރީސްގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ އޭނާގެ ބައްޕަގެ އަޑަށެވެ.

“ބައްޕަ ކީއްވެ ތިހެން ތިބުނީ؟” އިތުރަށް ޔަޤީން ކުރުމަށް އިދްރީސް ބައްޕައާއި ދިމާއަށް އެނބުރުނެވެ.

“ބަލަ ދަރިފުޅަށް ވެސް އެނގޭނެ ބައްޕައަކީ އެފަދަ ކަންކަމުގަ ކިހާވަރެއްގެ ތަޖްރިބާކާރު މީހެއްކަން. އޭނާގެ ލޮލަށް އެކަނި ބަލައިލިޔަސް އެކަން ފެންނަން އެހެރީ. ވެދާނެ ދަރިފުޅަށް ފެނުނީ ވަރުބަލިވެފަ ހުރި ޑޮކްޓަރެއް ކަމަށް. އެކަމަކު ބައްޕައަށް ފެނުނީ ރޫހާނީ ހައިޖާނެއްގަ ބަނދެވިފަ ހުރި އަންހެން ކުއްޖެއް. މާތްﷲ އެކުއްޖާއަށް އެހީތެރިވެވޮޑިގަންނަވާށި!”

ކާރު ދުއްވައިލަމުން އިދްރީސް އަށް ފުންނޭވައެއް ދޫކޮށްލެވުނީ އޭނާގެ ބައްޕަގެ ވާހަކައިގައި ހުރި ސީރިއަސްކަން ހިތަށް ވަނުމުންނެވެ.

ޗެޕްޓަރ 03 – ސިނގު ރުޅި

ޝާއިލްގެ ބޮސް އޭނާގެ އަތަށް މި ސިޓީއެއް ދޭން ޖެހުނީ ކީއްވެގެންކަމެއް އޭނާއަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. ކައިވެންޏަށް ތިން މަސްވީފަހުން، އޮފީހުގެ ބޮޑުމީހާގެ ފަރާތުން އޭނާއަށް ލިބުނު ހަދިޔާއަކީ މިއީއެވެ. ވަޒީފާއިން ކަނޑައިލިކަމުގެ ސިޓީއެވެ. ވަޒީފާއިން ކަނޑާލަން ޖެހޭ އެއްވެސް ސަބަބެއްވެސް ނެތެވެ. ހަމަގައިމުވެސް ސިޓީގައި އޮތީކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ސަބަބެއް ނުވަތަ އުޒުރެއް ނޫނެވެ. ހަމައެކަނި ލިޔެލާފައިވަނީ އެ ކުންފުންޏަށް ފެންނަގޮތުގައި ޝާއިލް އަކީ އެކުންފުންޏަށް މިވަގުތަށް ބޭނުންހިފޭނެ ކަމަށް ކުންފުނީގެ ބޯޑަށް ފެންނަ މީހަކަށް ނުވާތީ …… މިހެންނެވެ. ބޯޑު މެންބަރުންނަށް ފެންނަގޮތުން ޝާއިލް އަކީ ‘ބޭނުމެއް ހިފޭނެ’ މީހެއް ނޫނެވެ.

އަމިއްލަ ނޭވާއަށް ވެސް އަޑުނީވޭނެ ފަދައިން ޝާއިލްގެ ހިތުތެރެއިން ކުންފުނީގެ ބޯޑު މެންބަރުންނަށް ކުދިކިޔަމުން ދަނިކޮށް ހަތަރު އަނގޮޅިން މައި މަގަށް ނިކުތް ބަހެއްގައި ނުޖެހުނީވެސް ހަމަކިރިޔާ އެވެ. ޝާއިލްގެ އޮފީސް ހުންނަނީ ހުޅުމާލޭގަ އެވެ. ޝާއިލް އޮފީހުން ނިކުމެގެން މައިމަގުން ހިނގަމުން ދިޔައީ ފެރީ ގިމަތައާއި ދިމާއަށް ދިއުމަށެވެ. ކުންފުނިން ވަކިކުރުމުން މިއަދު ފެރީ ގިމަތައާއި ދިމާއަށް ދާންޖެހުނީވެސް ފައިމަގުގައެވެ. ކުންފުނިން ސައިކަލެއް ދީފައި ހުންނާތީ ޝާއިލްގެ އަމިއްލަ ސައިކަލް ހުޅުމާލެއަށް ނުގެންނަނީ އެހެންވެގެންނެވެ. އެމްޓީސީސީ ބަސް ޑްރައިވަރުންނަށް ވެސް ޝާއިލްގެ ހިތުތެރެއިން ކުދިކިޔަން ފެށުނެވެ. އެމީހުންވެސް މާބޮޑަށް ފަރުވާކުޑައީ އޭ ހިތާހިތުން ކިޔައިލެވުނެވެ. އެ ކުންފުނިން އެހައި ރަނގަޅަށް ޑްރައިވަރުން ތަމްރީނު ނުކޮށް މަގުމައްޗަށް ދޫކޮށްލަނީއޭ ހިތަށްއެރި އެވެ. އޭގެތެރެއިން ގިނަ ޑްރައިވަރުން ހަފުތާއެއް ވާންދެން މާބޮޑު ތަޖުރިބާއެއް ނެތް ޑްރައިވަރުން ދުއްވަމުންދާއިރު ކައިރީގައި އިށީންދެލައިގެން ތިބުމަށްފަހު ޖެހިގެން އަންނަ ހަފުތާގައި ޑްރައިވަރު ސީޓުގައި އިށީންނަނީއޭ ހިތަށް އަރަމުން ދިޔައެވެ. އަދި އެއަށްފަހު ހުޅުމާލޭގެ ބިޔަ މަގުތަކަށް ބީރައްޓެހި ޑްރައިވަރުން ނިކުމެ ދުއްވަން ފަށަނީ އެވެ. އަނެއްކޮޅުން ޤާނޫނާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހުންވެސް މިޒަމާނުގައި މަދީއޭ ހިތަށް އެރިއެވެ.

ހުޅުމާލޭ ފެރީ ގިމަތައިން ނިކުމެގެން ޝާއިލްގެ މިސްރާބުޖެހީ ގެއާދިމާއަށެވެ. ގެ ހުންނަ ގޯޅިއަށް އެޅުމާއިއެކު ހާސްވެ ފިނިވުމުގެ ހީރޯޅިއެއް ގަޔަށް އެޅިގެންދިޔަކަން ޝާއިލް އަށް އިހްސާސް ކުރެވުނެވެ. ވަޒީފާއިން ކަނޑާލި ޚަބަރު މަޢުރީން އަށް ދޭނެ ގޮތެއް އޭނާއަށް ކުޑަކޮށްވެސް ނުވިސްނުނެވެ. މަޢުރީން އޭނާއާމެދު ދެން ދެކޭނީވެސް ކިހިނެއް ހެއްޔެވެ؟ ވަޒީފާ އެއް ނެތް ފިރިއެއްގެ ގޮތުގައި ނޫން އެހެން ދެވަނަ ކޮންގޮތަކަށް ހެއްޔެވެ؟ އަނެއްކޮޅުން އޭނާގެ ބޭންކް އެކައުންޓުގައި ހާހެއްހައި ރުފިޔާވެސް މިވަގުތު ނެތްކަމީ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ ކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ. މި ހާލަތަށް އޭނާގެ ދިރިއުޅުން އަންނަން ޖެހޭނެ ސަބަބެއް ކުޑަކޮށްވެސް ވިސްނާލަން ދައްޗެވެ. މިމަހު މުސާރަ ލިބޭއިރު އެއިންވެސް ޖެހޭނީ ނަގާފައިވާ ދަރަނިތައް ދައްކައި ޚަލާޞް ކުރާށެވެ.

މިދިޔަ މަހާއި ހަމައަށް، ޝާއިލް އުޅެމުން އެ އަންނަނީ ދަރާ ބޯހިކިފައިވާ ހާލުގައެވެ. އެކި ގޮތްގޮތުން އަތުގައި ހުރި ފައިސާކޮޅު ހުސްވަމުން ދަނީ އުއްމީދުވެސް ނުކުރެވޭފަދަ ޙާލަތުތަކެއް މެދުވެރިވެގެންނެވެ. އަތުން ފައިސާ ހޭދަކުރެވޭ ނުކުރެވޭ ގޮތެއްވެސް ނޭނގޭ ހާލެއްގައެވެ.

އަނެއްކޮޅުން މިއަދު އޭނާގެ ވަޒީފާ ވެސް ގެއްލުނީއެވެ.

‘އަހަރެންގެ ލޯބި މަޢުރީންގެ ކުރިމަތީގައި އަހަރެން ފެއިލްވެއްޖެ!’ ގޭގެ ދޮރާށިން ވަދެގެން އެތެރެއަށް އެޅި ފިޔަވަޅާއި އެކު ޝާއިލްގެ ހިތަށް އެރިއެވެ

ލިބުނު ޚަބަރުން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއްވެސް މަޢުރީން އަކަށް ނޭނގުނެވެ. އަލަތު ކައިވެންޏަށް ދެމަސް ތެރޭގައި ބަލިވެއިނުމަކީ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އުފާވެރިކަން ދޯއެވެ؟

އެހެންވީއިރު މަޢުރީން އަށް އެފަދަ އިޙްސާސެއް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ދެރަވާން ނުވަތަ އުވާފާންވެސް ނޭނގެންވީ ކީއްވެގެން ހެއްޔެވެ؟

***~~~***

މިއަދު ހޮސްޕިޓަލަށް ނިކުތްތަނުންވެސް ކަންތައްތައް ރަނގަޅު ނޫންކަން އޭނާއަށް އެނގުނެވެ. ދެފަހަރެއްގެ މަތިން އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. ވޯޑުތަކަށް ޑޮކްޓަރުންނާއެކު ރައުންޑަށް ހިނގިހިނގުމުގައި އަނބުރައިގަނެގެން ނުވެއްޓި ހުރެވުނީ ވަރަށް ވަރުން ކެތްކޮށްގެންނެވެ. ޕްރެގްނެންސީ ޓެސްޓެއް ހެދުމަށް ޚިޔާލު ދިނީ އެކުވެރި މަރީ އެވެ.

“ދެން ދައްކާ ވާހަކަ ދޯ. އަހަރެން ޕްރެގެއް ނޫނޭ.” މަޢުރީން ޖަވާބުދިނީ ޔަޤީންކަމާ އެކުގައެވެ.

ނަމަވެސް މަރީ ވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. “އެކަމް މެރީކުރިތާ މިހާރު ތްރީ މަންތުސް ވީއެއްނު؟ އެހެންވީމަ ހަމަ މަޢު އަށް ނޭނގިވެސް ޕްރެގް ވެދާނެދޯ؟”

މަރިޔަމް ގެ އާދޭހަށް މަޢުރީން ދެކޮޅުހަދަމުން ދަނިކޮށް ޕްރެގްނެންސީ ޓެސްޓް ކިޓެއް ދީފައި ފާޚާނާއަށް ވެއްދީ އެވެ. ޓެސްޓް ކިޓްގެ އިންޑިކޭޓަރުން ދައްކާފައިިވާ ދެ ރަތް ރޮނގަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިގޮތަކަށެވެ. ދެ ރަތްރޮނގު ފެނުމުން އުފާކުރަން ޖެހުނަސް މަޢުރީން އުފަލެއް ނުވިއެވެ. ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ބުނަމުން ދިޔައީ ބަލިވެއިނުމުގެ ސަބަބުން އޭނާއަށް މިހާރު ކޮންމެ ރެއަކުވެސް ލިބެމުން އަންނަ އުފާވެރިކަން ދެން ނުލިބޭނެ ކަމަށެވެ. ނުވަތަ އެކަމަށް ބުރޫ އަރާފާނެ ކަމަށެވެ.

އެހެން ހިތަށް އެރުމާއެކު މަޢުރީންގެ މޫޑު އެއްކޮށް ގޯސްވެއްޖެ އެވެ.

‘ނިކަން ހަމަޖެހިބަލަ!’ އަމިއްލަ ނަފުސަށް ވިސްނައިދޭން މަޢުރީން މަސައްކަތް ފެށިއެވެ. ‘އަހަރެން ބަލިވެ މީނީ އަހަރެންގެ ލޯބިވާ ފިރިމީހާގެ ދަރިޔަކަށް، ދަރިއަކު ލިބުމަކީ ކިހާބޮޑު އުފާވެރިކަމެއްތަ؟ އެހެންވީމަ އަހަރެން މިހުރީ އުފަލުން!’

ސިކުނޑިން ކޮންމެ ގޮތަކަށް ވިސްނައިދެމުން ދިޔަޔަސް އެ ވިސްނުންތައް ކިތަންމެ ޤަބޫލުކުރަން ބޭނުންވިޔަސް އެކަމެއް އޭނާއަކަށް ނުކުރެވުނެވެ.

‘ޝަމްހޫރިޝް!’

ވޭތިވެ ދިޔަ އެއްހަފުތާ ހޭދަވީ ޝަމްހޫރިޝް ނައިހެވެ. ‘އޭނާ އައުން ހުއްޓާލީ އަހަރެން ބަލިވެއިންކަން ކޮންމެވެސް ގޮތަކުން އެނގިގެން ނޫންބާވައެވެ.؟’ މަޢުރީންގެ ހިތަށްއެރި އެވެ.

ގޭގެ ދޮރާށި ހުޅުވައިލި އަޑަށް މަޢުރީން އަށް ޚިޔާލީ ދުނިޔެއިން ނިކުމެވިއްޖެ އެވެ. އަވަސް އަވަހަށް ގޭގެ ދޮރުހުޅުމަށް ހިނގައިގަތެވެ. މޫނުމައްޗަށް އުފާވެރިކަން ގަދަކަމުން ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ. ކިތަންމެ ބުންޏަސް އޭނާ ފިރިމީހާ އަށް ދޭން އޮތީވެސް އުފާވެރި ޚަބަރެކެވެ.

‘އަހަރެން މިހުރީ އުފަލުން، އަހަރެން މިހުރީ އުފަލުން، އަހަރެން މިހުރީ އުފަލުން…’ އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔަމުން ގޮސް ދޮރުހުޅުވައިލި އެވެ. ފިރިމީހާ އަށް މަރުޙަބާ ކިޔުމަށެވެ. ފޭކް ހިނިތުންވުމަކައިގެންނެވެ.

މަޢުރީންގެ މޫނަށް ވެރިވެފައިވާ އުފާވެރި ފޭކް ހިނިތުންވުން ޝާއިލް އަށް ފާހަގަ ނުކުރެވުނު ކަހަލަ އެވެ. އޮފީހުން އައިއިރު މޫޑު ގޯސްވެފައި ހުރުމުން ކަމަށްވެސް ވެދާނެ އެވެ. ނޫނީ މަޢުރީންގެ ހިނިތުންވުމަކީ ފޭކް ހިނިތުންވުމެއް ކަން އޭނާއަށް އެނގުނީ ކަމަށްވެސް ވެދާނެ އެވެ.

“ލޯބީ ކިހިނެއްތަ ދުވަސް ހޭދަވީ؟” އާދައިގެ މަތިން މަޢުރީން ކުރާ ސުވާލު މިއަދުވެސް ކޮށްލި އެވެ. ޝާއިލްއަށް އިހްސާސް ކުރެވެމުން ދިޔައީ އޭނާގެ ހަށިގަނޑު ތެރެ ކުދިކުދިވަމުންދާ ކަހަލަ އިހުސާސެކެވެ. ދުވަސް ހޭދަވިގޮތް އޭނާ ބުނެދޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެ ސުވާލަށް މަޢުރީން ބޭނުންވާ ޖަވާބުދޭނަމަ ޝާއިލް އަށް ޖެހޭނީ ދޮގެއް ހަދާށެވެ. އެކަށީގެންވާ ޖަވާބެއް ދުލަށް ގެނައުމުގެ ކުރިން އެ ދުލުން ޙަޤީޤަތް ހާމަކޮށްދިނީ ޝާއިލްގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.

“މިއަދު އަހަރެން ޖޮބުން ކަނޑާލައިފި!”

އެ ޖަވާބަކީ މަޢުރީން އިންތިޒާރުކުރި ޖަވާބެއް ނޫނެވެ. މަޢުރީން އަށް ހީވީ މޫނުމަތީގައި ހޫނު އެތިފަހަރެއް މީހަކު ޖެހިހެންނެވެ. ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރު ލިބުނު ދުވަހު ފިރިމީހާގެ ވަޒީފާ ދިޔައީ އެވެ. މަޑުމަޑުން ގޮސް ޝާއިލް ކައިރީގައި މަޢުރީން އިށީންދެއްޖެ އެވެ.

“ލޯބީ ކީއްކޮށްގެން ޖޮބުން ވަކިކުރީ؟” މަޑުމަޑުން މަޢުރީން އަހައިލި އެވެ. ހެނދުނުން ފެށިގެން ޝާއިލް ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައީ އެވަގުތު އެވެ.

“އަހަރެން ކުރީ ކީއްހޭ؟ ތީ ކޮންކަހަލަ ގަޅި ސުވާލެއް މަށާ ތިކުރީ؟!”

“އަހަރެން ހަމައެކަނި….” މަޢުރީން ޖަވާބުދޭން ފެށިއެވެ. ނަމަވެސް ޝާއިލް އަނެއްކާވެސް ވާހަކަދައްކަން ފެށުމުން މަޢުރީންގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓައިލި އެވެ.

“އަހަރެން އެ ކުންފުނިގަނޑަށްޓަކައި ކިހައި ބުރަކޮށް މަސައްކަތް ކޮށްދިނީ؟ އަހަންނަށް ޕްރޮމޯޝަން އެއް ލިބެން ޖެހޭއިރު އޭގެ ބަދަލުގަ ޖޮބުންނޭ އެ ކަނޑައި އެއްލާލީ! އެވަރުންވެސް ކަލޭ މިތާ އިނދެގެން ތި އަހަނީ އަހަރެން ކުރީ ކީއްހޭތަ؟ ހާދަ ހެއްވައޭދޯ!”

ޝާއިލްގެ ރުޅިގަނޑު މަޢުރީން އަށް ބާލަންޖެހޭ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ޝާއިލްގެ ހަރުކަށި މިޒާޖު ފުރަތަމަ ފަހަރަށް ފެނިފައި މަޢުރީން އިނީ ބިރުގެންފައެވެ. އެހާމެ ބޮޑަށް ދެރަވެސް ވެފައެވެ. ވީ ދެރައިން ސޯފާއިން ތެދުވެގެން ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. ހިނގައިގަތުމާއެކު އޭނާ ހުއްޓެމުން ޝާއިލް އާއި ދިމާއަށް އެނބުރުނެވެ.

“ޖޮބުން ކަނޑާލީމަ އަހަރެން ވެސް ވަރަށް ދެރަވެއްޖެ. ދެން އަހަރެން ވެސް އެބައޮތް ޚަބަރެއް ދޭންވެފަ. އަހަރެން ޕްރެގް.”

މަޢުރީން ދޭން ބޭނުންވި މެސެޖު ދިނުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން ކޮޓަރީ ދޮރާއި ދިމާއަށް ބަލަން ސޯފާގައި ޝާއިލް އަށް އިނދެވުނީ އެވެ.

ޗެޕްޓަރ 04 – ކުރިމަތިލުން

ކުއްލިއަކަށް މަޢުރީން އަށް ހޭލެވިއްޖެ އެވެ. ކޮޓަރި ތެރެއަށް ވެރިވެފައި އޮތީ ނާމާން ކަމެވެ. އޭނާއާއި ޖެހިގެން އޮތް ޝާއިލް ބާރަށް ގުގުރިދަމާ އަޑު ހަމަ ރަނގަޅަށް އިވެމުންދެއެވެ. ޝާއިލް އޮތް ފަރާތަށް މަޢުރީން ބަލައިލިއެވެ. ފެނުނު މަންޒަރުން ހީވީ އޭނާގެ މޭގަނޑު އަނގަޔަށް އައިހެންނެވެ. އަނގަމަތީގައި ބާރަށް އަތްއެޅުނީ ގަންފައިވާ ބިރެއްގެ ބޮޑުކަމުންނެވެ. ބޭއިޚްތިޔާރުގައި އޭނާގެ އަނގައިން ނިކުންނަން ތައްޔާރުވި ހަޅޭކުގެ އަޑު ހުއްޓުވުމަށެވެ.

ޝާއިލްގެ މެޔަށް ހުރީ ވަޅިއެއް ކޮއްޕާލާފައެވެ!

ސީދާ މެޔަށް ވަޅި ހަރާލާފައި ހުރީ އަޖައިބު ގޮތަކަށެވެ. ވަޅީގެ މިޔަ ކައިރިން އަދި ޝާއިލްގެ މޭމަތީގައި ނުވަތަ އެނދުގައި އެއްމެ ލޭތިއްކެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އަނެއްކޮޅުން ޝާއިލް ގުގުރިދަމަމުން ދިޔައީ އާދައިގެ ގޮތަކަށް ނިދާފައި އޮވެ ގުގުރިދަމާހެންނެވެ.

ޝާއިލް ގެ މެޔަށް ހަރާލާފައި ހުރި ވަޅި ނެގުމަށް ޝާއިލް އާއި ކައިރިއަށް ޖެހުމަށް މަޢުރީން ހަރަކާތްކޮށްލި ވަގުތު އޭނާގެ ފުރަގަހުން މީހެއްގެ އަޑު އިވިއްޖެ އެވެ.

” އަސްލުގަ މަޢުރީން އަކީ އަހަރެންގެ މީހެއް!”

ހިނދުކޮޅަކަށް ނަމަވެސް މަޢުރީން ގަނޑުވި ކަހަލައެވެ. އެ އިވުނު އަޑު ހަމަ ރަނގަޅަށް ވެސް އޭނާ އަށް ފާހަގަކުރެވިއްޖެ އެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރީ އެހެން ދެވަނަ މީހެއް ނޫނެވެ. ޝަމްހޫރިޝް އެވެ. ކަޅު ހިޔަންޏެއް ފަދައިންނެވެ. ބިރުވެރި އެހެނަސް ފިރިހެން ވަންތަކަމާއި ސަމައްތަރުހެޔޮކަމުގެ ލާމަސީލު ނަމޫނާއެއް ފަދަ ޝަމްހޫރިޝް އެވެ. އޭނާގެ ކަޅު އަނދިރި ކުލައިގެ ދެލޮލުން ނުރައްކާތެރިކަމުގެ ވިދުވަރެއް ފެންނަން ހުރިއިރު، އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެން ފާރުގައި ލެނގިލައިގެންނެވެ. ފާރުގައި ކޮނޑު ވިދެލައިގެންނެވެ. ހީވަނީ އެންމެ ފެޝަން މޮޑެލް އެއް މޮޑެލް ޕޯސްއެއްގައި ހުއްޓިލައިގެން ހުރިހެންނެވެ.

“ކަލޭ ކޮން ކަމެއް ނުވެގެންތަ ތިއުޅެނީ؟” ވަރަށް އުނދަގުލުން މަޢުރީން އަށް އަހައިލެވުނެވެ. ޝަމްހޫރިޝް އަނގައިންވެސް ނުބުނެ ހެވިފައި ހުރީ އެވެ.

“އަހަރެންގެ ފިރިމީހާ މެޔަށް ވަޅި ހެރީ ކަލޭތަ؟” ރުޅިވެރިކަމާއެކު މަޢުރީން ސުވާލުކުރި އެވެ.

ޝަމްހޫރިޝް އަނގައިންވެސް ނުބުނެ މަޢުރީން އާއި ދިމާއަށް ހިނގައިގަތެވެ. މަޢުރީން އަށް ހީވީ ހަށިގަނޑު ވާ ވިހެންނެވެ. ބިރުން މަޑުމަޑުން ފަހަތަށް ވެސް ޖެހިލެވުނެވެ. ރަސްކަލެއް ހިންގަވާފައި ވަޑައިގަންނަވާފަދަ ހައިބަވެތި ގޮތަކަށް ޝަމްހޫރިޝްގެ ފިޔަވަޅުތައް އަޅަމުން ދިޔައެވެ. މަޢުރީން ކައިރިއަށް ގޮސް މަޑުކޮށްލަމުން ތަޅުންމަތީގައި ދެކަކޫ ޖައްސަމުން މަޢުރީންގެ ކުރިމަތީގައި އިށީންދެއްޖެ އެވެ. އޭނާގެ ދެ އަތުން މަޢުރީންގެ މޫނުގައި ވަރަށް ލޯބިން ހިފަމުން މަޢުރީންގެ ލޮލަށް ބަލަން ފެށިއެވެ. އެވަގުތު މަޢުރީންއަށް ހީވީ ކަރަންޓް ޝޮކެއް ލިބުނުހެންނެވެ. އެދުންވެރިކަމުގެ ޖަޒުބާތީ އިޙްސާސް އެވަގުތު މުޅި ހަށިގަނޑަށް ވެރިވެގެން ދިޔައީ ވަގުތުން ވަގުތަށް ޝަމްހޫރިޝްގެ ހޫނު ނޭވާއާއި މަޢުރީންގެ ހޫނު ނޭވާ ގުޅިލާމެހުމަށް އެދެވެމުންނެވެ. މަޢުރީންގެ ނަފުސު އޮޔާބެހިގެން ދިޔައީ ދެން އަތުނުޖެހޭނެޔޭ ހީވާހާ އަވަހަށެވެ.

ނަމަވެސް، މަޢުރީން އަށް ހޭވެރިކަން ވީ ޝާއިލްގެ ގުގުރިދެމުމުގެ އަޑު އަނެއްކާވެސް އިވެން ފެށުމުންނެވެ.

“އަހަރެންގެ ފިރިމީހާ، ޝާއިލް…… އަހަރެން…. އަހަރެން ބަނޑުބޮޑު……” ތަސްބީހައެއް ކިޔާހެން މަޢުރީންއަށް ކިޔަން ފެށުނެވެ.

ޝަމްހޫރިޝް ފުން ނޭވައެއް ދޫކޮށްލިއެވެ.

“މީނދަ އަންހެނާ، އަހަރެން މީއޭ ކަލޭގެ ފިރިއަކީ، ކަލޭ ކައިރީގަ ތިއޮތް އެތިގަނޑެއް ނޫނޭ.” މަޢުރީންގެ ކަންފަތާއި ކައިރިއަށް ޖެހިލަމުން ކަންފަތްދޮށުގައި ރުޅިވެރި ބަރު އަޑަކުން ޝަމްހޫރިޝް ބުންޏެވެ.

“އަހަރެން އެނބުރި އަންނާނަން.”

މަޢުރީންގެ ހޭވެރިކަން މަޑުމަޑުން ނެތެމުން ދާންފެށީ ޝަމްހޫރިޝްގެ ހޫނު ތުންފަތުގެ ފޮނިމީރުކަން އޭނާގެ ތުންފަތަށް އިޙްސާސް ކުރެވެން ފެށުމުންނެވެ.

***~~~***

ލެޕްޓޮޕުން އެއްޗެއް ލިޔަމުންދިޔައިރު ޝާއިލް އަމިއްލަ ހިތުން ސިފަކުރަމުން ދިޔައީ އޭނާ އޮފީހުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އުޅެއުޅެވެސް އޮފީސް މާހައުލުމަތިން ޚިޔާލުކުރެވުން އެއްފަރާތް ކޮށްނުލެވިގެން ޝާއިލް ހަނާވަނީ އެވެ.

‘އަހަންނަކީ މިއަދު ޖޮބެއް ނެތް މީހެއް. އަނެއްކޮޅުން ވައިފް ޕްރެގް.’

ޝާއިލްގެ ހިތަށް އެކިކަހަލަ ޚިޔާލުތައް އަރައި ފައިބަމުން ދިޔައިރު އިނދެވުނީ ހަދާނެގޮތް ހުސްވެފައެވެ. ވަޒީފާ އަށް ނުގޮސް ގޭގައި އިންނަން ޖެހުމުން ހީވަނީ މުޅިން އެހެން ގޮތެއް ހެންނެވެ. މަޢުރީން ހޮސްޕިޓަލަށް ވަޒީފާއަށް ދިއުމަށް ތައްޔާރުވަމުން ދިޔަތަން ބަލަން އިންއިރު ޝާއިލް މިއަދު ދާނެ ތަނެއް ނެތެވެ. ފަނޑުފަނޑުކޮށް މޭކަޕް ކޮށްލުމަށްފަހު މަޢުރީން ޝޯލް އެޅިއެވެ. އެ މަންޒަރު ބަލަން އިންއިރު ޝާއިލްގެ ހިތުތެރޭގައި ހަސަދައާއި ރުޅިވެރިކަން ކެކި އަރަމުން ދިޔައީ ކީއްވެގެން ކަން ޚުދު އޭނާއަށްވެސް ނޭނގެއެވެ.

‘އަހަރެންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހުނުއިރު މީނަ ކީއްވެގެންތަ ނޯރމަލްކޮށް މިހުންނަނީ؟ ވަޒީފާ ގެއްލިއްޖެ! ދަރަނިން ބޯ ނުހިކޭވަރު ވެފަ! އަދި ނުވީތާކަށް އިންޑިޔާގަ ކިޔަވަން ހުންނަ އަހަރެންގެ ކޮއްކޮ ވެސް ލާރިފޮނުވަން އަންގައިފި! އަހަރެންގެ ބައްޕަމެން ވެސް އުޅެނީ ދެކޮޅު ނުޖެއްސިގެން. އަހަރެން ވަޒީފާއިން ކަނޑާލިކަންވެސް އަދި އެމީހުންނަށް ނޭނގޭނެ.’ ޝާއިލްގެ ހިތުތެރޭގައި ހާސަރުތައް އެނބުރެންފެށީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ.

‘މަޢުރީން ވެސް ދެން އަހަރެން ދެކެ ފޫހިވާންކަން ނޭނގެ ފަށާނީ.’ ޚިޔާލުގެ ކަނޑަށް ޝާއިލް ޣަރަޤުވެފައި އިންދާ އޭނާގެ ކޮލަށް މަޢުރީން ދޮނެއް ދީފައި ނިކުމެގެން ހިނގައްޖެ އެވެ.

‘އަހަރެން ޖޮބެއް ނެތީމަ މަޢުރީން ހޮސްޕިޓަލުން ސަޅި ޑޮކްޓަރަކާ އެފެއަރ އަކަށް ނުދާނެބާ؟’

ވަސްވާހުގެ އެކި ޚިޔާލުތައް ސިކުނޑިތެރޭގައި ފުނިޖެހެމުން ދިޔަވަރަކަށް ޝާއިލްގެ ރުޅި ހައްތަހާ ދިޔައީ ގަދަވަމުންނެވެ. އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ‘ހަމަޖެހުމަށް’ ނަސޭހަތްދެމުން ދިޔަނަމަވެސް މެއެވެ.

‘އެހެން ޖޮބަކަށް އެޕްލައި ކޮށްބަލަ!’ ޝާއިލް ގެ ސިކުނޑީގެ ރަނގަޅު ހިސާބުން އައީ ކިތަންމެ ރަނގަޅު މެސެޖެއް ނަމަވެސް ޝާއިލްގެ ރުޅިގަނޑު ހުރީ ހައްދުންނައްޓާފައެވެ. އޭނާއަށް އިޙްސާސްކުރެވެމުން ދިޔައީ މުޅި ދުނިޔެވެސް އޭނާއާ ދެކޮޅުވީ ހެންނެވެ. ސިނގުރުޅީގައި ކޮޅަށްތެދުވެއްޖެ އެވެ. ކުއްލިއަކަށް އިވުނީ ތަޅުން މައްޗަށް ކޮންމެވެސް އެއްޗެއް ވެއްޓި ޖެހުނު އަޑެވެ.

ދެލޮލަށް ޖަމާވެފައިވާ ކަރުނަތަކާއެކު، ހަލާކުވެފައިވާ އޭނާގެ ލެޕްޓޮޕަށް ބަލައިލެވުނެވެ. އެވަގުތު ޝާއިލްގެ ދުލަށް އައީ ހަމަ އެންމެ ލަފުޒެކެވެ.

“މަޢުރީން!”

ގޭތެރޭގެ ކޮންމެވެސް ހިސާބަކުން އަނދިރީގެ ތެރެއިން ފިރިހެނެއްގެ ނުލަފާ ހިނިގަނޑެއްގެ އަޑު އެވަގުތު އިވިގެން ދިޔައެވެ. ޝާއިލް އަށް އެއަޑު އިވޭވަރަށް ވުރެން އޭނާގެ ހާލަތު ގޯހެވެ.

***~~~***

މިއަދަކީ އަނެއްކާވެސް އިދުރީސް އޭނާގެ ބައްޕަ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ދުވަހެކެވެ. އިދުރީސް ބޭނުންނަމަ އޭނާގެ ބައްޕަ ޑޮކްޓަރަށް ދައްކައިލުމަށް މިއަދު އޭނާގެ ކޮއްކޮއެއްވެސް ފޮނުވެން އޮތެވެ. އެހެން ނަމަވެސް އޭނާ ބޭނުންވީ ކުރިން ދުވަހު ދިމާވި އަންހެން ޑޮކްޓަރު ދެކިލާށެވެ. މަޢުރީން ދެކިލާށެވެ. އެ އަންހެން ކުއްޖާގެ ކިބައިގައި ހުރި ކޮންމެވެސް ކަމެއްގެ ސަބަބުން އިދުރީސް ގެ ހަވަނަ ހިއްސު ހޭލައިފި އެވެ.

‘މަޑުކޮށްބަލަ، ކޮންކަމަކާ ކަލޭ ތި ވިސްނަނީ؟ އެއީ ކަލޭ ރަނގަޅަށް ނުވެސް ދަންނަ އަންހެން ކުއްޖެއްނު؟ އެހެން ނޫނަސް ކަލޭގެ ބައްޕަ އޮތީ ބުނެ އިންޒާރުދީފައެއްނު އެއީ ކޮންމެވެސް ނުރައްކަލެއްގެ ތެރޭގައި އުޅެމުން އަންނަ ކުއްޖެކޭ، ދެން ކޮންމެހެން ކީއްކުރަން އޭނަ ދެކޭހިތުން ތިއުޅެނީކީ؟’ އިދުރީހުގެ ހިތުގެ އެދުމާއި ދެކޮޅަށް އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ.

އެމީހުން ތިބީ ޑޮކްޓަރަށް ދައްކާ ކޮޓަރީގައެވެ. އިދުރީހުގެ ބައްޕަ ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ޑޮކްޓަރު ކިޔައިދެމުން ދިޔައިރު އެއިން އެކައްޗެއްވެސް އިދުރީހަކަށް ނަގައެއް ނުގަނެވެއެވެ. އޭނާގެ ބައްޕަ އެ ވާހަކަތައް ކަނުލައި އަހަން އިންނާނެ ކަމަށް އުއްމީދުގައި އިން އިދުރީހުގެ ވިސްނުމުގެ ވާފަށް ހުރީ އެހެން ހިސާބެއްގައެވެ.

އެމީހުންތިބި ކޮޓަރީގެ ބޭރުން ކިރިޔާ އަޑެއް އިވިލާއިރަށްވެސް އިދުރީސް އުއްމީދުކުރަމުން ދިޔައީ އެ އަޑަކީ އެތަނަށް އެ އަންހެން ޑޮކްޓަރު އަންނަ އަޑު ކަމުގައެވެ. އޭނާގެ ބައްޕަ ބެލުމަށް ހަމަޖެހިފައިވާ ޑޮކްޓަރަކީ ވެސް އެ ޑޮކްޓަރު ކަމަށްވީއިރު މިއަދު އޭނާ މިތާނގައި ނެތީ ކީއްވެގެން ހެއްޔެވެ؟

ޑޮކްޓަރަށް ދައްކައި ނިމިގެން ބައްޕަ ގޮވައިގެން ގޮސް ކާރަށް އެރުވިއެވެ. ބައްޕަ ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔަހެން އިދުރީހަށް ހީވިނަމަވެސް އެއަޑަށް އިދުރީހުގެ ސަމާލުކަމެއް ނެތެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ހޮސްޕިޓަލު ދޮރުމަތީގައި އެހެން ޑޮކްޓަރަކާއި ވާހަކަދައްކަން ހުރި އެ އަންހެން ޑޮކްޓަރަށެވެ. ޑޮކްޓަރ މަޢުރީން އަށެވެ. ކާރުގެ ދޮރުވެސް ލައްޕައިނުލައި އޭނާއަށް ފާޑަކަށް ދުއްވައިގަނެވުނީ މަޢުރީން މެންނާއި ދިމާއަށެވެ.

މަޢުރީން އާއި ދިމާއަށް އިދުރީސް މިސްރާބުޖެހި ވަގުތު އިއްތިފާޤުން މަޢުރީން އަށް އެދިމާއަށް ބަލައިލެވިއްޖެ އެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާއާއި މަރިޔަމް އާއި ދެމީހުންނާ ދިމާއަށް މިސްރާބުޖަހާފައި ހުރީ ފިރިހެނެކެވެ. ބަލާބެލުމަށް ދަންނަ މީހެއް ހެން ހީވިޔަސް އެއީ ކާކުކަމެއް އޭނާއަކަށް ޔަޤީނެއް ނުވިއެވެ. އެމީހާގެ މޫނުން ފެންނަމުންދާ ކުލަވަރުން ކޮންމެވެސް އިމަޖެންސީއެއް ކުރިމަތިވެގެން އަންނަނީކަމަށްވެސް ވެދާނެޔޭ މަޢުރީންގެ ހިތަށްއެރި އެވެ. އެމީހުންނާއި ދާދި ކައިރިއަށް އެމީހާއަށް އާދެވުނުއިރު މަރިޔަމް ވެސް ދައްކަމުންދިޔަ ވާހަކަ މެދުކަނޑައިލި އެވެ. އެމީހާ އާއި ދިމާއަށް ދެމީހުންނަށް ބަލަން ފެށުނީ އެމީހާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމަށް އިންތިޒާރުގައި ތިބިކަން ދައްކަމުންނެވެ.

“އައްސަލާމު ޢަލައިކުމް ދެ ޑޮކްޓަރުންނަށްވެސް. ސޮރީ މިހެން ކުއްލިއަކަށް ތި ދެބޭފުޅުންނަށް އުނދަގޫ ކުރެވޭތީ.” ސަލާމް ގޮވައިލަމުން އިދުރީސް ބުންޏެވެ.

“އަޅުގަނޑަކީ އިދުރީސް. އަޅުގަނޑު އެބަ ބޭނުންވޭ ތިބޭފުޅާއާ ވާހަކަ ދައްކައިލުމަށް.” މަޢުރީން އާއި ދިމާއަށް ނަޒަރު ހުއްޓާއިލަމުން އިދުރީސް ބުންޏެވެ.

“އޯހް، އަޅުގަނޑު ހަނދާން ވެއްޖެ ތިބޭފުޅާ،” ވަރަށް ގާތް ގޮތަކަށް މަޢުރީން ބުންޏެވެ. “އަޅުގަނޑުގެ ޕޭޝަންޓް ހަސަންބެ އެއީ ތިބޭފުޅާގެ ބައްޕަ ދޮގެއްތޯ؟”

“ތިޔަ ހީފުޅުވެލެއްވީ ރަނގަޅަށް.” އަވަސް އަވަހަށް އިދުރީސް ވެސް ޖަވާބުދިނެވެ. “ޑޮކްޓަރގެ ނަންބަރު ދެވިދާނެތޯ؟” އިދުރީސް އިތުރަށް ބުންޏެވެ.

“އޯ- ކޭ….” އަކުރުތަކަށް ދަމައިލަމުން މަޢުރީން ބުންޏެވެ. “ބައްޕަގެ ހާލު މިހާރު ރަނގަޅު ކަމަށް އުއްމީދުކުރަން.”

“ހާލު ރަނގަޅު،” އިދުރީސް ބުންޏެވެ. “އަޅުގަނޑު ބޭނުންވަނީ ކަމެއް ޑިސްކަސް ކޮށްލަން ޑޮކްޓަރާ، ޑޮކްޓަރ ބިޒީ ނޫން ވަގުތެއްގަ.”

“އަޅުގަނޑުގެ ނަންބަރަކީ – – 9958 ” މަޢުރީންގެ ނަންބަރު އިދުރީސް ފޯނަށް ސޭވްކޮށްލިތަން ބަލަން މަޢުރީން އަށް ހުރެވުނީ ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއްގެ ތެރޭގައެވެ.

“ޑޮކްޓަރ ފްރީ ގަޑިއެއް ބަލައިލަން ގުޅާނަން، ގުޅާފަ ވާހަކަ ދެއްކާނަން.” ނަންބަރު ލިބުމުން އިދުރީސް ބުންޏެވެ. ޖީބަށް ފޯނު ލަމުން ކާރާއި ދިމާއަށް ހިނގައިގަތެވެ.

***~~~***

ގޭގެ ދޮރާށި ހުޅުވައިލި އަޑު ޝާއިލްއަށް އިވުމާއެކު އެއީ މަޢުރީން ކަން އެނގިއްޖެ އެވެ. އެވަގުތު ޝާއިލްގެ ގަޔަށް ފާޑެއްގެ ހީރޯޅިއެއް އަރައިގެން ހިނގައްޖެއެވެ. ރުޅިވެރިކަމު ދިލަ ހޫނެއް އެ ހީރޯޅިން އިޙްސާސް ކުރެވުނެވެ.

ވަރަށް އާދައިގެ ހިނގުމެއްގައި މަޢުރީން ގޮސް ގޭގެ ދޮރުހުޅުވައިލުމަށްފަހު ސިޓިންގރޫމްގައި އިން ޝާއިލް ގާތަށް ދިއުމަށް އަވަސްވެގަތެވެ. އާދައިގެން މަތިން ޝާއިލް ފެންނައިރަށް މަޢުރީން ބޭނުންވަނީ ޝާއިލް ވެސް އެންމެ ހިތްއެދޭގޮތަށް މަޢުރީންގެ ތުންފަތުގެ ހޫނުކަމުން ޝާއިލްގެ ތުންފަތަށް މަރުޙަބާ ކިޔާށެވެ. ޝާއިލް އަށް ދޮނެއްދިނުމަށްޓަކައި ޝާއިލް އާއި ގާތަށް މަޢުރީން ކައިރިވެލުމާއިއެކު ހަޑިއެއްޗެއް ފެނިގެން ފަހަތަށް ޖެހިލާގޮތަށް ޝާއިލް އަށް ފަހަތަށް ޖެހިލެވިއްޖެ އެވެ.

‘މިއީ ދެން ކިހާބޮޑު ބަލާއެއް. ކަމެއް ވެގެން އުޅެޔޭވެސް މީނަޔަށް ހީނުވަނީތަ އައިސް ތަތްވެގަންނަން މިއުޅެނީ؟’ މަޢުރީންގެ މޫނަށް ބަލައިލަންވެސް ޝާއިލްގެ ހިތްނޭދޭ ހާލު އޭނާގެ ހިތުން ކުދިކިޔެން ފެށުނެވެ.

***~~~***

އިޝާ ނަމާދަށް ބަންގި ގޮވަންފެށި އަޑާއެކު ޝާއިލް އަށް ހޭވެރިކަން ވެއްޖެ އެވެ. މުޅި ދުވަސް އެ ހޭދަކޮށްލެވުނީ އެއްވެސް ނަމާދެއް ނުކޮށޭ ހިތަށްއެރި އެވެ. މީގެކުރިން އެކަން އޭނާ ހަނދާނެއްވެސް ނެތެވެ. ހަމައިގައި ހުރެވޭ ވަރަށް ވުރެން ބޮޑަށް އޭނާއަށް މުޅި ދުވަސް ހޭދަކޮށްލެވުނީ ސިނގުރުޅިއެއްގައި ހުރެއެވެ. ރުޅި އާދެވެނީ ކީއްވެގެންކަން ޚުދު އޭނާއަށްވެސް ނޭނގޭ ކަހަލަ އެވެ. ކެއުން ފިޔަވައި އެހެން އެއްވެސް ކަމެއް ކުރަން އޭނާ ހަނދާނެއް ނެތެވެ. ޝާއިލް އަށް ހޭވެރިކަން ވެގެން ސޯފާއިން ތެދުވަން ހިތަށްއެރި ވަގުތު މަޢުރީންގެ އަޑު ކޮޓަރިން އިވުނެވެ. ނަމާދަށް ދިއުމަށް ހަނދާން ކޮށްދިނުމަށް އޭނާގެ ލޯބިވާ އަންހެނުން ގޮވައިލި އަޑެވެ. ނަމަވެސް މަޢުރީންގެ އަޑުޖެހުމާއެކު އޭނާގެ މިޒާޖު އަނެއްކާވެސް ސަކަރާތްވެއްޖެ އެވެ. ސޯފާއިން ނުތެދުވުމަށް ރަނގަޅަށް ސޯފާގައި ހަމަޖެހިލި އެވެ.

‘ކީއްކުރަން އަހަރެން ނަމާދު ކުރަންވީކީ؟ އަހަންނަށް ކޮންކަމެއް ރަނގަޅަށް މިންވަރު ކުރައްވާތީ؟’ ޝިރުކާއި ވަސްވާހުގެ ޚިޔާލުތަކުން ޝާއިލްގެ ސިކުނޑި ފުރެންފެށިއެވެ. ކައިރީގައި އޮތް ހަލާކުވެފައިވާ އޭނާގެ ލެޕްޓޮޕަށް ބަލައިލެވުމާއެކު އޭނާގެ ރުޅިވެރިކަން ފަޅައިގެން ހިނގައްޖެ އެވެ.

‘މަޢުރީން އަށް މަގޭ ލެޕްޓޮޕަށް ކަމެއްވެފަ އޮތްކަންވެސް ދަނެއެއްނުގަނެވުނު. އެހާވެސް އޭނަ އަހަންނާމެދު ސަމާލުކަން ނުދޭ.’ ޝާއިލްގެ ހިތަށް އެރިއެވެ.

ސޯފާއިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަންއިރު މަޢުރީން އިނީ މުސައްލަ މަތީގައި ނަމާދުކޮށް ނިމިގެން ޒިކުރުތަސްބީޙަ ކިޔާށެވެ.

“މިރޭ މީ ކާންވެސް ނުހަދާ ރެޔަކީތަ؟ ނޫނީ އެވަރު ކަމެއް ކޮށްދޭވަރަށް ވުރެންވެސް މޮޅު ބޭފުޅަކީތަ؟” ރުޅިވެރިކަމު އިންތިހާ ހިތިކަން ހުރި ބަސްތަކެއް މަޢުރީން އާއި ދިމާއަށް ޝާއިލް އޮއްސައިލިއެވެ.

ލިބުނު ހައިރާން ކަމާއެކު ޝާއިލް އާއި ދިމާއަށް ބަލަން މަޢުރީން އަށް އިނދެވުނީ އެވެ.

“އަހަރެން ދުޢާތައް ކިޔަން މިފެށީއޭ.” ކިޔަމަންތެރިކަމާއެކު މަޢުރީން ވާހަކަދައްކަން ފެށިއެވެ. “ދެތިން މިނެޓެއް ތެރޭގަ ނިމޭނެޔޭ. އެނގެއެއްނު ކޮންމެ ފަހަރަކު ޑެއިލީ އަޒްކާރު ކިޔަން އަހަރެން ހަނދާން ނުވާކަން. މިހެން ހަނދާންވާ ފަހަރަކުއެއްނު ކިޔައިލެވޭނީވެސް.” ހިތްގައިމު ހިނިތުންވުމެއް ދެވޭތޯ މަސައްކަތް ކުރަމުން މަޢުރީން ބުންޏެވެ.

ކިތަންމެ ރީއްޗަށް، ކިތަންމެ ހަމަޖެހޭ ވާހަކައެއް މަޢުރީން ދެއްކިޔަސް ޝާއިލް ހުރީ އެވާހަކަތައް އަޑުއިވޭ ވަރަށްވުރެން މާ މަތީގައެވެ. މަޢުރީން ދައްކާ ވާހަކައެއް ޤަބޫލު ނުކުރެވޭ ވަރަށް ވުރެންވެސް ބޮޑަށް ރުޅި އައިސްފައެވެ.

“ކޮންހާ އަނގައެއް އަރުވާކަށްތަ މީނދަ އަންހެނާ، ތެދުވޭ!… ހަމަ މިހާރު ގޮސް މަށަށް ކާން ހަދައިދީ. ތަކުރާރުކޮށް އަހަރެން މިހެން ބުނަން ނުޖައްސާތި!” އަޑުގެ ނެތްތަނަށް ޝާއިލް ފެލެން ފެށިއެވެ.

ގަތް ބިރާއި ލިބުނު ސިހުމުގައި މަޢުރީން އަށް ތެޅިގަނެވުނެވެ. މީގެ ކުރިން ދުވަހަކުވެސް ޝާއިލްގެ މި މިޒާޖެއް މަޢުރީން އަށް ފެނިފައެއް ނެތެވެ. މުޅި ދުވަހު ހަތަރުދަން އެއްކޮށް ގޭގައި އިނުމުން ޝާއިލްގެ މިޒާޖު އެއްކޮށް ޚަރާބުވީ ނޫންބާވައޭ މަޢުރީންގެ ހިތަށްއެރި އެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން މަޢުރީން ތެދުވެއްޖެ އެވެ. ޝާއިލް އާއި ދިމާއަށް ބަލައިލަންވެސް ނުކެރި ހުރެ ގޮސް ވަނީ ބަދިގެއަށެވެ. އެވަގުތު އެއްވެސް އިޚްތިޔާރަކާ ނުލައި މަޢުރީން އަށް ޝާއިލް ލޯ އަޅައިލިއެވެ. ހަމައެއާއެކު ބިރުވެރި ހިނިތުންވުމެއް ޝާއިލްގެ މޫނަށް ވެެރިވެއްޖެ އެވެ.

***~~~***

ޗެޕްޓަރ 05 – ކޮޅިގަނޑު

މަޢުރީން އިނީ ސިޓިންގރޫމް ގައި ޓީވީ ބަލާށެވެ. ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމަށް އެއްވެސް އޭނާގެ ސަމާލުކަން ވަރަކަށް ދެވިފައެއް ނެތެވެ. ވޭތުވެދިޔަ ތިން މަސް އޭނާ ހޭދަކޮށްލީ ވަރަށް ފަރުވާތެރިކަމާއެކުގަ އެވެ. ޝާއިލް އަބަދުވެސް ރުޅިގަދަވެފައި ހުންނާތީ އެވެ. ކިތަންމެ ކުޑަކަމަކާވެސް އޭނާ ރުޅިއައިސްދާނެތީ އެވެ. ޝާއިލްއަށް އެހާ ބޮޑު ބަދަލެއް އަންނަންޖެހޭ ސަބަބެއް މަޢުރީން އަކަށް ނުވިސްނުނެވެ. ވަޒީފާ ގެއްލުނަސް މަޢުރީން ދެކެ އެކަމާ ރުޅި އަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މިއީ މަޢުރީން ދެކެން ބޭނުންވިފަދަ ދިރިއުޅުމެއް ނޫނެވެ. މަޢުރީން ދެކެން ބޭނުންފަދަ ގެއެއް ނޫނެވެ.

ކޮޓަރި ތެރެއިން އެކަތި ތަޅުވާލާފައި އަނެކަތި ތަޅުވަމުން ޝާއިލް އުޅެމުންދިޔަ އަޑުއަހަން އިން މަޢުރީންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައްވެސް އޮހިގަންނާނެ ހިތްވަރެއް ނެތިފައިވާ ކަހަލަ އެވެ. ޝާއިލް ކޮންމެވެސް އެއްޗެއް ނުފެނިގެން އެއެއްޗެއް ފެނޭތޯ ކޮޓަރީގެ އެތަން މިތަން ހާވަމުންދަނީ ކަން މަޢުރީން އަށް އެނގެއެވެ. އެކަމަކު އެ ހޯދަމުންދާ އެއްޗެއް ވެސް އެނގޭނީ މަޢުރީން ކައިރީގައި ބުނިނަމަ ތާއެވެ.

މިހާރު މަޢުރީންގެ ބަނޑަށް ފަސްމަހެވެ. އޭނާގެ ބަނޑުގައި އޮތް ދަރިފުޅު އެންމެ ފުރަތަމަ ފަހަރަށް ތޮޅިލީ އިއްޔެ އެވެ. ބޭބީ ތޮޅިލުމާއެކު ވީ އުފަލުން މަޢުރީން ދުއްވައިގަތީ ޝާއިލް ކައިރީ ބުނުމަށެވެ. ނަމަވެސް ޝާއިލްގެ ލޮލުން ފެނުނު މަންޒަރުން އެކަމާ ޝާއިލްގެ އެއްވެސް ފަރުވާލެއް ނެތްކަން ކިތަންމެހާވެސް ރަނގަޅަށް އެނގުނެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ މަޢުރީންގެ ހިތަށް އެރިއެވެ. އޭނާގެ ކައިވެންޏަށް މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ މައުރީންގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އިވުނީ ‘ޝަމްހޫރިޝް’ގެ ނަމެވެ. ކުރިމަތިވަމުން އަންނަ ހުރިހައި ކަމެއްގެ ފަހަތުގައި ވަނީ ޝަމްހޫރިޝް ނޫންބާވައެވެ؟ މަޢުރީން އަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އޭނާއަށް ކުރިމަތިވަމުން އަންނަ ހުރިހައި ހަލާކަކާއި ގެއްލުމެއްގެ ފަހަތުގައި ވަނީ އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އިޙްސާސް ކުރެވޭކަމަށް ޤަބޫލު ކުރެވޭ ޝަމްހޫރިޝް ނޫންބާވައޭ ހިތަށް އަރަންވީ ކީއްވެގެން ހެއްޔެވެ. އަނެއްކޮޅުން ޝަމްހޫރިޝްގެ ޚިޔާލު އޭނާގެ ސިކުނޑިއަށް އަޔަސް ޝަމްހޫރިޝް ނުފެންނަތާ މިހާރު ދުވަސްކޮޅެއް ވެސް ވެއްޖެއެވެ. އޭނާ ބަލިވެއިންފަހުން ޝަމްހޫރިޝް އަށް އެ ބަދަލު އައީ ކީއްވެގެން ހެއްޔެވެ. ޚިޔާލީ ދުނިޔެއިން މަޢުރީން އަށް ނިކުމެވުނީ ޝާއިލް އައިސް ސިޓިންގރޫމްގައި ހުއްޓުމުންނެވެ.

“އަހަރެން މިދަނީ ބޭރަށް، ވަރަށް ދަންވާ ފަހުންކަން ނޭނގެ އާދެވޭނީ.” ޝާއިލް ބުންޏެވެ.

“ލޯބީ ކޮންތާކަށް ތިދަނީ، މިރޭ މީ ހުކުރުވިލޭ ރެޔެއްނު!” މަޢުރީން ސުވާލުކޮށްލި އެވެ.

“އޭ މީނދަ އަންހެނާ، ކަލޭ ކޮން ހައިސިއްޔަތަކުން އަހަރެން ދާހާ ތަނެއް ތި އަހަނީ، އޭނ؟” ދަތްކުނޑި ވިކައިލަމުން ޝާއިލް ބަވަން ފެށިއެވެ. “މާ އަނގަ ގަދަނުކޮށް އަހަރެން ރުޅިނާރުވާ އިނދޭ!”

“ރުޅި އޭ…” އަމިއްލަ ނަފުސަށް އަޑުއިވޭ ވަރަށް މަޢުރީން އަށް ބުނެވުނެވެ.

މަޢުރީން ބަލަން ހުއްޓާ ޝާއިލް ގޮސް ސިޓިންގރޫމްގެ ދޮރުހުޅުވާލައި ބޭރަށް ނިކުމެ ދޮރުލެއްޕި އެވެ. އެވަގުތު ބޭއިޚްތިޔާރުގައި މަޢުރީންގެ ބޮޑު ބަނޑުގައި އަތްއުނގުޅައިލެވުނެވެ. މަންމަމެން ކައިރިއަށް އެގެއަށް ގޮސްލަންވީ އޭ ހިތަށްއެރި އެވެ. މިޒާޖު ގޯސްވެފައިވާ އޭނާގެ ފިރިމީހާ ޝާއިލްގެ އެއުޅުން ރަނގަޅުކޮށްލެވިދާނެ އުކުޅެއް މަންމައާ ވާހަކަ ދައްކައިލުމުން އެނގިދާނޭ ހިތަށްއެރިއެވެ.

ކުއްލިއަކަށް މަޢުރީންގެ ފައިގެ ފަލަމަސްގަނޑަށް ހީލިއަރަން ފަށައިފި އެވެ. ހީވަނީ ކޮންމެވެސް މީހެއްގެ އަތުން އޭނާގެ ފަލަމަސްގަނޑުގައި ފިރުމަމުންދާހެންނެވެ. ދެފައި ކައިރިކޮށް ފިއްތައިލެވުނީ ކުރެވެމުންދިޔަ ހިތްގައިމު އިހްސާސެއްގެ ސަބަބުންނެވެ. ބޭއިޚްތިޔާރުގައި މަޑުމަޑުން ނަމަވެސް ކުކުރެން ފެށުނީ ލިބެމުންދިޔަ ލައްޒަތަށް އިޖާބަ ދެވެން ފެށުމުންނެވެ. އޭރު އޭނާގެ ފައިގައި ފިރުމަމުންދިޔަ އަތްތިލައިގެ ހަރަކާތްތައް ކުރިއަށްވުރެން މައްޗަށް އަރަމުން ދިޔައެވެ. މަލުގެ ފިޔަތައް ރޫޅެންފެށީ އެހިސާބުންނެވެ. ޝަމްބަމްގެ ތިކިތަކުން މަލުގެ ކަރުގަނޑު ތެމިފޯވަމުން ދާންފެށީ އެ އަތްތިލަގެ ކުޅަދާނަ ހަރަކާތްތަކުން ލިބެމުންދިޔަ އަރާމެއްގެ ސަބަބުންނެވެ. އެވަގުތު ހަމަ ކުއްލިއަކަށް މަޢުރީން އަށް ހޭވެރިކަން ވާންފަށައިފި އެވެ. ސިޓިންގރޫމުގެ ހަފަރާތަށް ނަޒަރު ހިންގައިލެވިއްޖެއެވެ. އެތަނުގައި އެކަކުވެސް ފެންނާކަށް ނެތެވެ. އެވަގުތު އެންމެ ފުރަތަމަވެސް މަޢުރީން ހިތަށްއެރީ ވީ އެންމެ އަވަހަކަށް ގެއިން ބޭރަށް ނިކުތުމަށެވެ. އެކަމަކުވެސް މަޢުރީން އަށް އިނދެވުނީ އެވެ. ބިރުންގޮސް ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. ހީވީ މުޅި ހަށިގަނޑު އެއްކޮށް ވާވެފައިވާހެންނެވެ. ނޫނެކެވެ. ބިރުން އެކަންޏެއް ނޫނެވެ. ލިބެމުންދިޔަ ފޮނި ލައްޒަތަށް އެދެވޭލެއް ބޮޑުކަމުންވެސް މެއެވެ.

މަޢުރީންގެ ބުޑާއި ހަމައަށް އެ ނުފެންނަ އަތްތިލައިގެ ބީހުންތައް ދިއުމާއެކު، އޭނާއަށް ލޯމަރައިލެވުނެވެ. ހަށިގަނޑަށް ކުރެވެމުންދިޔަ ހުވަފެނީ އިޙްސާސްތަކަށް ދެވެން ފެށުނު އިޖާބައަށް އަމާންދެވުނެވެ.

“އަހަރެންގެ ލޯބީ ނިކަން ލޯ ހުޅުވާލަބަލަ!” ކުއްލިއަކަށް އިވުނީ ވައި އަޑަކުން ފިރިހެނެއް މަޢުރީންއަށް ގޮވައިލި އަޑެވެ. އެއަޑަށް މަޢުރީން ލޯހުޅުވައި ބަލައިލިއެވެ. ކުރިމަތިން ފެނުނީ ވައިގެ ތެރެއިން ސޫރައެއް އުފެދެމުން އުފެދެމުން ގޮސް ނުވެސް ދަންނަ ފިރިހެނެއް އޭނާގެ ކުރިމަތީގައި ހުއްޓައެވެ. އެމީހާ ފެނުމުން މަޢުރީން ހައިރާންވެ ބިރުގަންނަން ޖެހުނަސް އެއިން އެއްވެސް އިޙްސާސެއް ނުކުރެވުނެވެ. ބިރުންގޮސް ހަޅޭއްލަވައި ތަންގަނޑު އެންމެ އެއްކޮށްލާވަރުގެ ކަމެއްވީއިރު އެއްކަމެއްވެސް އޭނާއަކަށް ނުކުރެވުނެވެ. ނުވަތަ ދުވެފައި އެގެއިން ނިކުމެގެން ރައްކާވާކަށް ވެސް ނޫޅެވުނެވެ.

އޭގެ ބަދަލުގައި މަޢުރީންގެ ތުންފަތް ހަރަކާތްކޮށްލި އެވެ.

“މަށާ ދުރުގަ ޝަމްހޫރިޝް އުޅޭތާ ހާދަ ދުވަހެއް ވެއްޖޭ!” މަޢުރީން އަށް ކުރެވުނީ ޝަކުވާއެވެ.

މަޢުރީން މޮޔަވެއްޖެ ކަމަށް އަމިއްލައަށް އިޙްސާސް ކުރެވޭ ހިސާބަށް ކަންކަން ހިނގައްޖެކަން ޚުދު އޭނާއަށް ވެސް މިހާރު ޤަބޫލުކުރެވެން ނުވޭހެއްޔެވެ؟

މަޢުރީންގެ ޝަކުވާގެ އަޑަށް ޝަމްހޫރިޝްގެ ތުންފަތަށް ވެރިވީ އޭނާގެ އެ ހުންނަ ޖާޒްބީ ހިތްގައިމު ހިނިތުންވުމެވެ.

“ނާދެވި އެހާދުވަސްވީމަ އެތަން އަނބުރާ ހޯދަން އުޅެން ހިނގާދޯ؟” ޝަމްހޫރިޝްގެ އަޑުގައި ވަނީ މަސްތީކަމެވެ. އެއަޑު އިވުމުން މަޢުރީން އަށް ހީވީ ކޮންމެވެސް ކަހަލަ މަސްތީ ޝަރާބެއްގެ ކޯވަރެއް ބޮވުނުހެންނެވެ. މަޢުރީން ބޭނުންވީ އެ މަސްތުގެ ކަނޑަށް ގެނބި ޣަރަޤުވާށެވެ. އެކަމަށް މަޢުރީންގެ ރޫޙާއި ޖިސްމުން އެންމެ ފުރިހަމައަށް އިޖާބަދެވެން ފެށުނެވެ.

***~~~***

މަޢުރީން އަށް ހޭލެވުނީ ވަރަށް ބޮޑަށް ވަރުބަލިގެންނެވެ. ހޭލެވުނުއިރު ގައިގައި އެންމެ ފޭރާމެއްވެސް ނެތެވެ. އެވަގުތު މަޢުރީންގެ ހަނދާނަށް އަންނަންފެށީ ކަރާއިކަރު މަހާލައިގެން، ދެ ނޭވާ ގުޅާލައިގެން އުޅެވުނު ގޮތެވެ. ފިރިހެން ވަންތަ، އެހާމެ ސަޅި ޝަމްހޫރިޝް އާއި އެކުގައެވެ. ކަންވީގޮތް ހަނދާނަށް އައުމުން މިފަހަރު މަޢުރީން އަށް ކުރެވުނު ކަންތަކާއިމެދު ދެރަވެއްޖެ އެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވިއްޖެ އެވެ. ޝަމްހޫރިޝްގެ އެދުންތަކަށް އޭނާއަށް ދެކޮޅު ނެހެދެނީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ. މާދަން ހޮސްޕިޓަލަށް ނިކުމެފައި ސައިކޭޓްރިސްޓަކަށް ދެއްކުމަށް ސިކުނޑިތެރޭގައި ނޯޓެއް ހަދައިލެވުނީ ކަންތައްތައް ގޯހުން ގޯހަށް ދާކަން ވިސްނައިލެވުމުންނެވެ.

ތެދުވެ ގަޑިއަށް ބަލައިލި އެވެ. އިރުއޮއްސުމާމެދު އަދި ވަގުތުކޮޅެއް އެބަހުއްޓެވެ. މަޢުރީން އޭނާގެ މަންމަގެ ގެއަށް ދިއުމަށް އަދި ލަހެއް ނުވެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ބޭރަށް ދިއުމަށް ތައްޔާރުވާން ކޮޓަރިއަށް ވަނެވެ.

***~~~***

“އަހަންނަށް ހީވަނީ ޝާއިލް އަށް މިއަދު ކުރިމަތިވެފަވާ ޙާލަތާމެދު މަޢުރީން އަށް އެހާ އެއްބާރުލުން ނުދެވެނީހެން. މަޢުރީން އުޅެނީ ނުލާހިކު ބިޒީކޮށް، އޭނަ މަޢުރީން ދެކެ ރުޅިއައިސްފަ އެހުންނަނީ އެހެންވެގެން ކަމަށްވެސް ވެދާނެއެއްނު.” މަޢުރީންގެ މަންމަގެ ދައްތަ ނުވަތަ މަޢުރީންގެ ބޮޑުދައިތަ ދޮންކަތްދަގެ ރައުޔަކީ އެއީ އެވެ.

ބޮޑުދައިތަގެ ބަސްތައް އިވުމުން މަޢުރީން ގާތަށް އައީ ފާޑެއްގެ ރުޅިއެކެވެ. އެއްޗެއް ބުނަން ކިތަންމެ ބޭނުމަސް އެއްވެސް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެކަމަކު ބޮޑުދައިތަ އެހެން ބުނަންވީ ކީއްވެގެން ހެއްޔެވެ؟ މަޢުރީން ތަހައްމަލުކުރަމުންދާ ކަންތައްތަކުގެ ކުޑަނަމަވެސް ކަންފުޅެއް ބޮޑުދައިތައަށް ވަޒަންކޮށްލެވޭ ބާވައެވެ؟ އެހެން ނޫނަސް މިއަދު ބޮޑުދައިތަ އެގެއަށް އައިސް އެއުޅެނީވެސް ކީއްކުރަން ހެއްޔެވެ؟

” ދެން އެކުން އެހާ ކަންބޮޑުނުވޭ މަގޭ ދަރިފުޅާ!” މަޢުރީންގެ މަންމަ ބުންޏެވެ. “އޭނައަށް ވަޒީފާއެއް ލިބޭއިރަށް، ކުރިއެކޭވެސް އެއްގޮތަށް ރަނގަޅަށް އޭނަ އުޅެންފަށާނެ.”

މަންމަ އެހެން ބުންޏަސް މަޢުރީން އަށް އެކަމުގައި އެހާ ޔަޤީންކަމެއްް ނެތެވެ.

“އާނ.” ބޮޑުދައިތަ ދޮންކަތްދަ ވެސް މަންމަގެ ވާހަކައިގައި ބައިވެރިވިއެވެ.

“ފިރިހެނުންނަކީ ފިސާރި ޒާތްކޮޅު ބޮޑުބައެއް. އެމީހުންނަށް ފިސާރި އުނދަގޫ ވާނެ ކިރިޔާވެސް ބަލިކަށި ބައެއްގެ ގޮތުގަ އުޅެން ޖެހިއްޖެއްޔާ. ފިރިހެނަކު ވަޒީފާއެއް ނެތި އެހެން ހުންނަންވީމަ ފިސާރި ބަލިކަށި މީހެއް ކަމަށް އަމިއްލަ ނަފުސާމެދު ދެކޭނެ.”

މިފަހަރު ބޮޑުދައިތަ އެބުނީ ރަނގަޅު ވާހަކައެކެވެ. އެކަމަކުވެސް ބަލިވެއިން ތިމާގެ އަނބިމީހާ އާމެދު އެހާ އިނާނެތިކޮށް ކަންތައްތައް ކުރަންވާނެ ހެއްޔޭ މަޢުރީންގެ ހިތަށްއެރި އެވެ.

މަޢުރީން އަށް ކުރިމަތިވަމުން އަންނަ ކަންތައް ގަނޑުގެ ވާހަކަ މަންމަ ކައިރީ ކިޔައިދޭންވީއޭ ހަމަ އެވަގުތު ހިތަށްއެރި އެވެ. އާނއެކެވެ. އެހެނަސް، ބޮޑުދައިތަ ދޮންކަތްދަ ގެޔަށް ދާންދެން އެވާހަކަ ނުދައްކައި އިހަށް މަޑުކޮށްލަން ޖެހެއެވެ.

އިރުކޮޅެއް ފަހުން މަޢުރީންގެ މަންމަ އާއި ބޮޑުދައިތަގެ އަމިއްލަ ވާހަކަތަކުގެ ތެރެއަށް ވަދެއްޖެ އެވެ. އެވަގުތު މަޢުރީން ފާޚާނާއަށް ދާންޖެހިގެން ތެދުވި އެވެ. އޭރު އޭނާގެ ދަށްބަނޑު ފަޅައިގެންދާވަރަށް ހުރީ ދާން ބޭނުންވެފައެވެ. ތެދުވެ ސިޓިންގރޫމް ތެރޭގައި ހުންނަ ފާޚާނާއަށް ދާން ހިނގައިގަތް ވަގުތު ޕޮއް ކިޔާފައި އަޑެއް އިވުމާއެކު މަޢުރީންގެ ދެފައި ދޭތެރެއިން ފެންތަކެއް ފައިބަން ފަށައިފި އެވެ.

“އަހަރެންގެ ދަރިފުޅާ!!” މަޢުރީންއަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

މަޢުރީންއަށް ކަކޫމައްޗަށް އިށީންދެވުނީ މުށިގަނޑުމަތީގައި ހުރި އެމްނިއޮޓިކް ދިޔަވަރާއި ލޭތައް ތެރެއަށެވެ. އެވަގުތު މަޢުރީންގެ ސިކުނޑީގައި ވަނީ ހަމަ އެންމެ ކަމެކެވެ. “އަޅޭ އަހަރެންގެ ދަރި! ޔަޤީން އެވާނީ ބައިގެންދިޔައީ!”

މަޢުރީންގެ ހަޅޭކުގެ އަޑަށް މަޢުރީން ކައިރިއަށް ދުވެފައި ގޮސް ހުއްޓުނު އޭނާގެ މަންމައަށް ދެވަނަ އެހެން ކަމެއް ނުކުރެވެއެވެ. ހަޅޭއްލަވައި ރޮމުން ގެންދިޔައެވެ. ކައިރީގައި ބޮޑުދައިތަ ހުރެގެން މަޢުރީންގެ މަންމަ ހުއްޓާލެއްވޭތޯ މަސައްކަތް ކުރަމުން، މަޢުރީން ނަގައިގަނެގެން ބޭރުގޭ ދޮރާއި ދިމާއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ގޭތެރެއިން އިވެމުންދިޔަ އަޑުފަށްގަނޑަށް ބޮޑުދައިތަގެ ކާރު ދުއްވަން ގެންގުޅޭ ނަހުޔާން އެދިމާއަށް ދުވެފައިގޮސް މަޢުރީންގެ އެއްފަރާތުގައި ހިފެހެއްޓި އެވެ. އެވަގުތު ބޮޑުދައިތަގެ އިޝާރާތަށް ނަހުޔާންގެ އަތްދަނޑިމައްޗަށް މަޢުރީން ނަގައިގަނެގެން ގެންގޮސް ކާރަށް އެރުވި އެވެ. ނަސީބަކުން މާގިނައިރުތަކެއް ނުވެ ހޮސްޕިޓަލާ ހަމައަށް ފޯރައިފި އެވެ.

***~~~***

“ބޭބީ ސަލާމަތެއް ނުކުރެވޭނެ!” ކޮންމެވެސް މީހަކު ބުނިއަޑު މަޢުރީން އަށް އިވުނެވެ.

“އަދި މިވީ ގާތްގަނޑަކަށް ވިއްސަކަށް ހަފުތާ، މިހާ އަވަހަށް ފެންދުލި ފަޅައިގެންގޮސް ހުރިހައި ފެނެއް ބޭރުވެއްޖެ. ބޭބީގެ ވަށައިގެން ޔުޓެރަސް އަރައި ބައްދާލާނެ، ބޭބީ ނޭވާ ހާސްވެ މަރުވާނެ. އަހަރުމެން މިކަމުގަ ގިނައިރުކުރި ވަރަކަށް މަޢުރީންއަށް އިންފެކްޝަނާ ކުރިމަތިލާން ޖެހޭ މިންވަރު ހައްތަހާ އިތުރުވާނީ.”

ދެން ޑޮކްޓަރުން ބުނާނީ ކީކޭކަން މަޢުރީންއަށް ހަމަ ރަނގަޅަށް އެނގެއެވެ. ޑޮކްޓަރުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަން އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ.

“ވީވިލް އިންޑިއުސް ހަރ ޓު މޭކް ދަ ފީޓަސް ކަމް އައުޓް ހަރ.” މިފަހަރު ވާހަކަދެއްކީ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެންމެ ސީނިޔަރ ގައިނޮކޮލޮޖިސްޓް ޑޮކްޓަރ މީތާ ކަން މަޢުރީންއަށް އެނގުނެވެ.

އޭނާގެ ކައިރީގައި ހުރެގެން މަންމަ ގިސްލަމުންދާ އަޑުވެސް މަޢުރީން އަށް އިވެމުންދިޔަ އެވެ. ޑޮކްޓަރުން މަޢުރީންގެ މަންމަގެ ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ އަޑުވެސް އިވެމުން ދިޔައެވެ.

ހެއިނައްތާ އިންޖެކްޝަން ޖެހުމާއިއެކު މަޢުރީންގެ ލޯމެރިއްޖެ އެވެ. އޮޕަރޭޝަން ތިއޭޓަރުގައި ތިބި މީހުންނަށް ހީވީ މަޢުރީންއަށް ނިދުނީ ކަމަށެވެ. ނަމަވެސް މަޢުރީންއަށް ވާނުވާ އެނގެއެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތް ވުމަށް އެދި މަޢުރީންއަށް ދުޢާ ކުރެވެން ފެށުނެވެ. ދަރިފުޅަށް މިކަންތައްގަނޑެއް މި ދިމާވީ ޚުދު އޭނާގެ ސަބަބުން ކަމަށް އިޙްސާސް ކުރެވުނެވެ. ބަލިވެ އިނުމަށްފަހު ތަންކޮޅެއް ބޮޑަށް އަމިއްލަ ހަށިގަނޑާއި ޞިއްޙަތަށް ފަރުވާތެރި ވެވުނު ނަމައޭ ހިތަށްއެރި އެވެ. މަޢުރީންގެ ހަމަހޭވެރިކަން ނެތިގެން ދިޔައީ އަމިއްލަ ނަފުސު ކުށްވެރިކޮށް ހިތުތެރެއިން ކުދިކިޔަމުން ދަނިކޮށެވެ.

***~~~***

މަޢުރީންގެ ނަޒަރުން

އަހަންނަށް ހޭލެވުނީ ވަރަށް އަނދިރި ކޮޓަރިއެއްގެ ތެރެއަށެވެ. އެންމެ ފުރަތަމަ އަހަރެން ބިރުވެސްގަތެވެ. އަހަންނަށް އޮވެވުނު ތަނެއް ނޭނގޭތީ އެވެ. ނަމަވެސް ހޮސްޕިޓަލު ތެރެއިން އެ ދުވާ ޑެޓޯލް ވަހާއި ޑިސްއިންފެކްޓެންޓްގެ ވަހުން އަހަންނަށް އޮވެވުނީ ހޮސްޕިޓަލުގައި ކަން ހަނދާން ވިއެވެ. އަހަރެންގެ ހާލު ބަލައިލަން ފިރިމީހާ ޝާއިލް ނުވެސް އާދެ އެވެ. އަހަރެން ވަރަށް ދެރަވި އެވެ. އޭނާ އެހައި ވަރަކަށް އަހަރެންދެކެ ރުޅި އަންނަންވީ ކީއްވެގެން ހެއްޔެވެ؟ މަޑުމަޑުން އަހަންނަށް ގިސްލެވެމުން ދަނިކޮށް އަހަންނަށް ނިދިއްޖެ އެވެ.

އަނެއްކާވެސް އަހަންނަށް ހޭލެވިއްޖެ އެވެ. އެކަމަކު މިފަހަރު ހުރިހައި ކަމެއްވެސް ފެންނަނީ މުޅިން ތަފާތުކޮށެވެ. ހޮސްޕިޓަލުގެ އެހެން ވޯޑުތަކުގައި އުޅޭ މީސްމީހުންގެ އަޑު އަހަންނަށް އިވެމުންދާކަމުގެ އިޙްސާސް ކުރެވެމުން ދިޔައެވެ. އެކަމަކުވެސް އަހަރެންގެ ހަށިގަނޑަށް ގުޑުމެއްވެސް އަރުވައެއް ނުލެވުނެވެ. އަހަރެންގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. އަހަންނަށް އިޙްސާސް ކުރެވެމުން ދިޔައީ އަހަރެން މަރުވެފައި އޮތްކަމަށެވެ. މަރުވެފައި އޮތަސް އަހަރެންގެ ހަށިގަނޑު ތެރޭގައި އަހަރެންގެ ފުރާނަ ތާށިވެފައި އޮތްކަމަށެވެ. މީހަކަށް އަޑުއިވޭތޯ ހަޅޭއްލެވުމަށް އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ ކަރުހިކިފައިވާކަމުގެ އިޙްސާސް ކުރެވުނެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަމިއްލަ ހަށިގަނޑަށް ތިމާގެ އެއްވެސް ބާރެއް ނުހިނގާ ހާލުގައި އޮންނަން ޖެހުމަކީ ކިހައި ގޯސް ހާލަތެއް ހެއްޔެވެ؟ ކުއްލިއަކަށް، އަހަރެން ކައިރީ އެހެން މީހެއް ހުރިކަމުގެ އިޙްސާސެއް ކުރެވުނެވެ. އާނއެކެވެ. އެނދު ކައިރީގައި ކޮންމެވެސް މީހަކު އެބަހުއްޓެވެ. އެމީހާގެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެމުންދާ ކަމުގެ އިޙްސާސް ކުރެވުނެވެ. އެ ނޭވާތަކުގެ ވަސް ކައިރިން ބަލައިލުމަށް އަހަރެން އިންތިހާއަށް ބޭނުންވި އެވެ. ނަމަވެސް އެވަގުތު އަހަރެން ކައިރީހުރި ސޫރަ ވަރަށް ބާރަށް ހޭންފެށި އެވެ. އެ ގަދަފަދަ ހުނުމުގެ އަޑަށް އަހަރެންގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެން ފުރޮޅިލާން ބޭނުންވިޔަސް ހަށިގަނޑު އޮތީ އެއްކޮށް ވާވެފައެވެ. މާގިނައިރެއް ނުވެ އެމީހާގެ ދިގު ނިޔަފަތިތަކުން އަހަރެންގެ މޫނާއި، އަތާއި އަދި ބަނޑުގައި ވަކިއަޅަން ފެށިއެވެ. އަހަރެން މި މަރުވަނީއޭ ހީވަމުންދިޔައެވެ. އެވަގުތު އަހަރެން ކައިރީހުރި ސޫރައިގެ މޫނު އަހަރެންގެ މޫނާއި ކައިރިކޮށްލައިފި އެވެ. އަހަރެންގެ ހޭވެރިކަން އެއްކޮށް ކެނޑޭހާ ބާރަށް އަހަންނަށް ހަޅޭއްލަވައިގަނެވިއްޖެ އެވެ.

***~~~***

ޝާއިލްގެ މައިދައިތަ ޝާއިލްއަށް ގުޅާފައި ރަނގަޅަށް ދީފިއެވެ. މަޢުރީން ބައިގެންދިޔަ ވާހަކަވެސް ބުންޏެވެ. ނަމަވެސް އެކަމުންވެސް ޝާއިލްގެ ރުޅިގަނޑު ހައްތަހާވީ ގަދައެވެ.

‘އެ ނަގޫ– އަހަރެންގެ ދަރިއޭ އެ ކައިލީ!’ ޝާއިލްގެ ހިތަށް އެންމެ ފުރަތަމަވެސް އެރީ މިހެންނެވެ.

‘މިހެންނޭވީ އެހެންނޭވީ ކިޔައިގެން އެމީހުން ދައްކާ އެއްވެސް ބަހަނާއެއް އަޑުއަހަން އަހަރެން ތައްޔާރަކަށް ނޫން މިހުރީކީ. ހުރިހައި ކަމެއް އޯކޭ ވާނޭ ހަމަޖެހޭށޭ ބުންޏަސް އަހަންނަކަށް ހަމައެއްވެސް ނުޖެހެވޭނެ!’ ޝާއިލްގެ ހިތަށް ވަސްވާސްތައް ވަންނަމުންދިޔައެވެ. ރުޅިއައިސް ރަތްވެގެން ގެއިން ނިކުތީ ހޮސްޕިޓަލަށް ދިއުމަށެވެ. އޭނާގެ ދަރިފުޅު މަރައިލީ ކީއްވެގެންކަން މަޢުރީންގެ ކިބައިން ހޯދުމަށް އަޒުމް ކަނޑައަޅަމުންނެވެ.

ސައިކަލް ސްޓާރޓްކުރަން އުޅެއުޅެ ސައިކަލް ވެސް ސްޓާޓެއް ނުވިއެވެ.

‘ކީއްވެގެންތަ؟ ކީއްވެތަ އެންމެން އަހަންނާ ދެކޮޅު މިވަނީކީ؟ އެންމެން އެކަންޏެއް ނޫނޭ، މި ސައިކަލުގަނޑު ވެސް މިގަޑީގަތަ ސްޓާޓް ނުވާންވީ؟’

ސިނގުރުޅީގައި ހުރެ ޝާއިލް އަމިއްލަ ނަފުސަށް އެއްޗެހިގޮވަން ފެށިއެވެ. އެންމެފަހުން ސައިކަލް ބަހައްޓާފައި ފައިމަގުގައި ހޮސްޕިޓަލަށް ދާން ނައްޓާލައިފި އެވެ. ހަނިގޯޅިތަކުން އަޅަމުންގޮސް މާވެޔޮމަގަށް އަޅައި އަނެއްކާވެސް ހަނިގޯޅިއަކަށް ވަން ވަގުތު ޝާއިލްގެ ކަންފަތުގައި ޖެހުނީ ހިޕްހޮޕް ލަވަކިޔުންތެރިޔާ ޑޭވިޑޯގެ ލަވައެއް ވަރަށް ބާރަށް ޖަހަމުންދާ އަޑެވެ. އެ އަޑަށް ޝާއިލްގެ ސަމާލުކަން ހުއްޓުނަސް މީގެ ކުރިން ޝާއިލްއަކީ މިއުޒިކަށް މޮޔަވާ މީހެއް ނޫނެވެ. ޚާއްޞަކޮށް އެ ޒާތުގެ މިއުޒިކަށެވެ. ނަމަވެސް މިރޭ އޭނާއަށް ހީވީ އެ ލަވައިން އޭނާއަށް ގޮވަމުންދާހެންނެވެ. އޭނާގެ ރޫހަށް އެ ލަވައިގައި ކިޔަމުންދިޔަ ލަފުޒުތައް؛ “… މައި މަނީ މައި ބޮޑީ ނާ ޔޯރ އޯން އޯ ބޮޑީ….” ވަންނަން މަސައްކަތްކުރާހެން ހީވާން ފެށިއެވެ.

‘އާނ އެކެވެ. އެ ލަވައިގައި އެކިޔާ ގޮތަށް އަހަރެން އަތަކު ފައިސާއެއް ނެތެވެ.’

މިއުޒިކުގެ އަޑު އަންނަމުންދިޔަ ގޭގެ ޓެރަސް އާއި ދިމާއަށް ޝާއިލް އަށް ބަލައިލެވުނު ވަގުތު ޒަމާނީ ގޮތަކަށް ހުރި ހިތްގައިމު އަންހެން ކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

‘ވާއޯހް…. ކާފަރު މަންޖެގަނޑެއް ހެން ހާދަ ހީވޭ.’

ޝާއިލް ހިތާހިތުން ބުނެލި ޖުމްލައިގެ އަޑު އެ އަންހެން ކުއްޖާއަށް އިވުނީ ނޫންބާވަ އެވެ. އެކުއްޖާ ވެސް ޝާއިލް އާއި ދިމާއަށް ބަލައިލައިފައި ފަރި ހިނިތުންވުމެއް ދީފި އެވެ. އެ ހިތްގައިމު ހިނިތުންވުމުން ޝާއިލްގެ ހިތް ކަތިވެގެން ދިޔަހެން ހީވި އެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައި ޓެރަސްއަށް އަރަން މަގުމައްޗަށް ކަނޑާފައިހުރި ދޮރަށް ފެތޭވަރަށް ހުރި ސިޑިން މައްޗަށް އަރަން ފެށިއެވެ. ޓެރަސްއަށް އެރިއިރު ސިޑިކުރިމަތީގައި ހުރި އެ އަންހެން ކުއްޖާ ޝާއިލް އާއި ދިމާއަށް ދެއަތް ދިއްކޮށްލީ މަންމަ އަކު އޭނާގެ ގެއްލިފައިވާ ދަރިއެއް ފެނިގެން އެދަރިފުޅަށް އަތްދިއްކޮށްލާ ގޮތަށެވެ. އަންހެން ކުއްޖާގެ ގައިގައި ޝާއިލް ވަރަށް ބާރަށް ބައްދައިލި ވަގުތު ޝާއިލްގެ ކަންފަތްދޮށުގައި އެ ކުއްޖާ ސިއްރުސިއްރުން އެއްޗެއް ބުނެފި އެވެ.

“ތީނަ ހެޕީކޮށްލަދޭނެ ގޮތް އަހަންނަށް އެނގޭ…”

ޝާއިލް ދެކޮޅެއް ނުހުދައެވެ. ހިނގަމުންދާ ކަންތަކަށް އެއްވެސް ބާރެއް ނެތްކަން ޝާއިލްއަށް ހަމަ ރަނގަޅަށް އެނގެއެވެ. އަނެއްކޮޅުން ޝާއިލް އެންމެ ހިތްއެދޭ ގޮތަކީވެސް އެއީ އެވެ. ޝާއިލްގެ ހުރިހައި ވިސްނުންތަކެއް އެއްފަރާތަކަށް ކެހިގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަންހެން ކުއްޖާ ޝާއިލްގެ އަތުގައި ހިފައިގެން ވަދެގެން ދިޔައީ ހަނިގޯޅިގަނޑަކުންނެވެ. ތަންކޮޅަކަށް ހިނގުނުތަނުން އިޝާ ނަމާދު ބަންގީގެ އަޑު ގުގުމައިގަތީ ކައިރީގައި ހުރި މިސްކިތެއްގެ އަޑުގަދަކުރާ އިންނެވެ. ހެޔޮލަފާ މުސްލިމުން ކާމިޔާބާއި ނަސީބު ލިބިގަތުމަށް އަވަސްވެގަތުމަށް ގޮވަމުންދާ އަޑަށް ޝާއިލަކަށް ސަމާލުކަމެއް ނުދެވުނެވެ. ޝާއިލްއަށް ހީވަމުންދިޔައީ އެއަޑަކީ ވަރަށް ކުރިން ހުވަފެނެއްގައި އިވުނު އަޑެއް ކަމަށެވެ. އެއީ މާކުރިން އޭނާ ހިނގި މަގެއް ނަމަވެސް އެމަގުގެ މަތިން ހަނދާން ނެތެމުންދާ މަގެއްކަން ޚުދު ޝާއިލްއަށް ވެސް އެނގެއެވެ.

***~~~***

ޗެޕްޓަރ 06 – ކުރުދޮށިން

މަޢުރީންގެ ނަޒަރުން

އަހަންނަށް ހޭލެވުނީ އަހަރެންގެ އެނދު ކައިރިން މީހަކު ގިސްލާ ރޯއަޑަށެވެ. އަހަންނަށް ހޭލެވިފައި އޮތަސް، އަހަރެންގެ ލޯ ވަނީ މެރިފައެވެ. ގިސްލާ ރޮމުންދަނީ އަހަރެންގެ މަންމަ ކަން އަހަންނަށް އެނގުނެވެ. މަންމަ ކައިރީގައި މަރިޔަމް ހުރެގެން މަންމަ މައިތިރި ކުރުވަން މަސައްކަތް ކުރަމުން ދެއެވެ.

“އިއްޔެ ޝާއިލް އާއި ދިމާއަށް އެއްޗެތިގޮވުނު ފަހުން އަދިވެސް ޝާއިލްއަށް ނުގުޅިގެން މިއުޅެނީ.” އަމިއްލަ ނަފުސު ކުށްވެރިކުރަމުން އަހަރެންގެ މަންމަ ބުންޏެވެ.

“އޭނައަށް ގުޅޭތޯ އަހަރެން އެބަ ބަލަން. ދައްތަ ދެން އެހާ ކަންބޮޑުނުވެބަލަ.” ޖަވާބުގައި މަރިޔަމް ބުންޏެވެ.

އަހަރެންގެ ލޯ ކޮންމެވެސް ވަރަކަށް ހުޅުވައިލީމެވެ. އަހަރެންގެ އެނދުކައިރީގައި ޝާއިލްގެ މަންމަ ހުރިކަން އެނގުނީ އެވަގުތު އެވެ. ޝާއިލްގެ މަންމަ ހުރީ ވަރަށް މައިތިރި ގޮތަކަށެވެ. އޭނާގެ ލޯ ދުޅަވެފައި ހުރުމުން ވަރަށް ރޮއެފައި ހުރިކަން އެނގުނެވެ. އޭގެ އިތުރުން ޝާއިލްގެ އަމަލުތައް ހުރިގޮތް އެނގުމުން މަންމަ ހުރީ ލަދުގެންފައިކަންވެސް އަހަންނަށް އެނގުނެވެ.

ކުއްލިއަކަށް އަހަރެން އޮތް ކޮޓަރީގެ ދޮރު ވަރަށް ބާރަށް ހުޅުވިއްޖެއެވެ. އެވަގުތު އަހަންނަށް ބޯ އުފުލައިލެވުނީ ސިއްސައިގެން ގޮހެވެ. ދޮރުމަތީގައި ހުރީ އަހަރެންގެ ފިރިމީހާ އެވެ. އަހަންނާ ދިމާއަށް ބަލަން ހުރީ ވަރަށް ހަރުކަށި ގޮތަކަށެވެ. ދެލޯ ހުރީ ރަތްވެފައެވެ. ޝާއިލްގެ މަންމަ ކޮޅަށް ތެދުވެ ވަރަށް އަވަސްއަވަހަށް ވާހަކަދައްކަން ފެށިއެވެ.

“ކޮންތާކު އުޅެއުޅެފަ ކަލޭ ތިޔައީ؟ ކަލެއަށް ކިހިނެއް ވެފަ ތިހުރީ؟ ކީއްވެގެންތަ ކަލޭ ތިއުޅެނީ؟” ޝާއިލްގެ މަންމަ ފަތިވަރެއް އަމުނާލި އެވެ.

ކޮޓަރީގައި ތިބި އެއްވެސް މީހަކަށް ޝާއިލް އެއްވެސް ފަރުވާލެއް ނުބަހައްޓައި ސީދާ އަހަންނާއި ދިމާއަށް އަންނަން ފެށިއެވެ. އަހަންނަށް ހީވީ އަހަރެންގެ ލަގޮނޑި އަނގަޔަށް އައިހެންނެވެ. ބިރުންގޮސް އަހަރެންގެ ތަލިން ކުޅުހިކިއްޖެ އެވެ.

“އަހަރެންގެ ދަރިއަށް ކަލޭ ކީއްކުރީ؟؟” އަހަންނާ ދިމާއަށް ނަފުރަތުގެ ބެލުމަކުން ބަލަންހުރެ ޝާއިލް ސުވާލުކުރި އެވެ.

ޝާއިލްގެ އަނގަ ހުޅުވައިލުމާއެކު ދުވި ނުބައިވަހުން އަހަންނަށް އޯކަށްދެމި ހޮޑުނުލެވުނީ ހަމަކިރިޔާ އެވެ.

‘ސުބްޙާނަﷲ، މަގޭ ޝާއިލް އެހެރީ ބަނގުރާ ބޮއެގެން ނޫންބާ؟ އެކަމަކު އެހެން ވާންވީ ކީއްވެގެން؟’ ދުވި ނުބައިވަހުން އަހަންނަށް ހީވިހީވުން އެއީ ކުށްހީއަކަށް ވުމަށް އެދި ދުޢާކުރާ ހާލު އަހަރެންގެ ހިތަށްއެރި އެވެ.

“ޝާއިލް ތިހުރީ ރާ ބޮއެގެންތަ؟” ތުރުތުރުއަޅާ އަޑަކުން އަހަންނަށް އަހައިލެވުނެވެ.

ޝާއިލްގެ މޫނަށް ވެރިވި ހިނިތުންވުން ފެނިފައި އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލިބުނު ޚަބަރުން ދެ މަންމައިން ހައިރާންވެ ދެލޯބޮޑުކޮށްގެން ޝާއިލް އަށާއި އަހަންނަށް ބަލަން ތިއްބާ އަހަރެންގެ ބޮލަށް އެނބުރުން އަރަން ފަށައިފި އެވެ.

“ތި ބޭކާރު ސުވާލުތަކަށް ޖަވާބު ދޭކަށް އަހަންނަކަށް ވަގުތެއް ނެތް.” އަހަރެން އޮތް ކޮޓަރިން ނިކުމެގެން ދިއުމުގެ ކުރިން ޝާއިލް ބުނިހައިވެސް އެއްޗަކީ މިއެވެ.

އަހަރެންގެ ލޯ މެރެމުންމެރެމުން ގޮސް ލޯމެރުނީ ދެ މަންމައިން ގިސްލަމުން ރޮމުން ކަރުނަ އަޅަމުން ދަނިކޮށެވެ. އެމީހުން ހަމަޖެއްސޭތޯ މަރިޔަމް މަސައްކަތް ކުރަމުން ދަނިކޮށް އަހަންނަށް ނިދިއްޖެ އެވެ.

***~~~***

ކުއްލިއަކަށް އިދުރީހަށް ހޭލެވުނީ މަޢުރީންގެ ނަން ކިޔަމުންނެވެ. މަޢުރީންގެ ފޯނު ނަންބަރު އޭނާއަށް ލިބުނުތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މަޢުރީންއަށް ގުޅައިލުމުގެ ނަސީބު އަދި ވަނީ ނުލިބި އެވެ. މުޅިން އާ، ބޮޑު އެޕާޓްމެންޓަކަށް ބަދަލުވުމުގެ މަސައްކަތުގައި އުޅޭތާ ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވަނީ މާބޮޑަށް ވެސް ބުރަކޮށެވެ. އެހެން އެއްވެސް ކަމެއް ކޮށްލާނެ ވަގުތެއް ނެތްފަދަ ހާލެއްގައެވެ.

ފާޚާނާއަށް ވަދެ ދަތްއުނގުޅާ މޫނުދޮވެގެން ވުޟޫކޮށްލައި އަސުރު ނަމާދު ކޮށްލިއެވެ. ދުޢާތައް ކިޔައި ނިމިގެން އޭނާގެ ބައްޕަ ކޮބައިތޯ ބަލައިލުމަށްފަހު، ކާރަށް އަރައި ސްޓާޓްކޮށްލީ ހޮސްޕިޓަލަށް ދިއުމަށެވެ. ރޭގަނޑު ޑިއުޓީގައި މަޢުރީން އުޅެފާނެ ކަމަށް އުއްމީދުކޮށް މަޢުރީން ދެކިލުމަށެވެ. މިހާ ދުވަސް ވާންދެން މަޢުރީންގެ ހަނދާން ނުވެ ހުރެފައި މިއަދު މަޢުރީންގެ ނަން ކިޔަމުން ހޭލެވުނީ ކީއްވެގެން ކަން ޤަބޫލުކުރަން ވެސް އޭނާއަށް ދައްޗެވެ.

‘ހެސްކިޔާފަ ބުރަކޮށް އުޅެން ވެއްޖެއްޔާ ވާނީ މިވަރޭ.’ އަމިއްލަ ނަފުސަށް އިދުރީސް ބުންޏެވެ.

ކާރު ދުއްވަމުން ދިޔައިރު އޭނާ ވިސްނަމުން ދިޔައީ ކައިވެންޏަކަށް ފަހު އޭނާގެ ދިރިއުޅުން ހުންނާނެ ގޮތަކާއިމެދުގަ އެވެ. ތިރީސް ދެ އަހަރުވީއިރު އޭނާ އާއި އެއް އުމުރުގެ ރައްޓެހިން ތިބީ ކައިވެނިކޮށް ދަރިންވެސް ލިބިފައެވެ. އެހެންނަމަވެސް އޭނާއަށް ކަމުދާ ކުއްޖެއް އަދިވެސް ވަނީ ނުލިބިއެވެ. އިދުރީސްގެ ބައްޕަ ދިރިއުޅުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންވެސް އަންހެންކުދިން އޭނާދެކެ ބިރުގަންނަނީ ކަމަށްވެސް ވެދާނެ އެވެ. އެހެން އެވަނީ ޚުދު އިދްރީސް ވެސް ހުސްވަގުތުގައި އޭނާގެ ބައްޕަގެ މަސައްކަތުގައި އެހީތެރިވަމުން އަންނާތީ ކަމަށްވެސް ވެދާނެ އެވެ. އިދުރީސް ދެކޭގޮތުން އެއީކީ ހަމައެކަނި މަސައްކަތެއް ނޫނެވެ. އެއީ ލިބިފައިވާ ބޮޑު ނިޢުމަތެކެވެ. އިންސާނިއްޔަތަށް ކޮށްދޭ އަގުހުރި ޚިދުމަތެކެވެ.

ހޮސްޕިޓަލު ކުރިމަތީގައި ހުރި ޕާކުކުރާ ސަރަޙައްދަށް ގޮސް މަޑުކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. ކާރުން ފޭބުމުގެ ކުރިން މަޢުރީންގެ ނަންބަރަށް ގުޅޭތޯ ދެތިންފަހަރު މަސައްކަތްކޮށްލި އެވެ. ނަމަވެސް ގުޅޭގޮތެއް ނުވިއެވެ. އެހެންކަމުން ހޮސްޕިޓަލަށް ވަދެ މަޢުރީން އާ ދިމާވޭތޯ މަސައްކަތް ކޮށްލުމަށް ނިންމަމުން ހިނގައިގަތެވެ.

ކާރުން ފައިބައި ހިނގައިގަތްތަނުން ބުރުގާ އަޅައިގެން ހުރި އަންހެން ކުއްޖެއް ހޮސްޕިޓަލުގެ ގޯތިތެރެއިން ފެނުމުން އިދުރީސްގެ ހިތް ތެޅެން ފެށި އެވެ. އެކުއްޖާ ހުރީ ލައިގެން ހުރި ހެދުން މަތިން ލެބް ކޯޓެއް ލައިގެންކަމުން އެއީ ޑޮކްޓަރެއްކަން އެނގުނެވެ. އަވަސް އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް އެކުއްޖާ އާއި ދިމާއަށް ގޮސް ހުއްޓެމުން ސަލާމް ގޮވައިލި އެވެ.

“އައްސަލާމު ޢަލައިކުމް ޑޮކްޓަރ!”

ޑޮކްޓަރުގެ ފުރަގަހުން އިވުނު އަޑަށް ފަސްއެނބުރި ބަލައިއެވެ. ކައިރީގައި ހުރީ ޖެހިލުންވުން އެމީހާގެ މޫނުން ކިތަންމެހާވެސް ރަނގަޅަށް ފެންނަން ހުރި ޑޮކްޓަރެކެވެ. ޑޮކްޓަރަށް އެގޮތަށް ގޮވައިލެވުން އެއީ ކުރެވުނު ކުށެއް ކަމަށް އިދުރީހަށް ހީވީކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި ފެންނަން ހުރި ޑޮކްޓަރަކީ ދަންނަ މޫނެއްކަން އެނގުމުން ހަމަޖެހުލެވުނެވެ.

“ތީ ކުރިން ދުވަހެއްގަ ޑރ. މަޢުރީން އާއެކުގަ ހުންނެވި ޑޮކްޓަރު ދޮގެއްތޯ؟” ހޮސްޕިޓަލަށް ވަންނަ ދޮރާއި ދިމާއަށް އަތުން އިޝާރާތް ކޮށްލަމުން އިދުރީސް ބުންޏެވެ.

“އާދެ، އެއީ އަޅުގަނޑު. އަޅުގަނޑަކީ ޑޮކްޓަރު މަރިޔަމް ޝައުޤީ، މަޢުރީންގެ ފްރެންޑެއް.”

އިދުރީހަށް ހީވީ ރަނގަޅަށް ކަން ޔަޤީންވުމުން ހިތްހަމަޖައްސައިލެވުނެވެ.

“ޑޮކްޓަރ މަޢުރީން ހޮސްޕިޓަލުގަ އެބައުޅުއްވާތޯ؟ މަޢުރީން އަށް ގުޅޭތޯ އަޅުގަނޑު ވަރަށް މަސައްކަތް ކޮށްފިން، އެކަމަކު ގުޅޭ ގޮތެއް ނުވި.”

“އާދެ އެބައުޅޭ،” ޑޮކްޓަރ މަރިޔަމް ޖަވާބު ދިނެވެ. “އެކަމަކު ޖޮބަށް ނިކުމެއެއް ނޫން. ސެކަންޑް ފްލޯގެ ޕްރައިވެޓް ރޫމެއްގަ މަޢުރީން އޮތީ އެޑްމިޓްކޮށްފަ.”

އިދުރީހަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ހާސްވެ ކަންބޮޑުވެސްވިއެވެ.

“އެޑްމިޓް ކުރީއޭ؟!، ޑޮކްޓަރަށް ކިހިނެއްވީ؟ އަޅުގަނޑަށް ބައްދަލުކޮށްލެވިދާނެތޯ؟”

އިރުކޮޅެއް ވާންދެން މަރިޔަން އެއްޗެއް ނުބުނެ ހުއްޓެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އޯކޭ، އަޅުގަނޑާއެކު ހިންގަވާ!”

***~~~***

މަޢުރީންގެ މަންމަ ހާޖަރާ ދާއޫދު ހުރީ އިންތިހާއަށް ކަންބޮޑުވެފަ އެވެ. އެހާ ދުވަސް ވާންދެން ދުށުމަށް އިންތިޒާރު ކުރަމުންދިޔަ މާމަދަރިފުޅު ލޮލަށް ނުފެނި ގެއްލުމުންނެވެ. އަނެއްކޮޅުން ދަނބިދަރިފުޅުގެ އަމަލުތައް ހުރިގޮތުން ކަންތައްތައް އިތުރަށް ގޯހުން ގޯހަށް ގޮސްފައިވާތީ އެވެ. ޝާއިލްއަކީ މާކުރިންސުރެވެސް އޭނާ ދަންނަ ކުއްޖެކެވެ. ހިތަށްވެސް ނާރާފަދަ ގޮތަކަށް އޭނާގެ އުޅުން ބަދަލުވާންވީ ކީއްވެގެން ހެއްޔެވެ؟ ޝާއިލްގެ އަނބިމީހާއާ މެދުގައެވެ. އަމިއްލަ މަންމަ އާއި މައިދައިތައާމެދު ގައެވެ. ކޮންމެވެސް ނުބައެއް އެބައުޅެއެވެ. އެކަމުގެ އެންމެ ފުނަށް ފީނަން ޖެހިއްޖެއޭ މަޢުރީންގެ މަންމަ ހިތަށްއެރި އެވެ.

ހޮސްޕިޓަލުން ބޭރަށް ނިކުތްއިރު މަޢުރީންގެ މަންމަ ހާޖަރާގެ ސިކުނޑީގައި ވަނީ އެންމެ މަންޒިލެކެވެ. ހިތުގައި ވަނީ އެންމެ ނިޔަތެކެވެ. އަލިބެއްޔާގެ ގެއަށް ދިއުމަށެވެ. ވެގެން އުޅޭ ކަމެއް އަލިބެއްޔާއަށް އެނގޭނެކަން އޭނާއަށް ޔަޤީން ކުރެވެއެވެ. އަލިބެއްޔާގެ ނަމުގެ ކުރިއަށް ‘ޝެއިޚް’ އައިސްފައިވަނީ ކިހިނެއްކަން ދެނެވޮޑިގެންވާނީ މާތްﷲ އެވެ. އޭނާ އަކީ މިސްކިތެއްގެ އިމާމެއްގެ އިތުރުން ސިހުރު ފަންޑިތަވެރިކަމަށް ވެސް މޮޅު މީހެކެވެ. އަލިބެއްޔާގެ ކާފައަކީ އެއް ޒަމާނެއްގައި ރާއްޖޭގެ ދެކުނަށް ނަން މަޝްހޫރު ފަންޑިތަވެރިއެކެވެ. އަލިބެއްޔާ އަށް ހިތްހަލާލުދީ ކާފައަށް ލިބިފައިވާ ހުރިހައި ޢިލްމަކާއި ފޮތްތަކެއް ވަނީ ދީފައެވެ. އަލިބެއްޔާގެ ދެފުށްދެގޮތް ދިރިއުޅުމާބެހޭ މަޢުލޫމާތު މަދު މީހަކަށް ފިޔަވައި އެނގިފައެއް ނުވެއެވެ. އެކަން އެނގިއްޖެނަމަ ގިނަބަޔަކު އޭނާ ކުށްވެރިކުރާނެ ކަމީ ޔަޤީންވާ ކަމެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އާއްމުންގެ ކުރިމަތީގައި އޭނާއަކީ ދީނީ ބޭފުޅެކެވެ. ޝެއިޚެކެވެ. މީގެ އެތަކެއް އަހަރުތަކެއް ކުރިން ހާޖަރާ ކައިރީގައި އަލިބެއްޔާ ބުނިފަދައިން އަލިބެއްޔާއަކީ ‘ވިސްނުންތޫނު ޝޭޚެ’ ކެވެ.

“އެކުގަ އެއްކަމެއް ކޮށްއުޅޭ މީހުންނަށްވުރެން ބޯ ރަނގަޅު ނޫންނަމަ، އެމީހަކު ހުންނަން ޖެހޭނީ އިނދަޖެހެން ތައްޔާރަށް”! މިއީ އަލިބެއްޔާގެ ބަހެކެވެ.

އެންމެ ފަހުން އަލިބެއްޔާ ކައިރިއަށް ހާޖަރާ ދިޔަތާ މިހާރު މިވަނީ ދިހަ އަހަރަށް ވުރެން ގިނަދުވަސްވެފައެވެ. ޓީވީން ފޮނުވާ އަލިބެއްޔާގެ ޕްރޮގްރާމެއް ކޮންމެ ހަފުތާއަކު ހާޖަރާ ބެލިނަމަވެސް، އަލިބެއްޔާގެ ގެއަށް ދިއުމަކީ ހަނދާންކުރަން ބޭނުން ނުވާ ހިތި ހަނދާންތަކެއް އާލާވާނެ ކަމެއްކަން ހާޖަރާއަށް ރަނގަޅަށް އެނގެއެވެ. އެ ހިތި ހަނދާންތަކަކީ އޭނާގެ ހިތުން އެހަނދާންތައް ނައްތައިލުމަށް ކޮންމެފަދަ ކަމެއް ކުރުމަށްވެސް އޭނާ ފަސްނުޖެހޭނެ ފަދަ ހިތި ހަނދާންތަކެކެވެ.

އެކަމަކު މިއަދު ހާޖަރާ އަކަށް އެހެން ގޮތެއް ނެތެވެ. ކަންކަން ކޮންމެ ގޮތަކަށް ހިނގައިފައި ވިޔަސް މިއަދު އަލިބެއްޔާ ކައިރިއަށް ދިއުމަށް އޭނާއަށް ވަނީ މަޖުބޫރު ވެފައެވެ. ކުރިމަތިވަމުން އަންނަ ކަންކަމުގެ ފަހަތުގައި ކޮންމެވެސް ނުބައެއް އުޅޭކަން އޭނާއަށް ޔަޤީނާ ގާތަށް ބުނަން އެނގެއެވެ.

***~~~***

އަލިބެއްޔާގެ ގޯތިތެރެއަށް ހާޖަރާއަށް ވަދެވުމާއެކު ގައިން ހީބި ނަގައިގެން ހިނގައްޖެ އެވެ. މާޒީގެ ހިތި ހަނދާންތައް އާލާވުމުންނެވެ. މާލޭގައި ދިރިއުޅޭ އެހެން ޝެއިޚުންގެ ގޭގެއާއި ޚިލާފަށް އަލިބެއްޔާގެ ގެއަކީ ގަނޑުވަރެއް ފަދަ ގެއެކެވެ. ދެބުރިއަށް ނަގާފައިވާ ގޭގެ ތިރީބުރި ޚާއްޞަކޮށްފައިވަނީ އަލިބެއްޔާގެ މަސައްކަތްތަކަށެވެ. ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށް ވަކިން ހަދާފައި ހުންނަ ކުލާސް ކޮޓަރިއެއްވެސް އެ ގޯތީގައި ހުރެއެވެ.

ދޮރުފަތުގައި ޓަކި ދިނުމަށްފަހު ޚަބަރެއް ނުވުމުން ދޮރު ހުޅުވައިލި ވަގުތު އެދިމާއަށް އަންނަ އަންހެނެއް ފެނުނެވެ. ބުރުގާ އަޅައިގެން ހުއްޓަސް މޭކަޕް ކޮށްފައިހުރީ ވަކިވަރެއް ބަލާފައެއް ނޫނެވެ.

“އައްސަލާމު ޢަލައިކުމް. ކޮންކަމަކު ދުރުވި، ކޮން ބޭފުޅެއްތޯ؟” އެ އަންހެންމީހާ ވާހަކަދެއްކީ މާތް ބަހުންނެވެ.

” އަލިބެއްޔާ އާ ބައްދަލުކޮށްލަން އަޅުގަނޑު ބޭނުން!”

“މިއަދަށް އެޕޮއިންޓްމެންޓެއް ހައްދަވާފަ އޮންނާނެތޯ؟” އެ އަންހެންމީހާ އިތުރަށް ސުވާލު ކުރިއެވެ.

“ނޫން، އަލިބެއްޔާ ކައިރީގަ ބުނޭ ހާޖަރާ ދާއޫދު އެބަހުއްޓޭ، މަޢުރީންގެ މަންމަ އެބަހުއްޓޭ ބުނޭ.” މިފަހަރު ހާޖަރާ ވާހަކަދެއްކީ އަމުރުވެރި ރާގެއްގައެވެ.

އެ އަންހެންމީހާގެ އަތުގައި އޮތް ފޯނުން ނަންބަރަކަށް ޑައިލްކޮށްލައި ވައިއަޑަކުން ވާހަކަދެއްކީ އޭނާ ދައްކާ ވާހަކަ ހާޖަރާއަށް އިވުނަނުދިނުމަށެވެ.

“ވާތް ފަރާތުން ތިންވަނަ ކޮޓަރިއަށް ދުރުވޭ.” ފޯނުކޯލަށްފަހު އަވަސް އަވަހަށް އެމީހާ ބުންޏެވެ.

މާބޮޑު މާނައެއް ނެތްގޮތަކަށް ޝުކުރިއްޔާ އޭ ބުނަމުން ހާޖަރާ ހިނގައިގަތީ އޭނާގެ މަންޒިލާއި ދިމާއަށެވެ.

އަލިބެއްޔާ އިންކަމަށް ބުނި ކޮޓަރީގެ ދޮރާ ދިމާއަށް ހިނގަމުންދިޔައިރު ހާޖަރާގެ ހިތް ބާރަށް ތެޅެމުން ދެއެވެ. އޭނާ އެގެއަށް އެދިޔައީ ބަރާބަރު ދިހަ އަހަރު ފަހުންނެވެ. އޭނާ އެންމެ ފަހުން އެގެއަށް ދިޔައީ މަޢުރީން ވަރަށް ބޮޑަށް ބަލިވެގެން އުޅުނު އިރެއްގައެވެ. އޭރު މަޢުރީންއަށް ކުރިމަތިވި އާދަޔާޚިލާފު ބަލިމަޑުކަމުގެ ސަބަބުން ވާހަކައެއްވެސް ނުދެއްކެއެވެ. އެއް ޓެސްޓަށް ފަހު އަނެއް ޓެސްޓެއް ހެދުމަށް ޑޮކްޓަރުން އަމުރުކުރަމުން ދިޔައީ އެއްވެސް ކުރިއެރުމެއްވެސް ނުލިބޭ ހާލުގައެވެ. ދަރިފުޅު މަޢުރީން ބީވެދާނެތީ ހާޖަރާ ހުރީ ނުލާހިކު ބިރުގެންފައެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ އަލިބެއްޔާގެ އެހީ ހޯދުމަށެވެ. އިއްޔެ ހިނގި ކަމެއް ހެން އެދުވަސް މަތިން ހާޖަރާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަލިބެއްޔާގެ ކުރިމަތީގައި ކަކޫމައްޗަށް އިނދެގެން އޭނާ ރުއި ރުއިމެވެ. އަލިބެއްޔާގެ ދެފައިގައި ހިފައިފާ އެހީއެއް ވެދިނުމަށް އާދޭސްކޮށް ސަލާންޖެހި ގޮތެވެ. އޭރުވެސް އަލިބެއްޔާ އަކީ ކޮންކަހަލަ މީހެއްކަން ހާޖަރާއަށް ރަނގަޅަށް އެނގެއެވެ. އެހެން ނަމަވެސް އޭނާއަށް އެދުވަހުވެސް މަޖުބޫރުން އަލިބެއްޔާ ކައިރިއަށް ދާން ޖެހުނީ އެވެ. މިއަދުވެސް ހާޖަރާ އެވަނީ އެފަދަ މަޖުބޫރީ ހާލަތެއްގައެވެ. ހަދާނެ ގޮތް ހުސްވެފައެވެ.

***~~~***

މަޢުރީން އޮތް ކޮޓަރީގެ ދޮރު ޑޮކްޓަރު މަރިޔަމް ޝައުޤީ ހުޅުވާލަމުން އެތެރެއަށް ވަދެ ދޮރުލައްޕައި ދޮރުކައިރީގައި މަޑުކޮށްލި އެވެ.

“މައޫ، މައުއާ ބައްދަލުކޮށްލަން މީހަކު އައިސް އެބަހުރި، އެމީހާ ވެއްދިޔަސް އޯކޭތަ؟”

“މަގޭ ހަސްބަންޑް ތަ؟” ބައްދަލުކޮށްލަން އައިސް ހުރީ ދުށުމަށް އެންމެ ހިތްއެދޭ މީހާ ކަމަށް މަޢުރީން އަށް ހީކުރެވުނެވެ. މަރިޔަމް ބޯ ހޫރައިލުމުން މަޢުރީންގެ މޫނަށް ވެރިވެފައިވާ އުޖާލާކަން ފަނޑުވެގެން ހިނގައްޖެ އެވެ.

“އެއީ އެއްކަލަ ދުވަހު މައު އަތުން ނަންބަރު ހޯދިއެއްނު އިދުރީސް އެއް. އޭނަ!”

“އޯކޭ، ވައްދަބަލަ.” ބާލީސް ކައިރީގައި އޮތް ބުރުގާ ނަގައި ބޮލަށް މަހައިލަމުން ކުރަކި އަޑަކުން މަޢުރީން ބުންޏެވެ.

ވަނުމަށް ހުއްދަލިބުމުން އިދުރީސް ވަދެގެން ގޮސް މަޢުރީންގެ އެނދުކައިރީ ހުރި ގޮނޑިއާއި ދިމާއަށް ހިނގައިގަތީ ބުނާނެ އެއްޗެއް ނޭނގިހުރި ހާލެއްގައެވެ. މަޢުރީންގެ މޫނުން ހިތާމައިގެ އަސަރު ފެންނަން ހުރިއިރު އެ މޫނު ހުރީ ދުޅަވެސް ވެފައެވެ. މަޢުރީންއަށް އައިސްފައިވާ ބަދަލު ފެނުމުން އިދުރީހުގެ ހިތުގައި ޖެހުނެވެ. އެ ހިތަށް ތަދުވެސްވެއްޖެ އެވެ. އެންމެފަހުން އިދުރީސް ވާހަކަދައްކަން ފެށި އެވެ.

“ކިހިނެއްތޯ ވީ؟”

“އަހަރެންގެ ދަރިފުޅު އަހަރެން އަތުން ބީވީ…. އަހަރެން ބައިގެންދިޔައީ.”

“ސުބްޙާނަﷲ، އައޭމް ސޯ ސޮރީ އަބައުޓް ދެޓް.” އަޑަށް ރާގުލާފައި އިދްރީސް ބުންޏެވެ. ކުއްލިއަކަށް އިދުރީސްގެ ހިތުގައި ވަރަށް ބޮޑަށް ޖެހިއްޖެ އެވެ. ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. މަޢުރީން ބައިގެންދިޔަ ޚަބަރަށް ކަމެއް ނުވަތަ މަޢުރީން އަކީ މީހެއްގެ އަނތްބެއްކަން އެނގުމުން ނޫންކަމެއްވެސް ނޭނގެއެވެ.

“ކަންބޮޑު ނުވޭ، މަޢުރީންއަށް ލޮލުގެ ފިނިކަން ލިބޭނެ ދަރިން އިރާދަކުރެއްވިއްޔާ އެކަލާނގެ ދެއްވަވާނެ.” އިތުރަށް އިދުރީސް ބުންޏެވެ. “ކޮން އިރަކުން ތޯ ޑިސްޗަރޖް ކުރަނީ؟”

އެ ސުވާލަށް ޖަވާބުދޭކަށް މަޢުރީން ބޭނުމެއް ނުވިއެވެ. އެކަމުގައި އެހީތެރިވެދިނީ މަރިޔަމް އެވެ.

“އޭނަ ދޫކޮށްލައިފި މީގެ ސާޅީސް ފަސްވަރަކަށް މިނެޓް ކުރިން، އެކަމަކު އޭނަގެ ފިރިމީހާ އޭނަ ބަލާ ނާންނާތީ އެ އޮންނަނީ. މަށާ އިދުރީސް އާ އޭރު ދިމާވީ ހޮސްޕިޓަލުގެ އެޑްމިން ބަޔަށް ގޮސް އަހަރެން މީނަ ގެންދަން ހުއްދަ ހޯދުމަށް ދަނިކޮށް.”

‘އޯހް…” އިދްރީހަށް ބުނެވުނީ އެހިސާބަށެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައިސް ތިލަވެއްޖެ އެވެ.

“ކިހިނެއް ވާނެ އަހަރެން އޭނަ ގޮވައިގެން އަހަރެންގެ ކާރުގަ ދިޔައިއްޔާ؟ އޭރުން މަރިޔަމް ވެސް މަސައްކަތް ނިންމާލާފަ ފަހުން އެގެއަށް ދެވިދާނެދޯ.”

މަރިޔަމްގެ ދެބުމަ އަރުވައިލި ގޮތުން އިދުރީސްގެ ޚިޔާލު މަރިޔަމްއަށް ކަމުނުދާކަން އެނގުނެވެ. ހީވާކަހަލަ އެވެ. މަރިޔަމްގެ ހިތް ބުނަމުން ދަނީ މިއީ ދެން މިކަމާ އުޅެން ފަހެ ކާކުހެއްޔެވެ؟

ނަމަވެސް މަރިޔަންއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ހަމަހިމޭންކަން ފޫދުއްވައިލީ މަޢުރީން އެވެ.

“ޔެސް، އިދުރީސްއަށް ވަންޏާ އަހަރެން މަންމަމެންގެ ގެއަށް ގެންގޮސްދީ.”

***~~~***

އަލިބެއްޔާގެ ގެއަށް މާބޮޑު ބަދަލެއް ނާދެ އެވެ. އަދިވެސް އެއީ ހަމަ އިހުގެ އެ ގެއެވެ. ބޮޑު ކޮޓަރީގެ އެއް ބިތް ފުރެންދެން ހުރީ ފޮތްއަލަމާރި ތަކެކެކެވެ. އަލަމާރިތައް ފުރެންދެން ހުރީ ދީނީ އެކިއެކި ފޮތްފޮތެވެ. އެތަނުން ގިނަފޮތްތައް އެއީ ކަންދެއްކުމަށް ހުރި ފޮތްތަކެއް ކަން ހާޖަރާއަށް ޔަޤީންކޮށް ބުނަން ކެރޭނެއެވެ. މާތް ޢިލްމުވެރިއެއްގެ ގޮތްގަނޑު ދެއްކުމަށެވެ. އަލިބެއްޔާ އިށީންދެ އިން އިހުގެ އަދަރާދަ ގޮނޑީގެ ކުރިމަތީގައި ހުރި އިހުގެ އޮފީސް މޭޒުމަތި ފުރިފައިވަނީ ބާވެފައި ހުރި ފޯލްޑަރ ފައިލް ތަކަކުންނެވެ. ފަހަރެއްގައި އެއީ އޭނާ ކައިރިން ޚިދުމަތް ހޯދާ މީހުންގެ ވަނަވަރު ހިމެނޭ ފައިލްތަކަކަށް ވެސް ވެދާނެއެވެ.  ކޮޓަރިތެރެއިން ދުވަނީ ދުންދަނޑިވަހާއި ކުމުންޒާނީގެ ވަހެވެ. އަލިބެއްޔާ އިށީންދެ އިން ގޮނޑިއާއި ޖެހިގެން ކަހަލަ ގޮތަކަށް އެހެން ގޮނޑިއެއްވެސް ހުއްޓެވެ. އެ ގޮނޑިއާއި ޖެހިގެން ކުޑަކުޑަ އައިސްއަލަމާރިއެއް ހުއްޓެވެ. ކޮޓަރީގެ އަނެއް ފަރާތުގައި އެހެން ކޮޓަރިއަކަށް ވަދެވޭ ގޮތަށް ދޮރެއް ހުއްޓެވެ. ހާޖަރާ ހުރީ އެ ކޮޓަރިއަށް ވަންނަން ނުޖެހޭނެ ކަމަށް އުއްމީދު ކޮށްކޮށެވެ.

“އައްސަލާމު ޢަލައިކުމް ހާޖަރާ، ވަރަށް ދުވަސް ވެއްޖެ ދޯ ދިމާނުވާތާ؟” އަލިބެއްޔާ ވާހަކަދެއްކީ މަޑުމަޑުންނެވެ. އޭނާގެ އަނގައިގައި ހުރި ރީނދޫ ދަތްތައް ފެނުމުން ހާޖަރާއަށް ހޮޑު ނުލެވުނީ ހަމަކިރިޔާ އެވެ. ފަކުރުންނާއި ގަތް ބިރެއްގެ ސަބަބުންނެވެ.

“ވަޢަލައިކުމުއްސަލާމް އަލިބެއްޔާ، ….. އަންގައިވެސް ނުލާ ކުއްލިއަކަށް އަންނަން ޖެހުނީތީ މަޢާފަށްއެދެން، އެކަމަކު އަނެއްކާވެސް މި އާދެވުނީ މަޢުރީންގެ ކަމެއްގަ. ކޮންމެވެސް ނުބައެއް އުޅޭކަން އަހަންނަށް ހީވާތީ މިއައީ.”

***~~~***

ގެއަށް ވަންނަން ހުރި ދޮރު ކައިރީގައި ބަހައްޓާފައިހުރި ގަސްމުށި ތަކުގެ ތެރެއިން ގޭގެ ތަޅުދަނޑިއެއް ނަގައި ދޮރު ހުޅުވައިލަމުން މަޢުރީން އޭނާގެ މަންމަގެ ގެއަށް ވަދެއްޖެ އެވެ. އެގެއާއި ހަމައަށް މަޢުރީން ގެނެސްދިނުމަށްފަހު އިދުރީސް ދިޔައީ ފަހުން ޚަބަރެއް ވުމަށް ވަޢުދު ވަމުންނެވެ.

‘ހާދަ ރަނގަޅު މީހެކޭ.’ މަޢުރީންގެ ހިތަށް އެރިއެވެ. ‘އޭނަ ބޭނުމެއް ނުވި ގެއަށް ވަންނަން ވެސް. އެހެން މީހަކު ނަމަ…’ ފުން ނޭވާއެއް ދޫކޮށްލަމުން ސޯފާގައި މަޢުރީން އިށީންދެ ހަމަޖެހިލިއެވެ. ހަމައެއާއެކު މަޢުރީންއަށް ނިދިއްޖެ އެވެ.

***~~~***

ޗެޕްޓަރ 07 – ހާސަރުގަނޑެއް

މަޢުރީން އިށީންދެެގެން އިނީ ރަސްފަންނުގައި ހުރި ޖޯލިތަކުން ޖޯއްޔެއްގައެވެ. ރަސްފަންނުގެ މަސްނޫޢީ ގޮނޑުދޮށަށް މަޑުންމަޑުން އައިސް ބީއްސަމުންދާ ރާޅުތަކަށް ބަލަން އިނީ ދެވަނަ އެހެން ދިމާއަކަށް ނަޒަރު ހިންގައިލުމެއް ނެތިއެވެ. މަޢުރީންގެ ވިސްނުން ހުރީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔޭގެ ކަނޑުގެ ރާޅުތަކުގެ ތެރޭގައެވެ. އޮއްސުމަށް ދަތުރުކުރަމުންދާ އިރު، އޭގޭ ވާޖިބު އަދާކުރުމަށް ދަތުރުކުރަމުން ގޮސް އުދަރެހުން ގެއްލެން ވަނީ ކައިރިވެފައެވެ. އެވަގުތު މަޢުރީން ދެލޯ މަރައިލިއެވެ. އޭނާގެ ޚިޔާލުތައް ގޮސް ހުއްޓުނީީ މާކަނޑުގެ މެދަށެވެ. އޭނާއަށް ފެންނަމުން ދަނީ މާކަނޑުގައި އޭނާ ފަތަމުން، އޮއްސެމުންދިޔަ އިރާއި ދިމާއަށް ދާތަނެވެ. އިރުކޮޅެއްގެ ތެރޭގައި އޮއްސުނު އިރާއިއެކު މަޢުރީން ވެސް ގެއްލިގެންދިޔަ ތަނެވެ.

“ލޯބީ ހާސްނުވޭ. އަހަރެމެން ދެމީހުން އެކުގަ ފަތާލާފަ ދާނީ ދޯ!”

މަޢުރީންގެ އެއްފަރާތުން އިވުނުު އަޑަށް ސިހުނެވެ. ފަތަފަތާ އޮވެ އެފަރާތަށް ބަލައިލެވުނު ވަގުތު ލިބުނީ ހައިރާން ކަމެވެ. ކަނޑުގެ ލޮނުގަނޑު މަތީގައި މަޢުރީން އާއި އެއްވަރަށް ހިނގަމުން ދިޔައީ ޝަމްހޫރިޝް އެވެ.

“މިކަމާ ކީކޭ ބުނަނީ؟” ޝަމްހޫރިޝް އިތުރަށް ބުންޏެވެ.

“ކޮން ކަމަކާ؟ ޝަމްހޫރިޝް ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ؟” އާދައިގެ ގޮތަކަށް މަޢުރީން ކޮށްލީ ސުވާލެކެވެ.

“އަހަރެން މިއައީ މަޢުރީން ގެއަށް ގެންދަން.”

“އަހަރެން މި އުޅެނީ އަހަރެންގެ ގޭގަ.”

“ނޫން، މިބުނީ މަޢުރީން ގެ މަންމަމެންގެ ގެއެއް ނޫން، މަޢުރީންގެ އަސްލު ގެއަށް ….. ކަނޑުގެ އެންމެ އަޑިއަށް …. އަހަންނާ އެކު އަހަރެމެންގެ ގެއަށް….”

މަޢުރީން ދެފަރާތަކަށް ބޯ ހޫރާލިއެވެ. ޝަމްހޫރިޝް އެދައްކާ ވާހަކައެއް އޭނާއަކަށް ނުވިސްނުނެވެ. ކުއްލިއަކަށް އޭނާއަށް އިނދެވުނީ ރަސްފަންނުގެ ޖޯއްޔެއްގައި ނޫންކަން އެނގުނީ އެހިސާބުންނެވެ. އޮވެވުނީ މާކަނޑުގައިކަން އެނގުނެވެ. މަޑުމަޑުން މަޢުރީން އަޑިއަށްދާން ފަށައިފިއެވެ. މަޢުރީން ބިރުން ގޮސް ހަދާނެގޮތް ހުސްވެގެން ދެއަތް ހޫރަނީއެވެ. އިވެމުންދިޔަ އަޑުތައް ބިރުވެރި އަޑު ތަކަކަށް ބަދަލުވެއްޖެއެވެ.

“މަޢުރީން!!”

ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ގެނބިގެން ޣަރަޤުވެއްޖެހެން ހީވުމުން މަޢުރީން އަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

“ޔާﷲ މިއަޅާއަށް އެހީތެރިވެވޮޑިގަންނަވާންދޭވެ.!”

މަޢުރީން އަށް ހޭލެވުނީ އަޑުގެ ނެތްތަނަށް ރޮއެ ހަޅޭއްލެވެމުން ދަނިކޮށެވެ.

***~~~***

ހާޖަރާ ގެ ވާހަކަތައް ނިމުމުން އަލިބެއްޔާ ތެދުވެއްޖެ އެވެ. ޖެހިގެން ހުރި ކޮޓަރިއަށް އަލިބެއްޔާ ވަނުމާއެކު ހާޖަރާއަށް އިނދެވުނީ އެއްވެސް ކެތްތެރިކަމެއް ނެތް ހާލުގައެވެ. އަލިބެއްޔާ އެތަނަށް ވަނީ ކީއްކުރަން ކަމެއް ހާޖަރާ އަކަށް ނޭނގެއެވެ. އެކަމެއް އެނގޭކަށް އޭނާ ބޭނުމެއްވެސް ނޫނެވެ. ހާޖަރާ ހަމައެކަނި ބޭނުންވަނީ އޭނާގެ ދަރިފުޅަށް ކުރިމަތިވާން ފަށާފައިވާ މައްސަލަތަކަށް ހައްލެކެވެ. މިއަދު މިއީ އޭނާގެ ދަރިފުޅު އެ ތުރާތައް ތަހައްމަލުކުރަންވީ ދުވަހެއް ނޫނެވެ. މިއީ އެދަރިފުޅު އުފަލުގައި އުޅެންވީ ދުވަހެވެ. ދަރިފުޅުގެ ހާލާއިމެދު ވިސްނައިލެވުމުން ހަނދާނަށް އައީ ޚުދު އޭނާ އަލަތު ކައިވެންޏަށްފަހުން އުޅެން ޖެހުނު ހާލާއި މެދުގައެވެ. ކައިވެންޏަށް ފަސް އަހަރުވެގެން ދިޔައިރުވެސް ދަރިއަކު ނުލިބެއެވެ. ބޭސްވެރިކަމަށް އެއްކޮށް އިތުބާރު ގެއްލުމުން ދެން ފެށީ އެހެން ގޮތްގޮތުން ވެސް ދަރިއަކު ލިބޭނެގޮތެއް ވޭތޯ ބެލުމަށެވެ. އެހެން އުޅެނިކޮށް އަތޮޅުތެރޭ ރަށެއްގެ ރައްޓެއްސެއްގެ ފަރާތުން އަލިބެއްޔާ އަށް ތަޢާރަފުވި އެވެ. އެދުވަސްވަރަކީ އަލިބެއްޔާގެ ޅަދުވަސްވަރެވެ. އޭރު އަދި އެބުނާ ޝެއިޚް ކަމެއްވެސް އަލިބެއްޔާ އެއް ނުކިޔަވައެވެ. ނަމަވެސް އޭރުވެސް އޭނާއަކީ ތަޖްރިބާ ހުރި ފަންޑިތަވެރިއެކެވެ. އެކިއެކި ރޫޙާނީ ބަލިތަކަށް ފަރުވާދެމުން އައި މީހެކެވެ.

އެމީހުންނަށް ފުރަތަމަ ބައްދަލުވެވުނު ފަހަރު ހާޖަރާގެ ޒުވާން ރީތިކަން ފެނިފައި އަލިބެއްޔާގެ ހިތް މަގުން ކައްސާލައިފިއެވެ. ހާޖަރާއަށް ކޮންމެހެންވެސް އެހީވެދިނުމަށް އަލިބެއްޔާ ބޭނުންވި އެވެ. ނަމަވެސް އޭނާގެ ނުބައި އެދުންތައް ޙާޞިލް ކުރުމަށް މޮޅު ޕްލޭނެއް ރާވައި އެއަށް އަމަލުކުރުމަށް ނިންމައިގެންނެވެ. އޭނާގެ ނިޔަތްނުބައި ރޭވުންތަކަށް ޙަޤީޤީ ކުލަ ޖައްސާކަށް އެހާ އުނދަގުލެއްވެސް ނުވިއެވެ. އެއަށްވުރެން ބޮޑަށް ހާޖަރާ ހުރީ ދަރިއަކު ނުލިބިގެން އެކަމުގެ އެދުންވެރިކަން އިންތިހާއަށް ގޮސްފައެވެ.

މީގެ ފަންސަވީސް އަހަރު ކުރިން ހިނގައިދިޔަ ކަންތައްތަކުގެ ހަނދާންތައް އާކުރާކަށް ހާޖަރާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މިހާރަށް ފޯކަސް ކުރާށެވެ. ދަރިއަކު ނުލިބި ކައިވެނީގެ ދުވަސްތައް ހޭދަކުރަން އޭނާއަށް ޖެހުނު ހިތްދަތި ދުވަސްތައް އޭނާގެ ދަރިފުޅު މަޢުރީން ބަރުދާސްތު ކުރުމަކަށް ހާޖަރާގެ ހިތަކަށް ކެތެއް ނުވާނެއެވެ. ޚުދު އޭނާ ގޮތްހުސްވެ ދަރިއެއްގެ ބޭނުމުގައި ހައްދުން ނެއްޓުނު ހިސާބަށް މަޢުރީން ދާކަށް ނޭދެއެވެ. އޭރު އޭނާ އެކަމަށް އެހާ ބޮޑަށް ބޭނުންވީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ދަރިއަކު ނުލިބި އެކަމުގެ ހިތާމައިގައި ގޮތްހުސްވެގެން އޭނާ އުޅުނުއިރު، ފިރިމީހާގެ މައިންބަފައިން ރާވަމުން ދިޔައީ އެގެއަށް އެހެން އަންހެނެއް ގެންނާށެވެ. ހާޖަރާގެ ބަތްތަށީގެ އެއްފަޅި ދޭގޮތަށެވެ. ހާޖަރާގެ ފިރިމީހާ ދެ އަތްނބަށް މީހަކާ ދެވާށެވެ. އެކަމަކު އެފަދަ ކަމެއް ހާޖަރާއަށް ބަރުދާސްތު ކުރެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އެފަދަ ކަމަކަށް ކެތް ނުކުރެވުނު އިރު އޭނާގެ ދަރިފުޅު މަޢުރީންއަށް ފަހެ ކެތްކުރެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟

ނޫނެކެވެ. އޭނާއަށް އޮތް ހަމައެކަނި ހައްލަކީ މަޢުރީންގެ ހަޔާތަށް ކުރިމަތިވަމުން އަންނަ ކަންތައްތަކުގެ އެންމެ ފުނަށް ފީނުމެވެ. އެކަންތައް ތަކުގެ މުލާއި ހަމައަށް ވާޞިލު ވުމެވެ.

އަލިބެއްޔާ ވަން ކޮޓަރީގެ ދޮރުފަތް ކުޑަކޮށް ހުޅުވާލާފައި އޭނާގެ ކަތި ނަޒަރުން ހާޖަރާ އަށް ބަލައިލިއެވެ. އެވަގުތު ހާޖަރާގެ ޚިޔާލީ ދުނިޔެއިން ނިކުމެވިއްޖެ އެވެ. ހަމަ އެވަގުތު އަލިބެއްޔާގެ ކުރަކި އަޑުއިވިގެން ހިނގައްޖެ އެވެ.

“އާދޭ އެތެރެއަށް.”

***~~~***

ޗެޕްޓަރ 08 – ހާސްކަން

މަޢުރީންގެ ނަޒަރުން

އަހަންނަށް ހޭލެވުނީ ހަޅޭއްފަޅޭއް ލަވަމުންނެވެ. މުޅި މީހާ އޮތީ އެއްކޮށް ދާހިއްލާ ފޯވެފައެވެ. އަހަރެންގެ ހިތް ގަޑަގަޑަ އަޅާފައި ބާރަށް ތެޅެމުން ދެއެވެ. އަހަންނަށް ފެނުނު ހުވަފެން އަސްލަކާއި ހާދަހާ ވައްތަރެވެ. އަހަންނަށް ބާރަށް ރޮވެން ފެށުނެވެ. އަހަންނަށް މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟

ހޮސްޕިޓަލުގައި އަހަރެން އޮތް އިރު ޝާއިލް އެތަނަށް ގޮސް ޖެހިސަކަރާތެއް ޖަހާފައި ރުޅިއައިސްގެން ނިކުމެގެން ދިޔަފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނާގެ އެކަންޏެއް ނޫނެވެ. ޝާއިލްގެ ޢާއިލާގެ އެއްވެސް މީހެއްގެ ޚަބަރެއްނުވެއެވެ. ޝާއިލްއަށް އެހައި ބޮޑު ބަދަލެއް އަންނަންވީ ކީއްވެގެން ހެއްޔެ؟ މީހެއްގެ ވަޒީފާގެއްލުމަކީ ދެރަވާނެ ކަމެކެވެ. އެކަމަކު އެހާވަރަށް އޭނާގެ ހާލަތު ހިނގައިދާނެ ކަމަށް ކުޑަކޮށްވެސް ހިއެއް ނުކުރެވެއެވެ. ވަޒީފާއިން ކަނޑައިލިފަހުން އަދި މިވީ މަދު މަސްކޮޅެކެވެ. އޭނާގެ ބަދަލުވުމުގެ ފަހަތުގައި ވަނީ ވަޒީފާ ގެއްލުންކަމަށް ހަމަ ވެދާނެ ހެއްޔެވެ؟

ކުޑަދޮރު ކައިރިއަށް އަހަރެން ޖެހިލީ އަހަރުމެން ގޭގެ ކުރިމަތީގައި ހުރިގެއާއި ދިމާއަށް ބަލައިލާށެވެ. އާނއެކެވެ. އެއީ ޝާއިލްގެ މައިންބަފައިންގެ ގެއެވެ. އަހަރުމެންނަކީ ފެށުނީއްސުރެން އަވަށްޓެރިންނެވެ. އަހަރެން އެގެއާއި ދިމާއަށް ބަލަން އިރުކޮޅަކު މަޑުކޮށްލީމެވެ. އެކަމަކު އެގޭގައި އެއްވެސް މީހަކު އުޅޭކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ހަވީރުވުމުން މަންމަ އާއިއެކު އެގެއަށް ގޮސް ވާހަކަ ދައްކައި މައްސަލައިގެ ހައްލެއް ހޯދުމަށް އުޅެވިދާނެޔޭ އަހަރެންގެ ހިތަށްއެރި އެވެ.

އަހަރެން ކުރިންވެސް އޮށޯވެ އޮތްތަނަށް ގޮސް މޭޒުމަތީގައި އޮތް އަހަރެންގެ ފޯނު ނެގީމެވެ. މަންމަ އަށް ގުޅުމަށެވެ. ހޮސްޕިޓަލުން މަންމަ ނިކުތްއިރު އަހަރެން ހީކުރީ މަންމަ އަންނާނީ ސީދާ ގެއަށް ކަމަށެވެ. މަންމަ ނުކުތްއިރު އަހަރެން ދޫކޮށްލަން އުޅޭކަން އެނގުނު ނަމަ މަންމަ މަޑުކުރުވީމުހެވެ. އޭރުން މަންމަ އާއެކު އަހަންނަށް ގެއަށް އާދެވޭނެ އެވެ.

މަންމަގެ ނަންބަރަށް ގުޅޭތޯ އަހަރެން ދެތިން ފަހަރަށް މަސައްކަތް ކޮށްލީމެވެ. ގުޅޭގޮތެއް ނުވިއެވެ.

‘ތިޔަ ގުޅުއްވި ނަންބަރަށް މިވަގުތު ގުޅައެއް ނުދެވުނު. ފަހުން ގުޅުއްވާ!’ އޮޕަރޭޓަރުގެ މެސެޖް ތަކުރާރުކޮށް އިވެމުން ދިއުން ނޫން އެހެން އަޑެއްނުއިވުނެވެ. އެކަމަކު މަންމަ ފޯނު ނިއްވާލައިގެން ގޮސް އުޅެންވީ ކޮންތާކު ހެއްޔެވެ؟

މަންމަގެ ފިހާރައިގެ ސޭޓަށް ވެސް އަހަރެން ގުޅީމެވެ. ފިހާރަޔަށް ގޮސްފާނެ ކަމަށް ބަލާފައެވެ.

“ރީޝާ… މީ މައުއޭ އިނގޭ…. ކިހިނެއްތަ؟ އަހަރެންގެ މަންމަ ތިކޮޅަށް ދިޔަތަ؟” ފިހާރާގައި ސޭޓަކަށް އިންނަ އަންހެންކުއްޖާ ކައިރީ އަހަރެން އަހައިލީމެވެ. އެކުއްޖާ ބުނީ މިއަދު ނާންނަކަމަށެވެ. ކޯލު ކަނޑައިލުމާއެކު މަންމަ ވީ ކޮންތަނެއްގަ ބާއޭ އަނެއްކާވެސް އަހަރެންގެ ހިތާހިތުން ސުވާލުކޮށްލެވުނެވެ.

“އަޅެ ކޮންތާކަށްބާ މަންމަ ދިޔައީ؟”

***~~~***

ކޮޓަރިއަށް ވަނުމާއެކު ކޮޓަރީގެ ދޮރުފަތް އަލިބެއްޔާ ލައްޕައިލި އެވެ. އެވަގުތު ހާޖަރާގެ ގައިން ހީބިހި ނަގައިގެން ހިނގައްޖެ އެވެ. ގޭގެ އެހެން ތަންތަނާއި ޚިލާފަށް އެ ކޮޓަރިތެރެ މުޅިން ތަފާތެވެ. މާބޮޑަށްވެސް ބިރުވެރި އެވެ. ނާމާނެވެ. ފާރާއި ފަންގިފިލާގައި ސިހުރުހާހޫރަ އާއި ގުޅުންހުރި އެތަކެއް އެއްޗެއް އެލުވާފައި ހުއްޓެވެ. އެކި ޒާތްޒާތުގެ އެކި ސައިޒްތަކުގެ ތަވީދުތަކެވެ. އެކި ބައްޓަންތަކަށް ހުރި ޖަނަވާރުންގެ ކަށިކޮޅުތަކެވެ. ކޮޓަރީގެ އެއް ބިތް ކައިރީގައި ރަތް ފޮތިގަނޑެއް އަޅާފައިވާ ގޮދަޑިއެއް ބާއްވާފައި އޮތެވެ. ގޮދަޑީގެ ވަށައިގެން ކަހަލަ ގޮތަކަށް ދިއްލާފައި ހުރި އުށްބައްތި ތަކެއް ހުއްޓެވެ. ގޮދަޑިއާއި ދިމާ ފާރުގައި ހުދުކުލައިގެ ބޮޑު ފޮތިގަނޑެއް ދަމާފައި އޮތެވެ. ނަމަވެސް ފޮތިގަނޑުގައި އެކި ކުލަކުލައިގެ ލައް ތަކެއް ޖެހިފައި ހުއްޓެވެ. އެއީ ކޮންފަދަ ލައްތަކެއް ކަން ޚިޔާލަށް ގެންނަންވެސް ހާޖަރާ ބޭނުމެއްނޫނެވެ. ކޮޓަރިއަށް ވަންއިރު ހާޖަރާގެ ކަނާތް ފަރާތުން ތަޅުންގަނޑު މަތީގައި ވަށް މޭޒެއް ބަހައްޓާފައިހުރިކަން ފާހަގަކުރެވުނެވެ. މޭޒުގެ އެއްފަރާތުގައި ލަކުޑިން ހަދާފައިހުރި އަތްގަނޑުލީ ދެ އަދަރާދަގޮނޑި ހުއްޓެވެ. މޭޒުމަތީގައި ހެޔޮވަރު ސައިޒެއްގެ ކަދުލެއް ބާއްވަފައި އޮތެވެ.

ވާތް ފަރާތުގައި ހުރީ އެނދެކެވެ. އެނދާއި ދިމާއަށް ސީލިންގުގައި އެލުވާފައި އޮތީ ހިކިފައި އޮތް ތިން ލުނބޮއެވެ. އެދިމާއަށް ބަލައިލެވުމާއިއެކު ހާޖަރާއަށް ހިންދިރުވައި ލެވުނެވެ.

“ކަލޭގެ ދަރިފުޅު ކައިރީ އަހައިފިންތަ އާދަޔާޚިލާފު އެއްވެސް ކަމެއް، ހުވަފެނެއް ނަމަވެސް ފެންނަމުން ދޭތޯ؟” ހާޖަރާގެ ވިސްނުމުގެ ވާފަށް ކަނޑައިލީ އަލިބެއްޔާ އަމާޒުކުރި ސުވާލުންނެވެ.

“ނޫ-… ނޫން އަލިބެއްޔާ.”

“މީގެ ދިހަ އަހަރުކުރިން އޭނާ ބަލިވާން ފެށުމުން ކަލޭ އައިމަ އަހަރެން ބުނީމެއްނު އެއީ މޫދާއި ގުޅިފަވާ ކުއްޖެކޭ، އެހެންކަމުން އެކުއްޖާގެ ޙައްޤުގައި ކޮންމެ ތިން އަހަރަކުން އެއް އަހަރު ކަލޭ ޤުރުބާންތަކެއް ވާން ޖެހޭނެޔޭ އަހަރެން ބުނީމެއްނު. އަހަރެން އެހެން ބުނީމަ އެންމެ ފުރަތަމަ ތިން އަހަރު އެކަންޏެއްނު ކަލޭ އަހަރެންގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނީވެސް. އޭގެ ފަހުން ހަރާން ބަޅުމަސް.” ހާޖަރާއާ ދިމާއަށް ފަންޑިތަވެރި މުދިމު އަލިބެއްޔާ ކަޅި އަޅައިލަމުން ބުންޏެވެ.

“އަލިބެއްޔާ އަހަރެން ޖަމާކޮށްދޭނަމޭ، ހަމަ ހުވާ.” އަލިބެއްޔާ އިށީންދެއިން ތަނުން ތެދުވެގެން ހާޖަރާ އާއި ކައިރިއަށް ހިނގައިގަތެވެ.

“މިދުވަސްކޮޅު ކަލޭގެ ފިރިމީހާ ކިހިނެއްތަ؟” ހާޖަރާގެ ކަންފަތް ދޮށުގައި އަލިބެއްޔާ ވައިއަޑުން އަހައިލިއެވެ.

އަލިބެއްޔާ ދެކެ ހާޖަރާ އިންތިހާއަށް ބިރުގަނެއެވެ. އެއީ އަބަދުވެސް ބާރުގަދަ މީހެކެވެ. އޭނާ ބޭނުން ނަމަ ހާޖަރާގެ ދިރިއުޅުން ޖަހަންނަމައަކަށް ވެސް ހަދާލަފާނެ އެވެ. އެކަމަކު އެއީ އޭނާ ޖަހާހައި ބެރަކަށް ހާޖަރާ ނުނަށާ ނަމައެވެ.

“އޭނަގެ ހާލު ރަނގަޅު.” އަލިބެއްޔާގެ ލޮލަށް ނުބަލައި ވޭތޯ މަސައްކަތް ކުރަމުން ހާޖަރާ ޖަވާބު ދިނެވެ. އަލިބެއްޔާގެ ދެ ލޮލަކީ ބިރުވެރި، ނުލަފާ ދެ ލޮލެވެ.

“އަހަންނަށް އެހީވެދީ!” ހާޖަރާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. އެކި ޒާތްޒާތުގެ އަނގޮޓިތައް އަޅައި ފުރާފައިވާ އަލިބެއްޔާގެ ވާތުން ހާޖަރާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދިނެވެ.

“އަހަރެންގެ ޝަހެޒާދާ ހާޖަރާއަށް އަހަރެން އެހީވެދޭނަމޭ…. އަދިވެސް ހާޖަރާ ހާދަ ރީއްޗޭ.”

***~~~***

މިއަދު ހެނދުނު ހޮސްޕިޓަލަށް މަޢުރީން ދޫކޮށްލާފައި ގެއަށް އައިގޮތަށް ޝާއިލް ނިދުން ނޫން އެހެން ކަމެއް ނުކުރެއެވެ. އެހެން ކަމެއް ކުރެވޭނީވެސް ހަމަހޭގައި ހުރިނަމަތާ އެވެ. އެހެން ނަމަވެސް މިހާރު އޭނާއަށް ހޭލެވިއްޖެ އެވެ. ހޭލުވުނުއިރު އޮތީ ބަނޑުހައިވެގެން ހާންތިވެފަ އެވެ. ފޫހިވެފައެވެ. ރުޅިވެސް އާދެވިފައެވެ. އަދި ކުށްވެރިއެއް ކަމުގެ އިޙްސާސްތަކުން ލިބިފައިވާ ހިންނުތަނަވަސް ކަންވެސް އިންތިހާ އެވެ. އޭނާގެ ހަށިގަނޑުން ‘ހަމަހޭގައި’ ހުރި ކޮންމެވެސް ހިސާބަކުން އޭނާއަށް ކަންކަން ވިސްނައިދޭން މަސައްކަތް ކުރަމުންދާ ފަދައެވެ. ކަންކަމާ އޭނާއަށް ކުރިމަތިލެވެމުން އަންނަނީ ރަނގަޅަށް ނޫންކަން އިޙްސާސް ކޮށްދެމުން ދެއެވެ. ނަމަވެސް ޚުދު ޝާއިލްއަށް ވެސް ނޭނގޭ އޭނާގެ ހަށިގަނޑުގެ ކޮންމެވެސް ބަޔަކުން މަޢުރީންދެކެ އަދިވެސް އެހާ ބޮޑަށް ރުޅި އާދެވެއެވެ. އޭނާގެ މިޒާޖުގޯސްވުމާއި ކުރިމަތިވާ ކޮންމެ ކަމެއްގެ ތުހުމަތުއަޅުވަމުން ދަނީ މަޢުރީންގެ ބޮލުގައެވެ. އެހެން ނަމަވެސް އޭނާއަށް ޔަޤީންވާ އެއްކަމެއް އެބައޮތެވެ.

ޝާއިލް އަށް މަޢުރީންއާ ނުލައި އުޅެން އުނދަގުލެވެ. މަޢުރީން މިސްވެ އެވެ.

ކުދިކުދި ކަންތައްތަކެއް ބޮޑު ކަންތައްގަނޑަކަށް ބަދަލުވެ އަދުގެ ހާލަތަށް ވެއްޓެންވީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނުނެވެ.

އެންމެ ފަހުން ޝާއިލް ގޮތެއް ނިންމިއެވެ.

ލޯބިވާ އަނބިމީހާ ދެކިލުމަށް ހޮސްޕިޓަލަށް ދިއުމަށެވެ.

***~~~***

ޗެޕްޓަރ 09 – މިވެސް ލޯބިބާ؟

އިޝާ ނަމާދުން ފޭބުމާއެކީ މަޢުރީންއަށް ގުޅާލައި މަޢުރީންގެ ހާލު ބަލައިލުމަށް އިދުރީސް ނިންމި އެވެ.

އެންމެ ފުރަތަމަ ޓޯން އާއިއެކުގައި މަޢުރީން ފޯނު ނެގިއެވެ.

“އައްސަލާމު ޢަލައިކުމް އިދުރީސް، މިއަދު ކޮށްދިން ކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.”

“ވަޢަލައިކުމުއް ސަލާމް ޑޮކްޓަރ،” އިދުރީސް ޖަވާބު ދިނެވެ. “ވަރަށް ބޮޑަށް އުއްމީދުކުރަން އޭރަށްވުރެން ބޮޑަށް ހާލު ރަނގަޅުވާނެ ކަމަށް.”

“އާނ.، މިހާރު ވަރަށް ބޮޑަށްވެސް ރަނގަޅު،” މަޢުރީން ޖަވާބު ދިނެވެ.

“މަންމަމެން ގެއަށް އައިސްފިތަ؟”

“ނޫން އަދިއެއް ނާދޭ.” ޖަވާބުގައި މަޢުރީން ބުންޏެވެ. “އެކަމަކު މާ ލަސްތަކެއް ނުވެ އެމީހުން އަތުވެދާނެ.”

އިދުރީސް ކަރުކެހިލައި ކަރުތެރެ ސާފުކޮށްލި އެވެ. “އެހްމްމް، އެންމެ ރަނގަޅުތަ މާދަން މަޢުރީން ޗެކްކޮށްލަން އަހަރެން ތިގެއަށް ދިޔަސް. އަހަރެން އަތުގަ އެބަހުރި ރަނގަޅު ދިވެހި ބޭހެއް. އެ ބޭސް ބޭނުންކޮށްލަނިކޮށް ޑޮކްޓަރގެ ބޮޑީ ސިސްޓަމް ސާފުކޮށްދޭނެ. ތީ ޑޮކްޓަރަކަށް ވީމަ އަހަންނަށް އެނގޭ މިކަހަލަ ކަންތައްތައް ޤަބޫލުކުރަން ދަތިވާނެކަންވެސް. އެކަމަކުވެސް އެ ބޭހުން ރަނގަޅު ފަރުވާއެއް ލިބޭނެ ކަމުގެ ޔަޤީންކަން އަހަރެން ދެން.”

މަޢުރީން އަށް ބާރަށް ހީނގަނެވުނެވެ.

“މައްސަލައެއް ނެތް، މާދަން އާދެބަ ތިބުނާ ބޭހެއް ހިފައިގެން. އަހަރެން ހުންނާ-”

މަޢުރީން ބުނަންފެށި ޖުމުލަ ބުނެ ނިންމާތޯ އިދުރީސް އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ. ނަމަވެސް މަޢުރީން އެ ޖުމުލަ ފުރިހަމައެއް ނުކުރިއެވެ.  މަޢުރީންގެ އަޑެއް ނުއިވި އިރުކޮޅެއް ވުމުން އިދުރީސް ހެލޯއޭ ދެފަހަރަކަށް ބުނުމަށްފަހު ކޯލް ކަނޑައިލިއެވެ. އަނެއްކާވެސް ގުޅުމަށް މަސައްކަތް ކޮށްލިއެވެ. ނަމަވެސް މިފަހަރު ގުޅޭގޮތެއް ނުވިއެވެ. ފަހަރެއްގައި މަޢުރީންގެ ފޯނުގެ ޗާޖުދިޔައީ ކަމަށްވެސް ވެދާނޭ އިދުރީހުގެ ހިތަށްއެރިއެވެ. މައްސަލައެއްނެތްތާ އެވެ. އޭނާ އެގެއަށް މާދަން ދިއުމަށް މަޢުރީން އެއްބަސްވެއްޖެތާ އެވެ. އެވަރުންވެސް އިދުރީހަށް ފުދެ އެވެ.

***~~~***

އިލްޔާސްގެ ކާރު، ގަރާޖަށް ވެއްދުމަށްފަހު ގޯތިތެރެއަށް ނަޒަރު ހިންގައިލީ ކާރުގެ ސެޓުން އަޅުވާފައިވާ ރާއްޖެއެފްއެމްއިން ފޮނުވަމުންދާ މަދަހައާއި އެއްވަރަށް ތުނބުން ފުމެމުންނެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. މަޢުރީން ބައިގެންދިޔަ ވާހަކަ މިއަދު ހެނދުނު އޭނާގެ އަންހެނުން ހާޖަރާ ރޮއެރޮއެފާ އެހާވަރަށް ދައްކަންޖެހޭ މާބޮޑު ސަބަބެއް އޭނާ އަކަށް ނުވިސްނެ އެވެ. އަމިއްލަ ބާރުގެދަށުގައި ނުހުންނަ ކަންތައްތަކަށް މި އަންހެންވެރިން  މާބޮޑަށް ވިސްނަނީއޭ އިލްޔާސްގެ ހިތަށްއެރިއެވެ. މަޢުރީން އަކީ އަދި ޒުވާން ކުއްޖެކެވެ. ނުވެސް ދެނެހުރެ ހުއްޓާ އިސާހިތަކުން އަނެއްކާވެސް މަޢުރީންއަށް ދަރިއަކު ލިބިދާނެ އެވެ. އިލްޔާސްގެ ހަމައެކަނި ކަންބޮޑުވުމަކީ މަޢުރީންގެ ފިރިމީހާގެ ޢަމަލުތައް ހުރިގޮތުންނެވެ. އޭނާގެ ވަޒީފާ ގެއްލިފައި ވާތީއެވެ. އޭނާގެ ދަރިފުޅު މަޢުރީންއަށް ލިބޭ މުސާރަޔަށް ބަރޯސާވެގެން މާގިނަދުވަހު ޝާއިލް އުޅެން ނުޖެހޭނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ. އެކަން އެހެން ވުމަށް ވަރިހަމަކޮށްލައިގެން އިލްޔާސް ނުވެސް ހުންނާނެ އެވެ. ޝާއިލްއަކީ ފިރިހެނެކެވެ. ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރުމަކީ ޚުދު އޭނާގެ އަމިއްލަ ޒިންމާއެކެވެ. ކޮންމެކޮންމެ ކަހަލަ ވަޒީފާއެއްވެސް ނޫނެވެ. ޝާއިލް ކިޔަވާފައި ހުރި އެއްޗަކާ އެކަށީގެންވާ ވަރުގެ ވަޒީފާއެކެވެ. ވަޒީފާއެއް ނެތް ދަނބިދަރިއެއް އޭނާގެ ހުންނާކަށް އިލްޔާސްއަށް ވަރިހަމަކޮށްލައިގެން ނުހުރެވޭނެއެވެ. އަނބިމީހާގެ މުސާރައިން ކައިގެން ގޭގައި އިންނާކަށް ނުރުހެވޭނެއެވެ. އޭނާގެ ދަރިންގެ ފިރިންނަކީ ނިކަން ފިރިހެންވެފައި މައިދާނަށް ނިކުމެ ދިމާވާ ގޮންޖެހުންތައް ބަރުދާސްތުކުރަން ކެރެން ޖެހޭނެ ބަޔަކަށް ވާންޖެހޭނެއެވެ. އިލްޔާސްއަކީ ވެސް އެފަދަ ދަތި އުނދަގޫ ދުވަސްތަކެއް ބަރުދާސްތުކޮށްފައިވާ މީހެކެވެ. މިއަދު އޭނާ ހުރި މަޤާމަށް ވާޞިލްވުމަށް ލައްކަ ގިނަ ބުރައުފުލި އެވެ. ބްރީފްކޭސް ނަގައި ކާރުން ފައިބަމުން ދިޔައިރު އިލްޔާސްގެ ހިތަށްއެރިއެވެ. މާދަމާގެ ވަގުތެއްގައި ޝާއިލްގެ ބައްޕަ އާއި ބައްދަލުކޮށް ވާހަކަ ދައްކައިލާނަމޭ އޭނާ ހިތާހިތާ ކިޔައިލި އެވެ. އޭރުން ޝާއިލް އާއި އޭނާގެ ބައްޕަ ވާހަކަ ދައްކައި ވިސްނައިދެވިދާނެ އެވެ. އަންހެނެއްހެން ގޭގައި މޮޕްއަޅަން ހުރެގެން ކަމުނުދާނެކަން އަންގައިދެވިދާނެ އެވެ. ވަޒީފާ ނެތުމުން މުޅި ދިރިއުޅުން ވިއްސިވިހާލިކޮށްނުލައި އުޅޭނެގޮތް ބުނެދެވިދާނެ އެވެ.

ގޭގެ ދޮރުހުޅުވައިލުމަށް ތަޅުދަނޑި ޖަހައި އަނބުރައިލަން އުޅެނިކޮށް އިލްޔާސްގެ ފޯނު ރިންގުވާން ފަށައިފި އެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލައިލުމާއެކު ހިނިތުންވުމެއް މޫނަށް ވެރިވެއްޖެ އެވެ. ޑިސްޕްލޭ އިން ފެންނަން އޮތީ ޒަހުރާގެ ނަމެވެ. ޒަހުރާ އަކީ މަޢުރީންގެ ހަގަށް ހުންނަ ކޮއްކޮ އެވެ. އެއީ މަޢުރީންއަށް ވުރެން ހަ އަހަރު ހަގަށް ހުންނަ ކޮއްކޮ އެވެ.

“ބައްޕާ!” ޒަހުރާގެ ތުއި އަޑުން ގޮވައިލި އެވެ.

“އޭ… ބައްޕަގެ ދޫނި ކިހިނެއްތަ؟”

“އަހަރެންގެ ހާލު ރަނގަޅޭ. މަންމަ މިއަދު ހެނދުނު ގުޅާފަ ބުނި މައުއްތަ ބައިގެންދިޔަ ވާހަކަ، އެކަމާ ވަރަށް ދެރަވެފަ މިހުރީ!”

“އާނ، ދިރިއުޅުމަކީ އެކަހަލަ މިކަހަލަ އެއްޗެކޭ ދަރިފުޅާ. ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ބަލިވެއިންނާނޭ ދޫނީ، އެހެންވީމަ އެކަމާ ބޯ ގާނަން ނުހަދާތި!”

ޒަހުރާ ފުންނޭވައެއް ދޫކޮށްލި އެވެ.

“ހޫމް، އެކަމަކު އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ މައުއްތައާ މަންމަގެ ނަންބަރަށް ވެސް ގުޅޭތޯ. މަޣްރިބު ނަމާދުން ފެށިގެން އަހަރެން މި ދަނީ މަސައްކަތް ކުރަމުން.”

“ވެދާނެ ނެޓްވޯކް ނުލިބެނީ ކަމަށްވެސް. ބައްޕަ ހަމަ ދެންމެ ގެއަށް އައިސް މިވަނީ. މަންމަ އުޅޭނެކަން ނޭނގެ ގޭގަ.” ގޭގެ ދޮރު ހުޅުވައިލަމުން ޒަހުރާ އާ ވާހަކަދައްކަމުން އިލްޔާސް އެތެރެއަށް ވަދެއްޖެ އެވެ.

“ދަރިފުޅު ގުޅިވާާހަކަ ބުނާނަން އިނގޭ، ސްކޫލް ކަންތައް ކިހިނެއް؟ ކިޔަވައިދިނުމުގެ ކަންތައްތައް އެހާ ބިޒީ ނޫންކަމަށް ހީކުރަން.” އިލްޔާސް ބޭނުންވީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ.

“ބައްޕާ މީ ސްކޫލެއް ނޫނޭ ކިތައް ފަހަރު ބުނާާނީ. މީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރިސިޓީ ލ. ގަމު ކެމްޕަހޭ.” ހިނިގަނޑެއް ޖަހައިލަމުން ޒަހުރާ ބުންޏެވެ. ޒަހުރާ އެހުރީ އެމްއެންޔޫ ގަމު ކެމްޕަހަށް ލެކްޗަރާއެއްގެ ގޮތުގައި އެތަނަށް އެއް އަހަރަށް ފޮނުވާފަ އެވެ.

ޒަހުރާ ދެއްކި އެއްވެސް ވާހަކައެއް އިލްޔާސްއަކަށް ސާފެއްނުވެއެވެ. އަޑު ކިތަންމެ ރީއްޗަށް އިވުނަސް އެކިޔާ އެކައްޗެއްވެސް އެނގޭވަރެއް ނުވިއެވެ. އިލްޔާސް ގެ ކުރިމަތީގައި މުށިގަނޑު މައްޗަށް ވެއްޓިފައި އޮތީ މަޢުރީން އެވެ.

މަޢުރީންގެ ވަށައިގެން އޮތީ ލޭގެ ކޯރެއް އުފެދިފައެވެ.

އިލްޔާސް ގެ އަތުން ފޯނު ދޫވެގެން ވެއްޓުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ. މަޢުރީންގެ ކައިރީގައި ކަކޫޖަހައިގެން އިށީންދެ މަޢުރީން ނެގުމަށް މަސައްކަތްކުރަން ފެށިއެވެ. އިރުއިރުކޮޅުން މަޢުރީންއަށް ގޮވަމުން އޭނާގެ ހަށިގަނޑު ތަޅުވަމުންނެވެ. މަޢުރީންގެ ވިންދެއް ނެތްކަން އެނގުމުން އިލްޔާސް ވަރަށް ބިރުގެންފި އެވެ.

“ގޭގަ މީހަކު ނޫޅެނީތަ؟ މީހެކޭ!! މީހެކޭ……………!!” އަޑުގެ ކޮޅަށް އިލްޔާސް ހަޅޭއްލަވައިގަތެވެ.

***~~~***

ޗެޕްޓަރ 10 – ގޯހުންގޯހަށް

ޖެހިގެން އޮތް މަގަށް ޝާއިލް އެޅިއިރު ވެސް ތުނިކޮށް ވާރޭވެހެމުން ދެއެވެ. މަގުމަތި އޮތީ ފުރޭވަރަކަށް ހަޑިކޮށެވެ. މަގުމަތީގައި ޖަހާފައިވާ ގާތައް ވެސް އެކި ދިމަދިމާއިން އުފުލިގެންނާއި އަޑިވެގެން މަގުމަތީގައި އަޑިގުޑަންތައް އުފެދިފައި ވެއެވެ. އަޑިގުޑަންތަކަށް ޖަހައި ސައިކަލް ކައްސާނުލައި ދުއްވުނީ ވަރަށް ބަލައިގެން ދުއްވަމުންދަތީ އެވެ.

މަގުމަތީގައި ހޭލަމޭލިވަމުންދާ މީހުންގެ މާބޮޑު ސަމާލުކަމެއް މަގުގެ ހާލަތަށް ދީފައި ނުވިޔަސް ޝާއިލްއަށް ވިސްނެމުން ދިޔައީ މަގުގެ ހާލަތާއި މެދުގައެވެ. ގައިމު ސަރުކާރުންވެސް ބޭކާރު ޚަރަދުތައް ނުކޮށް މި މަގުތައް މަރާތު ކުރިއްޔާ މާރަނގަޅުވާނޭ ހިތަށްއެރިއެވެ. ކިތަންމެ ރަނގަޅުކަމަކަސް ވަރިހަމަތާއެވެ. އެމީހުން މަގެއް ވެސް ނުހަދާނެ އެވެ. އެމީހުން ވިސްނާނީ އެމީހުންގެ ޖީބު ބަރުކުރުމަށެވެ. އެމީހުން ދުއްވާނީވެސް ސަރުކާރުން ދީފައި ހުންނަ އަގުބޮޑު ކާރެވެ. އެހެންވީމާ ސައިކަލާއި ބައިސްކަލް އަދި ފައިމަގުގައި އުޅޭ މީހުންނާމެދު އެމީހުން ވިސްނާނެހެއްޔެވެ؟ އެކަމަކު މި އަޑިގުޑަން މަގުގައި ހަފުތާއެއް ވާންދެން ސައިކަލެއްގައި ދުއްވުމަށްފަހު ދެން ޖެހޭނީ އަވަހަށް މެކޭނިކެއްގެ އެހީ ހޯދާށެވެ. އެމަގުން ޝާއިލް އާއްމުކޮށް ދުއްވަން ޖެހޭތީ ވޭތުވެދިޔަ މަހުގައިވެސް ވެހިކަލް މަރާމާތުކުރާ ގަރާޖަކަށް އެތައް ފަހަރަކު ސައިކަލް ގެންދަން ޖެހުނެވެ. ގަރާޖުގައި ހުންނަ މީހާވެސް ޝާއިލް އެތަނަށް ދާލެއް ގިނަކަމުން ހުންނަނީ ރުންކުރުވެފައެވެ. ވަޒީފާއެއް ނެތި އަތުގައި މުކޮސް ވެސް ނެތްކަން އެއްގޮތަކުން ރަނގަޅޭ ޝާއިލްގެ ހިތަށްއެރި އެވެ. ދެން ސައިކަލް ހަލާކުވިޔަސް ގޭގައި ސައިކަލް ބަހައްޓާފައި ފައިމަގުގައި އުޅެން މަޖުބޫރު ވިޔަސް އެހެން ގޮތެއް ނެތްކަން އެނގޭ ހާލުގައެވެ.

ސައިކަލް ޕާކުކޮށްފައި ޝާއިލް ހިނގައިގަތެވެ. ވެހެމުންދިޔަ ވާރެއިން އޭނާގެ ޚަރާބުވެފައިވާ މިޒާޖު އިތުރަށް ޚަރާބުކުރުވަމުން ދިޔައެވެ. ތަންކޮޅަކަށް ހިނގައިލަން ޖެހުމުންވެސް ޝާއިލް ހުރީ ކަންބޮޑުވެފައެވެ. ހަށިގަނޑު ކިތަންމެ ހިކިކޮށް ހުއްޓަސް، ކޮންމެވެސް ވަރަކަށް ކަސްރަތުކުރަން ޖެހޭކަން އެނގުނީ ތަންކޮޅަކަށް ހިނގައިލުމާއެކު ލިބުނު ވަރުބަލި ކަމުގެ ސަބަބުންނެވެ.

ކުރިން ރޭ އޭނާއަށް ދެވުނު ގެސްޓް ހައުސް ފަހަނައެޅުމާއެކު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން މަޑުކޮށްލެވުނެވެ. ގެސްޓް ހައުސްގެ އެއް ފަރާތުގައެވެ.

‘އަހަރެން މިތަނަށް ވަންނަންވީތަ؟ ނޫނެކެވެ. ހަމަހޭގައި ނެތި އިއްޔެ އެތައް އިރަކު އުޅެވުމަށްފަހު މިހާރު ލައްކައިރުވެސް ވެއްޖެ އެވެ. އިއްޔެރޭ އެ އަންހެން ކުއްޖާއާއެކު ކޮޓަރިއެއްގައި އިނދެގެން ލައްކަ ވަރަކަށް ބޮވުނެވެ. އެކަމަކު އެތަނަށް ގޮސް ނުބޮއެ ވެސް އިނދެވިދާނެ ނޫންހެއްޔެވެ؟ އިއްޔެ ބޮއެގެން ހުރިއިރު އަހަންނަށް ހީވީ އެހެން ދުނިޔެއެއްގައި އުޅެވުނުހެންނެވެ. ފުރިހަމަ މިނިވަންކަން އޮތެވެ. އެ މިނިވަންކަން މިއަދުވެސް އަހަރެން ބޭނުމެވެ. އެކަމަކު އެ އަންހެން ކުއްޖާއާއެކު އިއްޔެ އެ ކޮޓަރީގައި ވަގުތުތަކެއް ބޭކާރު ކޮށްލެވުން ނޫން އެހެން ކަމެއް ނުވެއެވެ. ގައިމުވެސް އެކުއްޖާއާއެކު ބޮޑު ގޮތަކަށް ނޫޅެވެއެވެ.’

މަސްތީ ހާލަތުގައި ހުރެނަމަވެސް އިއްޔެ އޭނާއަށް އަމިއްލަ ނަފުސު އެކުއްޖާއަށް ހަދިޔާކޮށްނުލައި ކޮންޓްރޯލް ކުރެވުނީތީ ޝާއިލްއަށް ހީނލެވުނެވެ.

ވެހެމުންދިޔަ ވާރޭގައި ގެސްޓް ހައުސްއަށް ބަލަހައްޓައިގެން ޝާއިލްއަށް ހުރެވުނީ ހަދާނެ ގޮތަކާމެދު ވިސްނަމުންނެވެ.

‘އެތެރެއަށް ވަންނަންވީ ހެއްޔެވެ؟ ނުވަދެ ދާންވީ ހެއްޔެވެ؟’ ވިސްނަން ހުއްޓާ އޭނާ އާއި ދިމާއަށް ބަޔަކު މީހުން ދުވެފައި އަންނަ ފިޔަވަޅުގެ އަޑު ކަންފަތުގައި ޖެހިއްޖެ އެވެ. އެ އަޑު އަންނަނީ ހަމަ ސީދާ ޝާއިލް އާއި ދިމާއަށްކަން އެނގުނެވެ. އެއީ ކޮންބައެއްތޯ ބަލައިލަން ފަހަތަށް އެނބުރުނެވެ. އެހިސާބުގަނޑު އަނދިރިކަމުން އެއީ ކޮންބައެއްކަން އެހާ ރަނގަޅަށް ސާފުވާވަރެއް ނުވިއެވެ. ކުއްލިއަކަށް އެމީހުން ހަޅޭއްލަވަންފެށި އަޑުން ޝާއިލް ސިއްސައިގެން ހިނގައްޖެއެވެ.

“އެ ޅަ- ހިފަހައްޓާ! އެ ޅަ- ބެޗިޔަ ނުދޭތި!”

މައްސަލަ ގަނޑެއްގެ ތެރެއަށް ވަންނާކަށް ޝާއިލް ބޭނުމެއް ނޫނެވެ. އެމީހުން ހިފަހައްޓަން އެ ބުނާ މީހެއް ޝާއިލް އާއި ދިމާއަށް އަންނަނީކަން ޔަޤީން ކުރެވުނެވެ. އެހެންކަމުން އަވަސް އަވަހަށް ގެސްޓް ހައުސްއަށް ވަންނަން ދުއްވައިގަތެވެ. އެކަމަކު ކާނުގަނޑެއްގެ ތެރެއަށް ފައި ގަނބައިގަތީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

***~~~***

ޢަބްދުއްޞަމަދު އާއި އޭނާގެ އަންހެނުން ސަލްމާ ތިބީ މެންދުރު ފަހުން ފެށިގެން ގޭގައެވެ. އެކަމަކު އެމީހުން ގޭގައި ތިބިކަން އެހެން މީހަކަށް ނޭނގޭނެ އެވެ. ޝާއިލް އާއި މަޢުރީންގެ މެދުގައި ޖެހިގެން އުޅެނީ ކޮން މައްސަލައެއްކަން ދެނެގަންނަން އެމީހުން ބޭނުމެވެ. އެހެންވެ އެ ދެމަފިރިން ދިޔައީ ގޯތީ ބިތްދޮށްފަރާތުގައި ހަދާފައި ހުންނަ ކޮޓަރިއަކަށެވެ. އެއްވެސް މީހަކަށް އަޑު ނުއިވޭ ހިސާބުގައި ތިބެގެން ވާހަކަދައްކައި ޚިޔާލުބަދަލު ކުރުމަށެވެ. އެ ކޮޓަރިއަކީ އޭގެ ދެމަފިރިން އެކަނި ވަގުތު ހޭދަކޮށްލައި ރޭކޮށްލުމަށް އާއްމުކޮށް ގޮސް އުޅޭ ކޮޓަރިއެކެވެ.

“މިހާރު އަހަރެންގެ ޝާއިލަކީ ރާބޯ މީހެއް. އަހަރެން އެހާ ލޯބިން ގެންގުޅު ދަރިފުޅު!” ކޮޓަރިއަށް ވަދެ އެނދުގައި އިށީންދެވުމާއެކު ސަލްމާ އަށް ހަޅޭއްލަވައި ގަނެވުނެވެ.

“މަގޭ ސަލްމާ ތިހާ ވަރަށް ނުވިސްނަބަލަ. އަހަރުމެން އޭނައާ ވާހަކަދައްކައިގެން ކަންކަން ހަމަޔަކަށް އެޅުވިދާނެޔޭ.” ސަލްމާ މައިތިރި ކުރުމަށް ސަމަދު މަސައްކަތް ފެށިއެވެ.

“ހަމަ ޔަގީނޭ އެ މައުރީންއޭ މިހުރިހާ ކަމެއްގެ ސަބަބަކީ.!” ސަލްމާގެ ހިތުގައި އަނދަމުންދާ ނަފުރަތުގެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

“ޝާއިލް އަކީ އަބަދުވެސް ބަސް އަހާ ކުއްޖެއް. ރަނގަޅު މުސްލިމެއް. އެކަމަކު ސުންޕާ އަންހެނަކާ އިނީމަ ބަދުނަސީބު ނޫން އެހެން ކޮންކަމަކާ ކުރިމަތިލާން އޮންނާނީ!!؟؟”

“ސަލްމާ ހެޔޮނުވާނެ، ތިހެން ނުކިޔަބަލަ!” މަޑުމައިތިރި ކަމާއެކު ސަމަދު ބުންޏެވެ.

“އަހަރެން ސަލްމާއާ އިންތަނުން، އަހަރެންގެ އާ ކާރުގަ ދަނިކޮށް ކިހާބޮޑު އެކްސިޑެންޓެއްވީ، ހަނދާނެއް ނެތްތަ؟ އަހަރެންގެ މަންމަ އެއްފަހަރުވެސް ސަލްމާ އަށް ‘ސުންޕާ’ގެ ލަގަބު ދިންތަ؟ ނުދެއެއްނު؟”

ސަލްމާ ޖަވާބެއް ނުދެއެވެ. އަމިއްލަ ނޭވާއަށްވެސް އަޑު ނުއިވޭ ވަރަށް ކުދިކިޔައިލި އެވެ. ދެފަރާތަކަށް ސަމަދު ބޯ ހަލުވައިލަމުން އެނދާ ދިމާއަށް ހިނގައިގަތެވެ.

“މަށަށް ހީވަނީ އަހަރެން އަރާމުކޮށްލަންވީހެން. މާދަން އެބަޖެހޭ ކޮންމެހެންވެސް އެސޮރާ ބައްދަލުކުރަން ދާން.” ސަމަދު ބުންޏެވެ.

ހައިރާން ކަމާއެކު ސަލްމާ އޭނާގެ ފިރިމީހާއަށް ލޯއަޅައިލި އެވެ.

“އެސޮރު އެހާލުގަ އުޅެނިކޮށްވެސް ކަލޭ ވީ އަދިވެސް އަރާމުކުރަންތަ؟”

“ސަލްމާ….. ނިކަން ހަމަޖެހިބަލަ. އަހަރެން ބޯ ސަކަރާތްކުރަން ނޫޅެބަލަ. މިބުނީނު އަހަރެން އަރާމުކޮށްލަން ބޭނުމޭ. އެސޮރާ ދިމާވާއިރު އަހަރެން ހަމައިގަ ހުންނަން ޖެހޭނޭ. ހޮސްޕިޓަލުގަ އެސޮރު އެހާވަރު އަރުވައިލިއިރު އަދިވެސް ހުންނާނީ އެހާ ރުންކުރު މިޒާޖެއްގަ ނޫންކަމެއްވެސް ނޭނގެއެއްނު. އެހެންވީމަ އެސޮރު މައިތިރި ކުރަންވެސް ތިބީ ހަމަ އަހަރުމެންނެއްނު. އަހަރެން ނަފުސާނީގޮތުން ހާސްކަމެއްގަ ތިބެގެން ކިހިނެއް އަހަންނަށް މައިތިރިކޮށް ހުރެވޭނީ؟ ކަމެއް ގޯސްކޮށް ހިނގައްޖެއްޔާޔޯ؟”

ސަމަދު ހާސަރުތަކެއް ދަމަނީކަމަށް ސަލްމާ ހީކުރިޔަސް އެދެއްކީ ރަނގަޅު ވާހަކަތަކެއްކަން ޚުދު ސަލްމާ އަށްވެސް ޤަބޫލުކުރެވޭނެ އެވެ.

އެނދުގައި އޮށޯތުމާއެކު ސަމަދަށް ނިދިއްޖެ އެވެ. ސަމަދުގެ ގަދަ ގުގުރީގެ އަޑުން ކޮޓަރި ތެރޭގައި އަޑުހިއްޕާލައިފިއެވެ. ސަލްމާ ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. ފޫހިވީ އަދި އެއަށްވުރެން ބޮޑަށެވެ. ކުރާނެ ކަމެއް، ހަދާނެ ގޮތެއް ނޭނގިގެން ޝާއިލްގެ ނަންބަރަށް ގުޅޭތޯ ސަލްމާ މަސައްކަތް ފެށިއެވެ. ކޮންމެ ފަހަރަކުވެސް ‘ނޮޓް އެވެއިލެބަލް’ ކަމަށް އޮޕަރޭޓަރުގެ މެސެޖް ލިބެމުންދާން ފެށުމުން ސަލްމާގެ ހަމަޖެހުން ގެއްލިއްޖެ އެވެ. އޭނާ އެކަނި ގޮސް ޝާއިލް އާއި ބައްދަލުކުރުމަށް ޢަޒުމް ކަނޑައެޅި އެވެ. އެކަމަކު އެކަން އެގޮތަށް ކޮށްފިނަމަ، ފިރިމީހާ ސަމަދު ވަރަށް ބޮޑަށް ރުޅިއަންނާނެކަން އޭނާއަށް އެނގެއެވެ. ސަމަދަކީ ކިތަންމެ ފިރިހެންވަންތަ މީހެއް ނަމަވެސް، އޭނާ އަކީ ހަރުކަށި މިޒާޖެއްގެ މީހެކެވެ. އަނބިމީހާގެ ނުސިޔާނުކަމަކީ އެއްގޮތަކަށް ވެސް އޭނާ ބަރުދާސްތުކުރާނެ ކަމެއް ނޫނެވެ. ކޮޓަރިތެރޭގައި ސަލްމާ ދެކޮޅަށް ހިނގަންފެށި އެވެ. ހިނގާހިނގާ ވަރުބަލިވުމުން އެނދުމަތީގައި އޮތް ފިރިމީހާގެ ގައިގައި ޖެހޭ ހިސާބުގައި އިށީންދެއްޖެއެވެ. އެއަށްފަހު މަޑުމަޑުން އޮށޯވެއްޖެ އެވެ. އިރުކޮޅެއްވެސް ނުވެ ސަލްމާއަށް ވެސް ނިދިއްޖެ އެވެ.

ތިންފޫޓް ފުޅާ އެނދެއްގައި ޖެހިފިތިގެން އަރާމު ނިންޖެއްގައި ތިބި ދެމީހުންނަށް ހޭލެވުނީ މަޢުރީންގެ ބައްޕަގެ ހަޅޭކުގެ އަޑަށެވެ. ހަޅޭއް ލަވަމުން އިލްޔާސް ގޮސް ސަމަދުމެންގެ ގޯއްޗަށް ވަނީ ދެވަނަ އެހެން ގޮތެއް ނެތިގެންނެވެ.

***~~~***

ޗެޕްޓަރ 11 – ތުރާވެރިކަން

މަޢުރީންއަށް ހޭލެވުނީ ކައިރީގައި ހުރި މެޝިނުތަކުން އިވެމުންދިޔަ ޕީއްޕީއް ގޮވާ އަޑަށެވެ. ކޮޓަރިތެރެ އޮތީ ގާތްގަނޑަކަށް އަނދިރިކޮށެވެ. ހަމައެކަނި އެތަނަށް ފޯރަމުންދާ އަލިކަމަކީ ކުޑަދޮރުން ވަދެގެން އަންނަ އަލިކަމެވެ.

އަނދިރިކަމަކީ މަޢުރީން ނަފުތަރުކުރާ ކަމެކެވެ. ޚާއްޞަކޮށް މި ދުވަސްކޮޅުއެވެ. އޭނާއަށް ކުރިމަތިވަމުން އަންނަ އާދަޔާޚިލާފު ކަންތައްތަކަކީ ކިހިނެއް ހިނގާ ކަމެއްކަން އަދިވެސް ރަނގަޅަށް އެނގިފައި ނުވާތީ އެވެ.

ކޮޓަރިއަށް ވަންނަންހުރި ދޮރާއި ދިމާއިން އަޑުތަކެއް މަޢުރީންއަށް އިވެންފެށި އެވެ. އެއަޑު އިވޭ ދިމާއަށް ފުރޮޅިލުމަށް މަޢުރީން މަސައްކަތްކޮށްލި އެވެ. އެވަގުތު އޭނާގެ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެވޭކަން އެނގިއްޖެ އެވެ. ހީވީ އޭނާގެ ބޯ ބާލީހާއި އެކުގައި ތެރަސްލާ ތަތްކޮށްފައި އޮތްހެންނެވެ. އެވަގުތު އޭނާގެ މައިކަށީގެ މަދާއި ހިސާބުން ބިރުވެރިކަމުގެ ރާޅުބާންޏެއް އުފެދިގެން އަންނަކަމުގެ އިހްސާސެއް ކުރެވިއްޖެއެވެ. އަނެއްކާވެސް ތުރާވެރިކަމާއި ކުރިމަތިލާން ޖެހެނީކަން އޭނާއަށް ރަނގަޅަށް އެނގިއްޖެ އެވެ.

ހަށިގަނޑަށް ހަރަކާތެއް ނުކުރެވުމުން ލޮލަށް ހަރަކާތެއް ގެނެވޭތޯ މަސައްކަތްކޮށްލި އެވެ. އެކަމެއްވެސް ނުކުރެވުނެވެ. މުޅި ހަށިގަނޑު އޮތީ އެއްކޮށް ތަޅުއެޅުވިފަ އެވެ. އެވަގުތު ދެބަދޭތެރެއިން ފެންނަގޮތަށް މަޢުރީންއަށް ފެންނަން ފެށީ އޭނާއާއި ދިމާއަށް ފިރުކެމުން ކަޅު ހިޔަންޏެއް އަންނަނިކޮށެވެ. ގަތްބިރެއްގެ ސަބަބުން މުޅި އެހިސާބު ފަޅައިގެންދާހާ ބާރަށް މަޢުރީން ހަޅޭއްލަވައިގަންނަން ބޭނުންވި އެވެ. ނަމަވެސް އޭނާގެ އަނގަވެސް ހުޅުވައިނުލެވޭކަން އެނގުނީ އެވަގުތު އެވެ.

ވަރަށް މަސައްކަތުން މަޢުރީން ހަޅޭއްލަވައިތެވެ. ހަޅޭއްލެވުނު އެންމެ ބާރަކަށެވެ. އެއްވެސް މީހަކަށް އޭނާގެ އަޑު ނުއިވޭނެކަންވެސް އެނގޭ ހާލުގައި އޮވެއެވެ. އޭނާއަށް އޮވެވުނީ ގޮތްނޭނގޭ ހާއްޔެއް ތެރޭގައި ތާށިވެވިފައެވެ.

ކަޅު ހިޔަނި ހަރަކާތްތެރިވަމުން ދިޔައީ ހަމަ ސީދާ މަޢުރީން އާއި ދިމާއަށެވެ. އޭނާ އޮތް އެނދާއި ދިމާ މައްޗަށް އެ ހިޔަނި އެރުމަށްފަހު މަޢުރީންގެ ގައިގައި ބާރަށް ބައްދައިލި އެވެ. މަޢުރީންއަށް ނޭވާ ނުލެވޭހައިވެސް ބާރަށެވެ.

ނޭވާ ހާސްވެ މަޢުރީން މަރަށްތެޅެން ފަށައިފި އެވެ.

ނޭވާއެއް ލެވޭތޯ އަމިއްލަ ނަސުފާއި ހަނގުރާމަކުރަން ފެށުނެވެ. ފުރާނަ ސަލާމަތްކުރެވޭތޯ އެވެ. އެވަގުތު ކޮންމެވެސް މީހެއް އޭނާއާއި ދިމާއަށް މަލާމާތުގެ ރާގަކަށް ހެމުންދާކަން އެނގުނެވެ. އެއީ ބިރުވެރި މަލާމާތުގެ ހިނިގަނޑެކެވެ.

ކުއްލިއަކަށް އޭނާގެ ބެދިފައިވާ އަރު ހުޅުވިއްޖެކަން އެނގުމާއެކު ގައިގާހުރި ހުރިހައި ހަކަތައެއްގެ ހިތްވަރުން ހިތްވަރު ހޯދަމުން ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.

“ޔާﷲ، ….. اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ ….” ވަރަށް މަސައްކަތުން އާޔަތުލް ކުރުސި ކިޔައިލެވުނީ ޚުދު ކިހިނެއް ވެގެން ކަމެއްވެސް މަޢުރީން އަކަށް ނޭނގުނެވެ. ކުރުސި ކިޔައި ނިމުމާއެކު މައުރީންގެ މޫނުމައްޗަށް އަނދިރިވެއްޖެ އެވެ.

***~~~***

މަޢުރީންއަށް ހެއިވެރިކަންވީއިރު، އަނެއްކާވެސް އަޑުތަކެއް އިވެމުންދެ އެވެ. އެކަމަކު މިފަހަރު، އެ އަޑުއިވެމުން ދަނީ އެނދު ކައިރިންނެވެ. އެ އަޑުތައް ވަކިކުރާން ވެސް އޭނާއަށް އެނގެއެވެ. ލޯ ނުހުޅުވައި އޮތްނަމަވެސް ކައިރީގައި ތިބީ ކޮން ބައެއްކަން ދެނެގަންނާން އެނގުނެވެ. ކައިރީގައި ހުރެގެން އޭނާގެ މަންމަ ރޮމުން ދިޔައިރު، ބައްޕަ ހުރީ ކޮންމެވެސް އެހެން މީހަކާއެކު ދެބަސްވުމެއްގަ އެވެ. އެނދުކައިރީގައި ހުރި ކޮންމެވެސް މީހަކާ މަޑުމަޑުން ކޮންމެވެސް ވާހައެއް ދައްކަން މަރިޔަމް ވެސް ހުއްޓެވެ.

ކައިރީގައި ކިތަންމެ ބަޔަކު ތިބިނަމަވެސް، މަޢުރީން އަށް އިޙްސާސް ކުރެވެނީ އެކަނިވެރިކަމެވެ. އޭނާއަށް ކުރިމަތިވަމުން އަންނަ ގޮތް ނޭނގޭ ކަންތައްތަކަށް އެހީތެރިވެދޭނީ ކާކުހެއްޔެވެ؟ އެކަންކަމުގެ ވާހަކަތައް އެހެން މީހެއް ކައިރީގައި ދައްކަން އޭނާ ލަދުވެސް ގަނެއެވެ. އިދުރީސް އާއިއެކު އެންމެފަހުން ފޯނުން ކުރެވުނު މުއާމަލާތުގެ މަތިން އޭނާ ހަނދާންވެއްޖެ އެވެ. އެއީ ރޭގެ ވަގުތެއްގައެވެ. އެމީހުން ވާހަކަދައްކަން ތިއްބާ އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނީ ޝަމްހޫރިޝް އެވެ. ރުޅި އައިސް ރަތްވެފައި ހުރި ޝަމްހޫރިޝް އެވެ. ލިބުނު ޝޮކާއި އެކުގައި މަޢުރީން އެއްކޮށް ހަނުވިއެވެ. އޭނާއަށް އަނގައިން ނުބުނެވި އުޅެނިކޮށް ޝަމްހޫރިޝްގެ ވަރުގަދަ އަތްތިލައިން މަޢުރީންގެ މޫނުމަތީގައި ބާރަށް އެތިފަހަރެއް ޖެހިއެވެ. އެ އެތިފަހަރާއެކު މަޢުރީން ހޭނެތުނީ އެވެ. އަދިވެސް އޭނާގެ މޫނުން، ވާތްފަޅިއަށް ތަދު އިހްސާސް ކުރެވެމުންދެއެވެ. ހީވަނީ މޫނު ދުޅަވެސް ވެފައިވާހެންނެވެ. ލޯ ހުޅުވައިލެވޭތޯ މަސައްކަތްކޮށްލެވުނު ވަގުތު އެނގުނީ ލޯވެސް ނުހުޅުވޭ ކަމެވެ. ރޮވޭހާ ވަރަށް ބޮލުގައިވެސް ރިއްސަމުންދެެއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަ ފޮހެލުމަށް އަތް އުފުލައިލި ވަގުތު މަޢުރީން ހޭއަރައިފިކަން މަރިޔަމްއަށް ފާހަގަ ކުރެވުނެވެ.

“މައު، މިހާރު ކިހިނެއް؟”

“ޓެރިބަލް،” މައުރީން ޖަވާބުދިނީ އެންމެ ލަފުޒަކުންނެވެ.

އެވަގުތު މަރިޔަމް ކައިރީގައި ހުރި މީހާ އޭނާއަށް ފާހަގަކުރެވިއްޖެ އެވެ.

“އިދުރީސް، … އަނެއްކާވެސް އަހަ…. އަހަރެން މިހާލު އޮއްވާ ބަބަ…. ބައްދަލުވާން ޖެހުނީމަ ވަރަށް ބޮޑަށް ސޮރީ.”

“ނޫން މަޢުރީން، ތިހެން ނުބުނޭ، މާތްﷲގެ އިރާދަފުޅުން މަޢުރީންއަށް އަވަސް ޝިފާއެއް ދެއްވާނެ.” އިދުރީސް ޖަވާބުދިނެވެ.

“މިކަން މިހެން މިވީ ރޭގަ ކިހިނެއް ވެގެންކަން މަޢުރީން ހަނދާން އެބަހުރިތަ؟” އިދުރީސް ކަންބޮޑުވެފައި އިން ކަންތައް އޮޅުންފިލުވުމަށް ބޭނުންވި އެވެ.

އިދުރީހުގެ ލޮލަށް މަޢުރީން ބަލައިލިއެވެ. އެލޮލުން މަޢުރީން އެދޭފަދަ ނޫރެއް ފެންނަން ހުއްޓެވެ. އިދުރީހަކީ މަޢުރީންއަށް އިތުބާރު ކުރެވިދާނެ މީހެއްކަން އެ ލޮލުން ބުނެދެމުންދާ ކަހަލަ އެވެ. އިރުކޮޅަކު ބަލަން އޮތުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ޒުވާބެއްގައި ތިބި މައުރީންގެ މަންމަމެން ގޮވައިގެން ބޭރަށް ނިކުތުމަށް އެދުނެވެ. މަރިޔަމް އެކަން ކުރުމުން އެނދުން ތެދުވެ މަޢުރީން އެނދު ކޮޅުގައި ލެނގިލެވޭތޯ ވަރަށް އުނދަގުލުން މަސައްކަތްކޮށްލި އެވެ. އިދުރީސް ވެސް މަޢުރީންއަށް އެހީވުމަށް މަޢުރީންގެ ބުރަކަށި ދޮށަށް ބާލީހެއް ލައިދިނެވެ. މަރިޔަމް ބޭރުގައި ހުރެފައި އައިސް އެނދުކައިރީގައި އެވަގުތު މަޑުކޮށްލިއެވެ.

މަޢުރީންގެ ހިތް ބާރަށް ތެޅެމުންދަނީ އެވެ. މަޢުރީން އަށް ކުރިމަތިވަމުން އަންނަ ކަންތައްގަނޑު އިދުރީހާއި ހިއްސާކުރުމަށް އެވާހަކަތައް ފަށާނެ ގޮތަކާއިމެދު ވިސްނައިލި އެވެ. ގަތްފައިވާ ލަދުވެތިކަމާއި އޭނާގެ ނަފުސަށް ވެރިވަމުންދިޔަ ބިރުގަތުމުގެ އިޙްސާސަށް ކުރިމަތިލެވޭތޯ މަސައްކަތްކުރަމުން ކަރުކެހިލިއެވެ. އެވަގުތު ކޮޓަރިތެރެއަށް އޮތީ ހަމަހިމޭންކަމުގެ ސާލެއްފެތުރިފައެވެ. މަރިޔަމް އާއި އިދުރީސްގެ ކުރިމަތީގައި މަޢުރީންއަށް ދިމާވަމުން އަންނަ ކަންތައްތައް ފެށުނު ހިސާބުން ފެށިގެން ގޮސް މިއަދާއިހަމައަށް ހިނގި ހުރިހައި ކަމެއް ވަރަށް ތަފްޞީލްކޮށް ކިޔައިދީފި އެވެ.

***~~~***

ޗެޕްޓަރ 12 – ބޮޑު ސިއްރު

މަޢުރީން ބާއްވާފައި އޮތް ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީންދެ އިން ހާޖަރާ އިނީ ރޯށެވެ. ހުރިހައި ކަމެއް މިހެން މި ހިނގަނީ އޭނާގެ ކުށަކުން ކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އޭނާއަށްތާއެވެ. އިއްޔެ އަލިބެއްޔާގެ ގެއިން އޭނާ ނިކުތީ ރުޅިއައިސް ރަތްވެގެން ހުރެއެވެ. އިއްޔެވެސް އަލިބެއްޔާގެ އަމަލުތައް ހުރީ ހާޖަރާ އާއިއެކުގައި އެކަނިވުމުން ހަމަ އާއްމުކޮށް ހުންނަގޮތަށެވެ. އޭނާގެ ފަރާތުން ދޭ ޚިދުމަތުގެ ބަދަލުގައި ހާޖަރާގެ ކިބައިން ޖިންސީ އުފާވެރިކަން ހޯދުމަށް އެދެމުންދިޔަ އެވެ. ވޭތުވެދިޔަ ހުރިހާ އަހަރުތަކެއް އަލިބެއްޔާ ކައިރިއަށް ނުދިއުމަށް ހާޖަރާ ހުރީވެސް އެހެންވެގެންނެވެ. އަލިބެއްޔާ ބޭނުން ނަމަ ބޭނުން ކޮންމެ ކަމެއް ހާޖަރާގެ ކިބައިން ޙާޞިލްކުރެވިދާނެ އެވެ. ހާޖަރާ ގެ ޙަޔާތުގެ ‘ބޮޑު ސިއްރު’ ވަނީ އަލިބެއްޔާގެ މުށުތެރޭގައެވެ. އެހެން ނަމަވެސް އިއްޔެ، އެ ސިއްރާއިމެދުވެސް ހާޖަރާގެ އެއްވެސް ފަރުވާލެއް ނެތެވެ. އަލިބެއްޔާގެ ލާއިންސާނީ، ހައިވާނީ އަދި އެހާމެ ވަހުޝީ އެދުންތަކުގައި ކޮޅުފައިން ޖަހާފައި ރުޅިއައިސް ރަތްވެގެން ހުރެ ހާޖަރާ އެގެއިން ނިކުތީ އަލިބެއްޔާގެ ހިތުގައި ހާޖަރާގެ ދެމައިންނާއިމެދު ކުޑަވެސް ރަހުމެއް ނެތްކަން އެނގޭތީއެވެ.

ނުވީތާކަށް ހާޖަރާ އެގެއިން ނުކުންނަމުން އަލިބެއްޔާއަށް އެ ބަހުން ވެސް ޖެހިއެވެ.

ނަމަވެސް މިއަދު، އޭނާގެ ލޯބިވާ ދަރިފުޅު މަޢުރީން އެއޮތީ އަނެއްކާވެސް ހޮސްޕިޓަލުގައެވެ. މަޢުރީންގެ ބައްޕަ އިލްޔާސަށް ރޭ އެވަގުތު ގެއަށް ނުވަދެވުނު ނަމަ، މަޢުރީންގެ ބޮލުން ފަޅައިގެންދިޔަ ތަނުން ލޭ އައިސްއައިސް މަރުވުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. މަޢުރީން ކޯމާއަކަށް ދިޔަނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟ މަޢުރީންގެ ސިކުނޑިއަށް ގެއްލުންވެ ނޭދެވޭ އަސަރެއް ކުރިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މިކަންކަމާމެދު ހާޖަރާއަށް ވިސްނެން ފެށުމުން ހައްތަހާ ބޮޑަށް ހާޖަރާ އަށް ރޮވެން ފެށުނެވެ. އޭނާ ހަމަޖެއްސުމަށް ކައިރީގައި އެއްވެސް މީހަކުވެސް ނެތެވެ. އޭނާގެ ފިރިމީހާ އާއި ޝާއިލްގެ ބައްޕަ އަދިވެސް ތިބީ ކޮންމެވެސް ކަމެއްގައި ޒުވާބުކުރާށެވެ. ރިސެޕްޝަން ކުރިމަތީގައި ދެކޮޅަށް ހިނގާލަހިނގާލައި ސަލްމާ ހުއްޓެވެ. ކޮންމެވެސް ކަމަކާ ވިސްނަމުންނެވެ.

ރޮމުން ގިސްލަމުންދިޔަ ހާޖަރާގެ ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތައް ކަފިކަފިވެގެން އެކި މިސްރާބަށް ދަތުރުކުރަން ފަށައިފިއެވެ. އަލިބެއްޔާމެންގެ ގޭގައި ތަންކޮޅެއް ވިސްނުންތެރިކަމާއެކު ޢަމަލުތައް ބެހެއްޓުނު ނަމައޭ ހިތަށްއެރި އެވެ. އޭރުން، ކަނޑުގެ ދިރުމާއި މައުރީން އާއި ހުރި ގުޅުން މައިތިރިކުރުމަށް އޭނާ ކަމެއް ކޮށްދީފާނެ ވެސް ތޯއްޗެކެވެ. އޭރުން ހުރިހައި ކަމެއްވެސް ރަނގަޅުވެދާނެ އެވެ. ކޮންމެ ފަދަ އަގެއް ދައްކައިގެން ނަމަވެސް ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެ އެވެ.

އެފަދަ ބޭކާރު ވިސްނުމެއް ވިސްނުނީތީ ހާޖަރާގެ އަމިއްލަ ނަފުސު ކުށްވެރިކުރި އެވެ. އަލިބެއްޔާގެ ފަރާތުން ލިބޭނީ ވަގުތީ ހައްލެއްކަން މިހާރު އޭނާއަށް ޤަބޫލުކުރެވެއެވެ. އަލިބެއްޔާ އެބުނާ ޤުރުބާނީއެއް ވުމަށް އަނެއްކާވެސް ފައިސާ ފޮނުވަން ޖެހޭނެކަން ވެސް އެނގެއެވެ. އެ ހުރިހާކަމެއްގެ އިތުރުން އަލިބެއްޔާ ކޮށްދޭ ކަންތަކުގެ އަގެއްގެ ގޮތުން އަލިބެއްޔާގެ މުޑުދާރު އެދުންތައް ފުއްދައިދިނުމަށް ހާޖަރާގެ ހަށިގަނޑު ޤުރުބާން ކުރަން ޖެހޭނެކަންވެސް އެނގެއެވެ.

ކުއްލިއަކަށް ހާޖަރާގެ ހިތަށް ވެރިވީ ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލްއަކުން ދައްކަމުން އަންނަ ރޫޙާނީ ފަރުވާދޭ ޕްރޮގްރާމަށް އަރާ ޝެއިޚްގެ ދަރުހެއްގެ މަތިންނެވެ. ‘ކެތްތެރިކަމަކީ ނަމާދެވެ. ކެތްތެރިކަމާއެކު ދުޢާކުރުން ކަމަށް’ އެ ޝެއިޚް ހަނދާންކޮށްދިން ހަނދާންކޮށްދިނުމެވެ. ކޮންމެ ފަދަ ތަކްލީފެއް ކުރިމަތިވިޔަސް ކެތްތެރިވާން ޖެހޭނެކަމާއި މާތްﷲގެ މަތިން ހަނދުމަކޮށް އެކަލާންގެއަށް ދެންނެވުމުގެ މުހިންމުކަމެވެ. ކެތްތެރިކަމާއެކު ދުޢާކުރުމުން، ތަކްލީފުތަކުން މިންޖުވެވޭނެ ކަމެވެ.’

މީގެ ފަންސަވީސް އަހަރު ކުރިންވެސް އޭނާއަށް ކެތްތެރިވެވުނު ނަމަ ކިހާ ރަނގަޅުހެއްޔެވެ؟ ޚަލްޤު ކުރެއްވި ފަރާތަށް ދުޢާކޮށް ދެންނެވުން މަތީގައި ދެމިހުރެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ މަޢުރީން ލިބުނު ފަހުންވެސް މާތްﷲގެ މިންވަރުފުޅުން ހާޖަރާއަށް ވަނީ އިތުރު ހަތަރު އަންހެން ދަރިން ލިބިފައެވެ. އޭގެ ތެރޭގައި އެއްމާބަނޑު ދެބެއިން ލިބުނީ އަލިބެއްޔާގެ ނުބައި އަމަލުތަކުގެ އެއްވެސް އެހީތެރިކަމެއް ނެތިއެވެ.

މީގެ އަހަރުތަކެއް ކުރިން ހާޖަރާ އަށް ކެތްތެރިކަން އިސްކުރެވުނު ނަމަ، މިއަދު އޭނާގެ ހިތް ކުދިކުދިވެގެން ރޯކަށް ނުޖެހުނީހެވެ. އެއްވެސް އަގެއް ނެތް މުޑުދާރު މީހެއްގެ އިޙްސާސް ކުރާކަށް ނުޖެހުނީހެވެ. ޢަޤީދާ ބަލިކަށި މުސްލިމެއްގެ އިޙްސާސް ތާއަބަދު ކުރުމުގައި އިންނާކަށް ނުޖެހުނީހެވެ.

މަޢުރީން އަކީ އިލްޔާސްގެ ދަރިއެއް ނޫންކަމަށްވެސް ވެދާނެކަން އިލްޔާސް ކައިރީ ބުނާނެ ގޮތަކާމެދު ހާޖަރާ އިތުރަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ. އިން ތަނުން ތެދުވެގެން ހިނގައިގަތީ އިލްޔާސާއި ދިމާއަށެވެ.

***~~~***

ޗެޕްޓަރ 13 – ހާސާ

ހޮސްޕިޓަލުން މަޢުރީން ދޫކޮށްލިތާ ހަފުތާއެއް ވެއްޖެ އެވެ.

މަޢުރީން ހޮސްޕިޓަލުގައި އޮއްވާ އެތަނަށް ޝާއިލް ވެސް ގެންދެވުނެވެ. ޝާއިލްގެ ފައި ބިނދިގެންނެވެ. މިކަމާގުޅިގެން ދެފަރާތުގެ ޢާއިލާއަށް ޕްރެޝަރު އިތުރުވެގެން ދިޔައެވެ. ޚާއްޞަކޮށް ދެ މަންމައިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެގެންދިޔައެވެ. މަރިޔަމްގެ އެހީއާއިއެކު ޝާއިލް އޮތް ވޯޑަށް ވަނުމާއިއެކު މަޢުރީން އަށް ލިބުނީ އިތުރު ހިތާމައެކެވެ. އިތުރު ހިތްދަތިކަމެކެވެ. މަޢުރީން ފެނުމުން ޝާއިލް ހިތްހަމަޖެހިގެން ވާހަކަދެއްކުމުގެ ބަދަލުގައި ރުޅިވެރިކަމާ ޖެއްސުމުގެ ރާގުގައި ބަހުންޖެހުން ނޫން އެހެންކަމެއް ނުކުރެއެވެ. ތަކުރާރުކޮށް ސުވާލުކުރުމުންވެސް ޝާއިލްގެ ފަޔަށް އަނިޔާވީ ކީއްވެގެން ކަމެއް ބުނެއެއް ނުދިނެވެ. ޝާއިލްގެ މަންމަގެ މޫނުންވެސް ފެނުނީ މަޢުރީން އާއިމެދު ނަފުރަތުވެފައިވާ ތަނެވެ. ސަލްމާގެ ދަރިފުޅު ޝާއިލް ވައްޓާލައި ފަޔަށް އަނިޔާދިނީ ޚުދު މަޢުރީންއޭ ހީވާކަހަލަ އެވެ.

ކަމެއް ގޯސްވުމުން މީހުން ބަދަލުވެގެންދާ ދިއުމަކީ ހިތާމަހުރިކަމެކޭ މަޢުރީންގެ ހިތަށްއަރަމުންދިޔައެވެ. ފަހަރެއްގައި ސަލްމާ ބަދަލެއް ނުވެއެވެ. ފަހަރެއްގައި ސަލްމާ އަކީ އަބަދުވެސް މިކަހަލަ މީހެއްކަމަށްވެސް ވެދާނެ އެވެ. މަޢުރީންއަށް އެކަން ކުރިން ފާހަގަ ނުކުރެވި އޮތީކަމަށްވެސް ވެދާނެއެވެ.

***~~~***

މިއަދު މަޢުރީން އެއިނީ އިދުރީސް މެންގެ ގޭގައެވެ. މަރިޔަމް އާއިއެކު ގޮހެވެ. ހޮސްޕިޓަލުގައި އޮވެ، މަޢުރީންއަށް ދިމާވަމުންދިޔަ ކަންތައްތައް އިދުރީހާއި މަރިޔަމްއަށް ކިޔައިދިން ފަހުން، މަޢުރީންއަށް ޖިންނިއެއް އުނދަގޫކުރަނީ ކަން އިދުރީހަށް ވަރަށް ބޮޑަށް ޔަޤީންވެއްޖެ އެވެ. އިދުރީސް އެހެން ބުނުމުން އެކަން ޤަބޫލުކުރަން މަޢުރީންއަށް އުނދަގޫވެސް ވިއެވެ. މަޢުރީންއަށް ޖިންނިއެއްގެ އުނދަގޫ ފޯރާންވީ ކީއްވެގެން ހެއްޔެވެ؟ ޖިންނި އަވަލުމާއި އިންސާނުންނަށް ޖިންނިން ކުރާގޯނާތަކުގެ މަޢުލޫމާތު މަޢުރީންއަށް ލިބިފައިވަނީ ވެސް ވަރަށް ކުޑަކޮށެވެ. އޭނާއަށް އަބަދުވެސް ހީވެފައި އޮންނަނީ ޖިންނިން އަވަލުމަށް ފަސޭހަވާނީ ގޯސްކޮށް އުޅޭމީހުންނާއެވެ. އެކަމަކު މަޢުރީން އަކީ ގޯސްގޮތަކަށް އުޅޭމީހެއް ނޫންކަމަށް އޭނާ ޤަބޫލުކުރެއެވެ. އަބަދުވެސް އުޅެމުން އަންނަނީ ހެޔޮލަފާ މުސްލިމު އަންހެނެއް އުޅެންޖެހޭ ގޮތަށެވެ. ފަސްވަގުތު ނަމާދު ކުރެއެވެ. ބަރާބަރަށް ރޯދަހިފައެވެ. ޤުރުއާން ކިޔަވައެވެ. ބުރުގާ އަޅައިގެން އުޅެނީވެސް ފެޝަން ބުރުގާއެއް ނޫނެވެ. އެހެންކަމުން އޭނާއަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްބާއޭ އަބަދުވެސް މަޢުރީންގެ ހިތަށްއަރައެވެ.

***~~~***

ބަލިއެނދުގައި އޮތް ސަލްމާގެ ދަރިފުޅު ޝާއިލް މެންދުރު ކެއުމަށް އެއްޗެއް ތައްޔާރުކުރުމަށް ސަލްމާ ހުރީ ބަދިގޭގައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް އޭނާއަކަށް ނުހުއްޓުވުނެވެ.

‘ޝާއިލްއަށް މިހެންވާވީ ކީއްވެގެންހެއްޔެ؟’ ސަލްމާގެ ހިތަށްއަރަމުން ދިޔައެވެ. ޝާއިލްއަކީ އޭނާގެ ހިޔަނިފަދައިން ގެންގުޅެމުން އައި ކުއްޖެކެވެ. ކޮޓަރިތެރޭގައި އޮތް ޝާއިލްގެ ފައިގައި ރިއްސާލެއް ގަދަކަމުން، އޭނާ ކުކުރާ އަޑު އިވުމުން ސަލްމާ އަށް އިތުރަށް ރޮވެން ފެށުނެވެ. ޝާއިލްގެ ކައިވެނީގެ ފަހުން، ކަމަކަށް ފަހު ކަމެއް ކުރިމަތިވަމުން އަންނަނީ ކީއްވެގެން ހެއްޔެވެ؟ އަދި އެއުޅެނީ ކައިވެންޏަށް އަހަރެއްވެސް ނުވެގެންނެވެ. ސަލްމާއަށް އެކަންކަމުގެ ސަބަބު އެނގޭނަމަ މިއަދު ސަލްމާ އަޅާފައިވާ ފިޔަވަޅެއް ނޭޅީސްކަން ގައިމެވެ.  އެކަމަކު ކުރާނެ ކަމެއްނެތެވެ. ވެދިޔަކަމެއް ވެދިޔައީ އެވެ. އޭނާގެ ދަރިފުޅަށް ތޫފާނަކަށްފަހު ތޫފާނެއް ކުރިމަތިވަމުން އަންނަނީ އެއްވެސް އިންޒާރެއްވެސް ނެތިއެވެ. އެހެންކަމުން އެކަމާ ކުރިމަތިނުލާ ސަލްމާ ފަހެ މަޑުމަޑުން ހުންނާނެ ހެއްޔެވެ؟ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލީ ދެން އަޅާނެ ފިޔަވަޅެއް ނިންމަމުންނެވެ.

***~~~***

މަޢުރީންގެ ވާހަކަތައް ކަނުލައި އަޑުއަހަން އަލިފުޅުބެ އިނެވެ. އިދުރީހާއި މަރިޔަމް ވެސް އަލިފުޅުބެގެ ކޮޓަރީ ދޮރުކައިރީގައި ހުރި ޕްލާސްޓިކް ގޮނޑިތަކުގައި ތިއްބެވެ. މަޢުރީންގެ ވާހަކަތައް ނިމުމުން މުސްކުޅިއުމުރަށް އެޅިފައިވާ އަލިފުޅުބެ ފުންނޭވާއެއް ދޫކޮށްލިއެވެ.

“އަހަރެންގެ ކޮއިފުޅާ، ތިޔައީ ޖިންނި އަވަލުމުގެ ކަމެއް.” އަލިފުޅުބެ ބުންޏެވެ. “އެވެދާނެ ފަހަރެއްގައި ކޮއިފުޅަށް ނޭނގި ކޮއިފުޅުގެ ދިރިއުޅުމުގެ ތެރެއަށް ވަނުމަށް ޖިންނިއަކަށް ދަޢުވަތު ދެވުނީކަމަށްވެސް، ފަހަރެއްގައި ނޭނގުމެއްގެ ތެރޭގައި ފިރިހެން ޖިންނިއަކަށް ގޯނާއެއް ދެވުނީކަމަށްވެސް ވެދާނެ.” އަލިފުޅުބެ މިހެން ބުނުމުން މަޢުރީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“އާނ. މިބުނީ ހެޔޮކޮށް،” އަލިފުޅުބެ ދައްކަމުންދިޔަ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.

“އެއީ އަހަރުމެންނަށް ފެންނަ މަޚްލޫޤުންނެއް ނޫން. އެކަމަކު އެސޮރުމެންނަށް އަހަރެމެން ފެންނާނެ. ތި އަވަލައިގެން އުޅޭ ޖިންނިއަށް ނުވަތަ އެ ޖިންނީގެ ތިމާގެމީހަކަށް ކޮއިފުޅަށް ނޭނގި ކޮންމެވެސް ދުއްތުރާލެއް ކުރެވިގެން ތިޔައުޅެނީ، އެހެންވެ އެ ޖިންނި އެއުޅެނީ ބަދަލުހިފަން. ނޫނިއްޔާ ފަހަރެއްގައި ވެދާނެ އެ ޖިންނިއަށް ކޮއިފުޅުފެނި، ލޯބިވެވުނީ ކަމަށްވެސް.”

“އެކަމަކު ތިހެން ވާންވީ ކީއްވެ؟!!” ހައިރާންކަމާއެކު މަރިޔަމް އަށް އަހައިލެވުނެވެ.

“އެ ވެދާނެ ކޮއިފުޅު ހެދުން ބަދަލުކުރަން ހެދުން ބާލަން ފެށުމުގެ ކުރިން ﷲގެ އިސްމުފުޅު ނުކިޔައި އުޅެނިކޮށް ހެއްދެވި ހާލުގަ ކޮއިފުޅު ހުއްޓާ ޖިންނިއަކަށް ފެނި އެކަމާ ގަޔާވީކަމަށްވެސް. ނޫނީ ފާޚާނާއަށް ވަނުމުގެ ކުރިން ކިޔަން ޖެހޭ ދުޢާ ނުކިޔާ ވަނުމުން ފާޚާނާ ތެރެއިން ޖިންނިއެއް އަވަލީކަމަށްވެސް ވެދާނެ. ފާޚާނާ ފަދަ މުޑުދާރު ތަންތަނަކީ ޖިންނި ޝައިޠާނުން ވަރަށް ގިނައިން އުޅޭތަނެއް.” އަލިފުޅުބެ އޮޅުންފިލުވައިދިނެވެ.

“އެކަމަކު އަހަރެންގެ ފާޚާނާއަކީ އަބަދުވެސް ވަރަށް ސާފުކޮށް ދޮވެފަ ހުންނަތަނެއް.” ސިއްރުސިއްސުން ބޭއިޚްތިޔާރުގައި މަޢުރީންއަށް ބުނެވުނެވެ.

“ފާޚާނާއަކީ އެތަނުގައި އަހަރެމެން ވަރަށް ހަޑިކަންތައް ކުރާތަނެއްނު. އެފަދަ ތަންތަނުގަ ޝައިޠާނުން ބަނޑަހަޖެހުމަކީ ނިކަން ކުރާހިތްވާ ކަމެއް.”

“ކޮއިފުޅަށް ތިކަން ދިމާވާންފެށި އެހެން ސަބަބަކަށް ވެދާނެ-،” އަލިފުޅުބެ އަށް ލަފާކުރެވޭ އެހެން ގޮތެއް ބުނަންފެށި އެވެ.”……. ސިހުރުވެރި ކަމަކަށް!”

“ސިހުރޭ؟؟!!” ހައިރާން ކަމާއެކު މަރިޔަމް ސުވާލުކުރިއެވެ.

“އާނ، ސިހުރު، އިނގިރޭސި ބަހުން ބުނާނަމަ ‘ބްލެކް މެޖިކް” މިފަހަރު ޖަވާބުދިނީ އިދުރީސް އެވެ.

“ކޮއިފުޅަށް ގެއްލުން ދިނުމަށް ކޮންމެވެސް މީހަކު ސިހުރު ހަދަނީ ކަމަށްވެސް ވެދާނޭ މިބުނީ، އެކަމުގެ ސަބަބުން ކޮއިފުޅާ ޖިންނި އަވަލުމަށް ފަސޭހަވާހާ މިންވަރަށް ކޮއިފުޅު ތިހުރީ މާބޮޑަށްވެސް ބަލިކަށިވެފަކަމަށްވެސް ވެދާނެ.” އަލިފުޅުބެއަށް ހީވާގޮތް ބުނަމުން އޮޅުންފިލުވައިދިނެވެ.

މަޢުރީން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންވެ އަނެއްކާވެސް ވާހަކަދެއްކީ މަރިޔަމް އެވެ. “ދެން ތިކަމަށް ހައްލެއް އެބައޮތްތަ؟’

“އާނ، އެބައޮތް،” އަލިފުޅުބެ ޖަވާބުދިނެވެ. “އެކަމަކު އެކަން ވާނީ ޚުދު މަޢުރީންގެ ހިތާއި ރޫޙުން މިކަމަށް އެދި މި ހަނގުރާމަ ކުރުމަށް ސިކުނޑި އެއްކޮށް ތައްޔާރަށް ހުރިނަމަ، އަދި މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް އިތުބާރުކޮށް ނަސްރު ލިބުމަށް އެދިގެން.”

އަލިފުޅުބެ އެންމެ ފަހުން ބުނި ޖުމުލައިން މަޢުރީންއަށް ފާޑަކަށް ހީނގަނެވުނެވެ.

‘މިފަދަ ކަމަކާ ހަނގުރާމަ ކުރަން އަހަރެން ބޭނުން ނުވާންވީ ކީއްވެ؟ އަހަރެންގެ ދިރިއުޅުން މިވަނީ އެފުށް މިފުށަށް ޖެހިފަ. އަހަރެންގެ ކައިވެނީގެ ބިނާ މިއޮއްގެން ދަނީ ފުނޑުފުނޑުވަމުން. އަހަރެންގެ ޕްރޮފެޝަންއަށްވެސް މިކަމުން އަންނަނީ ހީނަރުކަން ލިބެމުން. އެކަމަކު އެއީ ކީއްވެގެން؟ ކޮބާ އަހަރެންގެ ކުށަކީ؟’ ހިތާހިތުން މަޢުރީން ޝަކުވާކުރިއެވެ.

“…..އެއީ މައުރީން އަކީ އަހަރެންގެ ޙައްޤަކަށް ވާތީ…”

މަޢުރީންގެ ސިކުނޑި ތެރޭގައި ގުގުމާލި އަޑު ކިތަންމެހާވެސް ސާފެވެ. އެ އަޑާއެކު މަޢުރީންއަށް ތެޅިގަނެވުނެވެ.

“މަޢުރީން، ކިހިނެއްވީ؟”

“ކަމެއް ނުވޭ.” މަރިޔަމްގެ ސުވާލަށް މަޢުރީން ދިނީ ކުރު ޖަވާބެކެވެ.

***~~~***

ހާޖަރާގެ ބޮލުގައި ހުރި ރިހުން ހައްތަހާ ދިޔައީ ގަދަވަމުންނެވެ. ފިހާރައަށް ދިޔަޔަސް މިއަދު މިއީ އޭނާ ފިހާރައަށް ނުގޮސް ހުންނަންވީ ދުވަހެކޭ އޭނާގެ ހިތަށްއެރިއެވެ. އެކަމަކު ގޭގައި ފިރިމީހާ ފެންނަ ހިސާބުގައި ހުރުމަކީވެސް އޭނާއަށް މިއަދު އެހާ ފަސޭހަކަމެއް ނޫނެވެ. ހުރިހާ އެއްޗެއް ސާފުކޮށް އިލްޔާސަށް ކިޔައިދެވުނުކަމުން ހާޖަރާ އެހުންނަނީ ކަންބޮޑުވެފައެވެ. ބިރުގެންފައެވެ. މިއަދު ހެނދު އަވަސް އަރުވާލާފައި ގޭގައި މަޑުނުކޮށް ފިހާރައަށް ދިޔައީ ވެސް އެ ސަބަބާ ހުރެއެވެ. ފިހާރާއިގައި އިންއިރު އެތަނުގައި ގެންގުޅޭ ކުއްޖާ ކިޔަމުން ދިޔައީ ކީކޭކަން އޭނާއަށް އަޑުއިވެމުންދިޔައީ ކިރިޔަކިރިޔާ އެވެ.

ކުއްލިއަކަށް، އޭނާގެ މުޅި ހަށިގަނޑަށް އާދަޔާޚިލާފަށް ހޫނުވާންފެށިކަމުގެ އިހްސާސެއްކުރެވެން ފެށިއެވެ. ލިބެމުންދިޔަ ހާސްކަމުގެ ސަބަބުން އޭނާ ބޭނުންވީ ބޭރަށް ނިކުމެ ސާފުވައި ލިބޭފަދަ ތަނެއްގައި ހުރުމަށެވެ. ފިހާރާގައި އުޅޭ ކުއްޖާގެ ގައިގައި އަޅައި ކޮއްޕާލަމުން، ތެޅެމުން ފޮޅެމުން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވި އުޅެނިކޮށް އޭނާ ވެއްޓެމުންދާކަން އިޙްސާސް ކުރެވުނެވެ. އެންމެ ފަހުން އޭނާއަށް އިވުނުހާވެސް އަޑަކީ ފިހާރައިގައި ގެންގުޅޭ ކުއްޖާ ބިރުން ހަޅޭއްލަވައިގަތް އަޑެވެ.

***~~~***

ޑޮކްޓަރުން ދައްކަމުންދިޔަ ވާހަކަތައް ހާޖަރާއަށް އިވެމުުން ދިޔައީ ވަރަށް މަޑުންނެވެ. އެމީހުން ކިޔަމުން ދިޔައީ ހާޖަރާގެ ނަސީބު ރަނގަޅުކަމުގެ ވާހަކައެވެ. ހާޖަރާގެ ޕްރެޝަރު އެހާބޮޑަށް މަތިވެފައި ހުރިއިރު އޭނާއަށް ސްޓްރޯކެއް ނުޖެހި ސަލާމަތްވިކަމާމެދު އަޖައިބުވެ ޑޮކްޓަރުން އެވާހަކަ ދައްކަމުންދިޔަ އަޑެވެ.

ނަސީބު!!؟؟

ހާޖަރާ އަކީ ނަސީބުވެރިއެއް ކަމުގެ ކުޑަނަމަވެސް އިޙްސާސެއް އޭނާއަކަށް ނުކުރެވެއެވެ. އޭނާގެ ވަށައިގެން ހިނގަމުންދާ ކޮންމެ ކަމަކުން ފެންނަމުންދަނީ އެކަމެވެ. ނަސީބެއް ނެތްކަމެވެ.

އެ ހުރިހައި ކަމެއްވެސް ވަމުން އަންނަނީ ޚުދު އޭނާއަށް ކުރެވުނު ކުށުގެ ސަބަބުންނެވެ.

ޗެޕްޓަރ 14 – އެހެން ވިސްނުމަކަށް

ހާޖަރާގެ އެނދުކައިރީ ހުރި ގޮނޑިއެއްގައި އިށީންދެގެން މަޢުރީން އިނީ ކޮންމެވެސް ފޮތެއް ކިޔާށެވެ. ހާޖަރާ އޭނާގެ ދަރިފުޅާ ދިމާއަށް ބަލައިލުމާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އޮހޮރިގަތީ އެތަކެއް އިރެއްވާންދެން ހަދަމުން އައި ވިލާގަނޑަކުން ވާރޭވެހެން ފެށިހެންނެވެ.

އޭރު އޭނާއަށް ކެތްކުރެވުނު ނަމަ، މިހާރު މި އޮތްގޮތަށް ދިރިއުޅުން ބޮޑު ހައިޖާނުގަނޑެއްގައި ނޯންނާނެއޭ ހާޖަރާގެ ހިތަށް އަރަމުން ދިޔައެވެ.

މަޢުރީންގެ މަންމަ ރޮމުންދިޔަކަން ކުޑަކޮށްވެސް ރޭކައިނުލާތީ މަޢުރީން އިނީ ކިޔަމުންދިޔަ ފޮތުގެ ތެރެއަށް ކިތަންމެހާވެސް ރަނގަޅަށް ގެއްލިފައެވެ. ‘ކިހާ މައުސޫމު ދަރިއެއް ހެއްޔެވެ.’ ހާޖަރާގެ ހިތަށްއެރިއެވެ.

ބަލިއެނދުގައި އޮތް ނަމަވެސް ހާޖަރާ ޢަޒުމް ކަނޑައެޅިއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިޔަސް ހުރިހާ ކަމެއް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށެވެ. ކިތަންމެ ބޮޑު އަގެއް ދަންކަން ޖެހުނަސް ފަރުވާލެއް ނުބެހެއްޓުމަށް ނިންމަމުންނެވެ.

އެމީހުން ތިބި ޕްރައިވެޓް ރޫމަށް މަރިޔަމް ވަން ވަގުތު އެތަނުގައި މަޢުރީން އިންތަން ފެނުމުން ހިތްހަމަ ޖެހުމުގެ ނޭވައެއް ބޭރުކޮށްލެވުނެވެ.

“ހާޖަރާއްތާ، މިހާރު ރަނގަޅުތަ؟”

“އާނ، ދަރިފުޅާ… ހާޖަރާއްތައަށް ތިވަރަށް އެހީވާތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.” ހާޖަރާ ޖަވާބުދިނެވެ.

“ކޮބާ އިލްޔާސްބެ؟ މިއަދު ހެނދުނުވެސް އިލްޔާސްބެއެއް ނުދެކެން މިތަނަކުން.” މަރިޔަމް އަނެއްކާވެސް ހާޖަރާ އާ ސުވާލުކުރިއެވެ.

“ބައްޕަ ވެއްޖެ އެއަރޕޯޓަށް ގޮސް އަހަރެންގެ ކޮއްކޮ ބަލާ. މަންމަ ކައިރިއަށް އައުމަށް އެމީހުން ތިބީ ކެތްމަދުވެފަ.” ޖަވާބުދިނީ މަޢުރީން އެވެ.

ދެފަރާތަކަށް މަރިޔަމް ބޯ ހޫރާލަމުން ކަރުކެހިލައި ކަރުތެރެ ސާފުކޮށްލި އެވެ. ކޮންމެވެސް މުހިންމު ވާހަކައެއް ދެއްކުމަށް މަރިޔަމް ބޭނުންވީކަން މަޢުރީންއަށް އެނގުނެވެ.

“އެހްމް… އޫމް.. މަޢު؟ ހިނގާބަލަ ބޭރަށް؟” މަރިޔަމްގެ އެ އިޝާރާތުގެ މާނަ މަޢުރީން އަށް އެނގުމުން ވަގުތުން ތެދުވިއެވެ.

“އޯކޭ.” ހިނގައިގަންނަމުން މަޢުރީން ބުންޏެވެ.

ޕްރައިވެޓް ކޮޓަރިން ބޭރަށް ނިކުމެވުމާއެކު މަރިޔަމް ބުނަން ބޭނުންވެފައި އޮތް ވާހަކަ ބުނަން ފެށިއެވެ.

“ކުރިން ދުހު އަލިފުޅުބެ ބުނި ކަންތަކާ ކިހާވަރަކަށް އުޅެވިއްޖެތަ؟ މިހާރު ރުޤްޔާ ސެޝަންތައް ފަށައިފިންތަ އަލިފުޅުބެ ކައިރިން؟”

މަޢުރީން ނޯށްދަމައިލި އެވެ.

“މަރީ، އަހަރެން މިކަންކަމާ ވަރަށް ވިސްނައިފިން، މަށަކަށް ހިއެއް ނުވޭ މަށަށް ރޫޙާނީ މައްސަލަތަކެއް ކުރިމަތިވެގެން އުޅޭހެންނެއް.”

މަރިޔަމްގެ އަނގަ ތަންމިނަށް ހުޅުވުނީ ލިބުނު ހައިރާންކަމުގައި ‘އޯ’ އޭ ބުނުމަށެވެ. ނަމަވެސް މަރިޔަމްއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަނެއްކާވެސް މަޢުރީން ވާހަދައްކަން ފެށިއެވެ.

“އެހެންވެ، ކޮންސަލްޓެންޓް ސައިކޮލޮޖިސްޓެއްގެ އެޕޮއިންޓްމެންޓެއް އަހަރެން ހަމަޖައްސައިފިން. އިރާދަކުރެއްވިއްޔާ މާދަން އޭނަޔަށް ދައްކާނަން. މަށަށް ހަމަ ޔަޤީން މަށަށް މިހުރިހައި ކަމެއް މި ދިމާވަނީ ޑިޕްރެޝަން އަދި ހޮލޮސިނޭޝަން ގެ ސަބަބުންކަން. އަހަރެން ރަނގަޅުވާނީ މިގޮތަށޭ.”

“މަޢު ސައިކޮލޮޖިސްޓަކަށް ނުދައްކާކަށް މަށެއް ނުބުނަމޭ.” މަރިޔަމް ޖަވާބުދިނެވެ. “ސައިކޮލޮޖިސްޓަށް ދައްކަން ޕްލޭންކުރުމަކީ ރަނގަޅުކަމެއް. އެކަމަކު އޭގެ އެންމެ ރަނގަޅު ގޮތަކީ ރުޤްޔާ ވެސް ކުރަމުން ތި ފަރުވާ ހޯދުން. ރުޤްޔާ އަކީ ހަމައެކަނި ކީރިތި ޤުރުއާނުގެ އާޔަތްތަކެއް ކިޔެވުންކަން އެނގެއެއްނު. އޭގަ ނޯންނާނެ އެހެންކަހަލަ ބޯދާ ކަންތައްގަނޑެއް.”

މަޢުރީން ހޭންފެށި އެވެ.

“އޯކޭ، އަހަރެން އަމިއްލަޔަކަށް ގޭގަ ޤުރުއާން ކިޔަފާނަމޭ. ސައިކޮލޮޖިސްޓަށް ދެއްކުން މާ އިމްޕޯޓެންޓެއްނު. ބަލަ އަހަރުންނަކީ މެޑިކަލް ޑޮކްޓަރުންނެއްނު މަރީ! ސޯ ލެޓްސް ބީ މެޑިކަލް އެންޑް ލޮޖިކަލް އިން އަވަރ ތިންކިން.”

މަރިޔަމް ހިތްހަމަނުޖެހިގެން ފުން ނޭވައެއް ދޫކޮށްލި އެވެ. “އަހަރެން ބޭނުންވަނީ މަޢު އަށް އެންމެ ބެސްޓް ގޮތް ވުމަށްކަން އެނގެއެއްނު!”

މަރިޔަމްގެ ޖުމްލަ ނުނިމިގެން އުޅެނިކޮށް މަރިޔަމްގެ ގައިގާ މަޢުރީން ބާރަށް ބައްދައިގަތެވެ. ހީވީ މަރިޔަމްގެ ހަށިގަނޑު ކުދިކުދި ކޮށްލަން އުޅުނުހެންނެވެ.

“ތިކަހަލަ ފްރެންޑެއް ހުރީމަ އަހަރެން ހާދަ އުފާވޭ.”

***~~~***

ޗެޕްޓަރ 15 – އުއްމީދު

މަންމަ އޮތް ކޮޓަރިއަށް މަޢުރީން އެނބުރި ގޮސް ވަންއިރު މަންމަ އޮތީ ނިދާފަ އެވެ. އެހެންކަމުން ގެއިން ގެންނަން ޖެހޭ ބައެއް ތަކެތި ބަލައި ގެއަށް ދިއުމަށް އޭނާ އަވަސްވެގަތެވެ. އޭގެ އިތުރުން ޝާއިލްގެ ހާލު ބަލައިލާނަމޭވެސް އޭނާގެ ހިތަށްއެރި އެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ޝާއިލް ވާނީ ޝާއިލްގެ މަންމަމެންގެ ގޭގައި ކަމަށްވެސް ވެދާނެއެވެ. ފަހަރެއްގައި މިއަދު ކަންތައްތައް ބަދަލުވެފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކޭ މަޢުރީންގެ ހިތަށްއެރި އެވެ. ފަހަރެއްގައި މިއަދު ޝާއިލްގެ ރުޅިމަޑުވެ، ދެމީހުން ސުލްހަވެ އެމީހުންގެ އަމިއްލަ ގެއަށް ބަދަލުވެވިދާނެއޭވެސް ހިތަށްއެރިއެވެ. އޭރުން ގެއަށްގޮސް އޭނާގެ ލޯބިވާ ފިރިމީހާއަށް ރަނގަޅަށް އަޅައިލާ ބެލެހެއްޓޭނެއެވެ.

ހޮސްޕިޓަލުން ޝާއިލް ދޫކޮށްލުމާއެކު މަޢުރީން އާ ޝާއިލް ހަވާލުކުރުމަށް ސަލްމާ ދެކޮޅުހަދަން ޖެހުނު އެއްވެސް ސަބަބެއް މަޢުރީން އަކަށް ނުވިސްނުނެވެ. ގަދަވެ ސަލާމަތުން ޝާއިލްގެ އަނބިމީހާ ހުރިއިރު، ސަލްމާ އެވަރަކުން މަންމަގެ ދޮންފުތަކަށް ޝާއިލް ހަދައިގެން އުޅެންވީ ކީއްވެގެން ހެއްޔެވެ؟ ޝާއިލް ބެލުމަށް މަޢުރީން އާ ހަވާލުކުރަން ސަލްމާ މިއަދު ދެކޮޅުހަދައިފިނަމަ ޝާއިލްގެ ބައްޕަ އަދި މަޢުރީންގެ ބަފައިބެ ސަމަދު ކައިރީގައި އެކަމުގެ ޝަކުވާ އުފުލުމަށް މަޢުރީން ނިންމި އެވެ.

މަޢުރީންގެ ކާރަށް އަރަން ދޮރުހުޅުވި ވަގުތު ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުން ގޮވާލައިފިއެވެ. އެ އަޑު އިވުމުން އޭނާ ސިއްސައިގެންވެސް ދިޔައެވެ. ނަމަވެސް ފޭކް ހިނިތުންވުމެއް މޫނަށް ގެނައެވެ.

“އިދުރީސް، ކިހިނެއްތަ؟ މިތަނުން މިއަދު އިދުރީސް ފެނިދާނެއޭ ހިތަށްވެސް ނާރާ.”

“މަޢުރީންގެ މަންމަ ބަލިވެއުޅޭ ވާހަކަ އިވިގެން މިއައީ މަންމައަށް ގޮވާލަން ކަމަށް. މިހާރު މަންމަ ރަނގަޅުތަ؟

“އާނ، ހާދަ ރަނގަޅޭ މަންމައަށް ގޮވާލަން އައިމަ.”

“އޭގެ އިތުރުން އަހަރެން މަޢުރީންއަށް ދޭން ބޭނުންވާ އެއްޗެއްވެސް އެބަ އޮތް. އެހެންވެ މަޢުރީން ހޮސްޕިޓަލުގަ އުޅޭނެކަން އެނގޭތީ އަހަރެން މިއައީ އޭތި ހިފައިގެން.”

އިދުރީސް ދޭން އެބުނާ އެއްޗަކާމެދު ގަޔާ ނުވެވޭނެކަމުގެ އިޙްސާސް މަޢުރީން އަށް މިހާރުވެސް ކުރެވިއްޖެއެވެ. ނަމަވެސް އިދުރީސް އެބުނާ އެއްޗެއް އޭނާގެ ޖީބުން ނަގަންދެން މަޑުކޮށްލައިގެން ހުރެވުނީ އެއްވެސް ކެތްތެރިކަމެއް ނެތް ހާލުގައެވެ.

އެއީ ރިހިކުލައިގެ ކުޑަކުޑަ ފުޅިއެކެވެ. ފުޅީގައި ތަތްކޮށްފައިވާ ލޭބަލް ކޮޅެއްގައި އިނގިރޭސި އަކުރުން “މަސްކް” ލިޔެފައި އޮތެވެ. އިދުރީސް ދިއްކޮށްލި ފުޅީގައި

ހިފުމާއެކުވެސް ހޮޑުލަވާ ޒާތުގެ ޒަވިވަހެއް އެއިން ދުވިއެވެ. ނަމަވެސް ގަދަކަމުން ކެތްކޮށްލައިގެން ހުރެވޭތޯ މަޢުރީން މަސައްކަތްކުރަމުން ދިޔައެވެ.

އާނއެކެވެ. އެއީ އަބަދުވެސް އޭނާ އަށް ނުބައިވަސް ދުވާ ވަހެކެވެ.

“ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ތި ފުޅިން ގައިގައި އަތަރު ހާކާ، އިންޝާﷲ ހުރިހާކަމެއް ރަނގަޅުވާނެ. އަދި ބުނަން، ދުޢާތައް ކިޔަން ހަނދާން ނައްތައިނުލާތި. މަޢުރީން އަށް ވަގުތުވީމަ ރުޤްޔާ ހަދަން އަންނާނެ ކަމަށް އަހަންނާ އަހަރެންގެ ބައްޕަ ތިބޭނަން އިންތިޒާރުގަ. މާތްﷲގެ އިރާދަފުޅުން މަޢުރީންއަށް ޖެހިފަވާ ތުރާތަކުން މިންޖުކުރައްވާނެ.” ހެޔޮހިތުން އިދުރީސް ދުޢާ ކުރިއެވެ.

“އާމީން.” އިދުރީސްގެ ދުޢާއަށް މަޢުރީން އާމީންކިޔަމުން އޭނާގެ މަންމަ ބާއްވާފައި އޮތް ޕްރައިވެޓް ރޫމުގެ ނަންބަރު ބުންޏެވެ. ދަނީ ކަމަށް ބުނެ ކާރަށް އަރައި ކާރު ސްޓާޓްކޮށްލަމުން ދުއްވައިލިއެވެ.

ބޮޑުތަކުރުފާނު މަގަށް އެޅުމާއެކު ޕެސެންޖާ ސީޓްގައި ބާއްވާފައި އޮތް އިދުރީސް ދިން ފުޅި ނަގައި ކުޑަދޮރުން ބޭރަށް ހޫރާލިއެވެ.

‘ކޮންފަދަ އެއްޗެއް ކަމެއްވެސް ކިހިނެއް އެނގެނީ.’ މަޢުރީންގެ ހިތަށް އެރިއެވެ.

އެހެން ހުރިހައި ކަމަކަށް ވުރެންވެސް ބޮޑަށް މިވަގުތު މަޢުރީންއަށް އެންމެ މުހިންމީ ޝާއިލްގެ ހާލު ބެލުމަށް އަވަސްވެގަތުމެވެ. މިއަދު އޭނާއަށް ކޮންމެވެސް ކަހަލަ ގޮތްތަކެއްވެސް އެބަވެއެވެ. ކޮންމެވެސް ބޮޑުކަމެއް ވާންއުޅޭ ކަމުގެ ހީވުމެއް ހީވަނީއެވެ. ޝާއިލްގެ މަންމަމެންގޭ ދޮރުގައި ހަރުކޮށްފައި ހުރި ރަނގަބީލަށް މަޢުރީން ދެފަހަރަކަށް ފިއްތާލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ދޮރުފަތް ހުޅުވުމަށް ތަޅުގައި ހިފުމާއެކު ދޮރުފަތް ހުޅުވިއްޖެއެވެ. ތަޅުނުލައި ހުރިކަން ނަސީބެކޭ މަޢުރީންގެ ހިތަށްއެރިއެވެ. ގޭގައި އުޅެނީ ހަމައެކަނި ޝާއިލް ކަމަށްވެސް ވެދާނެއެވެ. އެހެން ހީކޮށް އެއްވެސް އަޑެއްބަޑެއް ނުއިއްވާ މަޢުރީންގެ ފިޔަވަޅުތައް އަމާޒުހިފީ ޝާއިލްގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީ ދޮރާހަމައަށް ގޮސް މަޑުކޮށްލި ވަގުތު ކޮޓަރި ތެރެއިން ފަނޑުފަނޑުކޮށް ކޮންމެވެސް މީހަކު ވާހަކަދައްކާއަޑު ނުވަތަ ކޮންމެވެސް އެއްޗެއް ކިޔާއަޑު އިވެމުންދެއެވެ. އެއަޑު އިވިފައި ލިބުނު ހައިރާން ކަމާއެކު ކޮޓަރީ ދޮރުފަތުގައި ޓަކިޖެހުމަށް އަތް އުފުލައިލެވުނު ވަގުތު މަޢުރީން ގަނޑުވިކަހަލަ އެވެ. އެތެރެއިން ވާހަކަދައްކަމުންދިޔަ މީހާ ކިޔާއެއްޗެއް ސާފުކޮށް އިވެންފެށުމުންނެވެ.

“އެ މަޢުރީން އަށް އެއްވެސް ހަމަޖެހުމެއް ލިބިގެން ނުވާނެ. އޭނާއަށް އެއްވެސް އުފާވެރިކަމެއް ލިބިގެންނުވާނެ. ހުރިހައި ހަމަޖެހުމަކާ އުފާވެރިކަމަކާ މުއްސަނދިކަމެއް އެއީ ހަމައެކަނި އަހަރެންގެ ދަރިފުޅަށް ލިބެންޖެހޭނެ ކަންކަން…”

ސިއްރުސިއްރުން ދޮރުފަތުން ކުޑަ ތަންކޮޅެއް ހުޅުވައިލަމުން ކޮޓަރިތެރެއަށް މަޢުރީން ބަލައިލިއެވެ. ފެނުނީ ސަލްމާ އެވެ. އޭނާގެ މައިދައިތަ އެވެ. ކަޅުކުލައިގެ ޖުއްބާއެއް ލައިގެން ހުއްޓައެވެ. އޭނާގެ އަތުގައި އޮތީ ކަޅުކުލައިގެ ކަދުލެކެވެ. ސަލްމާ ހުރީ އެނދުގައި ނިދާފައި އޮތް ޝާއިލް އާއި ދިމާއަށް ގުދުވެގެންނެވެ. ޝާއިލްގެ ބޮލާއިދިމާ މަތިން، ސަލްމާގެ ދެއަތުން ކުރަމުންދާ އެއްވެސް ހަރަކާތެއްގެ ހިލަމެއްވެސް ޝާއިލް އަކަށް ނުވެއެވެ.

ދޮރުފަތް ހުޅުވުނު އަޑާއިއެކު ދޮރާއި ދިމާއަށް ސަލްމާ އަށް ބަލައިލެވުނެވެ. ސަލްމާގެ ދެލޯ ހުރީ އަނގުރު ރަތްކުލައިގައެވެ. ސަލްމާގެ އަރުތެރެއިން ބިރުވެރި ހަޅޭކެއްގެ އިންޒާރެއް ނިކުތީ ހަމަ ސީދާ މައުރީން އަށެވެ.

“ކަލޭގެ ދުވަސް ދުއްވާލާނަން އެނގިއްޖެ!”

ގަނެފައިވާ ބިރެއްގެ ސަބަބުން މަޢުރީންއަށް ހަޅޭލަވައިގަނެވުނީ ކިހާ ބާރަށް ކަމެއް ޚުދު މަޢުރީންއަކަށް ވެސް ނޭނގެއެވެ.

***~~~***

ޗެޕްޓަރ 16 – ވާނުވާ

“މަޢުރީން، ހޭލަބަލަ!”

މަޢުރީންއަށް ހީވަމުން ދިޔައީ ކަނޑުއަޑީގައި އޮއްވާ އޭނާ ނަގައިގެން ގޮނޑުދޮށުގެ ދިޔަރެހާއި ހަމައަށް ގަދަކަމުން ގެނައުމަށް ކޮންމެވެސް މީހަކު މަސައްކަތް ކުރަމުންދާހެންނެވެ. މަޢުރީން އަށް ލޯހުޅުވައިލެވުމާއެކު ލިބުނީ ހައިރާން ކަމެވެ. މަޢުރީން އަށް އިނދެވުނީ އޭނާގެ އަމިއްލަ ގޭގެ ދޮރުމަތީގައި ބިންމަތީގައި އިށީންދެގެންނެވެ. ކުރިމަތީގައި އޭނާއާއި ދިމާއަށް ކޮންމެވެސް އަންހެނެއް ގުދުވެގެން އޮތެވެ. ރަނގަޅަށް ފޯކަސް ކޮށްލައި އެއީ ކާކުތޯ ބަލައިލުމުން ކާކުކަން އެނގިއްޖެއެވެ. އެއީ އޭނާ އާ އެއްބަނޑު އެއްބަފާ އަންހެން ކުއްޖެކެވެ. އާއިލާގައި ތިބި އެއްމާބަނޑު ދެބެއިންގެ ތެރެއިން ޖިއާން އެވެ.

‘މަޑުކޮށްބަލާށެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟’ މަޢުރީންގެ ހިތަށް އެރިއެވެ.

މަޢުރީން ތެދުވުމަށް މަސައްކަތްކުރިއެވެ. ކޮއްކޮމެންނާއި ބައްޕަ ގޭތެރެއަށް ވަނުމަށް ތަން ދެއްކުމަށެވެ. ނަމަވެސް މަޢުރީންއަށް ތެދުވަން އުނދަނގޫވެގެން މަޑުޖެހިލެވުނެވެ. ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. ހަށިގަނޑަށް ހުރީ ގޮތްނޭނގޭ ބުރަހެލިކަމެއް ވެރިވެފައެވެ. މަޢުރީން ތެދުވަން އުޅުނުގޮތުން މަޢުރީންގެ ބައްޕަ އާއި ކޮއްކޮމެން ތިބީ ފާޑަކަށް މަޢުރީންއަށް ބަލާށެވެ. ޚުދު މަޢުރީން އަށްވެސް އިނދެވުނީ ހައިރާންކަމެއްގެ ތެރޭގައެވެ.

ކިހިނެއްތަ މިވަނީ؟

މަޢުރީންއަށް ގެއިން ނިކުމެވުނު އިރެއް، ގެއަށް ވަންނަ ދޮރުމަތީގައި އިނދެ ނިދުނު އިރެއްވެސް ނޭނގެއެވެ. އެންމެ ފަހުގެ ހަނދާނަކަށް ހުރީ…

އޭނާގެ މައިތަދަ އެވެ!

މައިދައިތަ ސަލްމާ އުޅުނީ މަޢުރީން މަރައިލުމަށެވެ. އެކަމަކު އެގެއިން ނިކުމެގެން އަމިއްލަ ގެއަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ، އެހުރިހައި ކަމަކީ އޭނާއަށް ފެނުނު ހުވަފެނެއް ހެއްޔެވެ؟

މަޢުރީން އަށް އިނދެވުނީއެވެ. ނެގިމަޑުވެފައެވެ. އޭނާގެ ބައްޕަ އާއި ކޮއްކޮމެން ކިޔަމުންދިޔަ އެކައްޗެއްވެސް ނުއިވެއެވެ. ބައްޕަގެ އަޑު އިވެމުންދިޔައީ އޭނާގެ ސިކުނޑި ތެރޭގައި ގުގުމަމުންދިޔަ ފަނޑުފަނޑު އަޑެއްގެ ގޮތަށެވެ.

“ގޭތެރޭގަ ނުނިދާ ކީއްވެގެން ދަރިފުޅު މިތާ ދޮރުމަތީ ނިދަން ތިއިނީ؟”

“ނޭނގެ މަށަކަށްވެސް، އަހަ…. އަހަރެން ބޭނުމީ ރެސްޓްކޮށްލަން.”

މިހެން ބުނަމުން ވަރަށް މަސައްކަތުން ތެދުވެގެން ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ލިބުނު ހައިރާންކަމުގައި މަޢުރީންގެ ބައްޕަ އާއި ކޮއްކޮމެންނަށް ތިބެވުނީ ވާނުވާ ނޭނގިފައެވެ.

“ބައްޕާ، ދޮންތިއަށް ކޮންމެވެސް ކަމެއް ވެފަދޯ އެހެރީ.”  ގޭގެ އެންމެ ހަގަށް ހުރި ޝުއާޢު އަހައިލި އެވެ.

“އައްދޭ ކޮންމެހެން މާބޮޑެތި ވާހަކަ ނުދެއްކިޔަސް ތިކަން އަހަރުންނަށް އެނގެޔޭ.” ޝުއާޢު އާ ދިމާކޮށްލުމަށް ޖިއާނާ ބުންޏެވެ. “އެހެން ނޫނަސް ދޮންތި އެބަޖެހޭ ރެސްޓް ކުރަން.”

“ބައްޕަގެ ދެ ތުއްތުނާ ކޮންމެހެން ޒުވާބުކުރަން ނޫޅެ އަވަހަށްދޭ ފެންވަރައިގެން ރެސްޓްކޮށްލަން. އެއަށްފަހު މަންމަ ކައިރިއަށް ހޮސްޕިޓަލަށް ދާނީ. ހަވީރު މެހެމާނުން ޒިޔާރަތް ކުރަން އޮންނަ ގަޑިއަށް ތައްޔާރުވީމަ ހުންނާނީ ރަނގަޅަށް.” އިލްޔާސް ބުންޏެވެ.

ކޮޓަރިއަށް ވަންގޮތަށް ބާލީހުގައި ބޯޖަހައިގެން އޮވެ މަޢުރީން ރޮނީ އެވެ. ދުނިޔެއިން މޮޔަވަނީ ނޫންބާއޭ އޭނާގެ ހިތަށްއަރާފައެވެ. ހިނގަމުން މިދާ ހުރިހައި ކަމެއް ޚުދު އޭނާގެ އަމިއްލަ ނަފުސަށް އޮޅުންފިލުވައިދޭނީވެސް ކިހިނެއް ހެއްޔެ؟ މައިދައިތަ ސަލްމާގެ ރުޅިވެރި ބަސްތަކާއި އިންޒާރުގެ މަންޒަރާއި އަޑު ޙަޤީޤަތުގައި އޭނާއަށް ތަޖުރިބާ ކުރެވުނުކަމެއް ނުވަތަ ނޫންކަމެއްވެސް މިހާރު ޔަޤީނެއް ނުކުރެވެއެވެ. ފޫހިކަމާއި ހާސްކަމުގެ ދާވަންޏެއްގެ ތެރެއަށް ގެނބި ޣަރަޤުވަމުންދާހެން އޭނާއަށް ހީވާން ފަށައިފިއެވެ.

ކޮންމެވެސް މީހަކު އޭނާގެ ކޮޓަރީ ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. ޓަކި ޖަހައިލަމުން އަސުރު ނަމާދުގެ ވަގުތު ޖެހެން އުޅޭ ކަމަށް އޭނާގެ ކޮއްކޮ ގޮވައިލީ ބައްޕަ އިލްޔާސް ބުނެގެންނެވެ. ނަމަވެސް އެ އަޑު އިވޭކަމަށްވެސް މަޢުރީން ނުހެދިއެވެ. އޭނާގެ ސިކުނޑިތެރޭގައި މައިގަނޑު ގޮތަކަށް އެނބުރެމުން ދަނީ އަވަހަށް މާދަމާ އާއި ބައްދަލުވެ، ސައިކޮލޮޖިސްޓަށް ދެއްކުމުގެ ޚިޔާލުތަކެވެ. އެހެން އެއްވެސް ކަމަކާ ފިކުރެއް ނުކުރެވެއެވެ.

‘ސައިކިއޭޓްރިކް ވޯޑްގައި އަހަރެން އެޑްމިޓްކުރާނެ ހެއްޔެވެ؟ އެހެން ވެއްޖެއްޔާ އަހަރެން މޮޔަވާނެ ހެއްޔެވެ؟ އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަހަންނަށް ކަންތައްތައް ހަނދާންވެސް ނެތެނީއެވެ. ފާޑުފާޑުގެ އެއްޗެހިވެސް ފެންނަނީ އެވެ. ކުށްހީތައް ވެސް ކުރެވެނީ އެވެ. ފާޑުފާޑުގެ އަޑުއަޑުވެސް އިވެނީ އެވެ.’

‘އިހްސާސް ކުރެވޭ އެ އިޙްސާސް ކުރެވުން އެއީ ވަކިން ކުޑަކަމެއް ހެއްޔެވެ؟’ މަޢުރީންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދަނީއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭރު އެވަގުތުވެސް މަޢުރީން އާއި ދާދި ގާތުގައި، މަޢުރީންގެ ގައިގައި ޖެހިގެން މީހަކު އިންކަމުގެ އިޙްސާސް ކުރެވެމުން ދެއެވެ.

މައުރީންގެ ފައިގެ ފަލަމަސްގަނޑުގައި އެމީހާގެ އަތުން އޭރުވެސް ފިރުމަމުންދާކަން ހަމަ ރަނގަޅަށް އެނގެއެވެ.

ލިބެންފެށި ފޮނި އަރާމަށް ސިކުނޑީގެ އެންމެ ފުނުން ޖާގަ ދެމުން ލޯމަރައިލެވުނެވެ. އެ ބީހުންތަކަށް އެދެވެމުންދާތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެންކަމުން އެ އިޙްސާސްތަކަށް އިޖާބަދެވުނީ އެކަމަށް ލޮލުންބޮލުން ރުހިގެންނެވެ.

“އަހަރެންގެ ލޯބީ…. އަހަރެންވެސް ހާދަވަރަކަށް މަޢުރީން މިސްކޮށްފީމޭ….” މަޢުރީންގެ ހިތުގެ އަޑަށް ޝަމްހޫރިޝް ޖަވާބުދިނީ ވައިއަޑުންނެވެ. މަޢުރީންގެ ކަންފަތްދޮށުގައެވެ. އެވަގުތު މަޢުރީންގެ ގަޔަށް އެރި ހީރޯޅިއާއެކު ތެޅިގަނެވުނެވެ.

ޝަމްހޫރިޝް އޭނާގެ ފިރިހެންވަންތަ ސޫރައިގައި ފާޅުވަމުން ކުއްލިއަކަށް މަޢުރީންގެ ކުރިމައްޗަށް އަރައިފިއެވެ. ނަމަވެސް މަޢުރީންއަށް އެއްވެސް ސިހުމެއް ނުލިބެއެވެ. ޝަމްހޫރިޝްގެ ކަޅުކުލަ ގަދަ ކަޅިއަށް ބަލަން އިންއިރު އޭނާގެ އަމިއްލަ ނަފުސު އޮޔާހިނގައްޖެކަން ހަމަ ރަނގަޅަށްވެސް އެނގުނެވެ.

ޝަމްހޫރިޝްގެ ބީހިލުމަށް މަޢުރީންއަށް މާބޮޑަށްވެސް އެދެވެން ފަށައިފިއެވެ. އެވަގުތު ޝަމްހޫރިޝްގެ ތުންފަތް ގެންގޮސް މަޢުރީންގެ ތުންފަތުގައި ޖައްސައި ތަޅުއަޅުވައިލިއެވެ. ހަމައެއާއެކު މަޢުރީންއަށް ހީވީ ޝަމްހޫރިޝްގެ ހަށިގަނޑު ތެރެއަށް ވަދެވިގެންދިޔަހެންނެވެ. ހަމަ ގައިމުވެސް އޭނާ އެދޭ ގޮތަކީވެސް އެއެވެ. އޭނާގެ ސިކުނޑީގައިވާ ހަމައެކަނި ވިސްނުމަކީ؛

މިއީ ކިތަންމެ ހެއްވާ އަދި ސޭކުކަމަކަސް މިކަން ބީވެގެންދިއުމަކީ އަހަންނަށް އެދެވޭނެ ކަމެއް ނޫނެވެ. 

❀****❀❀****❀ 

ޗެޕްޓަރ 17 – ނެތުމުން ކައިރީގައި

ހައިޖާނު ނިންޖެއްގައި އޮތް ޝާއިލްއަށް ހޭލެވިއްޖެ އެވެ. ހޭލެވުމާއެކު އޭނާއަށް އޮވެވުނީ އެކަނިމާއެކަނިކަން އެނގުނެވެ.

މުޅި ގޭތެރެ އޮތީ ހަމަހިމޭން ކޮށެވެ. ވަރަށް މަސައްކަތުން ތެދުވެގެން އޭނާ މިސްރާބު ޖެހީ ފާޚާނާ އާ ދިމާއަށެވެ. ޑޮކްޓަރު ދިންހައި ބޭހެއް ކެޔަސް ފަޔަށް ތަދުވަމުން ދަނީ އަމަށަކު ވަރަކަށް ނޫނޭ ޝާއިލްގެ ހިތަށްއެރިއެވެ. ފާޚާނާއަށް ވަދެ ހީސްލައިގެން ތާހިރުވެލަމުން ކޮރުޖަހަމުން ކޮޓަރިއަށް ވަދެއްޖެއެވެ. އެވަގުތު އޭނާގެ އަނބިމީހާގެ މަތިން ކުއްލިއަކަށް ހަނދާންވެއްޖެއެވެ.

‘އަހަރެން ދެކިލަން މަޢުރީން ނާންނަނީ ކީއްވެގެން ހެއްޔެވެ؟’ ކައިރީގައި މަޢުރީން ނެތުމުން މަޢުރީން މިސްވާވަރު ޝާއިލްގެ ހިތަށްއެރި އެވެ. ނަމަވެސް ޝާއިލްއަށް މަޢުރީން ފެންނައިރަށް މަޢުރީން އަކީ އެއްވެސް މީހަކަށް ނުވެއެވެ. ފައިދަށުގައި އޮންނަ ފައިވާނަށް ކުރާ ޤަދަރުވެސް ނުކުރެވެއެވެ. އެހެން ހިތަށްއެރުމާއެކު ވިހަ ހިނިތުންވުމެއް ޝާއިލްގެ މޫނަށް ވެރިވެއްޖެ އެވެ. ޖެހިގެން އުޅޭ ހުރިހައި މައްސަލައެއް ޝާއިލްއަށް ވިސްނޭ ކަހަލައެވެ. ކައިވެންޏަށް އަހަރެއްވެސް ނުވެ އުޅެނިކޮށް ކުއްލިއަކަށް ހުރިހައި ކަމެއް ގޯހުން ގޯހަށް ދާނީ ކޮންމެވެސް ކަމެއްވެގެންކަން ވިސްނުނެވެ.

ކައިވެނި ނުކުރެވުނު ނަމަ މިޔަށްވުރެން މާރަނގަޅު ވީހޭ ވެސް ޝާއިލްގެ ހިތަށް އެރިއެވެ. ކައިވެނީގެ ކުރިން ހުރިހައި ކަމެއްވެސް އޮތީ ބަރާބަރަށެވެ. ދެމީހުން އެކުގައި އުޅުނީ އުފަލުންނެވެ. ލޯބިންނެވެ. ކައިވެނީގެ ފަހުން ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. އެއީ ކޮން ކަމެއްކަން ސާފުކޮށް އެނގޭނެ ނަމައޭ ޝާއިލްގެ ހިތަށްއެރި އެވެ.

ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހެލަމުން އެނދުގައި އިށީންދެއްޖެ އެވެ. އެވަގުތު އޭނާގެ މަންމަމެން އައިސް ކޮޓަރީގެ ދޮރު ހުޅުވައިލަނީއެވެ. އެމީހުން ތިބީ ކޮންމެވެސް ކަމެއްގައި ޒުވާބު ކުރާށެވެ.

ފުން ނޭވާއެއް ލަމުން އެނދު ކޮޅުގައި ޝާއިލް ލެނގިލައިފިއެވެ.

“އަހަރެން މި އަހަނީ ކީއްވެހޭ އަހަރެން ކައިރީ ނާހާ އެމީހާގަނޑު މިގެއަށް ގެންނަންވީކީ؟” ސަލްމާގެ ޒީލަގަދަ އަޑުން އޭނާގެ ފިރިމީހާއާ ދިމާއަށް ބުންޏެވެ.

ސަމަދަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެމީހާ ގެނައުން އެއީ އެހައި ބޮޑުކަމަކަށް އޭނާގެ އަންހެނުން ހަދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނުނެވެ. އެބުނާ ‘އެމީހާ’އަކީ ސަމަދު އާއްމުކޮށް ހުކުރަށްދާ މިސްކިތުގެ އިމާމެވެ. މީގެ ކުރިން އިމާމުމީހާ އެގެއަށް އައިސްފައި ނުވިޔަސް އެއީކީ އެމީހުންނަށް ބީރައްޓެހި މީހެއްވެސް ނޫނެވެ. އެހެން ނޫނަސް ކަމާކަންފަށާ އިމާމަށް ހުރިހައި ވާހަކަތަކެއް ކިޔައިދީ، ސަމަދު ބުނެގެން އޭނާ އަންނަކީވެސް ނޫނެވެ. ކުރީ ހަފުތާގައި ހުކުރު ނަމާދުން ފައިބައިގެން ޝާއިލްގެ ހާލު އޮޅުންފިލުވުމަށް އިމާމު ސުވާލުކުރީއެވެ. ސަމަދު ވެސް ޝާއިލްގެ ކަންތަކާ ކަންބޮޑުވެފައި ހުރިވަރުން ޝާއިލްއަށް ލައިގަނެގެން އުޅޭ ހުރިހައި ކަމެއް އެއްވެސް އިޚްތިޔާރަކާ ނުލައި ކިޔައިދެވުނީ އެވެ. އެވާހަކަތައް އަޑުއަހާފައި މި ހަފުތާގައި އަންނަން އިމާމު ބުނީވެސް އަމިއްލައަށް އޭނާއަށް ބޭނުންވެގެންނެވެ.

ޖެހިގެން އުޅޭ މައްސަލަ އަކީ މިއީއެވެ. މިއަދު އެގެއަށް އަންނަ ވާހަކަ އިމާމު ގުޅާފައި ބުނީއެވެ. ޝާއިލް ދެކިލުމަށެވެ. ޝާއިލްގެ މަންމަ ހަޅޭއްފަޅޭއްލަވަމުން އެގެންދަނީ އެކަމާއެވެ. ނަމަވެސް ސަލްމާގެ ހަޅޭކަށް ސަމަދުގެ އެއްވެސް ފަރުވާލެއް ނެތެވެ. އިމާމު އަންނަން ބުނެގެން އެހާވަރެއް އަރުވައިލަން ޖެހޭކަމަށް ޤަބޫލު ނުކުރެވޭތީ އެވެ. އަނެއްކޮޅުން ސަލްމާ އެކަމާ އެހާވަރަށް ދެކޮޅުހަދަން ޖެހޭ އެއްވެސް ސަބަބެއްވެސް ޚުދު ސަލްމާ އަކަށްވެސް ބުނެއެއް ނުދެވުނެވެ.

އައިސްފައިވާ ސިނގުރުޅީގައި ދޮރާއި ދިމާއަށް ސަލްމާ ހިނގައިގަތެވެ. އިމާމު އަންނަން ވާއިރަށް ގޭގައި ނުހުރުމަށް ނިންމައިގެންނެވެ. ގެއިން ބޭރުގައި އުޅެފައި ސަލްމާ އާއި ޞަމަދު ގެއަށް އައީވެސް ދެންމެ އެވެ. އެހެންނަމަވެސް ސަލްމާ ބޭނުންވީ ބޭރަށް ދާށެވެ. އޭނާ ދައްކާ އެއްވެސް ވާހަކައެއް ސަމަދު ޤަބޫލުނުކުރާތީ ސަލްމާ ހުރީ ކަންތައް ބޮޑުވެފައެވެ. ގޭގެ ދޮރު ހުޅުވައިލުމާއެކު ނުކުމެވުނީ އިމާމުގެ ކުރިމައްޗަށެވެ. އޭރު އިމާމު ހުރީ ޓަކިޖެހުމަށް ތައްޔާރުކޮށްލެވުނު އަތުން ގޮށްމުށް ކަވާލައިގެންނެވެ.

އެހާ ގާތުން އިމާމު ފެނުމުން ބިންފަޅާލާފައި އަޑިއަށް ވަދެވޭނެ ނަމައޭ ސަލްމާގެ ހިތަށް އެރިއެވެ.

“އައްސަލާމު ޢަލައިކުމް.” ސަލްމާގެ މޫނުގެ ކުލަވަރަށް އައި ބަދަލާއި އެ މޫނުން ފެނުނު ބިރާއި ރުޅިވެރިކަމުގެ އިޙްސާސް ފާހަގަކުރެވުނުނަމަވެސް އިމާމު ސަލާމް ގޮވައިލި އެވެ.

***~~~***

ބެރުޖަހަމުންދާ އަޑު އޭނާއަށް އިވެމުންދެއެވެ. ނުވެސް ދަންނަ ބަހުރުވައަކުން ބެރުގެ ހަމަތަކާއި އެއްވަރަށް ލަވައެއް ކިޔަމުންދާ އަޑުވެސް އިވެމުންދެއެވެ. 

އޭނާގެ ހަށިގަނޑު ގުޑުވައިލުމަށް މަސައްކަތްކުރި އެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ހީވަނީ ގަނޑުވެފައި އޮތްހެންނެވެ. އިހްސާސް ކުރެވެމުންދަނީ އިންތިހާ ފިނިކަމެވެ. ހީވަނީ ގަނޑުފެންތަކެއްގެ ތެރޭގައި އޮވެވުނުހެންނެވެ. އެންމެފަހުން އޭނާއަށް ލޯ ހުޅުވައިލެވިއްޖެވެ. 

އޭނާގެ އަނގައިން ބޭރުވަމުންދިޔަ ހަޅޭއްލެވުން ހުއްޓައިލެވޭތޯ ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އެކަމެއްވެސް ނުކުރެވުނެވެ.

ކުއްލިއަކަށް، ހީވީ އޭނާގެ ކަރުގައި ކޮންމެވެސް ބާރުގަދަ ދެއަތަކުން ހިފައި ބާރުކޮށްލިހެންނެވެ. ފުއްޕާމެއަށް ފިތައިލިހެންނެވެ. އޭނާގެ އަނގައިން އެއްވެސް އަޑެއް ބޭރެއް ނުކުރެވުނެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހެންފެށީ އެވަގުތު އެވެ. ގަތްފައިވާ ބިރާއިއެކު އޭނާގެ ވަށައިގެން ހޯދައިލެވުނެވެ. މި ހުވަފެނުން ނިކުމެވޭނެ ކަމުގެ އުއްމީދުގައެވެ.

 ފިރިހެނުން ތަކަކާއި އަންހެނުންތަކެއް އަދި ކުޑަކުދިންތަކެއް ތިބީ ކަޅުކުލައިގެ ހެދުމެއް ލައިގެންނެވެ. ބޮލާއިއެއްކޮށް ހުޑެއް ހުންނަ ހެދުމެކެވެ. އެމީހުންތައް އޭނާގެ ވަށައިގެންތިބެ ނަށަނީއެވެ. އެމީހުންގެ މޫނުތައް ހުރީ ބިރުވެރި ސިފައެއްގައެވެ. ބައެއް މީހުންގެ މޫނުގައި ތިން ލޯ ހުއްޓެވެ. ބައެއް މީހުންގެ ތުންފަތެއް ނެތެވެ. އެމީހުންގެ ދަތްޕިލަތައް ހުރީ ބިރުވެރި ގޮތަކަށެވެ. އެތަނުން އެކެއްގެ މޫނުގައި އިންސާނީ މޫނެއްގައި ހުންނަ އެއްވެސް ސިފައެއް ނެތެވެ. އެމީހާގެ މޫނުގެ މެދުގައި ހުރީ ބޮޑު އެންމެ ލޮލެކެވެ. 

އެންމެންގެ މޫނުވެސް ހުރީ ބިރުވެރި ހުދުކުލައަކަށެވެ.

މަޑުމަޑުން ގިސްލެވެމުންދިޔަ ދިޔުން ހުއްޓައިލެވޭތޯ އޭނާ މަސައްކަތް ކުރިޔަސް އެކަމެއްވެސް ނުކުރެވުނެވެ. އުއްމީދުކުރެވެމުން ދިޔައީ ކޮންމެވެސް އަޖައިބުކަމެއް ހިނގައިގެން ނަމަވެސް މިކަންތައްގަނޑަށް ނިމުމެއް އައުމަށެވެ. ނަމަވެސް އޭނާގެ ވަށައިގެންތިބި އެ ބިރުވެރި މީހުންތަކުގެ ލަވަކިޔުމާއި ނެށުމަށް އެއްވެސް ހުއްޓުމެއް ނާދެއެވެ. 

ކުއްލިއަކަށް ލަވައިގެ އަޑު ކެނޑިއްޖެއެވެ. ވަށައިގެން ތިބެ ނަށަމުންދިޔަ މީހުންގެ ނެށުން އެއްކޮށް ހުއްޓިއްޖެ އެވެ.

ތެޅިގަންނަމުން ވަށައިގެން ބަލައިލެވުނީ ދެންވާނެ ގޮތަކާއިމެދު ސުވާލު އުފައްދަމުންނެވެ. އެވަގުތު ފެނުނީ އެ އާދަޔާޚިލާފު އިންސާނުންތައް ކޮންމެވެސް އެއްދިމާއަކަށް ހުއްޓެމުން ކަކޫމައްޗަށް އިށީންނިތަނެވެ.

ކޮންމެވެސް މީހަކާއި ދިމާއަށެވެ. އެމީހާއަށް ކުރުނީސް ކުރުމަށެވެ.

މަޑުމަޑުން އޭނާގެ ބޯ އުފުއްލައިލަމުން އެދިމާއަށް ރަނގަޅަށް ބަލައިލުމާއެކު ފެނުނީ ޝަމްހޫރިޝް އެވެ. ރަސްރަސްކަލުން ތުރުކުރައްވާފަދަ ހެދުމެއްގައި ހުއްޓައެވެ. ޝަމްހޫރިޝް ހިނގަމުން އައީ އޭނާއާއި ދިމާއަށެވެ.

 

އޭނާއާއި ދިމާއަށް ޝަމްހޫރިޝް އަންނަން ފެށުމުން އެންމެ ފުރަތަމަ އޭނާ ބޭނުންވީ ހަމަޖެހިގެން އޮތުމަށެވެ. ދަންނަ މޫނަކަށް ވާތީއެވެ. ނަމަވެސް އިސާހިތަކުން އޭނާގެ މުޅިހަށިގަނޑަށް ބިރުގެ އަސަރު ފޯރައިފިއެވެ.

އޭނާއާއި ދިމާއަށް ޝަމްހޫރިޝް ބަލަން ހުރީ ރުޅިވެރިކަމާއެކުގައެވެ. ލޮލުން ހުރީ ދުންކަނި ބުރާފައެވެ. އޭނާއާއި ގާތަށް ޝަމްހޫރިޝް އައިވަރަކަށް ގަންފައިވާ ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ.

އެވަގުތު އޭނާގެ ސަމާލުކަން ގޮސް ހުއްޓުނީ ޝަމްހޫރިޝް ކައިރީގައި ތިބި ކުދިންތަކަށެވެ. 

ޚުދު އޭނާއާއި އެއްވެސް ތަފާތެއް ނެތްހައި ވައްތަރު، ކުޑަކުޑަ ހަތް އަންހެންކުދިން ތިބީ އޭނާއާއި ދިމާއަށް ބަލާށެވެ. އެކުދިންވެސް ހިނގަމުން ދިޔައީ އޭނާއާއި ދިމާއަށެވެ. ޝަމްހޫރިޝްގެ ދެފަރާތުގައި ބަރިއަކަށް އެތުރި ތިބެގެންނެވެ. ކޮންމެ ކުއްޖެއްގެ ދެލޯވެސް ހުރީ އަނގުރު އަލިފާން ރަތްކުލައިގައެވެ.

ކޮންމެ ކުއްޖެއްގެ ލޮލުންވެސް ފެންނަމުންދަނީ އޭނާއާމެދު ހުރި ރުޅިވެރިކަމެވެ. 

އެމީހުން އޭނާއާއި ކައިރިއަށް އައިވަރަކަށް، އޭނާގެ ހަށިގަނޑަށް ވެރިވަމުންދިޔަ ތުރުތުރުލުން އިތުރުވެގެން ދެއެވެ. އަނގައިން އެއްޗެއް ބުނަން ބޭނުންވެ އެކަމަށް ކިތަންމެ ބޭނުންވިޔަސް އަޑު ބޭރެއްނުކުރެވުނެވެ. ގަންފައިވާ ބިރުވެރިކަން އޭގެ އިންތިހާއަށް ހިނގައްޖެއެވެ. ހީވާކަހަލައެވެ. ބިރުންގޮސް މަރުވެދާނެއެވެ. އެކުދިންތައް ޝަމްހޫރިޝް އާއި އެކުގައި އައިސް އޭނާގެ ވަށައިގެން އެތުރިލިއެވެ. އެވަގުތު ޝަމްހޫރިޝްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

 

ދަރިންނޭ، މިޔޮތީ ތިކުދިންގެ ނުލަފާ މަންމަ. އޭނަ ތިކުދިން މިތަނަށް ދޫކޮށްލީ އެހެންތަނެއްގައި މަޖާނެގުމަށް. މިއީ ވަރަށް ގޯސް މަންމައެއް. 

ޝަމްހޫރިޝް ވާހަކަދައްކަން ފެށުމާއެކު އެކުދިންތަށް އޭނާ ވަށައިލައިފިއެވެ. ކޮންމެ ކުއްޖެއްގެ ލޮލުންވެސް ހުރީ ކަނިޖަހަޖަހައެވެ. ލޮލުގައި ވަނީ ރުޅިވެރިކަމާއި ނަފުރަތެވެ. ބިރުވެރި އަޑެއް އަނގައިން ލައްވަމުން، ހަޅޭއްލަވަމުން އެކުދިން ކިޔަމުންދިޔައީ ބަންޖެއްފަދަ ފަތިވަރެކެވެ. 

ވަރަށް ގޯސް މަންމައެއް! ގެންގުޅެން އަހަރުމެން، މަންމަ އާދޭ މިހާރު!!”

ވަރަށް ގޯސް މަންމައެއް! ގެންގުޅެން އަހަރުމެން، މަންމަ އާދޭ މިހާރު!!”

ވަރަށް ގޯސް މަންމައެއް! ގެންގުޅެން އަހަރުމެން، މަންމަ އާދޭ މިހާރު!!” 

އެވަގުތު އޭނާގެ އަޑު ބޭރުވެއްޖެއެވެ. ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ލެވުނުހައި ބާރަކަށް އެއްވެސް ހުއްޓުމެއްނެތި ހަޅޭއްލަވަމުން ދިޔައެވެ. 

އަޑު ބެދެންދެން ހަޅޭއްލެވިއެވެ.

***~~~***

ޗެޕްޓަރ 18 – ޓެސްޓެއް

“ވަޢަލައިކުމުއްސަލާމް އިމާމް،” ސަލާމަށް ޖަވާބުދިނީ ސަމަދެވެ. ދޮރުމަތީގައި ހުއްޓިގެން ސަލްމާ ހުރީ އެވެ. މުސްކުޅި އިމާމާއި ދިމާއަށް ބަލަން ގަނޑުވެފައި ހުރެވުނީ އެވެ.

“އެތެެރެއަށް ވަދޭ،” ކުރިއަށް ޖެހިލަމުން ސަމަދު ބުންޏެވެ. ފޭކް ހިނިތުންވުމެއް ދެވޭތޯ ސަލްމާ މަސައްކަތް ކުރަމުން ގެއިން ނިކުމެއްޖެއެވެ.

އެތެރެއަށް ވަންނަމުން އިމާމު ހިނިތުންވެލި އެވެ. ސަމަދު ވެސް ހިނިތުންވުމެއް ދެމުން އަތުގެ އިޝާރާތުން އެތެރެއަށް ވަނުމަށް ބުންޏެވެ. އެވަގުތު ޝާއިލް ކޮބައިތޯ އިމާމު މީހާ ސުވާލުކުރިއެވެ.

“ވެއްޖެ ކޮޓަރީގަ. ހިންގަވާ ކޮޓަރިއަށް.” ސަމަދު އެދުނެވެ.

“ހިންގަވާ،” ދެކޮޅުވެރިކަމެއް ނެތި އިމާމު ޖަވާބުދިނެވެ.

ޝާއިލްގެ ކޮޓަރިއަށް އެމީހުން ވަންއިރު، އެތަނުގައި ޝާއިލްގެ މަންމަ ސަލްމާ އިނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ގެއިން ނިކުތްމީހާ ބަދިގެފަރާތު ދޮރުން ވަދެގެންގޮސް ޝާއިލްގެ ކޮޓައިރިއަށް ވަދެ ޝާއިލް ކައިރީގައި އެނދުގައި އިށީންދެގެން އޭނާ އިނީ އިމާމު އެތަނަށް ވަންނާނެކަން އެނގޭތީ އެވެ. އޭރު ޝާއިލް އަށް އޮތީ ނިދިފައެވެ.

“އަހަރެން ޝާއިލް ކައިރީގައި ބައެއް ސުވާލުތައް ކޮށްލަން ބޭނުން،” އިމާމު ބުންޏެވެ. “އެއަށްފަހު ކޮންމެވެސް ވަރެއްގެ ރުޤްޔާއެއް ކިޔަވަން ބޭނުން. އެކަމަކު އޭނާ ނިދާފަ އޮއްވާ އެކަމެއް ނުވާނެތާ، އެހެންވީމަ ދެން ކޮންމެވެސް އެހެން ފަހަރަކުން އެކަން ކުރެވޭނީ.”

“ނޫނޭ، އޭނާއަށް އަޅުގަނޑުމެން ގޮވައިލަފާނަން،” ސަމަދު ބުންޏެވެ. ޝާއިލްއަށް ގޮވުމަށް އޭނާއާއި ދިމާއަށް ހިނގައިގަންނަމުންނެވެ. އަނބިމީހާ ސަލްމާގެ ލޯއެޅުމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ.

“ނޫނޭ، ހޭލައްވާނެ ކަމެއްނެތް،” އިމާމު ބުންޏެވެ. “އަހަރެން ބައެއް އާޔަތްތައް ލިޔެލާފަ ދޭނަން، ޝާއިލްއަށް ކިޔައިދީ ….. ސަމަދު ވެސް އޭނާއާއެކުގައި އެ އާޔަތްތައް ކިޔަވާލާ، ކޮންމެވެސް އެހެން ފަހަރަކުން އަހަރެން އަންނާނަން، އިންޝާﷲ.”

އިމާމު އެބުނި އާޔަތްތަކެއް ލިޔެދީ ނިމުމަށްފަހު ގޭތެރޭގެ އަމާންކަމަށްޓަކައި ކޮންމެވެސް ދުޢާއެއްކޮށްލައި، އަދި އަންނާނެ ވާހަކަ ބުނަމުން ގެއިން ނިކުމެއްޖެ އެވެ.

އިމާމާއި އެކުގައި ދޮރާއި ހަމައަށް ސަމަދު ދިއުމަށްފަހު އިމާމު ނިކުތުމުން ދޮރުގައި ތަންޑުއެޅި އެވެ. އެވަގުތު ސަލްމާ މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުންޏެވެ. ކައިރީގައި ހުރި ގެއެއްގައި ކޮންމެވެސް އެއްޗެއް ބާއްވާފައި އާދެވުނުވާހަކައާއި އެ ބަލައި ދަނީކަމަށް ބުނަމުން ދޮރުހުޅުވައިލައި ބޭރަށް ނިކުމެއްޖެ އެވެ.

ޖެހިގެން އޮތް ގޯޅިއަށް އިމާމު މީހާ އަޅައަޅައި ހުއްޓާ ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުން ގޮވައިލި އަޑު އިވިގެން ފަސްއެނބުރި ބަލައިލައިފިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާގެ ފަހަތުން އައިސްއައިސް ހުރީ ޝާއިލްގެ މަންމަ ސަލްމާ އެވެ. ސަލްމާ އޭނާއާއި ބައްދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް އިމާމަަކަށް ނުވިސްނުނެވެ. ނަމަވެސް ސަލްމާ އޭނާއާއި އަރާހަމަކުރަންދެން އޭނާ މަޑުކޮށްލި އެވެ. އިމާމާއި ކައިރިއަށް ސަލްމާ އައުމުން އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައިކަން މާބޮޑު އުނދަގުލަކާއި ނުލައި ފާހަގަ ކުރެވުނެވެ.

” أعوذ بالله من الشيطان الرجيم” މަޑުމަޑުން އިމާމު ކިޔައިލިއެވެ.

“އިމާމު، މިކަންތައްގަނޑާ ދުރުގައި ކަލޭ ހުރޭ!” އިތުރު ވާހަކައެއް ދެއްކުމެއްނެތި ރުޅިވެރިކަމާއެކު ޝާއިލްގެ މަންމަ ބުންޏެވެ.

“ކޮން ކަންތައްގަނޑެއް؟” މައުސޫމު ރާގެއްގައި އިމާމު ސުވާލުކޮށްލިއެވެ.

“އަހަރެން މިކިޔަނީ ކީކޭކަން އެނގޭނެ. ޝާއިލްއަކީ އަހަރެންގެ ދަރިއެއް، އެހެންވީމަ އޭނަގެ ކަންތަކާ ބެހޭނީ އަހަރެން، ކަލެޔެއްނޫން. ކޮންމެހެން މާ ހެޔޮއެދޭ މީހަކަށްވެގެން އުޅޭނެ ކަމެއްނެތް. މީ އަހަރެންދޭ އިންޒާރެއް ކަމަށް ހީކޮށްލާ!”

އެހެން ބުނަމުން ގެއާއި ދިމާއަށް ދިއުމަށް ސަލްމާ ހިނގައިގަތެވެ.

“ސުބްޙާނަﷲ، ސުބްޙާނަﷲ…” ސަލްމާ ދާތަން ބަލަން ހުރެގެން އިމާމު ތަސްބީހަ ކިޔަންފެށިއެވެ.

***~~~***

އަނެއްކާވެސް މަޢުރީން ބަލިމީހެއްގެ ގޮތުގައި ހޮސްޕިޓަލަށް ދާންޖެހިއްޖެ އެވެ. މިފަހަރު އޭނާ ހުރީ ނަފުސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކް ގައެވެ.

އޭނާގެ ކޮއްކޮމެންނާއި ބައްޕަ، ހޮސްޕިޓަލަށް އައިސް އޭނާގެ މަންމައާއި ބައްދަލުކުރުމަށްފަހު ގެއަށްދާން ނިކުމެއްޖެއެވެ. އެކަމާ މަންމަ ރުޅިގަދަވެގެން ލައްކަވަރަކަށް ހަޅޭއްވެސް ލެވިއެވެ. ޝަކުވާކުރިއެވެ. ހީވީ ދެން އެކުދިންނާއި ބައްދަލު ނުވެދާނެތީ އުޅުނުހެންނެވެ. ކޮއްކޮމެންވެސް ގެއަށް ދިޔައީ ރޮމުންނެވެ. ހޮސްޕިޓަލުން ގެއަށްދިޔަ އިރުވެސް އެކުދިން ތިބީ ރޮއެރޮއެ އެވެ. މަންމައަށް ވެގެންއުޅޭ ގޮތެއް އެކުދިންނަށް ރަނގަޅަށް ނޭނގެނީ ކަމަށްވެސް ވެދާނެއެވެ.

އޭނާގެ މަންމަގެ ރުއިމާއި ނުސިޔާނުކަން މައިތިރިކުރަން ޖެހުނީ ނިދާބޭހެއް ކާންދީގެންނެވެ. މަންމަގެ ހަޅޭއްލެވުން މައިތިވީ އެހިސާބުންނެވެ. ނަމަވެސް ނިދީގައި އޮތްއިރުވެސް އޭނާގެ މަންމައަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ދެފަރާތަށް ފުރޮޅިފުރޮޅިފައި، ކުރުގެޅިފައި އެތައް ގޮތަކަށް އުޅެމުންދިޔައެވެ.

މަޢުރީންގެ ބައްޕަ އިލްޔާސް ހުރީ ވަރަށް ބިރުގެންފައެވެ. މަޢުރީންގެ މައްސަލަގަނޑާއިމެދު މާ އާދައިގެ ގޮތަކަށް އިލްޔާސަށް ބެލެނީކަމަށް އިލްޔާސަށް ފުރަތަމަ ފަހަރަށް ހީވިއެވެ. މިހާރު ކަންތައް ގޮސްފައިވާ ހިސާބުން އޭނާ ކަންތައް ކުރަންވީ ގޮތަކާއިމެދު އަމިއްލަ ނަފުސާއި ސުވާލުކޮށްލެވުނެވެ.

ވެހިކަލްގެ ގޮނޑިތަކުގައި ތިބި އިލްޔާސްގެ ދަރިންތަކަށް ބަލައިލިއެވެ. ހުރިހައި ކުދިން ތިބީ ނިދިޖެހިފައެވެ. އެކުދިންނަށް މިއަދު ޖެހިފައިވާ ބިކަ ހާލާމެދު ފުރަތަމަ ފަހަރަށް ހިތުގައި ޖެހުނެވެ. ހިތުގެ އަޑިން ރޮވިއްޖެއެވެ. ހީވަނީ ހިތް ކުދިކުދިވެގެން ހިނގައިދާނެހެންނެވެ.

އޭނާގެ މުޅި ދުނިޔެ، ފުނޑުފުނޑުވެގެން ކުރިމައްޗަށް ފައިބަނީއޭ ހިތަށްއެރިއެވެ. މަޑުމަޑުންނެވެ.

***~~~***

ދަރިންތައް ގެއަށްލާފައި އަނެއްކާވެސް އިލްޔާސް ދިޔައީ ހޮސްޕިޓަލަށެވެ. މަޢުރީންގެ ޑޮކްޓަރުގެ ފަރާތުން މަޢުރީންގެ ހާލަތު އޮޅުންފިލުވުމަށެވެ. ޑޮކުޓަރުންގެ މެޑިކަލް ބަހުރުވައިން ދެއްކި ވާހަކަތަކުން މަޢުރީންގެ ސިކުނޑީގެ ޙާލަތާމެދު ދޭހަވި އެއްޗެއް ދޭހަވުން ފިޔަވައި އިތުރު އެއްޗެއް ނޭނގުނެވެ. ޑޮކްޓަރުންނަށް ޝުކުރުއަދާކޮށްފައި ކުރިއަށް ހިނގައިގަތީ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގެ ވޯޑެއްގައި ބާއްވާފައިއޮތް އޭނާގެ އަނބިމީހާގެ ހާލަތު ބަލައިލަން ދިއުމަށް ގަސްދުކޮށްގެންނެވެ. ޑޮކްޓަރުން ބުނިގޮތުން މާދަމާ އޭނާ ދޫކޮށްލާނެއެވެ. އެންމެ ފަހުން މަޢުރީންގެ ހާލަތަށް އައި ބަދަލުތަކާއި އަނބިމީހާ ހާޖަރާއަށް ކުރިމަތިވެފައިވާ ކަންތައްތައް ހާޖަރާ އާއި ހިއްސާކުރުމާމެދު ވިސްނައިލިއެވެ. އެވާހަކަ ބުނުމަކީވެސް ނުރައްކަލެވެ. އެކަމަކު ނުބުނެ ހުރެވޭކަށްވެސް ނެތެވެ. އޭނާގެ އެތެރެހަށި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ކޮންމެވެސް މީހަކަށް އޭނާގެ ހިތުގައި ފުނިޖެހެމުންދާ ހާސަރުތައް ހިއްސާކުރަންވެސް އޭނާ ބޭނުމެވެ. އޭނާގެ ހިތުގެ ހާލަތު ކިޔައިދޭން މިވަގުތު އެންމެ ރަނގަޅު މީހަކީ ޚުދު އޭނާގެ އަންހެނުންނެވެ. ހިތުގައި ކެކެމުންދާ އުދާސްތައް ހިއްސާކުރަން ކިތަންމެހައިވެސް ބޭނުމެވެ. ލޯބިވާ އަނބިމީހާއަށް ޖެހިފައިވާ ހާލަތާމެދު އޭނާ ބިރުގަނެއެވެ. އަނބިމީހާގެ އުނގުގައި ބޯއަޅާލައިގެން އޮވެ އިލްޔާސްގެ ހިތަށް ހަމަޖެހުން ހޯދަން ކިތަންމެހާވެސް ބޭނުނެވެ.

މި ހުވަފެނެއްފަދަ ކަންތައްގަނޑުން އޭނާ ހޭލަން ބޭނުމެވެ.

އޭނާގެ އަނބިމީހާގެ ސިއްޙީ ހާލަތު ކިޔައިދޭން ކިތަންމެ ބޭނުމަސް، ގެއަށް ދެވުމުން ނޫނީ އެވާހަކަތައް ހިއްސާކުރުން ރަނގަޅުނޫންކަމަށް ވިސްނުނެވެ.

ވޯޑަށް ވަދެވުނުއިރު، އިލްޔާސްގެ ހާޖަރާއަށް އޮތީ ރޮވިފައެވެ. އެތަން ފެނިފައި އިލްޔާސްގެ ހިތުގައި ޖެހުނެވެ. އަނެއްކާ ކޮންމެވެސް މީހަކު އޭނާ ގާތުގައި ހުރިހައި ވާހަކަތަކެއް ކިޔައިދިނީ ނޫންބާއޭ ހިތަށްއެރިއެވެ.

މަޑުމަޑުން ގޮސް ހާޖަރާ އޮތް އެނދުގައި އިށީންނަމުން ހާޖަރާގެ ބޮލުގައި ފިރުމަން ފެށިއެވެ.

“ނުރޮއެ ކެތްކުރޭ… އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއްވެސް ރަނގަޅުވެދާނެ.” ހާޖަރާގެ ރުއިން ހުއްޓުވޭތޯ މަސައްކަތް ފަށަމުން އިލްޔާސް ބުންޏެވެ.

ނޯށް ދަމާލަަމުން އިލްޔާސާއި ދިމާއަށް ހާޖަރާ ބަލައިލިއެވެ. ތުރުތުރު އަޅައަޅައި އޮތް އަޑަކުން ވާހަކަދައްކަން ފެށިއެވެ.

“އަހަރެން ބޭނުން އިލްޔާސަށް އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހައި ވާހަކައެއް ކިޔައިދޭން.”

***~~~***

މަރިޔަމް އިނީ އެންމެ ގާތް ރަހުމަތްތެރިޔާ އޮތް އެނދުގެ އަރިމަތީގައި އިށީންދެގެންނެވެ. ދެންވާނެ ގޮތަކާމެދު ފިކުރު ކުރުމުގައެވެ. ނަފުސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރު ދިނީ ބޭހެކެވެ. އެ ބޭސް ބޭނުންކުރުމުން މަޢުރީންގެ ހާލަތު ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ދެމުންނެވެ. ނަމަވެސް މަރިޔަމްގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ކުރެވެމުންދާ ހީއަކާއިމެދު ވިސްނެމުންދިޔައީ މާބޮޑަށެވެ. މިއީ ހަމައެކަނި ސިއްޙީ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ނޫންކަމަށް އޭނާގެ ސިކުނޑީގެ އެހިސާބުން ބުނެދެމުން ދަނީއެވެ. ޚާއްޞަކޮށް ކުރިން ދުވަހު އޭނާއާއި އިދުރީހަށް މަޢުރީން ކިޔައިދިން ވާހަކަތައް އަޑުއިވުނު ފަހުން މިކަންތައްގަނޑާއިމެދު އެހެން ގޮތަކަށް ވިސްނެމުންދިޔައީ ޔަޤީނާއި ގާތަށެވެ.

ކޮންމެ ގޮތެއްވިޔަސް، މިކަންތައް ގަނޑުގެ ތެރޭގައި ރޫހާނީ ކަމެއް އުޅުނަސް އަދި ނޫޅުނަސް، ރުޤްޔާކުރުމަކުން ލިބޭނެ ގެއްލުމެއްވެސް ނެތޭ މަރިޔަމްގެ ހިތަށްއެރި އެވެ. އިދުރީހަށް ގުޅައިގެން ގެނެސް މަޢުރީންއަށް ރުޤްޔާކުރުން ރަނގަޅުވާނެ ކަމަށް އެންމެފަހުން ވިސްނުނެވެ.

އިދުރީސްގެ ނަންބަރަށް ގުޅައި، ފޯނަށް ޖަވާބު ލިބެންދެން މަޑުކޮށްގެން އިންދާ އޭނާގެ ފުރަގަހުން މީހެއްގެ އަޑު އިވިއްޖެއެވެ.

“އަހަރެންގެ ވައިފަށް ކިހެނެތްވީ؟”

އަޑު އައިދިމާއަށް ބަލައިލިއިރު ފެނުނީ ދޮރުމަތީގައި ޝާއިލް ހުއްޓައެވެ.

❀****❀❀****❀

ޗެޕްޓަރ 19 – ބިތުފަންގި

އަނބިމީހާގެ އަނގައިން ބޭރުވަމުން އައި ބަސްތައް ޤަބޫލުކުރަން ދަތިވެފައި އިލްޔާސަށް އިނދެވުނީއެވެ.

“ފަހަރެއްގައި ވެދާނެ މަޢުރީންއަކީ އިލްޔާސް ގެ ދަރިއެއް ނޫންކަމަށްވެސް…..” ކިތަންމެ އުނދަގުލުން ނަމަވެސް ހާޖަރާގެ އަނގައިން ބޭރުކޮށްލި އެ ޖުމްލަ އިލްޔާސްގެ ސިކުނޑިތެރޭގައި ގުގުމަމުން ދިޔައީ ޑަނޑޫރާއެއްގައި މުގުރުން ޖެހުމުން އޭގެ ޒީލަގަދަ އަޑު ގުގުމަމުންދާ ބީދައިންނެވެ.

ބުނެލަން ކިހާ ފަސޭހަ ވާހަކައެއް ހެއްޔެވެ؟

އެކަމަކު އެބުނި ޖުމްލައިގައި ހުރި ވިހަކަމާއި ސުންޕާކަމުގެ ހައްދެއްވެސް ނެތޭ އިލްޔާސްގެ ހިތާހިތުން ކިޔައިލެވުނެވެ.

ކަރުނައަޅައި ރޮމުން ދިޔަ ހާޖަރާއާއި ދިމާއަށް މަންމަނެއް ފަދައިން ބަލަހައްޓައިގެން އިލްޔާސަށް އިނދެވުނީއެވެ. އިވެމުންދިޔައީ މީގެ އިރުކޮޅެއް ކުރިން އޭނާގެ އަންހެނުން ބުނި ޖުމްލައެވެ. އަދި އޭގެ ފަހުން ވަރަށް ތަފުސީލުކޮށް ކިޔައިދިން ވާހަކަތަކެވެ.

***~~~***

ފަންސަވީސް އަހަރު ކުރިން

ހާޖަރާގެ އަތަށް އަލިބެއްޔާ ދިން އެތި ފެނިފައި ހާޖަރާ އިނީ ބިރުންނެވެ. އެއީ ހުދުކުލައިގެ އޮށެއް ކަހަލަ އެއްޗެކެވެ. ދީފާއި ބުނީ ނުވެސް ހަފައި، އަނގަޔަށް ލައި ދިރުވައިލުމަށެވެ. ވަރަށް މަސައްކަތުން އެ އޮށް ދިރުވައިލުމަށް މަސައްކަތް ފެށިއެވެ. އަރުތެރެއިން ދިރުވައިލުމަށް އުނދަގޫވެގެން އޯކަށް ދެމިދެމި އިންދާ އަލިބެއްޔާ ވާހަކަދައްކަން ފެށިއެވެ.

“ހަނދާންކުރާތި، މިރޭ 12 ޖެހުމުގެ ކުރިން ކަލޭ ޖެހޭނެ އަނބިފިރިކަމުގެ ގުޅުން ހިންގަން، އެ ހެޔޮ ކަލޭގެ ފިރިމީހާއާ އެކުގަ ނުވެއްޖެއްޔާ އެހެން މީހަކާއެކުގަ ނަމަވެސް ކަލޭ ޖެހޭނެ އެފަދަ ގުޅުމެއް ހިންގަން. އެކަން ނުކޮށްފިއްޔާ، ދެންމެ ކަލޭ ތިޔަ ދިރުވައިލި އެތީގެ ތުރާތައް ކަލެއަށް ކުރަން ފަށާނެ…. ބޮޑުކަމު ދެވެމުންދެވެމުން ގޮސް ކަލޭގެ އެތެރެހަށީގެ ގުނަވަންތައްވެސް ފައިބަން ފަށާނެ…. އެންމެ ފަހުން ކަލޭގެ މަރު-!” އެހިސާބަށް ބުނެފައި އަލިބެއްޔާ ޤަސްދުގައި ހުއްޓައިލިއެވެ.

އަލިބެއްޔާ ބުނި ޖުމްލަ ނިމުމާއެކު ހާޖަރާގެ އަނގަ ތަންމިނަށް ހުޅުވިއްޖެ އެވެ. ބޭއިޚްތިޔާރުގައި އަނގައިން އަޑެއް ލައްވައިލެވުނެވެ. އަލިބެއްޔާ އެ ދިން އޮށެއް ދިނުމުގެ ކުރިން މިފަދަ އެއްވެސް ވާހަކައެއް ނުބުނެއެވެ. އަނެއްކޮޅުން އޭރު ދިހަގަޑި ބައިވެ ބޮޑުވެސް ވެއްޖެއެވެ. އިސާހިތަކުން ބާރަވެސް ޖަހާފާނެ އެވެ. އަލިބެއްޔާ އެބުނިގޮތުން ސުންގަޑި ހަމަވުމުގެ ކުރިން ގެއަށް ދާންވެސް އެބަ ޖެހެއެވެ.

ދެވުނު އެންމެ އަވަހަކަށް ގެއަށްގޮސް، އިލްޔާސްގެ ނަންބަރަށް ގުޅޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް ގުޅާގުޅާ ފޯނަށް ޖަވާބެއް ނުދިނެވެ. ވީ ފޫހިންނާއި ހާސްކަމުގެ ތެރޭގައި ކަރުތެރެއިން ޒާތެއްގެ އަޑެއް ނެރެ ހަޅޭއްލަވައިގަނެވުނީ ޖެހިގެން ހުރިގޭ މީހުން ހޭލާތިބިނަމަ، އަޑު އިވޭނެހައިވެސް ބާރަށެވެ. އިރުއިރުކޮޅުން ފިރިމީހާގެ ނަންބަރަށް ޑައިލްކޮށްލަމުން ގަޑިއަށް ބަލައިލައެވެ. މިހާރު އެގާރަވެސް ޖަހައިފި އެވެ. ފޮނުވިހައި އެސްއެމްއެސް ތަކަށްވެސް އެއްވެސް ޖަވާބެއް ނުލިބެއެވެ.

‘ކޮންތާކަށް ވަދެތަ މިގަޑީގަ….. ފޯނަށް ޖަވާބުދޭން އެންމެ ރަނގަޅެއްނޫންތަ އަޅެ!’ ދަތްކުނޑި ވިކައިލަމުން ހިތާހިތާ ކިޔައިލެވުނެވެ.

ގަޑިން އެގާރަގަޑި ފަނަރަ ވެއްޖެ އެވެ. ދެކޮޅަށް ހިނގަމުން، ދެލޯ މުދުނަށް ނަގައިގެން ހުރެ ފިރިމީހާއަށް ގުޅޭތޯ ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް ނާދެއެވެ. ނަމަވެސް ގުޅޭގޮތެއް ނުވިއެވެ. ގޭގައި އޭނާ ހުރީ އެކަންޏެވެ. ފިރިމީހާ ގެއަށް ނައިސްފިނަމަ މިރޭ އޭނާ މަރުވެސް ވެދާނެއެވެ.

‘އެހެން އަންހެނުންނެކޭ އެއްގޮތަށް އަހަރެންވެސް ބޭނުމޭ ދަރިއެއް!’ އަމިއްލަ ނަފުސާ މުޚާޠަބުކޮށް ހާޖަރާ ބުންޏެވެ. އަލިބެއްޔާ ކައިރިއަށް ފަންޑިތައެއް ހައްދަން ދެވުނުކަމަށްޓަކައި އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

ގަޑީގެ ކަށި އޭގެ ވާޖިބު އަދާކުރުމުގައި އެންމެ ތަންފުކެއްވެސް ފަސްނުޖެހެއެވެ. ދެކޮޅަށް ހިނގާހިނގާ ވަރުބަލިވެގެން ސޯފާގައި އިށީންނުމާއެކު އަނެއްކާވެސް ތެދުވެއްޖެ އެވެ. ހަމަ ކުއްލިއަކަށް ގޮތެއް ނިންމައިގެންނެވެ. ވިސްނުމަށް އައީ އަލުން އަނބުރާ އަލިބެއްޔާގެ ގެއަށް ދިއުމަށެވެ. އޭނާ މަރުވާކަށް ބޭނުމެއް ނޫނެވެ. ފަހަރެއްގައި އަލިބެއްޔާގެ ފަރާތުން މިކަމުގެ އެހެން ހައްލެއް ހޯދިދާނެއެވެ. ގަޑިން ބާރަޖެހުމުގެ ކުރިންނެވެ. ފިރިމީހާއަށް ވީގޮތެއް މާދަމާ ހެނދުނުންވެސް ބެލިދާނެ އެވެ.

އެހެން ނޫނަސް، ކުރިމަތިވާން މިއުޅޭ ހުރިހައި ކަމެއް ކުރިމަތިވުމުގެ ސަބަބަކީ ވެސް ފިރިމީހާ އިލްޔާސްގެ ޚަބަރެއް ނުވުން ކަމަށް ހާޖަރާ ހިތާހިތާ ކިޔައިލިއެވެ.

***~~~***

އަލިބެއްޔާގެ ކުރިމަތީގައި ކަކޫމައްޗަށް އިށީންދެގެން ހާޖަރާ އިނެވެ. ރޮމުން، ގިސްލަމުން އާދޭސްކުރަމުން ދިޔައީ ކޮންމެވެސް އެހެން ހައްލެއް ހޯދައިދިނުމަށެވެ. އޭނާ މަރުވާކަށް ބޭނުމެއް ނޫނެވެ. މިހާރުވެސް އޭނާގެ ބަނޑަށް އާދަޔާޚިލާފަށް ތަދުވާން ފަށައިފިއެވެ. އަލިބެއްޔާ ބުނި ކަންތައްގަނޑު ލައިގަންނަން އުޅޭކަމުގެ އަލާމާތެއް ނޫން އެހެން ދެވަނަ ކަމަކަށް އެކަން ވެދާނެހެއްޔެވެ؟ އެކަމަކު ގަޑިން ބާރަޖެހުމާމެދު އަދި ދިހަ މިނެޓް ބާކީވެސް އެބަ ހުއްޓެވެ.

ހާޖަރާގެ އާދޭސްތައް އަޑުއަހަން އިނދެފައި އެންމެފަހުން އަލިބެއްޔާ ވާހަކަދެއްކިއެވެ.

“އާނ.. ހާޖަރާއަށް އަހަރެން އެހީވެދޭނަން. ތީ ނުލާހިކު ރީތި އަންހެނެއް ވިއްޔަ!”

އެހެން ހައްލެއް އޮތްކަމަށް އަލިބެއްޔާ ބުނުމުން ހިތްހަމަޖެހުމެއް ހާޖަރާއަށް ލިބުނެވެ. އަލިބެއްޔާގެ ފަހަތުން ދިއުމަށް ބުންޏެވެ. އަލިބެއްޔާ ހިނގަމުންދިޔަ އިރު އޭނާގެ ފަހަތުން ގޮސް ހާޖަރާ ވަނީ އަލިބެއްޔާގެ ކޮޓަރި ތެރެއިން ގޮސް ވަދެވެން ހުރި އެހެން ކޮޓަރިއަކަށެވެ.

***~~~***

އަނެއްދުވަހު ހެނދުނު ގެއަށްދާން ހިނގަމުންދިޔަ މަގުމަތީގައިވެސް ހާޖަރާގެ ލޮލުން ފެން ނުހިކެއެވެ. ހިތާމައިގެ ކަރުނައެވެ. ކުށްވެރިކަމުގެ ކަރުނައެވެ. މެދުނުކެނޑި އޭނާގެ ފޯނަށް، ކޮންމެވެސް ނުދަންނަ ނަންބަރަކުން އެސްއެމްއެސް ތައް އޮހެމުން ދިޔަޔަސް އެކަމަށް މާބޮޑު ސަމާލުކަމެއްވެސް ނުދެވުނެވެ. ނަމަވެސް އެ މެސެޖު ތަކަކީ ރޭގައި ހާޖަރާގެ ފޯނު ނިއްވާލާފައި އޮތްއިރު، އިލްޔާސް ފޮނުވި މެސެޖު ތަކެއްކަން އެނގުމުން މެސެޖުތައް ކިޔަން ފެށިއެވެ.

އެސްއެމްއެސް ގައި އޮތީ އިލްޔާސަށް ރޭގައި ގެއަށް ނާދެވުނު ސަބަބު ބަޔާންކޮށް ލިޔެފައިވާ މެސެޖުތަކެކެވެ. އޮފީސް ދަތުރެއްގައި ރޭގައި ކުއްލިއަކަށް މާފުށްޓަށް ދާންޖެހުނު ވާހަކައައާއި އެރަށަށް ފައިބަނިކޮށް ދޯނިން ކައްސާލައިގެން ބަނދަރު ތެރެއަށް ވެއްޓުނު ވާހަކަ އާއި ފޯނު ހަލާކުވިވާހަކައާއި އޭނާއަށް އަނިޔާވެގެން ރޭގައި މާލެ ގެނެސް ހޮސްޕިޓަލުގައި ބޭއްވިވާހަކަ ވެސް ލިޔެފައި އޮތެވެ. ހޮސްޕިޓަލު މީހުން ކައިރީ ބުނެގެން ރޭގައި ގުޅަން އުޅެއުޅެ ހާޖަރާގެ ނަންބަރަށް ނުގުޅުނު ވާހަކައާއި މެސެޖެއްވެސް ނުކުރެވުނު ވާހަކަވެސް އޮތެވެ.

‘ޔާރައްބީ! އަހަރެން އިލްޔާސަށް ދައްކާނީ ކޮން މޫނެއް؟ މިއަށްވުރެން ރަނގަޅުވީސް އަހަރެން އަމިއްލައަށް މަރުވިނަމަވެސް.!!؟؟’

ކުއްލިއަކަށް އޭނާގެ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލިއެވެ. ހޮސްޕިޓަލާއި ދިމާއަށެވެ. ރޭގައި ކުރެވުނު މޮޔަ، ވިޔާނުދާ ކަންތަކާމެދު ވިސްނަމުންނެވެ.

ދަރިއަކު ހޯދުމަށް ބޭނުންވެފައި ހުރެވުނުލެއް ބޮޑުކަމުން، އަލިބެއްޔާ އާއި އެކުގައި އެއްދާން ކުރަން އެއްބަސް ވެވުނީއެވެ. އޭނާ މަރުވެދާނެ ކަމުގެ ބިރުވެސް އޮތީމައެވެ. ބާރަޖެހުމުގެ ވަގުތުވެސް ކުޑަތަންވަމުން ދިޔައީތީއެވެ. ނަމަވެސް މިއަދު އޭނާގެ ފިރިމީހާއާއި ކުރިމަތިލާނީވެސް ކިހިނަކުން ހެއްޔެވެ؟ ދައްކާނީ ފަހެ ކޮން މޫނެއް ހެއްޔެވެ؟ ރޭގައި ކުރެވުނު މުޑުދާރު އަމަލުން ބަލިވެއިނދެ ދަރިއަކު ލިބުމުން، އެދަރިފުޅު ގެންގުޅެވޭނީވެސް ކިހިނެއް ހެއްޔެވެ؟

‘މާތްﷲ އެންގެވި މަގުގައި ހުރެވުނު ނަމައެވެ. ކެތްތެރިވެވުނު ނަމައެވެ.’ ހާޖަރާގެ ހިތަށް އެރިއެވެ.

ކޮންމެ ގޮތެއްވިޔަސް މިއަދު އޭނާއަކީ ކުރީގެ ހާޖަރާއެއް ނޫނެވެ. އެ ނިޔަނެތިކަމާ، މައުސޫމުކަން ރޭގައި ގެއްލިއްޖެއެވެ. އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑެވިއްޖެއެވެ.

މުޅި ދިރިއުޅުން ހަލާކަށް ވައްޓައިލެވިއްޖެއެވެ.

❀****❀❀****❀

ޗެޕްޓަރ 20 – ކެތްތެރިކަން

މަޢުރީން ކައިރީގައި ޝާއިލް އިށީންދެއްޖެއެވެ. އޭނާގެ ދެލޯ ވަނީ ރޮއެރޮއެ ރަތްވެފައެވެ. ކުރިމަތިވި ހުރިހައި ކަމެއްގައިި ކުށްވެރިއަކީ އޭނާކަމަށް އިޙްސާސްކުރެވިއްޖެއެވެ. އެއްވެސް ކަމަކުންކަމަކާއި ނުލައި މަޢުރީންދެކެ ރުޅިއައިސްގެން އުޅެވުނީ އޭނާއަށެވެ. ހުރިހައި ކަމެއް ގޯހުންގޯހަށް ދިޔައީ ޚުދު އޭނާގެ ސަބަބުން ކަމަށް މިހާރު ޤަބޫލުކުރެވެއެވެ. ކޮންމެވެސް މީހަކު ކޮންމެވެސް ކިޔެވެއްޔެއް ކިޔަވަން އަންނަ ވާހަކަ މަޢުރީންގެ އެކުވެރި މަރިޔަމް ބުންޏަސް އެކަމާވެސް ޝާއިލްގެ އެއްވެސް އިއުތިރާޒެއް މިހާރަކު ނެތެވެ. އެކަމުންވެސް މަޢުރީންއަށް ލުޔެއް ލިބުމަކީ މިހާރު އޭނާގެވެސް އެދުމެވެ.

މަޢުރީންގެ ކައިރީގައި އިނދެވުނީ ކިހާއިރެއް ވާންދެން ކަމެއްވެސް ޝާއިލް އަކަށް ނޭނގުނެވެ. މައުރީންގެ އަތުގައި ހިފަހައްޓާލައިގެން އިންއިރު، އެމީހުންތިބި ކޮޓަރި ތެރެއިން އެހެން އަޑެއް އިވޭކަން ޝާއިލްއަށް އެނގުންވީ އިރުކޮޅެއް ފަހުންނެވެ. އެއީ ކޮންމެވެސް ޑޮކްޓަރެއްގެ އަޑުކަމަށް ހީކޮށް އެކަމާ އަޅައިނުލުމަށް އޭނާ ނިންމިއެވެ.

“ޝާއިލް، ރުޤްޔާ ކުރާމީހާ އެބަހުރި އައިސް.”

އަޑު އައިދިމާއަށް ޝާއިލް އެނބުރި ބަލައިލިއެވެ. ހައިރާންކަން ލިބުނީ ޒުވާން ފުރާގެ ސަމައްތަރުހެޔޮ ފިރިހެނެއް އައިސް ދޮރުމަތީގައި ހުރިތަން ފެނުމުންނެވެ. އެބުނާ ރާޤީއަކީ އެ ޒުވާނާކަން އެނގުމުންނެވެ. މީގެކުރިން ޝާއިލްއަށް ހީވެފައި އޮތީ ރުޤްޔާކުރާ ރާާޤީންނަކީ އުމުރުން ދުވަސްވެފައިތިބޭ، ތުނބުޅިއަކާއި މަތިމަހެއް ހުންނަ، އަދި އަބަދުވެސް އަތުގައި ތަސްބީޙަ ފައްޗެއް އޮންނަ މީހުން ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ކުރިމަތީގައި ހުރި ޒުވާނާ ހީވަނީ ކުންފުންޏެއްގެ އިސް މަޤާމެއްގައި އުޅޭ މީހެއް ހެންނެވެ. ހުދު އަތްދިގު ގަމީސްލައި، ބެގީކޮށް، ކަޅު ބޫޓަށް އަރައި ޓައީއެއް އަޅައިގެން ހުރި އެ ޒުވާނާ އަކީ ސްމާޓް ފިރިހެނެއްކަން ކިތަންމެ ރަނގަޅަކަށްވެސް ފެންނަން ހުއްޓެވެ. އެތެރެއަށް ވަދެ ޝާއިލްއާއި ސަލާމްކޮށްލުމަށް އެޒުވާނާ އަތްދިއްކޮލި ވަގުތު އެހެން ކަމެއްވެސް ޝާއިލްއަށް ފާހަގަ ކުރެވުނެވެ.

“އަޅުގަނޑަކީ އިދްރީސް، ރުޤްޔާ ކުރާ މީހާ.”

“އިދުރީސް!!”

އިދްރީހާއި ސަލާމް ކޮށްލަމުން އިދްރީސްގެ ނަން، މަޑުމަޑުން ޝާއިލްއަށް ކިޔައިލެވުނެވެ. ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް އިދްރީސް އިށީންނުމަށް ބުނަމުން މަޢުރީން އޮތް އެނދުގެ އަރިމަތީގައި ޝާއިލް އަނެއްކާވެސް އިށީންދެއްޖެ އެވެ. ދެން އިދްރީސް ބުނާނެ އެއްޗެއްގެ އިންތިޒާރު އޭނާ އަށް ކުރެވެން ފެށީ ތެޅިތެޅި އޮތް ހިތަކާއިއެކުގައެވެ.

“ޝާއިލްގެ ވައިފްގެ ސިޗުއޭޝަނާމެދު އަހަރެން ވަރަށް ކަންބޮޑުވޭ. ޝާއިލްއަށް މިހާރު ކުރެވެމުންދާނެ ފުން އިޙްސާސްތައް އިމޭޖިން ކޮށްލުމަކީވެސް މަށަށް އިމްޕޮސިބަލް ކަމެއް. ބަޓް، އައޭމް ޝުއަރ ޝީ އިޒް ގޮނާބީ ފައިން، އިންޝާﷲ.” އިދްރީސްގެ ވާހަކަތައް އަޑުއިވިފައި ޝާއިލްއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ރުޤްޔާކުރާ މީހުން މިހާވަރަށް އިނގިރޭސި ބަސް ބޭނުންކުރާކަމެއްވެސް މީގެ ކުރިން ޝާއިލް އަކަށް އެނގިފައެއް ނެތެވެ.

“ތެންކިޔު އިދްރީސް.” ޝާއިލް ވެސް އިނގިރޭސިވެލަމުން ޖަވާބު ދިނެވެ. “އަޅުގަނޑުގެ ވައިފް ރަނގަޅު ކުރެވޭނެތޯ؟”

“ރުޤްޔާ ކުރުމަކީ މިހާރުވެސް މިތަނުން މަޢުރީންއަށް ލިބެމުންދާ ފަރުވާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް.” އިދްރީސް އޮޅުންފިލުވައިދޭޭން ފެށިއެވެ. “މެޑިކަލް ރީޒަންއަކުން ނޫން އެހެން ކަމެއްގެ ސަބަބުން މަޢުރީންއަށް މި ގޮތްތަކެއް ވާނަމަ، އިންޝާﷲ އަހަރެން މިކުރާ ރުޤްޔާއިން މަޢުރީންއަށް އަވަސް ޝިފާއެއް ލިބޭނެ.”

ޝާއިލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޚުދު ޝާއިލް ޤަބޫލުކުރާގޮތުން ޝާއިލް އަކީވެސް ރަނގަޅު މުސްލިމެކެވެ. ދާދި ފަހަކާއި ޖެހެންދެން ހުރިހައި ވަގުތެއްގައި ބަރާބަރަށް ނަމާދުކޮށް އުޅުނެވެ. ކޮންމެ ރޯދަމަހަކު ހުރިހައި ރޯދައެއްވެސް ހިފައެވެ. މެޑިކަލް ވިސްނުމެއްގައި ނޫނީ މިފަދަ ކަންކަމާމެދު މީގެކުރިން އޭނާއަށް ވިސްނައިލެވިފައެއް ވެސް ނެތެވެ.

މައުރީންގެ ބުރުގާ ރަނގަޅުކޮށްލައިދިނުމަށްފަހު އެނދާއި ތަންކޮޅެއް ކައިރީގައި ގޮނޑިއެއް ބެހެއްޓިއެވެ. ރުޤްޔާކުރާމީހާއަށް މަޢުރީން އާއި ކައިރީގައި އިނދެވޭނެގޮތް ހެދުމަށެވެ. އިދުރީސް ކިޔަވާ ކިޔެވެލި ރަނގަޅަށް އަޑުއިވޭ ހިސާބުގައި ބޭންދުމަށެވެ. ކައިރީގައި ހުރި ޝާއިލްއަށް ހުރެވުނީ ހިތް ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ކުރަން އުޅޭ ކަމެއްގެ ވާނުވާ ނޭނގޭ ހާލުގައެވެ. ކުރަން އުޅޭކަމާމެދު އުއްމީދުގައި ތިބީ ހަމައެކަނި އިދުރީސް އާއި މަރިޔަމް އެވެ.

އެމީހުން ކުރަން އުޅޭކަމެއް ކުރުމަށް ފުރުޞަތުދީގެން ހުރުމަށްވުރެން ރަނގަޅު ގޮތެއް ނެތްކަން ޝާއިލް އަށް އެނގެއެވެ. އެބުނާހެން ރޫހާނީ ކަމެއް ހުރެގެން އެކަމެއް ރަނގަޅުވުމުން ޝާއިލްއަށް ވުރެން ބޮޑަށް އެކަމާ އުފާކުރާނެ މީހަކު އެތާ ނުހުންނާނެކަން ޝާއިލް ރަނގަޅަށް ދަނެއެވެ. ރަނގަޅެއް ވިއްޔާ އޭގެ ހުރިހާ އުފަލެއްވެސް އޮތީ ޚުދު އޭނާއަށް ކަން އެނގޭތީ ހިތްހަމަ ޖައްސާލައިގެން ހުރުމަށް ނިންމިއެވެ.

***~~~***

ގެއާ ދިމާއަށް ކާރު ދުއްވަމުން ދިޔަޔަސް، ގެއަށް ދާކަށްވެސް އިލްޔާސް ބޭނުމެއް ނޫނެވެ. ހަދާނެގޮތް ހުސްވެ ސިކުނޑި ސުމަކަށް ގޮސްފައިވުމުން ދާނެ އެހެން ދިމާއެއްވެސް ނުވިސްނުނެވެ. ރައްޓެއްސެއްގެ ގެއަށް ދިއުމަށް އެންމެ ފަހުން ނިންމީ އެހިސާބުންނެވެ. އޭނާ އާއްމުކޮށް ހުކުރަށްދާ މިސްކިތުގެ އިމާމު މީހާގެ ގެ ހުންނަނީ ކައިރި ހިސާބެއްގައެވެ. މިސްކިތުގެ އިމާމެއްގެ އިތުރުން، އިމާމް ހާރޫނަކީ ހަރުދަނާ މީހެކެވެ. އެހާ ގާތް ރައްޓެއްސެއް ނޫނަސް ކަންކަމުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާ ހޯދަން ރަނގަޅު ރައްޓެއްސެކެވެ. ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް އިމާމު ހާރޫނާއި އިލްޔާސް ބައްދަލުކުރުމަކީ އާއްމުކަމެކެވެ. އިމާމުގެ ގެ ހުންނަނީ މިސްކިތާއި އިންވެގެންނެވެ. ސިޔާސީ ވާހަކަތަކާއި އަދުގެ ޒުވާން ޖީލު ހަލާކުވަމުންދާ ދިއުމާއިމެދު އެމީހުން ސައްލާކޮށް އުޅެއެވެ. މުސްލިމުންގެ ގޮތުގައި ތިބެ މި ހަލާކުވެފައިވާ މުޖުތަމަޢުގައި ދިވެހީން އުޅެމުންދާ ވިޔާނުދާ ގޮތްތަކާއިމެދު ހިތާމަކޮށް ވާހަކަދައްކައި އުޅެއެވެ.

ކުރާނެ ޚާއްޞަ އެހެން ކަމެއް ނެތުމުން، އިލްޔާސްގެ ކާރުގެ މިސްރާބު ޖެހީ މިސްކިތާއި ދިމާއަށެވެ.

“އިލްޔާސް ނިކަން ހަމަޖެހިބަލަ.” ހިތްދަތިކަމުގެ އިންތިހާއަށް ގޮސްފައިވާ އިލްޔާސް ހަމަޖެއްސުމަށް އިމާމު ހާރޫނު ބުންޏެވެ. އިލްޔާސްގެ ހަޔާތަށް ކުރިމަތިވެގެން އުޅޭ ކަންތައްގަނޑުގެ ވާހަކަތައް އިވިފައި އިމާމުވެސް އިނީ ދެރަވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހާ ބޮޑު ކަންތައް ގަނޑެއް، އަތްނބަކު އޭނާގެ ފިރިމީހާއަށް ސިއްރުކޮށްގެން ދިގު 25 އަހަރު ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ މުސްލިމު އަންހެނަކަށްވެ ހުރެ އެފަދަ ކަމެއް ހާޖަރާ ކުރަންވީވެސް ކީއްވެގެން ހެއްޔެވެ؟

އިލްޔާސްގެ އަންހެނުންގެ ކަންތައްގަނޑާއި މެދު ވިސްނައިލުމުން އިންސާނާގެ ހިތަކީ އެބުނާހެން އެނބުރޭ ވަހުތާނެއް ގޮތަށް ބަދަލުވާ އެއްޗެކޭ އިމާމު ހާރޫގެ ހިތަށް އެރިއެވެ. ސާފު ޠާހިރު އިންސާނުންނަކީ ކޮބައިކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާ އޭ ހާރޫނުގެ ހިތާހިތާ ކިޔައިލި އެވެ. ކިތަންމެ އަޅުވެރި މީހެއްކަމަށް ފެންނަ މީހާގެ ފަރާތުންވެސް ކޮންމެފަދަ ގޯސް ކަމެއްވެސް ފެނިދާނެއެވެ.

ކެތްތެރިކަމެވެ. ޞަބްރު ކުރުމެވެ. ގިނަ މީހުންގެ ގައިގައި މަދުވާ ސިފައަކީ އެއީއެވެ. އިންސާނުންނަށް މިންޖު ނުވެވޭފަދަ އާފާތްތަކާއި ކުރިމަތިލާން ޖެހެނީ ކެތްތެރި ނުވާތީއޭ އިމާމު ހާރޫނުގެ ހިތަށް އެރިއެވެ.

“ރަނގަޅު ކަންތައްތައް ޙާޞިލްކުރުމަކީ އެހައި ފަސޭހަކަމެއް ނޫން. އެންމެ މާޔޫސްވާ ހިނދުވެސް ކެތްތެރިކަން އިސްކުރުމަކީ ގިނަ މީހުންނަށް ކުރަން އެންމެ އުނދަގޫ އެއް ކަންތައް. ކެތްތެރިކަމަކީ ފަސޭހަ ކަމެކޭ ބުނާނީ ފަހެ ކާކު؟ ކެތްތެރިވުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ނަމަ، ކެތްތެރިވުމަށް ނުވަތަ ސަބްރުވެރިވުމަށް ކީރިތި ޤުރުއާނުގައި މުސްލިމުންނަށް އެކަލާންގެ ނޭންގެވީހެއްނު؟ ……. صَبْرُ (ޞަބްރު) ކެތްތެރިކަމުގެ ލަފުޒު ޤުރުއާނުގައި މާތްﷲ ވަނީ 14 ފަހަރު ތަކުރާރު ކުރައްވާފަ.” އިލްޔާސް ހަމަޖައްސައިދިނުމަށް އިމާމު ހާރޫނު ބޭނުންކުރީ ޙިކްމަތްތެރި އުސޫލެވެ.

އިލްޔާސްގެ ނަފުސަށް ކޮންމެވެސް ވަރަކަށް ހަމަޖެހުން ލިބިއްޖެކަން އިމާމު ހާރޫނަށް ޔަޤީން ވުމުން، ކުރިމަތިވެގެން އުޅޭ މައްސަލައަށް އަލިއަޅުވައިލާ ހާރޫނު ވާހަކަ ބައްޓަން ކުރިއެވެ.

“މަށަށް އެނގޭ ތި ކަންތައްގަނޑަކީ ދިރުވައިލަން ހިތި ބޭހެއް ފަދަ ކަމެއްކަން. އެހެން ނަމަވެސް އަހަރެން އަދިވެސް އިލްޔާހަށް ނަސޭހަތްތެރިވާނީ ތި ކަންތައްގަނޑު ވަކިކޮޅެއްގަ ޖެހެންދެން ކެތްކުރުމަށް. މާތްﷲގެ ދީލަތިވަންތަކަމުން އިލްޔާހަށް ވަނީ އިތުރު ދަރިން ދެއްވާފަ. އެކަމުން އެބަ ޔަގީންވޭ އިލްޔާހަކީ ދަރިން ނުލިބޭ މީހެއް ނޫންކަން.”

“އެ ކުދިންނަކީ އަހަރެންގެ ދަރިންކަން ޔަޤީން ކުރާނީ ކިހިނެއް؟!” ނުރޯން ކެތްކުރިޔަސް ރޮއެގަންނަމުން އިލްޔާސަށް ބުނެވުނެވެ.

“ތިޔަ ދިމާވި ކަންތަކާހެދި ޝައިޠާނީ ވަސްވާސްތައް ތި ގޮތަށް ހިތަށް ވަނަ ނުދީ އިލްޔާސް!” އިމާމު ހާރޫނު ޖަވާބު ދިނެވެ.

“އިންޝާﷲ އެކުދިންނަކީ ހަމަ ކަށަވަރުންވެސް އިލްޔާސްގެ ދަރިން. މަށަަށް ޔަޤީން އެކުދިންގެ ހަލާލު ކަމަށް ޝައްކު އުފެދޭފަދަ ވާހަކައެއް ކަލޭގެ އަންހެނުންވެސް ބުނެފައެއް ނެތެއްނުދޯ؟”

އިލްޔާސް އެއްކޮށް ހަނުވެއްޖެ އެވެ.

“އެހެން ނޫނަސް، އެކުދިންނަށް ބަލައިލާފަ ޔަޤީނާ ގާތަށް އެނގޭ އެއީ އިލްޔާސްގެ މުޑުވައް ތަކެއްކަން. އިލްޔާސްގެ މޫނުމަތިން ފެންނަ ހުރިހައި ސިފައެއް އެކުދިންގެ ފަރާތުން ފެނޭ. ތި ޞަޚްޞިއްޔަތު، ހަމުގެ ކުލަވެސް އެއްގޮތް، އެއީ އަންހެން ކުދިންތަކެއް ނަމަވެސް އިލްޔާސާ ކިހާ ވައްތަރު. ދަރިފަސްކޮޅުގެ މުޖައްރިބުކަން ބަލަން ފަރަންޖީން އެ ހައްދާ ޑީއެންއޭ ޓެސްޓެއް ވެސް ހަދަން ނުޖެހޭނެ އެކުދިންނަކީ އިލްޔާސްގެ ދަރިންކަމަށް ސާބިތު ކުރާކަށް.”

އިލްޔާސްގެ ތުންފަތަށް ފަނޑު ނަމަވެސް ހިނިތުންވުމެއް ގެނުވީ އިމާމު އެންމެ ފަހުން އެ ބުނި ޖުމްލައިގެ އަޑު އިވުމުންނެވެ.

އިމާމު ހާރޫނުގެ ވާހަކަ އިތުރަށް ކުރިއަށް ގެންދިޔައެވެ.

“ދެންމެ މި ބުނެވުނު އެއްޗަކުން އަހަރެންގެ ހިތަށް އަރައިފި އެހެން ކަމެއް. އެނގޭ ކަލޭގެ އަންހެނުން އެއްބަސް ވެއްޖެކަން މައުރީންއަށް ބަލިވެއިން ދުވަސްވަރު ބައިގެންދިޔަ ކަމަށް. ނަމަވެސް އެކަމަށް އެކަނި ބަލާފަ، މަޢުރީންގެ ބަފާ ކަށަވަރުކުރަން ނިންމުމެއް ނިންމުމަކީ ބުއްދިވެރިކަމެއް ކަމަކަށް އަހަރެން ނުދެކެން.”

އިލްޔާސް އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. ނަމަވެސް އިމާމު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“ހަމަ އެދުވަސްވަރު އިލްޔާސް ވެސް އަންހެނުން ބަލިވެ ބޭންދުމަށް ލައްކަ މަސައްކަތް ކުރަމުންނެއްނު ދިޔައީ ދޯ. އެހެން ވެއްޖެއްޔާ އަޅެ ބުނެބަލަ؟ ކަލޭމެން ދެމަފިރިން އެއްދާން ނުކޮށް ވަރަށް ދިގު މުއްދަތެއް ހޭދަވި ދުވަސްކޮޅެއް ނަމަވެސް ދިޔަތަ؟” އިމާމު ހާރޫނަކީ ދުރު ވިސްނާ މީހެކެވެ. ތަންދޮރު އޮޅުން ފިލާފަައި ހުރި މީހެކެވެ.

އިމާމުގެ އެ ސުވާލަށް އިރުކޮޅެއް ވާންދެން އިލްޔާސް ވިސްނައިލިއެވެ.

“އަހަރުމެންނަކީ އެކަމަށް ނިކަން ހަރަކާތްތެރި ބައެއް އޭރުގަ. އޭރު އަހަރުމެން އަބަދުވެސް އުއްމީދު ކުރަމުން ދިޔައީ މައްސަރުކަންތައް ދެން އަންނަ ފަހަރެއްގަ ނުޖެހޭވަރު ވާނެ ކަމަށް. އެ ދުވަސްވަރު އަހަރެން ރަށުން ބޭރަށް ދިޔަޔަސް، ހަފުތާއެއް ހައި ދުވަހުވެސް ދުރުގަ ނުހުންނަން. އެހެން ނޫނަސް މައްސަރު ކަންތައް ރަނގަޅުވާ ދުވަސްވަރަކީ އަހަރުމެން އަބަދުވެސް އެކަން އެންމެ ވަރުގަދައަށް ކުރާ ދުވަސްވަރު.” އެއްވެސް ޖެހިލުންވުމެއް ނެތި އިލްޔާސް ކިޔައިދިނެވެ.

“އެހެންވީމަ، މަޢުރީންއަކީ އިލްޔާސްގެ ދަރިއެއްތޯ ބަލަން ބޭރަށް ގޮސްގެން ޓެސްޓް ހައްދަން ވީނު؟”

***~~~***

ޗެޕްޓަރ 21 – ހަނގުރާމަ

މަޢުރީންއަށް އިޙްސާސްކުރެވެމުން ދިޔައީ ހަމަ ދެންމެ ދެންމެ އޭނާގެ ފުރާނަ ހިނގައިދާނެކަމުގެ އިޙްސާސެވެ. ހަނަފަސް ސަހަރާއެއްގައި އޮތް ކަށިކޮޅެއްގައި ހުންނާނެފަދަ ހިކިކަމެއް އޭނާގެ އަނގައިން އިޙްސާސްކުރެވެމުން ދިޔައެވެ. އަނގައިތެރެ ހިކިފައިވަނީ އެހައިވެސް ބޮޑަށެވެ. ހިތް ތެޅެމުންދާލެއް ބާރުކަމުން ހީވަނީ ހަމަ ދެންމެދެންމެ މޭގަނޑު އަނގަޔަށް އަތުވެދާނޭހެންނެވެ. އެފަދަ އިޙްސާސްތަކެއް އޭނާއަށް ކުރެވެމުންދަނީ ކީއްވެގެން ކަމެއް ވިސްނާވިސްނާވެސް ނޭނގުނެވެ.

މަޢުރީން އޮތީ ބިރުން ފިތްކަނޑައިގެންދާވަރު ވެފައެވެ.

އޭނާގެ ވަށައިގެން ތިބީ ކޮންބައެއްކަން އޭނާއަށް އެނގެއެވެ. އޭނާގެ ފިރިމީހާއެވެ. އޭނާގެ ކޮއްކޮމެންނެވެ. އޭނާގެ ރަހުމަތްތެރިޔާއެވެ. އެ އެންމެންވެސް އޭނާއަށް ފެނެއެވެ. ބާރަށް ހަޅޭއްލަވައިގަންނަން ކިތަންމެ ބޭނުން ނަމަވެސް އޭނާގެ އަނގައިން އެންމެ އަޑެއްވެސް ބޭރެއް ނުކުރެވުނެވެ.

އަތްފައި ގުޑުވައިލެވޭތޯ މަޢުރީން މަސައްކަތްކުރިއެވެ. ނަމަވެސް އެކަމެއްވެސް ނުކުރެވުނެވެ. އަތްފައި ހީވަނީ ބަރުކަމުންގޮސް ބަރު ތިމަރަގަނޑެއްހެންނެވެ. ލޮލަށް ހީވަނީ ހިމުން ދޮންވެލިތަކެއް އެޅި ފުރިބާރުވެފައިވާހެންނެވެ. ލޮލަށް ވަމުންދިޔަ އުނދަގުލާހެދި ލޯ ކަހައިލުމަށް އޭނާގެ އަތްތިލަވެސް ގުޑުވައިނުލެވުނެވެ. މަޢުރީން އެއޮތީ ކޮންފަދަ ނިކަމެތި ހާލެއްގައިކަން އެނގޭނީ ޚުދު މަޢުރީނަށެވެ.

ލޯ ހުޅުވައިލުމަށް އެތަކެއް މަސައްކަތެއް ކޮށްގެން ލޯ ހުޅުވައިލެވުމުން އޭނާއަށް ފެންނަ ބިރުވެރި މަންޒަރުގެ ސަބަބުން ލޯ މަރައިލުމަށް މަޖުބޫރު ކުރުވައެވެ.

އެ އެންމެން އައިސް ތިބިތަން މަޢުރީންއަށް ފެނެއެވެ. ޝަމްހޫރިޝް އާއި އޭނާގެ ދަރިންތަކެވެ. ނުބައި ނުލަފާ ސޫރައެއް ލިބިފައިވާ ދަރިންތަކެވެ. އެ އެންމެން އިށީންދެ ތިބެނީ މަޢުރީންގެ ވަށައިގެނެވެ. ބައެއް ދަރިން އޭނާގެ ބަނޑުމަތީގައެވެ. އަނގުރު އަލިފާނުން ރަތްވެފައިވާ އެސޮރުމެންގެ ލޯތަކުން މަޢުރީންއަށް ކަޅިއަޅައިގެންނެވެ. މޫނުމަތިން ފެންނަމުންދަނީ ބިރުވެރި، ކެހިވެރި ހިނިތުންވުމެކެވެ.

މި ހުރިހައި ކަމެއް މިހެން ހުރިއިރު އާދަޔާޚިލާފު ގޮތްތަކެއް މަޢުރީންއަށް ނުވާންވީ ސަބެއް ނެތެވެ.

ނަމަވެސް، މަޢުރީންއަށް ހަޅޭއްލަވައިގަނެވޭނެ ނަމަތާއެވެ. ހީވަނީ ކޮންމެވެސް އެއްޗެއް އައިސް އޭނާގެ އަޑުފޮށިވެސް ވަގަށް ގެންގޮސްފައިވާހެންނެވެ. އެ އެއްޗެއް، އޭނާގެ ސިކުނޑިތެރެއަށް ފިރުކެމުން ފިރުކެމުން ވަދެގެންގޮސް އޭނާގެ ހޭބުއްދިވެސް ފިލުވައިލަން މަސައްކަތްކުރަނީހެން ހީވެއެވެ.

ހުރިހައި އުއްމީދެއް ގެއްލިއްޖެކަން މަޢުރީންއަށް އެނގެއެވެ. އެމީހުން މިތަނަށް އައިސް އެތިބީ އޭނާ ގެންދިއުމަށެވެ. މާޔޫސްވެ، ގޮތްހުސްވުމުން ލޯ ހުޅުވައިލެވޭތޯ ކުރަމުންދިޔަ މަސައްކަތްވެސް އޭނާ ހުއްޓައިލިއެވެ. ތިމާގެ ބަދުނަސީބުކަމުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަމުންވެ.

ހަމަ އެވަގުތު، އޭނާގެ ކައިރިން ބަޔަކުމީހުން ޒުވާބުކުރަމުންދާ އަޑު އިވެން ފަށައިފިއެވެ. ހަޅޭއްލަވާ އަޑުވެސް އިވެން ފަށައިފިއެވެ. ކޮންމެވެސް ކަމެއް ގޯހުން ގޯހަށް ހިނގައްޖެކަން މަޢުރީންއަށް ގައިމުވެއްޖެއެވެ.

އަނެއްކާވެސް މަޢުރީންގެ ލޯ ހުޅުވައިލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. ހިނގަމުންދަނީ ކޮންފަދަ ކަންތައްގަނޑެއްތޯ ބެލުމަށް އޭނާ ބޭނުންވިއެވެ. ޝަމްހޫރިޝް ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑު އޭނާއަށް ވަކިކުރަން އެނގިއްޖެއެވެ.

“ފިލާ! ދަރިންނޭ! އަވަހާ ފިލާ ރައްކާވޭ!”

ކުއްލިއަކަށް، އޭނާގެ ހަށިގަނޑުގެ އެތަކެއް ސަތޭކަ ހިސާބަކުން އެއްފަހަރާ ގަދަ ކެހެންޏެއްގެ އިހްސާސްކުރެވެން ފަށައިފިއެވެ. އޭނާއަށް ރޮވެން ފެށުނެވެ. ނަމަވެސް އެ ކޮޓަރީގައި ތިބި އެއްވެސް މީހަކަށް އޭނާގެ ރުއިމުގެ އަޑު ނުއިވޭނެކަންވެސް އޭނާއަށް އެނގެއެވެ.

އެވަގުތު އޭނާގެ ކަނާތު ކަންފަތްދޮށުން އިވެންފެށީ އަރާމާއި ހަމަޖެހުން ލިއްބައިދޭ އަޑެކެވެ. އެ އަޑު ޖެހުމާއެކު، ގައިގެ އެތަން މިތަނަށް އިހްސާސްކުރެވުންދިޔަ ހިރުވުން ނުވަތަ ކެހެނި ފިލައިގެން ހިނގައްޖެއެވެ. ހީވީ އިޗްގާޑް ކްރީމް ފަދަ ކެހެނިފިލުވާ ބޭހެއް މުޅިގައިގައި އުނގުޅާލިހެންނެވެ. ނަމަވެސް، ކެހެނި ފިލައިގެން ދިއުމާއެކު ހަށިގަނޑުގެ އެތަންމިތަނަށް ދިލަ ތަދެއްވާން ފެށިއެވެ. ހީވަނީ ގައިގެ ހަންގަނޑު އެއްކޮށް ފިއްސާލަފާނެހެންނެވެ.

ހަށިގަނޑުގައި ކިތަންމެ ވަރުގަދަ ދިލަނެގުމެއް ހުއްޓަސް، މަޢުރީންގެ ހަށިގަނޑު ތުރުތުރުލަމުންދަނީ އެވެ. ދެތުންފަތުގައި ދަތްއަޅައިގެން އޮތްއިރު، ތުންފަތުން ނީރެމުންދާ ލޭގެ ރަހަވެސް އޭނާގެ ދުލަށް އިހްސާސްކުރެވެމުންދެއެވެ. އަޅަމުންދިޔަ ވޭން ތަހައްމަލުކުރުމަށް މަސައްކަތްކުރަމުން ދިޔައިރު އޭނާގެ ކަންފަތްދޮށުން އިވެމުންދިޔަ ހަމަޖެހުން ލިއްބައިދޭ އެ އަޑު އިވެން ފެށުމާއެކު ހަށިގަނޑަށް އެހައި ގަދަ ވޭނެއް އަޅަންފެށީ ކީއްވެގެންބާއޭ މަޢުރީންގެ ހިތަށް އަރަމުން ދިޔައެވެ.

މަޢުރީންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ކެތްކޮށްނުލެވިގެން، ބާރު އަޑުފަށްގަނޑަކާއެކު ހަޅޭއްލަވައިގެންފިއެވެ. އެގޮތަށް ހަޅޭއްލަވައިގަނެވުމުން މަޢުރީންއަށް ހަމަޖެހުމެއް ލިބުނުކަހަލައެވެ. ހަމަގައިމުވެސް އެ ކޮޓަރީގައި ތިބި އޭނާގެ ގާތް މީހުންނަށް އޭނާގެ އެ ހަޅޭކުގެ އަޑު އިވޭނެތާއެވެ.

ކޮންމެވެސް މީހަކު އޭނާއަށް އެހީތެރިވާނެތާއެވެ. އެ ވިސްނުމުގައި އޮއްވާ އޭނާގެ ހޭވެރިކަން ނެތިއްޖެއެވެ.

***~~~***

ކޮޓަރިތެރޭގައި ހުރީ ހަޅޭކެއްގެ އަޑު ގުގުމާލާފައެވެ.

މަޢުރީންގެ ކަންފަތްދޮށުގައި އިދުރީސް ކިޔަވަމުންދެއެވެ. މަޢުރީން އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން، ބާރަށް ތެޅެމުން ދަނީއެވެ. އާހިލްއަށް ހުރެވުނީ ފާޑެއްގެ ޝޮކެއްގެ ތެރޭގައެވެ. ނަމަވެސް ތެޅެމުންފޮޅެމުން ދިޔަ މަޢުރީންގެ ހަށިގަނޑުގައި ވަރަށް ބާރަށް ހިފަހައްޓާލައިގެން އޭނާ ހުރީ މަޢުރީން އެނދުން ވެއްޓިދާނެކަމުގެ ބިރަށެވެ. މަޢުރީންގެ ކޮއްކޮމެންވެސް އޭނާގެ ވަށައިގެން ތިއްބެވެ. އެކުދިންގެ ދައްތަގެ ހާލަތު ފެނިފައި ރޮވެނީއެވެ. މަޢުރީންގެ ކޮއްކޮމެންގެ ރުއިން ހުއްޓުވަން ނުވަތަ މަޢުރީންގެ ގައިގައި ހިފަހައްޓައިގެން އާހިލްއަށް އެހީވުމަށް ކުރާނެ އެއްވެސްކަމެއް ނޭނގިފައި މަރިޔަމްއަށް ވެސް ހުރެވުނީއެވެ.

މަޢުރީންގެ ދެލޯވަނީ ބޮޑުވެފައެވެ. ހީވަނީ ދެންމެދެންމެ އޭނާގެ ދެލޮލުގެ އޮށް ބޭރަށް ނުކުމެދާނެހެންނެވެ. މޫނުގެ ހަންގަނޑަށް ވަނީ ވާންވެފައެވެ. ރަތްކުލަ އަރާފައެވެ. ދެލޮލުގެ ކަޅި ވަށްކޮށް އެނބުރެމުންދިޔައިރު ހީވަނީ ލޮލު ތެރޭގައި ވަކިން އޮތް މިނާ އޮށެއް އެނބުރެނީހެންނެވެ. ކުއްލިއަކަށް މަޢުރީންގެ ދެލޮލުގެ ކަޅީގެ އެނބުރުން ހުއްޓިއްޖެއެވެ. ދެކަޅި ލޮލުގެ މަތީ ބޮނޑިއާދިމާއަށް އަރައިގެންގޮސް އެއްކޮށް ގެއްލިއްޖެއެވެ. ލޯ ތެރެއިން ފެންނަންހުރީ ހަމައެކަނި ހުދުކުލައެވެ. މަޢުރީންގެ ހެޔަށް ގޮތްވަނީއޭވެސް ހީވާން ފަށައިފިއެވެ.

ނަމަވެސް، އެވަގުތު މަޢުރީންގެ ކަރުބުޑުން އިވެންފެށީ ބީރައްޓެހި، ބިރުވެރި ފިރިހެން އަޑެކެވެ.

ގަތް ބިރެއްގެ ސަބަބުން މަރިޔަމްއަށް ފަހަތަށް ޖެހިލެވިއްޖެއެވެ. ފުރަގަހުގައި ހުރި ގޮނޑިއެއްގައި ލައިގަތުމާއެކު އުޑިތިލަމައްޗަށް މަރިޔަމް ވެއްޓިއްޖެއެވެ. މަރިޔަމްއަށް އެހީވުމަށް މައުރީންގެ ކޮއްކޮމެން އަވަސްވެގަތެވެ. މަރިޔަމް ނެގުމަށްފަހު މަޢުރީންއަށް ބަލައިލިއިރު ފެނުނީ ދޮންފޫޑުވެފައިވާ މޫނެކެވެ. ވަށްވެފައިވާ ދެ ލޮލެވެ. ތަންމިނަށް ހުޅުވިފައިވާ އަނގައެވެ. ސަހަރޯއެވެ. މަޢުރީންއަށް އެވަނީ ކިހިނެއްބާވައެވެ؟

އޭރުވެސް މަޢުރީން ހަޅޭއްލަވަމުން ގެންދިޔައީ ފިރިހެން އަޑަކުންނެވެ. އެއީ ބިރުވެރި، ބަރު ފިރިހެން އަޑެކެވެ.

މަޢުރީންގެ އަތުގެ ހަންގަނޑާއި މަސްގަނޑަށް ވެފައިހުރި ވާންކަމެއްގެ ސަބަބުން ހަންގަނޑާއި މަސްގަނޑު ފަޅައިގެންދާން ފަށައިފިއެވެ. މަޢުރީންގެ ގަޔަށް އަރާފައިވާ ގަދަ ބާރުވެރިކަމާއެކު އާހިލްގެ މޭމަތީގައި އަތްއަޅާފައި ކޮއްޕައި ގަންނަވައިލައިފިއެވެ. އިދުރީސްގެ ނިތުގައި މަޢުރީންގެ އަތްއަޅާފައި އިދުރީސްވެސް ގަންނަވައިލައިފިއެވެ. ނަމަވެސް އިދުރީސްގެ ކިޔެވެލި ހުއްޓައެއް ނުލައެވެ. އިދުރީސް ގަންނަވައިލުމަށްފަހު މަޢުރީންގެ ހަށިގަނޑު ކުރުގަޅުވައިލިއެވެ. ރޮމުން، ހޭރެމުން ހަޅޭއްލަމުންނެވެ.

އެއަށްފަހު އަނެއްކާވެސް ބީރައްޓެހި، ފިރިހެން އަޑުން ހަޅޭއްލަވަން ފެށިއެވެ.

“ހުއްޓާލާ! ހުއްޓާ….. ހުއްޓާލާ… ކުއްތާ… ނަގޫބަ…… ހުއްޓާލާ!”

***~~~***

ޗެޕްޓަރ 22 – އިންޒާރު

“ކޮބާ މަގޭ ދަރިފުޅު؟ ….. ކޮބާހޭ މަގޭ ދަރިފުޅު؟” ދެ އުކުޅުގައި އަތްވިދެލައި ދަތްކުނޑި ވިކައިލަމުން ސަލްމާ އޭނާގެ ފިރިމީހާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

ސަމަދު ކިޔަން އިން ނޫސްކަރުދާހުން ލޯ ކަސިޔާރުކޮށްލިއެވެ. ރުޅިއައިސް ރަތްވެފައި ހުރި އޭނާގެ އަނބިމީހާއަށް ބަލައިލިއެވެ.

“މަށާ ދިމާއަށް ތި ވައްތަރަށް ތި ބަލަނީ ކިހިނެއްވީ؟ އަހަރެން މި އަހަނީ މަގޭ ދަރިފުޅު ކޮބާހޭ! އޭނާ ނެތޭ ކޮޓަރިއަކުވެސް، އަހަރެން ބާޒާރަށް ދިޔައީ އޭނަ އެތަނުގަ ބާއްވާފައެއްނު!”

“ތި ކަމަކާ އެހާ ކަންބޮޑުވެގެން ކަލޭ ތި އުޅެނީ ކީއްވެޔޯ؟” ޖެއްސުމުގެ ރާގަކަށް ސަމަދު ޖަވާބުދިނީ ސުވާލަކުންނެވެ.

“އެއީކީ ކުޑަކުއްޖެއް ނޫނެއްނު. އޭނާ ބޭނުން ތާކަށް ދާވަރުގެ މީހެއްނު އެއީ. ދެން ތީ ކޮންކަމެއް؟” އަނެއްކާވެސް ސަމަދު ބުންޏެވެ.

“އެކުއްޖާ ފަކީރު ގަޔަކު އެއްވެސް ވަރެއްނެތޭ އަދިވެސް!” ސަލްމާ ހަޅޭއްލަވައިގަންނަމުން އެތަނުން ނުކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ކޮޓަރި ތެރޭގައި ދެކޮޅަށް ބާރު ބާރަށް ސަލްމާ ހިނގަން ފެށިއެވެ. އަތުގެ ނިޔަފަތިތައް ކަމުން ދެފަރާތަށް ބޯ ހަލުވަމުންނެވެ. ކަންތައްތައް ހިނގަމުންދަނީ އޭނާ ރޭވިގޮތަކަށް ނޫނެވެ. ސަލްމާގެ ދަރިފުޅު އެ ދިޔައީ އޭނާގެ އަތްނބެކޭ އެކިޔާ ކުއްޖާއާ ބައްދަލުކުރުމަށް ނޫންކަމަށް ވުމަށް އޭނާ އުއްމީދުކުރެއެވެ.

އޭނާ ދެން ކަންތައް ކުރާނީ ކިހިނެއްބާވައެވެ؟

***~~~***

ބޭންކް ތެރެއަށް ވަދެ ވަށައިގެން ހޯދާ ބަލައިލީ ހުސް ގޮނޑިއެއް ފެނޭތޯ އެވެ. އިލްޔާސް ބޭންކަށް ދިޔައީ އޭނާގެ އޭޓީއެމް ކާޑުގައި ކޮންމެވެސް މައްސަލައެއް ޖެހިގެން އެކަން ހައްލުނުވެގެންނެވެ. މިފަދަ ދަނޑިވަޅެއްގައި ކާޑުގެ ބޭނުން ނުކުރެވުން އެއީ އެތަކެއް ތަކުލީފެއް ޖެހޭނެ ކަމަކަށް ވާނެތީއެވެ. ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހޭނީ މިއަދު ނުވަތަ މާދަމާ ނޫންކަމެއްވެސް ނޭނގެއެވެ.

މަޢުރީންމެންގެ ދެމައިންގެ ކަންތަކުގެ ޚިޔާލު ހިތަށް ވަނުމުން އޭނާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އެކަަންތައް ގަނޑު އެއީ ހިނގުމަށް ވުރެން ނުހިނގުން ގާތް ކަމެއް ކަމަށް އޭނާގެ ސިކުނޑި ބުނަމުން ދިޔަ އެވެ. ނުލާހިކު ހަމަޖެހިގެން އުފަލުގައި ކަޑައްތުކުރަމުން ދިޔަ އޭނާގެ ދިރިއުޅުން އިސާހިތަކުން މިވަނީ އެފުށްމިފުށަށް ޖެހިފައެވެ. ކަންތަައްތައް ހިނގާފައިވާ ގޮތުން ދެން ކަންކަން ހައްލުކުރުމަށް ފަށާނެ ހިސާބެއްވެސް އިލްޔާސްގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

ތުއްތު ކުއްޖަކު ރޮއެރޮއެ ވަރުބަލިވެގެން ރުއިން ހުއްޓައިލުމަށް އަމިއްލައަށް މަސައްކަތްކުރާއިރު އެކުއްޖާ އުކުނޑިކޮއްޓާގޮތް ވާ ކަހަލަ ގޮތެއް އިލްޔާސަށް ވެސް ވާން ފަށައިފިއެވެ. އެފަދަ އުކުނޑިކޮއްޓުމެއްގެ އިހްސާސްކުރެވޭހެން ހީވާން ފަށައިފިއެވެ. ތުއްތު ކުއްޖަކު ރޯ ގޮތަށް އޭނާއަށް ނުރޮވުނަސް، އޭނާގެ މުޅި ރޫހަށް ލިބެމުންދިޔަ ތަދާއި ވޭނަށް ކެތްކުރެވެނީކީ ނޫނެވެ. ގޮތް ހުސްވެއްޖެ އެވެ. ލިބުނު ފުން ހިތާމައިގެ ސަބަބުން ނުފިލާ ތަދެއް އޭނާގެ މޭގައި ހަރުލައިފި އެވެ.

ފުން ނޭވައެއް ދޫކޮށްލުމަށްފަހު، އޭނާގެ ކިޔޫ ނަންބަރަށް ބަލައިލިއެވެ. އޭރު އޭނާގެ ނަންބަރާ ޖެހިއްޖެއެވެ. އަވަސް އަވަހަށް ގޮސް ބޭންކުން ޚިދުމަތްދޭ ކޮށިގަނޑު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންދެއްޖެ އެވެ.

“އައްސަލާމު ޢަލައިކުމް…… ކިހިނެއްތޯ ވީ؟” ޚިދުމަތްދޭން އިން އަންހެންކުއްޖާގެ މޫނަށް ހިތްގައިމު ހިނިތުންވުމެއް ވެރިކޮށްލަމުން ސުވާލުކޮށްލި އެވެ.

އިލްޔާސްގެ ކާޑަށް ޖެހިފައިވާ މައްސަލަ ކިޔައިދިނުމަށްފަހު އެކުއްޖާއަށް ކާޑު ދިއްކޮށްލިއެވެ. އެއަށްފަހު އޭނާގެ އައިޑީ ނަންބަރުވެސް ބުނެލިއެވެ. އެކުއްޖާގެ ކޮމްޕިއުޓަރުގައި އެއްޗެއް ޓައިޕްކޮށްލަމުން މަޑުކޮށްލުމަށް އިލްޔާސް ގާތު އެދުނެވެ.

އެވަގުތު އަނެއްކާވެސް ވަށައިގެން ބަލަން ފެށިއެވެ. އިލްޔާސް ބޭނުންވީ އޭނާގެ ސިކުނޑިއަށް ޖަމާވަމުންދާ ގިލަންވެރި ޚިޔާލުތަކުން ދުރަށް ދިއުމަށެވެ.

އިލްޔާސްއާ ޖެހިގެން އަނެއް ފަރާތުގުގައި ހުރި ގޮނޑީގައި އަންހެން ކަސްޓަމަރެއް އިނެވެ. ހިފިނުހުރެވިގެން އުޅޭ ޒާތަކަށް ދެ ފަރާތަށް އެ ކުއްޖާ ހެލުވެމުންދިޔަ އިރު ހީވަނީ ގައިގައި ކޮންމެވެސް އެއްޗެއް ހަފާތީ އުޅޭހެންނެވެ. ރަތްކުލައިގެ ލިޕްސްޓިކް ބޯކޮށް ޖައްސާލާފައި ހުރި ދެ ތުންފަތް ހަލުވަމުން ދިޔައިރު ހީވަނީ އަމިއްލަ ނަފުސަށް އިވޭވަރަށް ކޮންމެވެސް އެއްޗެއް ކިޔަމުންދިޔަހެންނެވެ. އެކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނުކަން އެނގުމުން އަވަސްއަވަށް އަނެއް ފަރާތަށް އިލްޔާސްގެ މޫނު އަނބުރައިލިއެވެ. އެ ކުއްޖާއާ ދިމާއަށް ބަލާކަން ފާހަގަކުރެވޭކަށް އިލްޔާސް ބޭނުމެއްނުވި އެވެ.

އެކުއްޖާގެ ހަށިގަނޑަށް އަރަމުންދިޔަ ލޮޅުން އިތުރަށް ގަދަވަމުން އަންނަކަން އިލްޔާސަށް ފާހަގަކުރެވުނީ ދެނެވެ. އޭނާގެ އަނގައިން ބޭރުވަމުންދިޔަ އާދަޔާޚިލާފު އަޑުތައް ބިރުވެރިވެފައި އަހައިލަން އުނދަގޫވާން ފެށިއެވެ. މިވަގުތު އިލްޔާސް ހުރި ހިސާބެއްގައިވެސް އެއްވެސް އާދަޔާޚިލާފު މީހެއް ހުރުމަކަށް އޭނާ ބޭނުމެއްނުވެއެވެ. މިހާރުވެސް އޭނާގެ ވަށައިގެން އެތަކެއް ކަންތައްތަކެއް އެބަހުއްޓެވެ. އެހެންކަމުން ބޭންކް ތެރޭގައި ހުރި ސެކިއުރިޓީ ގާޑަކަށް އޭނާގެ އަތުން އިޝާރާތްކޮށް އެ އަންހެންކުއްޖާ ދައްކައިފިއެވެ.

އެވަގުތު ހަމަ ކުއްލިއަކަށް އިލްޔާސްގެ ފުރަގަހުން ކޮންމެވެސް މީހަކު އޭނާގެ ބުރަކަށީގައި އަތްޖައްސާލައިފި އެވެ. އޭނާއަށް ލިބުނު ސިހުމުގައި ފަސްއެނބުރި ބަލައިލާކަށްވެސް ނުކެރުނެވެ. ފަހަރުގައި އެއީ އޭނާ ކައިރީގައި އިން މޮޔަ އަންްހެންކުއްޖާ ކަމަށްވެސް ވެދާނޭ އިލްޔާސްގެ ހިތަށްއެރީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށްވެސް ނުވިސްނުނެވެ.

“ބައްލަވާ، ބޭބެގެ އައިޑީ ކާޑުގެ ކޮޕީއެއް ނަގަން ކާޑު އެބަ ބޭނުންވޭ.” އިލްޔާސްގެ ކޮނޑުގައި އަތްޖައްސާލީ ބޭންކްގެ ކޮށިގަނޑުގެ އެތެރެފަރާތުން ބޭރަށް ނުކުތް އެތަނުގެ މުވައްޒަފެކެވެ.

އެވަގުތު އިލްޔާސަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ނޭވާލާންވެސް ނޭނގިފައި އިނދެވުނުކަން އިހްސާސްވީވެސް އެހިސާބުންނެވެ.

“އެއްޗެއް ބުނުމުގެކުރިން ކޮންމެހެން ޖެހޭތޯ އަޅުގަނޑުގެ ގައިގަ އަތްލަން؟” ކައިރީގައި ހުރި މުވައްޒަފަށް ބަލައިލަމުން އިލްޔާސްގެ އަޑަށް ބާރުލާފައި ބުނެލެވުނެވެ.

“ބޭބޭ.. އަަޅުގަނޑަށް މަޢާފުކުރައްވާ… އެއްވެސް ހާލަތެއްގަ ބޭބެ ހިތްހަމަނުޖެހޭނެ ކަމަށް އަޅުގަނޑު ހިއެއްނުކުރަން،” އައިޑީ ކާޑުގައި ހިފަމުން އެމީހާ މަޢާފަށްއެދުމާއެކު ހިނގައިގަތެވެ.

އޭރު އިލްޔާސްގެ ނިތްކުރީގައި ހިއްލާފައިހުރި އޮށްދާތައް އޮހެންފެށި އެވެ. އަޖައިބެކެވެ. އެއްވެސް ކަމަކުން ކަމަކާ ނުލައި އޭނާ އެ ބިރުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ކޮން ކަމަކާ ހެއްޔެވެ؟ ގެއްލުމެއްވުމުގެ ކުރިން ހަމަޖެހުމަށް އަމިއްލަ ނަފުސަށް އޭނާ ވިސްނައިދޭންފެށި އެވެ. ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުމުން އޭނާގެ އަނެއް ފަރާތުގައި އިން އަންހެންކުއްޖާއަށް ބަލައިލެވުނެވެ. އޭރު އެ ކުއްޖާ މަޑުމައިތިކަމާއެކު އިނީ އޭނާއަށް ޚިދުމަތްދޭން އިން މުވައްޒަފާ ކޮންމެވެސް ވާހަކައެއް ދައްކާށެވެ. އެކުއްޖާއަށް މީގެ އިރުކޮޅެއް ކުރީން ކަމެއް ވިއޭވެސް ހީނުވާ ކަހަލައެވެ.

ނަމަވެސް މިހާރު އެކުއްޖާގެ ސީދާ ނަޒަރު އަމާޒުވެފައިވަނީ އިލްޔާސަށެވެ. އެ މޫނުގައި ދަންނަ ގޮތެއް ހުރިކަން އިލްޔާސަށް ފާހަގަކުރެވުނީ އެވަގުތު އެވެ. މޭކަޕްކޮށްފައި ހުރިލެއް ބޮޑުކަމުން އެއީ ކާކުކަން ދެނެގަންނާން އިލްޔާސަށް ނޭނގުނަސް، އެކުއްޖާގެ ލޮލުގައި އާދަޔާޚިލާފު ވިދުވަރެއް ހުރިކަން ފާހަގަކުރެވުނެވެ.

އިލްޔާސްގެ މޫނު އަނެއް ފަރާތަށް އަނބުރައިލަމުން ދުއާތައް ކިޔަން ފެށިއެވެ. އޭނާގެ ހިތަށްވެރިވި ބިރުވެރިކަން އިންތިހާއަށް އިތުރުވާން ފެށުމުންނެވެ. އޭނާއަށް ވާނެ ނަމަ އެތަނުގައި އެންމެ ހިނދުކޮޅަކުވެސް މަޑެއް ނުކުރާނެ އެވެ. ދުއާތައް ކިޔަމުން އޭނާގެ ތުރުތުރުލަމުން ދިޔަ އަތް ކޮންޓްރޯލްކުރެވޭތޯ މަސައްކަތްކުރަން ފެށިއެވެ.

އަދިވެސް އެކުއްޖާގެ ތޫނު ބެލުން އަމާޒުވެފައިވާކަން އިލްޔާސަށް އިހްސާސްކުރެވުނެވެ. އެ ބެލުމުގައި ހުރި ޖާދޫއެއްގެ ސަބަބުން އިލްޔާސްގެ ނަޒަރު އެކުއްޖާއަށް އަމާޒުކުރުމަށް މަޖުބޫރުކުރުވަމުން އަންނަ ކަހަލައެވެ. ނަމަވެސް އިލްޔާސްގެ ނަފުސުގެ މައްޗަށް ބާރުފޯރުވިއެވެ. އިލްޔާސަށް ޚިދުމަތްދޭން އިން އަންހެން މީހާއާ ދިމާއަށް ބަލަން ފެށީ އެކުއްޖާއަށް ނުބެލުމަށެވެ. ނަމަވެސް އިލްޔާސަށް އާދަޔާޚިލާފު ނުތަނަވަސްކަމެއް އިހްސާސްކުރެވެން ފެށިއެވެ. ބޮލުގައި ރިއްސަން ފަށައިފައިވާއިރު، އޭނާ ގައިން އޮށްދާ ހިއްލަންވެސް ފަށައިފިއެވެ.

މިވަގުތު އޭނާ ހަމައެކަނި ބޭނުންވަނީ ބޭންކުން ނުކުމެގެން ދާށެވެ.

ކާޑަށް ކުރިމަތިވެގެން އުޅުނު މައްސަލަ ހައްލުކޮށްދިނުމަށްފަހު، އިލްޔާސަށް ހިނިތުންވެލަމުން އަލްވަދާޢުކިޔުމަށް ބޭންކްގެ މުއްޒަފު އަނގަ ހުޅުވައިލިއެވެ. ނަމަވެސް ހަމަ އެވަގުތު އަވަސްއަވަހަށް އިލްޔާސް ތެދުވެ ބޭރަށް ހިނގައިގެންފިއެވެ.

އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އާއިލާއާ ހަމައަށް ވާސިލްވާށެވެ. އޭނާގެ އެތެރެހަށި ތުރުތުރުއަޅަމުން ދިޔައީ އެނބުރޭ ވައިރޯޅިއެއްގައި ޖެހިފައިވާ ފަތްތަކެއް ފަދައިންނެވެ.

އެއްގޮތަކަށްވެސް ކަންތައްތައް ރަނގަޅު ނޫންކަން ހަމަ ގައިމެވެ.

ހަމަ އެވަގުތު އޭނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. އެއީ އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު ސުއާދުގެ ކޯލެކެވެ. ފޯނު ނެގުމާއިއެކު އިވެންފެށީ ސުއާދުގެ ރުއިމުގެ އަޑެވެ. އެވަގުތު އިލްޔާސްގެ ހިތް އިތުރަށް ފުނޑުފުނޑުވެގެން ދިޔައެވެ.

“ބައްޕާ…. ކޮބާ ބައްޕަ…. ކޮންތަނެއްގަ ތި ހުރީ؟ ޕްލީޒް ނިކަން އަވަހަށް އާދެބަލަ….”

“ދަރިފުޅޫ….. ކިހިނެއްވީ؟” ދަރިފުޅުގެ އަޑު ހުރިގޮތުން އިލްޔާސްގެ ސިކުނޑި ވިސްނައިދެމުން ދިޔައީ އެންމެ ގޯސްކޮށެވެ.

“މަޢުރީން މާ ގޯސްވީތަ؟ މަންމަ ކިހިނެއް؟”

ސުއާދު އެއްވެސް ޖަވާބެއް ނުދެއެވެ. އިވެމުން ދިޔައީ އެކުއްޖާފުޅުގެ ރުއިމުގެ އަޑެވެ.

“ބައްޕަ ހަމަ މިހާރު މިދަނީ އިނގޭ…. ދަރިފުޅު ހިތްވަރުގަދަކުރާތި… ބައްޕަ ހަމަ މިހާރު މިދަނީ…”

ކޯލު ކަނޑައިލަމުން، ކާރުގެ ދޮރުހުޅުވުމަށް ތަޅުދަނޑި ނަގަަމުން ކާރާ ދިމާއަަށް ހިނގައިގަތެވެ. ހަމަ އެވަގުތު އޭނާގެ ފުރަގަހުގައި ކޮންމެވެސް މީހެއް ހުރިކަމުގެ އިހްސާސެއް ކުރެވުނެވެ.

އޭނާ ކުއްލިއަކަށް ފަހަތަށް އެނބުރުނެވެ. އެހިނދު، އޭނާގެ ފުރަގަހުގައި ހުއްޓި ހުރީ ބޭންކުން ދުށް ކުއްޖާއެވެ. ކޮންމެވެސް ހިތްހަމަނުޖެހުމެއްގައި ހުރި ކުއްޖާއެވެ. ބުއްދި ހަމަނުޖެހޭ އެ އަންހެންކުއްޖާއެވެ.

އެ އަންހެންކުއްޖާގެ ނުރައްކާތެރި ބެލުމުގެ ސަބަބުން އިލްޔާސްގެ ގަޔަށް ހީރޯޅިއަރައިގެން ދިޔައެވެ.

“އެމީހުން ކައިރީ ބުނޭ ހުއްޓާލާށޭ!” އެ ކުއްޖާގެ އަތުން އިލްޔާސްގެ ގަމީހުގައި ހިފައި ދަމައިގަންނަމުން ހަޅޭއްލަވައިގަތެވެ. އާދަޔާޚިލާފު ގޮތަކަށް ދެ ފަރާތަށް ބޯހޫރަމުން އަނެއްކާވެސް އޭނާގެ ބުނުން ތަކުރާރުކޮށްލިއެވެ.

“އަޢޫޛުބިﷲ! އަހަރެން ކައިރިން ދުރަށްދޭ!!” އިލްޔާސް ހަޅޭއްލަވާލަމުން، ކާރަށް އަރަން މަސައްކަތް ކުރަމުން އެ އަންހެން ކުއްޖާ ދުރަށް ކޮށްޕާލިއެވެ.

ބޯގޮވާފައި ހުރި މީހެއް ފަދައިން އަވަސް އަވަހަށް ކާރު ސްޓާޓްކޮށް، ކާރު ފަހަތަށް ޖަހައި ދުއްވައިލިއެވެ. ސެކިއުރިޓީގައި ހުރި މީހާ ލަވަމުން ދިޔަ ހަޅޭކަށްވެސް ސަމާލުކަމެއް ނުދީއެވެ. އޭނާގެ ފަހަތުން ޝައިޠާނެއް އަންނަނީ އޭ އޭނާއަށް ހީވާ ކަހަލައެވެ.

ހީވަނީކީ ނޫނެވެ. ޝައިތާނެއް އޭނާގެ ފަހަތުން އަޅުލައިފިކަން ހަމަ ޔަޤީނެވެ.

ފަހަތުން އަޅުވާލާފައިވާ ޝައިޠާނާ ދެފަރާތަށް ހޫރެމުން ބާރު ސްޕީޑްގައި އިލްޔާސްގެ ކާރުގެ ފަހަތުން އައިއިރު ހީވަނީ ފުރޮޅީ ބޫޓެއްގައި މީހަކު އަންނަހެންނެވެ. އޭނާގެ އަނގައިން އޭރުވެސް އާދަޔާޚިލާފު ބިރުވެރި އަޑެއް ލައްވަމުން ދެއެވެ.

އިލްޔާސް ކިޔަމުން ދިޔަ ދުޢާތައް ކިޔަމުން ދިޔަ ރާގު ބަދަލުކޮށްލުމާއެކު އެ ކުއްޖާ މަޑުމައިތިރިވެއްޖެއެވެ. ކުރިން ހޫރެމުން ދިޔަ ހޫރުން ހުއްޓިއްޖެއެވެ. އަނގައިން ބޭރުކުރަމުން ދިޔަ ބިރުވެރި އަޑު ކެނޑިއްޖެވެ.

މިހާރު، އެ އަންހެންކުއްޖާ މަޑުމަޑުން ރޮނީއެވެ.

***~~~***

ޗެޕްޓަރ 23 – އަމާންކަމަށް؟

އަތުގައި ހިފަހައްޓާލައިގެން މަޢުރީންގެ މަގަތުގައި ޝާއިލް އަށް އިނދެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގުމުން އެއްވެސް އެއްޗެއް ނުބުނެ އިނދެވުނީ ޝޮކެއްގެ ތެރޭގައެވެ.

ދެންމެ އޭނާއަށް ފެނުނު މަންޒަރަކީ އޭނާގެ މުޅި ހަޔާތުގައިވެސް ދުވަހަކު ފެނިފައިނުވާ، އަދި ދުވަހަކުވެސް އެކަހަލަ ކަމެއް ވެދާނެކަމަށް ހިތަށްވެސް ނާރާ މަންޒަރެކެވެ. މިކަން މިދިމާވީ ދުރު މީހަކަށް ނޫނެވެ. ޚުދު އޭނާގެ އަނބިމީހާއަށެވެ.

އޭނާގެ ސިކުނޑި ހަމަ ރަނގަޅަށްވެސް ވަނީ ހަލަބޮލިވެފައެވެ.

މަޢުރީން އޮތް ކޮޓަރީގައި އަޑުގަދަވާން ފެށުމުން އެތަނަށް އައި ނަރުސްކުއްޖާ ކައިރީގައި ކޮންމެވެސް ވާހަކަތަކެއް ދައްކަން އިދުރީހާއި މަރިޔަމް ތިބީ ކޮޓަރީގެ އެއްފަރާތެއްގައެވެ.

އޭރުވެސް މަޢުރީން އޮތް އެދުގެ ވަށައިގެން މަޢުރީންގެ ކޮއްކޮމެން ތިބެގެން ރޮނީއެވެ. އެކުދިންގެ ލޯ ވަނީ ދުޅަވެފައެވެ. ނޭފަތް ބެދިފައެވެ. އެކުދިން، އެއް ކުއްޖަކު އަނެއް ކުއްޖަކަށް އަދި އެމީހުންގެ ދައްތައަށް ހިތްވަރުދޭން މަސައްކަތް ކުރަމުންދިޔައެވެ.

ހަމަ އެހިނދު، އިލްޔާސް އެ ކޮޓަރިތެރެއަށް ވަދެއްޖެއެވެ.

“ބައްޕާ؟”

ބޯ އުފުލައިލަމުން ބަލިކަށި، މަޑުމަޑު އަޑަކުން މަޢުރީން ގޮވައިލިއެވެ.

އިލްޔާސްއަށް ހީވީ އޭނާގެ ހިތް މޭގެ ތެރެއިން ކުއްލިއަކަށް ދަމައިގަނެފައި އަލުން އެތަނަށް ގަންނުވައިލި ހެންނެވެ.

އިލްޔާސްގެ އަންހެނުން އޭނާއާމެދު ކަންތައް ކުރި ގޮތުން ހަމަ ރަނގަޅަށްވެސް އިލްޔާސް އެހުރީ ރުޅިގަދަވެފަ އެވެ.

އޭނާއާ މެދު އެކަންޏެއް ނޫނެވެ. އެމީހުން އެންމެނާ މެދުގައެވެ.

ވަރުބަލިވެ ހަކަތަ ހުސްވެފައި އެ އެނދުގައި އެއޮތީ ކޮންމެ ގޮތެއް ވިޔަސް އިއްޔެއާ ހަމައަށްވެސް އިލްޔާސްގެ އުފަން ދަރިއެއްހެން ބަލައިބޮޑުކުރި އޭނާގެ ދަރިފުޅެވެ. ކަރުނައިން ދެލޯ ފުރިފައިވާ މަޢުރީންއާ ދިމާއަށް އިލްޔާސް ހިނގައިގަތީ އަމިއްލަ ހިތުތެރޭގައި އިޤުރާރެއްވަމުންނެވެ.

ޑީއެންއޭ ޓެސްޓެއްގެ ނަތީޖާ ކޮންމެ ފަދަ ގޮތަކަށް ލިބުނަސް ހެވެވެ. އަބަދުވެސް މަޢުރީން ވާނީ އޭނާ އެންމެ ލޯބިވާ އޭނާގެ ދެލޯފަދަ ދަރިއަކަށެވެ.

މަޢުރީންގެ ގާތަށް ގޮސް މަޑުކޮށްލުމާއެކު އެ މައުސޫމު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލައިދިނެވެ.

“ދަރިފުޅޫ…. ކޮންކަމެއް ދަރިފުޅު ބޭނުންވަނީ؟” އިންތިހާ ލޯތްބާއެކު އިލްޔާސް ވާހަކަދެއްކީ ތުއްތު ކުއްޖަކާ ވާހަކަދައްކާފަދަ ގޮތަކަށެވެ.

މަޢުރީންއަށް ހެވިއްޖެއެވެ.

“އަހަރެން ބޭނުމީ ގެއަށް ދާން.” މަޢުރީން ވެސް ޖަވާބުދިނީ ކުޑަކުއްޖަކު ޝަކުވާކުރާ ރާގުގައެވެ.

“އެކަލާނގެ ވާގިފުޅާ ރަޙުމަތުގެ ސަބަބުން ގެއަށް ދެވޭގޮތް ވެއްޖޭ ދަރިފުޅާ….. އަލްޙަމްދުލިﷲ”

***~~~***

މިއަދު ޒަހްރާގެ މަންމަ ހާޖަރާ ހޮސްޕިޓަލުން ދޫކޮށްލާތީ ގެއަށްދިއުމަށް ތައްޔާރީތައްވަމުން ދަނީއެވެ. ޒަހުރާގެ އަނގައިން އެއްވެސް ބަހެއްނުބުނެ މަޑުމަޑުން ކޮތަޅުތަކަށް އެއްޗެހިތައް އަޅަމުންދިޔައެވެ. ހޮސްޕިޓަލުގައި އިނދެއިނދެ ޒަހުރާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. އޭނާގެ މަންމައާ ދިމާއަށް އެންމެ ފަހަރަކު ނަމަވެސް ބަލައިލުމަށް އޭނާ ބޭނުންނުވާ ކަހަލައެވެ.

މި މަންޒަރު ފެނިފައި ހާޖަރާ އިނީ ހަމަ ރަނގަޅަށްވެސް ބިރުގެންފައެވެ.

އެކުދިންގެ ބައްޕަ އެކުދިންގެ ގާތުގައި ހާޖަރާގެ މާޒީގެ ސަފުހާތައް ހުޅުވައިލީ ނޫންބާވައެވެ. އޭނާގެ ނާސި ދިރިއުޅުމުގެ މާޒީ ހުޅުވައިލީ ނޫންބާވައެވެ؟

މިހެން ހިތަށްއެރުމާއެކު އޭނާގެ ދެލޯ ކަރުނައިން ފުރިބާރުވެއްޖެއެވެ. އޭނާގެ ހަޤީޤަތް އެކުދިންނަށް އެނގިއްޖެ ނަމަ ކުރިން އެމީހުން އުޅުނު އުފާވެރި ދިރިއުޅުން ނޫޅެވޭނެކަން ހަމަ ރަނގަޅަށްވެސް އޭނާއަށް ތަޞައްވަރުކުރެވެއެވެ.

އިލްޔާސް އޭނާ ވަރިކޮށްލާނެބާވައެވެ؟

މިހެން ހިތަށްއެރުމާއެކު އޭނާގެ ބަލިކަށި ހިތުން ނުރޫޅި ހުރި ތަންކޮޅުވެސް ރޫޅުނު ކަހަލައެވެ.

އޭނާ ވަރިކޮށްފި ނަމަ ބޭރަށް ނުކުމެ އުޅެން އުނދަގޫވާނެކަން ގައިމެވެ. އަވައްޓެރިން އޭނާއަށް ފުރައްސާރަކޮށް މަލާމާތްކުރާނެކަން މިހާރުވެސް ކަށަވަރާ ގާތަށް ބުނަން އެނގެއެވެ.

އޭނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ހައްދަވައި ގެންގުޅުއްވާ އިލާހުގެ މަދަދަށް އެދި ދުޢާކުރުން ނޫން އެހެން ދެވަނަ އެއްވެސް ގޮތެއް އޭނާއަކަށް ނެތެވެ.

‘ޔާﷲ، މި އަޅާއަށް ކުރެވިފައިވާ ކުށްފާފަތަކަށް ޢަފޫކޮށްދެއްވައި، ކުރިމަތިވެފައިވާ ކަންތައްގަނޑުން އަރައިގަތުމަށް ކެތްތެރިކަމާ ޢާފިޔަތު ދެއްވާނދޭވެ! އާމީން.’

ހޮސްޕިޓަލަށް ގެނައި ސާމާނުތައް ޕެކްކޮށް ނިމުމުން ޒަހްރާ އާއި އޭނާގެ މަންމަ ގެއަށް ދާންވީ ވަގުތުޖެހުނީއެވެ. މަންމަ ތައްޔާރުވެއްޖެތޯ ބަލައިލި ވަގުތު މަންމަގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަތަން ފެނުނެވެ.

“މަންމާ! ކިހިނެއްވީ؟ މަންމަގެ ތަނަކަށް ތަދުވަނީތަ؟ މަންމަގެ ގާތަށް ޖެހިލަމުން އަވަސް އަވަހަށް މަންމައާ ސުވާލުކޮށްލިއެވެ.

“މަންމައަށް ކަމެއް ނުވެޔޭ!” ހާޖަރާ ޖަވާބުދިނެވެ.

“ދަރިފުޅުވެސް ތި ހުންނަނީ ރޮވިފައެއްނު! ކިހިނެއްވީ؟ މަންމަ ދެކެ ރުޅިއައިސްފަތަ؟” ހާޖަރާ އޭނާގެ ދަރިފުޅު ކުރެން އަހައިލި އެވެ.

“ރުޅި އައިސްފަހޭ؟” މަންމަގެ ސުވާލުން ޒަހްރާއަށް ލިބުނީ ހަގީގަތުގައި ވެސް ހައިރާންކަމެވެ.

“މަންމަ ތިހުރީ ބަލިވެއެއްނު. އަހަރެން އެދެނީ މަންމަ އަވަހަށް ރަނގަޅުވުމަށް އަދި މައުއްތަ…” އޭނާ ބުނަން ފެށި ޖުމްލަ މެދުކަނޑައިލިއެވެ. އެކަމުން އޭނާގެ މަންމައަށް ލިބުނީ ހައިރާންކަމެކެވެ.

“މައުއްތައަށް ކިހިނެއްވީ؟ މަގޭ ދަރިފުޅަށް އަނެއްކާ ކަމެއްވީތަ؟

އޭނާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ޒަހުރާ ދައްކަން ފެށި ވާހަކަތައް ކުއްލިއަކަށް ހުއްޓައިލުމުން ހާޖަރާއަށް އޮޅުން ބޮޅުންވިއެވެ. ‘މައުއްތައަށް ވީކިހިނެއް ހެއްޔެވެ؟ އޭނާގެ މަޢުރީންއަށް ކަމެއް ވީނޫންބާވައެ؟’

ޒަހްރާ އޭނާގެ ތުންފަތުގައި ދަތްއެޅިއެވެ. މަޢުރީންގެ ޙާލަތު މަންމައަށް ކިޔައިދިނުމުން އެމީހުން ގަސްދުގައި ދުރުހެލިވަމުން ދިޔަކަން ހަނދާން ނައްތައިލެވުމުން ކުޑަކޮށް ހާސްވާގޮތް ވިއެވެ. އެމީހުން ނިންމައިގެން ތިބީ މަޢުރީންގެ ހާލަތު އެއްކޮށް ރަނގަޅުވުމުން މަންމައަށް އެކަން އަންގާށެވެ.

“މައުއްތަ އޯކޭއޭ. ކުޑަކޮށް ވަރުބަލިކަމެއް ހުއްޓަސް މިހާރު އޯކޭއޭ. ގެއަށް ދިޔައިމަ މައުއްތައާ ދިމާވާނޭ.” މަންމަ ހިތްހަމަޖައްސައިދިނުމަށް ޒަހްރާ ބުންޏެވެ.

ޒަހްރާގެ މަންމައަށް އަދިވެސް ހުރެވުނީ ވާނުވާގައެވެ. ޒަހްރާގެ މަންމަ އެނދުން ފޭބުމަށް އެހީތެރިވިއެވެ. ހޮސްޕިޓަލުން ނުކުމެގެން ގޮސް މަރިޔަމްގެ ކާރާއި ހަމައަށް މަންމަ ގެންގޮސްދިނީ ފުރުޅުލީ ގޮނޑިއެއްގައެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ޒަހްރާގެ ބައްޕަ. މަޢުރީން އާއި ދެން ތިބި ދަރިންކޮޅު ގޮވައިގެން ގެއަށް ގޮސްފައިކަން އާއިލީ ވައިބަރ ގްރޫޕުން ޒަހުރާއަށް އެނގުނެވެ. މަންމަ ގެއަށް ގެންދިއުމުގެ ޓާސްކް ހަވާލުކޮށްފައި ވަނީ ޒަހުރާ އާއި މަރިޔަމް އަށެވެ.

އެމީހުންގެ އިންތިޒާރުގައި އިން މަރިޔަމް ކާރުން ފޭބިއެވެ. ހާޖަރާ ކާރަށް އެރުވުމުގައި އެހީތެރިވުމަށެވެ. އަތުގައި ހުރި ކޮތަޅުތައް ކާރު ތެރެއަށް ލަމުން ޒަހްރާ ކާރަށް އެރިއެވެ.

މަރިޔަމް ކާރު ދުއްވައިލިއެވެ. ކާރުގެ ގޮނޑީގައި ހަމަޖެހިލަމުން ހާޖަރާ ވިސްނަން ފެށިއެވެ.

‘އަހަރެންގެ ހަޔާތްކުޑަކަމުގެ ވާހަކަތައް އަހަރެންގެ ދަރިންނަށް އިލްޔާސް ކިޔައިނުދޭނެބާ؟ އެކަމަކު… އެކަމަކު އެވަރުގެ ވާހަކައެއް ކިޔައިދީފާނެބާ؟ .. ފަހަރެއްގައި އިލްޔާސް އަހަންނަށް މާފުވެސް ކޮށްދީފާނެ!’ ހާޖަރާގެ ހިތަށް މިފަދަ ޚިޔާލުތައް ވެރިވަމުން ދިޔައެވެ. ފުން ނޭވައެއްދޫކޮށްލަމުން ދެލޯ މަރައިލާ ﷲއާ ވަކީލުކޮށްލި އެވެ.

***~~~***

ގެއަށް ވަދެވުމާއެކު ސިޓިންރޫމުގެ ސޯފާގައި މަޢުރީން އިށީންނިއެވެ. އޭނާއަށް ހޮސްޕިޓަލުން ދިން ބޭސްކޮތަޅާއި އިދުރީސް ދީފައި ހުރި ބައެއް ޝަރުޢީ ރުޤްޔާގެ ތަކެތި މޭޒުމަތީގައި ބަހައްޓަމުން ތެދުވިއެވެ. އޭނާ ބޭނުންވަނީ ކޮޓަރިއަށް ވަދެ ޖައްސައިލުމަށެވެ. އެމީހުން ގެއަށް ލާފައި ޝާއިލް ނުކުތީ އޭނާގެ ގެއަށް ދިއުމަށެވެ. ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެފައެވެ.

މަޢުރީން އޮށޯވެ އޮތް އެނދުގެ މަގަތުގައި އިލްޔާސް އިށީންދެ އިނީ މަޢުރީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މަޢުރީންއަށް ނިދެން ދެން އިލްޔާސް އެގޮތުގައި އިނެވެ.

އެމީހުން ހޮސްޕިޓަލުން ނުކުތުމުގެ ކުޑައިރުކޮޅެއް ކުރިން ހޮސްޕިޓަލުން އޭނާ މަޢުލޫމާތު ހޯދިއެވެ. ސިއްރިޔާތުގައި މަޢުރީންގެ ޑީއެންއޭ ޓެސްޓެއް ހެދިދާނެތޯ އަހައި އޮޅުންފިލުވިއެވެ. އިލްޔާސްއަކީ މަޢުރީންގެ ބައްޕަކަމަށް ލިޔެކިޔުންތަކުން ފެންނާތީ އެކަމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ބުނެ ދެބަފައިންގެ ސާމްޕަލް ނެގިއެވެ.

ނިދާފައި އޮތް މަޢުރީންއަށް ބަލަން އިން އިލްޔާސްގެ ހިތް ބާރަށް ތެޅެމުންދިޔަ އެވެ. ހިތާހިތާ ދުޢާކުރަމުން ދިޔައީ މަޢުރީންއަކީ އޭނާގެ ދަރިއެއްކަން ޑީއެންއޭ އިން ދެއްކެވުމަށް އެދެމުންނެވެ.

މަޢުރީންއަކީ އިލްޔާސްގެ ދަރިއަކަށް ނުވެއްޖެ ނަމަ އޭނާގެ އަނބިމީހާ ހާޖަރާއާ މެދު ކަންކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އަނބިމީހާ ކުރި ބޮޑުވެގެންވާ ކުށެއްގެ ސަބަބުން އިލްޔާސްގެ ހިތް ވަނީ ފަޅައިގެންގޮސް ކުދުކުދި ވެފައެވެ. ވީއިރު، އޭނާގެ އަނބިމީހާއަށް މާފު ކުރެވިދާނެ ހެއްޔެވެ؟

***~~~***

މަޢުރީންމެންގެ ގެއިން ބޭރަށް ނުކުތް އިރު އެގޭ ދޮރާށިދޮށުގައި ޝާއިލްގެ މަންމަ ހުރިތަން ފެނުމުން ހައިރާންވިއެވެ.

“މަންމަ، މަންމަ ކީއްވެ އެތެރެއަށް ނުވަދެ މިތާ ބޭރުގަ ތިހުރީ؟ މަޢުރީން އެބަ….”

“ޝާއިލް މިތަނުގަ ކީއްތިކުރަނީ؟” ޝާއިލް ބުނަމުން ދިޔަ ޖުމްލަ މެދުކަނޑައިލަމުން ރުންކުރު ރާގެއްގައި ސަލްމާ ސުވާލުކުރިއެވެ.

“މިއީ އަހަރެންގެ އަންހެނުންގެ ގެއޭ…. މަންމައަށް އެކަމެއް ނޭނގޭތަ؟” މަންމަގެ ރުންކުރުކަމާ ޝާއިލް ކުރިމަތިލީ ނިކަން ކެރިހުރެގެންނެވެ.

“އަންހެނުންނޭ؟” ނުލަފާ ވައްތަރަކަށް ހިނިގަނޑެއް ޖަހައިލަމުން ސަލްމާ ބުންޏެވެ. އޭރު އޭނާގެ ދެލޮލުން ހީވަނީ ހަމަ ދެންމެ ދެންމެ އަލިފާންކަނި ބުރާފާނެ ހެންނެވެ.

“އެއީ ސުންޕާ އަންހެން ކުއްޖެކޭ ޝާއިލޫ. ބަލަ ކަލެއަށް ނުފެނޭތަ އޭނައާ އޭނާގެ ކައިރީގަ އުޅޭ މީހުންނަށް ވަމުން އަންނަ ގޮތްގޮތެއް؟ ޚަބަރުދާރު!…. ނަމަނަމަ އެ ސުންޕާ އަންހެނާގެ ސަބަބުން އަހަރުމެންގެ އާއިލާއަށް ގެއްލުމެއް ލިބުނަނުދޭތި؟” ދަތްކުނޑި ވިކައިލަމުން ސަލްމާ އިންޒާރުދިނެވެ.

ޝާއިލް އަށް ހުރެވުނީއެވެ. އޭނާގެ މަންމައަށް ބަލަހައްޓައިގެން ހުރެވުނީ އޭނާގެ މަންމަ އެ ދެއްކި ވާހަކައެއް ދެއްކީ އެހެން ބަހަކުން ކަމަށް ހީވާކަހަލަ ޒާތަކަށެވެ. ޚުދު އޭނާގެ މަންމަގެ ދުލުން އެފަދަ ބަސްތަކެއް ބޭރުވެދާނެ ކަމަށް ޤަބޫލުކުރަން ދަތިވެފައި ނުހުރެވޭ ވަރެއްވެސް ނޫންތާ އެވެ.

“މަންމާ، އަހަރެން މިދަނީ ގެއަށް ދާން.” އޭނާގެ މަންމަ ފަސްދީ ހިނގައިގަންނަމުން ޝާއިލް ބުންޏެވެ. އެވަގުތު ސަލްމާ އޭނާގެ ފަހަތުން ދުއްވައިގަތެވެ. ދެން ކަންކުރާނެ މޮޅު ގޮތެއް ވިސްނަމުންނެވެ.

  • އިލްޔާސް އޭނާގެ އަނބިމީހާ ހާޖަރާއަށް މަޢާފުކޮށްފާނެބާ؟
  • ހާޖަރާއަށް މަޢާފުކުރަން ޖެހޭބާ؟
  • މަޢުރީން އަކީ އިލްޔާސްގެ ބަޔޮލޮޖިކަލް ދަރިއެއްބާ؟
  • ޝާއިލްގެ މަންމަ އެ އުޅެނީ ކޮންފަދަ ކަންތައްގަނޑެއްގަބާ؟

ސީޒަން 01 ނިމުނީ

ސީޒަން 02އަށް އިންތިޒާރުކޮށްލައްވާ!

ބަސްކޮށާރު:-

އަދަރާދަގޮނޑި – އިށީންނަން ހަދާފައި ހުންނަ މަޝްހޫރު ގޮނޑިއެއް. މި ގޮނޑީގައި ދެއަތް ބާއްވަން އަތްގަނޑު ލާފަޔާއި އަތްގަނޑު ނުލައިހުރެއެވެ. މިކަހަލަ ގޮނޑީގައި ލެގޭ އަތްގަނޑު ހުންނާނެ އެވެ. (ބަސްފޮތް)

ކަދޫ – ފުފޫ ފާޑުގެ ތަރުކާރީއެއް، މި އަޅަނީ ވެލެއްގައެވެ. މި ހަރުވީމާ ތޮށިގަނޑުވެސް ހަރުވާނެ އެވެ. (ބަސްފޮތް)،

އިގިރޭސި ނަން : Bottle gourd / Calabash

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.