މާލޭގެ ސޯސަންމަގުގައި ހުންނަ މަޝްހޫރު ޓޭކްއަވޭ އަދި ޑައިންކޮށްލެވޭ ކެފޭއެކެވެ. އާއްމުކޮށް އެތަނަށް ވަދެ ކެއުމަށް އިންސާފުކޮށްލަނީ އެތަނުގެ ރަހަތައް މީރުވެފައި، ލަސްތަކެއް ނުވެ އޯޑަރުކޮށްލާ ކާނާ ލިބޭތީއެވެ. ތަފާތު އެއްޗެއް ޓްރައިކޮށްލުމަށް ސައިޑް ޑިޝްއަކަށް އެދުވަހު އަހަރެން ނެގީ “ބްލެކް ޕެޕަރ ޗިކަން” އެވެ.

ފިޠުރު ޢީދުގެ ތަހުނިޔާ އަރިސްކުރަމުން މިއަދު މި ގެނެސްދެނީ “ގާލިކް ބްލެކް ޕެޕަރ ޗިކަން” ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ ގުލޫޓަން ފްރީކޮށް “ބްލެކް ޕެޕަރ ޗިކަން” ތައްޔާރުކޮށްލެވިދާނެ ފަސޭހަ ގޮތެކެވެ.

ބޭނުންވާނެ ތަކެތި

500 ގްރާމް ކުކުޅު ބްރެސްޓްސް ނުވަތަ ފައި 1/4 އިންޗިއަށް ކުދިކޮށް ކޮށާފައި

ލޮނު

އަސޭމިރުސް

1.5 މޭޒުމަތީސަމުސާ ބަޓަރު

މަރިނޭޑް ނުވަތަ ކަމީރުކުރުމަށް ބޭނުންވާ ބްލެކް ޕެޕަރ ސޯސް ތައްޔާރުކުރާނެ ތަކެތި

3 މޭޒުމަތީސަމުސާ އޮއިސްޓަރ ސޯސް

2 މޭޒުމަތީސަމުސާ ސޯޔާ ސޯސް

0.5 މޭޒުމަތީސަމުސާ އަސޭމިރުސް

1.5 މޭޒުމަތީސަމުސާ ލޮނުމެދު (ގާނާފައި)

2 މޭޒުމަތީސަމުސާ މާމުއި

2.5 މޭޒުމަތީސަމުސާ ޓޮމާޓޯ ކެޗަޕް

ތައްޔާރުކުރާނެ ގޮތް

1. ކުކުޅު މަހުގެ ދެފަރާތުގައި ލޮނާއި އަސޭމިރުސް ރަނގަޅަށް އުނގުޅާލައި ކަމީރުކޮށްލަން ބައްހައްޓާށެވެ.

2. ތަވަޔަށް ތެޔޮ އަޅާފައި، މަޑު ގިނީގައި ބަހައްޓައި ތެޔޮ ހޫނު ވުމުން، ކުކުޅު މަސް އަޅާލައި 2-3 މިނެޓް ވަންދެން ނުވަތަ ހަން ރަނގަޅަށް ރަތްވެ މުރަނަވަންދެން ތެލުލާށެވެ.

3. ތަށްޓެއްގައި އަސޭމިރުސް، ލޮނުމެދު ޕޭސްޓް، އޮއިސްޓަރ ސޯސް، ސޯޔާ ސޯސް، މާމުއި އަދި ކެޗަޕް އެއްކޮށްލާށެވެ.

4. ކުރިން ބޭނުންކުރި ތަވައަށް، ބަޓަރު އަޅާފައި، ތައްޔާރުކުރި ސޯސް އަޅާފައި 1 މިނެޓް ވަންދެން ރަނގަޅަށް އެއްކުރަމުން ކައްކާށެވެ. ކައްކާނީ މަޑު ގިނީގައެވެ.

5. ތަަވާގެ ތެރެއަށް ކުކުޅު މަސް އަޅާފައި، ކޮންމެ ފަރާތެއް 3-4 މިނެޓް ވަންދެން ކައްކާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.