ދިވެހި ފިލްމީ އުފެއްދުންތައް ފޭރި ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ މީސްމީޑިއާގެ ބައެއް މަންސަތަކުގައި މިނިވަންކަމާއެކު އާއްމުކުރަމުން ގެންދާތީ ރާއްޖޭގެ އެންމެ ވަރުގަދަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި އެވެ. ޑާކް ރެއިންގެ ރަސްމީ ފޭސްބްކް ޕޭޖް މެދުވެރިކޮށް މިމަހު 11 ވަނަ ދުވަހު އިނގިރޭސިބަހުން ލިޔެ އާއްމުކޮށްފައިވާ ދިގު ޕޯސްޓެއްގައި ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވެއެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުން ބުނީ ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިނިވަންކަމާއެކު ދިވެހި ފިލްމު / ސީރީޒް ޕައިރޭޓް ކުރުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
“އަޅުގަނޑުމެންގެ ހަމައެކަނި އާމްދަނީ ހޯދުމުގެ ހަރަކާތަކީ މީޑިއާނެޓް އަދި ބައިސްކޯފު ފަދަ އޯޓީޓީ ޕްލެޓްފޯމްތަކަށް ކޮންޓެންޓް އުފެއްދުމެވެ. ދައުލަތުން ސަބްސިޑައިޒް ކުރާ ދެމެހެއްޓެނިވި މަގުތަކެއް ނެތް ހާލަތެއްގައި ނުވަތަ އެންމެ ކުޑަމިނުން ދައުލަތުގެ ފަރާތުން ވަކި މިންވަރެއްގެ ރައްކާތެރިކަމެއް ނެތް ހާލަތުގައިވެސް، އަޅުގަނޑުމެންގެ ކޮންޓެންޓަށް އަމިއްލަ އޯޓީޓީ ޕްލެޓްފޯމްތަކުން ޑިމާންޑް ކުރާ މިންވަރަށް އަޅުގަނޑުމެން މެދުނުކެނޑި ޚަރަދުކުރަމެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެމީހުންނަށް އުފައްދާ ފިލްމުތަކާއި ސީރީޒްތައް ފަސޭހައިން ރިޕްކޮށް ސޯޝަލް މީޑިއާގައި މިނިވަންކަމާއެކު ލިބެން ހުންނަނަމަ، މި ވިޔަފާރީގެ މޮޑެލް ދެމެހެއްޓެނިވި ގޮތެއްގައި ނުހިނގާނަމަ، މި ޕްލެޓްފޯމްތަކަށް ކޮންޓެންޓަށް ލޯކަލް ޕްރޮޑަކްޝަން ހައުސްތައް ކޮމިޝަންކޮށްގެން ކުރިއަށް ނުދެވޭނެއެވެ.“
* ޑާކް ރެއިން އެންޓަޓެއިންމެންޓް
މީޑިއާނެޓް ފަދަ އޯޓީޓީ ޕްލެޓްފޯމްތަކުން ކޮންޓެންޓަށް ފައިސާ ދައްކަނީ އެމީހުންގެ ޕްލެޓްފޯމް ސަބްސްކްރިޕްޝަން މެދުވެރިކޮށް އެމީހުންނަށް އާއްމުދަނީ ލިބޭނެކަމުގެ އުންމީދުގައި ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެ އެވެ. އެހެންނަމަވެސް މި ކޮންޓެންޓް ރިޕްކޮށް ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރުމުގެ ނަތީޖާއެއްގެ ގޮތުން މި ކޮންޓެންޓް މިނިވަންކަމާއެކު ލިބެން ހުރުމުގެ ނަތީޖާއެއްގެ ގޮތުން އެފަދަ ކުންފުނިތައް ދެމެހެއްޓެނިވި ގޮތެއްގައި ނުހިނގާ މޮޑެލްއަކަށް ވެގެންދާކަމަށް ބުނެފައިވެއެވެ.
“މިކަމުގެ ސަބަބުން އެންމެ ފަހުން އަޅުގަނޑުމެން ފަދަ ޕްރޮޑަކްޝަން ހައުސްތަކަށް އާމްދަނީ ހޯދައި ކޮންޓެންޓް އުފެއްދުމަށް އެއްވެސް މަގެއް ނެތި ބާކީވެގެންދެއެވެ.
މި ސަރުކާރުން، ޚާއްޞަކޮށް ރައީސް، އުފެއްދުންތެރި ސިނާޢަތެއް ބިނާކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެން، ފަންނާނުންނަށް އެމީހުންގެ އުފެއްދުންތެރި މަސައްކަތްތަކަކީ ފައިދާހުރި އަދި ދެމެހެއްޓެނިވި މަސައްކަތަކަށް ވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ޕްރޮއެކްޓިވް ސަޕޯޓް ނުލިބޭތަން.
އެންމެ ކުޑަމިނުން ފަންނާނުންނާއި ޕްރޮޑިއުސަރުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ސަރުކާރުން އެކަށީގެންވާ ޕްރޮއެކްޓިވް މަސައްކަތެއް ނުކޮށްފިނަމަ ދިވެހި ސިނަމާއަށް ކުރިއަށް އޮތް މަގު ފެންނަނީ ކަޅުކޮށެވެ.”
* ޑާކް ރެއިން އެންޓަޓެއިންމެންޓް
މި ޕޯސްޓަކީ އެއްވެސް މީހަކާމެދު ނަފުރަތު އުފެއްދުމަށް ކޮށްފައިވާ ޕޯސްޓެއް ނޫން ކަމަށާއި ޕްރޮޑަކްޝަން ހައުސްތަކަށް މިހާރު ކުރިމަތިވެފައިވާ ‘އެއްވެސް ބައެއްގެ އަޅައިލުމެއްނެތް ޙާލަތު’ ބަޔާންކޮށްދިނުމާއި ސަރުކާރުން ވެފައިވާ އަދި މިހާރު އިހުމާލުވެފައިވާ ވަޢުދުތައް ހަނދާންކޮށްދިނުން ކަމަށްވެސް ބުނެފައިވެއެވެ.
މި ޕޯސްޓް އާއްމުކޮށްފައިވަނީ ރާއްޖޭގެ އޯޓީޓީ މަންސަތަކާއި ޒުވާނުންގެ ވުޒާރާ، ރައީސް އޮފީސް އަދި ދިވެހި ފުލުހުންނަށް ޓެކްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
ޑާކް ރެއިންގެ މި ޕޯސްޓާއެކު އެ ޕްރޮޑަކްޝަނުން މިފަހުން އުފައްދާފައިވާ ބައެއް އުފެއްދުންތައް ޓިކްޓޮކް ފަދަ މީސްމީޑިއާ މަންސަތަކުގައި އާއްމުކޮށްފައިވާ ކޮންޓެންޓްތައް ބަލާފައިވާ މިންވަރު ދައްކައިދޭ ފޮޓޯއެއްވެސް އާއްމުކޮށްފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ
- 13 މާރޗް 2025ޚަބަރުމިފަހަރު މަނިކް ނެރެނީ “ކަޅިރަވައިގެ ޖާދޫ”