2025 ޖޫން 17ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރަން އަމާޒުހިފާފައިވާ ދިވެހި ފިލްމް “ސޮރީ“ގެ ލަވައެއްގެ ޝޫޓިންއަށް އުމުރުން 09 އަހަރާއި 12 އަހަރާއި ދެމެދުގެ ދެ ޖިންސުގެ ކުދިން ގިނަ ޢަދަދަކަށް ބޭނުންވެއްޖެ ކަމަށް ފިލްމް “ސޮރީ“ގެ ޓީމުން ހާމަކޮށްފި އެވެ.

ދިވެހި ފިލްމް “ސޮރީ“ގެ ޕޭޖުން މިމަހު 29 ވަނަ ދުވަހުގެ ރޭ އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ “ސޮރީ“ގެ މި ލަވައިގެ ޝޫޓިންގައި ބައިވެރިކުރަން ބޭނުންވާ ކުދިން 7844422 ގުޅުމަށެވެ.


މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާ ޑައިރެކްކޮށް ގެނެސްދޭ ފިލްމް “ސޮރީ“ގެ ވަރަށް މުހިންމު ރޯލެއްގައި ނަހޫގެ ހަގު އަންހެން ދަރިފުޅު ލާލި އަދި ދޮށީ ދަރިފުޅު ނާޝްގެ ތުއްތުތުއްތު އެވްލީ ހަރަކާތްތެރިވެއެވެ. ޝޫޓްކުރަން އެ އުޅޭ ލަވައަކީ މި ދެކުދިންގެ މުހިންމު ދައުރެއް އެ ލަވައިގައި ފެނިގެންދާނެ ލަވައެއް ކަމަށް ބެލެވެއެވެ. މީގެ ކުރިން ނަހޫ ގެނެސްދީފައިވާ އަސަރުގަދަ ބައެއް ފިލްމުތަކުގައިވެސް ވަރަށް ގިނަ އަދަދެއްގެ ތުއްތުކުދިން ހިމަނައިގެން ޝޫޓްކޮށްފައިވާ ލަވަ ފިލްމުތަކުގައި ހިމަނާފައިވެއެވެ. އެފަދަ ލަވަތަކަށް ތުއްތުކުދިންނާ އާއްމުންގެ ބޮޑު ތަރުހީބަކާ މަޤުބޫލުކަމެއް މިއަދުވެސް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

“ސޮރީ” އަކީ ޔޫއްޕެ އަދި އައްޒަގެ ޖޯޑު ލޫޑުން ފެނިގެންދާނެ ފިލްމެކެވެ. މީގެ އިތުރުން އާނަންދު އަދި ޝިޔާ މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ. ފިލްމުގެ އާއްމުކޮށްފައިވާ ޕޯސްޓަރުން އެ ފެންނަ ނަހޫގެ ނާޝްގެ ޅަދުވަސްތައް އަލުން ހަނދާނަށް ގެނެސްދޭނެ ދެބެއިންގެ ހުނަރުވެރި އެކްޓިންވެސް މި ފިލްމުން ފެނިގެންދާނެއެވެ.މީގެ އިތުރުން މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ، މުޙައްމަދު މަނިކް، ޢާމިރާ އިސްމާޢީލް، ޝަމީލްގެ އިތުރުން އައިޝާ، ޢަލީފް އަދި ޝާރިފް ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެކަމަށް ނަހޫ ބުނެފިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.