ލިޔުންތެރިޔާ އަދި ދިވެހި ފިލްމީ އުފެއްދުންތަކަށް އިންޤިލާބީ ބަދަލެއް ގެނައި ޑައިރެކްޓަރު މޫމިން ފުއާދަކީ އޭނާގެ ފިލްމުތައް އަބަދަށްވެސް މީހުންގެ ހަނދާނުގައި ހުންނާނެ ފަދަ ގޮތަކަށް ފިލްމީ އުފެއްދުންތައް އުފައްދަމުން އަންނަ ފަންނާނެކެވެ. އެޕްރީލް މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ދެއްކުމަށް ތައްޔާރުވަމުން އަންނަ ފިލްމު “އަބަދަށް“ގެ ޓިކެޓް ބްކިން މިއަދު ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ނޫރް މި ވަނީ ބުނެފައެވެ.
މިއަދު ފަށަނީ ޓިކެޓް ބްކިންހަދަން
މުނިއަވަސް އޮންލައިންއަށް މިއަދު ހެނދުނު މަޢުލޫމާތުދެމުން “އަބަދަށް” ފިލްމުގެ ޕްރޮޑިއުސަރު ޙުސައިން ނޫރައްދީން ނާޞިރު (ނޫރް) ބުނީ މިއަދު މި ހުޅުވައިލަނީ ފިލްމު “އަބަދަށް“ގެ ފުރަތަމަ ތިން ޝޯގެ ޓިކެޓް ބްކްކުރުމުގެ ފުރުޞަތު ކަމަށާ ޓިކެޓް ވިއްކަން ފަށާނީ މިމަހު 10ވާ ބުރާސްފަތި ދުވަހު ކަމަށެވެ.
“މިހާރު މި ހުޅުވާލަނީ ފުރަތަމަ ތިން ޝޯގެ ބްކިންސްއަށް. ތާރސްޑޭގަ ޓިކެޓް ދޫކުރަން ފަށާނީ. ޓިކެޓް ވިއްކަން ފަށާނީ ތާރސްޑޭގަ، މާނައަކީ ދިހައެއްގަ.“
* “އަބަދަށް” ފިލްމުގެ ޕްރޮޑިއުސަރު ނޫރް
ފިލްމު އަޅުވާނީ މަސައްކަތް އެއްކޮށް ނިންމުމަށްފަހު
ނޫރް އިތުރަށް ބުނީ ބަންދު ދުވަސްތަކަކާ ދިމާވުމުން އޮލިމްޕަހަށް ވަދެވޭގޮތް މިވަނީ މިއަދު ކަމަށާ ޓިކެޓް ވިއްކަން ފެށުން ލަސްވެގެން ދިޔައީ މި ސަބަބާހުރެ ކަމަށެވެ.
ފިލްމު ބެލުންތެރިންނަށް ނޫރް ދޭ ޔަޤީންކަމަކީ “އަބަދަށް” ފިލްމު ރިލީޒްކުރާނީ ފިލްމުގެ މަސައްކަތްތައް އެއްކޮށް، ކޮށްނިންމުމަށްފަހުގައި ކަމަށެވެ.
“ފިލްމުގެ މާސްޓަރިންއާ ހުރިހާ އެއްޗެއް މިހުރީ ނިމިފަ، ފިލްމުގެ ފުރަތަމަ ޝޯއެކޭ އެންމެ ފަހުން އަޅުވާ ޝޯއެކޭ ފިލްމުގެ މާސްޓަރިންއަކަށް ނާންނާނެ ބަދަލެއް. އެގޮތަށް މަސައްކަތް މިކުރަނީ.“
* “އަބަދަށް” ފިލްމުގެ ޕްރޮޑިއުސަރު ނޫރް
“އަބަދަށް” ފިލްމުގެ ޓެކްނިކަލް މަސައްކަތްތައް ކުރަނީ މޮޅު ފިލްމީ މަސައްކަތްތަކެއް ގެނެސްދެމުން އަންނަ މަޝްހޫރު ޕްރޮޑަކްޝަން ހައުސް އޯކޭޒް އިންކް އިންނެވެ. ފިލްމުގެ މަންޒަރުތައް ނެގުމާއި މާސްޓަރިންއާ ހަމައަށް ހުރިހާ ޓެކްނިކަލް މަސައްކަތްތަކެއް ކޮށްފައިވަނީ އޯކޭޒް އިންނެވެ.
މިއީ މިދިޔަ އަހަރު އަޅުވަން ޓާގެޓްކޮށް މަސައްކަތް ނިންމި ފިލްމެއް
ނޫރް ބުނީ މި ފިލްމަކީ ނިމި ދިޔަ 2024 ވަނަ އަހަރު އަޅުވަން އޮތް ފިލްމެއް ކަމަށާ މިދިޔަ އަހަރު އޮލިމްޕަސް ނުލިބުމުން ފިލްމު އެޅުވޭގޮތް ނުވީ ކަމަށެވެ.
“ފިލްމުގެ މަސައްކަތް އޮތީ އަސްލުގަ މިދިޔަ އަހަރުގެ އޮގަސްޓަށްވެސް ނިމިފަ. ފިލްމު އަޅުވަން (އޭރު) ޖާގައެއް ލިބުނީ ޔޫރޯ ތެރެއަށް. ޔޫރޯތެރެ ވީމަ އަޅުގަނޑުމެން ބޭނުން ނުވީ ފިލްމު އަޅުވަން.
މިދިޔަ އަހަރު އެއްވެސް ޖާގައެއް ނުލިބުނީ. ވަރަށް މަސައްކަތް ކުރެވުނު. މީ ދެން މިއައަހަރު ފުރުޞަތު ލިބުނު އިރު.“
* “އަބަދަށް” ފިލްމުގެ ޕްރޮޑިއުސަރު ނޫރް
މިއީ “ލޫދިފާ” އާ މުޅިން ތަފާތު ފިލްމެއް
“އަބަދަށް” ފިލްމަކީ ފިލްމު “ލޫދިފާ” ކަހަލަ ފިލްމެއްކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނާކަމަށާ މިކަމާ މެދު ނޫރް ބުނަނީ ކީކޭތޯވެސް ބަލައިލީމެވެ. ނޫރް ދިން ޔަޤީންކަމަކީ މިއީ “ލޫދިފާ” އާ މުޅިން ތަފާތު ފިލްމެއް ކަމަށެވެ.
“މިއީ ޓޯޓަލީ ލޫދިފާއާ މުޅިން ތަފާތު ފިލްމެއް. މީކީ ލޫދިފާ ކަހަލަ ފިލްމެއް ނޫން. ލޫދިފާއާ މި ފިލްމާ ހާސްބައި ތަފާތުވާނެ!.“
* “އަބަދަށް” ފިލްމުގެ ޕްރޮޑިއުސަރު ނޫރް
ހުސައިން ނޫރައްދީން ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ޑައިރެކްޓުކޮށްފައިވާ “އަބަދަށް” ފިލްމުގެ ވަރުގަދަ ޓްރެއިލާ ދޫކޮށްލީ މިދިޔަ ހަފުތާގައެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ ގިނަ މަންޒަރުތަކެއް ފެނިގެންދާ މި ޓްރެއިލާ ބަލައިލުމަށްފަހު މި މަހު 28 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރާ މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނާނެކަން ޔަޤީންކުރެވެއެވެ.
ަ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟