މިމަހު 28 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރި ދިވެހި ފިލްމު “އަބަދަށް” ފިލްމުން ‘އަބަދަށް’ ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް ފެނިގެން ދިޔަކަން މިއީ މި ފިލްމާމެދު އެންމެ ފުރަތަމަވެސް ބުނެލަން ބޭނުންވާ ވާހަކައެވެ. ރަތްދޫލައިގެ ކުލަގަދަ ހަފުލާއަކަށްފަހު ޕްރިމިއާކުރި “އަބަދަށް” ފިލްމަކީ މި އަހަރުގެ ދިވެހި ފިލްމު ސީޒަން ފެށުމަށް ހަމަ އެންމެ ވަރުގަދަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

ހުނަރުވެރި، އަސްލާއި އެއްގޮތް އެކްޓިންއެއް

މި ފިލްމުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ކަމަކީ ފިލްމުގެ ލީޑްގައި ހަރަކާތްތެރިވެެފައިވާ ފަސްވަރަކަށް ތަރިންގެ އެކްޓިންގެ މޮޅުކަމުގެ ވާހަކައެވެ. އެކްޓިން އެހާ މޮޅުކަމަށް ފާހަގަކުރެވުނީ އަސްލާއި އެއްގޮތްކަމުންނެވެ. ބަލަން އިނދެވުނީ ފިލްމެއްގެ މަންޒަރުތަކެކޭ ހީވެސް ނުވާހާ ސަޅި އެކްޓިންއެއް ފެނިގެންދިޔަކަން، ފިލްމުބެލި އެންމެންހެން އިއްތިފާޤުވާނެއެވެ.

🎦 ސޫޒަން އިބްރާހީމްފުޅު – ވާޝިޔާގެ މަންމަ

އެކްޓިންގެ ވާހަކަދައްކާލަން އެންމެ އެކަށީގެންވަނީ މި ފިލްމުގައި ވާޝިޔާގެ މަންމަގެ ރޯލުން ފެންނަ ސޫޒަން އިބްރާހީމްފުޅާއި ހަމައިންނެވެ. ސޫޒަންއަށް ދީފައިވަނީ ސިއްޙީ މައްސަލަތަކެއް ހުންނަ، ޒާތެއްގެ ރުޅިގަނޑެއް ހުންނަ މަންމައެއްގެ ރޯލެވެ. ސޫޒަންގެ ހަމަ ކޮންމެ ސީންއަކުންވެސް ފެނިގެންދަނީ އޭނާއަށް ޖެހިފައިވާ އެ ހާލަތުގެ މީހަކު، އަސްލު ދިރިއުޅުމުގައިވެސް ވާހަކަދައްކާނެގޮތެވެ. މޫނަށް ޖައްސާނެ ކުލަވަރުތަކެވެ. ވާހަކަދެއްކުމުގެ ރާގާއި، އެ ގެންގުޅޭ ގޮތްގަނޑުގެ ވާހަކަތައް މިހެން ބުނެލާ ބުނެލުމަކުން ސިފަކޮށްދޭންވެސް ދައްޗެވެ. ކުރުކޮށް ބުނަންޏާ ބުނެވޭނީ ސޫޒަން ދެއްކީ އެކްޓިންއެއް ނޫނެނެވެ. ސޫޒަން ދެއްކީ އެ ހާލަތުގައި އިންނަ އަންހެނެއް، ފިލްމަށް ގެނެސް ލައިފިއްޔާ ފެންނާނެ، އަސްލާއި އެއްގޮތް މޮޅު ހުށައެޅުމެކެވެ.

މި ފިލްމުގައި ސޫޒަން ދައްކާފައިވާ އެކްޓިންއަކީ އައުޓްސްޓޭންޑިންގ އެކްޓިންއެއްކަން ފާހަގަކޮށްލެވެއެވެ.

🎦 އަޙްމަދު ޝާރިފް – މަސްތުވާތަކެތި ބޭނުންކުރާ ގުންޑާއެއް

މި ފިލްމުން އަނެއްކާވެސް ޝާރިފު މިވަނީ ޝާރިފު ނޫން އެހެން ޝާރިފެއް ދައްކާފައެވެ. މީގެ ކުރިން، ފިލްމެއްގައި ރުޤްޔާކުރާ މީހެއްގެ ކެރެކްޓާރ ދެއްކީ ހަމަ އަސްލުވެސް ޝާރިފުބާއޭ ހީވާފަދަ މޮޅު އެކްޓިންއެއް އޭނާ ވަނީ ދައްކާފައެވެ. ފިލްމު “އަބަދަށް”ގައި ޝާރިފު ދައްކާފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ ގުންޑާއެއް (ލޫޠު)ގެ ކެރެކްޓާއެކޭ ބުނެ ފަރުޖައްސައިލެވޭކަށްވެސް ނެތެވެ. އިންތިހާއަށް، އަންހެންކުއްޖެއްދެކެ ލޯބިވާ، އެހެނަސް އެ ލޯތްބަކީ އިންފަހަނައަޅައި ދިޔަނުދީ ގެންގުޅުނު ލޯބިލޯބި ލޯތްބެއްކަން ޝާރިފުގެ ކޮންމެ އަދާއަކުން ބަޔާންކޮށްދީފައިވެއެވެ.

ޝާރިފްގެ ގުންޑާ ކެރެކްޓާގައި އޭނާ އެންމެ ފުރަތަމަ ވާހަކަދައްކާ މަންޒަރު ފެނިގެންދާ ސީންއަކީ ފިލްމު ބެލި އެންމެން ހައިރާންކޮށްލުވި ސީންއެކޭ ބުނަން ހަމަ ގައިމުވެސް އަހަރެން ފަހެއްނުޖެހެއެވެ. މުޅިން ހަމައިގައި ނުހުންނަ، އަދި ކަންތައްތަކާ މާބޮޑަށް ސީރިއަސްވާން ނޭނގޭ މީހަކު، ކަންތައްތަކެއް އެހެން މީހަކަށް ކިޔައިދޭނެ އެންމެ ފުރިހަމަ އަސްލާއި އެއްގޮތަށް ޝާރިފުގެ އެކްޓިން އެ ސީންގައި ދައްކާލާފައިވެއެވެ. ލޯބިންގޮސް ލޯބީގެ އާލަމެއްގައި އުޅޭ މަޖުނޫނަކުވެސް ވާހަކަނުދައްކާނެހާ މޮޅަށް ޝާރިފުގެ އެކްޓިން، ޑައިލޮގު ޑެލިވަރީ ދައްކާލާފައިވެއެވެ. ގުންޑާއެއް، އޭނާގެ ކްރިމިނަލް ބިހޭވިއާރގައި ފެންނާނެ އެންމެ ފުރިހަމައަށް އެފަދަ މަންޒަރުތަކުގައި ޝާރިފުގެ ހުނަރުވެރިކަން ދައްކާލާފައިވަނީވެސް އައްސަރިބަހާ ސާބަސް ރައްދުވާހާ މޮޅަށެވެ.

@muniavas ABADHAH Premier – Sharif bunee keekay? #abadhahthemovie @DhivehiScreen @eupeofficial ♬ original sound – MUNIAVAS

🎦 ވާޝިޔާ މުޙައްމަދު – ހައިފާ

މި ފިލްމުގައި ވާޝިޔާ އަކީ ހައިފާއެވެ. މަންމަދެކެ އިންތިހާއަށް ލޯބިވާ، މަންމައަށް ޚިދުމަތްކުރަމުން، ވަޒީފާއަދާކުރަމުން އަންނަ ހީވާގި ޒުވާނެކެވެ. ވާޝިޔާގެ ހުނަރުވެރި އެކްޓިން އެންމެ ބޮޑަށް ފާހަގަވެގެންދަނީ ލޫޠު އާއި ބައްދަލުވުމަށްފަހުގައެވެ. އަދި އޭގެ ފަހުން ފިލްމުގެ ވަރުގަދަ ކްލައިމެކްސްއަށް ފަހު ދެން އަންނަ މަންޒަރުތަކުންވެސް ވާޝިޔާގެ އެކްޓިންގެ މޮޅުކަން ފާހަގަކޮށްލެވެއެވެ.

🎦 ޔޫސުފް ޝަފީޢު (ޔޫއްޕެ)

ޔޫއްޕެއަކީ މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ގޮތުން މުހިންމު ކެރެކްޓަރއެކެވެ. ޔޫއްޕެގެ އެކްޓިންއާމެދު އިތުރު ވާހަކަތަކެއް ދެއްކުމުގެ މާނައެއް އޮންނާނެ ކަމަކަށް ނުދެކެކެވެ. މި ފިލްމުގެ ކްލައިމެކްސް ގެއްލުވައިނުލައި ބުނެވެން އޮތީ ޔޫއްޕެއަށް ކުރިމަތިވާ ވަރުގަދަ ހާލަތެއްގައި ޔޫއްޕެ ދައްކާފައިވާ އެކްޓިންއަކީ ހަމަ ގައިމުވެސް އެ މަންޒަރު އެންމެ ފުރިހަމަވެގެން ދިޔަ ސަބަބުކަމުގައެވެ.

@muniavas @eupeofficial bunee keekay? ABADHAH Premier @DhivehiScreen #abadhahthemovie ♬ original sound – MUNIAVAS

🎦 އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)

ކޮޕީ އިއްސެއަކީ މި ފިލްމުގެ ވާހަކައިގައި މުހިންމު ދައުރެއް އަދާކުރާ ސިފައިންގެ މަތީ އޮފިސަރެކެވެ. އިއްސެ ފެނިގެންދިޔަ މަންޒަރުތަކުން، ސިފައިންގެ މަތީ އޮފިސަރެއްގެ ކިބައިގައި ހުންނަން ޖެހޭ ފުރިހަމަ، ވަރުގަދަ ސަޚްޞިއްޔަތު ފެނިގެންދެއެވެ.

🎦 މޫމިންގެ ޑައިރެކްޝަން، ޑައިލޮގުތަކަށް ސަތޭކައިން ސަތޭކަ

މޫމިން ފުއާދަކީ އަބަދުވެސް ތަފާތު ސްޓާއިލެއްގައި ފިލްމުގެ ޑައިރެކްޝަން ހަދަމުން އަންނަ ފަންނާނެކެވެ. ވަކީން ޚާއްޞަކޮށް ފިލްމުގެ ސްކްރީންޕްލޭގައި ހިމަނާފައި ހުންނަ ޑައިލޮގުތަކަކީ ބާރުގަދަ ޑައިލޮގުތަކެކެވެ. މި ފިލްމުގެ ޑައިލޮގުތަކަށް ރަނގަޅަށް ވިސްނައިލުމުން ގައިން ހީބިހިނަގާހާ ސަޅި ޑައިލޮގުތައް ހުރިކަން ފާހަގަކުރެވޭނެއެވެ.

🎦 އޯކޭޒް އިންކްގެ މަސައްކަތާއި ކަނޑި ވިސާންގެ ކެމެރާކުރުން

އޯކޭޒް އިންކް އިން މިހައިތަނަށް ގެނެސްދީފައިވާ ހަމަ ކޮންމެ އުފެއްދުމެއްގައި ތަފާތު ސްޓައިލެއް ގެންގުޅެފައިވާކަން ފާހަގަކުރެވޭނެއެވެ. ވަކީން ޚާއްޞަކޮށް ވިސާންގެ މިޔަ ތޫނު ކަނޑިން ނަގާފައިވާ މަންޒަރުތައް، އޯކޭޒްއާއި އެކުވުމުން އެ ހުންނަ ފުރިހަމަކަން މި ފިލްމުން ވަރަށް ސަޅިކޮށް ފެނިގެންދާނެއެވެ.

🎦 ކުރުކޮށް ފޮނިކޮށް “އަބަދަށް” ފިލްމާމެދު ބުނެލާނީ

“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް ފެނިގެންދާނެއެވެ. މިއީ ދިވެހި ފިލްމީ މަސައްކަތަކަށް ސަޕޯޓްކުރާ ފަރާތްތަކުން ހަމަ ކޮންމެހެންވެސް ބަލައިލަންޖެހޭ ވަރުގެ ފިލްމެކެވެ. ދެން ބުނެލަން އޮތީ މިއީ ރިވިއުއެއް ނޫންކަމަށާ، ފިލްމުތަކުގެ ޕްލޮޓާއި އަދި ފިލްމުގެ ކުރިމަރައިލެވޭ ޒާތުގެ ވާހަކަތަކުން ފުރާލާފައިވާ ފިލްމު ރިވިއު ލިޔުމަކީ މުނިއަވަސް އިން ކުރާކަމެއް ނޫންކަމެވެ.

މިއީ ނޫރް އެން ނޫރް މޫވީސްގެ ފަރާތުން ގެނެސްދީފައިވާ ފިލްމެކެވެ. ސީދާ ކޮން ޖޯންރާއެއްކަން ނުބުނެ، ބުނެވެން އޮތީ މި ފިލްމުގައި އިންސާނީ ޖަޒުބާތުތަކުން ގިނަގުނަ ޖަޒުބާތުތަކެއް ފެނިގެންދާ ކަމަށެވެ. ލޯބި، ކުލުނުވެރިކަން، އަނިޔާވެރިކަން، ނަފުސާނީ ބަލިމަޑުކަން ފަދަ ބައެއް ޖަޒުބާތުތައް ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.