ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ކްރިސްޓަލް ދެލޯ – ސޯޅަވަނަ ބައި
މުނިއަވަސް ގްރެފިކްސް

ވިދިގެން އައި ދުވަހުގެ ހެނދުނު، މާލޭގެ އުޑުމަތި ބައްދާލާފައިވަނީ ބޯ އަޅި ވިލާތަކުންނެވެ. ބަނދަރުން ބޭރުގެ ކަނޑު ފެންނަނީ ނުތަނަވަސްކަމާއެކު ރާޅުޖަހަމުން ދިޔަތަނެވެ. ވައިރޯޅީގައި ހުރީ ވެހެން ގާތްވެފައިވާ ވާރޭގެ ފިނި ވަހެވެ.

އަނާޔާ ހުރީ ލޯގަނޑުގެ ކުރިމަތީގައި، އޭނާގެ ގަދަ ނޫކުލައިގެ ހެދުމުގެ ގޮށްތައް އަޅުވާށެވެ. އޭނާއަށް ރޭގަނޑު ހަމަނިދި ނުލިބޭތާ ކިތަންމެ ރެޔެކެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ފެންނަނީ އެ އަޅި، ފަނޑު މޫނާއި، ގަދަ ނޫކުލައިގެ އިސްތަށިގަނޑާއި، އެ ތަފާތު ކްރިސްޓަލް ދެލޮލެވެ. އަދި ބަންދުކޮށްފައި ހުރި މަރުކަޒުގެ އެތެރޭގައި އެ މަޚްލޫޤު ބުނި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. “އުފާވެރި ރެޔަކަށް އެދެން.”

އެއީ އިންޒާރެއް ނޫނެވެ. ބިރުދެއްކުމެއްވެސް ނޫނެވެ. ކޮންމެވެސް ގޮތަކުން، އެއީ ވަދާޢީ ސަލާމެއް ފަދަ ބަސްތަކެކެވެ.

އަނާޔާގެ ފޯނު ރިންގުވާން ފެށިއެވެ. “ތައްޔާރުތަ؟” ބަދުރު އެހިއެވެ.

“އާނ.”

“ދިހަ މިނެޓު ތެރޭގައި ތިގެ ކައިރިއަށް ދާނަން.”

އަނާޔާ ފަހު ފަހަރަށް އޭނާގެ ސޫރައަށް ބަލައިލިއެވެ. ވޭތުވެދިޔަ އެތައް ދުވަހަކު އޭނާ ދިޔައީ ހަޤީޤަތް ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ހަޤީޤަތާ ކައިރިވި ވަރަކަށް، އޭނާގެ އަމިއްލަ ނަފްސުން ކޮންމެވެސް އެއްޗެއް ގެއްލެމުންދާކަމުގެ އިޙުސާސް ކުރެވެމުން ދިޔައެވެ. އެނބުރި އަންނައިރު ހުންނާނީ ހަމަ މި އަނާޔާގެ ގޮތުގައި ކަމެއް ނޭނގިހުރެ، އޭނާ ކޮޓަރިން ނުކުތެވެ.

ބަދުރު ހުރީ އޭނާގެ ކާރު ކައިރީގައި މަޑުކޮށްލައިގެންނެވެ. “ވަރަށް ވަރުބަލިވެފަ ހުރިހެން ހީވަނީ.” އަނާޔާ ކައިރިވުމުން ބަދުރު ބުންޏެވެ.

“ބަދުރުވެސް ތިހުރީ ހަމަ އެހެން.”

ބަދުރު މަޑުމައިތިރި ހިނިތުންވުމެއް ރައްދުކުރިއެވެ. “އެހެންވީމާ އަހަރެމެން ދެމީހުންގެ ހާލަކީވެސް އެއީ.”

އެމީހުން ދަތުރު ފެށީ މާލޭގެ އަޑުގަދަ މަގުތަކާއި އާންމު އިމާރާތްތައް ފަހަނައަޅައި، ދުރު ހިސާބަކަށެވެ. މޫސުމުގެ ކުލަވަރު ދިޔައީ އިތުރަށް އަނދިރިވަމުންނެވެ. އަނާޔާ އިނީ ކާރުގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ.

“ބަދުރު.” އަނާޔާ މަޑުމަޑުން ގޮވާލިއެވެ.

“ކީކޭ؟”

“އަހަރެމެންނަށް ފެންނަ ކަމަކުން ހުރިހާ އެއްޗެއް ބަދަލުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟”

“އެކަމަކާ އަހަރެމެން ކުރިމަތިލާނީ.”

“އަހަރެމެން ހީކުރި ވަރަށްވުރެ ހަޤީޤަތް މާ ގޯސްވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟”

ބަދުރު އަނާޔާއަށް ބަލައިލިއެވެ. “ނޭނގި ހުރުމުގެ ވޭން އަނާޔާއަށް މިހާރުވެސް މާ ބޮޑަށް ލިބިއްޖެ.”

އަނާޔާ އެހެން ދިމާއަކަށް މޫނު އަނބުރާލިއެވެ. އިރުކޮޅެއް ވަންދެން އިވުނީ ހަމައެކަނި އިންޖީނުގެ އަޑާއި ވައިގެ އަޑެވެ. ދެން ބަދުރު އެހިއެވެ. “އެކްސިޑެންޓްގެ ކުރިން އެތަނާ ބެހޭ އެއްވެސް ކަމެއް ހަނދާން އެބަހުރިތަ؟”

އަނާޔާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. “ކޮން އެކްސިޑެންޓެއް؟”

“ކުރީގެ ސްކޫލް ބަސް އެކްސިޑެންޓް. އެ އަޑިގަނޑު އޮންނަ ސަރަހައްދާ ގުޅިފައިވާ ހާދިސާ.”

އަނާޔާ ލޯ މަރާލިއެވެ. “ކުދިކުދި ތަންކޮޅު ހަނދާންވޭ. މަގެއް.. ކުދިންތަކެއް ހަޅޭއްލަވާ އަޑު.. މީހަކު ގޮވާލި އަޑު.. ދެން އަނދިރިކަން.”

“އެތަނުގައި ހޭދަވި އަނާޔާގެ ކުޑަކުދިންގެ ދުވަސްވަރު ހަނދާން އެބަހުރިތަ؟”

“ނޫން. ސާފުކޮށެއް ނޫން.”

“ފަހަރުގައި އެތަނަށް ދިޔުމުން ހަނދާންވެދާނެ.”

އަނާޔާ ބަދުރުގެ މޫނަށް ބަލައިލިއެވެ. “ނޫނީ އަހަރެންގެ ހިތުގައި ބާކީ އޮތް ކުޑަ އަމާންކަންވެސް ގެއްލިގެން ހިނގައިދާނެ.”

މެންދުރުވާން ކައިރިވެފައި ވަނިކޮށް އެމީހުންނަށް އެ އަޑިގަނޑު އޮތް ސަރަހައްދަށް ދެވިއްޖެއެވެ. އެ މަންޒަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އުސް ތަންތަނުގައި ގަސްތައް އަތުރާލާފައިވާ ފަދަ ގޮތަކަށް ހުރިއިރު، ގޮފިތައް ވައިގެ ތެރޭގައި ހެލެމުން ދިޔައެވެ. ތިރީގައި، ހަނި ކޯރެއްގެ ތެރެއިން ހިލަތަކާއި ގަސްތަކުގެ ތެރެއިން އަނދިރި ފެންގަނޑު ދެމެމުން ދިޔައެވެ. އެއީ އަދި އޭނާއަށް ކުރިން ނުފެންނަ ތަނެކެވެ. މުޅި ސަރަހައްދުގައި ވަނީ ބިރުވެރި ހިމޭންކަމެކެވެ.

މިވެސް ކިޔާލަން:  ލިބޭތޯ ދުޢާކުރި ޢަޝީޤާ - ދެވަނަ ބައި

ބަދުރު ކާރު ޕާކުކުރިއެވެ. “މިއީތަ އަނާޔާއަށް އެ މަޚްލޫޤު އެންމެ ފުރަތަމަ ފެނުނު ތަނަކީ؟”

އަނާޔާ ބޯޖަހައިލިއެވެ. “އަހަންނަށް ހުރިހާ ކަމެއް ފެށުނީ މިތަނުން.”

އެމީހުން އެ ގަސްގަނޑު ނިމޭ ހިސާބުގެ ކައިރިއަށް ހިނގައިގަތެވެ. އޭނާ ވެއްޓުނު ރޭގެ ހަނދާންތައް އާވިއެވެ. ބިރުވެރި އަނދިރިކަމާއި، ކޮންޓްރޯލް ގެއްލުނު ވަގުތާއި، ކުއްލިއަކަށް އެ އަޅި ސޫރަ ފެނުނު ހަނދާނެވެ. އަދި އެ ކްރިސްޓަލް ދެލޮލެވެ. އެ ދެލޮލުން ހަމައެކަނި އަނދިރިކަން ފޫއަޅުވާލީކީ ނޫނެވެ. އެ ލޮލުން އަނާޔާ ދަންނަ ކަހަލަ ގޮތެއް ހުއްޓެވެ.

ބަދުރު އޭނާގެ ކައިރީގައި ހުއްޓުނެވެ. “ކޮން ވިސްނުމެއްގަ؟”

“ފަހަރުގައި އެ މަޚްލޫޤު އަހަރެން ސަލާމަތްކުރީ ހަމައެކަނި ބީރައްޓެއްސަކަށް އެހީވާކަށް ނޫން.”

“ދެން ކީއްވެ ސަލާމަތްކުރަންވީ؟”

“ނޭނގެ.” އަނާޔާ ދުރަށް ނަޒަރު ހިންގާލިއެވެ. “ފަހަރުގައި އޭތި އަހަރެން ދަންނަނީކަމަށް ވެދާނެ.”

ކުއްލިއަކަށް ޖެހުނު ބާރު ވައިރޯޅިއަކާއެކު ގަސްތައް ހެލިގަތެވެ. އަނާޔާ އެނބުރި ބަލައިލިއެވެ. ބޮޑު ގަހެއްގެ ފުރަގަހުގައި މީހަކު ހުރިހެން ހީވި ކަހަލައެވެ.

“ބަދުރު..”

ބަދުރުވެސް އެ ދިމާއަށް ބަލައިލިއެވެ. ނަމަވެސް އެތަނުގައި އެއްވެސް މީހަކު ނެތެވެ. “އެއްޗެއް ފެނުނީތަ؟”

“ހީވީ އެއްޗެއް ފެނުނުހެން.”

ބަދުރު ފަރުވާތެރިކަމާއެކު ވަށައިގެން ބަލައިލިއެވެ. “އަހަރެމެން ދެމީހުން އެކުގައި އުޅެންވާނީ.”

އެމީހުން ހަނި މަގުން ކުރިއަށް ގޮސް، ގަސްގަނޑު ނިމޭ ހިސާބުން ފެންގަނޑާ ދިމާއަށް ފޭބޭ ހިސާބަކަށް ދިޔައެވެ. އަނާޔާ ކުއްލިއަކަށް ހުއްޓުނެވެ. “މިތަން..”

“ކީއްވީ؟”

“މިތަން އަހަންނަށް ކުރިން ފެނިފައިވޭ.”

“ހުވަފެނުންތަ؟”

އަނާޔާ ދެފަރާތަށް ބޯހޫރާލިއެވެ. “ނޫން. އެހެން ތަނަކުން. މީގެ އެތައް ޒަމާނެއް ކުރިން.”

އޭނާގެ ނޭވާ އަވަސްވާން ފެށިއެވެ. ކުއްލިއަކަށް ސިކުނޑީގެ ތެރޭގައި ތަސްވީރުތަކެއް އެނބުރިގަތެވެ. ސްކޫލެއްގެ ކޮރިޑޯއަކާއި އަންހެން ކުއްޖެއްގެ ޔުނީފޯމެކެވެ. މެންދުރުފަހުގެ އަވީގައި އޮތް މަގަކާއި ތުނބުން ފުމޭ އަޑެވެ. ބިރުގެންފައިވާ މޫނަކާއި ޒުވާނަކު ވެއްޓިގެން ދިޔަ ބިރުވެރި ވަގުތުކޮޅެކެވެ. އަނާޔާ ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ. “ހުއްޓާލާ!”

އޭނާ ވެއްޓެން ދިޔަ ވަގުތު ބަދުރު ހިފެހެއްޓިއެވެ. “އަނާޔާ! އަހަންނާ ދިމާއަށް ބަލާބަލަ!”

އަނާޔާ ލޯ ހުޅުވާލިއެވެ. “މިތަނުގައި މީހަކަށް އަނިޔާވި.” މަޑުމަޑުން އޭނާ ބުންޏެވެ.

“ކާކަށް؟”

“ނޭނގެ..”

“ހަމަޖެހިބަލަ.”

އަނާޔާ ހައިރާންކަމުން ފުރިގެންވާ ގޮތަކަށް ބަދުރުގެ މޫނަށް ބަލައިލިއެވެ. “އަހަންނަށް މި އިޙުސާސްވަނީ، ދުވަހަކުވެސް ދޫކޮށް ނުދާންވީ ތަނަކަށް އަލުން އެނބުރި އާދެވުނުހެން.”

ބަދުރު އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިލިއެވެ. “އެހެންވީމާ، އެއީ ކީއްވެގެންތޯ އަހަރެމެން ހޯދާނަން.”

އިރުކޮޅެއް ފަހުން އަނާޔާ ދުރަށް ޖެހިލައި، ގަހެއްގެ ހިޔަލުގައި މަޑުކޮށްލިއެވެ.

“ބަދުރު، އަހަރެން ދަންނަތާ ކިހާ ދުވަހެއް ވެއްޖެ؟”

ބަދުރު ހައިރާންވެފައި ބަލައިލިއެވެ. “މި ތަހުޤީޤު ފެށުނީއްސުރެ.”

“ނޫން. އަހަރެން މި ބުނީ، މި ހުރިހާ ކަމަކާ އަހަރެން ގުޅިފައިވާތާ ކިހާ ދުވަހެއް ވެއްޖެހޭ؟”

“ތި ބުނި އެއްޗެއް ސާފެއް ނުވި.”

އަނާޔާ ބަދުރާ ދިމާއަށް އެނބުރުނެވެ. “ބައެއް ފަހަރު އަހަންނަށް ހީވަނީ، އެންމެން އެ އަނާޔާއޭ ކިޔާ މީހަކީ، މާ ކުރީގެ، މާ ބޮޑު ކަމެއްގެ ކުޑަ މިންވަރެކޭ.”

ބަދުރު އޭނާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. “ބިރުވެރިކަމުގެ ސަބަބުން ތިމާއަކީ އަމިއްލަ ނަފްސު ނޫންކަމަށް ޤަބޫލުކުރަން ފުރުސަތު ނުދީ.”

“އެކަމަކު އަހަންނަކީ ހަޤީޤަތުގައި ކާކުކަން އަހަންނަށް ހަނދާން ނެތިއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟”

ބަދުރަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

ވައި އިތުރަށް ބާރުވަމުން ދިޔައެވެ. ގަސްތަކުގެ ތެރެއިން ގޮތްޕެއް ބިންދައިގެން ދިޔަ އަޑު އިވުނެވެ. ދެން އަނާޔާއަށް އެ މަންޒަރު ފެނުނެވެ. އެ އަޅި ސޫރަ ހުރީ މަދު މީޓަރުތަކެއްގެ ދުރުގައެވެ. އޭގެ ގަދަ ނޫކުލައިގެ އިސްތަށިގަނޑު ވައިގެ ތެރޭގައި މަޑުމަޑުން ވިހުރެމުން ދިޔައެވެ. އަދި އާދަޔާ ޚިލާފު ގަދަ އަލިކަމަކާއެކު އެ ކްރިސްޓަލް ދެލޯ ވިދަމުން ދިޔައެވެ.

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 10

“ބަދުރު.” އަނާޔާ މަޑުމަޑުން ބަދުރަށް ގޮވާލިއެވެ.

ބަދުރު އެނބުރުނެވެ. މިފަހަރު އޭނާއަށްވެސް އެ ސޫރަ ސާފުކޮށް ފެނުނެވެ.

“ތީ ކާކު؟” ބަދުރު ގޮވާލިއެވެ. އެ މަޚްލޫޤު އެއްވެސް ޖަވާބެއް ނުދީ ހިމޭނުން ހުއްޓެވެ.

ބަދުރު ފިޔަވަޅެއް ކުރިއަށް އެޅިއެވެ. “ޝާހިދާއި ނިހާއަށް ވީގޮތުގެ ޒިންމާ ނަގަންޖެހޭނީ ކަލޭތަ؟”

އެ ސޫރަ ބަދުރަށް ބަލައިލިއެވެ. އެއަށްފަހު އޭގެ ނަޒަރު އަނބުރާލީ އަނާޔާއަށެވެ. އަނާޔާ ކުރިއަށް ޖެހިލިއެވެ. “ކީއްވެ އަހަރެން ސަލާމަތްކުރީ؟”

ޖަވާބެއް ނައެވެ. “ކީއްވެ ތިގޮތަށް އަބަދު ފެންނަނީ؟”

އެ މަޚްލޫޤު މަޑުމަޑުން އެއް އަތް އުފުލައިލިއެވެ. އަނާޔާގެ މޭތެރޭގައި ތަފާތު ބާރެއް ނުވަތަ ބުރަކަމެއް އުފެދުނެވެ. އަދި ބޭރުން އަޑުނީވުނަސް، ސިކުނޑީގެ ތެރޭގައި ނުހަނު ސާފުކޮށް އިވުނު އަޑެއް އޭނާއަށް އިޙުސާސްވިއެވެ.

“ތިބާ ތިޔަ އައީ ތިބާގެ އަމިއްލަ ގެއަށް.” އަނާޔާ ގަނޑުވިއެވެ.

ބަދުރު އޭނާއަށް ބަލައިލިއެވެ. “ކީކޭ އެ ބުނީ؟”

އަނާޔާއަށް ވާހަކަ ދެއްކުނީ ކިރިޔާއެވެ. “އެ ބުނީ.. އަހަރެން މިއައީ އަހަރެންގެ އަމިއްލަ ގެއަށޭ.”

އެ މަޚްލޫޤު އޭގެ އަތް ތިރިކޮށްލިއެވެ. އެވަގުތު އޭގެ ލޮލުން ފެނުނީ މޮޅިވެރި އަސަރެކެވެ. ދެން މަޑުމަޑުން އެ އަލިކަން ފަނޑުވެގެން ދިޔައެވެ. އަދި އެ ސޫރަ ގެއްލިއްޖެއެވެ.

އެމީހުން އެތައް އިރަކު އެ އެތާނގައި ހިމޭނުން ތިއްބެވެ. އެންމެ ފަހުން ބަދުރު ވާހަކަ ދެއްކިއެވެ. “އަހަރެމެން ކުރީގެ ރެކޯޑުތައް އަލުން ބަލަން އެބަޖެހޭ. އެ ސްކޫލާއި، އެކްސިޑެންޓާއި، ޕްރިންސިޕަލްގެ މަރު. މި ހުރިހާ ކަމެއް ގުޅުވައިދޭ ކޮންމެވެސް އެއްޗެއް އޮންނާނެ.”

އަނާޔާ އޭނާއަށް ބަލައިލިއެވެ. “ފަހަރުގައި ޖަވާބު އޮތީ ރެކޯޑުތަކަކު ނޫން.”

“ދެން ކޮންތާކު؟”

އަނާޔާ މަގާ ދިމާއަށް އެނބުރުނެވެ. “އަހަރެންގެ ފެށުން އޮތް ތަނުގައި.”

“ކުޑައިރު ދިރިއުޅުނު ގޭގަތަ؟”

އަނާޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “އެކަމަކު އަހަރެންގެ ހަނދާނުގައި އެތަން އޮތް ގޮތަކަށް މިހާރަކު އެތަނެއް ނެތް.”

ބަދުރު އިންތިޒާރުކުރިއެވެ. “އަނާޔާ، ތި ބުނަން އުޅެނީ ކީކޭ؟”

އަނާޔާ ދުރުން އުދަރެހާ ދިމާއަށް ބަލައިލިއެވެ. “އަހަންނަށް ހީވަނީ އަހަރެން މިތަނާ ދުރުގައި ހުންނަތާ ވިހި އަހަރު ވެއްޖެހެން.”

ބަދުރުގެ ނިތަށް ރޫގިނަވިއެވެ. “ވިހި އަހަރު؟”

“އަހަންނަކަށް ބުނެދޭކަށް ނޭނގެ. އަހަރެން މިތަނުގައި އުޅުނު ހަނދާންވޭ. އެހެން ދިރިއުޅުމެއްގެ ހަނދާންވޭ. އެކަމަކު އެ ހަނދާންތަކުގައި ހިފަހައްޓަން އުޅޭ ކޮންމެ ފަހަރަކު އެ ގެއްލިގެން ދަނީ.”

ބަދުރު އަނާޔާގެ އަތުގައި ހިފިއެވެ. “ކޮންމެ ކަމެއް ދިމާވި ނަމަވެސް، އަނާޔާއަކަށް އެކަނިމާއެކަނި އެކަމާ ކުރިމަތިލާކަށް ނުޖެހޭނެ.”

އަނާޔާ ބަދުރަށް ބަލައިލީ އޭނާއަށް ދޭހަ ނުކުރެވޭ ފަދަ ހިތާމަވެރި ގޮތަކަށެވެ. “އަހަރެންވެސް ތިކަން ޤަބޫލުކުރަން ބޭނުން.”

އެރޭ އަނާޔާ ގެއަށް ދިޔައިރު، އޭނާގެ މަންމަ އިނީ ސިޓިންގރޫމުގައި ދޮވެފައި ހުރި އެއްޗެހި ފަށްޖަހާށެވެ. އަނާޔާ ވަނުމުން މަންމަ އިސްއުފުލައި ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. “ވަރަށް ލަސްވެއްޖެ ދޯ.”

“ބަދުރާއެކު ތަނަކަށް ދިޔައީ.”

“އެއްވެސް ކަމެއް އެނގުނުތަ؟”

އަނާޔާ ފަސްޖެހުނެވެ. “ފަހަރެއްގައި.”

މަންމަ އެއްޗެހިތައް އެއްފަރާތް ކޮށްލިއެވެ. “އާދޭ އިށީންނަން. ވަރަށް ވަރުބަލިވެފަ ހުރިހެން ހީވަނީ.”

އަނާޔާ މަންމަގެ ކައިރީގައި އިށީނދެ، އިރުކޮޅަކަށް މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. “މަންމާ، ދުވަހަކުވެސް ހީވިތަ ތިމާ ހަޤީޤަތުގައި ނިސްބަތްވަނީ އެހެން ތަނަކަށޭ؟”

މަންމަ މަޑުމަޑުން އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “ކޮންމެ މީހަކުވެސް އުފަލުގައި އުޅުނު ތަންތަން ހަނދާން ހުންނާނެ.”

“އެ ތަންތަން މިހާރު ނެތިއްޖެއްޔާ ދެން ވާނީ ކިހިނެއް؟”

“އެހެންވިއްޔާ އަހަރެމެން އެ ތަންތަން ރައްކާކުރާނީ އަހަރެމެންގެ ހިތްތަކުގައި.”

މިވެސް ކިޔާލަން:  ލިބޭތޯ ދުޢާކުރި ޢަޝީޤާ - ތިންވަނަ ބައި

އަނާޔާ ލޯ މަރައިލިއެވެ. ނަމަވެސް އޭނާގެ ޚިޔާލުގައިވަނީ އުފާވެރި ތަނެއް ނޫނެވެ. އޭނާއަށް ވިސްނެމުން ދިޔައީ އެ އަޑިގަނޑާ މެދުގައެވެ. އެ އަޅި ސޫރައާ މެދުގައެވެ. އަދި އެތަނުން އޭނާ ދަންނަކަމުގެ އިޙުސާސް ކުރެވުނު ގޮތާ މެދުގައެވެ.

އެރޭ ފަހުން، މުޅި ރަށަށް ވާރޭ ވެހެން ފެށިއެވެ. އަނާޔާ ކުޑަދޮރު ކައިރީގައި ހުރެ، ބިއްލޫރިގަނޑުން ތިރިއަށް ފައިބަމުންދިޔަ ފެންތިކިތަކަށް ބަލަހައްޓައިގެން ހުއްޓެވެ.

އޭނާގެ ފޯނު ވައިބްރޭޓް ވިއެވެ. ބަދުރުގެ މެސެޖެކެވެ. “އަހަރެން މާދަމާ ދާނަން. މިއަދު ވީ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކަން އެބަޖެހޭ.”

އަނާޔާ ޖަވާބެއް ލިޔުނެވެ. “ބަދުރު ގާތު ނުބުނެ އޮތް ވާހަކައެއް އެބައޮތް.”

އެ މެސެޖު ފޮނުވުމުގެ ކުރިން، ނަން ނެތް ނަންބަރަކުން އެހެން މެސެޖެއް އައެވެ. “ކަލެއަށް މިހާރު ފުދޭވަރަށް ހަނދާންވެއްޖެ.”

އަނާޔާ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓާ ދެވަނަ މެސެޖު އައެވެ. “ދެން ކަލޭ ނިސްބަތްވާ ތަނަށް އެނބުރި ދޭ.”

އޭނާގެ އިނގިލިތައް ގަނޑުފެންކޮޅެއްހާ ފިނިވިއެވެ. އޭނާ ކޮޓަރީގައި ހުރި ލޯގަނޑާ ދިމާއަށް ބަލައިލިއެވެ. ކޮޓަރި ހޫނުކޮށް އޮތް ނަމަވެސް، ލޯގަނޑުގެ ބޭރުފުށުގައި ދުންފިނީގެ އަސަރު ފާޅުވާން ފެށިއެވެ. ދެން، ނުފެންނަ އަތަކުން އެ ލޯގަނޑުގައި ލިޔަމުން ދިޔަ ފަދައިން ބަސްތަކެއް ފާޅުވިއެވެ. “ޤާތިލަކީ ތީ.”

އަނާޔާ ފަހަތަށް ޖެހިލިއެވެ. “ނޫން..”

އެ ލިޔުން ފަނޑުވާން ފެށިއެވެ. އެކަމަކު އެ އެއްކޮށް ފޮހެވިގެން ދިޔުމުގެ ކުރިން، އޭގެ ދަށުގައި އެހެން ބަހެއް ލިޔެވުނެވެ. “ހަނދާންކުރޭ.”

އަނާޔާ ކޮޓަރީގެ ދޮރާ ދިމާއަށް ބަލައިލިއެވެ. އެތަނުގައި މީހަކު ހުއްޓެވެ. އަޅި ފަނޑު މޫނެކެވެ. ގަދަ ނޫކުލައިގެ އިސްތަށިގަނޑެކެވެ. އަދި ކްރިސްޓަލް ދެލޮލެވެ. މިފަހަރު އަނާޔާއަކަށް ހަޅޭއްލަވައެއް ނުގަނެވުނެވެ. އޭނާ ހަމައެކަނި ބަލަހައްޓައިގެން ހުރީއެވެ. އެ މަޚްލޫޤު އޭނާއަށް ބަލައިލީ އިންސާނެއްގެ މޫނުމަތިން ފެންނަ ފަދަ އިޙުސާސްތަކަކާ އެކުގައެވެ. ދެން މުޅި ކޮޓަރި އަނދިރިވެގެން ދިޔައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު، ބަދުރު އަނާޔާގެ ގެއަށް ދިޔައެވެ. އޭނާ އެތައް ފަހަރަކު ދޮރުގައި ޓަކިޖެހިއެވެ. އެއްވެސް ޖަވާބެއް ނައެވެ. އަނާޔާގެ ފޯނަށް ގުޅުމުން ގޭތެރޭގައި ރިންގުވާ އަޑު އިވުނު ނަމަވެސް ފޯނެއް ނުނަގައެވެ. އެވަގުތު އަނާޔާގެ މަންމަ ދޮރު ހުޅުވިއެވެ.

“އަނާޔާ ކޮބައިތަ؟” ބަދުރު އެހިއެވެ.

“އޭނާ މިއަދު ހެނދުނު ވަރަށް ކުރިން ބޭރަށް ހިނގައްޖެ.”

“ކޮންތާކަށް؟”

މަންމަ ހައިރާންވެފައި ބުންޏެވެ. “އަހަރެން ގާތަކު ނުބުނޭ.”

ބަދުރު ގޭތެރެއަށް ވަދެ ބަލައިލިއިރު މޭޒުމަތީގައި އަނާޔާގެ ފޯނު އޮތެވެ. އޭގެ ކައިރީގައި ކުޑަ ކަރުދާސްކޮޅެއް އޮތެވެ. އޭނާ އެ ނަގައި ބަލައިލިއެވެ. އޭގައި ލިޔެފައި އޮތީ އެންމެ ޖުމްލައެކެވެ. “އަހަރެންގެ ޙަޔާތް ނިމިގެންދިޔަ ތަނަށް އަހަރެން އެނބުރި ދާންޖެހޭ.”

ބަދުރު ދެފަހަރަކު އެ ލިޔުންކޮޅު ކިޔައިލުމަށްފަހު، ހަލުވިކަމާއެކު ބޭރަށް ދުއްވައިގަތެވެ.

މާ ދުރުގައި، އާންމުކޮށް މީހުން އުޅޭ ހިސާބުތަކާ ވަކިން ހުރި ބާ ގެއަކާ ދިމާއަށް އަނާޔާ އެކަނިމާއެކަނި ހިނގަމުން ދިޔައެވެ. އެ އިމާރާތް ހުރީ ހިމޭންކަމުގެ ތެރޭގައެވެ. ދުވަސްވެ، ކުލަ ފަނޑުވެފައިވާ ލަކުޑި ދޮރަށް އޭނާ ބަލަހައްޓައިގެން ހުއްޓެވެ. ފާރުތަކުގައި ވަނީ ރެނދުލައިފައެވެ. ކުޑަދޮރުތައް ހުރީ ދުމާއި ހިރަފުހުން ބަންދުވެފައެވެ. އަދި ހަނި މަގު ހުރީ ވިނަގަސްތަކުން ބޯވެފައެވެ. އެހެންނަމަވެސް، އެ މާހައުލުން އޭނާއަށް އިޙުސާސްވަމުން ދިޔައީ ބަޔާންކުރަން ނޭނގޭ ފަދަ އާދަޔާ ޚިލާފު ގާތްކަމެކެވެ. މިއީ އޭނާގެ ހުވަފެންތަކުގައި ފެނުނު ތަނެވެ. ހަނދާނުގެ ކުދިކުދި އެތިކޮޅުތަކުން ސިފަވަމުން ދިޔަ މަންޒަރެވެ. މިތަނަށް އޭނާ އަންނަން މަޖުބޫރުވި ސަބަބު މިހާރު އޭނާއަށް ވިސްނިއްޖެއެވެ.

(ނުނިމޭ)

ނޯޓް
މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ހަޤީޤީ ތަންތަނާއި ޚިޔާލީ ތަންތަން ގުޅުވާފައިވާނެއެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top